ހިތާމަ ލޯބީގެ

ހަހަރު

މާއިދު ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ޑޮކްޓަރަށް ދައްކާށެވެ. މާއިދުގެ ބައްޕަ ނާއިފްގެ ހަށިގަނޑު ބަލައި ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރ ބުނީ ނާއިފް އެނދުމަތި ކުރާންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން މާއިދު ވަރަށްބޮޑަށް ނުތަނަވަސްވިއެވެ. ނާއިފް ގޮވައިގެން މާލެއައީ މާއިދު އެކަނި ކަމަށްވާތީ ނާއިފު އެނދުމަތި ކޮށްފިނަމަ ހުރިހާކަމެއް ކުރާން ޖެހޭނީ އޭނާ އެކަންޏެވެ. އޭނާ އެކަނި މާއެކަނި ހުރިހާކަމެއް ކުރާން ޖެހިއްޖެނަމަ އެހާމެ އުނދަގޫވާނެއެވެ.

ކޮންމެގޮތަކަށް ކަންތައް ހުރި ނަމަވެސް ނާއިފް އެނދުމަތި ނުކޮށް ވެސް ވާކަށްނެތެވެ. އެނދުމަތިކޮށް ރަނގަޅު ފަރުވާއެއްދީގެން ނޫނީ ނާއިފަކަށް އަވަސް ސިފާއެއް ލިބޭކަށް ނެތެވެ. މާއިދު ނިންމީ ކޮންމެގޮތެއް ވިޔަސް ނާއިފް އެނދުމަތިކޮށް ފަރުވާދޭން ފަށާށެވެ. އެހެން ކަންތަކާއި ވިސްނާނީ އޭގެ ފަހުންނެވެ.

ނާއިފްގެ ޓެސްޓްތަކުގެ ކަންތައް ނިމި މާގިނައިރެއް ނުވަނީސް ނާއިފް އެނދުމަތިކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. މާއިދު އެކަނި މާއެކަނި އުޅެންޖެހުމުންނާއި އެތަނާއި އެކަންކަމަކީ އޭނާއަށް މުޅިންއައު ކަންކަމަށްވާތީ އޭނާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

ނާއިފް އެނދުމަތިކުރުމުގެ ހުރިހާކަމެއް ނިމި މާއިދު ހަމައަކަށް އެޅުނީ ހަވީރުވީ ފަހުންނެވެ.

ނާއިފް އެނދުމަތި ކުރިދުވަހު ހުރިހާ ކަމެއްގައި މާއިދު އެކަނި އުޅެންޖެހުނު ނަމަވެސް އޭގެ އަނެއް ދުވަހު އޭނާގެކޮއްކޮ އަދުލީ މާލެ އަތުވެއްޖެއެވެ. އަދުލީ މާލެއައުން ވެގެންދިޔައީ މާއިދަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ.

ނާއިފް އެނދުމަތިކުރިތާ ދެވަނަދުވަހު، އެއެނދާއި އެންމެކައިރީ ހުރި އެނދުގައި މެދުއުމުރުގެ އަންހެނަކު އެނދުމަތި ކުރިއެވެ. އެއަންހެންމީހާ ގާތުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންގެ ތެރޭގައި ޒުވާންފުރައިގެ އަންހެންކުއްޖަކު ވެސް ހިމެނެއެވެ.

އުމުރުން އަށާރަ ނަވާރަވަރަކަށް އަހަރުގެ އެއަންހެންކުއްޖާގެ މޫނާއި ހަށިގަނޑުގެ ކުލައަލިވެފައި މޫނުމަތިން ސާދާކަން ފާޅުވާން ހުއްޓެވެ. ފަންކަން އެކުލެވިގެންވާ ދިގު އިސްތަށިގަނޑެއް ލިބިފައި ވާއިރު އޭނާ ބޭނުން ކުރަމުންދާ ގަޔަށްބާރު ޒަމާނީ ހެދުންތަކުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައްޓަންތަކާއި ހަށިގަނޑުގުޅި ލާމެހިފައިވާވަރު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެ އެނގެއެވެ.

އެ އަންހެންކުއްޖާ ފެނުމާއެކު މާއިދުގެ ހިތުގައި އޭނާއާ މެދުގައި ސަޢުޤުވެރިކަން އުފެދުނެވެ. އޭނާގެ ނަން އޮޅުން ފިލުވާލާ ވާހަކަ ދައްކާލާން ބޭނުންވާން ފެށިއެވެ. އިޙްތިޔާރުގަ އާއި އިޙްތިޔާރުން ބޭރުގައި އޭނާއަށް ބެލޭން ފެށިއެވެ. މާއިދު ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.

ހޮސްޕިޓަލްތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އެނދުމަތިކުރި އަންހެންމީހާ ގާތުގައި ގިނައިން އިންނަނީ އެއަންހެން ކުއްޖާއެވެ. އެކަމުގެ ސަބަބުން މާއިދަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ.

މާއިދުއެކޭ އެއްފަދައިން އެއަންހެންކުއްޖާ ވެސް ކޮންމެ ވެސް ވަރަކަށް މާއިދަށް ބަލައި ހީލާ ހަދައެވެ. އެކަން ތަކުރާރުވަމުން ދާންފެށުން ވެގެންދިޔައީ މާއިދަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. އެއަންހެންކުއްޖާއާ ވާހަކަ ދައްކާލުމަށް އޭނާ ކުރަމުންއައި އުންމީދުތަކަށް ދިރުންއައި ކަމަކަށެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ހޮސްޕިޓަލް ކެންޓީނަށް މާއިދު ދިޔައިރު އެތަނުގެ މޭޒެއް ކައިރީގައި އެއަންހެންކުއްޖާ އެކަނި މާއެކަނި އިނެވެ. އެކަކަށް އަނެކަކުފެނުމުން ދެމީހުނަށް ވެސް ހިނިތުން ވެލެވުނެވެ.

މާއިދު ސައިބޯން އިންއިރު ވެސް ވިސްނަމުން ދިޔައީ އެއަންހެންކުއްޖާއާ މެދުގައެވެ. ކޮންމެގޮތަކުން ނަމަވެސް އޭނާއާ ވާހަކަ ދައްކާލާން ބޭނުންވިއެވެ. ސައިގެކަންތައް ނިމުނުއިރު މާއިދުހުރީ ގޮތެއް ނިންމައިގެންނެވެ.

ސައިގެ ކަންތައް ނިންމާލުމަށްފަހު މާއިދު އެތަނުން ނުކުންނާން ހިނގައިގަތްއިރު ވެސް އެއަންހެންކުއްޖާ އިނީ މާއިދަށް ބަލާށެވެ. ވަގުތަކަށް ބަލައިގެންހުރި މާއިދު އެތަނުން ނުކުންނަމުން އޭނާގެ ޖީބުންނެގި ޓިސޫއެއް އެއަންހެންކުއްޖާގެ ކުރިމަތީގައި ބޭއްވިއެވެ. އޭރު އޭގައި ކޮންމެވެސް ލިޔުމެއްލިޔެފައި ވެއެވެ.

ސައިގެކަންތައް ނިންމާލުމަށްފަހު ސިނގިރެޓެއް ބޯލުމަށްޓަކައި މާއިދު ނިކުތީބޭރަށެވެ. އާދައިގެ ހިނގުމެއްގައި ގޮސް ހޮސްޕިޓަލް ކުރިމަތިން ހުރި ފާރުމަތީގައި އިށީނދެލަމުން ސިނގިރެޓެއް ރޯކޮށްލިއެވެ.

އެތަނުގައި މާއިދު އިށީނދެ މާގިނައިރެއް ނުވަނީސް ފޯނު ރިންގްވާން ފެށިއެވެ. އަވަހަށް އަވަހަށް ފޯނުނަގަމުން ބަލާލިއިރު ފޯނުކެނޑިއްޖެއެވެ. ގުޅާފައިވާ ނަންބަރު ބަލާލިއިރު އެއީ އޭނާ ނުވެސްދަންނަ ނަންބަރެކެވެ.

އޭނާގެ ރޭވުން ކާމިޔާބުވަނީ ކަމަށް ނިންމާފައި މާއިދު އެނަންބަރަށް ގުޅާލިއެވެ. އެކޮޅުން ވާހަކަދެއްކި އަންހެން ކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއެކު ވެސް އެއީ އޭނާ ވާހަކަ ދައްކާންއުޅޭ އަންހެންކުއްޖާގެ އަޑުކަން މާއިދަށް ޔަގީންވިއެވެ. އެއަޑު އެތައް ފަހަރަކު އޭނާއަށް ވަނީ އިވިފައެވެ.

މާއިދު ވާހަކަ ދައްކާން ފެށުމުން އެއަންހެންކުއްޖާ އަމިއްލައަށް ތަޢާރަފް ވިއެވެ.

“ ސަލްމީނާ … އޯހް …. ވަރަށް ރީތި ނަމެއް. ” އެއަންހެން ކުއްޖާ ނަންބުނުމާއެކު މާއިދަށް ބުނެވުނެވެ.

އެކަކު އަނެކަކަށް ތަޢާރަފްވެ މާގިނައިރެއް ނުވަނީސް އެދެމީހުންނަކީ ދެ ރަހުމަތްތެރިންނަށް ވެއްޖެއެވެ. އެކަކު އަނެކަކަށް އެމީހެއްގެ މަޢުލޫމާތު ދެމުން ދިޔައެވެ.

ސަލްމީނާ ވެގެން ދިޔައީ މާއިދު އުންމީދުކުރި ކަހަލަ ޒުވާނަކަށެވެ. މާއިދު ފަދައިން ސަލްމީނާގެ ހަޔާތުގައި ވެސް ބައިވެރިއަކު ނެތެވެ. ދެމީހުން ވެސް ބައިވެރިއަކު ހޯދުމަށް މަސައްކަތް ކުރަމުން ދަނީއެވެ.

ސަލްމީނާގެ ފަރާތުން އިތުރަށް އެނގުނުގޮތުގައި ސަލްމީނާ ކިޔެވުން ނިންމާލުމަށްފަހު ވަޒީފާއެއް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ނަތީޖާ ރަނގަޅުކަމުން ވަޒީފާއަކަށް ކުރެވޭ އުންމީދު ނުހަނު ބޮޑެވެ.

ސަލްމީނާ އާއި މާއިދު ފޯނުން ވާހަކަ ދައްކާން ބައިގަޑިއެއްހާއިރު ތިއްބެވެ. ސަލްމީނާއާ މާއިދު ފޯނުކަނޑާލީ ދެމީހުންކުރެ މީހަކު ވާހަކަދައްކަން ބޭނުންވެއްޖެނަމަ ފޯނުކުރަން އެއްބަސްވަމުންނެވެ.

ސަލްމީނާ އާއި މާއިދުގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދިޔައެވެ. ފޯނު މެދުވެރިކޮށް ވާހަކަ ދައްކަމުންދިޔަ ދިއުމުގެ އިތުރުން ބައްދަލުކޮށް ވެސް ދައްކާން ފެށިއެވެ. އެކަމާއިބެހޭ މާބޮޑު މަޢުލޫމާތެއް އެދެމީހުން ފިޔަވާ އެހެން މީހަކަށް ނޭނގެއެވެ.

ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. ސަލްމީނާ ހޮސްޕިޓަލަށް އައިއިރު އެތަނުގައި މާއިދުގެ ބަދަލުގައި އިނީ އޭނާގެ ކޮއްކޮ އަދުލީއެވެ. ސަލްމީނާ އާއި މާއިދުގެ މެދުގައި ގުޅުމެއް އޮތް ނަމަވެސް އަދުލީއާ ވެސް ގުޅުން ބަދަހިކުރާން ސަލްމީނާ ބޭނުން ވިއެވެ. އޭނާގެ ހިތްއެދެނީ އަދުލީއަށެވެ. އުމުރުން ނަވާރަވަރަކަށް އަހަރުގެ އަދުލީއަކީ މިހާރުގެ އަންހެންކުދިން ގަޔާވާ ފަދަ ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ޒަމާނީ ޒުވާނެކެވެ. އެފަދަ އެތައްކަމެއް އޭނާގެ ކިބައިން ފެންނަން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަމުންދާ ޒުވާންކަމާއި، ފުރިހަމަކަމަކީ ސަލްމީނާ ވަރަށްގަޔާވާ އަދި އެހާމެ ހިތްހަމަ ޖެހޭކަމަކަށް ވިއެވެ.

” އަދުލީ! …. ” އަދުލީއާ ދިމާއަށް ބަލާލަމުން ސަލްމީނާ ގޮވާލިއެވެ. ސަލްމީނާއާ ދިމާއަށް އަދުލީ ބަލާލީ ހައިރާންކަމާއެކު ނަމަވެސް ހިނިތުންވެލިއެވެ.

” މިރެއަކީ އަދުލީގެ ޑިއުޓީރޭތަ ؟ ” އަދުލީއާ ގާތަށް ޖެހިލަމުން އޭނާއަށް ބަލާންހުރެ ސަލްމީނާ އަހާލިއެވެ. ސަލްމީނާގެ ސުވާލަށް ޖަވާބު ދިނުމުގެގޮތުން އަދުލީ އާނއެކޭ ބުނީ ބޮލުގެ އިސާރާތުންނެވެ.

އަދުލީއާ ވާހަކަ ދައްކާލާން ބޭނުންވެގެން ސަލްމީނާ އެތަނުގައި މަޑުކުރި ނަމަވެސް އަދުލީގެ ފަރާތުން އެކަމަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުން ވީ ފޫއްސާއެކު ސަލްމީނާ ގޮސް ގޮނޑީގައި އިށީންދެލިއެވެ.

އެ އަންހެންމީހާ ކައިރީ އިށީނދެލައިގެން އިނދެ ފޯނާއި ކުޅެމުންދިޔަ ނަމަވެސް ސަލްމީނާގެ ލޯ ގިނަވަގުތު އަމާޒުވެފައި ހުރީ އަދުލީގެ މޫނަށެވެ. ގޭމްކުޅުމާއިގެން ފޯނަށް ހުސްވެފައިއިން އަދުލީއަކަށް އެކަމެއް ނޭނގެއެވެ.

އަދުލީއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ތަފާތުޚިޔާލުތައް ކުރަމުންދިޔަ ސަލްމީނާއަށް ކެތްކުރެވުނީ ގަޑިއެއްގެ ހާއިރުއެވެ. ފުންމައިގެން ކޮޅަށް ތެދުވީ އިތުރަށް ކެތްނުވެގެން ކަހަލަގޮތަކަށެވެ.

އަދުލީއާ ދިމާއަށް ސަލްމީނާ އައި ނަމަވެސް އަދުލީއަކަށް އެކަމެއް ނޭނގެއެވެ.

” އަދުލީ!. ހާދަ ފޫއްސޭދޯ؟ …. ހިނގާބަލަ ކޮފީއެއްދޭން. ” އަދުލީގާތަށް ހުއްޓެމުން ސަލްމީނާ އެދުނެވެ.

ސަލްމީނާއާ ދިމާއަށް އަދުލީ ބަލާލީ ހައިރާންކަމާއެކު އެވެ.

ސަލްމީނާއާ ދިމާއަށް އަދުލީ ބަލާލިއިރު، ސަލްމީނާ ހުރީ އަދުލީއަށް ބަލާށެވެ. ހަތަރުކަޅި ހަމަވެ ދެމީހުނަށް ހުއްޓުން އެރީ އެކުގައެވެ.

ސަލްމީނ އާއި އަދުލީގެ ހަތަރުކަޅި ހަމަވި ވަގުތު ސަލްމީނާގެ މޫނުމަތިން އެއްފަހަރާ އެތައް މެސެޖެއް އަދުލީއަށް ލިބުނެވެ. އެމެސެޖްތަކުގައި އެކުލެވިގެންވާ މާނަ އާއި ޙަޤީޤަތް އިޙްސާސްކޮށްލަން އަދުލީގެހިތް އެދޭން ފެށިއެވެ. އަދުލީގެ ހިތް އެދި އެގޮވާ ގޮވުން ފުރިހަމަ ކުރަން ބޭނުންނަމަ ސަލްމީނާއަށް ޓަކައި ވެސް ކަންތައްތަކެއް ކޮށްދޭން ޖެހޭނެކަމުގައި އަދުލީއަށް ގަބޫލު ކުރެވުނެވެ.

” އަންހެން ކުއްޖަކު އައިސް ކޮފީއެއް ދޭން ބުނީމަ …. ހާދަވަރަކަށޭ ތިޔަ ހާސްވީ … ” އަދުލީގެ މޫނަށް ބަލާންހުރެ ސަލްމީނާ ބުނެލިއެވެ.

” ހާހެއްނުވޭ. ހިނގާދާން. ” ގޮނޑިން ތެދުވަމުން ހިނިތުންވެލާފައި އަދުލީ ބުންޏެވެ. އަދި ޖީބަށް ފޯނުލަމުން ހިނގައިގަތެވެ.

އަދުލީ އާއި ސަލްމީނާ ކެންޓީނަށް ދިޔައީ ކޮފީބޯން ނަމަވެސް ވަގުތުގެ ގޮތުންނާއި ވެފައިވާ ބަނޑުހައިގެ ސަބަބުން ދެމީހުން ވެސް ގަސްދުކުރީ ކާށެވެ.

ކާތަކެއްޗަށް އޯޑަރު ދިނުމާއެކު ދެން ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ. ވާހަކަ ނުދެއްކި ނަމަވެސް ދޭތެރެ ދޭތެރޭން އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލައެވެ.

” ހާދަވަރަކަށް ތިބަލަނީ .. އަހަރެން މޫނުގައި އެއްޗެކޭ ލިޔެފައި އޮތީތަ ” އަދުލީއަށް ބަލާލަމުން ސަލްމީނާ އަހާލިއެވެ. އޭނާ އެހެން އެހީ ކޮން މަޤްސަދެއްގައި ކަމެއް އަދުލީއަކަށް ނޭނގެއެވެ.

” އެއްޗެކޭ ލިޔެފައި އޮތީއެއް ނޫން. ރީތިކަމުން ބެލުނީ. ” ދުރަށް ބަލާން އިނދެ އަދުލީ ބުނެލިއެވެ.

” އޫން .. ކޮންމެހެން މަލާމާތް ކުރާނެ ކަމެއްނެތް. އަދުލީ ރީތިވީމަދޯ ތިހެން ތިކިޔަނީ ؟ ”  މޫނަށް ފާޑެއްގެ ގޮތެއް ހަދާލަމުން ސަލްމީނާ ވާހަކަ ދެއްކިއެވެ.

” ސޮރީ … އެއީ އެހެން ބުނި އެއްޗެއް ނޫން. ” ސަލްމީނާއަށް ބަލާލަމުން އަދުލީ ބުންޏެވެ.

ކެއުމަށް އޯޑަރުކުރި ތަކެތި ހިފައިގެން ވެއިޓަރު އައިއިރު އަދުލީ އާއި ސަލްމީނާ ތިބީ ވާހަކަ ދައްކާށެވެ.

ކައި ނިމުމުން ބިލަށް ފައިސާ ދެއްކީ އަދުލީ އެވެ. ވާހަކަ ދައްކަމުން ދައްކަމުން ވޯޑާއި ދިމާއަށް ދިޔަ މަގުމަތީގައި އެކަކަށް އަނެކަކުގެ ފޯނު ނަންބަރު ދިނެވެ.

ސަލްމީނާ އާއި އަދުލީ ކައި ނިމުމުން އަދުލީ ފައިސާ ދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ވޯޑާއި ދިމާއަށް ދިޔަ މަގުމަތީގައި ދެމީހުން ވާހަކަ ދައްކަމުންދިޔަ ދިޔުމުގައި އެކަކަށް އަނެކަކުގެ ފޯނު ނަންބަރު ވެސް ދިނެވެ.

ސަލްމީނާ ގޮސް ފާހާނާބަޔަށް ވަނުމުން އަދުލީ ދިޔައީ ވޯޑަށެވެ. އަދި ސަލްމީނާގެ ނަންބަރު ސޭވްކޮށްލިއެވެ.

ނާއިފްގާތު އިށީނދެލައިގެންއިން އަދުލީ ސިއްސައިގެން ދިޔައީ ފޯނު ވައިބުރޭޓް ވެލުމުންނެވެ. މިހާ ދަންގަޑިއެއްގައި ފޯނުކުރަނީ ކާކުބާއޭ ހިތާ ހުރެގެން ފޯނުނަގާ ބަލާލިއިރު މެސެޖެއް އައީއެވެ.

މެސެޖް ކިޔާލިއިރު އޭގައިވަނީ އޭނާ އަދުލީއާ މެދުގައި ޝަޢުޤުވެރިވާ ވާހަކަ އާއި އެކުގައި ވަގުތު ހޭދަކުރާން ބޭނުންވާ ވާހަކަ އެވެ. ސަލްމީނާ ފޮނުވާފައިވާ އެމެސެޖް ކިޔާލުމާއެކު އަދުލީއަށް ގަބޫލު ކުރެވުނީ ސަލްމީނާ އޭނާއާ ސަމާސާ ކުރަނީ ކަމުގަ އެވެ. އެހެންވެ ކޮންމެ ވެސް ވަރަކަށް ހިނިވެސް އައެވެ.

ފޯނުން ގޭމްކުޅޭން އަދުލީ އިންދައި ސަލްމީނާ އައިސް ވޯޑަށް ވަނެވެ. އަދި އަދުލީއަށް ބަލާލަމުން ހިނިތުން ވެލުމަށްފަހު ގޮސް ގޮނޑީގައި އިށީނެވެ.

އަދުލީ އިނީ ފޯނުން ގޭމްކުޅޭން ނަމަވެސް އިރުކޮޅުކޮޅުން ސަލްމީނާއާ ދިމާއަށް ބަލާލައެވެ. އެފަދަ ކޮންމެވަގުތަކު އަދުލީއަށް ފާހަގަ ކުރެވެނީ ސަލްމީނާ އިންނަނީ އޭނާއަށް ބަލާންކަމެވެ. އެފަދަ ކޮންމެ ފަހަރަކު އަދުލީ އާއި ސަލްމީނާގެ ހަތަރުކަޅި ހަމަވެއެވެ. ހަތަރުކަޅި ހަމަވާ ކޮންމެފަހަރަކު ސަލްމީނާގެ މޫނުމަތިން އަދުލީއަށް ފާހަގަވަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ. ހިނިތުންވުމެވެ.

ބަލާލާމީހަކަށް ސަލްމީނާގެ މޫނުމަތިން ފެންނަމުންދާނީ ހިނިތުންވުމުގެ އަސަރުތައް ނަމަވެސް ސަލްމީނާގެ މޫނުމަތިން އަދުލީއަށް ފާހަގަވަމުންދަނީ އެހެން އަސަރުތަކެކެވެ. ތަފާތު އެތައް މެސެޖް ތަކެކެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު މާއިދު އާއި ސަލްމީނާގެ މެދުގައިވާގުޅުން ބަދަހިވަމުން ތަރައްގީވަމުން ދިޔައެވެ. އެހެނަސް އެދެމީހުން ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.

މެންދަމުން އަލިވެ އެކެއްޖަހާކަން ހާއިރެވެ. ސަލްމީނާ އާއި މާއިދު ތިބީ ހޮސްޕިޓަލް ކެންޓީނުގައި ކޮފީބޯށެވެ. އޭރު އެދެމެދުގައި ކޮންމެވެސް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.

“ މިއަދު އަހަރެން ގުޅީމަ ފޯނުނުނެގީ ކީއްވެ ؟  ”  ސަލްމީނާއަށް ބަލާން އިނދެ މާއިދު އަހާލިއެވެ.

“ ފާހަނާގައި އުޅުނީ. މާއިދުގުޅާފައި އޮތީމަ ގުޅާންވެސް އުޅުނިން. އެކަމު ފޯނުގައި ލާރިނެތީމަ ނުގުޅުނީ.” މާއިދުގެ ސުވާލަށް ޖަވާބު ދެމުން ސަލްމީނާ ވާހަކަ ދެއްކިއެވެ.

” މެސެޖެއް ފޮނުވާލިނަމަ އަހަރެން ގުޅާނަން. ” އަވަސް އަވަހަށް މާއިދު ބުނެލިއެވެ.

“ މެސެޖް ވެސް ހުސްވެފައި. ” ސަލްމީނާ ޖަވާބުދިނީ ވަރަށްފިނި ގޮތަކަށެވެ.

“ އިއްޔެގެ ކުރީދުވަހު އަހަރެން އަޅައިދިން ސަތޭކަރުފިޔާގެ ކާރޑު ހުސްވީތަ ؟  ”  ހައިރާންކަމާއިއެކު މާއިދު އަހާލިއެވެ.

“ އާން. ވަރަށްދެރަކޮށް ދިމާވީ …. އެކާރޑުން ބާކީހުރި ލާރިޔާއި މެސެޖްތައް ކޮއްކޮ ބޭނުންކޮށްލީ … ވަރަށްބޮޑަށް ސޮރީ ” ވީގޮތް ހާމަކުރަމުން ސަލްމީނާ ވާހަކަދެއްކިއިރު ފާޅުވަމުންދަނީ ހިތާމަ އާއި މޮޅިވެރިކަމުގެ އަސަރުތަކެވެ.

“ އެހެންދޯ ؟   އެކަމާދެން އަޅާނުލާ. ” ހަމަޖެހޭގޮތް ދައްކާލަމުން މާއިދު ބުންޏެވެ.

“ ޝުކުރިއްޔާ! .. އެކަމަކު އަހަރެންނަކަށް ދެނެއް ނުގުޅޭނޭ. ” ސަލްމީނާ ބުންޏެވެ.

“ އެކަމާ ނުވިސްނާ. އެއީ އެއްވެސް ކަމެއްނޫން. އަހަރެން މިރޭ ކާރޑެއް އަޅައިދޭނަން.” ސަލްމީނާގެ އަތްތިލާގައި ފިރުމާލަމުން މާއިދު ވާހަކަދެއްކި އެވެ.

މާއިދުގެ އެވާހަކަތަކުގެ ސަބަބުން ސަލްމީނާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ. ތަކުރާރުކޮށް އެތައްފަހަރަކު މާއިދަށް ޝުކުރު އަދާކުރި އެވެ. ސަލްމީނާ އާއި މާއިދު ވާހަކަދައްކަމުން ދިޔައިރު ދެމީހުން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

އެނދުމަތިކޮށްގެން އުޅޭ އަންހެންމީހާއަކީ އޭނާގެ މަންމަކަމާއި އޭނާއާއެކު އެތަނުގައިއުޅޭ ފިރިހެންކުއްޖާއަކީ އޭނާގެ ކޮއްކޮއެއް ކަމުގައި ސަލްމީނާ ބުންޏެވެ.

“ ދެން ކޮންދުވަހަކުން އަހަރެން ތިގެއަށް ގެންދާނީ ؟ ” ސަލްމީނާގެ މޫނަށް ބަލަން އިނދެ މާއިދު އަހާލިއެވެ.

“ އިހަށްމަޑުކުރޭ … އަދި ގެންދާނަން. ” މާއިދުގެ މޫނަށް ބަލާލައި ހިނިތުންވެލަމުން ސަލްމީނާ ބުނެލިއެވެ.

” ސަލްމީނާ އަބަދު ވެސް ބުނާނީ ތިޔަހެން …. ތިގެއަށް އަހަރެން ގެންދާން ނުކެރެންޏާއި އަހަރުމެން މިއުޅޭ ކޮޓަރިއަށް ޖައްސާލަން ވީނު. ” ވަށައިގެންވާ މާހައުލަށް ނަޒަރުހިންގާލަމުން ހިނިތުންވުމާއިއެކު މާއިދު ވާހަކަ ދެއްކިއެވެ.

މާއިދު އެވާހަކަ ދެއްކިއިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހެވިފައި ސަލްމީނާ އިނެވެ.

” އާން … އެކަމަކު …. މިރެއަކުނޫން ” ސަލްމީނާ ބުނެލީ މާއިދުގެ ހުށަހެޅުން ގަބޫލުކުރާ ފަދައަކުންނެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ހެދިގޮނޑުދޮށް ސަރަހައްދަށް އަދުލީ ދިޔައީ ސަލްމީނާ ފޯނުކޮށްފައި އެތަނަށް އައިސް ދިނުމަށް އެދުމުންނެވެ.

ހެދިގޮނޑުދޮށުން އަދުލީއަށް ސަލްމީނާ ފެނުނުއިރު އޭނާގެ ގާތުގައި ކުޑަވަރެއްގެ އަންހެންކުއްޖަކު ވެސް ހުއްޓެވެ. އަދުލީ އާއި ސަލްމީނާ ވާހަކަދައްކަމުން ދައްކަމުން ގޮސް އެތަނުން ކެފޭއަކަށް ވަނީ ސަލްމީނާ އެދިގެންނެވެ.

އަދުލީގާތުގައި ސަލްމީނާ ބުނިގޮތުގައި އޭނާ ގާތުގައިހުރި އަންހެން ކުއްޖާއަކީ އޭނާގެ ކޮއްކޮއެކެވެ.

ސައިގެކަންތައް ނިންމާލުމަށްފަހު މިރޭ ހޮސްޕިޓަލުން ބައްދަލުކުރުމަށް އެއްބަސްވަމުން އަދުލީ އާއި ސަލްމީނާ ވަކިވިއިރު މިރޭ ދޭގޮތަށް އަދުލީގެ އަތުން ފަސްސަތޭކަ ރުފިޔާ ވެސް ސަލްމީނާ ގެންދިޔައެވެ.

ސަލްމީނާ އާއި މާއިދުގެ މެދުގައި ގާތްގުޅުމެއް އޮތް ނަމަވެސް އެކަމެއް އަދުލީއަކަށް ނޭނގެއެވެ. މާއިދަށް އެތައް ހުވަފެނަކާއި އެތައް އަވާމެންދުރެއް ދައްކައި މާއިދުގެފަރާތުން އޭނާ ބޭނުންވި އެތައް ފައިދާއެއް ނަގާފައިވެއެވެ.

އިރާކޮޅުގެ ވަގުތެވެ. އަދުލީ ހޮސްޕިޓަލަށް އައިއިރު ސަލްމީނާގެ މަންމައެއް ނެތެވެ. އެކަމާ ހައިރާންވެ އަދުލީ ސުވާލުކުރުމުން މާއިދު ބުނީ އެމީހާ ދޫކޮށްލައިފި ކަމަށެވެ.

އަދުލީ އަވަސް އަވަހަށް ވޯޑުންނުކުމެ ސަލްމީނާގެ ފޯނު ނަންބަރަށް ގުޅާލިއިރު އެނަންބަރުގެ ހިދުމަތްވަނީ މެދުކަނޑާލާފަ އެވެ.   ޑައިރެކްޓްރީ މެދުވެރިކޮށް ނަންބަރުގެ ވެރިފަރާތް ބަލާލިއިރު އެއީ ބިދޭސީއެއްގެ ނަމުގައި ނަގާފައިވާ ނަންބަރެކެވެ.

ސަލްމީނާއާ ބެހޭ މަޢުލޫމާތެއް ލިބޭތޯ އަދުލީ އާއި މާއިދު ވަކިވަކިން މަސައްކަތް ކުރިއެވެ. ހުރިހާ މަސައްކަތެއް ބޭކާރުވިއިރު ކުރިއެރުމެއް ވެސް ނުލިބުނެވެ. ރަސްމީ ސިފައެއްގައި މަސައްކަތްކުރަން ދެމީހުންކުރެ މީހަކަށް ނުކެރުނީ ކަންތައް ކުރެވިފައިވާ ގޮތުންނެވެ.

އަންހެނެއްގެ އަވާގައިޖެހި ހިޔާލީފޮލާކައްކަމުން އެކަމަށްޓަކައި ސަލްމީނާއަށް އެތައް ހަރަދެއް މާއިދު ކުރިއިރު، ސަލްމީނާގެ ރީތި ކަމާއި ފުރިހަމަކަން ދައްކައި އަދުލީއަށް އޮޅުވާލައިގެން އޭނާ ލައްވާ ވެސް ސަލްމީނާ ވަނީ އެތައް ހަރަދެއް ކުރުވާފައެވެ.

އަދުލީ އާއި މާއިދަށް ވަރަށް ރަނގަޅަށް އޮޅުވާލުމަށްފަހު އޭނާ ބޭނުންވި ވަރަށް ފައިސާ އާއި ފޯނުކާރޑު އަދި ކެއިންބުއިން ހޯދައިގެން ސަލްމީނާ ފިލީއެވެ.

ކަންތައް ވީގޮތާއިމެދު އަދުލީ އާއި މާއިދަށް ވިސްނާލެވުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ.

ނިމުނީ

1
0

3 ކޮމެންޓް - ލިޔުން: ”ހަހަރު“

  1. މާގިނައިން އެއް ބަހެއް ނުވަތަ ލަފްޒެއް ތަކުރާރުވެފައި ހުރުމުން ކިޔާލަން އެހާ ފަސޭހައެއް ނޫން.
    ފުރަތަމަ ދެތިން ޕެރެގްރާފެއްގައި އެނދުމަތި ކޮށްފައި ހުރިލެއް ގިނަކަމުން ކިޔަމުންދިޔަ ދޫވެސް އެނދުމަތި ކުރަން ނުޖެހި އޮތީ ހަމަ ކިރިޔާ. އަނެއް ކޮޅުން މިއޮތީވެސް ރަނގަޅު ކޮށްލަން ފެންނަ ތަންކޮޅެއް؛ “އިޙްތިޔާރުގަ އާއި ބޭއިޙްތިޔާރުން ބޭރުގައި”.
    އޭގެ ފަހަށް އައި ތިން ޕެރެގްރާފުގައި ވެސް “ސައިގެ ކަންތައް” ތަކުރާރު ވެފައި އޮތީމަ ވަރަށް އޮޑު. އެނޫން އެހެން ޖުމްލައަކުން އެކަން ހާމަ ކޮށްލިނަމަ ކިޔާލަން ފަސޭހަ ވާނެ.
    އޯވަރ އޯލް ވާހަކަ އިންޓްރެސްޓިން. 🙂 ކީޕް އަޕް ދަ ގުޑް ވާރކް.

    7

    0
  2. ނީރުގެ ވަރަށްގިނަ ވާހަކަތަކުން ފާހަގަކުރެވޭ އެންމެ އާއްމުބަހަކީ “އުފަލާއި ހިތްހަމަޖެހުން.” މިބަސް ވަރަށްގިނަ ފަހަރަށް ތަކުރާރުކޮށްފައިހުރީމަ ވަރަށް އޮޑު.

    2

    0

Leave a Reply

Your email address will not be published.