ލޯބީގެ

ތުނޑިމަތިން

ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. އުމުރުން ތިރީހަކަށް އަހަރުގެ ސަމްސާދު އޭނާގެ އާދައިގެމަތިން މިރޭވެސް ހުޅަނގުކޮޅު ތުނޑިއަށް ދިޔައީ ފަރުމަހެއް ބޭނޭތޯއެވެ. ފަރުމަހުގެ މަސްވެރިކަމަކީ އާންމުދަނީ ހޯދުމުގެގޮތުން އޭނާ ކުރަމުންދާތާ އެތައްއަހަރެއް ވެފައިވާ ކާމިޔާބު މަސައްކަތެކެވެ. އޭނާގެ މުޅިދިރިއުޅުން ބިނާވެފައިވަނީ އެކަމުން ހޯދަމުންދާ އާމްދަނީއެއްގެ މައްޗަށެވެ.

ރެއަކީ މޫސުމްރީތި ކަނޑުމަޑު ވައިވެސް މަޑު ރެއެކެވެ. ސާދަފަނަރައިގެ ރޭތަކުގެތެރެއިން ރެއަކަށްވާތީ މުޅިރަށަށް ވެރިވެފައި ވަނީ ހަނދުވަރުގެ ނަލަ އަލިކަމެވެ. ތުނޑިމަތިން ގަސްހެދިފައިވާ ހިސާބުގެ އިތުރުން ދޮންވެލީގެބައެއްގެ ގޮތުގައި އިތުރުވަމުންދާބައި މާދުރާއެކު ފެންނަންއޮތެވެ. އެހިސާބުގައި އެއްވެސްކަމެއް ހިނގާނަމަ އެހިސާބަށް ދެވުމުގެ މާކުރިން ފެންނަވަރަށް ސާފެވެ.

މަސްވެރިކަމަށް ބޭނުންކުރާ ސާމާނާއި ދުފާދުންބޯސާމާނު އަދި އެންކޮތަޅު ހިފައިގެން ތުނޑިއަށް ނުކުންނަންދިޔަ ސަމްސާދުގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ތުނޑިމަތިން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ.

ތުނޑިމަތީގައި ހިނގާކަމެއް ބަލާ ޔަގީންކޮށްލުމަށްޓަކައި ސަމްސާދު އަވަސް އަވަހަށް ވިނަގަނޑު ކައިރިއަށް ޖެހެލިއެވެ. އެމީހުން އެތަނުގައި ކުރަމުން އެދަނީ ކޮންމެކަމެއްކަން ނޭނގުނު ނަމަވެސް، އެމީހުން އެކުރާކަމެއް ކުރަމުންއެދަނީ ވަރަށް ބަލައިގެން އެހާމެ ސިއްރު ސިއްރުންކަން ޔަގީނެވެ. އެހެން ނޫންނަމަ އެބައިމީހުންގެ ޢަމަލުތައް އެހެނެއް ނުހުންނާނެއެވެ.

ފެތުރިފައިވާ ނަލަހަނދުވަރުގެ ސަބަބުން އެމީހުނަށް އޭނާ ފެނިދާނެހެން ހީވާތީ ސަމްސާދު އަވަސް އަވަހަށް ގަސްތަކުތެރެއަށް ވަނެވެ. މަސްބާނަން އުޅުމަށްވުރެ މިވަގުތު ރަނގަޅުވާނީ އެމީހުންކުރާކަމެއް ބަލާލުންކަމުގައި ސަމްސާދަށް ގަބޫލުކުރެވުނެވެ. އެހެންކަމުން އޭނާގެ ހުރިހާ ވިސްނުމެއް ވެސް ހުރީ އެކަމަށެވެ.

އެމީހުންގެ ސޫރަ އާއި ހަރަކާތް ކިތަންމެރަނގަޅަކަށް އެނގުނު ނަމަވެސް، އެއީ ކޮންބައެއްކަން އެނގޭވަރެއް ނުވެއެވެ. އެއީ ކޮންބައެއްކަން ނޭނގުނު ނަމަވެސް، އެމީހުން ލައިގެންތިބި ހެދުމުގެ ސަބަބުން އެތަނުގައި ހުރީ ޖިންސަކާއި ޓީސާޓެއްފަދަ އެއްޗެއްލައިގެން ހުރި ޒުވާނަކާއި މުންޑަކާއި ގަމީހެއްލައި ބޮލުގައި އެއްޗެއް އަޅައިގެންހުރި އުމުރުން ދުވަސްވީމީހެއްކަން އެނގެއެވެ.

އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންހުރި ސަމްސާދަށް ލިބެމުންދިޔަ ހައިރާންކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. އެމީހުންގެ އެޢަމަލުތަކުގެ ސަބަބުން ކަންބޮޑުވެ ހާސްވި އެތައްފަހަރެއް ވެސް އައެވެ.

އެމީހުން ކުރަންއައި މަސައްކަތް ނިންމާލުމަށްފަހު، ރަށުތެރެއަށް ދިއުމަށް މިސްރާބުޖެހީ ސަމްސާދު ހުރި ދިމާއަށެވެ. ރަށުތެރެއިން ތުނޑިއަށް ނުކުތުމަށާއި ތުނޑިން ރަށުތެރެއަށް ދިއުމަށް އޮންނަނީ އެންމެ މަގެކެވެ. އެމީހުންގެ މިސްރާބުހުރިގޮތުން އެއީ ކޮންބައެއް ކަން ހޯދަން ސަމްސާދަށް ވަރަށް ފަސޭހަވާނެތީ އޭނާ އެކަމަށް ސަމާލުވެލިއެވެ.

އާންމުކޮށް މީހުން ވާހަކަދައްކާ އުޅޭވަރަށްވުރެ މަޑުމަޑުން ވާހަކަދައްކަމުން އައި އެދެމީހުން ސަމްސާދު ފަހަނައަޅައި ދިޔައިރު ސަމްސާދުގެ ހީ ޔަގީނަށް ބަދަލުވެއްޖެއެވެ. އެތަނުގައި ހުރި އުމުރުންދުވަސްވީ މީހާއަކީ އޭނާއަށް ކުރިންވެސް ހީކުރެވުނުފަދައިން އަލިފުތާއެވެ. ފަންޑިތަ އާއި ސިހުރުހާހޫރަ އަދި އިސްތިރިވަރިތޮޅިއަށް މުޅިއަތޮޅަށް މަސްހޫރު ފަންޑިތަވެރިޔާއެވެ.

ފަހަރަކު މަލަކުން ފޮނިބޮމުން އެއްބަގީޗާއިން އަނެއްބަގީޗާއަށް އުދުހެމުންދާ މާބުރެއް ފަދައިން އުޅެމުންދާ އަސްރާރަކީ ރަށުގެ ތަނަވަސް ޢާއިލާތަކުގެތެރެއިން ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ވަޒީފާއަކަށް ގޮސް މަސައްކަތެއްކޮށްގެން އާންމުދަނީއެއް ހޯދަން ނުކެރޭ ތާންގައި އުޅުމެއް އަހުލާގެއް ވެސް އޭނާގެ ކިބާގައި ނެތެވެ.

އަސްރާރު އޭނާގެ ޢާއިލާގެ ތަނަވަސްކަމުގެ ބޭނުންކޮށް އަލިފުތާ ލައްވައި ކޮންމެވެސް ކަހަލަ ފަންޑިތައެއް ނުވަތަ އިސްތިރިވަރިތޮޅިއެއް ކަހަލައެއްޗެއް ހެދީއެވެ. އެމީހުންގެ ޢަމަލުތައް ހުރީ އެނޫން އެއްވެސްކަމެއް ކުރާބަޔަކު ޢަމަލުތައް ބަހައްޓާނެގޮތަކަށް ނޫނެވެ.

އެދެމީހުން ގޮސް ރަށުތެރެއަށް ގެއްލުމުން ސަމްސާދު އަވަސް އަވަހަށް އެތަނުން ނުކުތެވެ. ސަމްސާދު އެތަނުން ނުކުމެގެން މިސްރާބުޖެހީ އެދެމީހުން ކުރިކަމެއް ބަލާލުމަށް އެތަނަށް ދިއުމަށް ނަމަވެސް، ތަންކޮޅަކަށް ދިޔަތަނާ އެޚިޔާލު ބަދަލުވިއެވެ. އެމީހަކާއި އެމީހެކެވެ. އެހެންމީހުން ކުރާކަންތަކާއި ނުބެހި އޭނާގެ ވަޒީފާއާގެން ކުރިޔަށްދިއުން މާބުއްދިވެރިކަމުގައި އޭނާއަށް ވިސްނުނެވެ.

މަސްބޭނުމަށްޓަކައި ނަނުއެއްލައިގެންހުރި ސަމްސާދަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުންދިޔައީ އެހެންރޭތަކަށް ވުރެ މިރޭ މަސްވެރިކަން ރަނގަޅުވުމުންކަން ޔަގީނެވެ.

ހަނދުގެފަހަތުން ކަހަލަގޮތަކަށް ދަތުރުކުރަމުންއައި ބޮޑުކަޅުވިލާގަނޑު ހަނދުގެއަލިކަމުގެ މައްޗަށް ވެރިވެގަތުމާއެކު މުޅިބިން އަނދިރިވެގެން ދިޔައެވެ. މޫސުމް ބަދަލުވެގެންދިޔައީ އެފަދަކަމަކަށް އެއްވެސްމީހަކު ވިސްނާވެސްނުލައި ހުއްޓައެވެ. ކަނޑުގެރާޅުތައް ރުޅިއައިސް ރަތްވެފައިވާ ސިންގާތަކެއް ފަދައިން އުތުރިއަރައިގަތްއިރު ގަދަވަޔާއެކު ވިދާގުގުރާ ބޯކޮށް ވާރޭވެހެންފެށީ ވެސް ހަމައެވަގުތުއެވެ. ޖެހެމުންދިޔަ ބާރު ވައިގެ ސަބަބުން ތުނޑިމަތީގަ ވެލިތައް ވެސް ހިކިފަތްތަކެއް ފަދައިން ބުރަބުރައިގެން ދާންފެށިއެވެ. ހީވީ ކުއްލިއަކަށް ގަދަފަދަ ތޫފާނެއް ލައިގެން ހެންނެވެ.

ސަލާމަތްވުމަށްޓަކައި ސަމްސާދު ދުއްވައިގަތްއިރު އެއްވެސް އެއްޗެއް ގެންދާކަށް ހަނދާނެއްނެތެވެ. ހިޔާވެލާނެތަނެއް ލިބޭތޯ ބަލަމުން ގޮނޑުދޮށުން ދުވަމުން ދުވަމުންދިޔަ ސަމްސާދު ދުވަން ހުއްޓާލީ، އަތިރިމަތީގައިވާ އޮޑިހަރުގެތަކާއި ހަމައަށް ދެވުމުންނެވެ. އެތަނުން އޮޑިހަރުގެއަކަށް ވަދެ ސަމްސާދު ހަމަޖެހެލީ މޫސުމްރަނގަޅުވުމުން މަސްކޮޅާއިއެއްޗެތި ހިފައިގެން ގެއަށް ދާށެވެ.

ތުނޑިއާދިމާ މާކަނޑުގެ ލޮނުގަނޑު ކެކެމުން ކެކެމުން މައްޗަށްއަރަން ފެށިއެވެ. އެލޮނުގަނޑުގެތެރެއިން ފުރޭނިގެން މައްޗަށް އެރި އަލިފާންގަނޑު ވަޔާއިވިއްސައިގެން ކަހަލަގޮތަކަށް އައިސް ޖެހުނީ ތުނޑިމައްޗަށެވެ. އެވަގުތުއިވުނު އަޑުގެ ބާރުކަމުން މީހުންގެ ކަންފަތްތައް ބީރުވާހާވެއެވެ.

އަލިފާންގަނޑުގެތެރެއިން އުފެދުނު އަންހެންކުއްޖާ ރަށުތެރެއާދިމާއަށް މިސްރާބުޖެހީ ހިނިތުންވުމާއެކުގައެވެ. އެންމެމިހާރުގެ ޒަމާނީ ހެދުމަށް ލޯބިކުރާ އެއަންހެންކުއްޖާ ލައިގެންހުރީ ގަދަރަތްކުލައިގެ އަތްދިގުޓީސާޓަކާއި ކަޅުކުލައިގެ ސިކިނީއެކެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލާފައެވެ.

މޫސުމްރަނގަޅުވީ ހީކުރިވަރަށްވުރެ އަވަހަށެވެ. ފާޅުވެގެންދިޔަ ހަނދުވަރުގެ ނަލަނަލަ އައްޔާއެކު ވިއްސާރައިގެ ހުރިހާއަސަރެއް ފިލާދިޔައެވެ.

” އައްދެ. ބާރަޖަހަނީ . . . . މަ މިނައްޓާލީ އިނގޭ. ” ކޮފީބޯން ރައްޓެހިންތަކަކާއެކު ކެފޭގައިއިން އަސްރާރު ގަޑިއަށް ބަލާލަމުން ބުންޏެވެ.

” ގަޑިކިޔާފައި އޮތީތަ؟ ” އަސްރާރަށް ބަލާލައި ހިނިތުންވަމުން ދިމާކުރާކަހަލަގޮތަކަށް ބުންޔާމީން އަހާލިއެވެ.

” އާން. މިރޭ އެކަން ހަމައަކަށް އެޅޭނެ . . .  މާދަމާ ދެން އެވާހަކަ ދައްކާނީ. ” ކެފޭއިން ނުކުންނަން ހިނގައިގަންނަމުން އަސްރާރު ވާހަކަދެއްކިއެވެ. އިތުރަށް ވާހަކަދައްކަން މަޑުކޮށްފިނަމަ ވަގުތުފާއިތުވެދާނެކަން އޭނާއަށް އެނގެއެވެ.

އަލުން ތުނޑިއަށް ދިއުމުގެ ކުރިން ރަނގަޅަށް ދުފާލާ ސިނގިރެޓެއް ބޯލަން ސަމްސާދު އަވަސްވެގަތެވެ. ސިނގިރެޓްފޮއްޓާއި ދުފާކޮތަޅު ޖީބުގައި ބޭއްވުނުކަން ނަސީބެކޭ އެވަގުތު ވެސް ސަމްސާދުގެ ހިތަށް އެރިއެވެ.

ރަނގަޅަށް ދުފާލައިގެން ސިނގިރެޓެއް ބޮމުން ތުނޑިއާދިމާއަށް ހިނގަމުންއައި ސަމްސާދަށް، ތުނޑިއާ ދިމާއަށް ހިނގަމުން އައި އަންހެންކުއްޖާ ފެނުނީ ކުއްލިއަކަށެވެ. އަވަސް އަވަހަށް ތުނޑިއާދިމާއަށް ބަލާލިއިރު ތުނޑިމަތީގައި ޒުވާން ފުރައިގެ ފިރިހެންކުއްޖަކު ހުއްޓެވެ. އެޒުވާނާ ހުރި ހިސާބުންނާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އެޒުވާނާއަކީ އަސްރާރުކަން ސަމްސާދަށް ޔަގީންވިއެވެ.

ތުނޑިއާ ދިމާއަށް ހިނގަމުންއައި އަންހެންކުއްޖާގެގޮތް ބެލުމަކީ މުހިންމުކަމެއް ކަމުގައި ސަމްސާދަށް ގަބޫލުކުރެވުނީ ވަގުތުގެ ގޮތުންނެވެ. މިހާ ފަސްގަޑިއެއްގައި އެގޮތަށް އެކަނި މާއެކަނި އެއަންނަ އަންހެންކުއްޖާއަކީ ކާކުކަން ބެލުމަކީ މުހިންމުކަމެއްކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. އެއަންހެންކުއްޖާގެ މިސްރާބު ހުރިގޮތުން ސަމްސާދު ހުރި ހިސާބާއި ވަރަށްގާތުން ނޫނީ ނުދާނެކަން ޔަގީންވާތީ ސަމްސާދު އަވަސް އަވަހަށް ގަސްތަކުތެރެއަށް ވަދެ ބޮނދައިގެން އެއަންހެންކުއްޖާއަށް ބަލަން އޮތެވެ.

ސަމްސާދު ކައިރިން ހިނގާލާފައިގޮސް ތުނޑިއަށް ނުކުތް އެއަންހެންކުއްޖާގެ ގޮތް އެނގުމާއެކު، ސަމްސާދަށް ލިބުނު ހައިރާން ކަމާއެކު އެއްފަހަރާ އެތައް ސުވާލެއް އުފެދުނު ވެސް މެއެވެ.

ތުނޑިމަތީގައި ހުރި އަސްރާރާއި ދިމާއަށް އެދާ އަންހެންކުއްޖާއަކީ ވަސްމާއެވެ. ރީތިކަމާއި ފުރިހަމަކަމުގައި އެފަދަ ދެވަނައެއް ނެތްފަދަ ވަސްމާއަކީ އަސްރާރު އޭނާގެ ހަޔާތަށް ގެނައުމަށް އެތައް މަސައްކަތެއްކޮށް ނާކާމިޔާބު ވެފައިވާ އަންހެންކުއްޖެކެވެ. އޭނާގެ ހަޔާތަށް ވަސްމާ ގެނައުމަށް އަސްރާރުކޮށްފައިވާ މަސައްކަތްތަކާއި އުޅެފައިވާ ގޮތްތަކުގެ ވާހަކައަކީ މުޅިރަށަށް މަސްހޫރުވާހަކައެކެވެ. ވަސްމާގެ ރުހުން ނުލިބުމުން އޭނާގެ ޢާއިލާގަނެލުމަށް އަސްރާރު ކުރިމަސައްކަތް ދަންނަ އެތައްބަޔަކު އެބަތިއްބެވެ.

އަކްމަލް އާއި ވަސްމާ ކައިވެނިކުރުމުން އަސްރާރު އުޅުނުގޮތުގެ ވާހަކައާއި އޭނާ އަމިއްލައަށް މަރުވަން އުޅުނު ވާހަކައަކީ ވެސް ދައްކާ ނިމޭނޭ ވާހަކައެއްނޫނެވެ.

ވަސްމާ ދިޔަގޮތަށް ގޮސް އަސްރާރުގާތަށް ހުއްޓުމާއެކު، ވަސްމާގެ އަތުގައިހިފާ އޭނާއާގާތަށް އަސްރާރު ދަމާލިއެވެ. އަސްރާރުގެ އެއެދުމަށް ވަސްމާ އިޖާބަދިނީ އެއްވެސް ދެކޮޅުހެދުމެއް ނެތިއެވެ.

” މިއީތާދޯ އަލިފުތާ ލައްވައި އަސްރާރު ކުރުވި ކަމަކީ؟ ” ހިތާހިތުން ސަމްސާދަށް ބުނެލެވުނެވެ.

ދެމަފިރިން ފަދައިން ޢަމަލުބަހައްޓަމުންދިޔަ ވަސްމާ އާއި އަސްރާރަށް އެދެމީހުން އެތިބީ ކޮންތަނަކުކަމެއް އެނގޭހެނެއް ވެސް ހިޔެއް ނުވެއެވެ. ފެންނަމުންދިޔަ މަންޒަރުތައް ބަލަން ހުރުމަކީ ސަމްސާދަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

ނިދާފައިއޮތް އަކްމަލަށް ހޭލެވުނީ ފޯނު ރިންގްވާއަޑަށެވެ. ފޯނުނަގަމުން ޑިސްޕްލޭއަށް ބަލާލިއިރު ފޯނުކުރަނީ ސަމްސާދުއެވެ. މިހާ ނުވަގުތެއްގައި ސަމްސާދު ފޯނުކުރުމުން ކޮންމެވެސްވަރަކަށް ސުވާލުއުފެދުނު ނަމަވެސް ޖަވާބު ނުދެވިގެން އުޅެނިކޮށް ފޯނު ކެނޑިއްޖެއެވެ. މާމުހިންމުކަމެއް އޮތްނަމަ ދެވަނަފަހަރަށް ގުޅާނެކަމަށް ނިންމައި ފޯނުބާއްވަން އުޅެނިކޮށް ދެވަނަ ފަހަރަށް ވެސް ސަމްސާދު ފޯނުކުރިއެވެ.

” އައްސަލާމްއަލައިކުމް. ” ފޯނަށް ޖަވާބުދިނުމުގެގޮތުން އަކްމަލް ބުނެލިއެވެ.

” އަކްމަލް. އަކްމަލް. އަވަހަށް އައިސްބަލަ ތުނޑިއަށް. . . ކަލޭގެ އަންހެނުންނާއި އަސްރާރު މިއޮއްއުޅޭ ގޮތެއް ބަލާލަބަލަ. ” އަކްމަލް ފޯނަށް ޖަވާބުދިނުމާއެކު އަވަސް އަވަހަށް ސަމްސާދު ވާހަކަދެއްކިއެވެ.

” ކަލޭ ތިޔަހުރީ މޮޔަވެފައިތަ؟ . . . . މަގޭ އަންހެނުން މިއޮތީ މަގޭކައިރީ ނިދާފައި. ” ކައިރީގައިއޮތް ވަސްމާގެ މޫނަށް ބަލާލަމުން އަކްމަލް ޖަވާބުދިނެވެ. ވަސްމާ އާއި އަސްރާރޭ ކިޔައިގެން ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން ހިތްހަމަނުޖެހިފައިހުރި އަކްމަލް، ސަމްސާދުގެ އެވާހަކަތަކުގެ ސަބަބުން ވަރަށް ރުޅިއައެވެ.

އެއްޗެކޭބުނަން ސަމްސާދު އަނގަހުޅުވާލި ނަމަވެސް، އޭނާއަށް އެފުރުސަތު ނުދީ އަކްމަލް ފޯނުކަނޑާލިއެވެ.

ތިމާއަށް ރަނގަޅަކަށް ތިމާއަށް ރަނުގެފުރުސަތެއް ހޯދައިދިނުމުން އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަކްމަލް ފޯނު ކަނޑާލުމުން ސަމްސާދުގާތަށް ވަރަށް ރުޅިއައެވެ. ހިތާހިތުން އަކްމަލަށް އެއްޗެތިކިޔަމުން އަވަސް އަވަހަށް އޭނާ ގެނައި އެއްޗެތި ހިފައިގެން ސަމްސާދު ދިޔައީ ގެއަށެވެ.

ހެނދުނު އަށެއްޖަހާކަން ހާއިރެވެ. ހޭލެވުމާއެކު އެންމެފުރަތަމަ ވެސް އަޑުއިވުނީ އަސްރާރު މަރުވެފައި އޮއްވައި ތުނޑީކޮޅުން ފެނުނު ވާހަކައެވެ. އަސްރާރުގެ މަރާގުޅިގެން ދެކެވެމުންދިޔަ ވާހަކަތަކާއެކު ޖިންސީގޮތުން އޭނާއަށް އަނިޔާތަކެއް ލިބިފައިވާ ވާހަކަ ވެސް ރަށުތެރޭގައި ދެކެވެމުން ދިޔައެވެ.

” އެހެންނޭވާނީ. އެހާވަރު ދައްކާލިއޭ. ” އެވާހަކަތައް އަޑުއިވުމާއެކު ސަމްސާދަށް ބުނެލެވުނެވެ. އެހެނަސް އޭނާގެ ވާހަކަތައް އެހެން މީހަކަށް އަޑު ނީވުނުކަން ނަސީބެކޭ ވެސް ހިތަށް އެރިއެވެ.

ސަރުކާރުގެ ކަމާބެހޭފަރާތްތަކުން ވަރަށް އަވަހަށް ރަށަށް އައިސް އަސްރާރުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަން ފެށިއެވެ.

އަސްރާރުގެ މަރާއި ގުޅުންހުރި އެންމެގިނަކަންތައް ފެނުނުމީހަކީ ސަމްސާދެވެ. އެހެނަސް އެވާހަކަތައް ދައްކާކަށް ސަމްސާދު ބޭނުމެއް ނުވެއެވެ. ސަމްސާދަށް ތުނޑިމަތިން ވަސްމާ ފެނިގެން އޭނާގެ ފިރިމީހާއަށް ފޯނުކުރިއިރު، އޭނާގާތުގައި ވަސްމާ ނިދާފައިއޮތްކަމަށް އޭނާގެ ފިރިމީހާ ވަނީ ބުނެފައެވެ. އަކްމަލްގާތުގައި ވަސްމާ ނިދަންއޮތްކަމަށް އަކްމަލް ބުނިއިރު، އަސްރާރުއާއެކު ތުނޑިމަތީގައި އުޅުނީ ވަސްމާކަން ސަމްސާދަށް ވެސް ޔަގީނެވެ.

މަންޒަރު ފެނުނީ ސަމްސާދަށެވެ. އެހެނަސް ބައެއް ވާހަކަތަކަކީ ތިމާއަށް ފެނުނީމަ ނޫނީ ގަބޫލުނުކުރާނެ ވާހަކަތަކެވެ. އެހެން މީހުންގެ ބަހުންނަމަ އެއީ ކުށްހީއެކެވެ. ނުވަތަ ވަހުމެކެވެ. އެހެންކަމުން އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ.

– ނިމުނީ –

2
0

1 ކޮމެންޓް: ލިޔުން ”ތުނޑިމަތިން“

Leave a Reply

Your email address will not be published.