މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [6]

ކުއްލިޔަކަށް ދޮރު ހުޅުވާލުމާއިއެކު ހުރިހާއެންމެން އެއްކޮށްކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. “. ސަޕްރައިޒް. !!!!!. ” ގެ އަޑު މުޅި ހިސާބުގައި ގުގުމައިގެންދިޔައިރު އަނގަމަތީ އަތް އަޅައިގެން ބުނާނެއެއްޗެއް ނޭނގިފައި ކަހަލަގޮތަކަށް ހުރެގެން އައިޝާދައްތަ އެތެރެއަށް ވަންނަނީއެވެ. ފަހަތުން އައި މުޙައްމަދުބެވެސް ހުރީ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަން ފެނިފައި ހައިރާންވެފައިކަން މޫނުމަތިން ފެންނަން ހުއްޓެވެ. އެއާއިއެކު މަޑުމައިތިރި ހިތްގައިމު މިއުޒިކުން ޙަފްލާފެށިގެން ދިޔައެވެ.

ހޫނު މަރުޙަބާއަކުން އެނިވަރސަރީ ފާހަގަ ކުރެވެމުންދާ އައިޝާދައްތަގެ ދެމަފިރީންނަށް ޕާޓީއަށް އައިސްތިބި ގާތްތިމާގެ މީހުން މަރުޙަބާކިޔަމުން ދިޔައެވެ. ރިޔާ އާއި ރަނާވެސް އައިޝާދައްތަ ގާގައި ބައްދާލީ އުފަންދުވަހާއި އެނިވަރސަރީގެ ހެޔޮއެދުންތައް އަރިސްކުރަމުންނެވެ. އަހަރެންވެސް ހަގްއެއްދިނީމެވެ. އައިޝާދައްތަ ހުރީ ވަރަށް އުފާވެފަކަން އެނގެއެވެ. އެމޫނުގެ އުޖާލާކަމުން މިރޭ އެއީ ފަންސަވީހަކަށް އަހަރުގެ ޒުވާން ކުއްޖެއްހެން ހީވެއެވެ. އެއާއިއެކު އެދެމަފިރިންނަށް ޚާއްސަކޮށްފައިވާ މޭޒަށް ގެންދެވުނެވެ. ކުޑަކޮށް އުސްކޮށް ހަދާފައިވާ ސްޓޭޖެއްގެ މަތީގައި ހުދުފޮތިން ޒީނަތްތެރިކޮށް ރަތް ރިބަނުން ފަޅުފިލުވާލައިފައިވާ މޭޒުދޮށުގައި އައިޝާދައްތައާއި މުޙައްމަދުބެ ބޭންދުނެވެ. ވަކިން އެ މޭޒަށް އަލިއެޅޭ ގޮތަށް ހުރި ފްލޮރިޒެންޓް ލައިޓް ތަކުން އެމޭޒުވަނީ ވަކިން ދިއްލުވާލައިފައެވެ. އުފާވެރި ކަމާއި ހިނިތުންވުން ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ.މަޑުމަޑުން ކާއެއްޗިއްސަށް އިންސާފުކުރަން ފެށިގެންދިޔައެވެ.

އުފާވެރި، އެކުވެރި މާޙައުލެއްގައި ކެއުމާއިގެން ކުރިއަށް ދިޔައެވެ. ކާއެއްޗިހީގެ ރަހަތަށްވެސް ވަކި ރެސްޓޯރެންޓަކުން ޝެފެއް ކައްކާފައިވާ އެއްޗެކަށްދުލެއް ނުކުރެއެވެ. އަހަރެންގެ މަންމަވެސް ގުޅާފައި އައިޝާދައްތަ މެންނަށް ތަހުނިޔާ އަރިސްކުރިއެވެ. އެކިކަހަލަ އަނގަތެޅުމުގައި ޕާޓީނިމުނުއިރު އެގާރަ ޖަހައިފިއެވެ. އޭރު ޒާނިޝް އާއި އަޔާންތިބީ ކޭކޭނުން ހެލެނުލެވިފައެވެ. ރިޔާއާއި ރަނާ އެދެމީހުންނާއި ދިމާކުރަމުން ދިޔައެވެ. ހީވަނީ ފަލަވެދާނެތީ ބިރުން އުޅޭހެނެވެ. އަހަރެންނަށްވެސް ވަރަށް ރަނގަޅަށް ކެވުނެވެ.

މަޑުމަޑުން މީހުން މަދުވެ ޕާޓީއަށް ތައްޔާރުކުރި ގްރޫޕްގަނޑު ނޫން ހުރިހާއެންމެން ހިނގައްޖެއެވެ. ކެއްކި ސާމާނުތައް ދޮވެ ސާފުކުރު މާއި ޕާޓީ ރޫޅުން މާދަމާއަށް ލަސްކޮށްލީއެވެ. ހުކުރުދުވަހަށް ވުމާއިއެކު އަވަހަށް ތެދުވާންޖެހޭނެތީއާއި އެއްކޮށެވެ.

“ސަމްވަން ޕްލީޒް ޓެލް މީ ވަޓްސް ގޮއިންގް އޮން. ” އަހަރުމެންތިބީ ނިދަން އަރައެވެ. އަޔާން އާއި ޒާނިޝް ހަދައިގެން އުޅޭ އެއްޗެއް ބަލަން ބޭނުން ވެއްޖެއެވެ.

“ވަޓް. އަހަރުމެން ކަމެއް ނުކުރަން. ” ޒާނިޝް ދެއަތް ދުރުކޮށްލަމުން ބުނިއިރު އެދެމީހުން ތެދު އަލިފުތަކެއް ފަދައެވެ.

“ދެން ކޮން ‘އާންބެ އަކާ ޒެން ބެއަކާ ރިޔާ ކޮއްކޮ އަކާ ރަނާ ކޮއްކި’ އެއްތަ؟؟” އަހަރެންގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު ކުރީމެވެ.

“ހަހަހަ. ތީ ދޯ. ” އަޔާން ފުރޮޅިލާފައި ބަންޑުންޖެހިލާ ކުޑަކޮށް ބޯހިއްލާލަމުން ކިޔައިދިނެވެ. އޭރުވެސް އަޔާން އާއި ޒާނިޝް ދިޔައީ އެދެކުދިންނަށް މެސެޖް ކުރަމންނެވެ. ނިދެނީވެސް އެޙާލުގައި ތިބެއެވެ. “މުޙައްމަދުބެ ބުނީ ކޮއްކޮއިން ގޮތުގައި ދެކޭށޭ. އެހެންވީރު. ބޭބެއެއް ކޮއްކޮއެއްދެކެ ލޯބިވުމަކުން މައްސަލައެއް ނެތެއްނު. ހަހަހަ. ” ޒާނިޝް އާއި އަތް ޖަހާލަމުން ދެމީހުން ހެމުންދިޔައިރު ބޮޑު ކާމިޔާބީ އެއް ފާހަގަ ކުރަމުންދާކަހަލައެވެ.

“ޔޫ ޓޫ ވޮންޓް ޗޭންޖް. ” އަހަރެންވެސް އެމީހުންގެ ބޯހަރުކަމުން އިތުރަށް އެއްޗެކޭ ނުބުނެ އޮށޯތީމެވެ.

ޝާޔާއަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. ފަތަން ނޭނގޭތީއާއިއެކީ ހަތަރެސްފައިން ސަލާމަތް ވުމަށް އެދި ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވަމުން ދިޔައެވެ. ޝާޔާއަށް ފެންނަހިސާބުގައި އެއްވެސް މީހަކު ނެތެވެ. ޝާޔާ އަޑުގެ ކޮޅަށް ހަޅޭލަވަމުން ދިޔައެވެ. ނަމަވެސް ޝާޔާގެ އަނގައިން އަޑެއް ނުނިކުތެވެ. ނޭވާލާން ކުރިމަސައްކަތުން އަނގައާއި ނޭފަތަށް ވަންނަންފެށީ ލޮނެވެ. ކޮށިއަރާ ފުއްޕާމޭ ފުރެމުން ދިޔައިރު ޝާޔާގެ މޫނުމައްޗަށް އަނދިރިވަމުންދިޔައެވެ. އެއަނދިރިކަމުގެ ތެރެއަށް ޝާޔާދަމައިގަނެވުނެވެ.

ފުންމައިގެން އަހަރެންނަށް ތެދުވެވުނުއިރު އޮވެވުނީ އެނދުމަތީގައެވެ. އޭރު ގަޑިން ތިނެއް ޖެހީއެވެ. އެއީ މީގެކުރިންވެސް އަހަރެންނަށް ހުވަފެން ފެންނަ ގަޑިއެވެ. އަހަރެންގެ ހިތް މޭގެތެރޭގައި ތެޅެމުންދާއިރު ފަޅާލާފައި ނިކުންނަން ބޭނުންވެފައި ވާކަހަލައެވެ. ދާހިއްލާ ފޯވެފައި އިންއިރު އަހަރެންގެ ހައްޓަށް ނޭވާ ނުފެތިވެއެވެ. ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ހިތަށް ކުރަމުންދިޔަ ހިތްދަތި އަސަރު ތަކުގެ ސަބަބުންނެވެ.

“ނޫން ނޫން. ޝާޔާއެއް މަރެއްނުވާނެ. ޝާޔާއެއް. ” އަހަރެންނަށް ގިސްލެވެން ފެށުނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. މީގެ ކުރިން އަހަރެންނަށް ފެނުނު ހުރިހާ ހުވަފެނެއް ވަނީ އަހަރެންގެ ލޯކުރިމަތީގައި ތެދު ޙަޤީގަތަކަށްވެ ނިމިފައެވެ. މިއީ ތަޤުދީރުގެ ނިޔާ އަންނަން އޮތް ގޮތް ކަމުގައި ވަނީނަމަ އަހަރެންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ޔަޤީނެވެ. ނަމަވެސް އަހަރެންގެ ފުރާނައިން ލޯބިވާ ޝާޔާ އަހަރެންނާއި ވަކިވާކަށް ނޭދެވޭނެއެވެ. އެ ޙާދިސާ ޙަޤީގަތަކަށް ވިޔަކަ ނުދޭނަމެވެ. އަހަރެން ޝާޔާ ސަލާމަތް ކުރާނަމެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސައް ވިސްނުވައިދިނީމެވެ. އަހަރެން ތެދުވެގެން ނިކުތީ ގޭގެ ފެންޑާއަށެވެ. އަތުގައި އޮތް ފެންފުޅިން ފެންކޯވަރަކުން ކަރު ތެންމާލީމެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ލުއިވޭތޯއެވެ. އިތުރަކަށް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. އެފަދަ ޙާލެއްގައި ވިސްނަން އިންދާ ފަތިސްނަމާދު ބަންގި ގޮވައިފިއެވެ. އަހަރެން ފާހާނަ އަށް ވަދެ ފްރެޝް ވެލައިގެން، ވުޟޫ ކޮށްލައިގެން ނިކުތީ ނަމާދަށް ދާށެވެ.

ނަމާދުކުރުމަށްފަހު މާތްﷲ ގެ ޙަޟްރަތަށް އަހަރެން ދުޢާދެންނެވީމެވެ. އެފަދަ މުޞީބާތްތަކުން ޝާޔާ ރައްކާތެރިކޮށް ދެވުންއެދިއެވެ. ޝާޔާއަށް އެފަދަ މުޞީބާތެއް ކުރިމަތި ނުކުރައްވާތޯއެވެ. ނަމާދު ނިމުމާއިއެކު އަހަރެން ބެލީ އަވަހަށް ޝާޔާ އުޅޭ ގޭދޮށަށް ދާށެވެ. ޝާޔާ އަހަރެންގެ އިންތިޒާރުގައި ހުންނާނެކަން އެނގޭތީއެވެ. މިސްކިތުން އަހަރެން ނިކުތް އިރު ބަކުރުބެ އާއި ވެސް ދިމާވިއެވެ. ޙާލު ބަލާ ހަދާފައި ބަކުރުބެ ދަންދެން އަހަރެން މަޑު ކުރީމެވެ. ބަކުރުބެގެ ފަހަތުން ނުފެންނާނެހެން ފިލައިގެން އަހަރެން ދިޔައީމެވެ. ބަކުރުބެ ގެޔަށް ވަނުމާއިއެކު އަހަރެން އެގޭ ކުރިމައްޗަށް ހުއްޓި ބަލައިލީ ޝާޔާގެ ހިލަމެއް ވޭތޯއެވެ.

އަހަރެން ފެނުމާއިއެކު ޝާޔާ ފެންޑާގައި ހުރި ޖޯލިފަތިން ތެދުވެގެން ގޯތި ތެރެއަށް ނިކުތެވެ. އެއާއިއެކު ގޯތީގެ ބިއްދައްފަރާތަށް ދާން ހިނގައިގަތެވެ. އެފަރާތަށް ދަމުން އަހަރެންނަށް އިޝާރާތް ކޮށްލީ ވަށާލާފައި އެގޯތީ ބިއްދަށް ފަރާތަށް އައުމަށެވެ. އެބްލޮކް ވަށާލާފައި ބިއްދަށަށް ދެވެން އޮތްކަން އެނގުނީދެނެވެ. އަހަރެންވެސް ޝާޔާ އިޝާރާތްކުރިފަދައިން ބްލޮކް ވަށައިލީމެވެ. އެފަރާތުގައި ހުރީ ހަދަންފަށާފައި ނުނިމި ހުރި ގެއެކެވެ. ގޯތިތެރޭގައި ވަރަށް ގަސްބޯވެފައި ވެއެވެ. އަހަރެން ފޯނުން އަލިކުރަމުން އެ ގޯތިތެރެއަށް ވަދެގެން އަނެއް ފަރާތަށް ނިކުތީމެވެ. ތެޅިގަލުން ރާނާފައިވާ ދުވަސްވީއިމާރާތެކެވެ. އެއީ އެގޯތީގައި ކުރިން އަޅާފައި ވާ އިމާރާތްކަން ބަލާލީމައި އެނގެއެވެ. އެ ފަޅުގޭގައި ފުރާޅެއް ނެތެވެ. އަހަރެން ވަދެގެން އަލިކުރަމުން ކުރިއަށް ދިޔައީމެވެ. ކުއްލިޔަކަށް މީހެއްގެ ފަޔަށް އަލި ކުރެވުނުހެން ހީވެގެން ސިހިފައި ބަލައިލީމެވެ. އެއީ ޝާޔާއެވެ.

އަހަރެންނާއި ޝާޔާއަށް ތިބެވުނީ ވީރާނާވެފައިވާ ފަޅުގެއެއްގެ ތެރޭގައެވެ. ތިބެވުނު ތަނުގެ ގޮތުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ނަމަވެސް ޝާޔާއަށް ހީވަނީ އެކަހަލަ އެއްވެސް އަސަރެއް ނުކުރާހެނެވެ.

“ބިރެއް ނުގަނޭތަ. ” އަހަރެން ވައިއަޑުން އަހައިލީމެވެ. އަހަރެން ހުރީ އެކަހަލަ، ބިރުވެރި ފިލްމު ތަކުން ދައްކާ ހައުންޓެޑް ހައުސް އެއްގެ ތެރެގައި ހުރެވުމުން ހިތް އަވަސް ވެފައެވެ. ޝާޔާ ދެފަރާތަށް ބޯ ހޫރާލީ ބިރެއް ނުގަނެޔޭ ބުނާކަހަލަ ގޮތަކަށެވެ. ޝާޔާގެ ތުންފަތް މަތިން ފެނިގެން ދިޔައީ ފަނޑު ހިނިތުންވުމެކެވެ. އަހަރެން ބިރުގެންފައި ހުރިހެން ހީވެގެން ތޯއްޗެކެވެ. ވަގުތުން އަހަރެންވެސް ވަރަށް ހަމަޖެހިލައިފީމެވެ. ހަމަ ގައިމުވެސް އަންހެން ކުއްޖަކަށް ވުރެ ކެރެން ވާނެތާއެވެ. މަޑު މަޑުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ.

އަހަރެން މަޑުމަޑުން ޝާޔާ އާއި ކައިރިޔަށް ޖެހިލީމެވެ. ޝާޔާ ލަދުން އިސްދަށަށް ޖަހައިލީ އަހަރެންގެ ލޮލުގެ ތޫނު ނަޒަރުން ސަލާމަތްވާން ކަހަލައެވެ. ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުން އަހަރެންގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ޝާޔާ އަހަރެންނާއި ބައްދަލުކުރަން ބޭނުންވީ ކީއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަގައިމުވެސް ޝާޔާ އަހަރެންނާއި ދޭތެރޭގައި ޚާއްސަ ނަޒަރަކުން ނުދެކޭނަމަ އަހަރެންނާއި މިކަހަލަ ގޮތަކަށް ބައްދަލު ކުރާކަށް ނުކެރުނީހެވެ.

ޝާޔާ އިސްއުފުލާލައި މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލަމުން އަހަރެންނަށް ބަލައިލިއެވެ. އެލޮލުގައި ވިދަވިދާހުރި ކަރުނައިގެ މުތީތައް ފެނިފައި އަހަރެންގެ ހިތް ގަނޑުވި ކަހަލައެވެ. އެމޫނުމަތިން ފެންނަން ހުރީ ވަރުބަލިކަމާއި ހިތް ދަތިކަމެވެ. ބަލާބެލުމަށް ރޭ ހަތަރުދަމު ހޭލާ ހުރިކަހަލައެވެ. އަހަރެން ކައިރިވެލާ ޝާޔާގެ ލޮލުގައިހުރި ކަރުނަތައް ފުހެދިނީމެވެ.

“ވަޓްސް ރޯންގް. ޝާޔާ. ކީހިނެއްވީ އަނެއްކާ. ” ޝާޔާ މޫނު މަޑުމަޑުމަޑުން އަނބުރައިލިއެވެ. އަދި އަހަރެންނާއި ފުރަގަސްދީ ދެލޯ ފުހެލިއެވެ. އެއަށްފަހު އަހަރެންނާއި ދިމާލަށް އެނބުރުނެވެ. ވަރަށް ހިތްވަރާއިއެކު ޝާޔާގެ އިޝާރާތުން އަހަރެންނަށް އެއްޗެއް ބުނެދޭން އުޅޭހެން ހީވިއެވެ. އަހަރެންވެސް ޝާޔާ ބުނަން އުޅޭ އެއްޗެއް ދެނެގަތުމަށް ހުރިހާ ޝަޢުޤުވެރިކަމެއް ހުސްކޮށްލީމެވެ.

“އަހަރެންނަކަށް ޝޯންއެއް އެކަށިގެނެއް ނުވޭ. ދެ މީހުންނަށް ވެސް. އެންމެ ރަނގަޅު ވާނީ. މިއީ ނުވާކަމަކަށް ހެދިއްޔާ. ޝޯން. އަހަރެންގެ މަތިން ހަނދާން ނައްތާލާ. ” ޝާޔާ ގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތި ތެންމަމުން ދިޔައެވެ. ޝާޔާގެ ވާހަކަތައް ނިމުނު އިރު މުޅި މީހާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ހަށީގައިވި ހުރިހާ ހިތްވަރެއް އެބަސްތައް ބުނުމަށް ބޭނުން ކޮށްފައިވާ ކަހަލައެވެ. ޝާޔާއަށް ކުރަމުން ދިޔަ އަސަރު ތައް ފެނިފައި އަހަރެންގެ ހިތް ކުދި ކުދި ވަމުން ދިޔައެވެ. ހިތްދަތި ކަމުން ފުރިގެންވާ ބެލުމަކާއެކު ޝާޔާ ދިއްކޮށްލީ ގަނޑުކޮޅެކެވެ. އެއަށްފަހު އެނބުރި ހިނގައިގަތީ ގެއާއި ދިމާލަށެވެ. އަހަރެންނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ޝާޔާ ހުއްޓުވަން އަހަރެން ވަރަށް ބޭނުމެވެ. ނަމަވެސް އެހިތްވަރެއް އަހަރެންގެ ދެފަޔަކު ނެތެވެ. އެވޭނީ ވަދާޢުގައި އަހަރެންގެ ހިތުގެ ގޮވުން ޝާޔާއަށް އަޑުއިއްވާލަން ބޭނުންވިއެވެ.

“އެހޯދި އުފާތަކާ.

އެމަސްތީ ރޭތަކާ.

އެއައި މޫސުމް ނަޔާ.

ފިލާ ނެތިގެންދިޔާ.

އެފަރި ހިނިތުން ވުމާ.

އެރީތި ބެލުންތަކާ.

ހަނދެއްފަދަ ރީތިކަން

ލޮލަށްވީ ގެއްލިފާ.

އެމަންޒިލް އަދު ކޮބާ.

އެހަނދުވަރު އޮއްސިފާ.

ހުރީ ވެވިފާ. ބާކީ.

ޝާޔާގޮސް ކުރިމަތިން ގެއްލެންދެން އަހަރެންނަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް އަހަރެންނަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެނެވެ. އެއާއިއެކު ގައިގާ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ޝާޔާ އަމިއްލަޔަށް މަރުވާން އުޅެނީ ބާއޭ ހިތަށް އަރާފައެވެ. ނޫނެކެވެ. ޝާޔާއަކީ އެއަށްވުރެ މާ ހިތްވަރުގަދަ ކުއްޖެކެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެން ހަދާނެ ގޮތް ހުސްވެފައި ވާ މީހެއް ފަދައިން ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގާ ހުރީމެވެ. މަޑުމަޑުން އުދަރެސްމަތި އަލިވަމުން ހުރެ އާދެއެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. އެންމެފަހުން އަތުގައި އޮތް ގަނޑުކޮޅު ކިޔާލުމަށް ރޫޅާ ލީމެވެ.

“ޝޯން.

ކަލާގެ ތިހިތުގައި އަހަރެންފަދަ ނިކަމެތި، ނުކުޅެދޭ ކުއްޖަކަށް ތިޔަފަދަ މަތިވެރި މަޤާމެއް ދިނުން ވާނީ ބޭއިންސާފަކަށެވެ. އަހަރެންނަކީ އެއްވެސް މީހަކަށް ބޭނުންހިފޭވަރަށް ވުރެ ނުކުޅެދޭ މީހަކީމެވެ. އަމިއްލަ އިޙްސާސްތައް ދުލުން ބަޔާން ނުކުރެވޭ މަންމަނަކީމުއެވެ. ތަޢުލީމުން މަޙްރޫމުވެފައިވާ ކުއްޖަކީމުއެވެ. ނަމަވެސް ކަލާ ތިއީ ކަޅުފޮއެ ރޭރޭގެ އަދިރިކަން އަލިކޮށްދޭ ހަނދުފަދަ ރީތި، ފުރިހަމަ ޒުވާނެކީމުވެ. ކަލާއަކީ ފޯރާ މުއްސަންޖެކީމުވެ. ކިޔަވައިގެންހުރި މޮޅު މީހަކީމުއެވެ. އަހަރެންނަކީ ކަލާއާއި އަޅާކިޔޭވަރުގެ މީހެއް ނޫނެވެ. ކަލާއާއި އަހަރެންގެ ފަރަޤު އުޑާ ބިމާހާ ތަފާތެވެ.

ކަލާގެ ތިހިތުގައިވި އެކަނިވެރިކަން ފިލުވައިދޭނެ ހިތްތައް އުޑުގައި ވާ ތަރިތައް ފަދައިން ވާނެއެވެ. ކަލާގެ ޙަޔާތަށް އަލިކަން ގެނެސްދޭނެ އަތްތައް ކަލާގެ އެންމެ އިޝާރާތަކަށް އެދިއެދި ވާނެއެވެ. ނަމަވެސް އަހަރެންނަކީ އެފަދަ ނަސީބެއް ހުވަފެނުންވެސް ލިބޭވަރަށްވުރެ ނިކަމެއްޗެކީމުވެ. މި ޙަޔާތުގައި އެފަދަ އުފަލެއް މިންވަރު ކުރައްވާފައެއް ނުވެއެވެ. ވީ އިރު ކަލާގެ ފުރިހަމަ ޙަޔާތަށް އަހަރެންފަދަ އަނދިރި، ނިކަމެތި ކަމެއް ގެނައުން އެއީ ބޭއިންސާފެކެވެ.

ކަލާތިއީ މިޙަޔާތަށް ބަހާރުމޫސުން ގެނުވި ފަރާތެވެ. މި ބަދުނަސީބު ޙަޔާތަށް ހިނިތުންވުމެއް ގެނުވި މީހަކީ ތިއީއެވެ. ނަމަވެސް ތިއީ އަހަރެންނަށް ފެނުނު ރީތި ހުވަފެނެކެވެ. ދެދުވަހެއްގެ މެޙެމާނެކެވެ. ނަމަވެސް ކަލާ މިޙަޔާތުގައި ވީ މަދު ދުވަސްކޮޅަކީ މިހިތުގައި ވި އެންމެ ފޮނި ހަނދާންތައް ކަމުގައި ވެފައިވެއެވެ. އެ ހަނދާންތައް އަބަދަށް މި ހިތުގައި ރައްކާކުރާނަމެވެ. ކަލާގެ ހަނދާންތަކުގައި ޢުމުރު ހޭދަކޮށްލުމަކީ އަހަރެންނަށް ލެބޭނެ އުފަލެކެވެ.

ކަލާގެ ޙަޔާތް އަހަރެންފަދަ ނިކަމެއްޗަކަށްޓަކާ ޤުރުބާން ކޮށްނުލާށެވެ. އަހަރެންގެ ހަނދާންތައް ތިހިތުން ފޮހެލަދޭށެވެ.

މިއީ އާދައިގެ ނިކަމެއްޗެއް، ތިއީ މާލޭގެ މުއްސަންޖެއް،

އަނާމީ ނުކުޅެދޭ ކުއްޖެއް، ތިއީ ހުވަފެނެކެ ފެންނާނޭ.

ލޯބިވާ

ޝާޔާ. ”

“ދެޓްސް ނޮޓް ފެއަރ. ޑެމިޓް!!” އަހަރެން ކައިރީހުރި ފާރަށް އެތިފަހަރެއް ވީއްލާލީ ހިތަށްކުރި އަސަރުންނެވެ. ޝާޔާ ގެ ޙާލަތު އަހަރެންނަށް އިޙްސާސްކުރެވެއެވެ. ނަމަވެސް އަހަރެންގެ ފޯރުންތެރިކަމަކީ އަހަރެން އެދިގެން ދެއްވި ނިޢުމަތެއް ނޫނެވެ. ޝާޔާގެ ނުކުޅެދުންތެރި ކަން ފަދައިންނެވެ. ޝާޔާ އާއި ނުލާ އަހަރެންގެ ފޯރާކަމަކުން، މުއްސަނދިކަމަކުން ލިބޭނެ އުފަލެއް ކޮބައިހެއްޔެވެ؟ އެއެއްޗިއްސަކީ އެއްވެސް ބޭނުމެއް ނުހިފޭ އެއްޗެއް ކަމުގައިވާނެއެވެ. އަހަރެންގެ މިހިތަށް ޝިފާއެއް އެ މުއްސަނދިކަމަކުން ލިބޭނެ ހެއްޔެވެ؟ އަހަރެންނަށް ލޮލުން އައި ކަރުނަތައް ފޮހެ އަމިއްލަނަފްސު ކޮންޓްރޯލް ކުރަން އިރުގަނޑެއް ބޭނުންވިއެވެ. ޝާޔާގެ ނިންމުމުން އަހަރެންނަށް ޝާޔާދެކެ ހިތްހަމަވެސް ނުޖެހެވުނެވެ. އެއީ ދަރަޖައިގެ ތަފާތު ދައްކައިގެން ދުރުވާން އުޅުނީމައެވެ. އަހަރެންގެ ޙަޔާތަށް ޝާޔާގެ މުހިންމުކަން ޝާޔާއަށް އިޙްސާސް ކުރެވޭނެނަމަ އެހެން ބުނާކަށް ނުކެރުނީހެވެ.

އަހަރެން އެނބުރި ގެޔަށް ދިޔައީ އެއްކަމެއް ނިންމައިގެނެވެ. މަންމަ އަށް ގުޅާފައި ޝާޔާ އާއި ބެހޭ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ޝާޔާއަކީ އަހަރެންނަށް ކިހާ މުހިންމު މީހެއްކަން މަންމައަށް އަންގައިދޭށެވެ. މަންމަގެ ރުހުން ލިބިއްޖެނަމަ އަހަރެން ދެން ޖެހިލުންވާނެ އެއްވެސް ކަމެއް ނެތެވެ.

ހެނދުނު ހަތެއް ޖަހަންވާއިރަށް ގެއަށް އަންހެންވެރިން އައިސްފިއެވެ. ކައްކާފައިހުރި ތާސްތަކާއި އެއްޗިހި ދޮވުމުގެ ކަންތައްތައް ފޯރީގައި ކުރަން ފަށައިފިއެވެ. ރިޔާ އާއި ރަނާ، އައިޝާ ދައްތަ އާއި އެއްކޮށް ބަދިގެފަރާތުގައި ސައި ތައްޔާރުކުރަން އުޅުނެވެ. އިތުރު ދެކުދިންވެސް އެހީވެ އުޅުނެވެ. ހެނދުނުގެ ސައިވެސް ތަންކޮޅެއް ގިނައިން ތައްޔާރު ކުރަން ޖެހޭތީއާއި އެއްކޮށެވެ. އަހަރެންވެސް ބެލީ ވީހާވެސް ނޯރމަލްކޮށް އުޅެވޭތޯއެވެ. ހިތުގައިވާ އެއްޗެއް އެހެންމީހުންނަށް ނުދައްކައި އުޅެވޭތޯއެވެ.

އަޔާން އާއި ޒާނިޝް ރީތިވާން ކޮޓަރީގައި ތިއްބެވެ. ސައިބޮއިގެން ފިރިހެން ވެރިންނަށް އޮތީ ޕާޓީ އަށް ތައްޔާރުކޮށްފައިވާ ޑެކެރޭޝަންތަށް ރޫޅާ މޭޒުތަކާއި ގޮނޑިތައް ގެނައި ތަންތަނަށް ގެންދިއުމެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެގެން ހާފިޒް އާއި ޝިޔާމް ވެސް އައިސް އުޅުނެވެ.

“ކޮބާ. މާދަން ދަތުރު ދާން ވާނެ އިނގޭ. ޕާޓީ ނިމިގެން މިކަންތައް ކޮށްފަ ޖެހޭނެ މި ގުރޫޕް ދަތުރުވެސް ދާން. ދޯ ހާއްޕޭ. ” ޝިޔާމް އާއި ހާފިޒް އަހަރެން ކައިރީ ސޯފާ ގައި އިށީންނަމުން ބުނެލިއެވެ.

“އާން. ދަތުރު ނުގޮހެއް ނުވާނެއެއްނު. އަދި މިމީހުން އައި ފަހުން ދަތުރެއްވެސް ނުދެވެއެއްނު. ދޯ. ” އަހަރެންނަށް ދޯއެއް ދެމުން ހާފިޒް ބުނެލިއެވެ. އަހަރެންވެސް ދަތުރަކުދާން ހުރީ ވަރަށް ބޭނުންވެފައެވެ. ރާއްޖެއަށް އައިސް އަދި މިއުޅެނީ މޫދަށް އެރިލާ ފަތާލާ ނުހެދިގެންނެވެ. އެހެންވެ އަހަރެންވެސް ދަތުރު ދިއުމުގެ ޚިޔާލާ ވަރަށް އެއްބައެވެ. އޭރު އަޔާން އާއި ޒާނިޝް ނިކުންނަނީއެވެ.

“އޭ. ކޮންދަތުރެކޭ. ؟ ދަތުރެއް ދާންވީއޭ. !! ހިނގާ ރާވަމާ. ” އަޔާން އައިގޮތަށް އައިސް އަނގަ ބާނާގަނެއްޖެއެވެ. ޝިޔާމް އާއި ހާފިޒްވެސް އަޔާން އާއިއެކު ދަތުރުދިއުމުގެ ކަންތައްތައް ރާވާނެ ގޮތް ކިޔައިދެމުން ދިޔައެވެ. އަހަރެންނާއި ޒާނިޝް ވެސް ގޮތްކިޔަމުން ދިޔައީމެވެ.

“ކޮންވާހަކައެއްގަ މާ އޮލަ ކޮށްލާފަ. ” މުޙައްމަދުބެ އައިސް ވަނީ އެވަގުތުއެވެ. އެއާއިއެކު މުޙައްމަދުބެ ވެސް ދަތުރު ދިއުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރު ދިނެވެ.

“ބަލާ ބަލަ މީގެ ލޮނު ހިޔަވަރު ތޯ. ” ރިޔާ ދޭފަތެއް މައްޗަށް ތައްޔާރުކުރަމުންދާ ސައިޑްޑިޝްގެ ސޯސްގަނޑުން އެތިކޮޅެއް ލައިގެން އައިސް ޒާނިޝް ކައިރީގައި ހުއްޓިލިއެވެ. އެއާއިއެކު ޒާނިޝް އެތިކޮޅެއްގައި އިނގިލި ޖައްސާލާފައި އަނގަޔަށް ލާން އުޅުނެވެ.

“ތިހާ ކުޑަ އެތިކޮޅަކުން މީހުން ލޮނު ރަހަ ބަލާތަ. ” ރިޔާ އެހެން ބުނުމުން ތަންކޮޅެއް ގިނައިން އަނގައަށް ލައިފިއެވެ. އެއާއިއެކު ޒާނިޝްގެ މޫނުމަތި ކުނިވެގެން ދިޔައެވެ.

“ވާވް. އުމް. ދިސް އިޒް ޓޭސްޓީ. އެއަށްވުރެ އަވަހަށް އެމޫނުމަތި އުޖާލާވެގެން ދިޔައީ މާ މީރު އެއްޗެއް ކެވިގެން އުޅުނު ހެނެވެ. އަހަރެމެން އެންމެންވެސް ރަހަބަލަން އެތިކޮޅެއް އަނގަޔަށް ލީމެވެ.

“ޕު…ހް. ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ.

-ނުނިމޭ-

2
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [6]“

  1. ގާއިސް. އުއްމީދުކުރަން މި ބައިވެސް ކަމުދާނެ ކަމަށް. ލެޓް މީ ނޯ ވަޓް ޔޫ ތިންކް. 🙂
    ގުޑޫ.

    1

    0

Leave a Reply

Your email address will not be published.