އެހެނިހެން

އެއްމަސް

ކުއްލިއަކަށް ސަމްރާއަށް ހޭލެވުނީ ކޮޓަރީގެދޮރު ލެއްޕުނުއަޑަށެވެ. އާގިލް ދޮރުލެއްޕީ ކިތަންމެ މަޑުމަޑުން ނަމަވެސް، ދޮރުގެ ހުޅުގައި މައްސަލައެއް ހުރުމުން އެވަގުތު ބާރުއަޑެއް އިވިގެން ދިޔައެވެ.

މިހާދަންވަރު އާގިލް އެދިޔައީ ކޮންތާކަށްބާއޭ ސަމްރާގެ ހިތަށް އެރިއެވެ.

އާގިލްއާމެދު އޭނާގެ ހިތުގައި އެއްވެސް ސައުގުވެރިކަމެއް ނެތްނަމަވެސް، މިފަދަ ވަގުތެއްގައި އެފަދަގޮތަކަށް އާގިލް ނުކުމެގެން ދިޔުމުން އޭނާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.

އިރުއެރުމާދެމެދު ދޮޅުގަޑިއެއްހާއިރު އޮތުމުން ސަމްރާ މަސައްކަތްކުރީ އަނެއްކާ ވެސް ނިދާލާށެވެ. ނިދިނަގަލާފައި އާގިލް އަންނައިރެއް ބަލަން އޮތުމަކީ އޭނާއަށް އެހާ މުހިންމުކަމެއް ނޫނެވެ.

ނިދާލެވޭތޯ މަސައްކަތް ކުރަމުންދިޔަ ސަމްރާއަށް އެކަމުގައި ކާމިޔާބެއް ނުލިބިގެން އުޅެނިކޮށް އަނެއްކާ ވެސް ލޯހުޅުވާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ. ނިދީތެރޭގައި ފުރޮޅެލިކަހަލަގޮތަކަށް ފުރޮޅިލަމުން ސިއްރުސިއްރުން ލޯ ހުޅުވާލާ ދޮރާއިދިމާއަށް ބަލާލީ ކާކުތޯ ޔަގީންކޮށްލުމަށްޓަކައެވެ.

ކޮޓަރީގެ ދޮރުލައްޕާ ތަޅުލުމަށްފަހު، ސަމްރާއާދިމާއަށް ހިނގައިގަތް އާގިލް އެއައީ ފަތިސްނަމާދުކޮށްގެން ކަމުގައި ސަމްރާއަށް ގަބޫލުކުރެވުނެވެ. ނިދާފައި ކަމުގައި ހަދައިގެން ސަމްރާ އޮތްގޮތަށް އޮތީ އާގިލް ޢަމަލުކުރާގޮތެއް ބަލާލުމަށްޓަކައެވެ.

” ސަމްރާ! ސަމްރާ! ” އެނދުކައިރިއަށް ހުއްޓިލަމުން އާގިލް ގޮވާލިއެވެ. އާގިލްގެ އެޢަމަލާއެކު މިރޭދެން ނިދާނުލެވޭނެކަމުގައި ސަމްރާ ނިންމިއެވެ. އެހެނަސް އަޑުއިވޭކަމުގައި ވެސް ނުހަދާ ނިދާފައިއޮތްގޮތް ދައްކާލައިގެން ސަމްރާ އޮތެވެ.

” ސަމްރާ! ތެދުވެބަލަ. ތެދުވެ ފަތިސްނަމާދުކޮށްގެން އޮށޯވެލިޔަސް ރަނގަޅުވާނެ. ” އެނދުކައިރީ ހުރިގޮތަށް ހުރެ އަނެއްކާ ވެސް އާގިލް ވާހަކަ ދެއްކިއެވެ.

ފަތިހުގެ އެންމެއަރާމުނިދި އާގިލްގެ ސަބަބުން ގެއްލުނީތީ ސަމްރާ ވަރަށް ރުޅިއައެވެ. އެހެނަސް އަނެއްކާ ވެސް ނިދާލެވޭތޯ ކެތްތެރިކަމާއެކު މަސައްކަތް ފެށިއެވެ. އޭނާ ހޭލާއޮތްކަން އާގިލަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. ސަމްރާއަށް ހޭލެވުނުއިރު އާގިލް ކޮޓަރިއަކު ނެތެވެ. އަލަމާރީގެ ދޮރުފަތުގައި އަޅުވާފައި ހުރި ގަމީހާއި ފަޓްލޫނު ފެންނަން ނެތުމުން އާގިލް އޮފީހަށް ދިޔައީކަން ޔަގީންވިއެވެ.

ފެންވަރާ ތާޒާވެލައިގެން ކޮޓަރިން ނުކުތްއިރު އާގިލްގެ މަންމަ ރައިހާނާ ފެންޑާތެރޭގައި ތަރުކާރީ ކޮށަށް އިނެވެ.

” އަނހަ. ދަރިފުޅާ! ހާދަލަހަކުން ތިޔަހޭލީ. ނިދާތަން ބަދަލުވީމަ ރަނގަޅަށް ނުނިދުނީދޯ؟ ސައިހުންނާނީ ތައްޔާރުކޮށްފައި. އަވަހަށް ދޭ ސައިބޯން. އާގިލް އައިއިރު ސަމްރާ ނިދާފައި އޮތީމަ އުނދަގޫވެދާނެޔޭ ކިޔާފައި ނުގޮވީ. ” ސަމްރާ ފެނުމުން އޭނާއަށް ގޮވާލަމުން ރައިހާނާ ވާހަކަ ދެއްކިއެވެ.

” ކޮންމެހެން މަށަކަށް ދަރިފުޅު ކިޔާނެކަމެއްނެތް. މަށަކީ މިތާކު އުޅޭކަށް އައި މީހެއްނޫން. ” ހިތްހަމަ ނުޖެހުމާއެކު އަވަސް އަވަހަށް ސަމްރާ ބުންޏެވެ.

ސަމްރާގެ އެވާހަކައިން ރައިހާނާއަށް އައި ބަދަލު ސަމްރާއަށް ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. ރައިހާނާގެ ދެލޮލުން ފޭދިގެންއައި ކަރުނަ ވެސް ސަމްރާއަށް ފެނުނެވެ.

ކާމޭޒުމަތި ފެނުމާއެކު ސަމްރާއަށް ހިނިތުންވެލެވުނީ އެއްވެސް އިހްތިޔާރަކާއިނުލައެވެ. މައިންބަފައިން ދޫކޮށް ކައިވެނިކޮށްގެން މިރަށަށް ބަދަލުވިތާ ދެއަހަރެއްހާދުވަސް ވެފައިވާއިރު އަދިމިހާތަނަށް ދުވަހަކު ވެސް މިފަދަދުވަހެއް އޭނާއަށް ފެނިފައެއްނުވެއެވެ.

ކާމޭޒުކައިރީ އެކަނިމާއެކަނި އިށީންދެލައިގެން އިނދެ ސައިބޮމުން ދިޔައިރު ސަމްރާއަށް ވިސްނެމުން ދިޔައީ އޭނާގެ ހާލަތާއި މެދުގައެވެ. ދެއަހަރެއްހާ ދުވަހުގެތެރޭގައި ތިންފަހަރަށް ބަހުޖަތާއި ކައިވެނިކޮށްގެން އޭނާގެ ޢާއިލާއެކު ހޭދަކުރި ދުވަސްތަކާއި އާގިލްއާ ކައިވެނި ކޮށްގެން އޭނާގެޢާއިލާއާއެކު ހޭދަކުރެވުނު އެއްދުވަހުގެ ތަފާތުކަމާމެދުގައެވެ. ފާއިތުވެދިޔަ ދެއަހަރެއްހާ ދުވަހު ބަހުޖަތުގެ ޢާއިލާއާއެކު ހޭދަކުރިއިރު ރުހުމުގެލޮލަކުން ބަލާލާފައިނުވާއިރު، އެންމެފަހަރަކު ވެސް އޭނާއަށް ދަރިފުޅާއޭކިޔާ ގޮވާލާފައެއް ނުވެއެވެ.

މާޒީއާމެދު ވިސްނަމުންދިޔަ ސަމްރާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ރައިހާނާއަށް ދެވުނު ޖަވާބާމެދު ދެރަވެ ހިތުގައި ޖެހުނެވެ. މަޖުބޫރުހާލަތެއް މެދުވެރިވެގެން ނަމަވެސް، މިއަދު ސަމްރާއަކީ އާގިލްގެ އަނބިމީހާއެވެ. އާގިލްއަކީ ރައިހާނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިއަކު ދެކެވާ ލޯބި ދަނބިދަރިފުޅު ނުވަތަ ޅީދަރިފުޅު ދެކެވާނީ ދަރިއަކުދެކެ ވަރަށްލޯބިވާ މައެއްކަން ޔަގީނެވެ.

ދިމާވި ކަންތަކުގެ ސަބަބުން ސަމްރާއަކަށް އިތުރަކަށް ސަޔެއް ނުބޮވުނެވެ. ރޮމުން ރޮމުން ގޮސް މޭޒުމަތީގައި ބޯއަޅާލެވުނީ އެހެންގޮތެއް ނެތިގެން ކަހަލަގޮތަކަށެވެ.

މޭޒުމަތީ ބޯއަޅާލައިގެން ރޯންއޮތް ސަމްރާ ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ސިހިފައި އަވަސް އަވަހަށް އިސްއުފުލާލަމުން ބަލާލިއިރު އޭނަ ކައިރީހުރީ ރައިހާނާއެވެ. ރައިހާނާގެ ލޮލުން ފާޅުވަމުންދިޔަ މައިވަންތަ ކުލުނު ސަމްރާއަށް ފެނުނީ އުންމީދުގެ އަލިކޮޅެއް ފަދައިންނެވެ.

” ސޮރީ މަންމާ. ” ރައިހާނާގެގައިގާ ބައްދާލަމުން ސަމްރާ މަޢާފަށް އެދުނެވެ. ރައިހާނާގެ ފަރާތުން މައިވަންތަ ރަހުމާއި ކުލުނު، އަޅާލުމާއި އެހީތެރިކަން، ހިތްވަރާއި ނަސޭހަތް އޭގެއިންތިހާއަށް ސަމްރާއަށް ލިބިގެންދިޔައެވެ.

މެންދުރުންއަނބުރާ އެކެއްޖަހާކަން ހާއިރެވެ. މެންދުރުގެބުރޭކަށް ގެއަށް އައިއިރު އާގިލް އައީ ނަމާދުކޮށްގެންނެވެ. އާގިލް އައިއިރު ރައިހާނާ އޭނާގެ އާދައިގެމަތިން މެންދުރަށް ކާންހަދާފައި ހުއްޓެވެ.

އާގިލް ގޮސް ކޮޓަރިއަށްވަތްއިރު އެނދުމަތީގައި އޮށޯވެލައިގެން ސަމްރާ އޮތެވެ. އޭރު ސަމްރާ އޮތްގޮތުންނާއި ލައިގެންއޮތް ހެދުމުގެ ސަބަބުން އޭނާ ހޭލާއުޅެފައިވާކަން އާގިލަށް ޔަގީންވިއެވެ.

” ސަމްރާ! ނަމާދުކޮށްގެން ކާން އާދޭ. އަހަރެން މަޑުކޮށްލާނަން ފެންޑާގައި. ” ސަމްރާއަށް ގޮވާލަމުން މަޑުމައިތިރިކަމާއެކު އާގިލް ވާހަކަދެއްކިއެވެ.

” އަހަރެން ކާހިތެއްނެތް. އާގިލް ގޮސް ކާ. ” ކަންނެތްކަމާއެކު އެނދުމަތީގައިއޮތް ސަމްރާ ފަރުވާކުޑަރާގަކަށް ބުނެލިއެވެ. މިއިން ދުވަހަކު ވެސް ނަމާދެއްކޮށްފައިނުވާ ސަމްރާއަށް ނަމާދުކުރުމަކީ ބޮޑު އުނދަގުލެއް ކަހަލައެވެ. އާގިލާއިއެކު ކާންދާން ސަމްރާ ދެކޮޅުހެދީ ވެސް އެސަބަބަށްޓަކައެވެ.

” ކާން ނަޔަސް ނަމާދުކޮށްލައިގެން އޮވޭ. ” އާގިލާއެކު އޭނާގެ އަންހެނުން ކާން ނަޔަސް އޭނާގެ މައްސަލައެއް ނެތެވެ. އޭނާ ވެސް ބޭނުންވީ ސަމްރާ ބޭނުންވި ފަދައިން އަރާމްކުރަން އޭނާ ބާއްވާށެވެ. އެހެނަސް އޭނާ ކުރަންޖެހޭކަންތައް ކުރަންޖެހޭނެކަން ހަނދާންކޮށްލަ ދިނީއެވެ.

” އަހަރެން ފަހުން ނަމާދުކޮށްލާނަން. ” ފޫހިކަމާއެކު ސަމްރާ ބުނެލިއެވެ.

‘ ސަމްރާ! ހަމަމިހާރު ތެދުވެ ނަމާދުކުރޭ. ގާޒީ ދެއްކި ވާހަކަތަކާއި ބަހުޖަތު ދެއްކި ވާހަކަތައް ހަނދާން ނެތުނީތަ؟ ” ހަރުކަށިކަމާއެކު އާގިލް އެހެންބުނުމުން ފުންމައިގެން ކަހަލަގޮތަކަށް ސަމްރާ ކޮޅަށް ތެދުވިއެވެ. އާގިލަކީ ވެސް ބަހުޖަތު ފަދަ ރުޅިގަދަ ހަރުކަށި މީހެއްބާއޭ ސަމްރާގެ ހިތަށް އެރިއެވެ. ބިރުގަނެ ޖެހިލުންވާގޮތް ވެސް ވިއެވެ.

ފިރިމީހާއަށް ކިޔަމަންވުމުގެ ގޮތުންނާއި އޭނާގެ މަޤްސަދު ހާސިލުކުރަން ފަސޭހައަކަށް ނަމަވެސް ނަމާދުކުރަން ސަމްރާ ބޭނުން ވިއެވެ. އާގިލާއި ސަމްރާ ކައިވެނިކުރީ ފަށްކަނޑަން ނަމަވެސް، އާގިލް އޭނަ ވަރިކުރާނީ ބުނާގޮތް ހަދައިގެން އުޅެންޏާކަމުގައި ބަހުޖަތު ބުނި ހަނދާން ވިއެވެ.

” ސޮރީ އާގިލް. އަހަރެން ނަމާދުކުރާނަން. އެކަމަކު އާގިލް މަންމަގެ އެހީތެރިކަން އަހަރެން ބޭނުން. ” ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ސަމްރާ އެހެންބުނީ ކީއްވެގެންކަމެއް އާގިލަކަށް ނުވިސްނުނެވެ.

ސަމްރާ ގޮސް ރައިހާނާގެ ކޮޓަރިއަށް ވަނުމުން ފެންޑާތެރޭ ގޮނޑިސެޓްގައި އާގިލް މަޑުކޮށްލިއެވެ.

އެތައްދުވަހަކަށްފަހު ނަމާދެއްކޮށްލުމުން ސަމްރާއަށް ލިބިގެންދިޔައީ ބަޔާންކުރަންދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. ސިކުނޑިއަށް ލިބިގެންދިޔައީ އެހާމެބޮޑު ލުޔެކެވެ. މުޅިން އައުދުނިޔެއަކަށް ނޭވާލެވުނު ކަހަލައެވެ.

އާގިލްގެ ޢާއިލާއާއެކު ދުވަސްތައް ވޭތުކުރަމުން ދިޔައިރު ސަމްރާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކުރިން އުޅުނުހެން ގުރޫޕްހަދާފައި ރޭގަނޑު ބޭރަށްދިއުމާއި ބޭކާރުކަންކަމުގައި ވަގުތުހޭދަކުރުން މަދުވެ އަޅުކަމަށްދޭ ސަމާލުކަން އިތުރުކުރަމުން ދިޔައެވެ. ރައިހަނާ އާއި އާގިލް ފަދައިން ފަސްއިރު ފަސްނަމާދުކޮށް ޤުރުއާންކިޔަވާ ސާލިހް ތަގުވާވެރިއަޅަކަށް ވުމަށް ސަމްރާ ކުރަމުންދިޔަ މަސައްކަތަށް މަޔަކުފަދައިން ރައިހާނާ އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔައެވެ. ސަމްރާއަށް އަންނަމުންދާ ބަދަލުތަކާމެދު ހިތްހަމަނުޖެހިގެން އޭނާގެ ބައެއް ރައްޓެހިން ވާހަކަދައްކާ މަލާމަތްކޮށް ހެދި ނަމަވެސް، ސަމްރާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެބައިމީހުންގެ ވާހަކަތައް އެހެންހުރި ނަމަވެސް އެކަމުގެ ސަބަބުން އޭނާއަށް ލިބެމުންދާ އުފަލާއި ހިތްހަމަޖެހުން އެނގޭނީ އޭނާއަށް ކަމުގައި އޭނާ ބުނަމުންދިޔައެވެ.

ސަމްރާއަށް ޙަޤީޤީދުނިޔެއަށް އާދެވުނީ މިހާރު ކަހަލައެވެ. ފިރިމީހާ އާއި މައިދާތަގެ އިތުރުން އޭނާގެ މައިންބަފައިންނާއި އޭނާއާ އޮންނަގުޅުން ވެސް ބަދަހިވަމުން ދިޔައެވެ. ލިބުނު ނަސީބަށް ފުރަގަސްނުދީ، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާގެ މައިންބަފައިން ތަކުރާރުކޮށް އޭނާއަށް ނަސޭހަތް ދެމުންދިޔައެވެ.

ވަގުތުގާތްވަމުން ދުވަސް ކުޑަތަންވަމުން ދިޔައިރު، އެކަމާމެދު ސަމްރާއަށް ވަނީ ވިސްނަން ޖެހިފައެވެ. ސަމްރާ އާއި އާގިލްގެ ކައިވެންޏަށް މަހެއްވާދުވަހު ބަހުޖަތު ފޯނުކުރާނެކަން ސަމްރާއަށް އެނގެއެވެ. އެދުވަހު އާގިލް އޭނާ ވަރިކުރާނެކަމަށް ބަހުޖަތުވަނީ ބުނެފައެވެ.

ކޮންމެގޮތަކަށް ކަންތައް ދިމާވި ނަމަވެސް، ސަމްރާ ނިންމައިގެންހުރީ ބަހުޖަތާއި ދެންނުގުޅުމަށެވެ. އާގިލް އޭނާ ދޫކޮށްލައިފި ނަމަ އޭނާ ދާނީ އޭނާގެ މައިންބަފައިން ކައިރިއަށް ރަށަށެވެ. އާގިލްގެ ދެމައިން ދެއްކިމަގުން ހިނގާހާ ދުވަހަކު އޭނާއަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން މިއަދު ވަނީ އޭނާއަށް ލިބިފައެވެ.

މެންދަމު ބާރުޖެހުމާއެކު ސަމްރާގެ މޯބައިލްފޯނު ރިންގްވާން ފެށިއެވެ. އަވަސް އަވަހަށް ފޯނުނަގަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު ކޮޓަރީގައި އާގިލެއްނެތެވެ. ސަމްރާގެ ފޯނަށް ގުޅަނީ ބަހުޖަތެވެ. ހަދާނެގޮތަކާމެދު ވިސްނަން ފޯނުގެ ޑިސްޕްލޭއަށް ބަލަހައްޓައިގެން ސަމްރާއަށް އިނދެވުނީއެވެ. އެއްފަހަރު ގުޅައިގެން ފޯނުނުނެގި ނަމަވެސް، ބަހުޖަތު އެކަން ހުއްޓައެއް ނުލިއެވެ. އެއްފަހަރު ދެފަހަރު ގުޅައިގެން ފޯނު ނުނެގުމުން އިތުރަށް ގުޅަމުން ދިޔައެވެ. ސަމްރާ ހާސްވާން ވެސް ފެށިއެވެ.

ހަދާނެގޮތް ހުސްވެފައިވާ ފަދައަކުން ފޯނަށް ބަލަހައްޓައިގެންއިން ސަމްރާ ސިއްސައިގެން ދިޔައީ ކޮޓަރީދޮރުގައި ޓަކިޖަހަން ފެށުމުންނެވެ. ވިސްނާލަން އިރުކޮޅަކު މަޑުކުރުމަށްފަހު، ސަމްރާ ގޮސް ދޮރުހުޅުވާލުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.

” މަރުހަބާ ސަމްރާ! … ކުއްލިއަކަށް އަހަރެން ފެނުމުން ވަރަށްބޮޑަށް ހާސްވެ ހައިރާން ވެސް ވެއްޖެދޯ؟ ހާސްނުވޭ. އަހަރެން މިއައީ ސަމްރާއަށް ސަމްރާގެ ހައްގުމަގާމް ޔަގީންކޮށްދޭން. އަހަރެން ދެން ދުވަހަކު ވެސް ބޭނުމެއްނޫން ސަމްރާއާ ކައިވެނިކުރާކަށް… އަދި އާގިލް ނޫން އެހެންމީހަކާއި ސަމްރާ ކައިވެނިކޮށްގެން އުޅޭތަން ބަލާކަށް ވެސް ބޭނުމެއްނޫން. އެދުވަހު އާގިލް އަހަރެންކައިރީ ބުނިފަދައިން އަހަރެންގެ ލޯ ސަލާމަތުން ހުރި ނަމަވެސް ޙަޤީޤީދުނިޔެ އަހަރެންނަށް ނުފެންނަކަން މިއަދު އަހަރެންނަށް ޔަގީންވެއްޖެ. އެއްމަސްދުވަހުން ސަމްރާގެ މުޅި ދިރިއުޅުން އާގިލް ބަދަލުކޮށްލައިފި. ސަމްރާ ހައްގުވެގެންވަނީ އާގިލަށް. އާގިލް ވަރަށްބޮޑަށް ޝުކުރިއްޔާ! ސަމްރާއަށް ދެރައެއްނުދީ އަބަދުވެސް އުފަލުގައި ގެންގުޅެދޭތި. ” ވާހަކަ ދައްކަމުން ދައްކަމުން ބަހުޖަތު އެހެންބުނުމާއެކު އާގިލް އައިސް އެތަނަށް ހުއްޓުނެވެ.

އާގިލް ކޮޓަރިއަށްވަދެ ދޮރުލައްޕާލަމުން ދެއަތްހުޅުވާލާ އޭނާގާތަށް އައުމަށް ސަމްރާއަށް ދައުވަތު ދިނެވެ. އާގިލް އެދުނުފަދައިން އޭނަ ގާތަށް ޖެހިލާ އާގިލްގެގައިގަ ބައްދާލަމުން އޭނާގެމޭގައި ބޯއަޅާލިއިރު ސަމްރާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާގެ މުޅިދިރިއުޅުން ބަދަލު ވެގެންދިޔައިރު އޭނާ އުންމީދުކޮށްގެންހުރި ފަދައިން ދުވަހަކު ވެސް އާގިލް އޭނާ ދޫކޮށްނުލާނެކަމުގެ ޔަގީންކަމާއި އުންމީދު ވެސް ލިބިއްޖެއެވެ.

އާދުވަހަކަށް އިރުއަރައިގެން އައިއިރު ފަތިހަށް ފޮޅުނު ފިނިފެންމަލެއް ފަދައިން ހިނިތުންވެފައި ސަމްރާ ހުއްޓެވެ. އަލަތު ކައިވެނީގެ ފުރަތަމަރޭ އޭނާއަށް ލިބުނީ އަދިކިރިޔާ ކަހަލައެވެ. ގަބޫލުކުރަން ދަތިވިނަމަވެސް އެއްމަސްދުވަހުގެތެރޭ ސަމްރާގެ ދިރިއުޅުންވަނީ މުޅިން ބަދަލުވެފައެވެ.

ނިމުނީ

2
0

2 ކޮމެންޓް - ލިޔުން: ”އެއްމަސް“

Leave a Reply

Your email address will not be published.