ލޯބީގެ

ލޯބިވެރިޔާ

ވިޖުދާން މަސައްކަތް ކުރަމުންދާ އޮފީހަކީ ސައުވީސްގަޑިއިރު ހިދުމަތްދޭ އޮފީހެކެވެ. ހަމައެހެންމެ މަސައްކަތްތައް ހުންނަގޮތުން ދުވާލުގެ ހަތަރުދަމާއި ރޭގަނޑުގަޑީގައި މަސައްކަތްކުރަން ޖެހުމަކީ ކޮންމެ މުއައްޒަފެއް ވެސް ކުރަންޖެހޭ ކަމެކެވެ. އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަމުންދާ މަސައްކަތުގެ ގޮތުން އޮފީހުގައި އެންމެގިނަވަގުތު ހޭދަކުރަންޖެހޭ މީހުންގެ ތެރޭގައި ވިޖުދާނު ވެސް ހިމެނެއެވެ.

އޮފީހުގެ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަގުތުތައް ފުރާލުމަށް ވިޖުދާނު އާންމުކޮށް ކުރާކަމަކީ ފޭސްބުކް ބޭނުންކުރުމެވެ. ފޭސްބުކް ބޭނުން ކުރުމަށް އޭނާ ހިފާފައިވާ ދެއްވެއްގެ ސަބަބުން މަސައްކަތްތައް ގަޑިއަށް ނުނިމި އޮފީހުގައި މަޑުކުރަން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. އެހެނަސް އެކަމަކާ އޭނާ ހާހެއް ނުވެއެވެ. ގަޑިއަށް މަސައްކަތްތައް ނުނިމުނަސް ފޭސްބުކުން އޭނާ ނިންމަންޖެހޭ ކަންކަން ބަރާބަރަށް ކުރިޔަށް ގެންދަންޖެހޭނެކަމުގައި އަބަދުވެސް އޭނާގެ ހިތް ބުނެއެވެ.

ރައްޓެއްސަކާއިއެކު ނުވަތަ ރައްޓެހިގުރޫޕްއަކާއެކު ކޮފީއަކަށް ދިޔަޔަސް ވިޖުދާނުގެ ކަމަކީ ފޭސްބުކް ބޭނުންކުރުމެވެ. ކުރީކޮޅު އެކަން މައްސަލައަކަށް ވިސް މިހާރު އެކަން މައްސަލައަކަށް ނުވެއެވެ. ވިޖުދާނު ގަބޫލުކުރާ ޒަމާނީ ތަރައްޤީގެތެރެއަށް އޭނާގެ ގިނަރައްޓެހިންތަކެއް ވަދެއްޖެއެވެ. ފޭސްބުކް ބޭނުންކުރުމާއި ނެޓްގައި ހޭދަކުރާމިންވަރު އެމީހުންގެ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން ވިޖުދާނަށް ލިބެމުންދިޔަ ހިތްހަމަޖެހުން އިތުރުވަމުން ދިޔައީ އޭނާގެކޮޅަށް ބައިގިނަވާތީކަން ޔަގީނެވެ.

ފޭސްބުކް މެދުވެރިކޮށް ޢާއިލާގެމެންބަރުންނާއި ރައްޓެހިންނާއި މުޢާމަލާތްކުރުމުގެ އިތުރުން އެހެންމީހުންނާއި ވާހަކަދައްކަން ވަކި އައިޑީއެއް ވިޖުދާން ގެންގުޅެއެވެ. އޭނާގެ އެހެން ވެސް ބައެއް ރައްޓެހިންނެކޭ އެއްފަދައިން މީހުން ހައްދާލާ މަޖާކޮށްލުންކަހަލަ ކަންތައްތައް ކޮށްލަން ޖެހޭނެކަމުގައި ވިޖުދާން ވެސް ގަބޫލުކުރެއެވެ.

ވިޖުދާން ބޭނުންކުރަމުންދާ އަންހެން އައިޑީއަކީ ވަރަށްކާމިޔާބު އައިޑީއެކެވެ. އައިޑީއުފަންކޮށް ފޭސްބުކް ބޭނުންކުރަން ފެށިތާ ސައުވީސްގަޑިއިރު ހަމަނުވަނީސް އެތައް ސަތޭކަ ފުރެންޑްރިކްއެސްޓް އައެވެ. މުޅިން ވެސް ހުރީ ފިރިހެނުންގެ ރިކްއެސްޓްތަކެވެ. މިކަމުން ވެސް އަންގައިދެނީ މިކަމަށް ދިވެހިން ދެމުންދާ ސަމާލުކަންނޫން ދެން އެހެން ކޮންއެއްޗެއް ބާއެވެ.

އޮންލައިންކޮށް ދިމާވާ ކޮންމެ ފިރިހެނަކާއި ވެސް ވިޖުދާން ވާހަކަދައްކަމުން ދަނީ ވަރަށްބޮޑަށް ހުޅުވާލެވިފައިވާ ސާފު ހިތަކާއި އެކުގައެވެ. އެއްވެސް ކަމެއް ސިއްރުކުރުމެއް އޮޅުވާލުމެއްނެތި ތެދުވެރިކަމާއެކުގައެވެ. ޒަމާނީ ޒުވާނުން ގަޔާވާފަދަ އޯޕަންމައިންޑެޑް އަންހެންކުއްޖެއްގެ ގޮތުގައި ވެސް މެއެވެ.

އެއައިޑީގެ ސަބަބުން ލިބެންފެށި ކުރިއެރުމާއެކު ވިޖުދާން އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. ވާނުވާނޭނގޭވަރަށް އެތައް ޒުވާނުންނެއް ވަލުވެއްދިއެވެ. އެބައިމީހުންގެ އަތުން އެތައްބައިވަރު ފޯނުކާރޑާއި ބަރަހަނާފޮޓޯ ހޯދިއެވެ. ބައެއްމީހުން ބުލެކްމެއިލް ވެސް ކުރިއެވެ.

ކިތަންމެވަރަކަށް މީހުނަށް އޮޅުވާލާ މަކަރުހެދި ނަމަވެސް، ދުވަހަކު ވެސް އެހެންމީހަކަށް އޭނާއަށް މަކަރުހަދާ އޮޅުވާނުލެވޭނެ ކަމާއި ލަނޑެއް ނުދެވޭނެކަމުގައި އަބަދު ވެސް އޭނާ ގަބޫލުކުރެއެވެ. އެފަދަ ކޮންމެމީހެއްގެ އަތްދަށުން ސަލާމަތްވާނެ ކުޅަދާނަކަމާއި އުކުޅުތައް އަދި ހުނަރާއި ތަޖުރިބާ ލިބިފައިވާކަން އޭނާ ގަބޫލުކުރަނީ އަމިއްލައަށް ފަހްރުވެރިވާ ހާލުގައެވެ.

މެންދަމުން އަލިވެ ދޭއްޖަހާކަން ހާއިރެވެ. ޑިއުޓީގެކަންތައް ހަމައަކަށް އަޅުވާލުމަށްފަހު، ހުސްވަގުތެއް ލިބުމާއެކު ވިޖުދާން އަވަސްވެގަތީ ފޭސްބުކަށް ވަންނާށެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލާ ފޯނުނަގައި ފޭސްބުކް އޮންކޮށްލުމާއެކު އެންމެފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ފުރެންޑް ރިކްއެސްޓެކެވެ. ނަމާއެކު ފެނުނު ފޮޓޯގެ ސަބަބުން އެއީ ކާކުކަން ބަލަން ކޮންމެހެން ވެސް ބޭނުންވިއެވެ.

ރިނާސާގެ ނަމުގައި ހަދާފައިވާ އެއައިޑީގައި ދެތިން އަންހެންކުއްޖަކުފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. ދާދިފަހުން ހަދާފައިވާ އައިޑީއެއްކަން ތާރީހުން އެނގޭއިރު، އޭގައިވާ ފޮޓޯތަކަކީ ފެންނަކޮންމެ ފިރިހެނަކު އެރީތިކަމަށް ޝައުގުވެރިވާވަރުގެ ރީތިފުރިހަމަ އަންހެން ކުއްޖެއްގެ ފޮޓޯތަކެކެވެ. ތަފާތު ދެތިންގޮތަކަށް ނަގާފައިވާ ހައެއްކަފޮޓޯ ފެންނަމުންދިޔައިރު އެއިން ކޮންމެފޮޓޯއަކުން ވެސް ވިޖުދާނަށް ފާހަގަވަމުން ދިޔައީ އެއަންހެންކުއްޖާގެ ފެޝަންކަމާއި ޒަމާނަށް ލޯބިކުރާ މިންވަރެވެ. ފެނުނު ފޮޓޯތަކުގެ ސަބަބުން ވިޖުދާންގެ ސައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

ވިޖުދާންއެކޭ އެއްފަދައިން ކޮންމެވެސް މީހަކު އަންހެން އައިޑީއެއް ހަދައިގެން އޭނާ ހައްދަން އުޅެނީ ކަމުގައި ވިޖުދާނަށް ހީވަން ފެށިއެވެ. އެއާއެކު އެފުރެންޑްރިކްއެސްޓް ބަލައިގަތުމާމެދު ގޮތެއް ނިންމަން ދަތިވެއްޖެއެވެ. މިހާރަކަށް އައިސް ދުވަހަކަށްވުރެ ދުވަހެއް އެކަހަލަމީހުން ގިނަވަމުންދާ ދިއުމަކީ ކަންބޮޑުވާންޖެހޭކަމެއްކަން ވިޖުދާނަށް ވެސް އެނގެއެވެ.

ކުޑައިރުކޮޅަކު ވިސްނަން ވިސްނަން އިނުމަށްފަހު، ވިޖުދާން އެރިކުއެސްޓް ބަލައިގަތީ އޭނާ ބޭނުންގޮތަށް ކަންތައް ކުރިޔަށް ނުދަންޏާއި ބްލޮކްކޮށްލުމުގެ ފުރުސަތު އޮތުމާއި ވެސް އެކުގައެވެ.

ފުރެންޑްރިކްއެސްޓް އެސްސެޕްޓް ކޮށްލުމާއެކު ވިޖުދާނަށް ފެނުނީ އޭނާއެކޭ އެއްފަދައިން ރިނާސާ ވެސް އޮންލައިންގަ އިންދަ އެވެ. އޮންލައިން ލިސްޓް ޗެކްކޮށްލިއިރު ރިނާސާ ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ.

ދަންވަރުގެ މިފޫހިކަމާއި އެކަނިވެރިކަން ފިލުވާލަން މިލިބުނީ ރަނުގެ ފުރުސަތެއްކަމުގައި ވިޖުދާނަށް ގަބޫލުކުރެވުނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެގޮތުން އެކަންވޭތޯ މަސައްކަތްކޮށްލުމަށް ވެސް ނިންމިއެވެ.

ވިޖުދާން ހައި ގޮވުމާލުމާއެކު ރިނާސާ ވެސް ހައި ގޮވާލިއެވެ. ހަމައެހެންމެ ހާލު ކިހިނެތްތޯ އަހާލުމުން ހާލު ރަނގަޅުކަމަށް ބުނެ ވިޖުދާންގެ ހާލު އަހާލިއެވެ. ހާލު ރަނގަޅުކަމަށް ބުނަމުން ވިޖުދާން ވާހަކަދައްކަން ފެށުމުން ރިނާސާ ވެސް ވާހަކަދައްކަން ފެށިއެވެ.

” ފަޒްލާ! . . . ” ރިނާސާ އޭނާގެ އަސްލުނަން ބުނުމާއެކު ވިޖުދާނަށް އެނަން ކިޔާލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލަ އެވެ. އެއާއެކު ކޮންމެވެސް ކަމަކާމެދު ސައްކުވެގެން އުޅޭ ކަހަލަގޮތަކަށް އަވަސް އަވަހަށް އުމުރު ވެސް އަހާލިއެވެ.

ވިޖުދާން އަހާލުމާއެކު ފަޒްލާ އޭނާގެ އުމުރު ވެސް ބުންޏެވެ. ފަޒްލާގެ އުމުރާއި ނަން ވިޖުދާންގެ އަންހެނުންގެ ނަމާއި އުމަރާ ދިމާވި ނަމަވެސް، އެއީ އޭނާގެ އަންހެނުން ނޫންކަން ވިޖުދާނަށް ޔަގީނެވެ. ހަމައެހެންމެ އޭނާގެ އަންހެނުންނަކީ ދުވަހަކު ވެސް ފޭސްބުކް ބޭނުން ނުކުރާ މީހެއްކަމާއި ބޭނުންކުރަން ނުވެސް އެނގޭނެކަން ވިޖުދާނަށް ޔަގީނެވެ.

ކަންތައް ދިމާވީ ވިޖުދާން ހީކުރިގޮތަކަށް ނޫނެވެ. ފަޒްލާއާ ވާހަކަދައްކަން އޭނަ ކިތަންމެ ބޭނުންވި ނަމަވެސް ކުޑައިރުކޮޅަކު ވާހަކަދައްކާލުމަށްފަހު، ފަޒްލާ އޮފްވެއްޖެއެވެ. އެކަމުގެ ސަބަބުން ވީ ފޫއްސާއެކު ރުޅިވެސް އާދެވިއްޖެއެވެ.

ރިނާސާގެ ނަމުގައި އުޅޭ ފަޒްލާގެ ޕްރޮފައިލްއާ އޭނާގެ ރައްޓެހިންގެ ފޭޖްތަކުން ލިބެންހުރި ހުރިހާ މަޢުލޫމާތެއް ވިޖުދާން ހޯދިއެވެ. އެހެނަސް އޭނަ އެންމެބޭނުންވާ މަޢުލޫމާތެއް ކުރިއެރުމެއް ނުލިބުނެވެ.

ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ގޮސް ވިޖުދާން އެންމެފުރަތަމަ ވެސް ކުރިކަމަކީ އޭނާގެ އަންހެނުންނަށް ނޭނގޭނެހެން ފޯނު ޗެކްކުރުމެވެ. ފޯނުޗެކްކޮށް ނިންމާލިއިރު ހުރިހާކަމެއް ވެސް ވަރަށް ސާފެވެ. އެންމެފުރަތަމަ ވެސް އޭނައަށް ގަބޫލުކުރެވުނު ފަދައިން ރޭގައި ފޭސްބުކުން އޭނާއާ ވާހަކަދެއްކީ އެހެން ފަޒްލާއެކެވެ. އޭނާގެ އަންހެނުންގެ ފޯނުގައި ފޭސްބުކް ޕްރޮގްރާމް ވެސް ނެތެވެ.

ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައިރު، ވިޖުދާން އާއި ފަޒްލާގެ މެދުގައިވާ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދިޔައެވެ. ރަހުމަތްތެރިކަމުން ދެކެވެންފެށުނު ވާހަކަތައް އެއަށްވުރެ ގާތްވަމުން ދިޔައެވެ.

ވިޖުދާން މަސައްކަތްކުރަމުން ދިޔަ ފަދައިން ފަޒްލާ، ވިޖުދާނާއި ގާތްވަމުން ދިޔައެވެ. ވިޖުދާން އެދުނުފަދައިން ކޮންމެރެއެއްގެ ދަންވަރު ޑިއުޓީންބޮޑުބައެއް ވިޖުދާނުއާއެކު ފޭސްބުކްގައި ފަޒްލާ ހޭދަކުރަމުން ދިޔައެވެ. ފަޒްލާގެ ފަރާތުން ވިޖުދާނަށް ލިބެމުންދިޔަ ޖަވާބުތަކުގެ ސަބަބުން ވިޖުދާން ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އޭނާ ބޭނުންވާ ފަދައިން ފަޒްލާގެ ފަރާތުން ފޮނިމީރުކަން ލިބޭނެކަމުގެ އުންމީދުތައް އިތުރުވަމުން ދިޔައެވެ.

ފަޒްލާއާ ވިޖުދާން އަބަދުވެސް ޗެޓްކޮށް ހަދަނީ ވިޖުދާންގެ ޑިއުޓީގަޑީގައެވެ. އޭނާގެ ޑިއުޓީތައް ރޭވިފައިވާގޮތް ބަރާބަރަށް ފަޒްލާއަށް ކިޔައިދެމުންދާތީ ވިޖުދާން އޮންވާ ކޮންމެގަޑިއަކު ފަޒްލާއާ ދިމާވެއެވެ. އޭނާއެކޭ އެއްފަދައިން ފަޒްލާ ވެސް ހުންނަނީ އޭނާއާ ވާހަކަ ދައްކަން ވަރަށް ބޭނުންވެފައިކަން ފަޒްލާ ބުނަމުންދާ ބުނުންތަކުގެ އިތުރުން ޢަމަލުން ވެސް ވިޖުދާނަށް ފެންނަމުން ދިޔައެވެ. ބައެއްފަހަރު ވިޖުދާނަށް ވުރެ ކުރިން ފަޒްލާ ގޮވާލައެވެ.

ފަޒްލާ ބުނާގޮތުން އޭނާއަކީ ވަރަށް މުހިންމުވެގެން ނޫނީ ގެއިން ބޭރަށް ނުކުންނަ މީހެއް ނޫނެވެ. ވަޒީފާއަކަށް ނުދިޔަ ނަމަވެސް ގޭގައި އޭނާ ވަރަށް ބިޒީއެވެ. ގަޑިން ގަޑިއަށް ކައްކައި ކާންހެދުމުގެ އިތުރުން ގޭގައި ކުރަން ހުންނަ އެހެން ހުރިހާކަމެއް ކުރަނީ އޭނާ އެކަނި މާއެކަންޏެވެ. އޭގެއިތުރުން އޭނާގެ ބައެއް ރައްޓެހިންނާއި އެބައިމީހުންގެ ދަރިންގެ ބައެއްހެދުންތައް ފަހައިދިނުމުގެ މަސައްކަތް ވެސް އޭނާ ކުރަމުން ދެއެވެ. އެމަސައްކަތް އޭނާ ކުރަނީ ހިލޭސާބަހަށް ނަމަވެސް އޭނާގެ ރައްޓެހިންނަކަށް އެގޮތެއް ކަމަކު ނުދެއެވެ. އެހެންވެ އެބައިމީހުންގެ ފަރާތުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ކުއްލިއަކަށް ޖީބުން އާދައިގެފޯނެއްނަގާ އަވަސް އަވަހަށް ވިޖުދާން ގުޅާލީ އޭނާގެ އަންހެނުން ފަޒްލާ އަށެވެ. އެހެނަސް ފޯނެއް ނުނަގައެވެ. ފޭސްބުކްން އޭނާ ވާހަކަދައްކަމުންދާ ފަޒްލާ ބަރާބަރަށް ވާހަކަދައްކަމުންދާތީ، ދެފަޒްލާގެ ފަރާތުން އެއްގޮތް ކިތަންމެކަމެއް ފެނުނު ނަމަވެސް މިއީ ދެމީހުންކަން ވިޖުދާނަށް ޔަގީންވިއެވެ.

ދެމަހެއްހާ ދުވަހު ފޭސްބުކުން ދެކެވުނު ވާހަކަތަކަށްފަހު، ވިޖުދާން އެދެމުންދާ އެދުމުގެމަތިން އޭނާއާ ބައްދަލުކުރަން ފަޒްލާ އެއްބަސްވިއެވެ. ބައްދަލުވުމަށް ދާނެތަނާއި ގަޑި ހަމަޖެއްސީ ވިޖުދާނެވެ. ވިޖުދާންގެ ކޮންމެވާހަކައެއް އެއްވެސް ސުވާލެއް ސަކުވާއެއް ކުރުމެއްނެތި ބަލައިގަންނަ ފަޒްލާ އެކަމުގައި ވެސް ވިޖުދާންގެ ނިންމުން ބަލައިގަތެވެ. ދެމީހުން ވެސް އެތަނަށް ދިއުމަށް ހަމަޖެއްސީ އެކަންޏެވެ. އެ ފޮނިމީރު ބައްދަލުވުމަށް އެހެން އެއްވެސް މީހެއްގެ ފަރާތުން ހިޔަންޏެއް އެޅޭކަށް އެދެމީހުންކުރެ އެކަކު ވެސް ބޭނުމެއް ނުވެއެވެ. އަދި އެދެމީހުން ފިޔަވާ އެހެންމީހަކަށް އެކަން އެނގޭކަށް ވެސް އެދެމީހުން ބޭނުމެއް ނުވެއެވެ.

ލޯބީގެ ފުރަތަމަ ފެނިލުން ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ފެނިލުމަށް ވިޖުދާން ކެތްތެރިކަން ކުޑަވެފައިވާއިރު، ފަޒްލާގެ ފަރާތުން ވެސް ލިބެމުންދިޔައީ އެފަދަ މެސެޖްތަކެވެ. ވީހާވެސް މިނިވަންކޮށް ބައްދަލުކުރުމަށް ވެސް ދެމީހުން ބޭނުންވެއެވެ.

ރޭގަނޑު އަށެއްޖަހާކަން ހާއިރެވެ. ވިޖުދާން ތައްޔާރުވަމުން ދިޔައީ ބޭރަށް ދާށެވެ. އެހެނަސް އޭނާ ބޭރަށް އެދަނީ ކީއްކުރަން ކަމެއް އޭނާ ފިޔަވާ އެގޭ އެހެން އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންމީހަކަށް އަންގާކަށް އޭނާ ބޭނުމެއް ވެސް ނުވެއެވެ.

ކުއްލިއަކަށް މާވަރަކަށް ނަލަހެދިގެން ބޭރަށްދާން ތިޔައުޅެނީ ކީއްވެތޯ އޭނާގެ އަންހެނުންކުރި ސުވާލަށް ޖަވާބުދެމުން ވިޖުދާން ބުނީ ކުއްލިއަކަށް އޮފީހަށްދާން ޖެހިގެން ދަނީ ކަމަށާއި ކާން ނާދެވޭނެކަމަށެވެ. ގޭމީހުންނާއި އެކުގައި ކައިގެން ނިދުމަށާއި އާދެވޭނެ ވަގުތެއް ނޭނގޭކަމަށް ވެސް ބުންޏެވެ.

ވިޖުދާންގެ ވަޒީފާގެ ކަންތައްތައް ހުންނަގޮތުން މީގެކުރިން ވެސް އެގޮތަށް އޮފީހަށްދާން ޖެހޭތީ އެކަމަކާ ފަޒްލާ އަޅައެއްނުލަ އެވެ. އެއީ އޭނާއަކަށް އާކަމެއް ނޫނެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ނުވައެއް ޖަހަނީއެވެ. މުޅިރާއްޖެއަށް މަޝްހޫރު މޭރީބުރައުން ރެސްޓޯރެންޓްގެ މަތީގައިވާ އޯފަންއެއާގައި ކޮފީއެއްބޯން އިން ވިޖުދާން އިންތިޒާރުކުރަމުން ދިޔައީ ނުވައެއް ޖަހާނެ އިރަކަށެވެ. ނުވައެއް ޖަހާއިރަށް އޭނާގެ އައުލޯބިވެރިޔާ ފަޒްލާ އެތަނަށް އަންނާނެކަމަށްވަނީ ބުނެފައެވެ. ފޮޓޯތަކުން ފެންނަމުންއެދާ ރީތި ފުރިހަމަ ފަޒްލާ ހަމަލޮލަށް ފެންނައިރު އެއަށްވުރެ ރީތިވެފައި ފުރިހަމަ ވާނެކަން ވިޖުދާނަށް ޔަގީންވެއެވެ.

ފަޒްލާ އާއި އޭނާގެ ފުރަތަމަ ބައްދަލުވުން ދުވަހަކު ވެސް ފަޒްލާ ހަނދާނުން ފިލައިގެން ނުދާވަރުގެ ބައްދަލުވުމަކަށް ހެދުމަށް ވިޖުދާން ހުރީ ތައްޔާރު ވެގެންނެވެ.

ނުވައެއް ޖެހުމާއެކު ވިޖުދާނަށް ބަލާލެވުނީ އެތަނަށް ވަންނަންހުރި ދޮރާއި ދިމާއަށެވެ. ވިޖުދާން އެދުނުފަދައިން އެންމެމިހާރުގެ އަތްދިގުޓީސާޓަކާއި ކަޅުކުލައިގެ ބެލެސެއް ލައިގެންހުރި ފަޒްލާގެ ރީތިކަމާއި ފުރިހަމަކަން ފެނިފައި ވިޖުދާންގެ ހުރިހާ ހިއްސެއް ގަނޑުވި ކަހަލަ އެވެ. ބުނާނެއެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި ވިޖުދާން އިންދާ ފަޒްލާ އައިގޮތަށް އައިސް އިށީނީ ވިޖުދާންގެ ކުރިމަތީ މޭޒުގެ އަނެއްފަރާތުގަ އެވެ.

” ވަފާތެރި ތެދުވެރި އަލަތު ލޯބިވެރިޔާ! . . .  އަން. މިއޮތީ އިނގިލި. އެންގޭޖްމެންޓް އަނގޮޓި އަޅުވާ. . .  ބުނީމެއްނު ވަރަށް އަގުބޮޑު ރީތި އަނގޮޓިއެއް އަޅުވައިދޭނަމޭ. ” ވިޖުދާނުއާ ދިމާއަށް އަތްދިއްކޮށްލަމުން ފަޒްލާ އެހުރިހާވާހަކައެއް ދެއްކިއިރު ވިޖުދާނަށް އެ ވާހަކަތައް އަޑުވެސް ނީވޭކަހަލައެވެ. ނުވަތަ އަޑުއަހަން ބޭނުންނުވާ ކަހަލައެވެ.

ބުނާނެއެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި ކަހަލަގޮތަކަށް އިސްޖަހާލައިގެންއިން ވިޖުދާން ސިއްސައިގެން ދިޔައީ، އޭނާއާއެކު އެންމެދުވަހެއް ވެސް ހޭދަކުރަން ބޭނުންނުވާކަމަށާއި މިހާރުން މިހާރަށް އޭނާ ވަރިކުރުމަށް ފަޒްލާ އެދުނު ހިސާބުންނެވެ. ވިޖުދާންގެ މަކަރުވެރި ވިޔާނުދާ އުޅުމުގެ ވާހަކަތައް މީހުން ދައްކަމުންދިޔަ ނަމަވެސް، ވިޖުދާން ބުނަމުންދިޔަ ފަދައިން އޭރު އެވާހަކަތައް ގަބޫލުނުކުރާ ކަމަށާއި އެހެނަސް މިއަދު ހުރިހާކަމެއް ލޮލުންދެކި އަތުން ހިފުމުން އެވާހަކަތައް ގަބޫލުނުކޮށްވާން ނެތްކަމަށް ވެސް ފަޒްލާ ބުނަމުން ދިޔައެވެ.

އަބަދުގެ އަބަދަށް ވިޖުދާންގެ ދިރިއުޅުމާއި ދުރަށް ދިއުމަށް ނިންމައި އެތަނުން ދިއުމަށް ހިނގައިގަތްއިރު ފަޒްލާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އެހެނަސް އޭނާ ދެނެއް ފަހަތަކަށް ނުބަލާނެއެވެ. އެއައްވުރެބޮޑަށް އޭނާ ވަނީ ފަހަތްބަލައި ޔަގީންކޮށްފައެވެ.

އިންސާނުންނަށް ވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. މަކަރުވެރިކަމާއި ކެހިވެރިކަމުގައި ވިޖުދާން ހައްދުފަހަނައަޅައި ދިއުމުން އެކަން ޔަގީންކޮށް ޙަޤީޤަތް ދައްކައިދޭން ފަޒްލާ ބޭނުންވިއެވެ. ހަމައެހެންމެ ވިޖުދާނަށް ސައްކެއް ވެސް ނުވާނެހެން އެކަމަށް ތައްޔާރުވެ އޭނާ ބޭނުންވިގޮތަށް، ވިޖުދާން ވެސް ބޭނުންވިގޮތަށް ވިޖުދާންގެ އައު ލޯބިވެރިއަކަށް ވިއެވެ. ހަމައެހެންމެ ވިޖުދާން ބޭނުންވިފަދައިން ވިޖުދާނަށްޓަކައި ވަގުތުތައް ހުސްކުރި އެވެ. އެހެނަސް އެއިން އެއްވެސްކަމެއް ވިޖުދާނަކަށް ނޭނގެއެވެ. ސައްކެއް ވެސް ނުވެއެވެ.

ފަޒްލާއެކޭ އެއްފަދައިން ވިޖުދާންގެ ދެލޮލުން ވެސް ވަނީ ކަރުނަ ހިލިފައެވެ. ފަޒްލާ ބުނި ފަދައިން ވިޖުދާންވަނީ މިކަހަލަ އެތައްކަމެއް ކޮށްފައެވެ. ބައެއްކަންތައްތައް ފަޅާއެރުމުން އެކަންތައްތައް ފޮރުވަން އެތައް މަސައްކަތެއްކޮށް އެކަން ކާމިޔާބުކޮށްފައި ވެއެވެ. އެއިން ކޮންމެފަހަރަކު ވިޖުދާން ފަތުރާލާ ލޯބީގެ ދެއްކުންތެރި ދަޅާގައި ފަޒްލާ ޖެހެއެވެ. އެހެނަސް މިއަދު އެކަން އެހެން ނުވާނެކަން ވިޖުދާނަށް ވެސް ޔަގީންވެއެވެ.

ދުނިޔޭގެ އުފަލާއި މަޖަލަށްޓަކައި ކަންކަން ކުރަމުންދާއިރު ފަހުން ނުކުމެދާނެ ނަތީޖާއަކާމެދު ވިޖުދާންމެން ކަހަލަ މީހުން ކުޑަކޮށް ވެސް ވިސްނައެއް ނުލައެވެ. ވިޖުދާން ވެސް ބުނަމުން ދިޔައީ އެކަމުގައި އޭނާ މާބޮޑަށް މޮޅުވާހަކައެވެ. އޭނާއަށް ލަނޑެއް ނުދެވޭނެ ވާހަކަ އާއި އެކަމުގައި އޭނާގެ ތަޖްރިބާއާ ހުނަރު މާބޮޑަށް ވެސް ކުރީގައި އުޅޭ ވާހަކައެވެ. އެކަމުގައި އޭނާ ހޯދަމުންދާ ކާމިޔާބުތަކުގެ ފޮނި މީރު ކަމުގެ ވާހަކައެވެ.

މިފަދަކަމެއް ދިމާވެދާނެކަމަށް އޭނާ ހިތަށް ވެސް ނާރައެވެ. ވަގަކަށް ހާސްދުވަސް ވެރިއަކަށް އެއްދުވަސް ބުނާ އުސޫލުން މިއަދު މިލިބުނު ފިލާވަޅުން އޭނާ ހޭއެރިއިރު މި ވަނީ ވަގުތު ފާއިތުވެފައެވެ.

ނިމުނީ

4
1

2 ކޮމެންޓް - ލިޔުން: ”ލޯބިވެރިޔާ“

  1. ވާހަކަ ވަރަށް ރީތި. މިއީ ނީރުގެ ހިޔާލަކަށްވުރެ ބޮޑަށް މަށަށް ހީވަނީ މިއީ މީހަކަށް ދިމާވެފައިވާކަމެއްހެން .

    0

    0

Leave a Reply

Your email address will not be published.