ހިތާމަ

ލަފަށަ

ރަށުމަދަރުސާ ގުރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ފަނަރައަހަރުގެ ނިޒްމާ ރަށްމެދަށް ވިހެއި ވާހަކަ އާއި ވިހެއުމަށްފަހު ކުއްޖާ މަރާލައި ވަޅުލި ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ އަރައިގެން އައި އިރުގެ ދޯދިތައް ރަށުތެރެއަށް ފެތުރުނު ފަދައިންނެވެ.

އިވުނު ހަބަރެއްގެ ސަބަބުން ލިބުނު ސިހުމާއެކު ބުނާނެއެއްޗެއް ނޭނގިފައި އެތައްބަޔަކު ތިބިއިރު އަނެއްބަޔަކު ދުއްވައިގަތީ ވެގެންއުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ސިއްހީމަރުކަޒާއި ދިމާއަށެވެ. ނިޒްމާމެން ގެއާއި ދިމާއަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ.

ތަފާތުގޮތްގޮތަށް ރަށުތެރޭގައި ހަބަރު ފެތުރެމުންދިޔައިރު، މައްސަލަ ތަހުގީގުކުރުމާއިގެން ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައެވެ. ނިޒްމާ ވިހޭކަމަށް ބުނާ ތުއްތުތުއްތު ކުއްޖާ ވަޅުލުން ފަސްކޮށްލާފައި ވަނީ މައްސަލަ ބަލަމުންދާތީ ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. ދިމާވެގެން އުޅޭ މައްސަލައިގެ ބާވަތުން ކޮންމެހެން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން މާލޭއިން ތަހުގީގު ޓީމެއް އައުމަށް ވަނީ ފުރާފައެވެ.

މައްސަލައިގެ އަސްލު ފެންމަތިވީ ރޭ ދަންވަރު އެވެ. އާންމުފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ޕޮލިހުން ގަބުރުސްތާނަށް ވަތްއިރު ރިޕޯޓްކުރިތާ ފަސްވަރަކަށް މިނިޓް ވެއްޖެއެވެ. އެބުނާ މީހަކު ކުރަން އައި ކަންތައް ނިންމާލުމަށްފަހު އެމީހުން އޭރު ހިނގައްޖެއެވެ.

އެތައްސަތޭކަ ފޫޓަކަށް އެއްފަހަރާ އަލިކޮށްލެވޭފަދަ ވަރުގަދަ އަލިހުރި ބައްތިތަކާއިއެކު ގަބުރުސްތާނަށްވަތް ޕޮލިހުން ބެލީ އެތަނުގައި އެއްވެސް ކަމެއް ކޮށްފައި ވޭތޯއެވެ. ދަންވަރު ގަބުރުސްތާނަށް ވަންނަމީހުން އާންމުކޮށް ކޮށްއުޅޭ ކަމަކީ ސިހުރުހެދުމާއި މިނިކަށި ނެގުން ކަމަށްވާތީ ޕޮލިހުންގެ ފުރަތަމަ އަމާޒަކަށްވީ މަހާނަތަކެވެ.

އެކިގޮތަށް އެކިފަހަރު އެކިދިމާ ބަލަމުން ނުހަނު ސައުގުވެރިކަމާއެކު ގަބުރުސްތާނުމަތީގައި ހަރަކާތްތެރި ވަމުންދިޔަ ޕޮލިހުންނަށް ކުޑަ ކުޑަ ގަހެއްގެ ފަތުން ފެނުނު ތާޒާ ލޭފޮދު ވެގެންދިޔައީ ވަރަށް މުހިންމު އެއްޗެކަށެވެ. މައްސަލައިގެ ވިސްނުމާއި މިސްރާބު ބަދަލުވެގެންދިޔަ ކަމަކަށް ވެސް މެއެވެ. ރިޕޯޓްކުރި ފަރާތުން އެބުނާ މީހާއާ އެމީހަކު ކުރި ކަމަކާއި ލެޔާ ގުޅުމެއްވާ ކަމުގައި ބައެއް ޕޮލިހުން ބުނަން ފެށިއެވެ.

ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދިޔަ އެސަރަހައްދުން ޕޮލިހުންގެ ބޭކަލަކު ގަނބައިގަތުން ވެގެންދިޔައީ މައްސަލައިގެ އަސްލު ފެށުމަށެވެ. ވަގުތުން އެތަން ކޮނެ ބެލުމަށް އެންމެނަށް އެއްބަސް ވެވުނެވެ.

މަރާލުމަށްފަހު ކޯސްޓްދަޅަކަށްލައި ވަޅުލާފައިވާ ތުއްތުކުއްޖާ ލާފައިވާ ކޯސްޓްދަޅު ފެނުނީ އެވަޅުގަނޑު ތެރޭންނެވެ. ކުއްޖާ އޮތްގޮތުންނާއި ފެންނާންހުރި ނިސާންތަކުން އެކުއްޖާއަކީ މިރޭ ވިހާފައިވާ ކުއްޖެއްކަން އެންމެނަށް ވެސް ޔަގީންވިއެވެ.

ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމާއެކު ސިއްހީމަރުކަޒަށް ގެންދެވުނު އެތުއްތުކުއްޖާގެ ކަންތަކުގައި އެތަނުގެ މުވައްޒަފުން ހަރަކާތްތެރި ވާން ފެށީ ބަސްބުނި ހިނދުންނެވެ. ޑޮކްޓަރަށް ފޯނުކޮށް ވެގެން އުޅޭގޮތް ބުނުމާއިއެކު ޑޮކްޓަރ އައިސް އޭނާގެ މަސައްކަތް ފެށިއެވެ.

ރިޕޯޓްކުރި ފަރާތުގެ ފޯނު ނިވާލާފައި އޮތުމުންނާއި ރިޕޯޓްކުރީ ކާކުކަން ނޭނގޭތީ ޕޮލިހުން މަސައްކަތް ކުރަމުން ދިޔައީ ރަށުތެރޭގައި ހޭލާއުޅޭ ބަޔަކު ފެނޭތޯއެވެ. ރިޕޯޓްކުރި ފޯނުނަންބަރަކީ އަންލިސްޓްކޮށްފައިވާ ނަންބަރަކަށް ވާތީ އެމަޢުލޫމާތު ހޯދެންއޮތީ ރަސްމީގަޑި ފެށުމުންނެވެ.

މެންދަމުގެ ހަމަހިމޭންކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައިރު، ހިނގާދިޔަ ހާދިސާގެ މަޢުލޫމާތު ލިބުނު އެންމެންގެ ލޯތައް ކަރުނުން ފުރިއްޖެއެވެ. ފެނުނު މަންޒަރުގެ ސަބަބުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ހުއްޓުންއަރާފައި ބައެއް މީހުން ތިބިއިރު އެކަރުނައިގެ ތެރެއިން ނަފްރަތުގެ ހުޅުރޯވި ހިތްތައް ވެސް މަދެއް ނޫނެވެ.

ހޭލާއުޅޭ މީހަކު ފެނޭތޯ ރަށުތެރެ ބަލަމުންދިޔަ ޕޮލިހުންނަށް ވަފާއު ފެނުނީ ބަނދަރު ސަރަހައްދުން އެއްގަމަށް އަރައިގެން އަންނަނި ކޮށެވެ. މިހާ ދަންގަޑިއެއްގައި އެގޮތަށް ވަފާއު އެކަނި މާއެކަނި ފެނުމުން ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އާންމުރައްޔިތުންނަށް އެއީ ސުވާލަކަށް ނުވާނެކަން ޔަގީނެވެ. ވަފާއުއަކީ ކޮންމެރެއަކު ކަހަލަގޮތަކަށް ބަނދަރަށް ގޮސް އޭނާގެ ދޯނި އޮތްގޮތްބަލައި ދިޔަހިއްކާއުޅޭ މީހެކެވެ.

ހިނގައިގެން އުޅޭ ހާދިސާ އާއި ޕޮލިހުން ހިންގަމުންދިޔަ ހަރަކާތުގެ ސަބަބުން ޕޮލިހުންގެ ބެލުމުގެދަށަށް ވަފާއު ގެންދިޔައެވެ. އޭނާ އެތަނަށް ގެނައީ ކީއްވެގެންތޯ ވަފާއު ސުވާލުކުރަމުން ދިޔައީ ހައިރާންކަމާއި ހާސްކަމާއެކުގައެވެ.

ޕޮލިހުން ކުރަމުންދިޔަ ސުވާލުތަކަށް ތެދުބަހުން ޖަވާބުދެމުން އިތުރަށް މަޢުލޫމާތު ދޭންޖެހޭ ކަންކަމުގައި މަޢުލޫމާތު ދެމުންދިޔަ ވަފާއުއަށް މީގެ ދެގަޑިއެއްގެހާއިރު ކުރިން މިސްކިތާއިދިމާއަށް ދަނިކޮށް ރާގިބު ފެނުނުކަމަށް ބުނި ހިސާބުން ފެށިގެން ޕޮލިހުންގެ ކަޅިއެޅުން އެދިމާއަށް އަނބުރާލި އެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވަމުން އެކަމުގައި ކުރިޔަށް ދިއުމަށް ބޭނުންވާ އެހެންކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފެށިއެވެ.

މީގެ ދެގަޑިއެއްހާއިރު ކުރިން މިސްކިތާއި ދިމާއަށް ދަނިކޮށް އޭނާއަށް ރާގިބު ފެނުނު ކަމަށާއި އޭނާ ދިޔައީ ކޮތަޅަކަށް ކޮންމެވެސް އެއްޗެއް ލައިގެން ކަމަށް ވަފާއު ބުންޏެވެ. އޭނާއަށް ރާގިބު ފެނުނު ނަމަވެސް ރާގިބަށް އޭނާ ނުފެނިދާނެކަމަށާއި އޭނާ ދައްކަމުން އެދަނީ ތެދު ވާހަކަތަކެއް ކަމަށާއި އޭނާގެ އެބުނުން ދުވަހަކު ވެސް ބަދަލު ނުކުރާނެކަމަށް ވަފާއު ބުނަމުންދިޔައެވެ.

ލިބުނު މަޢުލޫމާތުގެ އެހީގައި ޕޮލިހުން އެބޭކަލުންގެ މަސައްކަތް އިތުރަށް ކުރިޔަށް ޖައްސާލިއެވެ. ކޮންމެގޮތަކުން ނަމަވެސް އެތުއްތު ކުއްޖާގެ ގާތިލުން ހޯދައި އިންސާފްގެ ކުރިމައްޗަށް ޕޮލިހުން އެބަޔަކު ގެންނާނެއެވެ.

ކޯޓްއަމުރު ހިފައިގެން ރިވެލިގެއަށް ޕޮލިހުން ވަނީ ފަތިހުއެވެ. ފެންޑާތެރޭން ރާގިބާއި ބައްދަލުވި އިރުވެސް އޭނާ ހުރީ ކޮންމެވެސް ކަމަކާއި ހާސްވެ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައިކަން އޭނާގެ ހަރަކާތްތަކާއި މޫނުމަތިން ހެކިދެއެވެ. ޕޮލިހުން އެގެއަށް ވަނުމާއެކު އޭނާގެ އެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެންދިޔަތަން ވެސް ފެނުނެވެ.

އަޅަމުންދިޔަ ވޭނަށް ކެތްކުރެވޭތޯ މަސައްކަތްކުރަމުން ދެލޮލުން ކަރުނަ އޮހޮރަމުންދިޔަ ނިޒްމާ އާއި އޭނާއަށް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އޭނާގެ މަންމަ ރެނީސާ ފެނުނީ ދެވަނައަށް ހުޅުވި ކޮޓަރިންނެވެ. ޕޮލިހުން އެތަނަށް ވަނުމާއެކު ނިޒްމާގެ ރުއިމުގެއަޑު ފަޅައިގެން ދިޔައެވެ.

ހިނގައިގެން އުޅޭ ހާދިސާއާ ބެހޭގޮތުން މަޢުލޫމާތު ހޯދާކަށް މާގިނަ މަސައްކަތް ކުރާކަށް ނުޖެހުނެވެ. އެކޮޓަރި އާއި ކޮޓަރީގެ ފާހާނާ ތެރޭން ޕޮލިހުން ބޭނުންވި ހުރިހާ މަޢުލޫމާތެއް ލިބުނެވެ. ހެކިނައްތާލުމުގެ ކުރިން އެތަނަށް ވަދެވުނުކަން ނަސީބެކޭ ހިތަށްއެރީ އެކަމުގައި ކާމިޔާބު ލިބުނުލެއް ފަސޭހަކަމުންނެވެ.

ޕޮލިހުންގެ ބެލުމުގެ ދަށުން ނިޒްމާ ސިއްހީމަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށިއިރު އޭނާގެ މަންމަ ރެނީސާ އާއި ދޮންބައްޕަ ރާގިބު ޕޮލިހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ.

ހިނގައިގެން އުޅޭ މައްސަލައަކީ އޭނާއާ ބެހޭކަމެއް ނޫންކަމަށާއި އޭނާ މިއުޅެނީ ވަރަށް މުހިންމުކަމަކު މާލެދާންކަމަށް ރާގިބު ބުންޏެވެ. އަދި އޭނާ ދޫކޮށްލުމަށާއި މިއަދު ލޯންޗުން މާލެ ނުދެވިއްޖެނަމަ ވަރަށް ގެއްލުންވާނެކަމަށް ވެސް ބުންޏެވެ.

ބާރުގަދަ ބޭސްތަކެއްދީ ގަދަކަމުން ވިއްސުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ދިރިއުޅުމުގެ އުންމީދު ގެއްލިފައިވާ ނިޒްމާއަށް ފަރުވާދޭން ފެށުމާއެކު މަޑުމަޑުން ހަމައަކަށްއެޅެން ފެށިއެވެ.

ހިނގައިގެން އުޅޭ މައްސަލައިގެ ބާވަތުންނާއި މައްސަލަ ހިނގައިގެންއުޅޭ ތަނުގެ ގޮތުން މިހާރުން މިހާރަށް ރާގިބު ދޫކޮށްލެވެން ނެތްކަމަށް ޕޮލިހުން ވިދާޅުވުން ވެގެންދިޔައީ ރާގިބުގެ ރުޅިވެރިކަން ބޮޑުވެގެންދިޔަ ކަމަކަށެވެ. އޭނާއަކީ ކުށްވެރިއެއް ނޫންކަމަށާއި މިއަދު އޭނާއަށް މާލެ ނުދެވިއްޖެނަމަ އެކަމުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމުގެ ބަދަލުދޭންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރަން ވެސް ފެށިއެވެ.

މައްސަލަބެލުމަށްޓަކައި މާލެއިން އައި ޓީމް ރަށަށް އައީ ހެނދުނު ދިހައެއްޖަހާކަން ހާއިރުއެވެ. އެޓީމުގައި ޕޮލިހުންގެ ފަންނީ ބޭކަލުންނާއި ޖެންޑަރ މިނިސްޓްރީގެ މެންބަރުންނާއި ޑޮކްޓަރުން ވެސް ހިމެނެއެވެ.

ވާނުވާ ނޭނގޭ ރައްޔިތުން ހާސްކަމާއި ކަންބޮޑުވުމާއެކު މަޢުލޫމާތެއް ލިބޭތޯ އެގޮތް މިގޮތަށް މަސައްކަތް ކުރަމުންދިޔައިރު އިވުނު އެހަބަރުގެ ސަބަބުން ބައެއް މީހުން ތިބީ ހާސްވެ ކަންބޮޑު ވެފައެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ނޭނގިފައެވެ. ނިޒްމާ ކުށްވެރިކޮށް ބައެއް މީހުން ވާހަކަދައްކަމުން ދިޔައިރު، ނިޒްމާ އެވަރުގެ ކަމެއް ކުރާއިރު އޭނާގެ މައިންބަފައިންނަށް އެވަރު އެނގެން ޖެހޭނެކަމަށް ބުނަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

ވިހެއުމުގެ ކަންތައް ނިޒްމާއަށް އެކަނި މާއެކަނި ނުކުރެވޭނެކަމަށް ބައެއް މީހުން ބުނަމުންދާއިރު، ނިޒްމާ ވިހޭ ކުއްޖާ ގަބުރުސްތާނަށް ގެންގޮސް ވަޅުލި ބަޔަކު ނުވަތަ މީހަކު ހުންނާނެކަމަށް ބުނަމުންދާ މީހުން ގިނައެވެ. ޔަގީނުން ވެސް ނިޒްމާއަށް އެކަނި އެހުރިހާކަމެއް ނުކުރެވޭނެ އެވެ. އެއީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ.

ތަހުގީގުޓީމުން ބަލަންބޭނުންވި ވަރަށް ބަލައި ހޯދަން ބޭނުންވި މަޢުލޫމާތުތައް ހޯދުމަށްފަހު އެތުއްތުކުއްޖާ ވަޅުލިއެވެ.

ހިނގައިގެން އުޅޭ ހާދިސާއާ ބެހޭގޮތުން ނިޒްމާ ވާހަކަދައްކަން ފެށީ ފަސްވަރަކަށް ދުވަސްވީ ފަހުންނެވެ. އޭރު އޭނާ ހުރީ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކަމާބެހޭފަރާތްތަކުން ފޯރުކޮށްދެމުންދިޔަ މަޢުލޫމާތާއި ދެމުންދިޔަ ހިތްވަރުގެ ސަބަބުން ދިރިއުޅުމުގެ އުންމީދު އާވެފައެވެ.

އެއީ މީގެ ހައެއްކަމަސް ކުރިއެވެ.

ހާދިސާގެ ފެށުން އައީ ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ސިއްހީމަރުކަޒުގައި އެނދުމަތިކޮށްފައިއޮތް ރެނީސާގާތު ޑިއުޓީއަށް އިނުމަށްފަހު، ނިޒްމާ ގެއަށް އައީ އެގާރަޖަހާކަން ހާއިރުއެވެ. މާދަމާއަކީ ކިޔެވުންބަންދު ދުވަހެއް ނަމަވެސް، ކޮންމެވެސް ވަރަކަށް ފޮތްކިޔާލަން ބޭނުންވާތީ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނިޒްމާ ކާގެއަށް ވަނީ ކޮފީއެއް ބޯލާށެވެ. އެފަދަކަންތައް ނިޒްމާ ކުރަމުންދާތީ ރެނީސާ ހުންނަނީ ކޮފީފަދަތަކެތި ގެއަށް ގެނެސްފައެވެ.

ނިޒްމާ ގެއަށް އައީ އޭނާގެ ދޮންބަ ރާގިބު ސިއްހީމަރުކަޒަށް ދިއުމުންނެވެ.

ގޭގެ ދޮރު ހުޅުވުނު އަޑާއިއެކު މުޅިގެއިން ކަރަންޓް ހިނގައްޖެއެވެ. ގެތަޅުލި ކަމާއި ގެއަށް ވަދެވޭނީ ހަމައެކަނި ރާގިބަށްކަން ނިޒްމާއަށް ޔަގީންވާތީ ގެއަށްވަތް މީހަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އިންޖީނު ބަދަލުކުރާގަޑީ ބައެއްރޭރޭ ކަރަންޓް ކެނޑޭތީ އިރުކޮޅަކުން ކަރަންޓް އަންނާނެކަން ޔަގީންކޮށް ކާގޭގައި ނިޒްމާ މަޑުކޮށްލިއެވެ. ގޭތެރޭން އިތުރުއަޑެއް ނީވޭތީ ނިޒްމާ ނިންމައިގެންހުރީ އެއީ އޭނާއަށް ހީވިގޮތެއް ކަމަށެވެ.

ނިޒްމާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އޭނާގެ ފަހަތުން އައި މީހަކު އޭނާގެގައިގާ ބައްދައިގަތުމުންނެވެ. ގަތްބިރާއެކު ތެޅިގެންފައި ނިޒްމާ ހަޅޭލަވައިގަތް ނަމަވެސް، އަޑުބޭރުވުމުގެ ކުރިން އެމީހަކު ނިޒްމާގެ އަނގަމަތީގައި އަތްއަޅާ އަނގަ ބަންދުކޮށްލި އެވެ. އޭނާ ހުރީ އެހުރިހާކަމަކަށް ވިސްނައި ތައްޔާރު ވެގެންނެވެ.

އެމީހާގެ ފުރަތަމަ ބީހިލުމާއިއެކު ވެސް އޭނާގެ މަގްސަދު ނިޒްމާއަށް އެނގުނެވެ. ނިޒްމާގެ ފަރާތުން ޖިންސީއަރާމެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އެމީހާގެ ކިބައިން ސަލާމަތްވުމަށް ނިޒްމާ މަސައްކަތްކުރި އެވެ. އޭނާ ހުރީ އެކަމަށް ވެސް ވިސްނައިގެންނެވެ. ކޮންމެގޮތަކުން ނަމަވެސް ސަލާމަތްވާން ގަދަދައްކާލި ވަގުތު ނިޒްމާގެ ޓީސާޓް އިރައިގެންދިޔައެވެ. އެމީހާގެ އަތްދަށުން ސަލާމަތްވެވުނު ނަމަވެސް ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ދާނެދިމާއެއް، ދެން ހަދަންވީގޮތެއް ނިޒްމާއަކަށް ނޭނގުނެވެ.

ކަރަންޓް ލިބުމާއިއެކު ނިޒްމާ އަވަސް އަވަހަށް ވަށައިގެން ހޯދާލީ އެތަނުގައި ހުރީ ކާކުތޯ ބަލާލުމަށްޓަކައެވެ. އެތަނުގައި އޭނާ ފިޔަވާ އެހެންމީހަކު ނެތެވެ. އެގެއަށް މީހަކު ވަތްކަމާއި އޭނާއާ ބެހުނުކަން ނިޒްމާއަށް ޔަގީނެވެ.

ޓީސާޓް އިރައިގެން ގޮސްފައިވާތީ ނިޒްމާ އަވަސްވެގަތީ ކޮޓަރިއަށް ދާށެވެ. ގޭތެރެއަށް ވަތްމީހަކު ހޯދަން އުޅުމަށްވުރެ މުހިންމީ ހަށިގަނޑު ނިވާކުރުމެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލިވަގުތު ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން ބައްދާލުމާއެކު ނިޒްމާ ދިޔައީ ސިއްސައިގެން ނެވެ. އެއީ ކާގެތެރެއަށް އޭނާއާ ބެހުނުމީހާކަން އޭނާގެ ޢަމަލުތަކުން ނިޒްމާއަށް ޔަގީންވިއެވެ. ނިޒްމާ ތެޅިގަތްގޮތުން އެމީހާގެ އަތުން ނިޒްމާ ދޫވި އެވެ.

ނިޒްމާ އެނބުރި ބަލާލިއިރު ކޮޓަރިތެރޭގައި ހުރީ ރާގިބެވެ. އެމީހެއްގެ ފަރާތުން ދުވަހަކު ވެސް އެފަދަކަމެއް ފެނިދާނެކަމަށް އޭނާއަށް ހީވެސް ކުރެވިފައިނުވާ އޭނާގެ ދޮންބައްޕަ އެވެ. އުމުރުން ދިހަވަރަކަށް އަހަރުން ފެށިގެން އޭނާ ބައްޕައެއްކަމަށް ބަލައިގެން އުޅުނު މީހާއެވެ.

ރާގިބު ނިޒްމާއާ ދިމާއަށް އަންނަން ފެށުމާއެކު ނިޒްމާގެ ކަންބޮޑުވުމާއި ނުތަނަވަސްކަން، ހާސްކަމާއި ބިރުގަތުން އިތުރުވެގެން އުތުރިއަރައިގަތް ކަހަލައެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުންނަން ބޭނުންވިއެވެ. ރާގިބު ހުރީ އެވަރު ވިސްނައިގެންނެވެ. ނިޒްމާގެ އަތުގައި ހިފާ ދަމައިގަތުމާއެކު އެނދުމައްޗަށް ވައްޓާލިއެވެ. ޓީޝާޓު އިރައިގެންގޮސް ހަށިގަނޑުން ބޮޑުބައެއް ހާމަވެފައިވާއިރު ލައިގެންހުރި ކުރުސޯޓްގެ ސަބަބުން ހަށިގަނޑުގެ ނިވާކަން ވަރަށް ކުޑައެވެ.

ވަގުތަކަށް ބަލަބަލަ ހުރި ރާގިބު، ވަގުބުޅަލެއް މަސްގަނޑަކަށް ބަލާލާހެން ބަލާލަމުން ނިޒްމާގެ ގައިމައްޗަށް ޖެހިގަތެވެ. ނިޒްމާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް ބަލާކަށް ސަމާލުކަންދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއަޑުތައް އޭނާއަށް ނުވެސް އިވޭ ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ޖިންސީއެދުންވެރިކަމަށް ފެންބޮވައިގެންފަ އެވެ. އެނޫން އެހެން އެއްވެސް ކަމެއް އޭނާގެ ސިކުނޑީގައި ނުވެއެވެ.

ސަލާމަތަށް އެދި ރޮއި އާދޭސް ކުރަމުން އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ނިޒްމާއަކަށް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. ރާގިބު އެކޮޓަރިން ނުކުމެގެން ދިޔައީ އޭނާ ބޭނުންވި ކަންތައް ކޮށްފައެވެ. އެވާހަކަ އެމީހެއްކައިރީ ނުދެއްކުމަށް އިންޒާރުދީ އެވާހަކަ ދައްކައިފިނި ނަމަ ނިޒްމާ އާއި ރެނީސާ މަރާލާނެކަމަށްބުނެ ބިރު ވެސް ދައްކާފައެވެ.

އޭގެފަހުން ވެސް އެތައް ރެއަކު ރާގިބުގެ ޖިންސީ ސިކާރައަކަށް ނިޒްމާ ވިއެވެ. އެވާހަކަތައް ދައްކާނެހާ ހިތްވަރެއް ނިޒްމާއަކަށް ނުލިބުނެވެ. ފުރާނެދެކެ އެންމެން ވެސް ލޯބިވެއެވެ. އަމިއްލަ ފުރާނައަށްވުރެ ނިޒްމާއަށް މުހިންމުވީ ރެނީސާގެ ފުރާނެއެވެ. އޭނާގެ ސަބަބުން އޭނާގެ މަންމަ މަރުވާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

ނިޒްމާ ބަލިވެއިންކަން އެނގުނު ވަގުތު ލިބުނު ހިތާމައެއްގެ ބޮޑުކަމުން ރެނީސާގެ އަނބުރައިގަނެގެން ވެއްޓުނެވެ. އޭނާ ހަމައަކަށް އެޅުނުއިރު ވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ރެނީސާގެ ފަރާތުން ނިޒްމާއަށް ލިބެމުންދިޔަ މައިވަންތަ ލޯބިން މަހްރޫމް ވިއެވެ. އެލޯތްބާއި އެއަޅާލުން އެއޯގާތެރިކަމާއި އެފިރުމުން ނަފްރަތާއި ރުޅިއަށް ބަދަލުވިއެވެ. ފާޅުގައި ނިޒްމާއާ ދިމާއަށް އެއްޗެތިކިޔައި އަނިޔާކުރަން ވެސް ފެށިއެވެ. ކާންބޯން ނުދީ އެތައްފަހަރަކު ބެހެއްޓިއެވެ. ނިޒްމާގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްތޯ ބަލާކަށް އެކަންވީ ކިހިނެތްތޯ ސާފުކުރާކަށް ރެނީސާ މަސައްކަތެއް ނުކުރެއެވެ. އޭނާ ކަންކުރަމުން ދިޔައީ ރާގިބު ޗާޖުކޮށްފައި ދޫކޮށްލި ރޮބަޓެއް ފަދައިންނެވެ.

ނިޒްމާގެ ބަނޑުން އެނގުން ވާންފެށުމާއެކު ރާގިބާއި ރެނީސާ ގުޅިގެން ނިޒްމާގެ ބަނޑުގައިވާ ދަރިފުޅު ވައްޓާލުމުގެ މަސައްކަތް ފެށި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ދެމުންދިޔަ ބޭސްތަކާއި ކުރަމުންދިޔަ އަނިޔާތަކުން އެކަމުގައި އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

އެތައްދުވަހެއްގެ މަސައްކަތުން ރޭވުން ކާމިޔާބުވި ނަމަވެސް ޙަޤީޤީ ކާމިޔާބެއް ނުލިބުނެވެ. ބާރުގަދަ ބޭސްތަކާއި އެހެނިގޮތްގޮތުން ކުރި މަސައްކަތުން ނިޒްމާ ވިހެއި ދަރިފުޅު އެހެންމީހުންގެ ލޯތަކަށް ސިއްރުން ސަހަރާގައި ވަޅުލި ނަމަވެސް ފަޅާއެރިއެވެ.

ރާގިބުގެ މޮޅުރޭވުމުގެ ސަބަބުން ދުނިޔެއޮޅި ވާނުވާ ނޭނގިފައިހުރި ރެނީސާއަށް ހޭވެރިކަންވީ ނިޒްމާގެ ބަޔާން އަޑުއިވުނު ހިސާބުންނެވެ. އޭނާއަށް އޭނާގެ ކުށް ގަބޫލުކުރެވުނެވެ. މިއަދަކު ކުރާނެކަމެއް ނެތެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނިޒްމާ ގެންދެވުނުއިރު ރެނީސާ އާއި ރާގިބުގެ މައްސަލަ ބަލަމުންދިޔައެވެ.

އަނިޔާ ލިބުނީ ކުށްކުރި މީހާއަކަށް ނޫނެވެ. މައްސަލަ ފެށުނީ ހީކުރިވަރަށްވުރެ ކައިރިން ނެވެ. އަތްފޯރާފަށުންނެވެ. ވާނުވާ ނޭނގުނީ ބަލަންވީވަރަށް ނުބެލުމުންނެވެ. ނަޒަރު ހިންގަންވީ ދިމަދިމާއަށް ނަޒަރު ނުހިންގުމުން ނެވެ. ތިމާގެ ޒިންމާ ތިމާއަށް އަދާ ނުކުރެވިގެން ނެވެ.

ނިމުނީ

1
0

2 ކޮމެންޓް - ލިޔުން: ”ލަފަށަ“

  1. ވަރަށް ރީތި ވަރަށް ޢިބްރަތްތެރި އަދި އެހާމަ މަޢުލޫމާތު މުއްސަނދި ވާހަކައެއް. މިއީ މިހާތަނަށް މި ސައިޓަށް އަޕް ކުރި ނީރުގެ އެއްމެ ރީތި ވާހަކަ. މަށަށް މިބުނީ. 🙂
    (ތަމްބްސް އަޕް)

    2

    0

Leave a Reply

Your email address will not be published.