ބިރުވެރި ލޯބީގެ

ނިދިތެރޭން ( 7 )

ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކު އޭނާއަށް ނިދިއްޖެއެވެ.

ފަތިސްނަމާދު ވަގުތުގެ ބަންގިއާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އަޅުވެރިން މިސްކިތާއި ދިމާއަށް ދިޔައިރު ބައެއް މީސްމީހުން އެހެން ކަންކަމާއިގެން ވެސް އުޅެން ފެށިއެވެ. ހާލާއިކާޅުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުން ދިޔައިރު މަސްވެރިންތައް މަހަށް ފުރުމަށްޓަކައި ބަނދަރަށް ޖަމާވަމުން ދިޔައެވެ.

އިރުގެ އަލިކަން ރަށުތެރެއަށް ގަދަވަމުން ދިޔަވަރަކަށް އަޑުތައް ވެސް ގަދަވަމުން ގިނަވަމުން ދިޔައެވެ.

ހެނދުނުގެސަޔަށް ދިއުމުގެކުރިން ރޭގެ ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާލަން އަލީ އަހްމަދާއި ވިސާމް ކޮޓަރީގައި މަޑުކޮށްލި އެވެ. ލިބުނު ކާމިޔާބުގެ ހިނިތުންވުން ވިސާމްގެ މޫނުމަތިން ފިލާނުދެއެވެ.

” ހާދަ ހިތްހަމަޖެހިފައި ހުރިހެން ހީވެޔޭ. ނީނާ ބުނީ ކީކޭތަ ؟ ” ވިސާމަށް ބަލާލަމުން އަލީ އަހްމަދު އަހާލިއެވެ.

” ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރު. މިރޭ ވެސް ބައްދަލުކުރާ ގޮތަށް އޮތީ. ” އަލީ އަހްމަދަށް ހިނިތުން ވެލަމުން ވިސާމް ވާހަކަދެއްކިއިރު ވިސާމްގެ އުފަލާއި ހިތްހަމަޖެހުން އަޑުން ވެސް ފާޅުވެގެންދިޔަ އެވެ.

އަލީ އަހްމަދާއި ވިސާމް ވާހަކަދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު ދިޔައީ ސަޔަށެވެ.

ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ. ނީނާ އާއި ވިސާމް ރަށުގެ އެހެން މީހުންނަށް ސިއްރުން އެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުން ކުރިމަގަށްޓަކައި ރޭވުންތައް ރާވަމުން ފޮނި ހުވަފެންތައް ދެކެމުން ދިޔައެވެ. ރަށުގެ މީހުންނަށް ސައްކު ވެސް ނުވާނޭހެން ރަށުގެ ހޭޅިފަށުގައި ކޮންމެރެއަކު އިރާކޮޅު ދެލޯބިވެރިން ބާއްވަމުންދާ ބައްދަލުވުންތަކުން އެކަކުގެ ފަރާތުން އަނެކަކަށް ލިބެމުންދާ އުފަލާއި ހިތްހަމަޖެހުމަކީ މިދުނިޔެމަތީގައި ދެ ލޯބިވެރިއަކަށް ލިބޭނެ އެންމެބޮޑު އުފަލާއި ހިތްހަމަޖެހުން ކަމުގައި ދެމީހުން ވެސް ބުނަމުން ދިޔައެވެ.

އަލީ އަހްމަދުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ވިސާމް ހޯދި ލޯބިވެރިޔާއާއެކު ދުވަސްތައް ވޭތުކުރަމުން ރޭވުންތައް ރާވަމުންދާ ގޮތް އަލީ އަހްމަދަށް ވިސާމް ކިޔައިދެމުން ދިޔައެވެ. މިކަން އަދި ނުނިމޭކަމާއި މިކަން ނިމޭނީ ނީނާއާ ކައިވެނިކޮށްގެން ކަމަށް ދެކޭތީ އަދިވެސް އަލީ އަހްމަދުގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި ވިސާމް ދެކެއެވެ.

” މިހާރު ދެން އަހަރެން ކުރާން އައި މަސައްކަތް ވެސް ނިމެނީ. ނީނާ ބޭނުންވަނީ އަހަރެންނާއި ކައިވެނި ކޮށްގެން އަހަރުމެން ރަށަށް ބަދަލުވާން. ” ކައިވެންޏާއި ބެހޭގޮތުން ވިސާމް ވާހަކަދައްކަމުން ދިޔައީ އަލީ އަހްމަދާއެވެ.

” އެހެންވެ ދޯ ތިހާ ހިތްހަމަ ޖެހިފައި ތި ހުންނަނީ. ކައިވެނި ކުރާން ޖެހޭނީ މާލޭ. ވިސާމް ދާނީ އެކަނި. އަހަރެން ދާނަށް ނީނާ އާއި އޭނާގެ މައިންބަފައިން ގޮވައިގެން. މިވަގުތައް އެންމެ ރަނގަޅު ވާނީ އެގޮތް. އެކަމު ބުނަން. ކައިވެނި ކުރެވުމާއިއެކު އަހަރެންގެ ފައިސާގެ ކަންތައް ހަމަޖައްސައި ދޭން ވާނެ. ” ވިސާމްގެ ވާހަކައާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކިއެވެ.

އަލީ އަހްމަދުގެ ވާހަކަތަކާއި ވިސާމް އެއްބަސްވީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ.

ވިސާމް ގުރައިދުއަށް އައިތާ ދެމަހެއްހާ ދުވަސްތެރޭ އޭނާ ކުރަން އައި މަސައްކަތް ނިންމާލިއެވެ.

ޖޫންމަހުގެ ސާދަވިލޭރޭ ދިހައެއް ޖަހާކަން ހާއިރެވެ. ހަނދުވަރުގެ ނަލަ އަލިން މުޅިބިން ވަނީ އަލިވެފައެވެ. ހަނދުވަރުން މޫދަށް ފޯރާފައިވާ އަލީގެ ސަބަބުން ކަނޑުގެ ލޮނުގަނޑުން ދަޅައަޅަމުން ދިއުމާއި ހިތްގައިމު ވަރަކަށް ވައިޖެހެމުން ދިއުމަކީ މަންޒަރު ބަލާ މީހުންނަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.

ނީނާ އާއި ވިސާމް އެ ދެލޯބިވެރިންގެ އާދައިގެމަތިން ދިގުމަގާއި ދިމާ އަތިރިމަތީ ހޭޅިފަށުގައި ލޯބީގެ އަހުދުތަކާއި ވައުދުތައް ވާން ތިއްބެވެ. އެހެންރޭތަކާއި ހިލާފަށް މިރޭ ނީނާގެ ކިބައިން ފާޅުވަމުންދަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ އަސަރުތަކެވެ. އޭނާ ހަމައަކަށް އެޅުވޭތޯ ވިސާމް މަސައްކަތް ކުރަމުން ދިޔައެވެ.

” އަހަރުމެން ގޮވައިގެން އަލީ އަހްމަދު މާލެ ދާނެކަން ވިސާމަށް ޔަގީންތަ ؟ ބައްޕަ އުޅެނީ ވެސް ވަރަށް ބަލިކޮށް.” މާޔޫސްކަމާއެކު ވިސާމަށް ބަލަން އިނދެ ނީނާ ވާހަކަދެއްކިއިރު އޭނާގެ ލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ.

” އާން. އަހަރެން ވަރަށް އިތުބާރު ކުރަން އޭނާއަށް. އަހަރެން މާލެ ގޮސް ކައިވެނީގެ ކަންތައް ހަމަޖައްސާއިރަށް އޭނާ ދާނެ ނީނާމެން ގޮވައިގެން. އެކަމާ ދެން ނުވިސްނާ. އަހަރެންނަށް ޔަގީން އޭނާ އެކަން ކޮށްދޭނެކަން. ” ނީނާ ގެނެސް މޭގައި ލައްގާލަމުން ވިސާމް ވާހަކަދެއްކި އެވެ.

ނީނާ އާއި ވިސާމް އެދެމީހުންގެ ލޯބީގެ އެންމެފަހުގެ ބައްދަލުވުން ނިންމާލީ ބާރަ ވެސް ޖެހި ފަހުންނެވެ.

އިރުގެއަލިން ދުނިޔެމަތި އަލިކޮށްލުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ދުވަހަކީ މަދަރުސާތަކުގެ ކިޔެވުން ބަންދު ދުވަހަކަށްވާތީ ހެނދުނުގެ ސަޔަށްފަހު ގިނަކުދިންގެ އަމާޒަކަށް ވެފައިވަނީ މޫދެވެ.

މާލެ ދިއުމަށްޓަކައި ފެރީ ފުރާގަޑި ގާތްވަމުންދާ ވަރަކަށް އަތިރިމައްޗަށް ޖަމާވަމުންދާ މީހުން ގިނަވަމުން ދިޔައެވެ. މާލެ ދިއުމަށްޓަކައި އަންނަ މީހުންނާއި ގާތްމީހަކު ނުވަތަ ތިމާގެ ކޮންމެވެސް މީހަކު ފުރުވާލާން އަންނަ މީހުންގެ އިތުރުން ރައްޓެހިން ނުވަތަ ޢާއިލާގެ މެންބަރަކު ފުރުވާލުމަށް އަންނަ މީހުން ވެސް އޭގެތެރޭގައި ހިމެނެމުން ދިޔައެވެ.

ފެރީގިމަތަ ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރޭން ވިސާމް ހޯދަމުންދިޔައީ ނީނާ ނަމަވެސް އޭނާއަކަށް އެތަނަކުން ނީނާ އެއް ނުފެނުނެވެ. ނީނާ އެތަނަށް ނައުމުން ކަންބޮޑުވެ މާޔޫސްވި ނަމަވެސް ނީނާއަށް ނާދެވުނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމުގައި ގަބޫލު ކުރެވޭތީ ހިތްހަމަ ޖައްސާލިއެވެ.

ފެރީދޯނި ފަޅުން ނުކުންނާން ދަނިކޮށް ވިސާމްގެ ލޮލުގައި އަޅައިގަތީ އެހިސާބާއި މާދުރުނޫން ހިސާބެއްގައި ހުރި ނީނާ އެވެ. އޭރު ނީނާ ދެއަތް ހިއްލައި ވިސާމަށް ހަނާއަޅާމުން ދިޔައެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގައި ވިސާމް ވެސް ނީނާއަށް ހަނާ އަޅާލިއެވެ. ވިސާމް ފިޔަވާ އެހެންމީހަކަށް އެކަން އެނގޭހެނެއް ހިޔެއް ނުވެއެވެ.

މާލެ ދެވުމާއިއެކު ވިސާމް އަވަސްވެގަތީ އޭނާ އާއި ނީނާގެ ކައިވެނީގެ ކަންތައް ހަމަޖައްސާށެވެ. ވީހާ އަވަހަކަށް އެކަން ނިންމަން ވިސާމް ބޭނުމެވެ.

ނީނާ އާއި ވިސާމް ދެރަށެއްގައި ތިބި ނަމަވެސް ފޯނުމެދުވެރިކޮށް ދެލޯބިވެރިންގެ ބައްދަލުވުންތައް ބާއްވަމުން އަހުދުތަކާއި ވައުދުތައް ވަމުން ކުރިމަގު ރާވަމުން ދިޔައެވެ. ކައިވެނީގެ ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ.

ކައިވެނީގެ ކަންތައް ހަމަޖައްސާފައި ވިސާމް އެންގުމުން ނީނާ ގޮވައިގެން އަލީ އަހްމަދު މާލެ އައިސްފިއެވެ. އުންމީދު ކުރަމުން އައި ދުވަސް ގާތްވަމުންދާތީ ނީނާއަށް ލިބިފައިވާ އުފާ އިތުރުވެފައި ވެއެވެ.

އަލީ އަހްމަދުގެ މޮޅު ރޭވުންތެރިކަމާއެކު ނުހަނު ފަސޭހައިން ނީނާ އާއި ވިސާމްގެ ކައިވެނީގެ ކަންތައް ހަމަޖެހިގެންދިޔަ އެވެ. ދެކެމުންއައި ހުވަފެންތައް ޙަޤީޤަތަކަށްވެ އަބަދުގެ އަބަދަށް ގުޅި ލާމެހުމުގެ ނަސީބު ލިބުމުން ދެމީހުނަށް ވެސް ލިބިގެން ދިޔައީ ބަޔާންކުރާން ނޭނގޭވަރުގެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

އަލީ އަހްމަދާއި ވިސާމް ވާހަކަދައްކާ ނިންމިފަދައިން ކައިވެނީގެ ކަންތައް ނިމުމާއިއެކު އަލީ އަހްމަދުގެ ފައިސާގެ ކަންތައް ވިސާމް ނިންމިއެވެ.

އަލަތު ކައިވެންޏާއިއެކު ވިސާމާއި ނީނާ ވިސާމްގެ ރަށަށް ދިރިއުޅުން ބަދަލުކުރި އެވެ.

ވިސާމްގެ ރަށަށް ނީނާގެ ދިރިއުޅުން ބަދަލުކުރުމުން ވިސާމްގެ ޢާއިލާއިން ވަރަށް ހިތްހަމަ ޖެހުނެވެ. އެޢާއިލާގެ ފަރާތުން ވިސާމަށް ދެމުންދިޔަ އަޅާލުމާއި ލޯބި ނީނާއަށް ވެސް ދެމުންދިޔަ އެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ރޭއަކާއި ދުވާލެއް މާޒީއާއެކުވަމުން ދިޔައެވެ. ނީނާގެ މިޒާޖުގެ ސަބަބުން އޭނާއާ އެއްއުމުރުގެ ގިނަ ޒުވާނުންތަކެއް އޭނާއާ ގުޅުން އުފައްދަމުންދިޔަ އެވެ. ނީނާގެ އުޅުމަށް ނަޒަރު ހިންގާލާ ކޮންމެމީހަކަށް ވެސް ފެންނަނީ އޭނާ އެރަށުގައި ދިރިއުޅުމަށް ބޭނުން ވެފައިވާ މިންވަރެވެ. އެރަށާމެދު އޭނާ ހިތްހަމަ ޖެހިފައިވާ ވަރެވެ.

ޒުބޭދާ އާއި އަންޖާމުގެ ކައިވެނީގެ ކަންތައް ވެގެން ދިޔައީ އެ ދެލޯބިވެރިންގެ އިތުރުން އެދެޢާއިލާއަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. ރަށުގެ ގިނަބަޔަކު ގަބޫލުކުރާގޮތުގައި ޒުބޭދާ އާއި އަންޖާމަކީ އެކަކު އަނެކަކާއި އެންމެ ގުޅޭ ދެޒުވާނުންނެވެ. ޒުބޭދާ އާއި އަންޖާމުގެ ކައިވެނީގެ އުފަލުގައި ބޭއްވި ކުލަގަދަޙަފުލާ ވެގެން ދިޔައީ ރަށަށް އައި ޢީދެއް ފަދަ ދުވަހަކަށެވެ. ރަށުގެ ރައްޔިތުންގެ އިތުރުން އެތައްބައިވަރު ބީރައްޓެހިންނެއް ވެސް އެޙަފުލާގައި ބައިވެރިވިއެވެ.

ކައިވެންޏާއިއެކު އަންޖާމުގެ ގެއަށް ޒުބޭދާގެ ދިރިއުޅުން ބަދަލުކުރިއެވެ.

ޒުބޭދާއާ ކައިވެނިކުރުމަށް އެތައް ޒުވާނުންނެއް އެދިއެދި ތިއްބާ އަންޖާމާއި ޒުބޭދާ ކައިވެނި ކުރުން ވެގެން ދިޔައީ ވަރަށް ގިނަ ޒުވާނުން ރުޅިއައި ކަމަކަށެވެ. ފާޅުގައި އެއްޗެކޭ ނުބުނި ނަމަވެސް އެކަމާ ޙަސަދަވެރިވެ ނުބައި ރޭވުންތައް ރާވަމުންދިޔަ ބަޔަކު ވެސް ތިއްބެވެ. ޒުބޭދާ އާއި އަންޖާމަކަށް އަދި އެ ދެޢާއިލާގެ މީހުންނަކަށް އެކަމެއް ނޭނގެއެވެ.

ރާއްޖެތޭރެގެ އެކިސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޓެހިންގެ ތެރޭން ވިރާސްގެ އެންމެގިނަ ރައްޓެހިން ތިބި ރަށަކީ ރަސްދޫ ކަމަށްވާތީ އާއި ރަސްދޫއަކީ ކުރިއަރަމުން ތަރައްޤީވަމުން އަންނަ ނުހަނު ރީތި އެހާމެ ފުރިހަމަ ރަށަކަށްވާތީ އަންޖާމާއި ޒުބޭދާ މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލާން ބޭނުންވީ ރަސްދޫގެ ހިތްގައިމު މާޙައުލުގައެވެ.

ވިރާސްގެ ރައްޓެހިން މެދުވެރިކޮށް ވިރާސް ހަމަޖައްސައިދިން މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލާން ރަސްދުއަށް ދާން ޒުބޭދާ އާއި އަންޖާމު މާލެ ދިޔައިރު ދެމަފިރިން ވެސް ތިބީ ނުހަނު އުފަލުންނެވެ. މިގުޅުން އަބަދުގެ އަބަދަށް މިގޮތުގައި ލަހައްޓަވާތޯ ހެއްދެވި ފަރާތަށް ދުޢާ ދަންނަވަމުން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދަމުން ދިޔައެވެ.

އެމީހަކަށްޓަކައި އަންޖާމު އެދިއެދި ހުރި ޒުބޭދާއާ ކައިވެނި ކުރެވުނީތީ އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގެ ވާހަކަ އޭނާގެ ރައްޓެހިންގެ ގާތުގައި އަންޖާމު ދައްކަމުން ދިޔައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު މާލެއިން ރަސްދޫއަށް އައި ދޯނިން ޒުބޭދާ އާއި އަންޖާމު ވެސް ރަސްދޫއަށް އައެވެ. ދޯނީ މީހުންގެ ފަރާތުން ފެނިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން އެރަށުމީހުންގެ ރަނގަޅު އަޚުލާޤު ޒުބޭދާ އާއި އަންޖާމަށް ކިތަންމެ ރަނގަޅަކަށް ވެސް ފާހަގަކުރެވުނެވެ.

މޭލެއިން އަންނަ މީހުނަށް މަރުޙަބާ ކިޔުމަށްޓަކައި ރަށުގެ ވަރަށްގިނަ ބަޔަކު އަތިރިމައްޗަށް ޖަމާވެފައިވެއެވެ. އޭގެތެރޭގައި އަންހެން ފިރިހެން ކުދިބޮޑު އެތައްބަޔަކު ހިމެނެއެވެ.

ދޯނި އައިސް ބަނދަރު ތޮށިގަނޑާއި ގާތްކުރުމާއެކު ދަތުރުވެރިންތައް ފައިބާން ފެށިއެވެ. އެ މީހުންނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ދޯނީގެ މީހުންނާއި އެމީހުނަށް އެހީވުމަށް ރަށުން އައި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. އެހެން ވެސް ދަތުރުވެރިން ފަދައިން ޒުބޭދާ އާއި އަންޖާމު ވެސް ދޯނިން ފޭބިއެވެ.

ޒުބޭދާ އާއި އަންޖާމު ދޯނިން ފޭބުމާއެކު މެދުއުމުރުގެ ފިރިހެނަކު އައިސް ޒުބޭދާ އާއި އަންޖާމުއާ ސަލާން ކޮށްލަމުން އަމިއްލައަށް ތަޢާރަފް ވެލިއެވެ. އެއްވެސް މަސައްކަތަކާނުލާ އަބްދުލް ހާދީ އާއި ބައްދަލުވުމާއެކު އޭނާގެ ހަނދާނަށް އައީ އޭނާގެ ބައްޕަ ވިރާސް ދެއްކި ވާހަކައެވެ. ވިރާސް އޭރު ބުނި ފަދައިން އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އަބްދުލް ހާދީ އައިސް ހުއްޓެވެ. އަބްދުލް ހާދީ އަށް އެ ދެމަފިރިން ދެނެގަންނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 7 )“

Leave a Reply

Your email address will not be published.