މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [8]

“ކިހިނެއް ރުޅި މަޑުކުރެވޭނީ. ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. ! މަތިގަނޑެއް ނެތީތަ މިގޭގަ. !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު ޝާޔާގެ މޫނުމަތި ކުލަވަރު ބަދަލު ވި މަންޒަރެވެ. ޝާޔާގެ ބަދުނަސީބު ދިރިއުޅުމަކީ މިއީތާއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލީ ޝާޔާގެ ލޮލުން ވިދާލި ކަރުނައިގެ މުތީފެނި ހިތަށްކުރި އަސަރުންނެވެ.

ޝާޔާ ކުއްވެރިވެފައިވާ މީހެއްފަދައިން އިސްޖެހިފައި ހުރިއިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތި ތެންމަމުން ދިޔައެވެ.

“ކޮންމެހެން ރޯނެ ކަމެއްނެތް މިމީހުންނަށް މާ އިނޮސެންޓް މީހެއްކަން ދައްކާކަށް. ދޭ މިތަނުން. ” ގޮނޑި ދަމާލާ މޭޒުކައިރީ އިށީންނަމުން ޝައިހާ އިއްވާލިއެވެ. އަހަރެންގެވެސް ހިތުގައި ޖެހުނެވެ. އަޔާން އާއި ޒާނިޝް ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. ޝާޔާ ކަރުނަ ފުހެމުން ކާގެއިން ނިކުމެގެން ގޮސް ގެއަށް ވަތްއިރު އެހިތުގައި އަޅަމުން ދިޔަ ވޭން އަހަރެންނަށް އިޙްސާސްކުރެވޭ ކަހަލައެވެ.

“އެކަމާ އަޅާނުލާ. އިށީނދޭ. ” ދަތްޕިލަ އެކަށް ދިލުވާލާފައި އަހަރުމެންނާއި ދިމާލަށް ބުނިގޮތުން ހީވީ މެއްސެއް ފައްސާލުން ކަހަލަގެ އާދައިގެ ކަމެއްގެ ވާހަކަ ބުނިހެނެވެ. އެހިތުގައި ވަނީ ކޮންކަހަލަ ހަރުކަށި ކަމެއް ހެއްޔެވެ؟ ޝާޔާއާއި ދޭތެރޭ ރަހުމް ކުރާ ހަމަ އެކަކުވެސް އެގޭތެރޭގައި ނެތީ ހެއްޔެވެ؟ އަހަރެންނަށް ފެންނަމުން މިދަނީ ހީކުރި ގޮތާ މުޅިން ތަފާތު މަންޒަރެކެވެ. އަހަރުމެން މަޑުމަޑުން ގޮނޑިތަކުގައި އިށީނދެ ތިބީމެވެ. ބަސްއަހާ ދަރިވަރުންތަކެއް މުދައްރިސްގެ އަދަބު ލިބިދާނެތީ ތިބިހެނެވެ. މުޅިން މޫޑް އޮފްވެ ސައިބޯހިތްވެސް ކެނޑިއްޖެއެވެ. ނަމަވެސް އާދެވުނީތީ ތިބީއެވެ.

“ޝައިހާ. ދަރިފުޅު ތިހާ ބާރަށް ދައްތައާއި ދިމާލަށް ހަޅޭލެވީމަ ދައްތަވެސް ދެރަވާނެއެއްނު. ” ބަކުރުބެ އަހަރެންގެ މޫނަށް ބަލަމުން އިނދެ ޝައިހާ ކައިރީ އެހެންބުނީ ޖެހިލުންވެފައި އިނދެކަހަލައެވެ.

“އައްޗި. އެއީ މަގޭ ދައްތައެއްނޫން. ” ބަޖިޔަލެއް އަނގައަށް ލަމުން ޝައިހާބުނި އެ ޖުމްލަވެސް ހީވީ އަހަރެންގެ ހިތް ތޮރުފައިލި ހެންނެވެ. އަހަރެންނަށް ކުރަމުންދާނެ އަސަރު އިޙްސާސްކުރެވި ޒާނިޝް އާއި އަޔާން ވެސް އަހަރެންނަށް ބަލައިލިއެވެ. އޭރު އެދެމީހުން ތިބީ އާދެވުނު މޮޔަ ހިތަށް އަރާފައި ކަހަލައެވެ. ނަމަވެސް އާދެވުނީތީ އަހަރެން އުފާކުރަމެވެ. އެހެނީ މިއަދު އަހަރެންނަށް މިގޭތެރޭގައި ޝާޔާގެ ޤަދަރަކީ ކޮބައިކަން އެނގިއްޖެއެވެ. މިގޭ މީހުންގެ އަސްލު ސިފަ ފެނިއްޖެއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ ޝާޔާ އަހަރެންނާއި ދުރުވާން ނިންމި ނިންމުމަކީ ޝާޔާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށެވެ. އެކަހަލަ ޖަލެއްގައި އަޅެއްފަދައިން އުޅެން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ.

“އުމް. ވަރަށް މީރު މި ބަޖިޔާ. ހިޔަރ. ޓޭކް ސަމް. ” ޝައިހާ ތަށިދިއްކޮށްލުމުން އަހަރުމެން ތިންމީހުންވެސް ބަޖިޔަލެއް ނެގީމެވެ.

“ހުމް. އައި ލައިކް އިޓް. ސޯ. ޓެލް އަސް މޯ އެބައުޓް ޔޯ ސެލްފް. ” އަޔާން އާދައިގެ މަތިން، އިސްވެ ވާހަކަ ފަށައިފިއެވެ.

“އޯހް. އެބައުޓް މީދޯ. އަމް. އައި ލައިކް މިއުޒިކް. އެން. ނައިސް ޑްރެސެސް. މޭކަޕް. އެން ސްޓަފް. ” ޝައިހާ ވަރަށް އާދައިގެ ގޮތަކަށް ތުއި ވެލާފައި ބުނެލިއެވެ.

“އޯހް. ވަރަށް ފުލް. ގެއިންވެސް ވަރަށް ރަނގަޅަށް މެންދުރު ކައިގެން މިހުރީ. ބަނޑަކު ނެތް ޖާގަ އެއްވެސް. އެކަމަކު ބަކުރުބެ ބުނީތީ އައިސްލީ. ދެން ކުޑަ ގޮތެއްވެސް ހަދާލެވިއްޖެތާދޯ. އެހެންވީމަ އަހަރެމެން ގޮސްލީއޭ. ” އަހަރެން ގޮނޑިން ތެދުވަމުން ބުނެލީމެވެ.

“ހާދަ އަވަހަކަށް ތިދަނީ. އިހަށް މަޑުކޮށްލަންވީނު ދުފާލާ ހަދާލަން. ” ބަކުރުބެ އެހެން ބުނުމުން އަހަރުމެން ގޮސް އުނދޯލިގޭގައި ޖައްސާލީމެވެ. އުނދޯލި އެއީ އަހަރެންނަށް ވަރަށް ކަމުދާ އެއްޗެކަށް ވެއްޖެއެވެ. ހެއްލާލުމުން ވަރަށް އަރާމެވެ. އިރުކޮޅަކުން ބަކުރުބެއާއި ޝައިހާވެސް ކާގެއިން ނިމިގެން އައިސްފިއެވެ. ޒާނިޝް ތެދުވެގެން ގޮސް ގެއާއި ތަންކޮޅެއް ކައިރިވެލިއެވެ.

“އަހަރެންނަށް މިކަހަލަ އާސާރީގޭގެ ވަރަށް ކަމުދޭ. ވަރަށް މަދުން މިކަހަލަ ގޭގެ މިހާރު ފެންނާނީ. ” ޒާނިޝްގެ އައި-ފޯން ނަގައިގެން ގޮތް ގޮތަށް އެދުވަސްވީ ގެ ފޮޓޯ ނަގަމުން ދިޔައެވެ.

“ހެހެހެ. އެހެންތަ. މަރިޔަން ދާންވީނު އެ ކުދިންނަށް ގޭތެރެއާއި ތަންތަން ދައްކާލަން. ” ބަކުރުބެ އުނދޯލީގައި ދުފާ ތަބަށް ހިފައިގެން އިށީންނަމުން ޝައިހާ އަށް ބުނެލިއެވެ. އެއާއިއެކު އަހަރެމެން ޝައިހާ ފަހަތުން ގޭތެރެއަށް ވަދެލީމެވެ.

ފެންޑާއިން އެނތެރެއަށް ވަދެވެން ހުރި ދޮރުން ވަނީމެވެ. އޭރު މެދުގޭ ތެރޭއިން ރޯނު އެނދެއްގެ މަތީގައި ޝާޔާ އިނެވެ. އަހަރުމެން ފެންނައިރަށް ތެދުވެ އިސްދަށަށް ޖަހާލައިގެން ދެއަތް ދެއަތާއި މޮޑެން ފަށައިފިއެވެ. ޒާނިޝް އެގޭތެރޭގެ މަންޒަރުތައް އޭނާގެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ.

“މީ އަހަރެން ނިދާ ކޮޓަރި. ” ޝައިހާ ދައްކާލީ ބޭރަށް ކުޑަދޮރެއްލާފައިވާ ކޮޓަރިއެވެ. އެއީ މިހާދުވަސް ވަންދެން ޝާޔާ ނިދިކޮޓަރިއެވެ. އެކޮޓަރިތެރެ އެރޭގައި ޝައިހާގެ ހެނދުންތަކާއި އެއްޗިހި އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައި ވެއެވެ.

“ޝާޔާއާއި ދެމީހުންވެސް ނިދަނީ މިކޮޓަރީގަތަ. ” އަހަރެން ސުވާލުކުރީ ޝައިހާ ޝާޔާއާއި އެއްކޮށް އެއްކޮޓަރިއެއްގައި ނުނިދާނެހެން ހީވެގެންނެވެ.

“އައްޗި. މަނިދާނެ ދޯ އޭނަޔާއެއްކޮށް. ” ޝައިހާ ބުނިއެއްޗެއް އަޑުއިވޭ ހިސާބުގައި ހުރި ޝާޔާގެ ހިތަށް ކުރާނެއަސަރާމެދު ވިސްނިފައި އަހަރެންނަށް ބަލާލެވުނެވެ. ވަގުތުން ޝާޔާ އިސްޖަހައިލީ އެދެލޮލުގައިވި ހިތާމައިގެ އަސަރު އަހަރެންނަށް ފޮރުވާށެވެ.

“މިއީ މަންމަ އާއި ބައްޕަ ނިދާ ކޮޓަރި. ” ޖެހިގެން ހުރި ކޮޓަރި ދައްކާލަމުން ޝައިހާ ބުނެލިއެވެ. އެކޮޓަރީގައި ލެއްޕޭ ގޮތަކަށް ދޮރެއްނެތެވެ. މަދިރިގެ އަޅާފައިވާ ދެ ރޯނު އެނދުގެމަތީގައި ގޮދަޑި ބާއްވާފައި ވެއެވެ. އެންމެ އިހުޒަމާނުގެ ރަންޒަމާން އެކޮޓަރި ތެރެއިން ސިފަވަމުން ދިޔައެވެ.

“ވާ. ވް. ވިންޓޭޖް ސީނެއް. އަހަރެންނަށް ހީވަނީ ސެޕިޔާކޮށް ފެންނަހެން. ” ޒާނިޝް އަކީ ފޮޓޯ ގްރެފީއަށް ވަރަށް ފޯރިހުންނަ މީހެއްކަމުން އެކަހަލަ މަންޒަރެއް ފެނުމުން ހުރީ އަންތަރީސް ވެފައެވެ.

“ދެކޮޓަރި އެކަނިތަ ހުންނަނީ. ދެން ޝާޔާ ނިދަނީ ކޮންތާކު. ” އަހަރެންނަށް އަހާނުލާ ނުހުރެވުނެވެ.

“އޭނަ ނިދާނީ އެތާ. ” ފަރުވާކުޑަ ގޮތަކަށް ޝައިހާ ދައްކާލީ މެދުގޭތެރޭގައި ހުރި ކުނާ އަޅާފައިވާ ރޯނު އެނދެވެ. އެގޭތެރޭގައި ޝާޔާގެ ދަރަޖަ ފެނިގެން ދިއުމުން އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނޯކަރުންވެސް ގޭގޭގައި އެހާ ދަށްފެންވަރުގައި އުޅޭނެ ހެއްޔެވެ؟ އަހަރެން ނަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން ޝާޔާގެ ގާތަށް ޖެހިލީމެވެ.

“މިއީތަ ޝާޔާ އުޅެން ބޭނުންވާ ގޮތަކީ. ” އަހަރެން ޝާޔާއާއި ކައިރިވެލާފައި ބުނެލީ ހިތުގައި ހުރިހުރިހާ ހިތާމައެއް ދުލުން ބޭރުކުރަމުންނެވެ. “މިގޮތަށް މިތާނގަ އުޅެން ބޭނުންވެގެންތަ އަހަރެން ކައިރީ ޝާޔާގެ މަތިން ހަނދާން ނައްތާލާށޭ ބުނީ. ކައިރީ ހުރި ޝާޔާ ނިދާ އެނދާއި ދިމާލަށް އަތް ދިއްކޮށްލަމުން އަހަރެން އަހައިލީމެވެ. އޭރު އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރުން ލޮލުގައި ކަރުނައިގެ އަސަރު ދުވެލައިފިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޝާޔާ ހުރިއިރު ޝާޔާގެ ކޯތާފަތް މަތި ތެންމަމުން ދިޔަ ކަރުނަތިކި ޝާޔާގެ ހިތުގެ ހާލު ބަޔާން ކޮށްދެއެވެ. އޭރު އަޔާން އާއި ޒާނިޝް އާއިއެއްކޮށް ފޮޓޯނެގުމުގައި ޝައިހާ ކޮޓަރިތެރޭ އުޅެއެވެ. “ޝާޔާ. އަހަރެން ޝާޔާދެކެ ލޯބިވީ ޝާޔާގެ ދިރިއުޅުމުގެ ފެންވަރަކަށް ނޫން. ޝާޔާގެ ހުރި ކުޅެދުންތެރިކަމަކަށް ވެސް ނޫން. އަހަރެން ލޯބިވީ މި ހަށީގެ ތެރޭގައިވާ ރޫޙްދެކެ. ” އަހަރެން ޝާޔާގެ ކޮނޑުގައި އިގިލި ޖައްސާލާފައި ބުނިއިރު އަހަރެންގެ ލޯފުރިގެން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް ބަންޑުންވެގެން ދިޔައެވެ. “ތިނޫން އެހެން އެއްވެސް އިންސާނަކަށް އަހަރެންގެ މިހިތަކަށް ފިނިކަމެއް ނުގެނެވޭނެ. ޝާޔާ. އަހަރެންނަށް އެނގޭ ޝާޔާ އަހަރެންދެކެ ލޯބިވާކަން. ޝާޔާ ކޮންމެ އެއްޗެއް ބުންޏަކަސް. އައިކޭން ފީލް އިޓް. ޔޫ އަރ މައިން. އެން އޮންލީ މައިން. ” އަހަރެން ބޭނުންވީ ޝާޔާ އަހަރެންގެ މޭގެ ތެރޭގައި ބޮޑިކޮށްލާށެވެ. އަހަރެންގެ ހިތުގައި ވާ ލޯބި ޝާޔާއަށް އިޙްސާސްކޮށްދޭށެވެ. އެފަދަ އޯގާތެރިކަމަކަށް ޝާޔާގެ ހިތްވެސް ބޭނުން ވެފައިވާކަން އަހަރެންނަށް އެނގެއެވެ. އެހެންވީއިރު އަހަރެންގެ ލޯތްބަށް ޝާޔާ ފުރަގަސް ދިނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ލޯތަބަށް އިތުބާރު ނެތީ ހެއްޔެވެ. މިހިތުގެ ޙާލު އެނގޭނެ ނަމައެވެ.

“ނޭދެން ތިލޯބިން ވާކަށް މަ ބާކީ އޯގާ ވެދޭށެ ހަނދާއޭ.

ލޯބިން ފަނާ. ވެއްޖޭ އަނާ. ލޯބިން ފަނާ. ވެއްޖޭ އަނާ.

މަލެކޭތީ ބިނދެލަން އެދޭ ހިއްސާވެލޯބިން ފުން

ވީ ނޭގޭ އިޙްސާސެކޭ. ޙިއްސާވެ ލޯބިން ފުން.

ޖަޒްބާތޭ. އުތުރޭ މިލޭ، ޙިއްސާވެ ލޯބިން ފުން

ގުޅުމެއްވޭ. އެބަހީވެޔޭ، ޙިއްސާވެ ލޯބިން ފުން.

ދޭށޭ އުފާއޭ. ފުންހިތުގެ ލޯތްބޭ. ކޮށްލީ ދިވާނާތާއޭ.

ނޭދެން ތިލޯބިން ވާކަށް މަބާކީ. އޯގާވެދޭށެ ހަނދާއޭ.

ލޯބިން ފަނާ. ވެއްޖޭ އަނާ.

ލޯބިން ފަނާ. ވެއްޖޭ އަނާ.

ވެސީދާ ލޮލާލޯ އިއްތިފާޤުން ވެވި ގަޔާ.

އަޖައިބެއް ފަދައިން ބައްދަލް ވުމުން.

އޯއޯއޯ.

ޝައިހާ މެން ނިކުންނަން ފެށުމުން އަހަރެން ދެލޯ ފުހެލަމުން ގެއިން ނިކުތީމެވެ. އޭރުވެސް ޝާޔާ ގިސްލަމުން ދިޔައެވެ. މަޣްރިބު ނަމާދު ބަންގީގެ އަޑު އިވިގެން ދިޔައީ އެވަގުތުއެވެ. އޭރު އަދިރިކަން އަލިކަމުގެ މައްޗަށް އަތް ގަދަ ކުރަމުން ދަނީއެވެ.

“ހޭ ބައިދަވޭ މާދަން ދަތުރު ދާން މިއުޅެނީ. ދާނެ އައިޝާދައްތަމެން ފެމިލީ އެންމެންހެން. ދާން ވާނެއެއްނު. ވަރަށް މަޖާވާނެ. ” އަޔާން ޝައިހާ އަށް ބަލާލަމުން މޫނުމައްޗަށް ވެއްޓިފައި އިން ދެ އިސްތަށިކޮޅު ރީތިކޮށްލިއެވެ. ޝައިހާ ހުރީ އަޔާންގެ ހަރަކާތް ތަކަށް ޝައުގުވެރި ވެފައިކަން އަހަރެންނަށް އެނގުނެވެ.

“އަސްލުތަ. ސަޅިވާނެ. މަވެސް މިއުޅެނީ އައިފަހުން ފޫހިވާތީ. ދާންވާނެ. ކިހާއިރަކު ފުރަނީ. ” ޝައިހާ ވަރަށް ގަޔާވެލާފައި އަހާލިއެވެ.

“ހެނދުނު ހައެއް ޖަހާއިރު ނައްޓާލާނެ. އެހާއިރަށް އާދޭ ޖެޓީ ކައިރިއަށް. މިމަގުން އަހަރުމެން ދާނީ. ރެޑީ ވެލައިގެން ތިބޭ އެހާއިރަށް. ” އަޔާން ޖަވާބުދިނެވެ.

“އާނ. ޝާޔާ ވެސް ގޮވައިގެން އަންނައްޗޭ. ” ޒާނިޝް ކުއްލިޔަކަށް ހަނދާންވެގެން ބުނެލިއެވެ. އޭރު އަހަރެންހުރީ އެއްވެސް ވާހަކައެއް ޝައިހާ ކައިރީ ދެއްކޭވަރަށް ވުރެ މާ އަސަރު ކޮށްފައެވެ. ޒާނިޝް ގެ ޖުމްލަ އިވުމާއިއެކު ޝައިހާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ.

“އެކީއްކުރަން އޭނަ ގެންދަންވީކީ. ” ޝައިހާ ހިތްހަމަނުޖެހިގެން މޫނު އަނބުރާލިއެވެ. ޝައިހާ ރުއްސަން ކޮންމެވެސް މޮޅު އެއްޗެއް ކިޔަން ޖެހޭނެއެވެ. ކުއްލިއަކަށް ޒާނިޝް އަށް މޮޅު އައިޑިޔާއެއް އައީހެން ހީވިއެވެ.

“ޝާޔާ ނުދަންޏާ ކައްކަން ވަރަށް ދަތިވާނެ. ޝައިހާ ބޭނުންތަ މުޅި ދަތުރުގެ މަޖާ ގެއްލުވާލަން އަންހެން ވެރިންނާއި އެއްކޮށް ކައްކަން އުޅެން ހަދައިގެން. ޝާޔާ ގެންދިޔައީމަ ޝައިހާ ނުޖެހޭނެ އެކަމާ ހާސްވާކަށް. ” ޒާހިން މޮޅު ރޮކެޓެއް ޖަހާލިއެވެ.

“ހެހެ. ނުބުންޏަސް ޝައިހާ އަންނާނީ ޝާޔާ ގޮވައިގެންނޭ. ދޯ. ” އަޔާން ވެސް ގާތްވެލާފައި ބޮލަށް ހުތް ލައިދިނެވެ.

“ހުމް. އެންމެ ރަނގަޅޭ. މަށެއްވެސް ބޭނުމެއްނޫން ކައްކަން ވަގުތު ބޭކާރު ކުރާކަށް ދަތުރު ގޮސް. ” ޝައިހާ ވެސް ބައިވެލައިފިއެވެ. ޒާނިޝް އާއި އަޔާން ގެ ރޮކެޓަށް ރަނގަޅަށްވެސް ޝައިހާ ހެއްލިއްޖެއެވެ. ކޮންމެއަކަސް ޝައިހާ އެއްބަސް ވުމުން އަހަރެންނަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ޝާޔާ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭނެތީއެވެ. ޝާޔާ އާއި ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކައެއް އެބަހުއްޓެވެ. މިހާރުވެސް އަހަރެންނަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ.

އަހަރުމެން އެގެއިން ނިކުމެގެން ދިޔައީ މިސްކިތަށް ދާށެވެ. އޭރުވެސް އަޔާން މެންގެ ޚަބަރެއް ނުވެގެން ރަނާ އާއި ރިޔާ މެސެޖް ކުރާވަރުން އޮބިނޯވެއެވެ.

“ޕިސް ޕިސް. ދިސް އިޒް ޓޫ މަޗް. ލޯމަތިން ގެއްލޭ އިރަށް ތިބެނީ ދިވާނާ ވެފަ. ކިހާ ދުވަހެއްގެ ކަމެއްބާ. ޔަގީން މިރަށުން ދެވުންކަން ލަސްވާނީ. ދަންނަބައެއްކަންވެސް ނޭނގޭނެ. ” އަހަރެން ދިމާކޮށްލީމެވެ.

“ހެހެ. ތިހެން ނުބުނޭ. އައި ޑޯންޓް ނޯ. ޝީ އިޒް ޑިފެރެންޓް. އަހަރެންނަކަށް ރިޔާ އާއި ނުލާ އުޅެން ފަސޭހަވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. ” ޒާނިޝް އެހެން ބުނެލީ އޭނާގެ ހިތުގެ އަޑިންކަން އަހަރެންނަށް އިޙްސާސް ވިއެވެ.

“މީ ޓޫ. ” އަޔާން ވެސް ހަމަ އެހެންނެވެ. “ރަނާގެ މައުސޫމް ކަމާ. ރީތި ކަން. އަދި އަދާތައް. ކޮންމެކަމެއްވެސް އަހަރެންގެ ހިތުގަ އަބަދުވެސް ނުފިލާހުރޭ. ދިސް އިޒް ދަ ފަސްޓް ޓައިމް އަމް ފީލިން ސަމްތިން ދިސް ޕިޔޯ. ” އަޔާން އާއި ޒާނިޝްގެ ހިތުގެ އެދުން އެނގުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ރިޔާ އާއި ރަނާއާއި ދެކުދިންގެ ނަސީބުވެސް ދެކިބަލާށެވެ. ދުނިޔޭގެ ކޮންމެ ތާކު ވީކަމުގައިވިޔަސް އެކުގައި ވުމަށް އިރާދަ ކުރައްވާފައިވާ ބަޔަކު އެކުނުވެ ނުދާނެއެވެ. އަހަރުމެން މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ދިޔައީ ގެއަށެވެ.

ގެއަށް ވަތްއިރު ގެއަކު ކަރަންޓެއް ނެތެވެ. އަލިކަމުގެ ކަންފުޅެއްވެސް ނެތެވެ. ހީވަނީ މީހުން ނޫޅޭ ފަޅުގެއެއްހެނެވެ. އޭރު އިރުއޮއްސި އަނދިރިވެފައި ވާތީއާއިއެކު ގޯތިތެރެއަށް އެޅިފައިވާ ސްޓްރީޓް ލައިޓްގެ ފަނޑު އަލި ނޫނީ ނެތެވެ. އަހަރެންނާއި ޒާނިޝް އަދި އަޔާން ފޯނުން އަލިކޮށްގެން ފެންޑާއިން ގޭތެރެއަށް ވަންނަން ހުރި ދޮރު ހުޅުވާލީމެވެ. އެއީ އެހެންނޫނީ ލައްޕާވެސް ދޮރެއް ނޫނެވެ. އެހެންކަމުން އަހަރެމެންނަށް އެއީ ރަނާ އާއި ރިޔާގެ ކަމެއްކަން އެނގުނެވެ. ސިޓިންރޫމަށް ވަންނަމުން އަޔާން ފޯނުން އެތަން މިތަނަށް އަލިކުރަމުން ގޮވާލިއެވެ.

“އައިނޯ އިޓްސް ޔޫ ރަނާ. ކަމް އައުޓް. އިޓްސް އޯވަރ ނައު . ” އަޔާން ގެ ފަހަތުން ޒާނިޝްވެސް ގޮވާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ވާހަކައަކަށް ޖަވާބެއް ނުލިބުނެވެ. އަހަރެން ފޯނުން އަލިކޮށްގެން ސްވިޗް ބޯޑު ހޯދާލާ ޖައްސާލީމެވެ. ނަމަވެސް ބޮތްކެއް ނުދިއްލުނެވެ. ހަމަ ރަނގަޅަށްވެސް ގޭގައި ކަރަންޓް ނެތީއެވެ.

“އޯހް . ޑޭމް. ނެތޭ ކަރަންޓެއް. އެހެންވެ ތިބެން ނުކެރިގެން އެދެމީހުން ދިޔައީ ކަންނޭނގެ. ” އަހަރެން ދެފަހަރަކަށް ސުވިޗް ޖައްސާލާފައި ބޮކި ނުދިއްލުމުން އެވީގޮތް އެނގިއްޖެއެވެ.

“އެހެންވީރު އެމީހުން އެދިޔައީ ކޮންތަނަކަށް ބާ. ؟ ލެޓްމީ ކޯލް ހަރ. ” ޒާނިޝް ރިޔާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އަހަރުމެން ދެމީހުންތިބީ ޒާނިޝްގެ ކޯލްގެ ޖަވާބެއް ލިބޭތޯއެވެ. މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އަނދިރި ކަމުގެ ތެރެއިން އަހަރެންގެ ފޯނުގެ އަލިން ފެންނަން ހުރި ޒާނިޝްގެ މޫނު ނޫނީ ފެންނާކަށް ނެތެވެ.

ހަމަހިމޭންކަން ދުއްވާލީ ފޯނެއް ރިންގުވާ އަޑަށެވެ. އެހަމަހިމޭންކަމުގެ ތެރެއިން އަޑުއަންނަނީ އައިޝާދައްތަމެންގެ ކޮޓަރިންކަން އެނގުނެވެ. ތިންމީހުންނަށް އެއްފަހަރާ ބަލައިލެވުނީ ކުޑަކޮށް ހުޅުވިފައިވާ އެކޮޓަރީގެ ލަކުޑި ދޮރަށެވެ.

“މޭބީ ދޭއަރ އިން ދެއަރ. ” އަޔާން ވައި އަޑުން ބުނެލިއެވެ. އެކަހަލަ ކިތަންމެ މަޑުއަޑަކަސް އެހަމަހިމޭންކަމުގެ ތެރެއަން ސާފުކޮށް އިވެއެވެ. އަހަރުމެން މަޑުމަޑުން އެކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. އެއީ މީގެކުރިން ދުވަހަކުވެސް ވަދެފައި ނުވާ ކޮޓަރިއެކެވެ. އެހެންކަމުން ކުޑަކޮށް ޖެހިލުންވެފައި ހުރެ ނަމަވެސް ކޮޓަރީގެ ދޮރާ ހަމައަށް އައިސް ދޮރު މަޑުމަޑުން ހުޅުވާލަން ހިފުމާއިއެކު ދޮރުގެ ހުޅުން ކިޔަމުން ދިޔަ އަޑުން ސިފަކުރެވުނީ ބިރުވެރި ފިލްމެއްގެ މަންޒަރެކެވެ. ބޯދިއްކޮށް އެނތެރެ ބެލިއިރު އަނދިރި ގުދަނެއް ކަހަލަ ކޮޓަރީގެ އެނދުމަތީގައި އޮވެގެން ފޯން ރިންގު ވަމުން ދެއެވެ. އެއަޑު ފިޔަވައި އެހެން އަޑެއް މުޅި ގޭތެރޭގައިވެސް ނެތެވެ. ޒާނިޝް މަޑުމަޑުން އެނތެރެއަށް ވަނީ ފޯނާ ދިމާލަށް ދާށެވެ. އެއާއިއެކު ރިންގު ކެނޑިއްޖެއެވެ. ޒާނިޝް ފޯނުނަގާ އަލިކޮށްލިއެވެ. ފޯނުގެ ފަނޑުއަލިން ކުރިމަތީގައި ހުރި އެނދު ފެންނަމުން ދިޔައިރު އެނދުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ބާލިސްތަކާއި ކަންނޭލަށް އަލި އެޅިފައިވާގޮތް ފެނި ހިތުގެ ތެޅުން ބާރުވެލިއެވެ.

ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. އެއަށްފަހު ދެންވެސް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ކުއްލިއަކަށް ކްލޯސެޓްތެރެއިން ބިރުވެރި އަޑުފައްގަނޑަކާއިއެކު ހުދުކުލައިގެ ބޮޑުއެއްޗެއް އަހަރުމެންނާއިދިމާލަށް އަންނަން ފަށައިފިއެވެ. އެއަކު އަތެއް ފައެއް ނެތެވެ. ހިތް މޭފަޅާލާފައި ނުނިކުތީ ކިރިޔާއެވެ. ސިހިފައި ތިންމީހުންނަށް ހަޅޭ ލަވައިގަނެވުނެވެ.

-ނުނިމޭ-

1
1
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

Leave a Reply

Your email address will not be published.