ބިރުވެރި ލޯބީގެ

ނިދިތެރޭން ( 4 )

” ވިސާމް! ނީނާއާ އެއްވެސް ވާހަކައެއް ނުދައްކާ އޭނާ ގެންގޮސް ގެއަށް ލާފައި އައިސް ނިދާ. ކޮންމެސް ކޮންމެސް އެހެން މީހަކަށް ނުފެންނާތި. ކަންތައް ކުރާނީ އަހަރެން ބުނާގޮތަށް ކަންވެސް ހަނދާން ބަހައްޓާތި. ” ހަމައެކަނި ވިސާމަށް އަޑު އިވޭ ވަރަށް މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ.

ކޮންމެ ވެސް ވަރަކަށް ހާސްވެފައި ހުރި ނަމަވެސް އަލީ އަހްމަދު ބުނާ ގޮތަށް ކަންތައް ކުރުމަށް ވިސާމް އަވަސް ވެގަތެވެ. ނީނާގެ އަތު ހިފައިގެން ވިސާމް ގޮސް އޮޑިހަރުގެއިން ނުކުތްއިރު ވެސް އަލީ އަހްމަދު ހުރިގޮތަށް ހުރީއެވެ. އޮޑިހަރުގޭ ދޮރުލައްޕާލުމަށްފަހު ވިސާމްމެން ހިނގައިގަތެވެ.

ނީނާ އާއި ވިސާމް އެކުގައި ހިނގަމުންދިޔަ ނަމަވެސް އެކަކު އަނެކަކާއި އަނގައަކުން ނުބުނެއެވެ. އެތައް ދުވަހަކަށްފަހު ނީނާއާ ބައްދަލުވުމުން ވާހަކަދައްކާލަން ނުހަނު ބޭނުންވި ނަމަވެސް އަލީ އަހްމަދު ބުނި ގޮތް ހެދުމުގެގޮތުން ވިސާމް ކެތްތެރިވެ ހަމަޖެހުނެވެ. ވިސާމާއި ނީނާގެ ފަހަތުން ކަޅުބުލަލެއް މަޑުމަޑުން ހިނގަމުން އައި ނަމަވެސް އެދެމީހުންކުރެ މީހަކަށް އެކަން އެނގޭހެނެއް ހިޔެއްނުވެއެވެ.

ނީނާ އާއި ވިސާމް އައިސް މަޑުކުރީ ނީނާމެންގޭ ދޮރޯށިކައިރީގައެވެ. ގެއަށް ވަނުމަށް އަތުގެ އިސާރާތުން ވިސާމް ދައްކާ ލުމުން ވިސާމަށް ހިނިތުންވެލާފައި ނީނާ ގޮސް ގޯތިތެރެއަށް ވަނެވެ.

ނީނާ ގޯތިތެރެއަށް ވަނުމުން އޭނާ ހުންނަ ގެއާއި ދިމާއަށް ހިނގައިގަތްއިރު ވިސާމްގެ މޫނުމަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ. އޭނާގެ އުންމީދު ހާސިލުވާތީ އޭނާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން ދެގުނައަށް އިތުރުވެފައި ވެއެވެ.

އެނދުގައި އޮށޯވެ މާގިނައިރެއް ނުވަނީސް ވިސާމަށް ނިދިއްޖެއެވެ. އޭރު ވެސް އަލީ އަހްމަދު ގެއަކަށް ނާދެއެވެ.

ރޭގަނޑުގެ ހަމަހިމޭންކަމާއި އަނދިރިކަން ފިލާ އާދުވަހަކަށް އިރުއެރުމާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައިފިއެވެ. ހޭލެވުމާއެކު އެންމެގިނަ ބަޔަކު އަވަސްވެގަތީ ރޭގައި އައި ތޫފާނުގައި އެމީހެއްގެ ނުވަތަ އެމީހަކާއި ގުޅިފައިވާ އެއްވެސް މީހެއްގެ އެއްޗަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާށެވެ. މަދުރުސާއަށްދާ ކުދިންތައް މަދަރުސާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައިރު އެކުދިންނަށް އެހީތެރިވުމާއިގެން އަންހެން ވެރިން އުޅެމުން ދިޔައެވެ. ހަމައެހެންމެ ގޯތިތަކާއި މަގުތަކަކީ އެންމެނަށް ރައްކާތެރި ސާފުތާހިރު ތަނެއްގެގޮތުގައި ބޭއްވުމަށްޓަކައި ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން ދިޔައެވެ.

މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތާއިގެން ހަރަކާތްތެރިވަމުން ދިޔައިރު ބައެއް ދޯނިތައް މަހަށް ފުރައިގެން ހިނގައްޖެއެވެ.

ވިސާމަށް ހޭލެވުނީ ނުވައެއް ޖަހާކަން ހާއިރުއެވެ. އޭރު އަލީ އަހްމަދު ގެއަކު ނެތެވެ. އެހެންކަމުން ފެންވަރާ ތާޒާވެ ސައިގެކަންތައް ނިންމާލައިގެން ވިސާމް ދިޔައީ ޝޮޕަށެވެ.

މެންދުރުވާންދެން ޝޮޕްގައި މަސައްކަތް ކުރުމަށްފަހު ވިސާމް ގެއަށް އައިއިރު ކޮޓަރީގައި އަލީ އަހްމަދު އުޅެއެވެ.

މެންދުރަށް ކައިގެން އަލީ އަހްމަދާއި ވިސާމް ނުކުތީ ވައިޖައްސާލުމަށްޓަކައި އެދިމާ އަތިރިއަށެވެ. ޖެހެމުންދިޔަ ނަލަ ވައިގެ ސަބަބުން ދެމީހުނަށް ވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަން ދެމީހުންގެ މޫނުމަތިން ފާޅުވެގެންދިޔަ ކުލަވަރުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ. އޭރު އެސަރަހައްދުގައި އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

” އަލީ އަހްމަދު! ދެން ކިހިނެތް ހަދާން ޖެހޭނީ ؟ ރަނގަޅުވާނެ ތަ ؟ ” އެސަރަހައްދުގައި އެދެމީހުން ފިޔަވާ އެހެން މީހަކު ނެތްކަން ޔަގީންވުމުން އަލީ އަހްމަދަށް ބަލާލަމުން ވިސާމް އަހާލިއެވެ.

” ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް … އަދި ދެރެއަކު އެކަން ކޮށްލަނިކޮށް ހުރިހާކަމެއް ހަމައަކަށް އެޅިދާނެ. ” ވިސާމަށް ބަލާލަމުން ވަރަށް ޔަގީންކަމާއެކު އަލީ އަހްމަދު ބުންޏެވެ.

” ދެން ކޮން ދެރެއަކު ކުރާން ޖެހޭނީ ؟ ” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ވިސާމް އަހާލިއެވެ.

” މާދަމާ ރެއާއި މާދަމާރޭ ނޫން އަނެއްރޭ. ތިންވަނަރެޔަށް ޖެހޭނެ ވަރަށްބޮޑަށް ތައްޔާރުވާން. ” ވިސާމަށް ބަލާން އޮތް ގޮތަށް އޮވެ އަލީ އަހްމަދު ބުންޏެވެ.

ދޭއް ޖަހާންދެން އެތަނުގައި މަޑުކުރުމަށްފަހު ވިސާމް ޝޮޕަށް ދިއުމުން އަލީ އަހްމަދު ވެސް ދިޔައީއެވެ.

އަލީ އަހްމަދުގެ އެހީގައި ނަމަވެސް ނީނާގެ ލޯބި ކާމިޔާބުވާގޮތް ވާތީ ވިސާމް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ދުވަހުގެ އެންމެ ހިތްގައިމު ވަގުތުކަމުގައިވާ ހަވީރުގެ ވަގުތެވެ. ހަވީރުގެ ފިނިޖެހެލުމާއެކު ކުޅިވަރު މައިދާންތަކަށް ދެޖިންސްގެ ޒުވާނުންތައް ޖަމާވަމުން ދިޔައެވެ. ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ނުވަތަ އެހީތެރިން ހިތްގައިމު ދޮންވެލި އަތިރިތަކަށް ޖަމާވަމުން ދިޔައީ ދުވަހުގެ މިހިތްގައިމު ވަގުތުގެ އުފަލާއި ހިތްހަމަޖެހުން އެކުދިންނަށް ހޯދާ ދިނުމަށްޓަކައިކަން ޔަގީނެވެ. އެކުދިންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކުޅިވަރުމައިދާންތަކަކީ މިއީ ކަމުގައި ވެސް ބައެއްމީހުން ދެކެއެވެ. މައިންބަފައިންނާއި ދަރިން އެކުގައި ކުޅެލާ މަޖާކޮށް ހިތްހަމަ ޖައްސާލަން މިއަށްވުރެ އެކަށީގެންވާ ތަނެއް ނެތްކަމުގައި ދެކޭ މީހުން ވެސް މަދެއް ނޫންކަން ޔަގީނެވެ. އެބައި މީހުންގެ އެބުނުމަށް ލިބޭ އިތުރު ބާރަކަށްވަނީ އެއަތިރިތަކަށް އައުމުން އެކުދިންނަށް ލިބޭ އުފަލާއި ހިތްހަމަ ޖެހުމެވެ.

ފާތުންނާއި ނީނާ އަދި ރައިނާ އާއި ރާބިޔާ އެހަތަރު އެކުވެރިންގެ އާދައިގެމަތިން މިއަދު ވެސް ވާހަކަދައްކާ މަޖާކުރާން ތިބީ އުތުރުފަރާތު ރުއްދަނޑުގައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއްގައެވެ. ތަފާތު މަޢުލޫތަކަށް ވާހަކަދައްކާ ހީ ސަކަރާތް ޖަހަމުން ދިޔައިރު ހަތަރު މީހުން ވެސް ތިބީ އެކަމާ ވަރަށް ގަޔާވެފައެވެ.

” ނީނާ! ކޮބާ ފާތުންނަކަށް އެއްކަލަ ކަންތަކެއް ނުވި ދޯ ؟ ” ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ނީނާއަށް ބަލާލަމުން ރައިނާ އަހާލިއެވެ.

” އައްދެ. އަހަރެން އެކަން ކޮށްދިނިން. ނީނާގެ ފިނޑިކަމުން ވިސާމާއި ބައްދަލުކުރާން ނުދިޔައީ. ” ފާތުން ވާހަކަ ދެއްކީ ޙަޤީޤަތް ހާމަ ކުރަމުންނެވެ.

” މިރަށުން އިންނާނެ މީހަކު ނުވިޔަސް ރަށުން ބޭރު މީހަކާއި އިންނާކަށް އަހަރެން ބޭނުމެއްނޫން. ކޮން ވިސާމެއް އެހެން ސާމެއް. ” ނީނާ އޭނާގެ ހިތުގައިވާގޮތް ހާމަކުރިއެވެ.

އިވިގެންދިޔަ ވާހަކަތަކަށް ބަލައި ފާތުންގެ ކޮޅަށް ބުރަވެވޭކަމަށް ރައިނާ އާއި ރާބިޔާ ބުންޏެވެ. އަދި ކުރިން ދުވަހު އެއްބަސް ވެފައިވާ ފަދައިން މިރޭ ހޮޓަލުން ކާން ދިނުމަށް ނީނާގާތު ބުންޏެވެ.

ނީނާގެ ވާހަކަތަކުގެ ސަބަބުން ފާތުންނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ހަމައެހެންމެ ވާނުވާ ނޭނގޭ އޮޅުން ބޮޅުން ގަނޑެއްގެތެރެއަށް ވެއްޓުނެވެ. ކުރިން ދުވަހު އެގޮތަށް އެއްބަސްވެގެން ހުރިހާކަމެއް ހަމަޖެއްސުމުން އެކަން ބޭކާރު ކޮށްލުމަށްފަހު ރޭގައި ގޮސް އަނެއްކާ ވެސް އެކަން ކޮށްދިނުމަށް އެދުނެވެ. އަނެއްކާ މިއަދު އެހެން ގޮތަކަށެވެ. ރެއަކަށް ގޮތެއް ދުވާލަކަށް ގޮތެކެވެ. ނީނާއެކޭ ދެބޯ ދޫންޏެކޭ އެއްފަދައޭ ވެސް ފާތުންގެ ހިތަށް އެރިއެވެ. އެހެންކަމުން ފާތުން ނިންމީ އެކަމުގައި ދެން ދުވަހަކު ވެސް ނީނާއަށް އެހީ ނުވުމަށެވެ. އެހެނީ ނީނާ ބޭނުންވާ ގޮތް ނީނާއަށް ވެސް ނޭނގެއެވެ.

އިރުއޮއްސުމުގެ ކުލަވަރު އުދަރެހުން ދައްކާލުމާއެކު އަތިރިތަކުން މީހުން މަދުވާން ފެށިއެވެ. ކުޑަކުދިންތައް ގޮވައިގެން ގެއަށް ދިއުމަށް މައިންބަފައިންނާއި އެކުދިންގެ އެހީތެރިން އަވަސްވެގަތީ ކުރީއްސުރެފެށިގެން ދިވެހިންގެ މެދުގައި އެކަން އާންމުވެފައިވަނީ ސަބަބެއް އޮވެގެން ކަމުގައި ގަބޫލުކުރެވޭތީއެވެ. މަޣުރިބު ނަމާދު ބަންގި ގޮވުމުގެކުރިން ކުޑަކުދިންތައް ގެއަށް ވެއްދުމަކީ މިހާރުގެ ޒުވާނުންނަށްވުރެ ބޮޑަށް ދުވަސްވީ މީހުން އިސްކަމެއްދޭ ކަމެކެވެ. ދުވަސްވީ މީހުންގެ ކިބައިން އެފަދަކަންކަމުން އިބުރަތް ލިބިގަނެ އެގޮތަށް ޢަމަލުކުރާ ޒުވާންނުން ވެސް އެހާ މަދެއް ނޫނެވެ.

އޮއްސުނު އިރާއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމުގައި ހަލަބޮލިކަން ވެސް ފިލާ ދިޔައެވެ.

އިޝާނަމާދުން އައިސް ކައިގެން ފިހާރައަށްދިޔަ މަގުމަތީގައި ވިސާމާއި ފާތުން ބައްދަލުވެ ވާހަކަދެއްކި ނަމަވެސް ނީނާއާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނީނާއަކީ ފައްކާ ދެބޯ ދޫންޏެއްކަމުގައި ފާތުން ވަނީ ނިންމާފައެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ބާރަ ޖަހާކަން ހާއިރެވެ. މެންދަންވުމާއި ގާތްވަމުން ދާވަރަކަށް ރަށުތެރޭން މީހުން ފެނުން މަދުވަމުން ހަމަހިމޭންކަން އިތުރުވަމުން ދިޔައެވެ. ވިސާމާއި އަލީ އަހްމަދު ވާހަކަދައްކާ މަޝްވަރާކޮށް ރާވާފައިވާ ފަދައިން ރަށުގެ އެއްވެސް މީހަކަށް ނުފެންނާނެހެން އަދި ޝައްކެއް ވެސް ނުވާނެހެން ދުންކިބަ އާއި ފޮތްބޮނޑި ހިފައިގެން އޮޑިހަރުގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. މީހަކަށް ނުފެނި އެހިސާބަށް ދެވުމުން ދެމީހުން ވެސް އުފާކުރިއެވެ.

ވިސާމާއި އަލީ އަހްމަދު ގޮސް، ކުރިންރޭ ވެސް އެމީހުން މަސައްކަތްކުރި އޮޑިހަރުގެއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ.

އަދި ދުންކިބަ ރޯކޮށްލުމަށްފަހު ޓޯޗްބައްތީގެ އަލީގެ އެހީގައި ކިޔެވެލި ކުރިޔަށް ގެންދާން ފެށިއެވެ.

ރަށުތެރޭން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ހަނދުން ދީފައިވާ ނަލަ ނަލަ ހަނދުވަރުގެ އަލިކަމުގެ މައްޗަށް ކަޅުކަން ވެރިވާންފެށީ ކުއްލިއަކަށް ކަހަލަގޮތަކަށެވެ. ބާރުވާންފެށި ވަޔާއިއެކު ވިއްސާރައިގެ ކުލަވަރު ދައްކާން ވެސް ފެށިއެވެ.

މުޅިބިން އަލިކޮށްލި ވަރުގަދަ ވިދުވަރުގެ އައްޔާއެކު ޖަހާލި ބާރު ގުގުރީގެއަޑާއިއެކު ނިދާފައިތިބި މީހުންތައް ދިޔައީ ސިއްސައިގެން ހަތަރެސްފައި ކޮޅަށް ޖެހިގެންނެވެ. ހަމައެވަގުތު ކަހަލަގޮތަކަށް ގަދަވަޔާއެކު ތަނެއްދޮރެއް ނޭނގޭވަރަށް ބޯކޮށް ވާރޭ ވެހޭން ފެށިއެވެ. ޖެހެމުންދާ ބާރު ވައިގެ ސަބަބުން ގަސްތައް މުލުން ލުހިގެން އައިސްދާނެކަމަށް ހީވާ ފަހަރު ވެސް މަދެއްނޫނެވެ. ގަދަފަދަ ތޫފާނެއް ލައިގެންހެން ކުއްލިއަކަށް މިއައި ގަދަފަދަ ވިއްސާރައިގެ ސަބަބުން އެންމެން ކަހަލަގޮތަކަށް ތިބީ ހޭލައެވެ. ހޭލާ ތިބި ނަމަވެސް ގެއިން ނުކުންނާންކެރޭ އެއްވެސް މީހަކު ނެތެވެ. ކުޑަކުދިންގެ ރުއިމުގެ އަޑުތައް އިތުރުވަމުން ބާރުވަމުން ދިޔައިރު އެކުދިން މަސަލަސްކުރުމަށް މަސައްކަތް ކުރަމުންދިޔަ މައިންބަފައިންގެ ނާނާގެ އަޑު ވެސް އިވެމުން ދިޔައެވެ.

ރަށުގެ އިރުވާކޮޅު ވަލުތެރޭގައި ހުރި ކިނބިގަހަށް ހޮނުއެޅި ކަހަލައެވެ. ގަހުގެ ހުރިހާފަތެއް ރަތްވެގެން ބިންމައްޗަށް ފޭބީ ހުރިހާފަތެއް އެއްފަހަރާ ކަހަލަގޮތަކަށް ހިކިގެން ފޭބި ހެންނެވެ. ގިނަ ފަތްތަކެއް ވައިގެތެރޭގައި އެނބުރެމުން ދިޔަ ވެސް މެއެވެ. ވައިގެތެރޭގައި އެނބުރެމުންދިޔަ ފަތްތައް ކުޑަވަރެއްގެ ވައިރޯޅިއަކާ އެކުވެގެން ކަހަލަގޮތަކަށް އެއްދިމާއަކުން ބިމުން ފެށިގެން ހަތް ވަރަކަށް ފޫޓާއި ހަމައަށް އެނބުރެމުން އެނބުރެމުން ގޮސް މީހެއްގެ ސޫރައަށް ބަދަލުވިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެސޫރަ ބަދަލުވެގެން ފުރާނައެޅިގެން ފާޅުވީ ނީނާއެވެ. އެއީ ނީނާ ފިޔަވާ ދެވަނަ މީހެއް ނޫންކަން އޭނާ ފެންނަ އެންމެން ވެސް ގަބޫލުކުރާނެކަން ޔަގީނެވެ.

ނީނާ މިސްރާބުޖެހީ ދެކުނުފަރާތު އަތިރިމައްޗާއި ދިމާއަށެވެ. ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. މަޑުމައިތިރި ހަމަހިމޭން ހިނގުމެއްގައި ގޮސް ގޮނޑުދޮށަށް ފޭބުމަށްފަހު، ފައިތިލަތާ ފެނުން އޮޑި ހަރުގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އެމީހުންގެ މަސައްކަތާއިގެން މަޝްޣޫލްވެ ތިބި އަލީ އަހްމަދާއި ވިސާމް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ވަރަށް ބާރަށް ދޮރުގައި ކޮންމެ ވެސް އެއްޗެއް ޖެހުނު އަޑަށެވެ. އެއަޑުކެނޑިގެން ނުދަނީސް ދެވަނަ ފަހަރަށް ވެސް އެފަދަ އެހެންއަޑެއް އިވުނެވެ. އެއީ ކޮންމެވެސް މީހަކު ގަސްދުގައި ކުރާ ކަމެއް ކަމުގައި ދެމީހުނަށް ވެސް ގަބޫލުކުރެވުނީ އެކަން ވީގޮތުންނެވެ.

އަލީ އަހްމަދުގެ އިސާރާތަށް ވިސާމް ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ނީނާ އެވެ. ނީނާ ފެނުމާއެކު ވިސާމް ސިއްސައިގެން ދިޔަ ނަމަވެސް އަލީ އަހްމަދުގެ ވާހަކަތައް ހަނދާންވުމުން ނީނާއަށް ޖާގަ ދައްކައި، އަތުގެ އިޝާރާތުން އެތެރަށް ވަންނާން ބުންޏެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 4 )“

Leave a Reply

Your email address will not be published.