ހަޤީޤީ ބިރުވެރި ލޯބީގެ

މީ ވީގޮތޭ

ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަށް އަހަރެއްހާ ދުވަސް ވެފައިވާ އިރު ދެ ޒުވާނުން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަކީ ދެޢާއިލާގެ ރުހުމާއި ފުރިހަމަ ތާއިދު ލިބިފައިވާ ގުޅުމަކަށް ވާކަމީ އެދެޒުވާނުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ.

ޒިހުނަތާއި ހުޒާމު އެދެޒުވާނުންގެ ލޯބީގެބައްދަލުވުންތައް ބާއްވަމުންދަނީ ޒިހުނަތުމެންގޭގައެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ލޯބީގެ އަހުދުތަކާއި ވައުދުތައްވެ މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލުކުރުމުގައި ދެގަޑިއެއްހާއިރު، ޒިހުނަތުމެންގޭ ޖޯލިފަތީގައި ތިބެއެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ހުޒާމު އޭނާގެ އާދައިގެމަތިން ޒިހުނަތާއި ބައްދަލުކުރާން ދިއުމަށްޓަކައި ގެއިން ނުކުތެވެ.

އެހެންރޭތައް ފަދައިން މިރޭވެސް ހުޒާމު ހިނގަމުން ދިޔައީ ވަލުމަގުން ނެވެ. ރަށުގެ އެހެން މަގުތަކުގައި ހުންނަވަރަށް މަގުބައްތި ނެތްނަމަވެސް، ކޮންމެ ވެސް ވަރަކަށް މަގުބައްތި ހުރުމުން ފަނޑުއަލިކަމެއް މަގަށް ފެތުރިފައިވެއެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް މަގުމެދަށް ނުކުމެ ގޮވާލި ބުޅަލުގެ ސަބަބުން ހުޒާމު ދިޔައީ ސިއްސައިގެންނެވެ. އެހެންވެ ހުޒާމުގާތަށް ކޮންމެވެސް ވަރަކަށް ރުޅި ވެސް އައެވެ.

ހިތްހަމަނުޖެހުމާއެކު ބުޅަލާއި ދިމާއަށް ހުޒާމު ބަލާލިއިރު ބުޅާ ވެސް އޮތީ ހުޒާމަށް ބަލާށެވެ. އޭރު ބުޅަލުގެލޮލުން ކޮންމެ ވެސް ވަރެއްގެ އަލިކަމެއް ފާޅުވާންހުއްޓެވެ.

ދެތިން ފަހަރަކު ފައްސާލުމުން ވެސް ބުޅާ އޭނާގެ ކުރިމަތިން ދުރަށް ނުދިއުން ވެގެން ދިޔައީ ހުޒާމުގެ ހިތްހަމަ ނުޖެހުން ރުޅިވެރިކަމަށް ބަދަލުވެގެންދިޔަ ކަމަކަށެވެ.

އަވަސް އަވަހަށް ވަށައިގެން ހޯދާލިވަގުތު ހުޒާމުގެ ލޮލުގައި އަޅައިގަތީ އެތަނާއި މާދުރުނޫން ހިސާބެއްގައި އޮތް ގާގަނޑެކެވެ. ގާގަނޑު ނެގުމާއެކު ވަގުތު ބޭކާރު ކޮށްލުމެއްނެތި ގާގަނޑު އެއްލާ ބުޅަލުގެ ގައިގާ ޖެހިއެވެ.

ގާގަނޑުން ބުޅަލުގެގައިގާ ޖެހުމާއެކު ފާޑެއްގެ ބަރުއަޑެއް ލައްވާލާފައި ބުޅަލުބުޑު އުނބުންޖެހީމާ ދިޔަހެން ބުޅާ ދުވެގޮސް ފިލައިފި އެވެ. ދަމުން ދަމުން ހުޒާމު ބަލާލިއިރު އެގާނޑުގައި ކޮންމެވެސް ވަރަކަށް ލޭގެއަސަރު ހުއްޓެވެ.

ޒިހުނަތާއި ބައްދަލުކުރާން ކެތްތެރިކަން ކުޑަވެފައިވާ ހުޒާމު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ޒިހުނަތުމެން ގެއާ ދިމާއަށް ހިނގައިގަތެވެ. އެހެނަސް ތަންކޮޅަކަށްވެސް ނުދެވެނީސް ލޯމައްޗަށް އަނދިރިވެލާފައި ހުޒާމު ވެއްޓިއްޖެއެވެ.

އެހެން ރޭތައް ފަދައިން ހުޒާމްގެ އިންތިޒާރުގައި ޒިހުނަތު ޖޯލިފަތީގައި އިނެވެ.

ޒުވާނުންގެ މަރުކަޒުތެރޭގައި ކުޅެމަޖާކުރާން ސަމްސާދުމެން ތިއްބެވެ. ތަފާތު ދެތިން ގެއަކަށް ވަނުމަށްފަހު އުދުހެމުން އުދުހެމުން އައިސް ޒުވާނުންގެމަރުކަޒު ތެރެއަށްވަތް ހުދުކުލައިގެ ދޫނި އެންމެނަށް ވެސްފެނުނެވެ. ނުހަނުރީތި އެހާމެއޮޅު އެދޫނި ހިފުމުގެ ސަޢުޤުވެރިކަން އެންމެންގެ ހިތުގައި އުފެދި އެކަމާ މަސްވަރާ ކުރެވިއްޖެއެވެ.

ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން އެކިމީހުން އެކިދިމާއިން އެ ދޫންޏާއި ގާތްވި ވަގުތު ދެމީހެއްގެ ދޭތެރޭން ދެމިގަނެގެން އެދޫނި މަގަށް ނުކުތެވެ. އެދޫނީގެ ފަހަތުން އަހުމަދު މަގަށް ނުކުމެ ދުއްވައިގަތުމުން ދެންތިބި ހަމީހުން ވެސް އަހުމަދާއިއެކު ދުއްވައިގަތެވެ.

ދޫނީގެ ފަހަތުން ދުވަމުން ދުވަމުން އައި އަހުމަދުމެނަށް އާދެވުނީ ހުޒާމް ވެއްޓިފައިއޮތް ތަނަށެވެ. އެއާއެކު އެ މީހުންގެ ނަޒަރުން ދޫނި ގެއްލި ހުޒާމު ފެނިއްޖެއެވެ. އަނގަވަތަށް ކަހަލަ ގޮތަކަށް ބިންމައްޗަށް ވެއްޓިފައިއޮތް ހުޒާމު ފެނުމުން އެންމެން ވެސް ވަރަށް ހައިރާން ވިއެވެ. ހިތުގައި އެއްފަހަރާ އެތައް ސުވާލު އުފެދިގެން ދިޔައެވެ.

ވާފިރު ގޮސް ހުޒާމުގެކޮނޑުގައި ހިފާ ފުރޮޅާލިއިރު އޭނާގެ އަނގަ އާއި ނޭފަތުން ލޭ އައިސްފައި ހުއްޓެވެ. އަނގައިން މަޑު ރީނދޫކުލައިގެ ފޮނެއް ނުކުންނަމުން ދިޔައެވެ. ހުޒާމު ނޭވާލާކަމާއި އޭނާ އެއޮތީ ހެޔަށް ކޮންމެ ވެސް ގޮތެއް ވެފައިކަން އެއެންމެނަށް ވެސް ޔަގީންވިއެވެ.

އެންމެން ވެސް ބޭނުންވީ ވަގުތު ބޭކާރުކޮށްލުމެއް ނެތި ހުޒާމު އަވަހަށް ގެއަށް ގެންދިއުމަށް ކަމަށްވާތީ އަވަސް އަވަހަށް އެމަސައްކަތް ފެށިއެވެ.

ހުޒާމު ނަގައިގަނެގެން ގެއަށް ގެންދިޔައިރު އޭނާގެ ބައްޕަ ޖާބިރު އާއި އޭނާގެ މަންމަ އައިމިނަ ތިބީ އެގޭ ފެންޑާ ތެރޭގައި ޓީވީބަލާށެވެ. ހުޒާމުގެ ހާލަތު ފެނުމާއެކު އައިމިނައަށް ރޮވިއްޖެއެވެ.

އެމީހުންނަށް ހުޒާމު ފެނުނުގޮތާއި އެމީހުންނަށް ހުޒާމު ފެނުނުއިރު އޮތްގޮތް އައިމިނަމެނަށް ކިޔައިދިނީ ސަރަތުއެވެ.

ޖާބިރު އެދުނުފަދައިން އެތަނުން ޒުވަނަކު ގޮސް މުދިންބެއާ ބައްދަލުކޮށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.

ހުޒާމުމެން ގެއަށް މުދިންބެ ގޮސް ހުޒާމުގެ ހަށިގަނޑު ބެލުމަށްފަހު ފެންތައްޓެއް ކިޔަވާފައި ހުޒާމުގެ މޫނަށް ވިހެލިއެވެ. އެއާއެކު ކޮންމެވެސް އެއްޗެއް ކިޔަވަމުން ދެތިން ފަހަރަކު ހުޒާމުގެ މޫނުގައި ފިރުމާލިއެވެ. މުދިންބެ އެފަދައިން ޢަމަލުކުރިތާ މާގިނަ އިރެއް ނުވަނީސް ހުޒާމު ލޯ ހުޅުވާލިއެވެ. ހޭއެރުމާއެކު ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ އެނދުގައި އިށީންނަމުން ވަށައިގެން ހޯދާލީ ހައިރާންކަމާއި އެކުގައެވެ.

” މަންމާ!. ކިހިނެއްވީ ؟ ” ވަށައިގެން ހޯދާލުމަށްފަހު އައިމިނައަށް ބަލާލަމުން ހައިރާންކަމާއިއެކު ހުޒާމު އަހާލިއެވެ.

” މިއީ އެއްވެސް ކަމެއްނޫން …. ފެންވަރައިގެން ނިދާލާ.” ހުޒާމުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނާގެ ބޮލުގައި ފިރުމާލަމުން މުދިންބެ ބުންޏެވެ.

މުދިންބެގެ އެބުނުމަށް އެއްބަސްވަމުން އާނއެކޭ ބުނާފަދައަކުން ހުޒާމު ބޯޖަހާލިއެވެ.

އައިމިނަ އާއި ޖާބިރުގާތު މުދިންބެ ބުނީ އެއީ މާބޮޑުކަމެއް ނޫންކަމަށާއި ކަމެއް އުޅޭކަމަށް ސައްކު ވާނަމަ އޭނާއަށް އަންގާލުމަށެވެ.

ހޯމަވިލޭރޭގެ އިރާކޮޅުވަގުތެވެ. ޒިހުނަތުއާ ބައްދަލުކުރުމަށްޓަކައި ޒިހުނަތުމެން ގެއަށް ހުޒާމު ދިޔައިރު އޭނާގެ އިންތިޒާރުގައި ޒިހުނަތު ހުއްޓެވެ.

އެހެންރޭތައް ފަދައިން މިރޭވެސް ޒިހުނަތާއި ހުޒާމު ވާހަކަދައްކަން ތިބީ ޒިހުނަތުމެން ގޯތިތެރޭގައިވާ ޖޯލިފަތީގައެވެ.

ފެންޑާތެރޭގައިތިބި ސާތިރާ އާއި އަލީ ސިއްސައިގެން ދިޔައީ، ވޭނުން ފުރިގެންވީ ބާރުއަޑަކުން ޒިހުނަތު ރޮއިގަތްއަޑު އިވުމުންނެވެ.

ސާތިރާ އާއި އަލީ ދުވެފައި ބޭރަށް ނުކުތްއިރު ޒިހުނަތާއި ހުޒާމު ތިބީ ޖޯލިފަތި ކައިރީގައި ކޮޅަށެވެ. ހުޒާމު ދެއަތުން ހިފަހައްޓައިގެން ހުރެ ޒިހުނަތުގެ ކަރަށް ބާރު ކުރަމުން ދިޔައިރު، އޭނާގެއަތް ދުރައްލެވޭތޯ މަސައްކަތް ކުރަމުން ސަލާމަތަށް އެދި ޒިހުނަތު ރޮއި ހަޅޭލަމުން ދިޔައެވެ.

ފެނުނު މަންޒަރުގެ ސަބަބުން ސާތިރާ އާއި އަލީއަށް ލިބުނު ހައިރާންކަމާއެކު ރުޅިވެސް އައެވެ. ހުޒާމުއޭ ކިޔާ ހަޅޭލަވައި ގަންނަމުން އަލީ އައިސް ޒިހުނަތުގެ ކަރުން ހުޒާމުގެއަތް ނައްޓާލަމުން ދުރަށް ކޮށްޕާލިއެވެ. އެވަގުތު ހުޒާމު ވިއްސައިގެން ގޮސް ޖެހުނީ ޖޯލިފަތި މައްޗަށެވެ.

ޒިހުނަތު ރޮމުން ރޮމުން ގޮސް ސާތިރާގެ ގައިގާ އޮޅުލައިގަތެވެ.

ނުހަނު ރުޅިއައިސްފައި ހުރެގެން ހުޒާމްއާ ދިމާއަށް އެއްޗެތި ކިޔަމުންދިޔަ އަލީ އާއި ދިމާއަށް ހުޒާމު ބަލާލީ ރުޅި އައިސް ރަތްވެފައިވާ ފަދައަކުންނެވެ. ހުޒާމުގެ އެބަލާލުން ފެނިފައި ސާތިރާ ބިރުގަނެ ޖެހިލުންވިކަން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވިއެވެ.

ވަގުތު ބޭކާރުކޮށްލުމެއްނެތި ފުންމައިގެން ކަހަލަ ގޮތަކަށް ހުޒާމު އައިސް އަލީގެ ކަރުގައިހިފާ ބިންމައްޗަށް ވައްޓާލި އެވެ. އަދި މަދުސިކުންތުކޮޅެއް ތެރޭގައި އަލީގެ މޭމައްޗަށް އަރާ އިށީނެވެ.

ކަންތައް ވަމުންދާގޮތް ބަލާން ހުރުމަކީ ކެތްވާވަރުގެ ކަމަކަށް ނުވުމުން ޒިހުނަތު ގޮވައިގެން ސާތިރާ މަގަށް ނުކުމެ ސަލާމަތަށާއި އެހީތެރިކަމަށް އެދި ގޮވާންފެށި އެވެ.

އެހީއަކަށްއެދި ރޮއި އާދޭސް ކުރަމުންދިޔަ ސާތިރާގެ އަޑު އިވުމާއެކު ދެތިން ފިރިހެނަކު ދުވެފައި ކަހަލަގޮތަކަށް އެތަނަށް އައިސްފި އެވެ. ހާސްވެ ކަންބޮޑުވެފައިތިބި ސާތިރާ އާއި ޒިހުނަތަށް ވާހަކަ ދެއްކޭވަރެއް ނުވިއެވެ. އެހެންކަމުން އަތުގެ އިސާރާތުން އެމީހުން ދައްކާލީ ގޯތި ތެރެއެވެ.

ގޯތިތެރެއަށް ވަތްވަގުތު ފެނުނު މަންޒަރުގެ ސަބަބުން އެއެންމެން ވެސް ހައިރާންވެ ކަންބޮޑުވިއެވެ.

އަލީގެ މޭމަތީގައި އިށީނދެލައިގެން އަލީގެ ކަރުގައި ހިފައިގެން އިން ހުޒާމުގެ އަތް ނައްޓާލާން މަސައްކަތް ކުރި މީހުންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ހުޒާމުގެގައިގާ އެވާ ބާރަކީ އޭނާގެ އަމިއްލަބާރު ނޫންކަން އެމީހުނަށް ޔަގީން ވިއެވެ.

ހައެއްކަ ފިރިހެނުންކުރި ބުރަމަސައްކަތުން ހުޒާމްގެ އަތްދަށުން އަލީ ސަލާމަތްކުރި ނަމަވެސް ، ހުޒާމް ހިފެހެއްޓުމަކީ އެމީހުނަށް ފަސޭހަ ކަމަކަށް ނުވިއެވެ. ހުޒާމް އެހުރީ ޖިންނި އަވަލާފައިކަމަށް މީހަކު ބުނުމާއިއެކު މުދިންބެ ބަލައި އެހެން މީހަކު ދުއްވައިގަތެވެ.

މުދިންބެ އައިއިރު ހުޒާމުއޮތީ އެގޭ ފެންޑާތެރޭ ފަތްޖެހި އެނދެއްގައެވެ. އޭރުވެސް ފަސް ފިރިހެނުން އޭނާގެ އަތްފައިގާ ހިފަހައްޓައިގެން ތިއްބެވެ.

ހުޒާމުގެ ޚާލަތު އެނގުމުން ޒިހުނަތުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

މުދިންބެ އައިސް ވާރޭފެންތައްޓެއް ކިޔަވާފައި ހުޒާމުގެ މޫނަށް ވިހެލިތާ މާގިނައިރެއް ނުވަނީސް  ހުޒާމުގެ މުޅި ހަށިގަނޑުން ބާރު ދޫވެއްޖެއެވެ.

ހުޒާމުގެގައިގާ ހިފަހައްޓައިގެންތިބި މީހުން އޭނާގެ ގައިން ދޫކޮށްލާފައި ދުރަށްޖެހުމަށް މުދިންބެ ބުނުމުން އެމީހުން އެފަދައިން ކަންތައް ކުރިއެވެ.

ހުޒާމް ލޯހުޅުވާލީ ދެތިންމިނިޓް ފަހުންނެވެ. އެއާއެކު ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފައިބަމުން ވަށައިގެން ހޯދާލިއެވެ.

”މީކޮންބައެއް ؟  ޒިހުނަތު ކޮބާ ؟ ”  ހައިރާންކަމާއެކު އަލީއާ ދިމާއަށް ބަލާލަމުން ހުޒާމު އެހިއެވެ.

” މިއީ އެއްވެސްކަމެއް ނޫން …. ދެން އެހެން ފަހަރަކުން ޒިހުނަތު ހޯދާން އަންނާނީ … މިހާރު ދެން މިރެއަށް މާބޮޑަށް ލަސްވެއްޖެ.” ހުޒާމުގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރެ މުދިންބެ ވާހަކަދެއްކިއެވެ. ކަމަކާއި ހާސްވެ ކަންބޮޑުވެފައިވާ ފަދަ އެއްވެސްކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ.

” ޒިހުނަތު ކައިރީ ބުނެލާފައެއްނު ދާނީ. ” މުދިންބެއަށް ބަލާލަމުން ހުޒާމު ބުނެލިއެވެ.

މުދިންބެގެ އިޝާރާތަށް ޒިހުނަތަށް އަލީ ގޮވާލިއެވެ.

ކޮޓަރިތެރޭގައިތިބި އައިމިނަ އާއި ޒިހުނަތަށް އަލީ ގޮވާލިއަޑު އިވުމުން ކޮޓަރިން ނުކުތެވެ. ހުޒާމަށް ޒިހުނަތު ފެނުމާއެކު އެދިމާއަށް ހިނގައިގަތެވެ. ޒިހުނަތު ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެއްވެސް މީހަކު ހާސްވެ ކަންބޮޑުނުވުމަށާއި އަޅާނުލާ ހަމަޖެހިގެން ތިބުމަށް މުދިންބެ ބުނަމުން ދިޔައީ އުންމީދާއި ޔަގީންކަމާއެކުގައެވެ.

” މިހާރު މާލަސްވެއްޖެއްނުދޯ … މާދަމާރޭ އަންނާނަން. ” ގަޑިއަށް ބަލާލުމަށްފަހު ޒިހުނަތާ ސަލާންކޮށްލަމުން ހުޒާމު ބުންޏެވެ. ހިނިތުންވުމާއިއެކު ހަމަޖެހިލައިގެންހުރެ ހުޒާމް ވާހަކަދެއްކިއިރު، ދެންމެގައި ކަމެއް ހިނގާދިޔަކަމުގެ އެއްވެސް ހިލަމެއް އޭނާއަށް ނުވާކަހަލައެވެ.

ހުޒާމުގެ ވާހަކައާ ބައިވެރިވެ އާނއެކޭ ބުނާފަދައަކުން ޒިހުނަތު ބޯޖަހާލި އެވެ. އޭރު ޒިހުނަތު ވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ.

ހުޒާމު ގޮވައިގެން ގެއަށް ދިޔައީ މުދިންބެއެވެ. ހުޒާމުމެން ގެއަށް މުދިންބެ އާއި ހުޒާމު ދިޔަ މަގުމަތީގައި ވެސް އެދެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވުނެވެ.

ހެނދުނު ދިހައެއްޖަހާކަން ހާއިރެވެ. އައިމިނައާއި ޖާބިރު އަދި މުދިންބެ ތިބީ އައިމިނަމެންގޭ ފެންޑާތެރޭގައެވެ. ތިންމީހުންގެ މޫނުމައްޗަށް އަރާފައިބަމުންދާކުލަވަރަށް ބަލާލުމުން އެނގި ޔަގީންވަނީ އެތަނުގައި ދެކެވެމުންދަނީ ވަރަށް މުހިންމުވާހަކަތަކެއް ކަމެވެ.

އައިމިނަ އާއި ޖާބިރުގާތު މުދިންބެ ބުނަމުން ދިޔައީ އެހެންކަހަލަ މަހުލޫގެއްގެ ނުރައްކާތެރިކަން ހުޒާމަށް ފޯރާފައިވާ ކަމަށެވެ. އޭނާ ސަލާމަތްކުރުމުގެ މަސައްކަތް އަވަސް ކުރުމަށާއި ލަސްވެއްޖެނަމަ ހީވެސް ނުކުރާފަދަ ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ވެސް މުދިންބެ ބުނަމުން ދިޔައެވެ.

ޖާބިރުމެން އެދުނުފަދައިން އެކަމުގައި އިތުރަށް ކުރިޔަށްދާނެ މަގުތައް މުދިންބެ ބުނެދިނެވެ. އަދި އެކަމުގައި އޭނާއަށް ވެވެންއޮތް އެހީތެރިކަމެއް ވަމުންދިޔައެވެ.

މުދިންބެ ބުނިފަދައިން ޖާބިރު އެރަށަށް ގޮސް މުދިންބެ ބުނި މީހާއާ ބައްދަލުކޮށް ވެގެންއުޅޭގޮތް ކިޔައިދިނެވެ. އަދިއެކަމުގައި އެއާއިލާއަށް އެހީތެރިވެދީ ހުޒާމު އެކަމުން ސަލާމަތް ކޮށްދީފިނަމަ ރަނގަޅުގޮތެއް ހަދާދޭނެކަމަށް ވެސް ބުންޏެވެ.

ޖާބިރުމެން އެދުނުފަދައިން ޖާބިރުއާ އެކުގައި އެރަށަށް ދިއުމަށް އީސަ އެއްބަސްވުމުން ޖާބިރު ވަރަށްއުފާވެ ހިތްހަމަޖެހުނެވެ. އެހެންވެ އެތައްފަހަރަކު އީސައަށް ޝުކުރުއަދާކުރިއެވެ.

ޖާބިރުމެންނާއި އެކުގައި ޖާބިރުމެން ރަށަށް އީސަ ދިޔައީ އެދުވަހުގެ މެންދުރެއްކަން ހާއިރުއެވެ.

އޮއްސޭ މުރިނގާއިދިމާއަށް އިރު ދަތުރުކުރަމުން ދިޔައިރު، އެރެއަށް ތައްޔާރުވުމާއިގެން ޖާބިރުމެން އުޅެމުން ދިޔައެވެ.

ހަތެއް ޖަހާކަން ހާއިރެވެ. ފެންޑާތެރޭގައިހުރި ފަތްޖެހި އެނދުގައި އޮށޯވެ ލޯމަރާލައިގެން ހުޒާމު އޮތްއިރު އޭނާގެ ނިތްކުރީގައި ހުދުކުލައިގެ ކަރުދާސްކޮޅެއް ތަތްކޮށްފައި ވެއެވެ. އަދި އެގޭގެ ބޮޑުދޮރު ކައިރީގައި ވެސް ހުދުކުލައިގެ ކަރުދާސް ކޮޅެއް ތަތްކޮށްފައިވެއެވެ. ހުޒާމު އޮށޯވެއޮތް ފަތްޖެހިއެނދުގެ އެއްފަރާތުގައި ހުރި ތިންގޮނޑީގައި ތިބި ތިންމީހުން އަޑު ހަރަކޮށް ޤުރުއާން ކިޔަވަމުން ދިޔައެވެ. އެނދުގެ ބޯލާކޮޅު ބިންމަތީގައި އަލިފާންތައްޓެއް ހުރިއިރު އީސަ މަޑުކޮށްލައިގެން ހުރީ އެތަނުގައެވެ. އޭރު އެތަނުގައި އެ ފަސްމީހުން ފިޔަވާ އެހެން މީހެއް ނެތެވެ. އީސަ ވެސް ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ.

” އެމީހުން ކޮބާ ؟  ” ކިޔެވުމާއިގެން އެތައްއިރެއް ވީފަހުން ހުޒާމަށް ބަލާލަމުން އީސަ އަހާލިއެވެ.

” އެމީހުން …. އެބަތިބި ދޮރުކައިރީ. ” އަނގަޔަށް ހަރަކާތްނައި ނަމަވެސް އަޑުނުކުތީ ހުޒާމުގެ އަނގައިންކަން އެންމެނަށް ވެސް ޔަގީނެވެ. އަޑުއައީ ތިން ހަތަރު މީހަކު އެކުގައި ބުނާކަހަލަ ގޮތަކަށެވެ.

” އެމީހުންގާތުގައިބުނޭ އެތެރެއަށް ވަންނާށޭ. ” ހުޒާމާއި ދިމާއަށް އީސަ ބުންޏެވެ. އީސަ ވާހަކަދައްކާ ވަގުތު ފިޔަވާ އެހެން ހުރިހާ ވަގުތަކު ހުންނަނީ ސިއްރު ސިއްރުން ކޮންމެވެސް އެއްޗެއް ކިޔާލަ ކިޔާލައެވެ.

” އެމީހުން ވަންނާކަށް އެއްބަހެއްނުވޭ. ” މިފަހަރު ވެސް ޖަވާބު އައީ ކުރިން ފަހަރުވެސް ޖަވާބު އައިގޮތަށެވެ.

” އެމީހުން ގާތުގައި ބުނޭ ކަލޭ ދޫކޮށްލާށޭ.”  ކުރިޔަށްވުރެ ބާރަށް އީސަ ބުންޏެވެ.

” އެމީހުންބުނީ ދޫކޮށެއް ނުލާނަމޭ. ” ހުޒާމުގެ އަނގައިން ޖަވާބު އައެވެ.

” އެމީހުން ގާތުގައި އަހާ ކީއްވެހޭ ކަލެޔާ އަވަލައިގެން ތިއުޅެނީ. ” އޭނާގެ އަތުގައިހުރި ހުދު ކަރުދާސްތަކުން ކަރުދާސްކޮޅެއް އަލިފާންތަށީގެ ތެރެއަށް ވައްޓާލަމުން އީސަ ވާހަކަދެއްކިއެވެ.

” އަހަރެމެން އޭނާ ދުލެއް ނުކުރާނަން …………. އޭނާ އެހުރީ އަހަރެމެންގެ ކޮއްކޮ ލޮލަށް ފެނުމުން މަހުރޫމު ކޮށްލާފައި. ”  ހުޒާމުގެ އަނގައިން ނުކުންނަމުންދިޔަ އަޑު ހަރުކަށިވެފައި ބާރުވިއެވެ.

” ކަލޭމެން ކޮއްކޮއަށް އޭނާ ކިހިނެއްހެދީ ؟ ” ކޮންމެވެސް ވަރަކަށް ހައިރާންވެފައި އީސަ އަހާލިއެވެ.

” އަހަރެމެން ކޮއްކޮ ބުޅަލެއްގެ ސިފާގައިއޮވެ އޭނާއަށް ރަނގަޅުމަގު ދައްކާން މަސައްކަތްކުރީ … އެކަމު އޭނާ ގާބުރިއަކުން އެއްލާޖަހައި އަހަރެމެން ކޮއްކޮގެ ލޯ ހަލާކުކޮށްލީ  .. އަހަރެމެން އޭނާ ސަލާމަތުން ހުއްޓަކަ ނުދޭނަން. ” ރުޅިވެރި ރާގަކަށް ހުޒާމުގެ އަނގައިން އަޑު ނުކުތެވެ.

” ކަލޭމެންޖެހޭތަ ކޮންމެހެން އެހެން މަޚުލޫޤުންގެ ސިފަ ސިފާގައި އިންސާނުންގެ ތެރެއަށް ނުކުންނާން. ” އީސަ ސުވާލު ކުރިއިރު އަޑާއި ހަރަކާތުން އަދި މޫނުމަތިން ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ.

ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް އެ މަޚުލޫޤުންނާއި އީސަގެ ބަހުގެ ހަމަލާތައް ވަރުގަދަ ވަމުން ދިޔައެވެ.

އެރޭގެ އެގާރަ ޖަހާންދެން މަސައްކަތް ކުރުމަށްފަހު އީސަ އެކަން ހުއްޓާލީ އެކަމުގައި އޭނާއަށް އެއްވެސް އަލިމަގެއް ކުރިއެރުމެއް ނުލިބުމުން ނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ހުޒާމުގެލޮލުގެ ފެނުމަށް ބަދަލު އަންނަމުންދިޔައެވެ. އެކަން ފާހަގަ ކުރެވި ތަކުރާރުކޮށް ބޭސް ކުރަމުން ދިޔަ ނަމަވެސް ހައްލެއް ނުލިބުނެވެ. ތަފާތު އެތައް ފަންޑިތަވެރިން މެދުވެރިކޮށް ކުރަމުން ދިޔަ މަސައްކަތް ވެސް ވީބޭކާރެވެ.

ހުޒާމަށް ދިމާވި ކަންތައްގަނޑާއެކު ޒިހުނަތު އޭނާ ދޫކޮށްލުމުން ހުޒާމަށް އިތުރު ހިތާމަތަކެއް ލިބިގެންދިޔައެވެ.

ހުޒާމްގެ ލޮލުގެ ފެނުން ގެއްލިދިއުން ގިނަބަޔަކު ގަބޫލުކުރީ އެމަހުލޫގުންގެ ބަދަލުހިފުމެއްގެ ގޮތުގައެވެ.

ނިމުނީ

0
2

5 ކޮމެންޓް - ލިޔުން: ”މީ ވީގޮތޭ“

Leave a Reply

Your email address will not be published.