ހިތާމަ

ފިންގަރޕްރިންޓް

ފިންގަރޕްރިންޓް

ނިޒްމާގެ ހަނދާން ހުންނަން ފެށީއްސުރެ އޭނާގެ ހުންނަނީ ދޮންބައްޕައެއް ނަމަވެސް، އެއީ ދޮންބައްޕައެއް ކަމުގައި ގަބޫލުކުރަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން މިއަދާއި ޖެހެންދެން ވެސް ނިޒްމާ މަދަރުސާއަށް ގެންދިއުމާއި މަދަރުސާއިން ގެނައުން ފަދަ ކަންތައްތައް ކޮށްދެމުންދަނީ އޭނާގެ ދޮންބައްޕަ ފާއިދުއެވެ. އެފަދަ ކޮންމެކަމެއް އޭނާ ކޮއްދެމުންދިޔައީ އުފަން ދަރިއަކަށްޓަކައި ބައްޕައަކު ކަންތައް ކޮށްދޭހާ ވެސް ރަނގަޅަށެވެ. އެހާމެ ފަރުވާތެރިކަމާއި ފުރިހަމަކަމާއި އެކުގައެވެ.

ނިޒްމާގެ ބައްޕަ އަލްތާފް ނިޔާވީ ނިޒްމާގެ އުމުރުން ހަތަރުއަހަރުގަ އެވެ. އަލްތާފް ނިޔާވުމާއިއެކު ނިސްވާއަށްޓަކައި މުޅިދުނިޔެ އަނދިރިވި ކަހަލައެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގި ގޮތް ހުސްވެފައިހުރި ނިސްވާގެ ހަޔާތަށް ފާއިދު އައީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ. ނިޒްމާއަށް ޓަކައި ބައްޕައެއްގެ ލޯތްބަކީ ކިހާ މުހިންމު އެއްޗެއްކަން ނިސްވާއަށް ވިސްނައިދިނީ އޭނާގެ މައިންބަފައިންނާއި ރައްޓެހިންނެވެ.

ނިޒްމާގެ އުމުރުން ފަސްވަރަކަށް އަހަރުގައި އޭނާއަށް ލިބުނު ދޮންބައްޕަ ވެގެންދިޔައީ އޭނާގެ އުފަން ބައްޕަފަދަ އޭނާ ދެކެ ލޯބިވާ އޭނާއަށް އަޅާލައި އެހީތެރިކަމާއި އެއްބާރުލުންދީ އޭނާގެ ކޮންމެކަމަކަށް ހާއްސަ ސަމާލުކަމެއްދިން މީހަކަށެވެ. ނިޒްމާއަށް ގެއްލެމުންދިޔަ ބައްޕައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިން މީހަކަށެވެ.

ނިޒްމާގެ އުމުރުން ހަތްއަހަރުން ފެށިގެން ފާއިދުއާއެކު އޭނާގެ ސައިކަލްގައި ދަތުރުކުރަމުންދިޔަ ނަމަވެސް ، ނިޒްމާއަށް ދިހައަހަރު ފުރުމާއެކު ކާރެއް ގަތެވެ. ފުރާވަރަށް އަރަމުންއައި އަންހެންކުއްޖަކު އެގޮތަށް ފިރިހެނެއްގެ ސައިކަލްގެ ފަހަތުގައި އަޑިގުޑަން މަގުތަކުގައި އެގޮތަށް ދަތުރުކުރަމުން ދިޔުމަކީ އެންމެރަނގަޅުގޮތް ނޫންކަމަށް ފާއިދު ބުނި ބުނުން އެއީ ރަނގަޅު ނިންމުމެއްކަން ނިޒްމާއަށް ވެސް ފަހުން ގަބޫލު ކުރެވުނެވެ. އޭނާއަށްޓަކައި އެފަދަ ނިންމުމެއް ފާއިދު ނިންމީތީ އުފާލާއިއެކު ޝުކުރު އަދާކުރިއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ނިޒްމާގެ އުމުރުން ދުވަސްވަމުން ދިޔައިރު ފާއިދުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ނިޒްމާ ހުންނަނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އަލްތާފް ނިޔާވުމުގެ ސަބަބުން ނިޒްމާއަށް ގެއްލުނު ބައްޕައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ތެދުވެރިކަމާއި ވަފާތެރިކަމާއެކު ފާއިދު ދެމުން ދިޔައެވެ.

ފާއިދުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމާއި އެހީތެރިކަމުގެ ސަބަބުން އުފަން ދަރިއެއްގެ ފަރާތުން ބައްޕައަކަށް ދެވޭނެ އެންމެ ފުރިހަމަ ލޯތްބާއި އެހީތެރިކަން ނިޒްމާގެ ފަރާތުން ފާއިދަށް ލިބެމުން ދިޔައެވެ. ފާއިދު ގަބޫލުކުރާގޮތުގައި އަދި އޭނާ ބުނަމުންދާ ގޮތުގައި ނިޒްމާ އަކީ އޭނާގެ އުފަން ދަރިއެއްފަދަ ކުއްޖެކެވެ. ނިޒްމާ ވެސް އޭނާއާމެދު ދެކެމުންދަނީ އެފަދައިންނެވެ.

ބައްޕައެއް ފަދަ ދޮންބައްޕަ އާއި މަންމަގެ އެހީތެރިކަމާއިއެކު ކޮންމެ ކުލާހަކުން ރަންވަނަތަކެއް ހޯދަމުންދިޔަ، ނިޒްމާ މިހާރު މަސައްކަތް ކުރަމުންދަނީ އޭލެވެލް އިމްތިހާނުގައި ވެސް ރަންވަނަތަކެއް ހޯދާށެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ އެކަމަށެވެ. މިއަދު އޭނާއަކަށް އެއަށްވުރެ މުހިންމުކަމެއް ނެތެވެ.

ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. ދިވެހިޑުރާމާއެއް ބަލަން ފެނޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެން ނިސްވާ އިން އިރު ފާއިދުވީ ކޮޓަރީގައެވެ. ކޮޓަރިން ނުކުމެގެން ފާއިދު އައިސް ނިސްވާ ކައިރިއަށް މަޑުކޮށްލިވަގުތު ބޭރު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. އެކަކު އަނެކަކަށް ބަލާލީ ކާކުހޭ އަހާލާ ފަދައަކުންނެވެ. މިހާ ލަސް ގަޑިއެއްގައި އެގޮތަށް އައިސް އެދެމަފިރިންނާއި ބައްދަލުކުރާނެ މީހަކު ހުންނާނެ ކަމަކަށް އެ ދެމަފިރިންކުރެ އެކަކު ވެސް ގަބޫލެއް ނުކުރެއެވެ.

ދެތިން ފަހަރަކު ޓަކިޖަހާލުމުން ފާއިދު ގޮސް ދޮރުހުޅުވާލިއެވެ. ގޭ ދޮރުކައިރީގައި މަޑުކޮށްލައިގެން ތިބި ޕޮލިހުންގެ ތިން ބޭކަލުން ފެނުމާއެކު ނިސްވާ އާއި ފާއިދު ހައިރާންވިއެވެ. ހާސްކަމާއި ނުތަނަވަސްކަން ވަށާލީ އެކުގައެވެ. ކަންބޮޑުވުމާއެކު އެކަކު އަނެކަކަށް ބަލާލީ ސުވާލުތަކުން ފުރިގެންވާ ނަޒަރަކުންނެވެ.

ޕޮލިހަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެގޭގެ ބައެއް ކޮޓަރިތައް ބަލައި ފާސްކުރަން ބޭނުންކަމަށް ބުނެ ޕޮލިހުން ދައްކާލި ކޯޓު އަމުރާއިއެކު ނިސްވާގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އެގެ ބަލަން ޖެހުނީ ކީއްވެގެންތޯ ސުވާލު ކުރިއިރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެ އެވެ. އެގޭ ތެރޭގައި ޕޮލިހުން ބަލަންޖެހޭފަދަ ކަމެއް ނުހިނގާކަމަށް ބުނެ ހިތްހަމަ ނުޖެހުމާއިއެކު ވާހަކަ ދައްކަން ފެށިއެވެ. ފާއިދު ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ނިސްވާ ކޮންމެވެސް ވަރަކަށް މައިތިރިވިއެވެ.

ނިސްވާއަށް އެތައް ހިތްވަރަކާއި އެތައް ނަސޭހަތެއްދީ އޭނާ ހަމައަކަށް އެޅުވުމަށްފަހު، ގެންގޮސް ގޮނޑީގައި ބޭންދީ ފާއިދެވެ. އެޢާއިލާގެ ފަރާތުން ޕޮލިހުންނަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ މަސައްކަތް ފާއިދު ފެށިއެވެ.

ކޮންޕިއުޓަރުން ނެޓަށް ވަދެ ކޮންމެވެސް މަޢުލޫމާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނިޒްމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުފަތުގައި ޓަކި ޖަހާލަމުން ކޮންމެ ވެސް މީހަކު އޭނާއަށް ގޮވާލިއަޑަށެވެ. ކަންފަތުގައި އަޑުޖެހުމާއެކުވެސް އެއީ އޭނާގެ ދޮންބައްޕަ ފާއިދުގެ އަޑުކަން ނިޒްމާ އަށް ޔަގީންވިއެވެ.

މިގަޑީގައި ފާއިދު ގޮވުމުން ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް ނިޒްމާ މަޑުމަޑުން ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ.

ކޮޓަރީ ދޮރުކައިރީގަ ތިބި ޕޮލިހުންގެ ބޭކަލުން ފެނުމާއެކު ނިޒްމާ ސިއްސައިގެން ދިޔައެވެ. ލިބުނު ހައިރާންކަމާއި ނުތަނަވަސްކަމާއެކު އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ.

ޕޮލިހަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނިޒްމާގެ ކޮޓަރި ބަލައި ފާސްކުރާން ބޭނުންކަމަށް ޕޮލިހުން ވިދާޅުވުމާއެކު ނިޒްމާގެ ހައިރާންކަމާއި ނުތަނަވަސްކަން އިތުރުވެ ސުވާލުތައް ވެސް އިތުރުވެގެން ދިޔައެވެ.

ޕޮލިހުން ބޭނުންވިފަދައިން އޭނާގެ ކޮޓަރި ބަލައި ފާސްކުރުމާމެދު އިޢުތިރާޒް ނުކުރާކަމަށް ނިޒްމާ ބުންޏެވެ. ނިޒްމާއަކީ ތިޔަ ބޭކަލުން ތިޔަ ހީކުރައްވާފަދަ އަހުލާގު ގޯސް ހަޑިހުތުރު ގޮތްތަކަށް އުޅޭ، ދީނާއި ހިލާފު ތަކެތި ބޭނުންކުރާ މީހެއް ނޫންކަމަށް ތަކުރާރުކޮށް ބުނަމުން ވެސް ދިޔަ އެވެ. އަދި މިގެއަށް ތިޔަ އާދެވުނީ އޮޅުކަމުން ކަމަށް ހީވާކަމަށާއި ރަނގަޅު މަޢުލޫމާތު ހޯދައި ދާން ބޭނުންވާ ގެއަށް ދިއުމަށް ވެސް ބުންޏެވެ.

ނިޒްމާގެ ރަނގަޅު އަހުލާގާއި އޭނާއަށް ކުރާ އިތުބާރާއި ޔަގީންކަމުގައި އެކޮޓަރިއާ ދިމާއަށް ބަލަހައްޓައިގެން ނިސްވާ އިނެވެ. އޭނާގެ މަގަތުން އިށީންދެލައިގެން އޭނާއަށް ހިތްވަރާއި ނަސޭހަތް ދިނުމުގަ ފާއިދު އިނެވެ.

ނިޒްމާގެ ކޮޓަރި ބަލައި ފާސްކުރަމުންދިޔަ ޕޮލިހުންގެ ބޭކަލުންނަށް އެކޮޓަރީގައިވާ އެނދުގެ ގޮދަޑިދަށުން ފެނުނު ޕެކެޓްތަކާއެކު ނިޒްމާ ވެސް ދިޔައީ ސިއްސައިގެން ނެވެ. ހައިރާންވެ ސުވާލު އުފެދުނު އިރު، ވީ ދެރައާއެކު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ނޫނެކޭ ބުނެ ދެއަތަކަށް ބޯ ހޫރާލަމުން ރޮއިގަނެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

ނިޒްމާ ރޮއިގަތްއަޑާއެކު ދުވެފައި ކަހަލަގޮތަކަށް ނިސްވާ އައިސް ކޮޓަރިއަށް ވަތްއިރު އޭނާގެ ފަހަތުން ފާއިދު ވެސް އައިސް ވަނެވެ.

ކޮޓަރިތެރޭން ފެނުނު މަންޒަރާއެކު ނިސްވާއަށް ވެސް ރޮއިގަނެވިއްޖެ އެވެ. ނުރޮއި ހިތްވަރުކުރުމަށް ނިސްވާގާތު ފާއިދު ބުނަމުންދިޔަ އެވެ. އެމީހުނަށް ހިލަމެއް ވެސް ވެނުލާ ނިޒްމާ އެވަރުގެ ބޮޑުކަންތައްގަނޑެއް ހިންގާލީތީ ދެރަވެ ހިތާމަކުރާކަމަށާއި ހައިރާންވާކަމަށް ތަކުރާރުކޮށް ފާއިދު ބުނަމުން ދިޔައެވެ. އަދި ނިޒްމާގެ އެޢަމަލުތަކުގެ ސަބަބުން ޢާއިލާ ބަދުނާމްވުމާއި މަންމަ އާއި ބައްޕައަށް ލިބުނު ހިތާމަ އާ ހިތްދަތިކަމުގެ ޒިންމާ ވެސް ނިޒްމާ އުފުލާން ޖެހޭނެކަމުގައި ތަކުރާރުކޮށް ބުނަމުންދިޔަ އެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް މިދިމާވި ކަންތައްގަނޑުގެ ސަބަބުން ލިބުނު ހިތާމައާ ހިތްދަތިކަމުގައި ރޯލަ ރޯލަ ހުރި، ނިޒްމާއަށް ފާއިދުގެ އެ ވާހަކަތަކުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަން އިތުރުވެގެންދިޔަ އެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.

ނިޒްމާގެ ކޮޓަރި ބަލާންވީ ވަރަށް ބަލައި ފާސްކުރާންވީ ވަރަށް ފާސްކޮށް ނިންމާލުމަށްފަހު ނިޒްމާ ގޮވައިގެން ޕޮލިހުން އެގެއިން ނުކުތްއިރު މެންދަމުން އަލިވެ ދޭއް ވެސް ޖަހައިފިއެވެ.

ލިބުނު ހިތާމަ އާއި ހިތްދަތިކަމުގެ ސަބަބުން ރޯލަރޯލަ އޮތް ނިސްވާ ހަމައަކަށް އެޅުވޭތޯ ފާއިދު މަސައްކަތް ކުރަމުން ދިޔައެވެ.

ޕޮލިހުން ކުރަމުންދިޔަ ތަހުގީގަށް ބަރާބަރަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔަ ނިޒްމާ، އޭނާއާ ދެކޮޅަށް ކުރަމުންދިޔަ ދައުވާއަށް އިންކާރުކުރި އެވެ. އޭނާއަކީ ދުވަހަކު ވެސް އެފަދަ ޢަމަލެއް ހިންގާފައިވާ މީހެއް ނޫންކަމާއި އެފަދަ ޢަމަލެއް ހިންގާން ގަސްދު ވެސް ކުރާ މީހެއް ނޫންކަމަށް ބުނަމުން ދިޔައެވެ. ޕޮލިހުންގެ ރިކޯޑްތައް ބަލައި އޭނާއާބެހޭ އެއްވެސް މައްސަލައެއް އައިސްފައިވޭތޯ ޗެކްކުރުމަށް އެދެމުންދިޔަ އެވެ.

ނިޒްމާގެ ޓެސްޓްތަކުގެ ނަތީޖާތަކުން ދައްކާގޮތުން އޭނާ އެފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައި ނުވާކަން ޔަގީންވިއެވެ. ނިޒްމާ އެފަދަ އެއްޗެއް ބޭނުންކޮށްފައި ނުވާކަން ޓެސްޓްތަކުން ޔަގީންވާތީ އޭނާއަކީ އެތަކެތީގެ ވިޔަފާރިކުރާ މީހެއްކަމުގައި ބެލެވުނެވެ. ތަކެތި ފެނުނީ އޭނާގެ ކޮޓަރިން ކަމަށްވާތީ އެކަން އިތުރަށް ތަހުގީގުކުރަމުން ވެސް ދިޔައެވެ.

ނިޒްމާގެ ކޮޓަރީ އެނދުގޮޑިދަށުން ފެނުނު ތަކެތި ޗެކްކުރަމުންދިޔަ ފަރާތްތަކަށް އެތަނުން ޕެކެޓެއްގެ އެއްކަނުގައި ހުރި ފިންގަރޕްރިންޓެއް ފާހަގަ ކުރެވުމާއެކު އިތުރު ވިސްނުމަކަށް ދާން ޖެހިއްޖެއެވެ. މަސައްކަތްތަކަށް އިތުރު ބަދަލުތަކެއް ވެސް ގެންނަން ޖެހިއްޖެއެވެ.

ޕޮލިހުން ކުރަމުންދިޔަ ތަހްގީގުތަކާއި އެތަނުން ފެނުނު ތަކެތިން ފެނުނު ފިންގަރޕްރިންޓް ނިޒްމާއާ ދިމާނުވާތީ އިތުރަށް އެކަން ދިރާސާ ކުރުމުގެ ގޮތުން ނިސްވާ އާއި ފާއިދު ޕޮލިހަށް ހާޒިރުކުރުމުން، ފާއިދު ވަރަށް ހިތްހަމަ ނުޖެހުނުކަން އޭނާގެ ހަރަކާތްތަކާއި ބަސްމަގުން ވަރަށް ރަނގަޅަށް އެނގުނެވެ. އެދެމަފިރިންނާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި އެމީހުން ގެނެސް ބަދުނާމުކޮށް އަބުރު ކަތިލަނީ ކަމަށް ވެސް ބުނަމުން ދިޔައެވެ.

ނިޒްމާގެ ކޮޓަރިން ފެނުނު މަސްތުވާތަކެތިން ފެނުނު ފިންގަރޕްރިންޓަކީ ފާއިދުގެ ފިންގަރޕްރިންޓްކަން ޕޮލިހުންކުރި ޓެސްޓްތަކުން ޔަގީން ވިއެވެ. އެވާހަކަތައް ޕޮލިހުން ދެއްކުމުން ފާއިދު ރުޅިގަދަވެ އެކަމާ ދެކޮޅަށް އަޑުގަދަކޮށް ޒުވާބު ކުރިއެވެ. ހަޑިހުތުރުބަހުން އެއްޗެތި ގޮވިއެވެ.

ޕޮލިހުންގެ ވާހަކަތަކާއި ދެކޮޅުހަދައި ޒުވާބުކޮށް އަޑުގަދަކުރަމުންދިޔަ ފާއިދަށް، ކުރިއެރޭނެ އެއްވެސް ގޮތެއްނެތި އަނގަ ބެދޭގޮތް ވެއްޖެ އެވެ. ގަބޫލު ކުރާން ބޭނުންނުވި ނަމަވެސް އެއްބަސް ނުވާން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއީ އޭނާގެ ފިންގަރޕްރިންޓެވެ. އެކަން އެއޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހި ކުރިއެރޭނެ އެއްވެސް ގޮތެއް ނެތުމުން ފާއިދު އޭނާގެ ކުށަށް އިޢުތިރާފު ވިއެވެ. އަދި ނިސްވާ އާއި ނިޒްމާގެ ކިބައިން މަޢާފަށް އެދެމުން އެކަންކުރީ އޭނާ ކަމަށް ބުންޏެވެ. އޭނާ އެކަންކުރި ގޮތާއި އެގޮތަށް އޭނާ އެކަންކުރީ ކީއްވެގެންކަން ވެސް ބުނެދިނެވެ.

ނިސްވާ އާއި އަލްތާފަށް ލިބިފައިވާ ހަމައެކަނި ދަރިއަކީ ނިޒްމާ އެވެ. ނިޒްމާ އާއި ނިސްވާ އަދި ފާއިދު މިހާރު ދިރިއުޅެމުންދާ ގެއަކީ ނިޒްމާގެ ބައްޕަގެފަރާތުން ނިޒްމާއަށް ވާރުތަވެ ނިޒްމާގެ އެދުމުގެމަތިން ނިސްވާއަށް ރަޖިސްޓްރީކޮށްފައިވާ ގެއެކެވެ. ފާއިދުގެ ބައެއް ރައްޓެހިން އޭނާއަށް ދިން ލަފަޔާއި މަސްވަރާގެ މަތިން އޭނާ މަސައްކަތް ކުރީ ނިޒްމާގެ ދުވަސް ދުއްވާލާ، ނިސްވާގެ ބޮލަށް އެރިގެން އެގެ ހޯދާން ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

އެ ފިންގަރޕްރިންޓް ނެތްނަމަ އޭނާއަށް ކާމިޔާބުވާނެކަން ފާއިދަށް ޔަގީނެވެ. އެހެނަސް ހެދުނު އެންމެ ކުޑަކުޑަ ގޯހަކުން މުޅި ރޭވުން ނާކާމިޔާބުވެ މީހާ ފަލީހަތްވީއެވެ.

=ނިމުނީ=

3
2

2 ކޮމެންޓް - ލިޔުން: ”ފިންގަރޕްރިންޓް“

Leave a Reply

Your email address will not be published.