ލޯބީގެ

ފަންޑިތަވެރިޔާ

ރަނާއަކީ އުމުރުން ތިރީހަކަށް އަހަރުގެ އަންހެނެކެވެ. އަލަތުކައިވެނީގެ ފިރިމީހާއާ އެކުގައި އުފާވެރި އެހާމެ ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރަމުންދާ ރަނާ އާއި އޭނާގެ ފިރިމީހާއަށް ދެދަރިން ލިބިފައިވެއެވެ.

ރަނާގެ ޒުވާން ދުވަސްވަރުން ފެށިގެން ރީތިކަމާއި ޗާލާކީކަމަށް ނަން މަޝްހޫރު ވެފައިވާއިރު، ދެދަރިންލިބި އުމުރުން ތިރީހަކަށް އަހަރު ވެފައިވީ ނަމަވެސް އޭނާގެ ރީތިކަމާއި ޗާލާކީކަމަށް ބަދަލެއް ނާއްނަކަމުގައި ގިނަބަޔަކު ބުނަމުން ދިޔައެވެ. މިހާރު އޭނާ ކުރިޔަށްވުރެ ރީތިވެފައި ފުރިހަމަކަމަށް ބުނާމީހުން ވެސް މަދެއްނޫނެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ރަނާ އާއި އޭނާގެ ފިރިމީހާ ބަސީރު އަދި ދެކުދިން ވޭތުކުރަމުން ދިޔައީ އުފާވެރި ހަމަޖެހޭ ދުވަސްތަކެކެވެ.

ރަނާ އާއި ބަސީރުގެ ދޮށީދަރިފުޅު ފައިނާޒް ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށްޓަކައި ފެރީގައި އަތޮޅުހޮސްޕިޓަލަށް ރަނާ އެކަނި ދިޔައީ ވަޒީފާގެ ކަންތައް ހުރިގޮތުން ބަސީރަށް ދެވޭގޮތް ނުވުމުންނާއި މިކަމަކީ މާބޮޑުކަމެއްކަމަށް ދެމަފިރިން ވެސް ނުދެކޭތީއެވެ.

ފައިނާޒް ޑޮކްޓަރަށް ދެއްކުމުގެ ހުރިހާކަމެއް ނިންމާލާފައި ރަނާމެނަށް ރަށަށް އާދެވުނީ ހަވީރުއެވެ.

އިރުއޮއްސި ހަތެއްޖަހާކަން ހާއިރެވެ. ކޮޓަރިތެރޭހުރި ބަސީރު ސިއްސައިގެން ދިޔައީ، ގިފިލިތެރޭގައި ހުރި ރަނާ ރޮއިގަންނަމުން ހަޅޭލަވައިގަތް އަޑަށެވެ. އެވަގުތު ގިފިލީގެދޮރާއި ދިމާއަށް ބަސީރަށް ދުއްވައިގަނެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

ގިފިލީގެ ދޮރާއި ހަމައަށް ބަސީރު ދިޔައިރު ގިފިލީގެ ދޮރުހުޅުވާލާފައި ރަނާ ނުކުމެއްޖެއެވެ. ފެންހިއްކާންގެންގުޅޭ ތުވާލި ގައިގާ އޮޅާލައިގެން ހުރިއިރު ރަނާގެ ހަށިގަނޑުން ބޮޑުބައެއްހާމަވެ ފެންނަމުން ދިޔައެވެ. އެވަގުތު އެތަނުގައި އެހެންމީހަކު ނެތްކަން ނަސީބެކޭ ހިތަށް އެރިއިރު ރަނާގެ ހާލަތު ފެނިފައި ދެލޮލުން ކަރުނަ ފާއްދާލީ ސުވާލުތަކުން ފުރިފައިވާ ހާލުގައި މީހާ ހުއްޓައެވެ.

ރޮމުން ރޮމުން ދުވެފައި ގިފިލިން ނުކުތް ރަނާ އައިސް ބަސީރުގެގައިގާ ބައްދާލުމާއިއެކު އޭނާގެ ޚަބަރު ހުސްވެގެން ބަސީރުގެ އަތްމައްޗަށް ދެމިއްޖެއެވެ. ރަނާގެ މުޅިހަށިގަނޑު ތުރުތުރު އަޅާކަމާއި ހުން ގަދަވަމުންދާކަން ބަސީރަށް ފާހަގަ ކުރެވުމާއިއެކު ބަސީރު ކަންބޮޑުވާން ފެށިއެވެ.

ވެގެންއުޅޭގޮތް ބަލާނީ ފަހުންކަމަށް ނިންމާފައި ބަސީރު އަވަސްވެގަތީ ރަނާގެ ހެދުންލައްވައި ހަށިގަނޑު ނިވާކުރާށެވެ.

މުދިންބެއަށް ފޯނުކޮށްފައި ވެގެންއުޅޭގޮތް ކިޔައިދީ އޭނާއަށް އެހީތެރިވުމަށް އައިސް ދިނުމަށް ބަސީރު އެދުމުން އެގެއަށް މުދިންބެ އަތުވެއްޖެއެވެ.

މުދިންބެ އައިސް ފެންތައްޓެއް ކިޔަވާފައި ރަނާގެ މޫނަށް ވިހެލިތާ މާގިނައިރެއް ނުވަނީސް އޭނާއަށް އެނގުން ވާންފެށިއެވެ. ވަރަށް ޝައުޤުވެރިކަމާއެކު ވަށައިގެން ހޯދާލުމަށްފަހު ރޮއިގަންނަމުން ކަހަލަގޮތަކަށް ފުންމައިގެން ތެދުވެ ބަސީރުގައިގާ ބައްދާލަމުން ރޮއިގަތެވެ.

ރަނާގެ އެޢަމަލުތަކުގެ ސަބަބުން ބަސީރުގެ ހައިރާންކަން އިތުރުވަމުން ހިތުގައިވާ ސުވާލުތައް ގިނަވަމުން ދިޔައިރު މުދިންބެ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސްވާގޮތް ވެފައެވެ. އޭނާގެ މޫނުމަތިން ހެކިދެމުން ދިޔައީ މިކަމުގައި ކޮންމެވެސް ނުރައްކަލެއް އުޅޭކަމެވެ.

އޭނާ ބޭނުންވާ ފަދައިން ރަނާއަށް ފުރުސަތުދީގެން ރަނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ ބަސީރު އިނެވެ. އޭރު އެތަނުގައި މުދިންބެ ވެސް ހުއްޓެވެ.

ކަންތައް ވަމުންދާ ގޮތުގެ ސަބަބުން ނުހަނު ކަންބޮޑުވެ ޖެހިލުންވެފައިވާ ބަސީރު އެކަމާބެހޭގޮތުން ހުއްޓުމެއްނެތި ކަހަލަ ގޮތަކަށް ސުވާލު ކުރަމުން ގެންދިޔައެވެ.

ބަސީރު ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުން މުދިންބެ ބުނީ ރަނާއަށް ދިމާވެފައިވާކަމަކީ ކޮންކަހަލަ ކަމެއްކަން ބުނާން އެނގޭނީ ވަމުންދާގޮތް ބެލުމަށްފަހު ކަމަށެވެ. ހަމައެހެންމެ ކަންތައް ވަމުންދާގޮތް ވަރަށްގާތުން ބަލަމުންދާނެކަމާއި ބަސީރަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންދާނެ ކަމަށް ވެސް ބުންޏެވެ.

ރަނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުން މުދިންބެ އޭނާގެ ގެއަށް ހިނގައްޖެއެވެ.

ވަގުތުތައް ފާއިތުވަމުންދިޔަ ނަމަވެސް ބަސީރުގެ ކިބައިން ފެންނަމުންދިޔަ ހާސްކަމާއި ކަންބޮޑުވުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަބަދު ވެސް ހުންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލި ނުތަނަވަސް ވެފައެވެ.

ދެރެއަކު ރަނާއަށް އެކަންތައް ދިމާވެގެން އެވާގޮތެއް ބެލުމަށް މުދިންބެ މަސައްކަތް ކުރިއެވެ. އަދި ވެގެން އުޅޭގޮތް ކަމަށް އޭނާއަށް ލަފާކުރެވޭގޮތް ބަސީރަށް ކިޔައި ދިނެވެ.

ރަނާއަށް ދިމާވެގެންއުޅޭ ޖިންނީގެ ކަންތަކުން އޭނާ ސަލާމަތްކުރުމަށްޓަކައި ހާދީ ގެނައީ ބަސީރެވެ. ހާދީ އަކީ އެކަހަލަ ކަންކަން ކުރުމަށް ނުހަނު ކުޅަދާނަ އަދި އެހާމެ ކާމިޔާބު މީހެއްކަމުގައި މީހުން ބުނަމުންދާ މީހެކެވެ. އަދި މިހާތަނަށް އޭނާ ކޮށްފައިވާ އެފަދަ އެއްވެސް ކަމެއް ނާކާމިޔާބު ވެފައި ނުވާކަމަށް ބުނަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

ހޯމަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ދުވަސްވަރަކީ ކަޅުފޮއި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭން ކަމާއި ފަޅުކަމެވެ. އަނދިރިކަމާއި މަޑުމައިތިރި ކަމެވެ.

ކުރީދެރޭފަދައިން މިރޭވެސް އެވަގުތާއި ދިމާކޮށް ރަނާއަށް އެކަންތަކާއި ކުރިމަތިވެއްޖެ އެވެ. އެއާއެކު ރޮއި ހަޅޭލަމުން ގެއިން ނުކުންނާން ދުއްވައިގަތެވެ. އެހެނަސް ބަސީރުމެން ތިބީ އެވަރު ވިސްނައިގެން ކަމަށްވާތީ އަވަސް އަވަހަށް ރަނާގެގައިގާ ހިފަހައްޓައި މައިތިރިކުރިއެވެ. އަދި ހާދީގެ ލަފަޔާއި މަސްވަރާގެ މަތިން ރަނާ އޭނާގެ ކޮޓަރިއަށް ވައްދާ އެނދުގައި ބޭއްވިއެވެ.

އެނދުގައި ބޭއްވުމުން ވެސް ރަނާ މަސައްކަތް ކުރަމުން ދިޔައީ އެމީހުންގެ ކިބައިން ސަލާމަތްވެގެން ދާށެވެ. މީގެކުރިން ރަނާގެ ހާލަތު ފެނިފައިވާ ބަސީރުމެން ތިބީ އެވަރު ވިސްނައިގެން ކަމަށްވާތީ ރަނާއަށް ކާމިޔާބު ލިބޭގޮތެއް ނުވިއެވެ.

ހާދީ އޭނާގެ އަތުގައިވާ ފެންތަށި ކިޔަވާލުމަށްފަހު، ރަނާގެ މޫނަށް ވިއްސާލުމާއެކު މަޑުމަޑުން ހަމައަކަށް އެޅޭން ފެށިއެވެ. އަތްފައިން ބާރު ދޫވެ ހަށިގަނޑަށް އަރާފައިވާ ބާރުގަނޑު މަޑުވާން ފެށިއެވެ.

ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި އެނދުގައި ރަނާ އޮތްއިރު ރަނާގެ ދެފަރާތުގައި ތިބެގެން ދެމީހަކު ޤުރުއާން ކިޔަވަމުން ދިޔައެވެ. ރަނާގެ ބޮލާއި ދިމާއިން އެނދުގެ ކޮޅުގައި ހާދީ ހުރެގެން ކޮންމެވެސް އެއްޗެއް ކިޔަވަމުން ދިޔައިރު އެތަނުގައި އެހަތަރު މީހުން ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. ހާދީ ބޭނުންވި ފަދައިން ބަސީރު ވެސް ކޮޓަރިން ނުކުތެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައިރު ހާދީމެން އެމީހުންގެ މަސައްކަތާއިގެން ކުރިޔަށްދިޔަ އެވެ.

ރަނާއަށް އަވަސް ސިފާއަކަށް އެދި ހިތުގެއަޑިން ދުޢާ ކުރަމުން ބޭރު ފެންޑާތެރޭގައި ހިނގާލަ ހިނގާލާ ބަސީރު ހުއްޓެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސް ކަމެވެ.

ރަނާ އާއި ބަސީރުގެ ދެދަރިން އެކުދިންގެ ކޮޓަރީގައި ފިލާވަޅު ދަސްކުރަން ތިއްބެވެ. އެކުދިންނަކަށް ވާނުވާއެއް ނޭނގެއެވެ.

ދިހައެއް ޖަހާކަން ހާއިރު ހާދީމެން އެމީހުންގެ މަސައްކަތް މެދުކަނޑާލީ، ރަނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމުންނެވެ.

ހާދީ އާއި ބަސީރު ވާހަކަދައްކާ މަސްވަރާކުރުމަށްފަހު، ފަރުވާގެ ކަންތައް ނުނިމޭތީ މާދަމާރޭ ވެސް އެމަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެއްސިއެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް މާޒީއާއެކުވަމުން ދިޔައިރު ހާދީ އޭނާގެ މަސައްކަތާއިގެން ހަރަކާތްތެރިވަމުން ދިޔައެވެ.  އެކަމުގެ ސަބަބުން ރަނާއަށް ކޮންމެވެސްވަރަކަށް ލުއި ލިބެމުންދިޔަ އެވެ.

ރަނާއަށް ލިބެމުންދިޔަ ފަރުވާގެ ސަބަބުން ބަސީރާއި އޭނާގެ އާއިލާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އެޢާއިލާގެ ކޮންމެ މީހެއްގެ ފަރާތުން ވަރަށް ސާފުކޮށް ފެންނަމުންދިޔައެވެ.

މެދުކެނޑުމެއްނެތި ރަނާއަށް ފަރުވާކުރަމުން ދިޔައީ ލިބެމުންދާ ކުރިއެރުމަށް ބަލައިގެންނެވެ. ދުވަހަކަށްވުރެ ދުވަހެއް ރަނާގެ ހާލު ރަނގަޅުވަމުން އައިސް ދިހަވަރަކަށް ދުވަސްވީރު ރަނާގެ ހާލު މުޅިން ރަނގަޅު ވެއްޖެއެވެ. އޭނާ އެދުނު އެދުމަށް އިޖާބަދީ، އެޢާއިލާއަށް ދިމާވި މުސީބާތުން އެޢާއިލާ ސަލާމަތްކޮށްދިނީތީ ހާދީއަށް ޝުކުރުއަދާކޮށް އެތައްބައިވަރު ފައިސާ ވެސް ބަސީރު ދިނެވެ.

ރަނާއަށް ބަދަލުތަކެއް އަންނަމުން ދާކަން ބަސީރަށް ފާހަގަކުރެވެން ފެށީ، އޭނާ އެބަލިގަނޑުން ސަލާމަތްވިތާ ދުވަސްކޮޅެއް ފަހުންނެވެ. ރަނާއަށް ގިނަގިނައިން ފޯނު އައުމާއި ފޯނުގައި ހޭދަކުރާވަގުތު ގިނަވަމުން ދިއުމުގެ އިތުރުން ވަކި ފޯނެއް އައިސްފިނަމަ ދެދަރިންނާއި ބަސީރުއާ ދުރައްދާކަން ވެސް އެއާއެކު ފާހަގަކުރެވެން ފެށިއެވެ.

ރަނާއަށް އަންނަމުންދިޔަ ބަދަލުތަކާއި އެކަހެރި ފޯނުތަކުގައި ހޭދަކުރާ ވަގުތު ގިނަވަމުން ދާތީ  އެކަމާބެހޭގޮތުން ރަނާ އާއި ބަސީރު ވާހަކަ ދެއްކިއެވެ. ރަނާ ގާތު ބަސީރު އެވާހަކަދެއްކީ އެކަންތައްތައް ރަނގަޅުކޮށް އިސްލާހުކުރާން ނަމަވެސް ކަންތައް ވެގެންދިޔައީ މުޅިން އެހެން ގޮތަކަށެވެ.

ނުހަނު ހިތްހަމަނުޖެހިފައިހުރެގެން ބަސީރާއި ދެބަސްވެ ޒުވާބުކޮށް ހަޅޭލުމަށްފަހު ރަނާ އަމިއްލައަށް ކޯޓަށް ގޮސް ކޯޓްމެދުވެރި ކޮށް ބަސީރު ކައިރިން ވަރިވިއެވެ. އެކަމުގެ ސަބަބުން އެދެމަފިރިންގެ ދަރިންނަށް ވާނެގޮތަކާއިމެދު ވެސް ވިސްނާކަށް ރަނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އޭނާގެ ނިންމުމާއި އެއްގޮތަށް ކަންތައްކުރާށެވެ.

ރަނާގެ އެނިންމުމުގެ ސަބަބުން ރަށުގެ ގިނަބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. ރަނާގެ އެނިންމުމާމެދު ހިތްހަމަ ނުޖެހިގެން ރަނާ އާއި ބައްދަލުކޮށް ވާހަކަ ދައްކާ މަޝްވަރާކޮށް ނަސޭހަތްދިން މީހުން ވެސް މަދެއްނޫނެވެ. ދެދަރީންގެ މުސްތަގުބަލާމެދު ވިސްނާލާފައި ނަމަވެސް ބަސީރުއާ އަލުން ގުޅުމަށް ބުނެ ވިސްނައިދިން މީހުންގެ އެވާހަކަތައް އަޑުއަހާކަށް ރަނާ ބޭނުމެއް ނުވިއެވެ. ދެމަފިރިން ވަކިވެއްޖެނަމަ ކުދިންނަށް ކުރާނެ ނޭދެވޭ އަސަރާއި އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނުމަށް ވެސް އެބައި މީހުން ބުނަމުންދިޔައެވެ.

ބަސީރާއި ވަކިވީ ކީއްވެގެންކަން ހާމަކުރާން ނޭނގުނު ރަނާ، އަލުން ބަސީރާއި ގުޅޭކަށް ވެސް ބޭނުމެއް ނުވިއެވެ.

އުފަލާއި ހިތްހަމަޖެހުމާއެކު ދިރިއުޅެމުންދިޔަ ބަސީރު އާއި ރަނާގެ ކައިވެނިރޫޅުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ބަސީރާއި އޭނާގެ ދެކުދިން ދިރިއުޅެމުން ދިޔައެވެ. ކައިވެނި ރޫޅުމުގެ ސަބަބުން ނުހަނު ފުންހިތާމައެއްގައި ބަސީރު އުޅެމުން ދިޔައިރު މައިން ބަފައިން ވަކިވުމުގެ ސަބަބުން ދެކުދިންނަށް ކޮށްފައިވާ އަސަރު މާބޮޑެވެ. އެކުދިން ދެކިލާކަށް އެކުދިންގެ ހާލު ބަލާކަށް ރަނާ ސަމާލުކަމެއް ނުދެއެވެ.

ރަނާ އާއި ބަސީރުގެ ކައިވެނިރޫޅުމުން ހައިރާންވެ ސުވާލު އުފެދިފައި ތިބި މީހުންނަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ ، ރަނާއަށް ފަރުވާ ކުރުމަށް ގެނައި ފަންޑިތަވެރިޔާ ހާދީއާ ކައިވެނިކުރުމަށް ރަނާ ރަން ކިޔުމުންނެވެ. އެއާއެކު އާންމުންގެ ހިތުގައިވާ ސުވާލުތައް އިތުރުވެގެން ދިޔައެވެ. ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ބަދަލުވެގެން ދިޔައެވެ.

ރަށުމީހުން ބުނަމުން ދިޔައީ ރަނާއަށް ފަންޑިތަ ހެދުމަށް ގެނައި ހާދީ ރަނާއަށް ފަންޑިތަ ހަދައި އޭނާއާ ހިތާކުރުވާފައިވާ ކަމަށެވެ. އެކަމުގެސަބަބުން ބަސީރު ގާތުން ވަރިވީކަމަށާއި ހާދީއާ ކައިވެނިކުރާން އުޅެނީ ކަމަށެވެ. އަދި ހާދީ ކޮށްފައިވާ ކަންތަކުގެ ބާރުގައި ރަނާއާ ކައިވެނިކުރާން އުޅެނީ ކަމަށެވެ.

ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތައް އަޑުއަހާކަށް އެވާހަކަތައް ގަބޫލު ކުރާކަށް ރަނާ ބޭނުމެއް ނުވިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް އޭނާ ބޭނުންވީ އަދި އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ހާދީއާ ކައިވެނި ކުރުމަށެވެ.

ރަނާގެ އެނިންމުމާއި އެއަމަލުތަކާމެދު ހިތްހަމަ ނުޖެހިގެން އޭނާގެ ބޮޑުބޭބެ ހަސަންދީ މާލެ ގޮސް އެކަމާބެހޭ މީހެއްގެ ގާތުން އެކަމުގެ ޙަޤީޤަތް ހޯދިއެވެ.

ހަސަންދީ މާލެއައިން އައިގޮތަށް އައިސް ރަނާއާ ބައްދަލުކޮށް ވެގެންއުޅޭގޮތް ކިޔައިދިނެވެ.

ރަނާ އާއި ހާދީ އެންމެފުރަތަމަ ބައްދަލުވީ ފައިނާޒް ޑޮކްޓަރަކަށް ދައްކަންދިޔަ ދުވަހު އަތޮޅު ހޮސްޕިޓަލުންނެވެ. ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިހުރި ފައިނާޒް ގޮވައިގެން އެތަނުން ފިހާރައަކަށް ވަދެ ހާދީ ގަނެދިން ދެޗޮކްލެޓްގެ ތެރެއިން އެއްޗޮކްލެޓް ފައިނާޒަށް ކާންދެމުން އަނެއް ޗޮކްލެޓް ރަނާއަށް ދޭން ބުންޏެވެ.

ސިހުރު ހަދާފައިވާ ހާދީ ކާންދިން ޗޮކްލެޓް އަސަރުކުރަންފެށީ ހައެއްކަގަޑިއިރު ފަހުންނެވެ. ވަގުތައް ވިސްނައި ސަމާލުވެހުރި ހާދީ ބޭނުންވި ފުރުސަތު އޭނާއަށް ލިބުމާއެކު ހިނިތުންވެލިއެވެ.

ހަސަންދީ ދެއްކި ވާހަކަތައް އެއީ ތެދެއް ނަމަވެސް ، ހާދީ އެފަދަކަމެއް ކޮށްފާނެކަމަކަށް ރަނާ ގަބޫލެއް ނުކުރިއެވެ.

ރަށު މީހުން ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދޭކަށް އެވާހަކަތައް އަޑުއަހާކަށް ރަނާ ބޭނުމެއް ނުވިއެވެ. އެހެންވެ އޭނާ ބޭނުންވި ފަދައިން ފަންޑިތަވެރިޔާ ހާދީ އާއި ކައިވެނިކުރިއެވެ. މަގްސަދު ހާސިލް ވީތީ ހާދީ ހުރީ ހެވިދިލިފައެވެ.

ނިމުނީ

1
0

6 ކޮމެންޓް - ލިޔުން: ”ފަންޑިތަވެރިޔާ“

Leave a Reply

Your email address will not be published.