ހިތާމަ ލޯބީގެ

ދަރިފުޅު

މެންދަމުން އަލިވެ ތިނެއްޖަހާކަން ހާއިރެވެ. ދަރިފުޅު ގޮވައިގެން ނުހަނު އަރާމުގައި ނިދާލާފައި ސިބާނާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޮބައިލްފޯނު ރިންގްވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ހޯދާލަމުން ނަގައި ޑިސްޕްލޭއަށް ބަލާލިއިރު، ފޯނު ކުރަނީ ނުވެސް ދަންނަ ނަންބަރަކުންނެވެ. މިފަދަ ގަޑިއެއްގައި ނުދަންނަ ނަންބަރަކުން އެގޮތަށް ފޯނުކުރުމުން ސިބާނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ގިނަވަމުންދިޔަ އެވެ. އެފޯނަށް ޖަވާބު ދޭނީތޯ ނުވަތަ އަޅާނުލައި ދޫކޮށްލާނީތޯ ވިސްނަން އެތައް އިރަކު ސިބާނާ މަޑުކުރިއެވެ.

ގުޅާމީހަކު އެގުޅަނީ އޮޅިގެން ނޫންކަމާއި ކޮންމެވެސް މުހިންމުކަމަކުކަން ސިބާނާއަށް ޔަގީންވީ އެއްފަހަރު ދެފަހަރު ގުޅައިގެން ޖަވާބު ނުދިނުމުން އަނެއްކާ ވެސް ގުޅީމައެވެ. ކޮންމެވެސް މުހިންމުކަމެއް ދިމާވެގެންނޫނީ މިގަޑީގައި ފޯނުނުކުރާނެކަމަށް ނިންމައި ސިބާނާ ފޯނަށް ޖަވާބުދިނެވެ.

” އައްސަލާމް އަލައިކުން …. ސިބާ ތަ ؟ ހާލު ކިހިނެތް ….. ހޯދަން އުޅޭތާ ވަރަށް ދުވަސްވެއްޖެ. މިރޭ ނަންބަރު ލިބުނީ. ” ސިބާނާ ފޯނަށް ޖަވާބު ދިނުމާއެކު ފިރިހެނަކު ވާހަކަދައްކަން ފެށިއެވެ. ކަންފަތުގައި އަޑުޖެހުމާއެކު ވެސް އެއީ ހާނިމްގެ އަޑުކަން ސިބާނާއަށް ޔަގީން ވިއެވެ. ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ސިބާނާ ބަލާލެވުނީ އޭނާގެ މަގަތުން ނިދާފައި އޮތް ދަރިފުޅު ސެލީނާ އަށެވެ.

ހާނިމްގެ އަޑާއިއެކު ކަހަލަގޮތަކަށް ސެލީނާ ފެނުމުން ސިބާނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާގެ މާޒީއެވެ.

އެއީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިއެވެ. ސިބާނާ އާއި ހާނިމް ބައްދަލުވީ ފިހާރައެއްގެ ވަޒީފާއަށް ދެމީހުން ދިޔަ ދިއުމުގެ ތެރެއިން ނެވެ. ސިބާނާ އާއި ހާނިމްގެ ފުރަތަމަ ފެނިލުމާއެކު ވެސް އެކަކު އަނެކަކަށް ހިތް ދެވުނެވެ.

އުމުރުން އަށާރަވަރަކަށް އަހަރުގެ ސިބާނާއަކީ ހިމަތޮޅި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ ނުހަނު ރީތި ފުރިހަމަ ޒުވާނެކެވެ. މަޑުމައިތިރިކަމަށް ލޯބިކުރާ ސިބާނާއަށް ލިބިފައިވާ ދިގު ފަން އިސްތަށިގަނޑަކީ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. އޭނާގެ ލޯތްބަށް އެދި ހުށަހެޅުންތައް ހުށަހަޅަމުންދާ މީހުންނާއި މެސެޖް ކުރަމުންދާ މީހުން މަދެއް ނޫނެވެ.

ސިބާނާއާ ހިލާފަށް ހާނިމަކީ ހަލަބޮލި ދިރިއުޅުމައް ލޯބިކުރާ މިޒަމާނުގެ ޒުވާނެކެވެ. ހާނިމުގެ ދިގުކޮށްފައިވާ އިސްތަށިގަނޑާއި ކަރުގައި އަޅާފައިވާފަށާއި އަތުގައަޅާފައިވާ ތަކެތިން ވެސް އޭނާގެ ހުރި ފެޝަންކަން އެނގެއެވެ. ސިބާނާ އާއި ހާނިމްގެ ލޯބި ތަރައްޤީވަމުން ދާވަރަކަށް ސިބާއަށް ހާނިމްގެ އުޅުން ދަސްވަމުން ދިޔައެވެ. ހާނިމުގެ ކިބާގައިވާ ޒަމާނީގޮތްގަނޑުގެ އިތުރުން އޭނާއަކީ މަސްތުވާތަކެތީގެ އަޅެއްކަން ވެސް ސިބާނާއަށް އެނގުނެވެ.

ގަޑިއަށް ކަމޭނުހިތުމާއި މަސައްކަތަށް ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން ހާނިމަށް އެތަނުގައި ހޭދަކުރެވުނީ ދެމަހެއްހާ ދުވަހެވެ. ނަސޭހަތްދީ ރަނގަޅު ނުކުރުމުން ވަޒީފާއިން ވަކިކުރިއެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކޮށް ކާމިޔާބެއް ނުލިބުނުކަމަށް ހާނިމް ބުންޏެވެ. އެއްވެސް ވަޒީފާއެއް އަދާނުކުރާ ހާނިމް މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އޭނާގެ ގޭގައި ހުންނަ ބައެއްތަކެތި ވިއްކާ ހަދައެވެ. ހާނިމުގެ އެސިފަތަކަށް ސިބާނާ ނަފްރަތުކޮށް އެފަދަ ކަންކަމުން ދުރުވުމަށް ހާނިމަށް ނަސޭހަތް ދެމުންދިޔަ ނަމަވެސް ހާނިމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ހާނިމުގެ ލޯބީގައި އާވާރާވެފައިހުރި ސިބާނާއަކަށް ހާނިމުއާ ދުރަކަށް ވެސް ނުދެވުނެވެ. ހާނިމް ބޭނުންވާފަދައިން ހާނިމު ބުނާ ތަންތަނަށް ގޮސް އޭނާއާ ބައްދަލު ކުރަމުން ގެންދިޔައެވެ.

ހާނިމުގެ ވިޔާނުދާ އުޅުމަށް ނަފްރަތުކޮށް ސިބާނާ ވާހަކަދައްކާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ހާނިމުގެ ފަރާތުން ސިބާއަށް ނަފްރަތުގެ ބެލުންތަކާއި ބަސްތައް ރައްދުވަމުން ދިޔައެވެ. ބައެއްފަހަރު ކުދިކުދި އަނިޔާތަކާއި ވެސް ކުރިމަތިލާން ޖެހެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ސިބާނާއަށް ފޯނުކޮށްފައި ހާނިމް ވަރަށް ބަލިކަމަށާއި ބައްދަލުކޮށްލާން އައުމަށް ހާނިމް އެދުމުން ހާނިމްމެން ގެއަށް ސިބާނާ ދިޔައެވެ.

ސިބާނާ ގޮސް ހާނިމުމެން ގެއަށް ވަތްއިރު އެގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ގޭތެރޭން މީހަކު ފެންނާންނެތް ނަމަވެސް ކޮންމެވެސް ކޮޓަރިއަކުން ލަވަޖަހާއަޑު އިވިއިވި ހުއްޓެވެ. ދެތިން ފަހަރަކު ސަލާމްގޮވާލައި ހާނިމަށް ގޮވުމުން ވެސް ޚަބަރެއް ނުވިއެވެ. ވިސްނާލަން ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު، ލަވައިގެއަޑު އިވޭ ދިމާއަށް ސިބާނާ ހިނގައި ގަތެވެ.

އާދައިގެ ހިނގުމެއްގައި ސިބާނާ ގޮސް އެކޮޓަރީ ދޮރުގައި ޓަކިޖަހާލި އިރުވެސް ގޭތެރެއަކުން މީހެއްގެ ހިލަމެއް ނުވެއެވެ.

” ވަދޭ … ” ބަލިކަށި އަޑަކުން ހާނިމު ގޮވާލިއަޑު އިވުނެވެ. ސިބާނާ މަޑުމަޑުން ދޮރުހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ރަތްކުލައިގެ ފަނޑުއައްޔަކުން ކޮޓަރިތެރެއަށް އަލިކޮށްފައިވީ ނަމަވެސް ކޮޓަރިތެރޭގެ ނުތާހިރުކަމާއި ތަރުތީބެއް ނެތްކަން ސިބާނާއަށް ފާހަގަ ކުރެވުނެވެ. ކޮޓަރީގެ އެއްފަރާތުގައިހުރި އެނދެއްގައި އޮށޯވެ ގައިމަތީގައި ބެޑްސީޓެއް އަޅައިގެން ހާނިމް އޮތްއިރު ކޮޓަރި ތެރޭން ދޮވަމުންދަނީ ދުންފަތްވަހާއި ބޭސް ޒާތުގެ ވަހެކެވެ. އެ ކޮޓަރިން ފެނުނު ކަންތައްތަކުގެ ސަބަބުން ބޮލަށް އުނދަގޫވި ނަމަވެސް ހާނިމް އޮތްހާލު ފެނުމުން ކެތްކޮށްލައިގެން އެކޮޓަރިއަށް ވަނެވެ.

” ތަޅުލާފަ އާދެބަލަ .. ” ސިބާ ގޮސް ހާނިމްގާތަށް ހުއްޓުމުން ހާނިމް އެދުނެވެ. އެހެނަސް އެކަމަކީ ސިބާނާ ތާއިދުކުރާ ކަމަކަށް ނުވާތީ ނޫނެކޭ ބުނަމުން ބޯ ހޫރާލިއެވެ.

” ކިހިނެއްވީ؟ ….. އަހަރެންނަށް އިތުބާރު ނުކުރަނީތަ ؟ މީހަކަށް މިތަނަށް އާދެވި ސިބާނާގެ ވާހަކަ ދައްކަފާނެތީ މިހެން މިބުނީ. ” ސިބާނާއަށް ކަމެއް ވިސްނައިދޭ ފަދައަކުން ހާނިމު ބުންޏެވެ. ހާނިމްގެ އެވާހަކަތަކަށް ސިބާނާއަށް ތާއިދު ކުރެވުނެވެ. އޭނާއާ ބެހޭގޮތުން އެއްވެސް އަޑެއް އަރާކަށް ސިބާނާ ބޭނުމެއް ނުވެއެވެ. އެހެންވެ މަޑުމަޑުން ގޮސް ކޮޓަރީ ދޮރު ލައްޕާތަޅުލާފައި އައިސް ހާނިމްގެ މަގަތުން އިށީނެވެ.

” ހާނިމް! ކިހިނެތްވީ ކުއްލިއަކަށް ބަލިވީ ؟ ގޭމީހުން ކޮބާ ؟ ” ލޯތްބާއި އޯގާތެރިކަމާއެކު ހާނިމްގެ ބޮލުގައި ފިރުމާލަމުން ސިބާނާ ސުވާލު ކުރިއެވެ.

” ނޭނގެ ވީގޮތެއް ވެސް .. މަންމަވީ ހުޅުމާލޭގައި. އަހަރެން ފެގެއް ބޯލަން ޖައްސާލިތަނުން ކުއްލިއަކަށް މާގަދައަށް ބޮލުގައި ރިއްސަންފެށީ. ދެން ހީކަރުވާން ފެށީ … ބެޑްސީޓް އަޅައިގެން ވެސް ބަދަލެއްނާދޭ … އަދިވެސް ހީކަރުވަނީ. ސިބާ އަހަރެންނަށް އެހީވެދީބަލަ. ” ބަލިކަށި އަޑަކުން ވާހަކަ ދައްކަމުން ސިބާނާގެ އަތުގައި ހާނިމް ހިފިއެވެ. އަދި އޭނާގެ ކަރުދަށުގައި އަތް ޖެއްސުވިއެވެ.

ހާނިމު ބުނިފަދައިން އޭނާވަނީ ހުން އައިސްފަ އެވެ. އެކަމުގެ ސަބަބުން ސިބާނާ ކޮންމެވެސް ވަރަކަށް ކަންބޮޑު ވިއެވެ. ހާސްކަމާއެކު ދޮރާއި ދިމާއަށް ބަލަމުން ހާނިމްގެ ކަރުދޮށާއި މޭގަ އަދި މޫނުގައި ފިރުމާލަ ފިރުމާލަ ސިބާ އިނެވެ.

” ސިބާ! … އަހަރެން ހީކަރުވަނީ. ” ތުރުތުރުއަޅާ އަޑަކުން ހާނިމު ބުންޏެވެ. އަދި މަޑުމަޑުން ސިބާނާގެ މޫނުގައި ހިފަހައްޓައި އޭނާއާ ކައިރިކޮށްލަން މަސައްކަތް ކުރިއެވެ.

ހާނިމުގެ އެޢަމަލުގެ ސަބަބުން ސިބާނާ ދިޔައީ ސިއްސައިގެން ނެވެ. ތެޅިގެންފައި ދުރައްދާން މަސައްކަތްކުރި ނަމަވެސް ހާނިމު އޭނާގެ ގައިގާ ހިފަހައްޓާފައިވާލެއް ވަރުގަދަކަމުން ސިބާނާއަކަށް ދުރަކަށް ނުދެވުނެވެ. ފުންމައިގެން ކަހަލަގޮތަކަށް ހާނިމު އެނދުން ފައިބާ އޭނާގެ ބާރުގެ ދަށަށް ސިބާނާ ގެނައެވެ.

ހާނިމްގެ ޢަމަލުތަކާއި އޭނާ ހުރިގޮތުން އޭނާގެ ނިޔަތް މިހާރު ރަނގަޅު ނޫންކަން ވިސްނި އޭނާގެގައިން ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުން އޭނާގެ ކިބައިން ސަލާމަތް ވެވޭތޯ ސިބާނާ މަސައްކަތް ފެށިއެވެ. ކިތަންމެ ބާރަށް ރޮއި ކިތަންމެ އާދޭހެއްކުރި ނަމަވެސް ސިބާނާގެ އެ ވޭނީރުއިމާއި އާދޭހުގެ އަޑުތައް އިވޭ ހިސާބުގައި އެހެން މީހަކު ނެތެވެ. ހާނިމުގެ ހިތުގައި ސިބާނާއާ މެދު ރަހުމެއް ހަމްދަރުދީއެއް ނެތެވެ. ލޯބީގެގޮތުން ގުޅިގެން މިވީ ދުވަސްތަކުގައި ވީއަހުދުތަކާއި ވައުދުތައް މަތިން ވެސް ހަނދާންނެތް ކަހަލައެވެ. ނުވަތަ ކުރީއްސުރެ ފެށިގެން އޭނާ އިންތިޒާރު ކުރަމުން އައި ފުރުސަތު ލިބުނީ ކަހަލައެވެ.

ހާނިމުގެ އަތްދަށުގައި ފިތި ބާރުވަމުން ދިޔަ ސިބާނާއާ ދިމާއަށް ހާނިމް ގުދުވަމުން ދިޔަކަން އެނގެއެވެ. އެހެނަސް ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.

ސިބާނާއަށް ހޭވެރިކަންވީ ކޮޓަރީގައި ހުރިގަޑި އެލާމް ވާންފެށި އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ހަށިގަނޑަށް ނަޒަރު ހިންގާލުމާއެކު އޮވެވުނުގޮތުން ގަތްލަދާއެކު ދެރަވެ ރޮވިއްޖެއެވެ. ގަޑިބަލާލިއިރު މެންދަމު ބާރަޖަހަނީއެވެ. އެހެނަސް އޭރު އެކޮޓަރީގައި އޭނާ ފިޔަވާ އެހެން މީހަކު ނެތެވެ.

ތަޅުން މައްޗަށް އެއްލާލާފައިއޮތް އޭނާގެ ހެދުން ނަގާން ބޭނުންވި ނަމަވެސް ކޮޓަރީގެ ދޮރުހުރީ ހުޅުވާފައި ކަމަށްވާތީ ތެދުވެގެން ދާކަށް ނުކެރުނެވެ. ވިސްނާލަން މަޑުކޮށްލުމަށްފަހު ބެޑްސީޓްނަގާ ގައިގާ އޮޅާލަމުން މަޑުމަޑުން ގޮސް ކޮޓަރީދޮރު ލައްޕާ ތަޅުލިއިރު ވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

ދެދުވަހެއް ފަހުން ސިބާނާއަށް އަޑުއިވުނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ހާނިމް ޖަލައްލީ ވާހަކައެވެ.

ހާނިމަށް ސިބާނާ ދިން ސާފުތާހިރު ތެދުވެރި ވަފާތެރި ލޯތްބަށް އެއްވެސް އިޙްތިރާމު ކުރުމެއް ބަލާލުމެއްނެތި، ހާނިމް އޭނާގެ ސައިތާނީ އެދުމުން ފުރިގެންވީ ވަހުސީ ފެންބޮވައިގަތުން ފިލުވުމުގެ ނަތީޖާ ފެންނާން ފެށިއެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ސިބާނާގެ ބަނޑު ވެސް ބޮޑުވަމުން ދިޔައެވެ. އެކަމުގެ ސަބަބުން ސިބާނާގެ ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ފަރާތުން އޭނާއަށް ނުރުހުމާއި ނަފްރަތުގެ ބަސްތައް ރައްދުވާން ފެށިއެވެ. މިހާރުން މިހާރަށް ތިކަމުން ސަލާމަތްވެ ދުނިޔޭގެ ލަދުން ސަލާމަތްވުމަށް ވެސް ބައެއް މީހުން ބުނަމުން ދިޔައެވެ.

ޢާއިލާގެ މެންބަރުންނާއި ރައްޓެހިންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ނަފްރަތާއި ރުޅިވެރިކަމުގެ ބަސްތަކާއި ބެލުންތަކަށް ކެތްކުރުމަކީ ސިބާނާއަށް އުނދަގޫ ކަމަކަށް ވިއެވެ. ސިބާނާގެ ސަބަބުން އެމީހުނަށް ލިބޭން އުޅޭ ލަދާއި މަލާމާތުން އެމީހުން ސަލާމަތް ކުރުމަށް ސިބާނާއަށް ކުރަމުންދިޔަ އަމުރު އިތުރުވާން ފެށިއެވެ. އެމީހުންގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ކުށެއް ނެތް އެތުއްތުތުއްތު ކުއްޖާގެ ދުވަސް ދުއްވާލާކަށް ސިބާނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ކެތްތެރިވެ ހަމަޖެހުނެވެ. އެހެނަސް ސިބާއަށް ކުރަމުންދިޔަ އަސަރު އޭނާގެ ހަށިގަނޑާއި އުޅުމުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.

ސިބާނާގެ ރައްޓެހިންގެ ތެރޭގައި ހިމެނޭ އަންމާއަށް ސިބާނާގެ ހާލަތު އެނގުމުން އޭނާގެ ގެއަށް ސިބާނާ ގެންދިޔައެވެ. އަދި ސިބާނާ އަށް ކޮންދޭންޖެހޭ އެންމެހައި ކަންތައް އެންމެ ފުރިހަމައަށް ކޮށްދެމުން ދިޔައެވެ. އެއާއެކު ސިބާނާގެ ސިއްހަތު ރަނގަޅުވެ ހަށިގަނޑުގައި ވަރުޖެހި މޫނުމަތިން ހިތްހަމަޖެހުން ފާޅުވާން ފެށިއެވެ.

ނުވަމަހާއި ނުވަދުވަސް ފުރައި ސިބާނާ ލޯބިލޯބި ކުއްޖަކު ވިހެއީ އޭނާގެ ރަހުމަތްތެރިޔާގެ އެހީއާއެކު ހޮސްޕިޓަލްގައެވެ. އޭގެފަހުން މިހާރު ހައެއްކަމަސް ވީއެވެ.

ސިބާނާއަށް އޭނާގެ ޚިޔާލީ އާލަމުން ހޭލެވުނީ އޭނާގެ ދަރިފުޅު ސެލީނާ ރޮއިގަތްއަޑަށެވެ. ފޯނު އެނދުމަތީގައި ބާއްވަމުން ސިބާނާ އަވަސް އަވަހަށް ދަރިފުޅު ނަގައި އުރާލިއެވެ. އަދި އެކުއްޖާގެ ރުއިން ހުއްޓުވަން މަސައްކަތް ކުރަމުން ފޯނު ނަގާ އެކުއްޖާގެ އަނގައާ ފޯނު ގާތްކޮށްލީ ހާނިމަށް އެއަޑު އިއްވާން ކަހަލައެވެ.

” ދަރިފުޅާ! ” އެތުއްތުތުއްތު ކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއެކު ބޭއިޙްތިޔާރުގައި ހާނިމަށް ބުނެވުނެވެ. އެއަޑު ކަންފަތުގައި ޖެހުމުން އެއީ އޭނާގެ ދަރިފުޅުކަން ހާނިމަށް އެނގުނު ކަހަލައެވެ.

” މިއީ ހާނިމަށް އަހަރެން ދިން ތެދުވެރިވަފާތެރި ލޯބީގެ ބަދަލުގައި ހާނިމް އަހަރެންނަށް ދެއްކި ހިތްދަތި ދިރިއުޅުމާއި ދިން އަނިޔާ …. އަދި އަދާ ޖެހެންދެން މުޅިދުނިޔެއަށް ސިއްރު ކުރެވިފައިވީ ނަމަވެސް މިއީ ހާނިމްގެ ދަރިއެއް. ”  ސިބާނާ ފޯނު ކަނޑާލިއެވެ.

އޭގެފަހުން އެތައް ފަހަރަކު ހާނިމް ފޯނުކުރި ނަމަވެސް ސިބާނާ އެކަމަކަށް އަޅައެއް ނުލައެވެ. އެ ހަނދާންތަށް ކުރާން އޭނާ އިތުރަށް ބޭނުންނުވާ ކަހަލައެވެ. އެހަނދާންތަކާއި އެފާފައިން ސަލާމަތްވުމަށް ދީނީގޮތުން ކުރަންޖެހޭ ކަންތައްތައް ނިންމާލިތާ އަދި މާގިނަދުވަހެއް ނުވެއެވެ. ހާނިމް ދެކެ ކިތަންމެ ލޯބިވި ނަމަވެސް ދެން އެފުރުސަތެއް އޭނާ ނުދޭނެއެވެ.

ނިމުނީ

0
0

2 ކޮމެންޓް - ލިޔުން: ”ދަރިފުޅު“

Leave a Reply

Your email address will not be published.