މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [18]

“އައި ހެވް އެރޭންޖްޑް ޔޯރ މެރިއެޖް..” ބައްޕަގެ އެ ޖުމްލައާއި އެކު އަހަރެންގެ ދުނިޔެހީވީ އެނބުރިގަތް ހެންނެވެ. ބޮލަށް އެނބުރުންއަރާ ގޮތްވެ، ދެލޯ ބޮޑުވެ މީހާ ގަނޑުވިއެވެ. އަތުން ދޫވެގެން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “ވީވިލް ޑިސްކަސް އެބައުޓް އިޓް ލޭޓަރ.. ދަރިފުޅު މެން މިކޮޅަށް އައީމަ އެކަން އޮތީ.. އެވްރިތިންގް ހެޕަންޑް ސޯ ފާސްޓް.. ދަރިފުޅުގެ މަންމަ ކައިރީވެސް ނުބުނެ މިއުޅެވެނީ.. އައި ވިލް ޓޯކްޓު ޔޫ ލޭޓަރ.. ބާއި ސަން..” އެއްނޭވައިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލާފައި ބައްޕަގެ ފޯނު ކަނޑާލިއިރުވެސް އަހަރެންނަށް ހުރެވުނީ ހުއްޓުންއަރައިފައެވެ.

“މަންމާ.. ބައްޕައަށް ގުޅިންތަ..؟” އަހަރެން އެނތެރެއަށް ވަދެގެން ގޮސް ސިޓިންރޫމްގައި އިން މަންމަކައިރީގައި އަހައިލީމެވެ. އަހަރެންގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ވިއެވެ. ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އަހަރެން ފެނުމާއިއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މަންމައަށް ނަގައިގަނެވުނެވެ. އައިޝާދައްތައާއި މަންމަ އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު އަހަރެނަނަށް އެނބުރުނެވެ.

“ކިހިނެއްވީ ދަރިފުޅު.. ބައްޕައަށް ކިހިނެއްވީ..؟” މަންމަވެސް ކުޑަކޮށްހާސް ވިއެވެ. މަންމަހީކުރީ ބައްޕައަށް ގޮތެއްވީކަމަށެވެ. މުޅިއަކުން ގޯހެއްވެސް ނޫނެވެ. ބައްޕައަށް ހުރީ ކިހިނެއްވެފައި ހެއްޔެވެ؟ އަހަރެން ކައިވެނި ކުރާނެ މީހަކާއި ކައިވެނިކުރާނެ އިރަކާ އެނގޭނީ އަހަރެންނަށެވެ. އެއީ ބައްޕައާއި ބެހޭކަމެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމަކީ ބައްޕަގެ މޮނޮޕޮލީ އެއް ނޫނެކެވެ. ބައްޕަބޭނުން އިރަކުން ބިޒްނަސް ޑީލްއެއްހެން އަހަރެންގެ ކައިވެންޏެއް ނުނިންމޭނެއެވެ.

“ގުޅާލާފަ އަހާބަލަ ކިހިނެއްތޯ ވެގެން އުޅެނީ..؟” އަހަރެންނަށް ބުނެވުނީ ތަންކޮޅެއް ބާރަށްވެސް މެއެވެ. އައިސްފައިވާ ރުޅީގައެވެ. އެއަށްފަހު ލޮލުތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ނުދައްކަން އަހަރެން ބޮޑު ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ.

“ދަރިފުޅާ.. މަންމަ އަހަރެންނަށް ގޮވައިލުމުންވެސް އަހަރެން އަޅާނުލާދިޔައީއެވެ. އިތުރަށް މަންމަވެސް ނުގޮވީ ގޭތެރޭގައި މެހެމާނުން ތިބީމައެވެ. މަންމަވެސް ބެލީ ވީހާވެސް ބޮޑަކަށް ހަމަޖެހޭގޮތް ދައްކާށެވެ. މަންމަވެސް ބައްޕައަށް ގުޅާނެކަން ޔަޤީނެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރުލައްޕާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ބައްޕަ އަހަރެންގެ ކައިވެނި ހަމަޖެއްސީމައި އަހަރެން ވަކި ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ކައިވެނި ހަމަނުޖެއްސި ކަމުގައިވިޔަސް އަހަރެންނަކަށް ޝާޔާއެއް ލިބޭކަށް ނެތެވެ. އެހެންވީރު އަހަރެން ދެރަވާންވީ ކީއްވެގެންހެއްޔެވެ؟ ނަޝީއާއި ކައިވެނި ނުކުރެވިދާނެތީ ހެއްޔެވެ؟ ނަޝީ އަހަރެންނަށް އެހާ މުހިންމުވީ ކޮންއިރަކު ހެއްޔެވެ؟ ނުވަތަ އަހަރެންގެ ދަރިފުޅު އަހަރެންނަށް ނުލިބިދާނެތީހެއްޔެވެ؟ އެދަރިފުޅު އެހެން ފިރިހެނަކަށް ބައްޕަކިޔަން ޖެހިދާނެތީހެއްޔެވެ؟ އާނއެކެވެ. އަހަރެންގެ ދަރިފުޅުދެކެ އަހަރެން އިންތިހާއަށް ލޯބިވަމެވެ. އެދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން އަހަރެން ބޭނުމެވެ. އެއީ އަހަރެންގެ އުންމީދުގެ ހުޅުކޮޅެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ލޯމަރާލާ ކަރުނަ ހިންދާލުމަށް ފަހު ފާހާނައަށް ވަދެ ރަނގަޅަށް ފެންވަރާލާ ތާޒާވެލީމެވެ. ހިތުގައި އާވި އަރަމުންދާ އުދާސްތަކަށް ލުޔެއް ލިބޭތޯއެވެ.

މާދަމާ އަކީ ފުރަން އޮތް ދުވަސްކަމުން އައިޝާ ދައްތަމެންވެސް އެދުވަސް ހޭދަކޮށްލީ ގޭގައެވެ. ގޭތެރޭގެ ތަންތަން ބެލުމާއި ބަގީޗާގައި ފޮޓޯ ނެގުމުގައި އުޅެފައި މެންދުރު ކެއްކުމުގައި ޕުޝްލިޔާއާއި އެކު ރަނާއާއި ރިޔާ އަދި ޝާޔާވެސް އެހީތެރިވެދީ އުޅުނެވެ. ސިޓިންރޫމްގައި ހައްވާދައްތަ އާއި އައިޝާދައްތަ އަދި ބަކުރުބެއާއި މުޙައްމަދުބެ އާއި މަންމަ އެކި އަނގަތެޅުމުގައި ޓީވީ ހުޅުވާލައިގެން ތިއްބެވެ. އަހަރެންވެސް ފެންވަރާލައިގެން ނިކުތީމެވެ. އޭރު ޝާޔާ ބަދިގެފަރާތުގައި އުޅޭތަން ފެނުމުން އަހަރެންވެސް ވަރަށް ފަހަތުންގޮސް އުނދަގޫ ކޮށްލާ ހަދާލާހިތް ވިއެވެ. ނަމަވެސް ލިބިފައިވާ ޚަބަރުތަކުގެ ސަބަބުން އިތުރަށް ޝާޔާއާއި ގުޅުން ބަދަހިވާނޭފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތް ކިތަންމެ އެދުނަސް ވެހެވެ. އަހަރެން ފެނުމުން ޝާޔާ ހިނިތުންވެލިނަމަވެސް އަހަރެންނަކަށް ޖަވާބުގައި ހިނިތުންވެސް ވެ ނުލެވުނެވެ.

އަހަރެން މަޑުމަޑުން އިސްދަށަށް ޖަހައިލައިގެން ނިކުތީ ގޯތރިތެރެއަށެވެ. ބަގީޗާ ތެރޭގައި ހަދާފައިވާ އުނދޯލިގެއަށް ވަދެ އުނދޯލީގައި އިށީނީމެވެ. އެއީ އަހަރެންނަށް ވަރަށް ހިތަފަސޭހަ ތަނެކެވެ. އުނދޯލި ހެއްލައިލުމުން އަހަރެންގެ ސިކުނޑި ތާޒާ ވެލައެވެ. އަހަރެން ފޯނުނަގައި އަޔާން އާއި ޒާނިޝްއަށް ގުޅައިލީމެވެ. އެއަށްފަހު ތިންމީހުން ކޮންފަރެންސް ހަދައިލީމެވެ.

“އަހަރެން ބުނީމެއްނު ތިދެމީހުންނަށް ވާނީ ތިވަރޭ.. މާލެއަށް އާދެވުނީމައެއް ހަނދާނެއް ނުވާނެޔޭ މާފޮޅުވަން ގެންގުޅުނު ދެކުދިން މަތިންނެއް..” އަހަރެން ދިމާކޮށްލީމެވެ.

“ޑޫޑް.. ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރުމެން ނުލާހިކު ސީރިއަސްކޮށް ކުރާކަމެކޭ އެއީ ދޯ ޒެން..” އަޔާން ސީރިއެސްވެލިއެވެ. “އަހަރުމެންވެސް އެހާ ފީކަޅާއެއް ނުވާނެއެއްނު..”

“އާނ.. އަހަރެންވެސް ކުޑަކަމެއް ހަމަޖައްސާލައިފަ ތިކޮޅަށްދާން މި މަޑުކުރަނީ.. ސަޕްރައިޒް އެއްދޭނަން އިނގޭ..” ޒާނިޝް ހިނިއައިސްލާފައި އެހެން ބުނުމުން އެދޭންއުޅޭ ސަޕްރައިޒް އަކީ ކޮބައިބާއޭ ހިތަށްއެރިއެވެ. “ދެން ކޮބާ މަގޭ މަންޖެގަނޑު.. ޝޯން ގެ ބޮކްސާރ ތަކަކަށް ހަމަލައެއް ނުދޭތަ..” އަހަރުމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ބަލަ މަށެއް ނުދުވަމޭ މީހުންގަޔަށް ރޮށިއުކަމަކުންނެއް..” އަހަރެންނަށްވެސް ހެވުނެވެ. އުފާވެރި ހަނދާންތަކެއް އާވަމުން ދިޔައެވެ.

“މަންޖެދެކިލަން ދާން މިހާރު މި ތައްޔާރުވަނީ.. ދެން ނެތްތަ ކަމެއް..” އަޔާން އަހައިލިއެވެ.

“ނޫނޭ.. މިރޭގަ އެބައޮތް ޕިއްޒާކާން ދިއުން.. އިޝީގެ އައިޑިޔާއެއް އިނގޭ.. ބުނި އަންނާނަމޯ އެއިޓް ހާއިރު..”

“ދެޓްސް ގްރޭޓް.. ކިތަންމެ ދުވަހެއްނު އެއްޗެއް ކާނުލާތާ.. މިރޭވާނެ މީހަކު ޕިއްޒާއެއް ކާލަން..” އަޔާން އެހެން ބުނުމުން ތިންމީހުންނަށްވެސް ހީނގަނެވުނެވެ. އޭރު މަންމަ ގެއިން ނިކުމެގެންއަންނަތަން ފެނިއްޖެއެވެ.

“ކޭ.. ކަމް ސޫން.. ސީ ޔޫ ގައިޒް” އަހަރެން ފޯނުބޭއްވީމެވެ.

މަޑުހިނގުމެއްގައި މަންމަ އައިސް އުނދޯލިގޭތެރެއަށް ވަނެވެ. އަހަރެން އިނީ ދުރު ބަލަހައްޓައިގެނެވެ. މަޑުމަޑުން މަންމަ އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. އެވަރުންވެސް އަހަރެން ބަލައެއް ނުލަމެވެ. މަންމައަށް އަހަރެންގެ ހިތުގެ ޙާލަތެއް ނުވިސްނޭނެއެވެ.

“ބައްޕައާއި ގުޅާފަ ވާހަކަދައްކާލައިފިން..” މަންމަވެސް ދުރުބަލަން އިނދެ މަޑުމަޑުން ބުނެލިއެވެ. “ބައްޕައަށް ވިސްނުވައިދޭން ޖެހޭނީ.. މަންމަ އެންމެ ދެރަވީ މަންމަކައިރީވެސް ނުބުނެ ބައްޕަ އެހާ ބޮޑު ނިންމުމެއް ނިންމީތީ.. މަންމަ ބައްޕަކައިރީގަ އަދި ފަހުން ގުޅައިގެން ވާހަކަ ދައްކާނަން.. ބައްޕަ ފަހަރަކު އެޚިޔާލު ދޫކޮށްލަވެސްފާނެ.. ދަރިފުޅު އެކަމާ ކަންބޮޑުނުވޭ.. މަންމަ ބައްޕަ ހައްލު ކުރެވޭތޯ ބަލާނަން.. މަންމައާއި ބައްޕަވެސް ކައިވެނިކުރީ ލޯބިވެގެން.. އެހެންވީރު ދަރިފުޅަށްވެސް ލޯބިވާ ކުއްޖަކާ ކައިވެނި ކުރެވެންވާނެ..” މަންމަ އެހެން ބުނެފައި އަހަރެންނާއި ދިމާލަށް އެނބުރިލާފައި އަހަރެންގެ އަތުގައި ހިފާލިއެވެ. މަންމައަކަށް ނުވިސްނޭނެއެވެ.

“ދެޓް ވޯންޓް ޗޭންޖް އެނީތިންގް..” އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ބައްޕަ އަހަރެންގެ ކައިވެނި ކުރުވުމުގެ ޚިޔާލު ދޫކޮށްލިޔަސް އަހަރެންނަކަށް ޝާޔާއާއި އެކުގައި ވެވޭނެހެއްޔެވެ؟ މައްސަލަ ހައްލުވާނެހެއްޔެވެ؟ މަންމަ ކައިރީގައި މިވާހަކަތައް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންނަކަށް ނުކެރޭނެއެވެ.

“އެނގޭ.. ބައްޕައަކީ ވަރަށް ގޮތުގަ ހިފަހައްޓާ މީހެއްކަން.. ބަޓް ބިލީވްމީ.. މަންމައާއި ޖެހުނީމަ ބައްޕައަށް ހިފަހައްޓާލެވޭތޯ ބަލާތި..؟” ކުޑަކޮށް ހިނިއައިސްފައި މަންމަ ބުނެލިއެވެ. މަންމައަށް އަދިވެސް ނުވިސްނެއެވެ. މަންމަ ބޭނުންވީ އަހަރެން ހިތްހަމަ ޖައްސާލަދޭށެވެ. ނަމަވެސް އެކެމެއްނުވާނެއެވެ. ނަމަވެސް އަހަރެން މަންމަގެ އިޙްސާސްތަކަށް ކަމޭހިތަމެވެ. އަހަރެން ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވީމެވެ. މަންމައާއި ދިމާލަށް އެނބުރިލައި މަންމަގެ އަތުގައި ހިފަހައްޓާލީމެވެ.

“ވިލް ސީ..” އަހަރެންވެސް މަންމަގެ ވާހަކަތަކުން ހިތްވަރު ލިބުނުކަން ދައްކާލީމެވެ. މަންމަ އުފާކޮށްލުމަށެވެ. ހިނިތުންވެލާފައި މަންމަ ދިޔައެވެ.

އެވަގުތު ޝާޔާ ވެސް އަނަނަތަން ފެނިއްޖެއެވެ. ޝާޔާ ފެނުމާއިއެކު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އަހަރެން ޝާޔާއާއި ކުރިމަތިލާން އަދި ތައްޔާރެއް ނޫނެވެ. ޝާޔާކައިރީގައި އަހަރެން ބުނަން އޮތީ ކީކޭހެއްޔެވެ؟ މަންމަ ޝާޔާގެ އަތުގައި ހިފާލާ ކުޑަވާހަކައެއް ދައްކާލުމަށްފަހު އެނބުރިގޮސް ގެއަށް ވަނެވެ. ޝާޔާ ހިނިތުންވެލާފައި އަހަރެންނާއި ދިމާލަށް އަންނައިރު އެހެންނާ ނުފެންނަ ހަމަޖެހުމެއް ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެއާއިއެކު ޝާޔާ ވަކިން ލޯބިހެންވެސް ހީވެއެވެ. ޝާޔާއައިސް އަހަރެންގެ ކައިރީގައި އެއްފައި އުނދޯލި މައްޗަށް ލާފައި އިށީނދެ އަހަރެންނާއި ދިމާލަށް އެނބުރިލިއެވެ. ޝާޔާގެ މިހަރަކާތުން އަހަރެންނަށް އިތުރަށް ހައިރާންކަން ލިބުނެވެ. އަހަރެން މަޑުމަޑުން ޝާޔާއާއި ދިމާލަށް ބަލައިލީމެވެ. އޭރު ޝާޔާއަހަރެންނާއި ދިމާލަށް ބަލަމުންދިޔައީ އަހަރެންގެ މޫނުމަތީގައި ލިޔެފައި ހުރިއެއްޗެއް ކިޔާހެނެވެ. ޝާޔާގެ މިހަރަކާތުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޝާޔާ ބޮލުން އިޝާރާތްކޮށްލީ “ކިހިނެއްވީ ހެއްޔޭ؟” އަހައިލާ ކަހަލަ ގޮތަކަށެވެ. އަހަރެންވެސް ބޯ ހޫރާލީމެވެ. ކަމެއް ނުވެޔޭ ބުނުމުގެ ގޮތުންނެވެ. ބޮޑު ނޭވައެއް ދޫކޮށްލަމުން ޝާޔާ ދެއަތް މޭމަތީ ހުރަސްކޮށް ހަށަންބަނދެލިއެވެ. އެއަށްފަހު އަނެއްކާވެސް އަހަރެންނާއި ދިމާލަށް ބަލަމުން ދިޔައީ އަހަރެންގެ މޫނުމަތިން ފެންނަންހުރި އަސަރުތައް ދެނެގަންނަން ކަހަލައެވެ.

“ތީ އަހަރެންގެ ލޯބިވާ.. ” ޝާޔާގެ ލޯބިވެތި ޙަރަކާތްތަކުން ބުނެދޭން އުޅޭ އެއްޗެއް ދެނެގަނެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. “ޝޯންއަށް ކަމެއް ދިމާވެއްޖިއްޔާ.. އަހަރެން ކައިރީގަ ބުނަންވާނެ.. އޭރު އަހަރެން ރަނގަޅު އައިޑިޔާއެއް ދޭނަން..” ޝާޔާ އަނެއްކާވެސް ހަށަންބަދެލިއެވެ. އެއާއިއެކު އަހަރެންގެ ހިތުގައި ފޮނިރާގެއް ކުޅެލެވުނެވެ. ޝާޔާގެ ލޯބިވެތި އަދާތަކުން އަހަރެންގެ ހިތް ބަންޑުން ވެއްޖެއެވެ. ޝާޔާގެ މި ތުއްތު ތުއްތު ހަރަކާތުން އަހަރެންގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއާއިއެކު ޝާޔާ ލޯހަނިކޮށްލާ ސީރިއަސްކަން ދައްކާލިއެވެ.

“އޯކޭ އޯކޭ..” އަހަރެންނަށް ހެވުނެވެ. ލަދުން ވިރިވިރި ހުންނަ ޝާޔާއަށް މިޔަދު ލިބިފައި މިހުރީ ކޮން ކަހަލަ ހިތްވަރެއް ބާއޭ ހިތަށް އެރިއެވެ. އަހަރެންވެސް ސީރިއަސް ވެލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ޝާޔާ ކަޅި ޖަހައިނުލާ ބަލަން އިންނަ ގޮތުން ހަމަ ރަކިވެ، ހިނިއަންނަނީއެވެ. ވަރަށް މަސައްކަތުން ހަމަޔަކަށް އެޅިލާ ޝާޔާއާއި ހަތަރުކަޅި ހަމަކޮށްލީމެވެ.

“ދޫންޏާ.. އެއީ އެހާބޮޑު ކަމެއްނޫނޭ..” ޝާޔާގެ ނޭފަތުގައި ހިފާލަމުން އަހަރެން ޝާޔާ ރުއްސޭތޯ ދޮގެއް ހަދައިލީމެވެ. އެނޫން ގޮތެއް ނެތެވެ. ޝާޔާ ޑޮކްޓަރަށް ދެއްކުމުގެ ކުރިން ޝާޔާއަށް އެޚަބަރު ދެވޭކަށް ނެތެވެ. “ދެން މިހާރަކު ނޫން ދޯ.. އަހަރެން އަދި ރެޑީއެއް ނޫން ޝާޔާ ކައިރީގަ މިވާހަކަ ދައްކާކަށް.. އޮސްޓްރޭލިޔާއަށް ގޮސް ބުނާނަން އިނގޭ..” އަހަރެން ހިނިތުންވެލަމުން ކުޑަގޮތަކަށް އެހެން ބުނިއިރު ކަމުގެ ސީރިއަސް ކަމާއި ބޮޑުކަން އަހަރެންގެ ވާހަކައިގެ ރާގާއެކު އޮތީ ފޮރުވިފައެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޝާޔާ ބޯޖަހައިލިއެވެ. އެންމެ ރަނގަޅޭ ބުނާކަހަލަ ގޮތަކަށެވެ.

“ޝޯން މާބޮޑަށް ނުވިސްނާތި.. އަހަރެން ދެރަވާނެ..” ޝާޔާގެ ބަހުރުވައިން އެހެން ބުނެލިއިރު ތުންކޮޅަށް ހަދައިލި ގޮތުން އަހަރެންގެ ހިތަށްވެސް އަސަރު ކުރިއެވެ. ޝާޔާ އަހަރެންނާއި ދޭތެރޭގައި ވިސްނާވަރާއި އަހަރެންދެކެ ލޯބިވާވަރު ފެނިފައި އަހަރެންގެ ލޯފުރުނީ ހޫނު ކަރުނައިންނެވެ. ކޮލުގައި އަތް ޖައްސާމުލަށްފަހު އަހަރެންގެ މޭގައި ޝާޔާލައްކޮށްލީމެވެ. އެފަދަ ކޮންމެ އުފާވެރި ހިނދުކޮޅަކާއެކު ހިތަށް ލިބެމުން ދިޔަ ވޭން ދިޔައީ އިތުރު ވަމުންނެވެ. ޝާޔާ ތެޅިގަނެފައި އަހަރެންގެ އަތުތެރެއިން ދުރަށް ދިޔައީ އެހެން މީހަކަށް ފެނިދާނެތީ ބިރުންކަހަލައެވެ. އަދި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނީ ލޯތްބާއެކުއެވެ. ޝާޔާއަށް އޭނާއަށް ލިބެން އުޅޭ ޚަބަރުގެ ބޮޑުކަން ރޭކާވެސް ނުލައެވެ. އެކަން އެނގި އަހަރެންގެ ހިތަށް ޝާޔާގެ ހިނިތުންވުމާއި އުފާވެރި މޫނުފެނި ލިބޭ ވޭން މާ ފުނެވެ. އަހަރެންގެ އެ ހުރިހާ އިޙްސާސް ތަކެއް ހިތުގައި ފޮރުވައިލީ އަޑިނޭނގޭ ކަނޑެއް ފަދައިންނެވެ. ހިނިތުންވެލީ ހިންޏަށް ހަކުރު އޮޅުވާލާ ބީދައިންނެވެ.

“އަނހާ ޒާނިޝް.. އާދޭ އެތެރެއަށް..” މަންމަގެ އަޑާއިއެކު އަހަރެންނަށް ބަލައިލެވުނީ ގޭތެރެއަށް ވަދެގެންއަންނަ ޒާނިޝްގެ ކުޑަޢާއިލާ އަށެވެ. އެއީ ދޮންބެ ބުނި ބައެއް ލިޔެކިޔުންތައް ބަލާލާފައި ފާހަގަ ކޮށްލެވުނު ބައެއް ކަންތައްތައް މަންމަ އާއި ޙިއްސާކޮށްލަން އަހަރެން ފައިލް ހިފައިގެން ތިރިޔަށް ފޭބިވަގުތެވެ. ގޭތެރޭގައި އޮތީ ތިން ޢާއިލާގެ މެންބަރުންގެ އެކި ވާހަކަތަކުން އުފާވެރިކަމުގެ ހުވަނދެއް ލެވިފައެވެ. މެންދުރުފަހުގެ ހިތްގައިމު ވަގުތުކަމުން ފިނި ބުއިންތަކުން ވަނީ މޭޒުމަތި ފަޅުފިލުވާލައިފައެވެ.

“އާދޭ އިށީނދޭ.. ” ޒާނިޝް އާއި އާބިދާ ދައްތައާއިއެކު ދެންހުރީ ޒާނިޝްގެ ބޭބެ ޒައިދުކަން ޒާނިޝްގެ ވާހަކަތަކަށް ބަލާފައި ބުނެލަން އަހަރެންނަށް އެނގުނެވެ. އެންމެންނާއި ސަލާން ގަލާން ކޮށްފައި ޒާނިޝް ސޯފާގައި އިށީންނަމުން އަހަރެންނަށް ބަލައިލިއެވެ. އެހާ ރަސްމީކޮށް ޢާއިލާ ގޮވައިގެން އައުމަކީ އުފާވެރި ޚަބަރެއްކަން ޔަޤީނެވެ. އެއީ ޒާނިޝް ބުނި ސަޕްރައިޒް ބާއެވެ؟ އަހަރެންވެސް ހިނިތުންވެލާފައި ސިޑިން ފައިބައިގެން ގޮސް ޒާނިޝް އާއި ކޮނޑާއި ކޮނޑުޖައްސާ ސަލާމްކޮށްލީމެވެ. ކުރިއަށް ހިނގަން އުޅޭކަމެއް ބެލުމުގެ ޝަޢުޤުވެރިކަމުގައި އަހަރެންވެސް މަންމަ ކައިރީގައި ސޯފާގައި އިށީނދެލީމެވެ. އޭރު ބެކްޔާޑްގައި ހުރި ޓެނިސް ކޯޓުގައި ކުޅެން އުޅެފައި ރަނާއާއި ރިޔާ އަދި ޝާޔާ ވަދެގެން އަންނަނީއެވެ. ޒާނިޝްގެ ޢާއިލާ ފެނުމާއިއެކު ރަކި ހިނިތުން ވުމަކާއިއެކު ރިޔާގެ މޫނު ޖަމްބަކަށް ބަދަލުވިއިރު ޝާޔާއާއި ރަނާ ރިޔާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ އާދެއެވެ. ހުރިހާ މޫނުތަކެއްގެ މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“ތިންމައިން ކޮންދަތުރެއް ތިއީ..” މަންމަ އިސްވެ ވާހަކަ ދެއްކިއެވެ.

“މިއީ ހަމަ އައިޝާގެ ދެމަފިރިންނާއި ބައްދަލުކޮށްލަން އައިސްލީ..” އާބިދާދައްތަ ވާހަކަދައްކަމުން ދިޔައިރު ޒާނިޝްއިނީ އިސްޖެހިފައެވެ. މުޙައްމަދުބެއާއި އައިޝާދައްތަ ވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ޝަޢުޤުވެރިކަމާއިއެކު ދައްކަން އުޅޭވާހަކައެއް އަޑުއެހުމަށް ސަމާލުކަން ދީގެން ތިއްބެވެ.

“ވަކިން ވާހަކަދައްކާލަން ބޭނުމިއްޔާ އެނތެރެއަށް ގޮސްލެވިދާނެ..” މަންމަ ލައިބްރަރީއާއި ދިމާލަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ނަމަވެސް އާބިދާދައްތަ ޚިޔާރުކުރީ އެތާނގައި ތިބެގެން އެވާހަކަ ދައްކާށެވެ.

“އަހަރުމެން މިއައީ މަގޭ ހުސޭނާއި އައިޝާމެންގެ ރިޔާޝާގެ ވާހަކަ ދައްކަން ވެގެން..” އާބިދާދައްތަ ސުރުޚީ އަޅާލިއެވެ. ޒާނިޝް އިސްއުފުލާ އަހަރެންނަށް ބަލައިލީ ހިނިތުންވެލާފައެވެ. މިވީ އަހަރެންވެސް ހީކުރި ގޮތަށެވެ. މުޙައްމަދުބެއާއި އައިޝާދައްތަވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލަމުން ވާހަކައަށް ސަމާލުކަން ދިނެވެ. “މަގޭ ހުސޭނަށް ރިޔާޝާ ވަރަށް ކަމުގޮސްފި.. ހުސެން ބޭނުންވޭ ތިޢާއިލާއިން މިގުޅުމަށް ރުހޭކަމުގަ ވަންޏާ ރިޔާޝާއާއި ކައިވެނިކުރަން..” އާބިދާ ދައްތަގެ ވާހަކަ އެހައިހިސާބުން މެދުކަނޑާލީ އައިޝާ ދައްތަމެންގެ ޖަވާބަކަށެވެ. ދެން ދިޔައީ ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. އެންމެން އިންތިޒާރު ކުރަމުންދިޔައީ ޖަވާބު އަންނާނެ ގޮތެއް ބަލާށެވެ.

“ޒާނިޝް ހުންނާނެ ކަންނޭނގެ ބޭބެ ބުނި ހަނދާން ބޭބެމެން ގޭގަ އުޅުނުއިރު ތި ހުރިހާ ކުދިންނަކީ ހަމަ ބޭގެދަރިން ނޭ ބުނިހަނދާން. . އެހެންވީމަ ބޭބެގެ ދެކުދިންނާއި ދޭތެރޭ ތިހުރިހާ ކުދިންވެސް ދެކެންވާނީ ކޮއްކޮއިން ގޮތަށްށޭވެސް ބުނިން. . އެހެން ނަޒަރަކުން އެއްވެސް ކުއްޖަކު ދެކިގެންނުވާނެ އޭބުނިހަނދާން. .” މުޙައްމަދުބެގެ ވާހަކަ އަޑުއަހަމުން ދިޔައިރު ވާން އުޅޭ ގޮތެއް ނޭނގި އަހަރެންގެ މޭގަނޑުވެސް ނެގި ނެގިފައި ޖެހެމުން ދެއެވެ. ފަރުވާތެރިކަމާއިއެކު މުޙައްމަދުބެގެ ކޮންމެ ލަފްޒެއް ވަކިވަކިން އަހަމުންދިޔަ ޒާނިޝްގެ މޫނުމަތިން އޭނާގެ ޙާލު އަދި ވަކިން ގޯސްކަން ހާމަވެއެވެ. ދާދިގާތުގައި އެވާހަކަތައް އަޑުއަހަން ހުރި ރިޔާގެ މޫނުމަތިން ވިދާލި ދާތިކިތަކުން ހާސްވެފައި ހުރިވަރު އަންގައިދެއެވެ. “އެއީ ތީން އެއްވެސް ކުއްޖެއްގެ ދޭތެރޭގައި ގޯސްގުޅުމެއް ހިނގިޔަނުދޭން ބޭބެ ކަނޑައެޅި ޤަވާއިދެއް.. ޒާނިޝް ބޭބެމެންގޭގަ އުޅުނު ދުވަސްވަރު ބޭބެ ވަރަށް ގާތުން ތި ހުރިހާ ކުދިންގެ ކަންތައްވެސް ދިޔައީ ބަލަމުން.. ޒާނިޝް ތިއީ ބޭބެ ހީކުރިކަހަލަ ކުއްޖެއްނޫން..” މުޙައްމަދުބެގެ ޖުމްލަ އެހިސާބަށް ހުއްޓުމާއިއެކު ހިތުގެ ހިނގުން ބާރުވެލިއެވެ. ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ކަންބޮޑުވުމެވެ. “ބޭބެއަށް ޒާނިޝް ވަރަށް ކަމުގޮސްފި.. ތި ގުޅުމާއިމެދު ބޭބެމެން ޤަބޫލު..” މުޙައްމަދުބެގެ ވާހަކަ ހިނިތުން ވުމަކުން ނިންމާލުމާއިއެކު ހުރިހާ އެންމެންގެ މޫނުމަތިން އުފާވެރިކަން އުތުރި އަރައިގެން ދިޔައެވެ. ފަޒާގައި އެކުލެވިގެން ދިޔައީ ޖޯޝާއި ފޯރިއެވެ.

ދާދި ކައިރީގައި ހުރި ރިޔާއަށް މިޚަބަރު ވެގެންދިޔައީ މިހާތަނަށް ލިބުނު އެންމެ އުފާވެރި ޚަބަރަށް ކަހަލައެވެ. އުފަލުން ރަނާ އާއި ރިޔާ އަދި ޝާޔާ އެކަކު އަނެކަކު ގައިގައި އޮޅުލަމުން ދިޔަމަންޒަރު ބަލަންހުރި ޒާނިޝްގެ ދަތްޕިލަ އިނީ އަތަށްލައިގެން ކަހަލައެވެ. އައިޝާދައްތައާއި މުޙައްމަދުބެ އެކުވާން އުޅޭ ޢާއިލާއަށް މަރުހަބާކިޔައި އަތާއި އަތް ޖޯޑުކޮށް ސަލާން ކޮށް ވާހަކަ ދެއްކުމުގައި އުޅުނެވެ. މަންމަވެސް ދެޢާއިލާއަށް މަރުޙަބާ ކިޔުމަގައި އުޅުނެވެ. އަހަރެންވެސް ތެދުވެގެން ގޮސް ޒާނިޝް ގޮވައިގެން ބަގީޗާތެރެއަށް ނިކުމެލީއެވެ. އޭރުވެސް ޒާނިޝް ފަސްއެނބުރި ރިޔާއަށް ނަޒަރެއް ހަދިޔާކޮށްލައެވެ.

“ހަހަހަ… ކޮންގްރާ ބަޑީ.. ދެޓްސް ރިއަލީ ސަޕްރައިޒިންގް…! ނައު ޔޫ އަރ ލައިކް އޮފިޝަލީ އެންގޭޖްޑް؟؟!” އަހަރެން ޒާނީޝް އާއި ދިމާކޮށްލަމުން ތަހުނިޔާ ކިޔާލީމެވެ. ވަގުތުން ފޯނުނަގާ އެޚަބަރު އަޔާން އަށް ދީފީމެވެ.

“ސީރިއަސްލީ.. ހީ ޑިޑް..؟؟” އަޔާން އަށް ޤަބޫލު ނުކުރެވިގެން އަހައިލިއެވެ. ވަގުތުން ޒާނިޝް އަހަރެންގެ އަތުން ފޯނު ޖަހައިގަނެ ވާހަކަ ދެއްކިއެވެ.

“ޔެސް އައި ޑިޑް.. އެނގެއެއްނު ބޭބެމެން އަބަދުވެސް އެއް ފިޔަވަޅު ކުރީގަ އުޅޭކަން.. ކުރަން ކުރަން ނުކެރިފައެއް ނުހުންނާނަން.. އިޓް ޓޭކްސް އަ ލޮޓް އޮފް ގަޓްސް.. ބަޓް އައި ޑޯންޓް ތިންކް ޔޫ ހޭވް އެނީ.. ޑޫޔޫ..؟” ޒާނިޝް ފަޚުރުވެރިކަމާއިއެކު އަޔާން ކަޑަ ވާވަރަށް ދިމާ ކޮށްލިއެވެ.

“ވެއިޓިން ފޯރ ދަ ރައިޓް ޓައިމް..” އަޔާން ޖަވާބުގައި ބުނެލިއެވެ. އެ ރަނގަޅު ވަގުތެއް އަންނާނެ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެދެމީހުންގެ ދެޖޯޑަށް ލޯބީގެ ބަހާރު މޫސުން އައިސްފައިވާއިރު އަހަރެންގެ ލޯތްބަށް ޚަރީފް މޫސުން އަންނަން ފިނިކުރަމުން ދަނީއެވެ. ކުރިމަތިވާން އުޅޭ ކޮޅިގަނޑުގެ ވައި މިހާރުވެސް ވަނީ ޖެހެން ފަށާފައެވެ. އެހެން ހިތަށް އެރުމާއިއެކު އަހަރެންނަށް ފުން ނޭވައެއް ބޭރުކޮށްލެވުނީ މޭގައި ރިއްސާލި ގޮތަކުންނެވެ.

-ނުނިމޭ-

0
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 18 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

Leave a Reply

Your email address will not be published.