ބިރުވެރި ލޯބީގެ

ނިދިތެރޭން

ފެށުން

ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔެއްގެ މިސްރާބަކަށް ވެފައިވަނީ ފެރީގިމަތަ އެވެ. ސަރުކާރުން ދެމުންދާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމުގެ ތެރެއިން މާލެއިން އަންނަ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކޮށްލާ އެމީހުންނަށް މަރުޙަބާ ކިޔުމަށް އެބައިމީހުން އަވަސްވެފައި ވެއެވެ.

ހެދިހުރި ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ވިސާމަކީ އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދިޔަ ޒުވާނެކެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ފުނާއެޅުމުގައި ގެންގުޅޭ ޒަމާނީ ގޮތްތަކުގެ ސަބަބުންކަން ޔަގީނެވެ. އެއާއެކު އޭނާއަށް ލިބިފައިވާ ދޮންކުލައަކީ ވެސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ.

ވިސާމް ގުރައިދޫއަށް ދިޔައީ އޭނާގެ ރައްޓެއްސަކު އެރަށުގައި ހިންގަމުންދިޔަ ޓޫރިސްޓް ޝޮޕެއްގެ މަސައްކަތުގައި އޭނާއަށް އެހީތެރިވުމަށްޓަކައެވެ. އެހެންވެސް ދަތުރުވެރިންނެކޭ އެއްފަދައިން ވިސާމް ވެސް ދޯނިން ފޭބީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާ އެކުގައެވެ.

ވިސާމް ދޯނިން ފޭބުމާއެކު އޭނާގެ ރަހުމަތްތެރި ޖަޒީލް އައިސް އޭނާއާ ބައްދަލުކުރިއެވެ. ސަލާން ކޮށްލަމުން ހާލު އަހުވާލު އޮޅުން ފިލުވާލީ ޝުކުރުވެރިކަމާއެކު ހިނިތުންވެލަމުންނެވެ.

ވިސާމެކޭ އެއްފަދައިން ފެރީދޯނި ކައިރިއަށް އައިސް ގޮސްވާ އެންމެންގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމަކީ ވިސާމަށް ލިބިގެންދިޔަ އެންމެބޮޑު އުފަލާއި ހިތްހަމަޖެހުމެވެ. ތަކުރާރުކޮށް އޭނާގެ ރައްޓެހިން ބުނަމުންދިޔަ ފަދައިން ރާއްޖެތެރޭން ފެންނަމުންދާ އެންމެ ހިތްގައިމު މަންޒަރެވެ.

ޖަޒީލާއި ވިސާމް ޖަޒީލްގެ ސައިކަލްގައި ދިޔަގޮތަށް ދިޔައީ ޖަޒީލްމެން ގެއަށެވެ. ގެއަށް ދަބުސް ލުމަށްފަހު ދެމީހުން އެކުގައި ބޭރަށް ނުކުތީ އެތައް ދުވަހަކަށްފަހު ބައްދަލުވުމުން ކޮންމެހެން ވެސް ދައްކާލާންޖެހޭ ބައެއް ވާހަކަތައް ހުރުމާއި އެކުގައި ކޮފީއެއް ބޯނުލާތާ ގިނަދުވަސް ވެފައިވާތީ އެކަމުގެ ބޭނުމުގައެވެ. އެތައް ދުވަހަކަށްފަހު އަނެއްކާ ވެސް ބައްދަލުވުމުން ދެމީހުން ވެސް ތިބީ ވަރަށް އުފާވެފައެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. ޖަޒީލާއި ވިސާމް، ޖަޒީލްގެ ޝޮޕްގައި ތިބީ ޓީސާޓް ތަކެއް ކުރެހުމުގެ މަސައްކަތް ކުރާށެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމެކޭ އެއްފަދައިން އޭނާގެ މަސައްކަތްތައް ވެސް ފުރިހަމަ ވެފައި ރީއްޗެވެ. އޭނާގެ މަސައްކަތްތައް ފެނުނު އެންމެން ވެސް އޭނާގެ މަސައްކަތްތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރިއެވެ.

ވިސާމް އެރަށަށް އައުމާއެކު ޒުވާންފުރައިގެ ވަރަށްގިނަ އަންހެން ކުދިންގެ ލޯތައް ވިސާމަށް އަމާޒުވެގެން ދިޔައެވެ. ވިސާމްގެ އިޝާރާތަކަށް ބަލާލަ ބަލާލަތިބި އަންހެން ކުދިން ދުވަހަކަށްވުރެ ދުވަހެއް ގިނަވާން ފެށިއެވެ.

ނިޒްމާ އަކީ ރީތިކަމާއި ފުރިހަމަކަމުގައި އަރާހުރި ވިއްސަކަށް އަހަރުގެ ޒުވާނެކެވެ. އާދައިގެވަރަކަށް ކުލަދޮން ނިޒްމާއަށް ލިބިފައިވާ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ ކަޅުކުލަގަދަ ދިގު އިސްތަށިގަނޑާއި ބޮޑު ދެލޮލުގެ ސަބަބުން ނެވެ. އޭނާގެ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތައް ގުޅި ލާމެހިފައިވާކަމީ ވެސް އޭނާއަށް ލިބިފައިވާ އިތުރު ފުރިހަމަ ކަމެކެވެ. މަސައްކަތްތެރި ހީވާގި، ރަނގަޅު އަޚުލާޤެއް ލިބިފައިވާ ނިޒްމާއަކީ ދިރިއުޅުމެއް ފެށުމަށް އެންމެ އެކަށީގެންވާ ޒުވާނެއް ކަމުގައި ގިނަބަޔަކު ބުނަމުން ދިޔައެވެ. ރަށުގެ ޒުވާނުންގެ ތެރެއިން އެންމެގިނަ ޒުވާނުން އެމޫނަކަށް ލޯ އަޅަމުންދާ ސަބަބަކީ ވެސް އެއީއެވެ.

މުއްސަނދިކަމާއި ތަނަވަސްކަމުގައި އަރާހުރި ވިރާސްއަކީ ރަށުކައުންސިލްގެ ރައީސް އެވެ. އޭނާގެ މިލްކިއްޔާތުގައި ތިން ދޯންޏާއި ފިހާރައެއްގެ އިތުރުން ޓޫރިސްޓްޝޮޕެއް ވެސް ހުރެއެވެ. ވިރާސަށް ލިބިފައިވާ ތަނަވަސްކަމުގެ ފައިދާ އޭނާ އާއި އޭނާގެ ޢާއިލާގެ މެންބަރުންގެ އިތުރުން އޭނާގެ ރައްޓެހިންނާއި ބައެއް ނިކަމެތިންނަށް ވެސް ލިބެމުން ދެއެވެ. އެހެންކަމުން ވިރާސް ވެފައި ވަނީ ގިނަބަޔެއްގެ ލޯތްބާއި އިޚުތިރާމް އަދި ޤަދަރު ލިބިފައިވާ މީހަކަށެވެ.

ވިރާސްގެ ހުރިހާ މުދަލެއް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ އޭނާ އާއި ސާގިބާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު އަންޖާމެވެ. މައިންބަފައިންގެ ހެޔޮނަސޭހަތާއި މިންނެތްމަސައްކަތުން ރާއްޖޭން ބޭރަށް ފޮނުވައިގެން އޭނާއަށް ހޯދާދީފައިވާ ތަޢުލީމުގެ ފައިދާ އޭނާ ކުރަމުންދިޔަ އެމަސައްކަތްތަކުން ފެންނަމުންދިޔަ އެވެ. އަންޖާމަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި އަޚުލާޤުގެ އިތުރުން ނުހަނު ރީތިކަމާއި ފުރިހަމަކަން ލިބިފައިވާ ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ދިގު އިސްކޮޅާއި ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން އޭނާގެ ފުރިހަމަކަން އިތުރުވެފައި ވެއެވެ. އަންޖާމަކީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި މަސައްކަތްތެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފަމުންދާ ހަރުދަނާ ޒުވާނެއް ކަމުގައި އެންމެން ވެސް ގަބޫލުކުރެއެވެ.

އަންޖާމަށް ކަޅިއަޅަމުންދާ ޒުވާން އަންހެން ކުދިން ވަރަށްގިނައެވެ. އޭގެތެރޭގައި އޭނާދެކެ ލޯބިވެގެން އޭނާއާއެކު އުފާވެރި ޒަވާޖީހަޔާތެއް ވޭތުކުރުމަށް ބޭނުންވާ ކުދިންނާއި އޭނާގެ ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ ކުދިން ވެސް ހިމެނެއެވެ.

އަންޖާމުގެ ޢާއިލާގެ ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ ޒުވާން އަންހެންކުދިންގެ ތެރޭގައި ނީނާ ވެސް ހިމެނެއެވެ. އުމުރުން އެންމެ ވިހިއަހަރުގެ ނީނާ އަކީ އާދައިގެ ޢާއިލާއަކަށް އުފަންވެފައިވާ ޖަވާހިރެއްފަދަ ރީތި އެހާމެ ފުރިހަމަ އަންހެން ކުއްޖެކެވެ. ހިމަތޮޅި ލޫޅާފަތި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ ނީނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ ރާޅުބާނި އިސްތަށިގަނޑާއި އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކެވެ. މިހާރު ވެސް ނީނާގެ އިޝާރާތަކަށް ބަލަބަލާތިބި ޒުވާނުންނަކީ މަދުބަޔެކޭ ނުބުނެ ވޭނެއެވެ.

ނީނާއަކީ އެންމެންނާއި ވެސް ނުހަނު ގުޅޭ ސަކަމިޒާޖުގެ ޒުވާނެކެވެ. ނީނާގެ އެ މިޒާޖުގެ ސަބަބުން ވަރަށް ގިނަބަޔަކު އޭނާއާ ގުޅެއެވެ. އޭގެތެރޭގައި ޒުވާން ފުރައިގެ ފިރިހެންކުދިން ވެސް ހިމެނެއެވެ. އޭނާ ހުންނަ ކޮންމެތަނަކަށް އޭނާގެ ސަބަބުން އުފާވެރިކަން ގެނެސްދޭ ކަހަލައެވެ. މާޔޫސްވެ ހިތްދަތިވެފައިތިބޭ އޭނާގެ ރައްޓެހިންގެ އެމާޔޫސްކަމާއި ހިތްދަތިކަމަކީ ނީނާ ބަލާން ބޭނުންވާ މަންޒަރެއް ނޫނެވެ. އެހެންކަމުން އެފަދަ ވަގުތުތަކުގައި ވެސް އޭނާ މަސައްކަތް ކުރަމުންދަނީ އެފަދަ ރައްޓެހިންނަށް ހިތްހަމަ ޖެހުން ހޯދައިދީ ހިތްހަމަޖައްސާ އުފާކޮށްދޭށެވެ.

ހަވީރު ހަތަރުގަޑިބައި ފަހެއް ޖަހާކަން ހާއިރެވެ. ދުވަހަކީ މޫސުމް ރީތި ހިތްގައިމު، އާދައިގެ ވަރަކަށް ވައިޖެހެމުންދާ ދުވަހަކަށް ވާތީ ގިނަބަޔަކު އަތިރިމައްޗަށް ޖަމާވެފައި ވެއެވެ. އަތިރިމައްޗާއި ދިމާއަށް ދަތުރުކުރަމުންދާ މީހުން އިތުރުވަމުން ވެސް ދިޔައެވެ.

ވިސާމް އޭނާގެ އާދައިގެމަތިން ޝޮޕްގެ މަސައްކަތްތައް ނިންމާލުމަށްފަހު ސައިބުއިމަށްޓަކައި އަތިރީމަގުންލާފައި ރުއްގުޅި ކެފޭއާއި ދިމާއަށް ދިޔައެވެ.

އަތިރިމަތީ ބަހައްޓާފައިހުރި ޖޯލިފަތިތަކުން ޖޯލިފައްޗެއްގައި ނީނާ އާއި އޭނާގެ އެކުވެރި ފާތުން އަދި ރައިނާ އާއި ރާބިޔާ ތިއްބެވެ. ހަތަރު ޒުވާނުން ތަފާތު މަޢުލޫމާތަކަށް ވާހަކަދައްކަމުން ހީހީފައި ސަކަރާތް ޖަހަމުން ދިޔައެވެ.

” އޯހް …… ސަޅި ބިޓެއް. ” ނީނާއަށް ވިސާމް ފެނުމާއެކު އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ދެން ތިބި ތިންމީހުން ވެސް އަވަސް އަވަހަށް އެދިމާއަށް ބަލާލިއެވެ. އެއާއެކު އެންމެން އެއްފަހަރާ ހީގަތް ނަމަވެސް އެއިން އެއްވެސްކަމެއް އެހަތަރު މީހުން ފިޔަވާ އެހެން މީހަކަށް ނޭނގެއެވެ.

” ފާތުން!.. ހާދަވަރަކަށޭ ތިބަލަނީ. ސަލާން ބުނާންވީތަ ؟ ” ފާތުންނަށް ބަލާލަމުން ސަމާސާ ރާގަކަށް ނީނާ އަހާލިއެވެ.

” ކޮންމެހެން އަހަރެންގެ ސަލާން ބުނާނެކަމެއްނެތް. ކަލޭ ތިހާ ބޭނުމިއްޔާއި ކަލޭގެ ސަލާން އަހަރެން ބުނެފާނަން. ” ހީގަންނަމުން ފާތުން ބުންޏެވެ. ނީނާއަށް ދޫދޭކަށެއް ފާތުން ވެސް މިފަހަރަކު ބޭނުމެއް ނުވިއެވެ.

” ފާތުންނަށް ތިހާ ކެރެންޏާއި ބުނާންވީނު. އަހަރެން އެއްވެސް ހާހެއްނުވޭ. ” ދެރަނުވާންވެގެން ކަހަލަ ގޮތަކަށް ނީނާ ބުނެލިއެވެ.

” ފާތުން ބުނާތި އިނގޭ. ” ރައިނާ އާއި ރާބިޔާ އެކުގައި ކަހަލަގޮތަކަށް ބުންޏެވެ. ފާތުން ލައްވާ އެކަން ކުރުވާން އެ ދެމީހުން ވެސް ނުހަނު ބޭނުންވާ ކަހަލައެވެ. ވާހަކައިގެ ރާގާއި ހަރަކާތްތަކުން އެމީހުން އެހެން ބުނީ މަޖަލަކަށްކަން ފާތުންނަށް ވެސް އެނގުނެވެ.

ފާތުންމެންގެ ރޭވުމުގެ އެއްވެސް ހިލަމެއްނުވާ ވިސާމް ހިނގަމުން އައި ގޮތަށް އެދިމާއަށް އައެވެ.

ވިސާމް ދިރިއުޅެމުންދަނީ ފާތުން މަސައްކަތްކުރާ ފިހާރައާއި ވަރަށްގާތުގައި ހުންނަ ގެއެއްގައި ކަމަށްވެފައި ވިސާމް ވަރަށް ގިނައިން އެފިހާރައަށް އައިސް އުޅޭތީ ވިސާމާއި ފާތުން ވާހަކަދައްކާން ޖެހެއެވެ. އެހެންކަމުން އެމެދުގައި ކޮންމެވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެދިފައި ވީ ނަމަވެސް އެއިން އެއްވެސްކަމެއް ދެންތިބި ތިންމީހުންނަކަށް ނޭނގެއެވެ.

ވިސާމް އައިސް ޖޯލިފައްޗާއި ހަމަވުމާއެކު ރައިނާ އާއި ރާބިޔާ ލޮލުގެ އިޝާރާތުން ފާތުންނަށް އަންގާލިއެވެ.

” ވިސާމް! ނީނާ ވަރަށް ގަދައަށް ސަލާން ބުނި. އަދި ބުނީ ވަރަށް ލޯބިވެޔޯ ” ވިސާމް އައިސް ޖޯލިފައްޗާއި ހަމަވުމާއެކު އެފަސްމީހުން ފިޔަވާ އެހެން މީހަކަށް ނީވޭވަރަށް ފާތުން ގޮވާލިއެވެ. ފާތުން އެފަދައިން ކަންތައް ކޮށްފާނެކަމަކަށް ނީނާ އެއްގޮތަކަށް ވެސް ހިޔެއް ނުކުރެއެވެ.

ފާތުން އެހެން ގޮވާލުމާއެކު ވިސާމް ހުއްޓިލަމުން އެމީހުންނަށް ބަލާލިއެވެ. އަދި ހިތްހަމަ ނުޖެހުމާއެކު އަނެއްފަރާތަށް މޫނު އަންބުރާލަމުން ހިނގައިގަތެވެ.

ވިސާމްގެ އެޢަމަލުގެ ސަބަބުން ނީނާމެންގާތަށް ވަރަށް ހިނިއައެވެ. އެހެންކަމުން އެންމެނަށް އެކުގައި ކަހަލަ ގޮތަކަށް ބާރުބާރަށް ހީގަނެވުނެވެ.

” ނީނާއަށް ތިކަން ވާކަށް ނެތް. އެދިޔައީ ރުޅިއައިސްގެން. ” އަވަސް އަވަހަށް ރައިނާ ބުނެލިއެވެ.

” އެކަމު އަހަރެންނަށް ހީވަނީ ނީނާއަށް ތިކަން ވާނެހެން. ބައެއް މީހުން ބުނޭ ނަފްރަތަކީ ލޯބީގެ ފެށުމޭ. ފަހަރެއްގަ ތިކަން ވެސް އެހެން ވެދާނެއެއްނު. ” ނީނާއަށް ހިތްވަރުދޭ ފަދައަކުން ފާތުން ވާހަކަ ދެއްކިއެވެ.

” ފާތުންނަށް ތިހާ ޔަގީންކަން އޮތިއްޔާ ނީނާއަށް އެކަން ކޮށްދޭންވީނު. ” މަޖާވެލަމުން ރާބިޔާ ބުންޏެވެ.

” އަހަރެންނަށް ވެސް ހީވަނީ ތިއީ ރަނގަޅުގޮތެއްހެން. ” ރާބިޔާގެ ވާހަކައާ ބައިވެރިވެލަމުން ރައިނާ ބުންޏެވެ.

” ކަލޭމެން ތިޔަ ހީކުރަނީ އަހަރެންނަށް ތިކަން ނުވާނެކަމަށްތަ؟ މިހާރު ވެސް ނީނާ ބުނެބަލަ އެކަން ކުރާން ބޭނުމޭ. ބަރާބަރު އެއްހަފްތާ ވާނީ. ” ވަރަށް ޔަގީންކަމާއި އިތުބާރާއެކު ފާތުން ވާހަކަދެއްކިއެވެ.

” ނީނާ! އަވަހަށް އެއްބަސްވޭ. ކަލޭ ނުޖެހޭނެ އެއްވެސްކަމެއް ކުރާކަށް. ” ނީނާއާ ދިމާއަށް ބަލާލަމުން ރައިނާ އާއި ރާބިޔާ އެއްފަހަރާ ކަހަލަގޮތަކަށް ވާހަކަދެއްކިއެވެ. ނީނާ އާއި ވިސާމް ގުޅޭން އެދެމީހުން ނުހަނު ބޭނުންވާ ކަހަލައެވެ.

” އެއްހަފުތާތެރޭ ފާތުންނަށް ތިކަން ނުވެއްޖެނަމަ އަހަރެންނަށް ކޮންކަމެއް އޮތީ؟ ” ވިސްނާން ހުރެފައި ކަހަލަގޮތަކަށް ނީނާ އަހާލިއެވެ.

” އެއް ހަފުތާތެރޭ އަހަރެންނަށް މިކަން ނުވެއްޖެނަމަ ކަލޭމެން ތިންމީހުނަށް ރެސްޓޯރެންޓުން ކާންދޭނަން. އެއް ހަފުތާތެރޭ އަހަރެން މިކަން ކޮށްފިއްޔާ ކޮންއެއްޗެއް ކަލޭމެން ދޭނީ؟ ” ނީނާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ފާތުން ސުވާލުކުރިއެވެ. އޭނާއަށް އެކަން ކުރެވިދާނެކަމުގެ ޔަގީންކަން ފާތުންނަށް ވަރަށް ބޮޑެވެ.

” އަހަރެމެން ވެސް ރެސްޓޯރެންޓުން ކާންދޭނަން. ” ރައިނާ އާއި ނީނާއަށް ބަލާލަމުން ރާބިޔާ ބުންޏެވެ. ރާބިޔާގެ ވާހަކައާއި ބައިވެރިވުމުގެ ގޮތުން އާންއެކޭ ބުނާފަދައަކުން ނީނާ އާއި ރައިނާ ބޯ ޖަހާލިއެވެ.

އިރުއޮއްސޭންދެން އެތަނުގައި މަޑުކުރުމަށްފަހު ރައިނާމެން ހަތަރުޒުވާނުން ދިޔައީ ގެއަށެވެ.

އޮއްސުނު އިރާއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއެކު ހަމަހިމޭންކަން ވެސް ވެރިވިއެވެ. އަތިރިތަކުންނާއި ކުޅިވަރުގެ މައިދާންފަދަ އާންމުން އެއްވާ ތަންތަނުން މީހުން މަދުވެގެން ދިޔައެވެ. އެއާއެކު މަގުތަކުން ވެސް މީހުން ފެނުން މަދުވަމުން ދިޔައެވެ.

ފާތުން އޭނާގެ އާދައިގެމަތިން މިރޭވެސް އަށެއްޖަހަންވީރު ފިހާރަ ހުޅުވައިފިއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން“

Leave a Reply

Your email address will not be published.