ހަޤީޤީ

ނައުމާ

“އަހަރެންނާ އަދި އެންމެ ފަހަރަކު ބައްދަލު ކޮށްލަދީ”

އެންމެފަހުން ފޯނަށް އައިސްފައި އިން މެސެޖް ޑިލީޓް ކޮށްލިއިރު ނައުމާގެ ލޮލުން ކަރުނައިގެ މުތީއެއް ނީރާލާފައި ވެއެވެ. މިޔަދު މިދުވަސް އަންނާނެކަން އެނގުނުނަމަ އޭނާ އަދި ކެތްކުރީހެވެ. އަދި އެއްރޭ ހިތްދަތި ކަމުގައި ކަރުނަ އަޅާލައަޅާލާ އޮވެ ނިދީހެވެ. އަދިއެއްރޭގެ ނިދިން މަހުރޫމުވެ ދެލޯފަދަ ލޯބިވާ ދެކުދިންގެ ހައްޤުގައި ހޭލާ މަސައްކަތްކުރަން އިނީހެވެ. އަދިއެއްރޭ އެ އެކަނިވެރިކަމުގެ ދާންމަތީގައި ފުރޮޅިލަފުރޮޅިލާ އޮތީހެވެ. އަދި އެއްރޭ އިންތިޒާރުގައި އަލިވިލެންދެން އޮތީހެވެ. ލޯބިވާތީއެވެ. ހިތްއެދޭތީއެވެ. އެލޯތްބަށް ހެކިވާނޭ އޭނާގެ ލޯބި ލޯބި ނާއިޝް އާއި ނައުޝްއަށް ޓަކައެވެ.

މަޑުމަޑުން ހިނގާފައި ގޮސް ޓެރަސްމަތީގައި ހުރި އުނދޯލީގައި ނައުމާ އިށީނެވެ. ވަށައިގެން ފެންނަމުންދާ މާލޭގެ އުސް އިމާރާތްތަކާއި، ޓެރަސްމަތީގައި ހައްދާފައިވާ ފެހިކުލައިގެ ވެއޮތަކާއި ކުލަކުލައިގެ މާތަކުން އޭނާގެ ޙަޔާތުގައި ކުލަގޮސްފައިވާ ސޮފްޙާތައް ނިއުޅެމުން އޮޅެމުން އަންނަންފެށިއެވެ.

ރާއްޖެތެރޭގެ އާދައިގެ ރަށެއްގެ ވަރަށް އާދއިގެ އާއިލާއަކަށް އުފަންވުމަކީ ނައުމާ އެއްގޮތަކަށްވެސް އެކަމާ ޝަކުވާކުރި ކަމެއް ނޫނެވެ. މަންމަމެންނަކީ ދަރިންދެކެ ވާ ލޯބި ހާމަކުރާ ބައެއް ނޫނެވެ. އެމީހުންގެ އާދައެވެ. ކުދިކުދި ކަންކަމާ އަޑުލުމާ ރަނގަޅަށް ކުރާ ކަންކަމުގައި އަނގައިން ނުބުނުމަކީ އެމީހުން ލޯބިވާގޮތެވެެ. މިކަމާ ނައުމާ ދެރަވިނަމަވެސް މިހާރު ވަނީ ހޭނިފައެވެ. ނައުމާގެ އަޒުމަކަށް ވެފައިވަނީ ނައުމާއަށް ލިބޭދަރިންނަށް އޭނާއަށް އުނިވަމުން އަންނަ ލޯބި ހޯދއިަދޭށެވެ. އެކުދިންނަށް ޝަކުވާއެއް ނުކުރެވޭނެ ވަރަށެވެ.

ޒިޔާދު ނައުމާގެ ބޯކޮޅުބަލަމުން ދުވަންފެށީ އޭނާގެ ކިޔެވުމުގެ ފަހު އަހަރެވެ. ނައުމާއަށް ފުރަތަމަ އެކަމާ ނުރުހެވުނެވެ. އޭރު ލޯބީގެ ގޮތުން ކުއްޖަކާ ގުޅުމުގެ ޚިޔާލެއް ނައުމާ ނުގެންގުޅެއެވެ. ނަމަވެސް ޒިޔާދުގެ ކުދި ގޯނާކުރުންތަކާއި، ހަދިޔާތަކާއި އޭނާގެ ރީތި ކަމުގެ ސަބަބުން ނައުމާއަށް މަޑުމަޑުން އޭނާއާ ގަޔާވެވޭގޮތް ވިއެވެ. ނައުމާގެ ހަމުގެ ކުލަ އޮޅަލިވެފައި ކުލަފަތިކަން ކުޑަވުމުން ޒިޔާދު ކަހަލަ ރީތި މީހެއް އޭނާއާ ގަޔާވާނެކަމަށް ނައުމާއަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ޒިޔާދު ދިޔައީ ނައުމާގެ ހިތް ލަސްލަހުން އަތުލައި ޒިޔާދުގެ ލޯބީގައި މަޑުމަޑުން ނައުމާ ޖައްސަމުންނެވެ. ގިނައެކުވެރިން ތަކެއްގެ ލަފާގެ މަތިން އެންމެފަހުން ނައުމާ ޒިޔާދުއަށް އާބަސް ދިނީއެވެ. އޭރު ފަހުއަހަރުގެ ކިޔެވުން ނިމި ނައުމާވެސް ހުރީ އުފާވެރި ދިރިއުޅުމެއް ފެށުމުގެ އުންމީދުގައެވެ. ނައުމާއަށް ގްރޭޑް 10 ނިންމާލެވުނީ އެހާ ރަނގަޅު ފާހަކުންނެއް ނޫނެވެ. އޭރު ކިޔެވުމަށް އެހާ ޝައުގުވެރިކަން ނުދެވުނީއެވެ. އެއީ ރަށުގެ ކިޔެވުމުގެ ފެންވަރު ހުރިގޮތުންވެސް މެއެވެ.

ޒިޔާދަކީ އަޚްލާގު ރަނގަޅު، ރަނގަޅަށް ކިޔަވާފައި ހުރި ޒުވާނެކެވެ. އިންޖިނީރިންގް ކިޔަވައިގެން ހުރި ރަނގަޅު އާމްދަނީއެއް ލިބޭމީހެކެވެ. ނަމަވެސް ނައުމާގެ މައިންބަފައިން ކައިވެންޏާ ނުގަބޫލުވީ “ރަށުންބޭރު ރަސްކަލަކާ ރަށުން މީދާކޭ އުނބަކާ އެއްވަރު ނުވާނެ” އޭ ބުނަމުންނެވެ. ނައުމާއަށް ޒިޔާދުދެކެ ވެވިފައިވާ ލޯބީގެ ފުންކަން އިޙްސާސްކުރެވުނ ީއެދުވަހުގައެވެ. ޙާޞިލް ނުވުން ގާތްކަން އެނގުމުންނެވެ. އެދުހު ފުރަތަމަ ފަހަރަށް ބައްޕަގެ ކުރިމަތީގައި ނައުމާ އޭނާގެ ހައްޤުގައި ވާހަކަ ދެއްކިއެވެ. އެންމެ ފުރަތަމަ ފަހަރަށް ނައުމާ ބޭނުންވާ ކަމަކަށް ރުހުންދޭން އެދުނެވެ. ރޮމުން ގިސްލަމުންނެވެ. ނައުމާގެ އަލަތު ލޯތްބަށް ފަސްއަޅާ ވަޅުލަން ހިތަށް ކެތް ނުވީއެވެ.

ކައިވެންޏަށް އާބަސް ލިބިގެންދިޔައީ މައިންބަފައިންނާ މޫނުވެސްކެނޑިގެންނެވެ. އެދުހު އެންމެރަނގަޅޭ ހީވިއެވެ. ލޯބި ޙާޞިލްވީއެވެ. ހަމަޖެހޭ ދިރިއުޅުމެއް ޒިޔާދާއެކު އުޅޭތަން ފެނުމުން މަންމަމެން އެ ނިންމުމާ ދޭތެރޭ އުފާކުރާނެކަމުގެ އުންމީދު ކުރަމުންނެވެ. ފިރިމީހާއާއެކު ބާއްޖަވެރި ދިރިއުޅުމެއް ލޯބިން އެކުގައި އުޅުމުގެ މާތް މަޤްސަދުގައެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ މިސާލެއް ނައުމާގެ މަންމައާއި ބައްޕައަށް ދެއްކުމުގެ އުންމީދުގައެވެ.

ފިރިމީހާގެ ރަަށަށް ބ.ދަރަވަންދޫއަށް ނައުމާ ބަދަލުވީ ނުހަނު ފޮނި އުންމީދުތަކާއެކުއެވެ. ފިރިމީހާގެ ޢާއިލާއިން ނައުމާ ބަލައިގަތީ އުފަލާއެކުއެވެ. ނަމަވެސް އެގެއަކީ ތަންކޮޅެއް އިހުގެ ގޮތަކަށް ހަދާފައިހުރި ކުޑަ ގެއެއްކަމުން ދިރިއުޅެމުން ދިޔައީ ފިރިމީހާގެ ދޮންބެގެ ގޭގައެވެ. އެގޭގައި ޒިޔާދުގެ ދޮންބެއާއި ދޮންބެގެ އަންހެނުން އެއް ކޮޓަރީގައި އުޅޭއިރު އަނެއް ކޮޓަރީގައި ނައުމާގެ ދެމަފިރިން އުޅެމުން ދިޔައެވެ. ޒިޔާދުގެ ދޮންބެ އަކީ ރިސޓެެއްގައި މަސައްކަތްކުރާ މީހެއްކަމުން ގޭގައި އުޅެނީ ދޮންބެދައްތަ އެކަންޏެވެ.

އެއީ ދިރިއުޅުމުގެ ފޮނިމީރުކަން ނައުމާއަށް އިންތިހާއަށް ލިބެމުންދިޔަ ދުވަސްތަކެކެވެ. ލޯބީގެ ބަހާރު މޫސުމުގައި ކޮކާލެއް ފަދައިން އުދުހި އުޅެވުނު ދުވަސްތަކެކެވެ. ވަޢުދުތަކާ އަހުދުތައް ލޯބިން ކުރެވި އެކުގައި އުޅެ އުމުރު ހުސްކޮށްލުމަށް ހުވާ ކުރެވެމުން ދިޔައީ އަރާމު ދާންމަތި ތަކުގައެވެ. އެލޯބީގެ ނިޝާނެއް ނައުމާގެ ބަނޑުގައި ގަރުބަގަތްކަން އެނގުނު ދުވަހަކީ ނައުމާގެ ޙަޔާތުގައި އައި އެންމެ އުފާވި ދުވަހެވެ.

ފިރިމީހާ ވަޒީފާއަށް ކައިރީ ރިސޯޓަކަށް ބަދަލުވީ ދުވަސްކޮޅެއް ފަހުންނެވެ. ދުރުގައި ހުރި ނަމަވެސް އަބަދުވެސް ގުޅައި ޙާލު ބަލައެވެ. ލޯބިން ވާހަކަދައްކާލާ ހަދަން ރޭގނަޑުގެ ވަގުތުތައް ފޯނުގައި ހޭދަކުރެއެވެ. ދިރިއުޅުމުގައި ހިނގާ ހުރިހާކަމެއްގެ ވާހަކަ އެކަކު އަނެކަކާ ޙިސްސާ ކުރެވެމުން ދިޔައެވެ. ނައުމާ ވީ އެ ދެއްވި ނިޢިމަތަށް ޝުކުރު ކުރުކުރާ އަޅެއް ކަމުގައެވެ.

ނަމަވެސް ދިރިއުޅުމުގައި އެއްވެސް މީހަކަށް އަބަދަކު އުފާވެރިކަމެއްވެސް ނުލިބޭނެ ނޫންހެއްޔެވެ؟ ނައުމާގެ އުފާވެރި ދިރިއުޅުމުގައި ޠޫފާނީ ގަދަ ވިއްސާރައިގެ ވައި ޖެހެންފެށިކަމުގެ އިހްސާސް ކުރެވުނީ ބަނޑަށް 7 މަސްވި ފަހުންނެވެ. މަޑުމަޑުން ފިރިމީހާ ނައުމާއާ އޮންނަ ގުޅުން ކުޑަވަމުން ދާކަމުގެ އިޙްސާސް ކުރެވެން ފެށުމުންނެވެ. ރޭގަނޑު ވާހަކަދައްކާލަން ހޭދަކުރާ އެތައް ގަޑިއިރެއް މަދު ސިކުންތު ކޮޅަކަށް ވަމުން ދާން ފެށުމުންނެވެ. މަސައްކަތުގައި އަބަދު “ބިޒީ” ވާން ފެށުމުންނެވެ.

ދުވަހެއް ދުވަހަކަށް ނައުމާގެ ދިރިއުޅުމުގައި މޫލައި ވަކިހިއްޕަމުން ދިޔައީ އެކަނިވެރިކަމެވެ. ފޯނަށް ބަލަހައްޓައިގެން ޒިޔާދުގެ މެސެޖެއް ނުވަތަ ކޯލެއް އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރިހާ ހުސްވަގުތެއް ހޭދަކޮށްލުމަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ވެއްޖެއެވެ. ޒިޔާދުގެ އަޑު އަހާލާހިތުން މެސެޖެއް ކޮށްލެވެނީ ކެތް ނުވީމައެވެ. އުނދަގޫ ވެދާނެތީއެވެ. ނަމަވެސް އިންތިޒާރުގައި ހިތިރަހަ ލައިގެން ނިމިދަނީ ކިތަންމެ ރެއެކެވެ. ލަގޮނޑިއަށް ކެތް ނުކުރެވެނީ މާ ބަޑުގައި ރިހިގަންނަ ވަގުތުތަކުގައެވެ. ވޭންއަޅާ ކޮންމެ ފަހަރަކުއެވެ. ލޯބިން ފިރުމާލަދޭނެ އަތެއް ނެތުމުންނެވެ. ބޯއަޅާލާނެ އޯގާތެރި އުނގެއް ނެތުމުންނެވެ. ގުޅައި ޝަކުވާ ކޮށްލެވެނީ އެހެންގޮތެއް ނެތިގެންނެވެ. ނަމަވެސް ޖަވާބަކަށް ވަނީ ބުރަކޮށް މަސައްކަތް ކުރަނީ ދެމީހުންގެ ދިރިއުޅުމަށް ޓަކައި ކަމެވެ. އޭނާވެސް ނައުމާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވާ ވާހަކައެވެ. އޭނާވެސް ނައުމާއާ ގުޅައި ވާހަކަ ދައްކަން ބޭނުންވާ ވާހަކައެވެ. ނަމަވެސް ވަގުތު ނުވަނީ ކަމެވެ.

ނައުމާގެ ހިތަށް އެއީ ތެދުކަން ވިސްނައިދެނީ ގަދަކަމުންނެވެ. ޒިޔާދު ނައުމާދެކެ ލޯބިވެއެވެ. އެ ހިތުގައި އަބަދުވެސް ވަނީ ނައުމާގެ ނަމެވެ. ޒިޔާދުވާ ގުރުބާނީ ނައުމާވެސް ވާންވާނެކަމެވެ. ކެތްތެރި ވާންވާނެކަމެވެ. އެއީ ދެމީހުންގެ މުސްތަޤުބަލަށްޓަކައި ކަމެވެ.

ނައުމާ އުންމީދު ކުރިފަދައިން ނައުމާ ވިހަން ކައިރިވުމުން އޭނާގެ މަންމައާއި ބައްޕަ އޭނާ ދެކިލަން އައެވެ. އެމީހުންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ނައުމާއަށް އެދުވަހު ވިސްނުނެވެ. އެދުހު މަންމައާއި ބައްޕަ އެ ގުޅުމަށް ނުރުހުނީވެސް ނައުމާއަށް ލިބިދާނެ ހިތާމައަކަށްޓަކައެވެ. ނައުމާ އެކަނިވެރިވެދާނެ ކަމަށްޓަކައެވެ. އެއްގޮތަކަށްވެސް ނައުމާގެ އުފާތަކަށް ހުރަސްއަޅާކަށް ނޫނެވެ. އެއީ އެމީހުންވާ ލޯބި ދައްކާގޮތެވެ.

ޒިޔާދުގެ އަޅާލުން ކުޑަކަމުގައި މަންމަމެންގެ ޝަކުވާ އަންނަން ފަށާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެކަމާ ނައުމާ ވަރަށް ދެރަވިއެވެ. މަންމަމެންނަށް ޒިޔާދު އުޅޭ ބުރަކަން އިޙްސާސް ނުކުރެވޭތީއެވެ. ލޯބިވާ އަނބިމީހާއާ ދުރުގައި ޒިޔާދު އެމީހުންގެ ދިރިއުޅުމަށްޓަކާ އެވާ ޤުރުބާނީގެ އަގު މަންމަމެންނަށް ވަޒަން ނުކުރެވޭތީއެވެ. ނައުމާ މަންމަމެންނަށް ކިތަންމެފަހަރަކު ވިސްނުވައިދޭން މަސައްކަތް ކުރިއެވެ. މަންމަމެންގެ ކުރިމަތީގައި ވަރަށް ހިތްވަރުގަދަ ކޮށްފައި އުފާވެރި މޫނު ދައްކައިގެން އުޅެވޭތޯ ބެލިއެވެ. ޒިޔާދާ ދޭތެރޭ މަންމަމެންގެ އަނގައިން ހިތްހަމަ ނުޖެހުމުގެ އެންމެ ބަހެއްވެސް ނައުމާއަކަށް ބަރުދާސްތެއް ނުކުރެވޭނެއެވެ. އެއަށްވުރެ ޒިޔާދުދެކެ އޭނާ ލޯބިވެއެވެ. އެހެންކަމުން ކިތަންމެ ދުވަހަކު މަންމަމެންނަށް ފެންނަ ހިސާބުގައި ފޯނުގައި ކަންފަތް ޖަހައިގެން ޒިޔާދާ ވާހަކަ ދައްކާކަމަށް ހަދައި ހީނ ސަމާސާކޮށް އުޅެއެވެ. ޒިޔާދުގެ ސަލާންވެސް މަންމަ މެންނަށް ބުނެއެވެ. ފޯނު ބާއްވާފައި ފާހާނައަށް ވަދެވެނީ ކިރިޔާއެވެ. ނައުމާގެ ހިތްފަޅައިގެން ކަރުނައިގެ ގޮތުގައި އޮހޮރި ހުސްވަންދެން ފެނމާގަނޑު ދަށުގައި މާބަނޑުގައި އަތްއަޅައިގެން އިނދެ ރޮއެވެ. ވޭނާ ހިތްދަތިކަމުގައެވެ.

ދުވަސްތައް މާޒީވެގޮސް ނައުމާއަށް ކުޑަކުޑަ ލޯބި ލޯބި ފިރިހެން ދަރިއެއް ލިބުނު ދުވަސްވީ ނައުމާގެ ދިރިއުޅުމުގައި މުޅިން އާ އުންމީދެއްގެ ހުޅުކޮޅު ފަޅައިގެން ދިޔަ ދުވަހަކަށެވެ. ޒިޔާދުވެސް އެދުވަހަށް އައެވެ. އެދަރިފުޅު ޒިޔާދުގެ އަތްމަތީގައި ބާއްވައިގެން އެ ތުއްތުތުއްތު މޫނަށް ގެންނަ ހަރަކާތްތަކަށް ގެއްލިފައި އިނދެ އޭނާ ހިނިތުންވެލާތަން ފެނި ނައުމާގެ ހިތުގައި އެހާދުވަހު އެޅި ވޭން މުޅިން ފިލައި ދިޔަކަހަލައެވެ. ޒިޔާދުގެ ހިތުގައި އެކުޑަކުޑަ އާއިލާގެ މައްޗަށް އޮތް ލޯބި ސާފުކޮށް އެނގިގެން ދިޔައެވެ. ކެތްތެރިވެވުނީތީ އެދުވަހު ނައުމާއަށް އުފާކުރެވުނެވެ. ހަރީފު މޫސުން ނިމި ބަހާރު މޫސުމުގެ އަލި ދޯދިތައް ނައުމާގެ ޙަޔާތަށް އެޅި އުޖާލާ ވެއްޖެކަމުގެ އުންމީދު ކުރެވެން ފެށުނެވެ. ކުޑަކުޑަ ނާއިޝްއަށް ނަން ކިއިގެން ދިޔައީ އަނެއްކާވެސް އުފާވެރި ދުވަސްތަކެއް އެކުގައި ހޭދަކޮށްލަން ލިބޭނެ ކަމުގެ އުންމީދުގައެވެ. މުޅިން އާ ސޮފުޙާއެއް ޙަޔާތުގައި ލިޔަން ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ.

ދުވަސްތައް މާޒީވެދެއެވެ. ޒިޔާދު ރިސޯޓުންއައި ފަހުން ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެކަން ނަައުމާއަށް ފާހަގަވާން ފެށީ އެނބުރި ރަަށަށް އައިފަހުންނެވެ. ގޭގައި ހޭދަކުރާ ވަގުތު އިހަށްވުރެ މަދުވެފައި ފޯނުގައި އޮންނަ ވަގުތު ގިނަވާތީއެވެ. ހިތަށް ވަންނަ ވަސްވާސްތަކުގެ މައްޗަށް ސިކުނޑި ގަދަކޮށްލަނީ ޒިޔާދަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ޒިޔާދުގެ ފަރާތުން އެލިބޭ އަޅާލުމުން ހިތްހަމަ ޖައްސާލއިގެން އުޅެވިދާނެއެވެ. އަަބަދު ޝަކުވާ ކުރަންވެއްޖެނަމަ ޒިޔާދު ނައުމާމަތިން ފޫހިވެދާނެތީއެވެ. އެހެންވާން އޭނާ ނޭދޭތީއެވެ. އެހާ ގިނަ ދުވަސްތަކެއް އެކަނި ވޭތުކުރުމަށްފަހު މިލިބޭ އުފަލަކީ ޝުކުރު ކުރުން ހައްޤު ނިޢުމަތެއްކަމުގައި ނައުމާގެ ހިތަށް ވިސްނުވައިދެމުން ދިޔައެވެ.

ޗުއްޓީ ހަމަވެގެން ޒިޔާދު ރިސޯޓަށް ދިޔަފަހުން ކުރީގެ އެކަނިވެރި ދިރިއުޅުން އަލުން އަނބުރާ އިޢާދަވީއެވެ. ނަމަވެސް ކުރިއާ ޚިލާފަށް ނައުމާގެ ހިތުގެ އުފާ ކަމުގައި ވެފައި ވަނީ އޭނާގެެ ތުއްތު ތުއްތު ނާއިޝްއެވެ. އެ ދަރިފުޅުގެ ޚިދުމަތުގައި ރެޔާދުވާލު ހޭދަކޮށްލަނީ އުފަލާ ހިތްހަމަޖެހުމުގައެވެ. އެދަރިފުޅު ވެފައިވަނީ ނައުމާގެ ލޮލުގެ ފިނިކަން ކަމުގައެވެ.

ޒިޔާދުއަށް ދެން ޗުއްޓީއެއް ލިބުނީ ނާއިޝްއަށް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. އެދުވަސް ވީ ނައުމާގެ ޙަޔާތަށް އައި ޢީދު ދުވަހަކަށެވެ. ދަރިފުޅަށް ގެނައި ކުޅޭ ކުޅޭ ކާރުތައް ފެނި ނާއިޝް އުފަލުން ފޮޅޭއިރު އެ ތުއްތުތުއްތު ދަރިފުޅުގެ ލޯބި ބަހުރުވައިން ބުނެލާ މައުސޫމު ބަސްތައް އަޑުއަހަން ދެމިހުންނަށް ތިބެވެނީ އުފަލުން ފޮޅިފައެވެ.

އެކައިވެނީގައި އެފަދަ ދެވަނަމަލެއް ފޮޅުމުގެ އުންމީދު ނައުމާދިޔައީ ކުރަމުންނެވެ. ނަމަވެސް ޒިޔާދުގެ ބީހުންތައް ވަނީ ވަރަށް ބީރައްޓެހި ވެފައެވެ. ނައުމާއާއެކު ލޯބިކޮށްލަން އިސްވެ އަންނާނޭ އިރެއްގެ އިންތިޒާރުގައި ރޭތައް ގުނަމުންގޮސް އެންމެފަހުން ނައުމާ އިސްވެ ޒިޔާދުއަށް މަޖުބޫރު ކުރުވީ މަސްތީ ރެއެއްގެ ފިނިދަންވަރެއްގައި އޭނާގެ ޖިސްމުގެ ފަރިވަނާތަކުގެ އަދާގައި ޖައްސައިގެންނެވެ. ނަމަވެސް އެގުޅުމުގައި ނައުމާއަށް އެއްވެސް އުފާވެރިކަމެއް ނުވިއެވެ. ނައުމާއަށް އިޙްސާސްކުރެވުނީ ބީރައްޓެހި ކަމެކެވެ. އެއީ ނައުމާގެ ހިތަށް ވެރިވި ވަސްވާހެއްކަމަށް ވިސްނުވައިދީ ހިތުގެ ލަގަން ސީދާ ކޮށްލީ ޒިޔާދުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެއްރޭ ދަންވަރެވެ. ޒިޔާދު ކައިގެން އައިސް ނާއިޝްގެ ކައިރީގައި އޮއްވާ ނިދުނީއެވެ. ގޭތެރޭގެ ކަންކަމުން އަވަދިވެގެން ނައުމާއައިސް އެދެބަފައިންނަށް ބަލައިލިއެވެ. ޒިޔާދާއި ނާއިޝް ނިދާފައިވާއިރު އެއްވެސް ތަފާތެއް ނެތެވެ. އަރިޔަކަށް ބޯދަށަށް އަތްލައިގެން ދެބަފައިން ނިދާފައިވާ މަންޒަރު ފެނި ނައުމާގެ ހިތުގައި ފޮނި ރާގެއް ކުޅެވިގެންދިޔައެވެ. އެއީ އޭނާގެ ދުނިޔެއެވެ. އޭނާގެ ހުރިހާވެސް އުފަލަކީ އެކުޑަކުޑަ ޢާއިލައެވެ.

ކުއްލިއަކަށް ޒިޔާދުގެ ފޯނު ވައިބްރޭޓްވެލި އަޑަށް ނައުމާ ގޮސް ނެގިއެވެ. އެހެންޏާ ޒިއާދުގެ ފޯނު ނަގައި ކުޅެހެދުމެކީ އެއްގޮތަކަށްވެސް ނައުމާ ކުރާ ކަމެއް ނޫނެވެ. ޒިޔާދުއަށް އޭނާގެ އަމިއްލަ ކަންތައްތަކުގައި މިނިވަންްކަން އޮންނަންޖެހޭނެ ކަމުގައި ޤަބޫލުކުރެވޭތީއެވެ. ނަމަވެސް އެރޭ ފޯނުނެގުނީއެވެ. އައީ މެސެޖެކެވެ. މެސެޖް ކޮށްފައި އިނީ “ބޭބްސް” އެވެ. ނައުމާގެ މޫނުމަތިގައި ހީވި މިހަކު އެތިފަހަރެއް ޖެހިހެންނެވެ. ސިކުނޑި ބުނަމުންދިޔައީ އެ މެސެޖު ނުހުޅުވުމަށެވެ. ނަމަވެސް އޭނާގެ އިގިލި ހީވީ އަމިއްލަ ބުއްދިއެއް ލިބިފައިވީ އެއްޗެއްހެނެވެ.

މެސެޖަށް ފިތާލެވުމާއެކު ހުޅުވިގެން ދިޔައެވެ. “ބޭބްސް.. ތި ސެކްސީ އަޑު އަހާލާހިތުން މި އޮންނަނީ ބޭގަރާރުވެފަ.. އެނގޭތަ މިރޭ މިކޮޓަރި މުޅިން ހުހަށް.. އަންޖޫ ޗުއްޓީއަށް ދިޔައީމަ އަހަރެންނަށް މުޅި ކޮޓަރި މިއޮތީ ހިތަކަށް ލިބިފަ.. އެހެންވެ މިއޮތީ މިހަށިގަނޑުގެ ފޭރާމަކަށް ތިބާ ވެދިނުމަށް އެދި.. ތިބާގެ އިންތިޒާރުގަ.. ކޯލް މީ ބޭޑް ބޯއި..”

އިނގިރޭސިން ލިޔެފައިވާ އެ މެސެޖް ކިޔާލެވުމާއެކު ނައުމާގެ މުޅިދުނިޔެ އޭނާގެ ވަށައިގެން އެނބުރިގަތްހެން ހީވިއެވެ. އޭނާގެ ހިތަށް ހީވީ އެއްސަތޭކަ ހަންޖަރު އެއްފަހަރާ ހަރާލިހެންނެވެ. ރިސޯޓަށް ދިޔަފަހުން އަންނަންފެށި ބަދަލާއ،ި ފޯނުގައި އެހާ ގިނައިރު އުޅުމުގެ ފަހަތުގައި ވި ސިއްރާއި، ބައެއްރޭރޭ ގެއަށް އެހާލަހުން އަންނަ ސަބަބާއި،ނައުމާއާ އޮންނަ ގުޅުން ކުޑަވާން ފެށިފެށުން އެމެސެޖާ ގުޅުވާލުމުން ހުރިހާކަމެއްވެސް އެނގި ސާފުވެއްޖެއެވެ. ނުއުމާގެ ދެފައިން ވާގިދާހެންހީވެ ކޮޅަށް ހުރުން އުނދަގޫވެ އެނދުމައްޗަށް ތިރި ވެވިއްޖެއެވެ. ފޯނުގައި އިން މެސެޖަށް ބަލަހައްޓައިގެންއިން ލޯ ނައުމާގެ ހިތް ވީދިގެން އައި ކަރުނަތަކުން ފުރި މަންޒަރު ނުސާފުވުމުން ލޯމަރާ ތަގުޅިކޮށްލުމާއެކު ކޯތާފަތްމަިން ފައިބައިގަތީ އޭނާއަށް މަލާމާތް ކުރަމުން ކަހަލައެވެ. ނައުމާ ހިންދެމިލަމުން އުޑާދިމާލަށް ބޯ އުފުލާލީ ޝަކުވާގެ ނަޒަރަކުންނެވެ. މިހާދުވަހު ކެތްތެރިކަމާއެކު އޭނާ ވީ ޤުރުބާނީގެ އަގަކީ މިއީ ހެއްޔެވެ؟ ކައިވަތެއްހާވަރު ދެއްވުމަށްފަހު މުށެއްހާތަން ދަމައިގަންނަވަނީ މިއީ ކޮން އިންސާފެއްތޯއެވެ؟ އޭނާގެ ފަރާތުން ވެފައިވަނީ ކޮން ކުށެއްތޯއެވެ؟

ކުޑަކުޑަ ނާއިޝް ކުކުރާލިއަޑަށް ނައުމާގެ ހިތަށް ފިނިކަން ވަދެގެން ދިޔައެވެ. އިލާހީ ޙަޟްރަތުން އައި ނިދާއެއް ފަދައިންނެވެ. މާތް ﷲ ވޮޑިގަންނަވަނީ ކެތްތެރިންނާ އެކުގައިކަން ހަނދާންވެގެން ދިޔައެވެ. ނިދާފައިއޮތް ކުޑަކުޑަ ނާއިޝް ނަގާ އަތުތެރެއަށް ލުމަށްފަހު އެ ލޯބޮލޯބި މޫނަށް ނައުމާ ބަލައިލިއެވެ. “އަލްޙަމްދު ލިﷲ.” އޭނާއަށް ބުނެވުނެވެ. ނައުމާގެ ހިތް ފުރިގެން ދިޔައީ އެކުއްޖާފުޅުގެ މައްޗަށް އޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. ނައުމާ މިވަގުތު ކެތްތެރި ނުވެއްޖެނަމަ އެ ކުޑަ ދަރިފުޅުގެ މުސްތަޤުބަލަށް އަރާފާނެ ލޮޅުމަކަށްޓަކާ ބިރުހީވިއެވެ. އެފެނުނު މަންޒަރު ނައުމާގެ ސިކުނޑިން ފޮހެލުމަށްފަހު ދިރިއުޅުމާގެން ކުރިއަށް ދިއުމަށް ޢަޒުމް ކަނޑައެޅިއެވެ. ނައުމާގެ ކިބައިން އުނިވެފައިވާ ކަމެއްނަމަ އިތުރަށް ފުރިހަމަކޮށް ޒިޔާދުގެ ހިތް އަނބުރައިލުމުގެ މާތް އަޒުމުގައި ހިންދިރުވާލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒިޔާދު ގެއަށް އަންނަ ކޮންމެ ފަހަރަކު ނައުމާބެލީ ފެންވަރައި ނަލަ ހެދިގެން ހުރެވޭތޯއެވެ. އަތުގައި އޮތް އެންމެ ރީތި ހެނދުންލައި ހުވަނދުލައި އައުކައިވެނީގެރޭ ފެނުނުފަދައިން ރީތިކޮށް ހުރުމަށެވެ. ޒިޔާދު ގެއަށް އަންނަ ކޮންމެ ފަހަރަކު މަރުހަބާއާއެކު އެދުނު ކޮންމެ ކަމެއް ކޮށްދިނުމުގައި ނައުމާ އުޅުނީ ހިނިތުންވެލައިގެންނެވެ. ނަމަވެސް މިކަންކަމުން ޒިޔާދުއަށް ވާންފެށީ އުނދަގުލެވެ. ނައުމާއާ ހަތަރުކަޅި ހަމަކޮށް ބަލައިނުލާތާ ކިތަންމެ ދުވަހެކެވެ.

ނައުމާއަށް އެމެސެޖް ފެނުނުކަން އެނގުމުން ޒިޔާދު ކުޑަކޮށް ކަންބޮޑުވިއެވެ. ޒިޔާދު އުންމީދުކޮށްގެން ހުރީ ނައުމާ އެކަމާ ޝަކުވާކޮށް އެވާހަކަ ގޮވައިގަންނާނޭ ކަމަށެވެ. ނަމަވެސް ކަންތައް ވަމުންދިޔައީ މުޅިން ތަފާތުކޮށެވެ. ނައުމާވީ ނުހަނު ކެތްތެރި އަންހެނަކަށެވެ. އޭނާދެކެ ނައުމާވަމުން ދިޔައީ ދެގޮތެއްނުވާ ސާފު ލޯބިކަން އިޙްސާސްވިއެވެ. އެހިނދު ޒިޔާދު އޭނާގެ އަމިއްލަ ޒަމީރު ދެކެ ފޫހިވިއެވެ. ނަމަވެސް އޭނާއަށް މިހާރު ނައުމާއާ ވާހަކަ ދައްކައި އުޅެން އުނދަގޫ ވެއެވެ. ނައުމާއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެއެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ޝެރީންއާއި އޭނާގެ ރީތި ވަނާތަކާއި އޭނާގެ ފިރުމުންތަކަށް ފެންބޮވައިގަނެފައެވެ. އެއީ އިންޑޮނޭޝިއާގެ ރީތި، ދޮން، ޅަ ކުއްޖެއް ކަމުން ނައުމާގެ ފަރާތުން އޭނާއަށް ނުލިބުނު ހުރިހާކަމެއް ޝެރީންގެ ފަރާތުން ލިބެއެވެ. ނަމަވެސް ލިބިފައިވާ ދަރިފުޅަށްޓަކައި ޒިޔާދުވެސް ނައުމާއާ ވަކިވާކަށް ބޭނުމެއް ނޫނެވެ.

ނައުމާގެ ހުރިހާ މަސައްކަތަކާ ހިތްވަރެއް ބޭކާރުވެގެން ދާތަން ފެނި ނައުމާ ކަރުއެލޭ ގޮތްވިއެވެ. ޒިޔާދު އޭނާގެ ކުރިމަތީގައިވެސް މިހާރު އެކުއްޖާއާ ވާހަކަ ދައްކަމުން ގެންދެއެވެ. ސޯފާގައި ފޯނުން ވާހަކަދައްކާ ހީނސަމާސާ ކުރަމުން ދާއިރު ނައުމާއަށް އެހުރިހާ މަންޒަރެއް ފެނި ހިތަށްކުރާ އަސަރު ބަޔާންކުރަން ދަތިވަމުން ދިޔައެވެ. ތިމާގެ ހަލާލު ފިރިމީހާ ތިމާގެ ކުރިމަތީގައި ހިލޭ އަންހެނަކާ ލޯބިން އެ ވާހަކަދައްކަނީ ދުވަހަކުވެސް ތިބާއާ ވާހަކަ ނުދައްކާހާ ގާތްކޮށެވެ. ހިތަށް އަސަރު ކުރާނެވަރު އިޙްސާސް ކޮށްލާށެވެ.

އެންމެފަހުން ޒިޔާދު ބޭނުންވި ގޮތަށް ކަންތައްތައް ވީއެވެ. އެރޭ ނިދަން އަރައި ނައުމާ ޒިޔާދުއާ ސުވާލު ކޮށްލިއެވެ. “ފޯނުން އަބަދު ގުޅައިގެން ވާހަކަދައްކަނީ ކާކާތޯއެވެ؟” ޒިޔާދު ވަރަށް ހަމަޖެހިލާފައި އެއީ ރައްޓެއްހި ކުއްޖެކޭ ބުންޏެވެ. ނައުމާއަށް އެންމެފަހުން ކެތްނުކުރެވިގެން ބުންޏެވެ. “ރައްޓެހިން އެކަހަލަ ފާހިޝް ވާހަކަ ދައްކާފައި މެސެޖް ކުރޭ ހެއްޔެވެ؟” އޭނާއަށް ހުރިހާ ކަމެއް އެނގޭކަން ޒިއާދުއަށް އަންގާލީއެވެ. ނައުމާ ހުރީ އެވާހަކަ ދައްކަންޖެހުމުންވެސް ހަޖަމު ނުބައިވާގޮތް ވެފައެވެ. ލަދުގަނެ ރުޅިއައިސްފައެވެ. ޒިޔާދު އަނގައިން ނުބުނެ އޮތެވެ.

ނައުމާއަށް ކުރިއަސަރުން ރޮވޭގޮތްވިއެވެ. ގިސްލަގިސްލާފައި ޒިޔާދުކައިރީ އާދޭސްކުރިއެވެ. “ޒިޔާދުއަށް އޭނާގެ ފުށުން އުނިވީ ކޮންކަމެއްތޯއެވެ؟ އޭނާގެ މަދީ ކޮންއެއްޗެއްތޯއެވެ؟ އޭނާ ޒިޔާދަށްޓަކާ ނުވަނީ ކޮން ޤުރުބާނީއެއްތޯއެވެ؟ ޒިޔާދުގެ ފޯނުކޯލެއް ހާ ހިސާބު ނައިސް، ހާލުބަލާނުލާ އުޅުނީ ކިތައް ދުވަސްތޯއެވެ؟ އެއިން އެއްވެސް ކަމަކަށް ޝަކުވާއެއް ނެތި އުޅުނީ ލޯބިވާލެއް ބޮޑުކަމުންނެވެ. އެކުގައި އުޅެން ބޭނުންވާތީއެވެ. ޒިޔާދު މިފަދައިން އޭނާއާ ބޭވަފާތެރިވީއިރު އޭނާގެ ކުށަކީ ކޮބައިތޯއެވެ؟ އެންމެ ކުޑަމިނުން އޭނާއަށް އެކަންތައް އެނގި ފާޅުވުމުން ދޮގުނަހަދާ އެންމެފަހަރަކު ނަމަވެސް ތެދުތެދަށް ކިޔައިދޭށެވެ. އޭނާއަށްޓަކާ އެވަރުކަމެއް ކޮށްލަދޭށެވެ.” ނައުމާއަށް އިތުރަށް ވާހަކަދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ. ގިސްލެވެމުންގޮސް އޭނާގެ އޮތީ ވަރުބަލިވެފައެވެ. އޭނާގެ ހިތްވަނީ މަށައިގެންގޮސް ފާރު ވެފައެވެ.

ނައުމާގެ އާދޭސްތައް އިވި ޒިޔާދަށްވެސް އަސަރު ކުރިއެވެ. އޭނާވެސް އެއްއިރެއްގައި ނައުމާދެކެ ލޯބިވިއެވެ. ނައުމާގެ އެއްވެސް ކުށެއް ނެތްކަން ޚުދު އޭނާ ދަނެއެވެ. ނަމަވެސް މިހާރު އޭނާ ނައުމާދެކެ ލޯތްބެއް ނުވެއެވެ. އެހެންނަމަވެސް ނައުމާއަށް މިފަދަ ހިތްދަތިކަމެއް ދިނުމަކީވެސް އޭނާ ގަސްދުކުރާ ކަމެއް ނޫނެވެ.

ޒިޔާދު މަޑުމަޑުން ތެދުވެ އެނދުގައި އިށީނެވެ. ނައުމާއާ ފުރަގަސް ދީގެނެވެ. ޒިޔާދު ނައުމާއަށް ހުރިހައި އެއްޗެއް ކިޔައިދިނެވެ. އެއީ ކިހިނެއް ދިމާވި ކުއްޖެއްކަމެވެ. ޝެރީންދެކެ މިހާރު އޭނާ ލޯބިވާކަމެވެ. އޭނާ ނައުމާއާ އިނދެގެން އުޅެނީ ދަރިފުޅަށްޓަކާ ކަމެވެ. ލޯތްބަކުން ނޫންކަމެވެ. އެއްވެސް ލަދުވެތިކަމެއް ނެތި އެހުރިހާ ވާހަކައެއް ޒިޔާދު ނައުމާއާ ދެއްކީ ތެދުހާމަކުރުމަށެވެ. އޭނާގެ ކޮންމެ ލަފްޒެއް ދިޔައީ ނައުމާގެ ނިކަމެތިހިތް އިތުރަށް ހަނާ ކުރުވަމުން، ރޯފިލުވަމުންކަން އެނގިހުރެއެވެ.

ނައުމާއަށް ޒިޔާދުގެ ހިތުގައިވި އެއްޗެއް އެނގުމުން އޭނާގެ އުންމީދުތަކުގެ ކަނި ނިވިއްޖެކަން ތަޞައްވަރު ކުރެވުނެވެ. އޭނާގެ ލޯބި ބީވެގެން ދިޔައީއެވެ. އޭނާގެ އަލަތު ލޯތްބެވެ. އެމީހެއްދެކެ މުޅި ދުނިޔެއަށްވުރެ ލޯބިވީ ފިރިމީހާއެވެ. އެހިތުގައި މިހާރު އޭނާއަށް ދަރިފުޅުގެ މަންމަގެ މަޤާމު ނޫނީ ނެތެވެ. އެވެސް ކޮން ޙައިޞިއްޔަތެއްގައި ހެއްޔެވެ؟ ނައުމާގެ ވީރާނާވެގެންދިޔަ ދިރިއުޅުމާ ދޭތެރޭ ވިސްނަންއޮއްވާ އަލިވިލިއްޖެއެވެ. ނައުމާއަށް އިތުރަށް އެ ދިރިއުޅުމާއިގެން ފައިފުއްސެއްގެ ދަރަޖާގައި އިތުރަށް ކެތެއް ނުކުރެވޭނެޔޭ ހިތަށް އެރުމުން ނިންމިއެވެ. އެހެން އުޅުމަށްވުރެ ވަކިން އުޅުންވެސް މާ ހިތަށް ފަސޭހަވާނެއެވެ.

ހެނދުނު ހެނދުނާ ސައި ތައްޔާރުކޮށްލާފައި ނައުމާ ރީތިވެގެން ނިކުތީ ކޯޓަށް ދާށެވެ. ވަރިއަށް އެދޭށެވެ. ނަމަވެސް ނައުމާއަށް ނިކުމެވުނީ ގޯތިތެރެއާ ހަމައަށެވެ. މޭނުބައިކޮށްފައި ލެވުނީ ހޮޑެވެ. ހިތްވަރުކޮށްލާފައި ހިނގާފައި ގޮސް މަރުކަޒާ ހަމައަށް ދެވުނުތަނާ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ.

ނައުމާއަށް ހޭލެވުނުއިރު ޒިޔާދުގެ ޢާއިލާ އެންމެން އައިސްތިއްބެވެ. ޒިޔާދުވެސް ދަރިފުޅު ގޮވައިގެން އައިސް އިނެވެ. “ކޮންގްރޭޗްލޭޝަން” ޒިޔާދުގެ ދޮންބެދައްތަ އެހެން ބުނުމުން ނައުމާއަށް ވީގޮތެއް ނޭނގުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައިރު އެންމެންވެސް ތިބީ އުފާވެ ހިނިތުން ވެފައެވެ. “ދަރިފުޅު ބަނޑުބޮޑު” ޒިޔާދުގެ މަންމަ ދިން ޚަބާރާއެކު ނައުމާގެ ލޯ ދޫކޮށް އޮހިގަތީ ކަރުނައެވެ. އެއީ އުފަލުން އައި ކަރުނަ ހެއްޔެވެ؟ ނުވަތަ ހިތާމައިގެ ކަރުނަ ހެއްޔެވެ؟ ނައުމާއަކަށް ގޮތެއް ނުނިންމުނެވެ. ނަމަވެސް ބަނޑުގައި އެއޮތް ދަރިފުޅަށްޓަކާ ހިތްވަރުކޮށްލާފައި ޒިޔާދުގެ އަންބެއްގެ ގޮތުގައި ހުރުމަށް ނިންމިއެވެ. އެހެނަސް މި ގޮތުގައި އޭނާއަށް ހިތްވަރުކޮށްލެވޭނީ ކިހާ ދުވަހަކުހެއްޔެވެ؟ އޭނާގެ ހިތްފަޅައިގެން ދަންދެން ހެއްޔެވެ؟ ޒިޔާދު ނައުމާއަށް ބަލައިލިއެވެ. ނައުމާ ޒިޔާދުއަށް ހިނިތުން ވެލެވޭތޯ ގަދަކަމުން ދެތުންފަތް ހަރަކާތް ކޮށްލިއެވެ. ކޮންމެ ގޮތެއްވިޔަސް އަދިވެސް ޒިޔާދުދެކެ އޭނާ ލޯބިވާތީއެވެ. ނަމަވެސް ޒިޔާދުގެ މޫނުމަތިން ފެނިގެން ދިޔައީ ހުސްކަމެކެވެ.

ޒިޔާދުގެ ޗުއްޓީ ހަމަވުމާއެކު އޭނާ އެނބުރި ދިޔައީ ރިސޯޓަށެވެ. ޒިޔާދުއާ އޮތް ގުޅުން ކިތަންމެ ހީނަރުވެފައި ވީނަމަވެސް ނައުމާގެ ހިތުގައި އަދިވެސް ޒިޔާދުއަށްޓަކައި ވިންދު ޖަހައެވެ. އެއީ އޭނާގެ ދެކުދިންގެ ބައްޕަ ކަމުގައި ވީތީއެވެ. އެެހެންކަމުން ނައުމާ ބެލީ މަޑުމަޑުން ނަމަވެސް ޒިޔާދުގެ ހިތް އަނބުރައިލެވޭތޯއެވެ. އެޙަޔާތުން ގެއްލިފައިވީ އުފާވެރިކަން އަނބުރައި ލިބޭތޯއެވެ. އެޙަޔާތަށް ހަމަޖެހުން އަލުން ދެއްވާތޯ ނައުމާ މާތްރަސްކަލާންގެ ޙަޟްރަތަށް ދުޢާދެންނެވުމުގައި ދެމިހުއްޓެވެ. އެކަލާންގެއީ އެކަލާންގެ އަޅަކު ދެއަތްއުފުލާ އެކަލާންގެ ޙަޟްރަތުގައި ކަމަކަށް އެދި ދަންނަވައިފިނަމަ ހުސްއަތާ ދޫކޮށްނުލައްވާ ރަސްކަލާންގެކަން ހިތުގެ އަޑިަން ޤަބޫލުކޮށްގެނެވެ.

ނައުމާގެ ފޯނަށް އަލަށް ޑޭޓާ ޕެކޭޖެއް އެޅީ އިންޓަރނެޓްގެ އެހީގައި އެގުޅުން އިތުރަށް ވަރުގަދަކުރެވޭނޭ ގޮތެއް ވޭތޯ ބަލައި މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހެއްގެ ފެށުމާއި ނިމުމަށް ލޯބީގެ ރީތި ގުޑްމޯނިންގް މެސެޖާއި ގުޑްނައިޓް މެސެޖް ޒިޔާދަށް ފޮނުވުން އާދައަކަށް ހެދިއެވެ. ޒިޔާދުގެ މެސެޖެއް ލިބޭނެކަމުގެ އުންމީދުގައެވެ. ކޮންމެވެސް ދުވަހަކުންނެވެ. އޭނާ ލޯބިވާވަރު އިޙްސާސްކުރެވި ވަފާތެރި އަނބިމީހާ ގާތަށް އެނބުރި އާދޭތޯއެވެ.

އެއްދުވަހެއްގެ އިރާކޮޅެވެ. ނައުމާގެ ބައްޕަފަރާތު ބޮޑުބޭބެއެއް ރިސޯޓުން އައި ދަތުރެއްގައި އެރަށަށް އާދެވުމުން ނައުމާ އިންނަގެޔަށް އައެވެ. ޒާހިރުބެ އައުމުން ނައުމާ ވަރަށް އުފާވިއެވެ. ސިޓިންރޫމްގައި ބައިންދާފައި އަވަސްވެގަތީ ރޭގަނޑަށް ކާން ހަދާށެވެ. ކައިގެން ނޫނީ ނުދެވޭނެކަމަށް ބުނެފައެވެ. އޭރު ކުޑަކުޑަ ނާއިޝް ޒާހިރުބެއާ އެކު ކުޅެން އުޅެއެވެ.

ކައިނިމިގެން ސިޓިންރޫމުގައި ޒާހިރުބެ ނާއިޝް އުނގަށްލައިގެން އިނެވެ. ޒާހިރުބެ ކަމަކާ މާބޮޑަށް ފިކުރު ބޮޑުވެފައި ހުންނަހެން ހީވެގެން ނައުމާ އަހައިލިއެވެ. ވީގޮތެއް ނުބުނަން ވަރަށް އުޅެފައި އެންމެފަހުން ބުންޏެވެ. “އެކޮއި އެހާބޮޑަށް ދެރަނުވާތި އިނގޭއެވެ. ޒާހިރުބެއަށް އިވިފައި ހުރިއަޑެއްވީމައާއި ފެނިފައި ހުރި މަންޒަރެއް ވީމައި ބުނެނުލާ ހިތްހަމަ ނުޖެހެނީއެވެ. އެކޮއި އިނދެގެން އުޅޭ ޒިޔާދު އެރިސޯޓުގައި އުޅޭ ދޮން މަންޖެއަކާ ހިތާވެގެން އުޅޭ ވާހަކަ އަޑުއަހައިފީމެވެ. ކިތަންމެ ދުވަހަކު އޭދަފުއްޓަށް އެމަންޖެ ގޮވައިގެން އޮފްޑޭ އަށް ގެސްޓްހައުސް އަކަށް އެބަދެއެވެ. އެދެމީހުންގެ ދޭތެރޭ އޮތް ގުޅުމެއް އެއްވެސް ގޮތަކަށް ބޭބެއަކަށް ބުނާކަށް ނޭނގެއެވެ. އެކަމަކު މަންޖެ ވަރަށް ވިސްނައިގެން އިންނައްޗެވެ.” އެހެން ބުނެފައި ޒާހިރުބެ ނިކުމެގެން ދިޔައީއެވެ.

އެތައް އިރެއްވީއިރުވެސް ނައުމާއަށް އެ ގޮނޑީގައި އިންގޮތަށް އިނދެވުނެވެ. ހުޅުވުނު އަނގަ ލައްޕަން ހަނދާން ނެތިފައެވެ. ނޫނީ އޭނާގެ ދުނިޔެ ހުއްޓިފައި ވީއެވެ. ޒާހިރުބެގެ އަނގައިން އެވާހަކަ އިވުމުން ގަތް ލަދަން ބިންފަޅާފައި އަޑިއަށް ވަންނާނޭ ނަމައޭ ނައުމާގެ ހިތަށްއެރިއެވެ. މުޅިދުނިޔެއަށް އޭނާ ފަޟީޙަތްވެ ނިމެނީއެވެ. ޒިޔާދުގެ އެއްވެސް ލަދެއް ޙަޔާތެއް ހުރިނަމަ އެހެން އުޅޭކަށް ނުކެރުނީހެވެ.

ނައުމާއަށް ގިސްލެވެންފެށުނެވެ. ލަގޮނޑިއަށް ބާރުކޮށް ހިތް ފަޅައިގެން ދާހާވިއެވެ. ދުނިޔޭގެ ލަދަށްވެސް އެހެން ގޮތެއް ހޯދަން އެބަޖެހެއޭ ނައުމާގެ ހިތަށް އެރިއެވެ. ނައުމާ ކޮޓަރިއަށް ވަދެ އެނދުގައި އިށިނދެ 8 މަސް ވެފައިވާ ބަނޑުގައި ފިރުމާލިއެވެ. އަދި ވަރަށް ހިތްވަރުކޮށްލާފައި ފޯނުނަގައި ޒިޔާދަށް ގުޅާލިއެވެ. ފޯނެއް ނުނެގިއެވެ. އެކަމަކު މިޔަދު ނައުމާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ. ފުލުފުލުގައި ޒިޔާދުގެ ފޯނަށް ގުޅަމުން ދިޔައެވެ. އެންމެފަހުން ފޯނު ނަގައިފިއެވެ. ނެގުމާއެކު ނައުމާ ބުންޏެވެ. “ހެޔޮނުވާނެއެވެ. ދުނިޔޭގެ ލަދަށްޓަކާވެސް ތި އުޅޭ އުޅުން ހުއްޓާލަ ބަލާށެވެ. ނޫނީ އެ އަންހެންމީހާއާ އިންނާށެވެ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އެހަންހެންމީހާއާ އެކު އުޅެން ބޭނުމަސް އެކަންވެސް ހެޔޮގޮތުގައި ކުރެވިދާނެއެއް ނޫންހެއްޔެވެ؟” އެކޮޅުން އެއްޗެކޭ ބުނުމުގެ ކުރިން ނައުމާ ފޯނު ބޭއްވިއެވެ. ކެތްނުކުރެވުނީއެވެ. ނައުމާގެ ގައިގާ އިތުރަށް ވާހަކަދައްކާހާ ހިތްވަރެއް ނެތެވެ. އެންމެ ލޯބިވި އިންސާނާ އެހެން އަންހެނަކާ ޙިއްސާކުރަންވެސް މިޔަދު ރުހުން ދިނީއެވެ. ޒިޔާދާއެކު ދިރިއުޅެން އޭނާއަށް ވެވޭނެ އިތުރު ޤުރުބާނީއެއް އެބައޮތް ހެއްޔެވެ؟ ފައިފުއްސެއްގެ ގޮތުގައި އިންނަންވެސް އެއްބަސް ވެވުނީއެވެ. ހަމައެކަނި ޔަތީމުވެދާނެ ދެދަރިންގެ ޙައްޤުގައެވެ. ނައުމާއަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ހިތަށްކުރިއަސަރަކުންނެވެ. ކުޑަކުޑަ ނާއިޝް އޭނާގެ މަގަތަށް އައިސް ރޯންފެށިއެވެ. އެތުއްތު ކުއްޖާއަށްވެސް މަންމަގެ ހިތާމަ އިޙްސާސްކުރެވުނީ ހެއްޔެވެ؟ ނައުމާ ނާއިޝް އަރާލާ މެޔާލާ ބޮނޑިކޮށްލިއެވެ.

ދުވަސްތައް މާޒީއާ އެކުވެ ދެއެވެ. ނައުމާގެ ދެވަނަ ފިރިހެންދަރިފުޅު ވިހެއީ އޭދަފުށީ ހޮސްޕިޓަލަށެވެ. އެދުވަހުވެސް ޒިޔާދު އައެވެ. ނަމަވެސް ކޮންމެހެން ބުނެލަންޖެހޭ އެއްޗެއް މެނުވީ ބުނެއެއް ނުލައެވެ. ކައިރީގައި ހުއްޓަސް އޭނާވަނީ ދުނިޔޭގެ އަނެއްކޮޅުގައި ކަހަލައެވެ. މިފަހަރު ޗުއްޓީ ހަމަވުމުގެ ކުރިން ރިސޯޓަށް ދިޔައީއެވެ. ރިސޯޓުގައި ހިނގަމުންދާ ބޮޑު ޕްރޮޖެކްޓަކަށް ލަސްވާތީއޭ މަންމަމެން ކައިރީ ބުންޏެވެ. ނައުމާގެ ކުޑަކުޑަ ދެކުދިން ގޮވައިގެން ދިރިއުޅެމުންދިޔައީ ހިތްހަމަ ޖެހިގެންނެވެ. ފިރިއެއްގެ އަޅާލުން އޭނާއަށް ނުލިބުނަސް އޭނާ ހުރީ ޝުކުރުކޮށްލައިގެންނެވެ. މާތްﷲގެ ރަޙްމަތްފުޅުން ދެއްވި ލޯބި ދެކުދިންގެ ޚިދުމަތުގައި އުޅޭއިރު އެއްވެސް ކަމެއް އުނިނުވާކަހަލަ އިޙްސާސެއް އޭނާއަށް ކުރެވެމުންދިޔައެވެ. އެދެކުދިން ވެފައި ވަނީ އޭނާގެ ފަޅު ދިރިއުޅުމުގައި ދިއްލިފައިވާ ދެ ހުޅުކޮޅު ކަމުގައެވެ.

ނައުމާގެ ހުސްވަގުތު ފުރާލަނީ ކުޑަކުދިންގެ ހެނދުން ފެހުމުގައެވެ. މަންމަގެ ފަރާތުން ދަސްވެފައި ހުރި ހުނަރެކެވެ. އިންޓރަނެޓުން ބަލައިގެން ރީތި ގޮތްގޮތަށް ކުޑަކުދިންގެ ހެނދުން ފަހަން ފެށުމާއެކު ނައުމާގެ ކައިރިއަށް ހެނދުންފަހަން އަންނަ މީހުން ގިނަވެއްޖެއެވެ. އޭގެން އޭނާއަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބެމުންދިޔައެވެ. ދަރިންނާ ވާހަކަދައްކާލުމަށް ދެދުވަހުން އެއްދުވަހުގައި ކަހަލަ ގޮތަކަށް ޒިޔާދު ގުޅާލައެވެ. ނައުމާއަކާ ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ބުނެލަން ޖެހޭ އެއްޗެއް މެނުވީއެވެ. ޒިޔާދަށް ލިބޭ މުސާރައިން ދެކުދިންނަށް ފޮނުވަން އެއްޗެއް ނުލިބޭތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ހިތާވެގެން އުޅޭ މަންޖެއަށް ހަރަދުކޮށްފައި ބާކީ ނުވަނީ ތޯއްޗެކެވެ. އެކަމާވެސް ނައުމާ ޝަކުވާއެއް ނުކުރެއެވެ. ހެނދުންފަހައިގެން ލިބެނީ ކުޑަކުޑަ އާމްދަނީއެއް ކަމުން ނައުމާ ދިޔައީ ރޭގަނޑުގެ ނިދިން މަހުރޫމްވެ އިނދެ ހެނދުން ފަހައި ދަރިންގެ ޚަރަދު ބަރަދު ޗަލާނެ ވަރު ހޯދަމުންނެވެ. ނައުމާގެ ރެޔާދުވާލުގެ މަސައްކަތުން އުނަގަނޑުން ކަށި މުގުރައިގެން ލިބޭ އާމްދަނީއިން ފުދިގެން، މީހަކަށް ދަރަނިވެރިނުވެ ޝުކުރުކޮށްލައިގެން އުޅެވެއެވެ. ދަރިންނަށްޓަކައި މިޔަދު މިގޮތަށްވެސް އުޅެންވަނީ މަޖުބޫރުވެފައެވެ.

އެއްރެއެއްގެ ދަންވަރެވެ. ނައުމާއަށް ހޭލެވުނީ ކުޑަދަރިފުޅު ނައުޝް ކުކުރޭ އަޑަށެވެ. މަޑުމަޑުން އެސޮރުގައިގާ އަތްޖައްސާލެވުމާއެކު ނައުމާއަށް ދިޔައީ ސިހިގެންނެވެ. އެސޮރުގެ ހުންގަދަކަމުން ފިހެނީއެވެ. އަވަހަށް ތެދުވެ އެސޮރު ރޮއްވައިގެންވެސް ފެންހާކައި ހުންމަޑުކުރެވޭތޯ ބަލަމުން ދިޔައެވެ. އިރުއަރަންދެން އެފަދަ ޙާލެއްގައި ނައުޝް އުނގަށް ލައިގެން ފެންހާކަހާކައި އިނީއެވެ. ނަމަވެސް ހުންފިލާ ގޮތެއް ނުވިއެވެ. އިރުއެރުމާއެކު އަވަހަށް ނާއިޝްގެ އަތުގައި ހިފައިގެން އަނެއްއަތުން ނައުޝް އުރައިގެން ނައުމާ ދިޔައީ ރަށު މަރުކަޒަށެވެ. ޑޮކަޓްރަށް ދެއްކުމުން ބޭސް ދީފައި ގެއަށް ދޫކޮށްލިއެވެ.

ދެރޭ ދެދުވާ ވީއިރު ނައުޝްގެ ހުމަކަށް ބަދަލެއް ނައެވެ. އެހެންކަމުން ޒިޔާދުއަށް ގުޅައިގެން ނައުމާ އެވާހަކަ ދެއްކިއެވެ. ޑޮކްޓަރަށް ދައްކަން މާލެދާން ބޭނުންވާ ވާހަކަ ބުނުމުން އޭނާގެ އަތުގައި ލާރިނެތް ކަމަށް ބުނެފައި ބުނީ އޭދަފުށީ ހޮސްޕިޓަލަށް ދާންވީއެއް ނޫންހެއްޔޭއެވެ؟ ޒިޔާދުގެ ޖަވާބު އަޑުއިވުމުން ނައުމާއަށް ވަރަށް އަސަރުކުރިއެވެ. ނައުމާއާ ދޭތެރޭގައި ފަރުވާ ކުޑަކުރިޔަސްވެހެވެ. ދަރިފުޅާ ދޭތެރޭގައި ފަރުވާ ކުޑަކުރާނަމަ ނައުމާގެ ހިތަކަށް ކެތެއް ނުވާނެއެވެ. ނައުމާ ކެތްތެރިވިއެވެ. އަދި އޭދަފުށީ ހޮސްޕިޓަލަށް ދައްކަން ދާއިރު ނައުމާއާއެކު ގޮސްލަދިނުމަށް އެދުނެވެ. ޒިޔާދުގެ ޖަވާބަކަށްވީ މަންމަމެންނާ އެކު ދާންވީއެއްނުންހެއްޔޭއެވެ؟

ނައުމާ އިތުރަށް ހިތުގައިޖެހޭގޮތް ވިއެވެ. ދެރޭ ދެދުވާ ވަންދެން ނައުމާ އެހާލުގައި ކުޑަ ދެކުދިން ގޮވައިގެން އުުނުއިރު ޒިޔާދުގެ ޢާއިލާގެ އެއްވެސް މީހަކަށް ނައުމާ އުޅޭހާލެއް ނޭނގެއެވެ. އައިސް ކޮޓަރިއަށް ވަދެލާ ހާލުބަލާލާ މީހެއް އުޅޭނަމައެއް ނޫންހެއްޔެވެ؟ ނައުމާ އެހިއެވެ. ކާކުގެ މަންމައަކާއެކު ހެއްޔެވެ؟ “މާ ފޮނިވެގެން ނޫޅެ މަންމައާ އެކު އޭދަފުއްޓަށް ގޮސް އެސޮރު ޑޮކްޓަރަށް ދައްކާ!” ޒިޔާދު ފޯނު ބޭއްވިއެވެ. ޗިސްލާފައި ނައުމާގެ ލޮލުން އޮހޮރުނީ ކަރުނައެވެ. ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. މިހާދުވަހު ނައުމާ ޒިޔާދު ހެދިހާ ގޮތެއް ހެދިގެން ތުންފުއްސެއްގެ މަޤާމުގައި އެއުޅެނީ އެ ދެދަރިންނަށްޓަކައެވެ. ބައްޕަގެ ލޯބިން މަޙްރޫމު ވިޔަ ނުދިނުމަށްޓަކައެވެ. ނަމަވެސް އެ އިންސާނާގެ ކިބައިން އެދަރިފުޅު ބަލިވެ އެންމެ އަޅާލުން ބޭނުންވި ދުވަހު އެކަންވެސް ނުލިބުމުން އިތުރަށް ޒިޔާދުއާއެކު އުޅުމުގެ ބޭނުމެއް ނައުމާއަކަށް ނުފެނުނެވެ. ނައުމާގެ ކުރިމަތީގައި ލޯބިން ފެށި ދިރިއުޅުން ވީރާނަވެ ނިމުމުގެ ސިއްކަޖެހެނީކަން އިޙްސާސް ކުރެވުމުން ކެތްކުރަން ދަތިވެއެވެ. ޒިޔާދުދެކެ ނުރުހެވުނު ވަރުން ނައުމާ ޒިޔާދުގެ ޢާއިލާގެ އެކެއްގެ އެހީއެއްވެސް ހޯދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ނައުމާ ހިތްވަރުކޮށްފައި އޭނާގެ މަންމައަށް ގުޅާލިއެވެ.

މަންމަގެ އަޑު ޖެހުމުން ނައުމާއަށް ފުރަތަމަވެސް ރޮއެގަނެވުނީއެވެ. އެތައްއިރަކުން ވީ ގޮތް މަންމައަށް އޮޅުން ފިލުވައިދިނެވެ. އަދި އޭދަފުއްޓަށް އައުމަށް އެދުނެވެ. އެއަށްފަހު ޖެހިގެން އައިދުވަހު ނައުމާ އޭދަފުއްޓަށް ފެރީގައި ދެކުދިން ގޮވައިގެން އެކަނިމާއެކަނި ދިޔައެވެ. ޒިޔާދުގެ އާއިލާމީހަކަށް އެކުދިން ބަލިވެ އުޅޭ ކަމެއްވެސް އެނގިފައެއް ނެތެވެ. ނައުމާ ބުނާކަށްވެސް ގަސްތެއް ނުކުރެއެވެ. އެހައިވަރަކުން އަންގައިގެން އުޅުމުގެ ބޭނުމެއް ނެތުނީއެވެ. އޭނާގެ ޒިޔާދުދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން އެއާއިލާގެ އެކެއްގެ އެހީވެސް ހޯދަން ނުރެހެވެނީއެވެ. ނައުމާގެ ހިތުގައިވި ޝަކުވާތައް ގިނައެވެ.

ހޮސްޕިޓަލަށް ދެވުމާއެކު ނައުޝް އެނދުމަތި ކުރެވުނެވެ. ގަދަޔަށް ހުންއައުމާއެކު އަނގަމަތީގައާއި ތުންފަތުގައި ފާރުހެދި ގާތުން ބުއިން ދުރުވަމާއެކު އެފަކީރުގެ ހާލު ވަރަށް ދެރައެވެ. ނައުމާ އެންމެ ފަޅިސިކުންތެއްވެސް ދުރަށް ޖެހިނުލާ އެކުޑަދަރިފުޅު ކައިރީގައި އިނެވެ. ނާއިޝް އުނގަށްލައިގެނެވެ. ނައުމާގެ މަންމަމެންނަށް އާދެވުމުން ހުރިހާ އުދާހެއް ބޭރުކޮށްލެވުނެވެ. މިއޮތްހާ ދުވަހު ފިރިމީހާގެ ދިފާޢުގައި އައްޑަނައެއްގެ ގޮތުގައި ހުރެ ފިރިމީހާގެ ހުރިހާ އުނިސިފަތަކެއް ފޮރުވައިގެން ވަފާތެރި ކަންމަތީ ހުރި ނައުމާ މިޔަދު މަންމަ ގާތު ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނެވެ. އޭނާގެ ދިރިއުޅުން އެފުއް މިފުށަށް ޖެހިފައިވާ ގޮތެވެ. އުޅެމުން އައި އެކަނިވެރި ދިރިއުޅުމުގެ ވާހަކައެވެ. ފިރިމީހާގެ އަޅާލުން ހުންނަ ގޮތުގެ ވާހަކައެވެ.

ނައުމާގެ މަންމަ ކަރުނައަޅާ ރުޔެވެ. އޭނާގެ ދޮށީ އަންހެންދަރީގެ ކެތްތެރިކަމާ ހިތްވަރު ގަދަކަމަށްޓަކާ ފަޚުރުވެރިވާ ހާލުއެވެ. އެ ދަރިފުޅު އުޅުނު ބިކަ ޙާލާމެދު ޙަމްދަރުދީވެގެނެވެ. އެހާ ހާލުގައި އުޅުނުއިރު ޝަކުވާއެއް ނެތި ދުނިޔެމައްޗަށް ހިނިތުން ދައްކައިގެން އުޅުނީތީ ހައިރާންވެ ހުރެއެވެ. ރެޔާދުވާލުގެ ނިދި ނަގައިލާ ކުޑަ ދެކުދިންނާއެކު އާމްދަނީ ހޯދަން މަސައްކަތް ކޮށްގެން އުޅުނު އުޅުމާމެދު އޭނާ މިޔަދު ދަރިފުޅަށް އައްސަރިބަހާ ސާބަސް ދެއެވެ. އެއީ ނަމޫނާ މައެކެވެ. ކެތްތެރި މައެކެވެ. ނަމަވެސް ދެން އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެ ދަރިފުޅު އެ ޖަލުގައި ބަންދުވެގެން ހުރިއަކަ ނުދޭނެއެވެ.

ޒިޔާދުއަށް ނައުމާ އެކަނި ކުދިން ގޮވައިގެން އޭދަފުއްޓަށް އައިކަން އެނގުމުން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އޭނާގެ މައިންބަފައިން އެއްވެސް އެއްޗަކަށް ނަހަދައި އެމީހުންގާތު ބުނެވެސް ނުލައި އެކަނި އެކަނި އެކަހަލަ ގޮތަކަށް ދިއުމުން މީހުން އޭނާގެ މައިން ބަފައިންނާމެދު ދެކޭނެ ގޮތް ހިތަށްއަރާފައި އިތުރަށް ރުޅި ގަދަވިއެވެ. އެ ހުޅުގަނޑަށް ތެޔޮ އެޅުނީ އޭނާގެ މަންމައަށެވެ. ނައުމާގެ އެ ޢަމަލުން އޭނާގެ މަންމަގެ އަގު ވެއްޓިގެން ހިނގެއްޖެ ކަމުގެ ވާހަކަ ބުނެ އެކަމާ ދެރަވެ ވާހަކަ ދެއްކުމުންނެވެ. އެމީހުންނަށް ޒިޔާދު ކަންކުރާގޮތެއް އެނގިފައެއް ނެތެވެ. އެހެންކަމުން ހުރިހާ ރުޅިއެއް އައިސްފައި ވަނީ ނައުމާ ދެކެއެވެ.

ޒިޔާދު ނައުމާއަށް ގުޅީ ވަރަށް ރުޅިއައިސްގެނެވެ. ނައުމާ ފޯނެއް ނުނަގައެވެ. ނައުމާއަށް ފޯނު ރިންގުވާތަން ފެނުމުންވެސް އަޅާނުލާ ބާއްވަނީއެވެ. އިތުރަށް އެދެމެދުގައި ދެކެވެން ޖެހޭނެ ވާހަކައެއް ނެތީމައެވެ. ޒިޔާދު ދަރިންދެކެ ލޯބިވާނަމަ ހުރީހީ އެކުދިންކައިރިއަށް އައިހެވެ. އެކަމާ ޒިޔާދުގެ ރުޅިދިޔައީ އިތުރުވަމުންނެވެ. ރުޅީގައި ހުޅުފަޅާ ހަމަހެއިން ނެއްޓެމުންނެވެ.

ނައުމާ ފާހާނައަށް ދިޔަވަގުތެވެ. ޒިޔާދު ނައުމާގެ ފޯނަށް ގުޅިއެވެ. ގުޅީ ޒިޔާދުކަން އެނގުމާއެކު ނައުމާގެ މަންމަ ފޯނު ނެގިއެވެ. އަދި އެ މަންމަގެ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ބަންޑުން ކޮށްލިއެވެ. ޒިޔާދު އެކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ މީހުންނާ އިނދެ ދަރިން ލިބުނީމައި އޭނާ އުޅެން ދިމާކޮށްފައި އެހުރީ ކޮންހާ ވިޔާނުދާކޮށް ހެއްޔެވެ؟ އަނބިދަރިންނާ ދޭތެރޭ ކަންތައް އެ ކުރަނީ ކޮންފަދަ އިހާނެތިކޮށް ހެއްޔެވެ؟ އެހާވަރުން ކައިވެނި ކޮށްގެން އުޅެނީ ކީއްކުރަން ހެއްޔެވެ؟

ޒިޔާދު އެހައިހިސާބަށް އަޑުއަހާފައި ފޯނު ކަނޑާލިއެވެ. ނައުމާ އޭނާގެ އަގުވައްޓާލާ އޭނާގެ ނުބައިވާހަކަ މައިންބަފައިން ކައިރީ ދައްކައި ނިންމާލައިފިއެވެ. އެއީ ކޮންކަހަލަ އަންބެއް ހެއްޔެވެ؟ އަނބިން ވާންޖެހެނީ ފިރިންގެ ކިބައިގައި ހުންނަ އުނިސިފަތައް ފޮރުވާ ބައަކަށް ނޫންހެއްޔެވެ؟ އޭނާގެ ހިތުގައި ޖެހުނެވެ. އަދި ނައުމާދެކެ ވީ ފޫހި ބަޔާންވެސް ކޮށްދޭކަށް ނޭނގުނެވެ. ކައިރީ ހުރި މޭޒުމަތީގައި ހުރި ހުރިހާ ފައިލް ތަކަކާ ލިޔުން ތަކެއް އުކާލައި މޭޒުގައި ގޮށްމުށުން ޖެހިޖެހީނުން އަތުގެ ހުޅުތައް މުގުރިގެންދާވަރު ވިއެވެ. ނައުމާ އޭނާގެ އަތުޖެހޭ ހިސާބުގައި ނެތްކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.

މަންމަ ފޯނު ބޭއްވިއިރު ނައުމާހުރީ ފަހަތުގައެވެ. މަންމަ ޒިޔާދުއާ އެ ދެއްކި ހުރިހާ ވާހަކައެއް ނައުމާއަށް އިވުނެވެ. އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން މަންމަގެ ކޮނޑުގައި އަތް އަޅައިލިއެވެ. މަންމައަށްވެސް ޖަޒުބާތުގައި ޖެހިފައި ހުރިވަރުން މި ކުރެވުނީ އެންމެ ރަނގަޅު ކަންތޯ އަމިއްލަނަފްސާ ސުވާލުކޮށްލެވުނީ ދެނެވެ. އެއަށްފަހު ކަންބޮޑުވެފައި ނައުމާއާ ދިމާލަށް ބަލައިލިއެވެ. އެދަރިފުޅު އުޅުނު ޙާލު އެނގުމުން އެ މައިމީހާގެ ލަގޮނޑިއަށް ކެތް ނުވީއެވެ. ޒިޔާދުދެކެ ވަނީ ވަރަށް ނަފްރަތު ވެފައެވެ.

އިރުކޮޅަކުން ފޯނު ރިންގުވުމުން ނައުމާ ބަލައިލިއެވެ. ގުޅަނީ ޒިޔާދުއެވެ. ފޯނުގެމަށްފަހު މަޑުމަޑުން ނައުމާ ކަންފަތުގައި ޖައްސާލިއެވެ. “ތިހިރީ ވަރިކޮށްފަ!” ޒިޔާދުގެ އަޑު ނައުމާގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދެލޯ މަރާލެވުމާއެކު ކަރުނަތައް އޮހޮރިގަތީ އަލަތު ލޯބިވެރިޔާއާއެކު ފޮނި ހުވަފެންތަކެއް ދެކި ލޯބިން ފެށި ޙަޔާތެއްގެ ނިމުން އެހާ ހިތިކޮށް އައީމައި ހިތަށް ކުރިއަސަރުންނެވެ. އެއާއެކު ނައުމާގެ ހިތަށް ލުއިވިހެން ހީވީ ކީއްވެގެން ކަމެއް ނޭނގުނެވެ.

ނައުމާގެ ޙަޔާތުގައި ވީރާނަވެ ގޮސްފައިވާ ސޮފްޙާތަކުން އެއްފަރާތަކަށް ޖެހިލެވުނީ އުނދޯލިމައްޗަށް އަރައި އޭނާގެ ކޮނޑުމަތީގައި އޮށޯވެލި ނައުޝްގެ ސަމާސާއަކުންނެވެ. “ކޮބާ ބައްޕަ؟” ނައުމާ އަހާލިއެވެ. “އެބައާދެ” ތުއްތު ތުއްތު އަޑުން ބުނެލިއެވެ. އޭރު ނާޝިދު ނާއިޝް ސްކޫލުން ގޮވައިގެން އައިސް ޓެރަހަށް ނިކުމެގެން އަންނަނީއެވެ. ނައުމާގެ ހަނދާނަށް އައީ ނާޝިދުއާ ދިމާވި ދުވަހެވެ.

ބީވެގެން ދިޔަ ކައިވެންޏަށްފަހު ނައުމާ ބަދަލުވީ މަންމަމެން ރަށަށެވެ. ނާއިޝް މަދަރުސާއަށް ވައްދާވަރު ވުމުން މާލޭގައި ދިރިއުޅޭ ނައުމާގެ ބޮޑުބޭބެއެއް ކައިރިއަށް ދެކުދިން ގޮވައިގެން ނައުމާ ބަދަލުވީ ކިޔަވައިދިނުމަށެވެ. ނައުމާއަށް ނުލިބުނު ތަޢުލީމު އެދެކުދިންނަށް ހޯދައިދޭށެވެ. އެކުދިންނަށް އެއްވެސް ކަމެއް އުނިވާކަށް ނައުމާއެއް ނޭދެއެވެ. މާލެއަށް ދިއުމަށްފަހު ޚަރަދު ބަރަދު ބެލެހެއްޓުމަށް ނައުމާ ގަސްތުކުރީ ވަޒީފާއަކަށް ވަންނާށެވެ. އެގޮތުން ދިވެއްސަކު ހުޅުވައިގެން އުޅޭ މަޝްހޫރު ފަހާ ފިހާރައެއް ކަމުގައިވާ ނަހުލާ ޓެއިލާރސްގައި އިން ވަޒީފާގެ ފުރުޞަތަކަށް ކުރިމަތިލީއެވެ.

ނާޝިދުވީ އެ ފިހާރައިގެ ބޮޑުމީހާއަށެވެ. ނާޝިދުއަށް ނައުމާފެނުނު ދުވަހުއްސުރެ ނައުމާއަށް ޚާއްސަގޮތެއް ބެހެއްޓިއެވެ. ނަހުލާއަކީ ނާޝިދުގެ ނިޔާވި އަނބިމީހާކަން އެނގުނީ އެކުގައި ވާހަކަދައްކާ ހަދަންފެށި ފަހުންނެވެ. އެ ގުޅުމަށް ދަރިއަކުވެސް ލިބިފައި ނުވަނިސް ނަހުލާވަނީ މިދުނިޔެ ދޫކޮށްފައެވެ. ނަހުލާގެ އަބަދުވެސް ހުވަފެނަކަށް ވެފައިވަނީ ފެހުން ކަމަށް ވުމާއެކު އެ ހުވަފެނުގައި ކުލަޖެއްސުމުގައި ނާޝިދުގެ ޙަޔާތުގައި ބާކީއޮތްބައި ވޭތުކުރަނިކޮށް ނައުމާއާ ދިމާވީ އިއްތިފާޤަކުން ހެއްޔެވެ؟ ނައުމާގެ ފުށުން ނާޝިދުއަށް މަރުހޫމް އަނބިމީހާގެ ސޫރަ ފެންނަން ފެށީވެސް އިއްތިފާޤުހެއްޔެވެ؟ ދެމީހުންނަށް ދިރިއުޅުމުގައި އުނިވެފައިވީ ލޯބި ޙިއްސާކުރަމުން މުޅިއުމުރު އެކުގައި ހޭދަކުރުމަށް ޢަޒުމްކަނޑައަޅައި ކައިވެނީގެ ގުޅުމުން ގުޅިގެން ދިޔަދުވަހު ނައުމާގެ ހިތަށް އެރިއެވެ. މާތްﷲ އީ އެންމެ އޯގާވަންތަ ރަސްކަލާންގެއެވެ. އެކަލާންގެއަށް ނައުމާ ދުޢާދެންނެވީ އޭނާގެ ޙަޔާތުން ބީވެފައިވާ ލޯބި އަލުން އަނބުރާ ދެއްވައި ފިރިމީހާގެ ހިތް އަނބުރާ ނައުމާއަށް ޖެއްސެވުމަށެވެ. ޤުދުރަތުގެ ނިޔާ ދެކިބަލާށެވެ. ނައުމާއަށްޓަކާ އެދުޢާ އިޖާބަކުރެވިގެންދިޔައީ އެއަށްވުރެ ފުރިހަމައަށެވެ.

މިއަދު ނައުމާއަކީ ފުދުންތެރި ވިޔަފާރިވެރި ޢާއިލާއެއްގެ ޅީދަރިއެވެ. ނައުމާގެ ދަރިންނަށް ބައްޕައެއްގެ ލޯބި ލިބި ދިރިއުޅުން ވަނީ ބާއްޖަވެރި ވެފައެވެ. ނާޝިދު އައިސް އަރާ ހަމަވުމާއެކު ނައުމާއަށް އިސްދަށަށް ޖަހައިލެވުނީ ލަދުވެތިކަމާ އެކުއެވެ. ނައުމާގެ ހިތުގައި ނާޝިދުއަށް ދެވިފައިވަނީ ނުހަނު މަތިވެރި މަޤާމެކެވެ. ޒިޔާދުދެކެ އޭނާ ލޯބިވީނަމަވެސް އޭނާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ނުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ނިންމި ނިންމުމަކީ އޭނާއަށް ނިންމުނު އެންމެ ހެޔޮނިންމުން ކަމަށް ޤަބޫލު ކުރެވުނެވެ.

ޒިޔާދު އޭނާ ވަރިކުރުމަށްފަހު ޝެރީންއާއި އެކު އުޅުނީ އޭނާގެ ރީތިކަމުގެ މަސްތުގައި ޖެހިގެންނެވެ. ނަމަވެސް ޝެރީން ޒިޔާދު ބޭނުންކުރީ އޭނާގެ ކޭޝްކާޑުގެ ގޮތުގައެވެ. އެންމެފަހުން ރިސޯޓުން ވަޒީފާއިން ކެނޑިގެން އެނބުރި ޤައުމަށް ގޮސްފައި މެސެޖް ކޮށްލީ ސޮރީއޭ ކިޔައިފައެވެ. ވަފާތެރި އަނބިމީހާއަށް އިހާނެތިކޮށް ހަދާފައި މޮޅެއް ހޯދަން ކުރި ދަތުރުގައި ޒިޔާދުއަށް ލިބުނީ ކެއްސެވެ. އޭނާއަށް ކުރެވުނު ކަންތަކާމެދު ވިސްނާ ފިކުރުކުރުމުން ނައުމާ ވަރުގެ ހެޔޮލަފާ އަންބެއް އޭނާއަށް ދެން ނުލިބޭނެކަން ހިތަށް އަރައި މިއަދު ކަރުނަ އެޅިޔަސް ނައުމާވަނީ އުފާވެރި ޙަޔާތެއް އަލުން ފަށައިފައެވެ. މިޔަދު ޒިޔާދުއަށް ވީ ދެމީދާ ފެހި ބުޅަލަށް ވީ ވަރެވެ.

ނައުމާގެފޯނަށް އަނެއްކާވެސް އައީ ޒިޔާދުގެ މެސެޖެކެވެ. ފޯނަށް ބަލައިލުމަށްފަހު ފޯނު ނިއްވާލީ ދެން ޒިޔާދުގެ އާދޭސްތައް އަޑުއަހަން ބޭނުން ނުވީމައެވެ. އޭނާ ބޭނުމީ ޒިޔާދުގެ ހަނދާންތައް ހިތުން ފޮހެލާށެވެ. މިހާރު މިވަނީ ވަޤުތު ފާއިތުވެފައެވެ. ނާޝިދުއާއެކު ކުޑަ ދެކުދިން ގޮވައިގެން ނައުމާ ގޭތެރެއަށް ވަދެގެން ދިޔައެވެ.

-ނިމުނީ-

8
2
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

6 ކޮމެންޓް - ލިޔުން: ”ނައުމާ“

    1. ކޮމެންޓަކަށް ދޫކުރާނެ ކޮމެންޓެއްވެސް ނެތް ހަމަ. ހަހަހަ. ވަރަށް އުފާވެއްޖެ. ތެންކްސް ޒީ..

      0

      0

Leave a Reply

Your email address will not be published.