ބިރުވެރި ލޯބީގެ

ނިދިތެރޭން ( 8 )

ޒުބޭދާ އާއި އަންޖާމު ދޯނިން ފޭބުމާއެކު މެދުއުމުރުގެ ފިރިހެނަކު އައިސް ޒުބޭދާ އާއި އަންޖާމުއާ ސަލާން ކޮށްލަމުން އަމިއްލައަށް ތަޢާރަފް ވެލިއެވެ. އެއްވެސް މަސައްކަތަކާނުލާ އަބްދުލް ހާދީ އާއި ބައްދަލުވުމާއެކު އޭނާގެ ހަނދާނަށް އައީ އޭނާގެ ބައްޕަ ވިރާސް ދެއްކި ވާހަކައެވެ. ވިރާސް އޭރު ބުނި ފަދައިން އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އަބްދުލް ހާދީ އައިސް ހުއްޓެވެ. އަބްދުލް ހާދީ އަށް އެ ދެމަފިރިން ދެނެގަންނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ.

އަބްދުލް ހާދީ އާއެކު ޒުބޭދާ އާއި އަންޖާމު ގެތަކާއި ދިމާއަށް ހިނގައިގަތެވެ. އަންޖާމުމެން ގެނައި ދެދަބަހުގެ ތެރެއިން އެއް ދަބަސް ހިފައިގެންހުރީ އަބްދުލް ހާދީ އެވެ.

” އަންޖާމުމެން ބޭނުމިއްޔާއި އަހަރެމެން މިއުޅޭ ގޭގައި ވެސް ތިބެވިދާނެ. އެގޭގައި އުޅޭނީ އަހަރެމެން ދެމަފިރިންނާއި ދެ ދަރިން. އެމީހުންގެ ފަރާތުން އަންޖާމުމެނަށް އުނދަގުލެއް ނުވާނެ. އެހެން ނޫނީ އަހަރުމެންގެ އާގެއަށް ވެސް ދެވިދާނެ. އެކަމު އެއީ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރު. އެކަހެރި ހަމަހިމޭން މާހަޢުލެއް އެއީ. ހަނދުވަރުދޭ މޫސުމްގައި އެހިސާބު ވަރަށް ހިތްގައިމުވާނެ. އެގޭގައި އެހެން މީހަކު މިހާރު ނޫޅޭނެ. އަންޖާމުމެން ބޭނުން ގޮތެއް ބުނޭ. ” ގެތަކާއި ދިމާއަށް ދަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.

” އަހަރުމެން އުޅޭނީ އަބްދުލް ހާދީބޭމެން ގޭގައި ދޯ އަންޖާމު. ” އަބްދުލް ހާދީއަށް ބަލާލުމަށްފަހު އަންޖާމަށް ބަލާލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ. އޭނާއަށްވުރެ ދުވަސްވީ މީހުނަށް އިޚުތިރާމް ކުރުމަކީ ޒުބޭދާގެ އަބަދުގެ ވެސް އާދައެވެ.

” ޒުބޭދާ އާއި ހާދީބެއަށް ރަނގަޅުގޮތެއް އަހަރެންނަށް ވެސް ރަނގަޅުވާނެ. ” އަބްދުލް ހާދީއަށް ބަލާލަމުން އަންޖާމު ވާހަކަ ދެއްކިއެވެ. އަބްދުލް ހާދީއަކީ އެދެމަފިރިންނަށްވުރެ ދުވަސްވެފައިވާ މީހަކަށް ވާތީ ދެމީހުން ވެސް ދެކުނީ އޭނާއަކީ ބޭބެއެއް ފަދައިންނެވެ.

ތަފާތު މައުޟޫޢުތަކަށް ވާހަކަ ދައްކަމުން ތިންމީހުން އެކުގައި ހިނގަމުންދިޔަ އެވެ. އަންޖާމާއި ޒުބޭދާ ގޮވައިގެން އަބްދުލް ހާދީ ގޮސް ވަނީ އާދައިގެގޮތަކަށް ހަދާފައިވާ ގެއެއްގެ ގޯތިތެރެއަށެވެ. އެގޭ ޖޯލިފަތީގައި މެދުއުމުރުގެ އަންހެނަކާއި ދިހަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އަދި ބާރަވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ތިއްބެވެ. އަންޖާމުމެން އައިސް ވަނުމާއެކު އަންޖާމުމެނަށް ބަލާލަމުން ތިންމީހުން ވެސް ހިނިތުންވެލި އެވެ.

” އަންޖާމު … ޒުބޭދާ. މިއީ އަހަރެންގެ އަންހެނުން މަރީނާ. ދެން މިތިބީ އަހަރުމެންގެ ދެދަރިން ކަމުގައިވާ މާހު އާއި ނައުރާ. ” ޒުބޭދާ އާއި އަންޖާމަށް ބަލާލަމުން އަބްދުލް ހާދީ ވާހަކަ ދެއްކިއެވެ.

ޒުބޭދާ އާއި އަންޖާމު އައިސް މަރީނާ އާއި ނައުރާ އަދި މާހުއާ ސަލާންކޮށްލަމުން އަމިއްލައަށް ތަޢާރަފް ވެލިއެވެ.

ޒުބޭދާ އާއި އަންޖާމަށް ކޮޓަރިދެއްކީ ނައުރާ އެވެ. ދަބަސް ގެނެސް ދިނީ މާހުއެވެ.

ގާތްގަނޑަކަށް ސާދަފޫޓު ބާރަފޫޓުގެ އެކޮޓަރިއަކީ އެންމެ މިހާރުގެގޮތަށް ހަދާފައިވާ ކޮޓަރި އެކެވެ. ކޮޓަރި އާއި ފާޚާނާ ބަޔަށް ބަލާލުމުން ޒުބޭދާ އާއި އަންޖާމަށް ގަބޫލުކުރެވުނީ މާމުއިހަނދުގެ ދުވަސްތައް ހޭދަކޮށްލުމަށް ރާއްޖެތެރޭން ލިބޭނެ އެންމެ ރަނގަޅު ފެންވަރުގެ ކޮޓަރިއަކަށް އެކޮޓަރި ވާނެކަމެވެ. ދިން ހިދުމަތަށް އަބްދުލް ހާދީގެ ޢާއިލާއަށް ޝުކުރު އަދާކުރީ ހިތުގެ އެންމެ ފުންމިނުންނެވެ.

މެންދުރުގެ ގަދަހޫނުން ހަވީރުގެ ފިންޏަށް ބަދަލުވުމާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައިފިއެވެ. ކުޅިވަރުގެ މައިދާން ތަކާއި މަގުތަކުން މީހުން ފެނުން ގިނަވަމުން އަޑުގަދަވަމުން ދިޔައެވެ. ހަވީރު ސައިގެކަންތައް ނިންމާލުމަށްފަހު އަބްދުލް ހާދީގެ ޢާއިލާ މެންބަރުންނާއި އެކުގައި ޒުބޭދާ އާއި އަންޖާމު ނުކުތީ ވިރާސް ބުނެފައިވާ ފަދައިން އޭނާގެ ރައްޓެހިންނާއި ބައްދަލުކޮށް އެމީހުންގެ ހާލު އަހުވާލު އޮޅުން ފިލުވާލުމަށް ޓަކައެވެ.

ތަރިރުހަނދުގެ ދައުރުވުމާއެކު ރޭދުވާ ދައުރުވަމުން އައިސް ހަފްތާއެއްހާ ދުވަސް މާޒީއާ އެކުވެގެން ދިޔައީ އެވެ. ޒުބޭދާ އާއި އަންޖާމު ތިބީ ވަރަށް އުފަލުންނެވެ. ޒުބޭދާ އާއި އަންޖާމު އެރަށަށް އައުމުން އަބްދުލް ހާދީގެ ޢާއިލާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ވެސް އިތުރުވެފައި ވެއެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ނީނާ އާއި ވިސާމް ތިބީ ހުޅަނގުކޮޅު ތުނޑިމަތީގައި އިށީންދެލައި ގެންނެވެ. އޭރު އެ ދެމަފިރިން ފިޔަވާ އެހެން ވެސް ދެތިން މީހަކާއި ކުޑަކުދިންތަކެއް އެސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެކުދިން ކުޅުމާއިގެން އުޅެމުން ދިޔައިރު އެކުދިންނަށް އެހީތެރިވުމާއިގެން އެކުދިންގެ އެހީތެރިން އުޅެމުން ދިޔައެވެ. އޭގެތެރޭން ބައެއްކުދިން ކުޅުމުގައި ވެސް އެކުދިންގެ އެހީތެރިން ބައިވެރިވަމުން ދިޔައެވެ.

” ވިސާމް! މިއީ ހާދަ ހިތްގައިމު ތަނެކޭދޯ؟ އަހަރުމެން ވެސް ދަރިއަކު ލިބުނީމަ އޭނާ ގޮވައިގެން މިތަނަށް އަންނާން ވާނެ ދޯ؟ ” ކުރިމަތިން ފެންނަމުންދިޔަ ހަރަކާތްތަކަށް ބަލަހައްޓައިގެން އެތައް އިރަކު އިނުމަށްފަހު ނީނާ ވާހަކަ ދެއްކިއެވެ.

” އާން. އެކަމު އެއީ ހާދާ ދުވަހެކޭ ދޯ؟ އެހާ ދުރަށް ވެސް ވިސްނަންތަ؟ ” ނީނާއަށް ބަލާލަމުން ވިސާމް އަހާލިއެވެ.

” މިތަނުން ފެންނަމުންމިދާ މަންޒަރުތަކުން ހިތަށް އެރީ. ” ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ނީނާ ބުނެލިއެވެ.

” އެހެންދޯ؟ ” ވިސާމް އަހާލިއެވެ.

ނީނާ އާއި ވިސާމް ގެއާއި ދިމާއަށް ހިނގައިގަތްއިރު އެހެން ވެސް ބައެއް މީހުން ގެތަކާއި ދިމާއަށް މިސްރާބު ޖަހައިފި އެވެ. އިރުއޮއްސޭ ވަގުތު ގާތްވަމުންދާތީ ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވަމުން ދިޔައެވެ.

ޒުބޭދާ އާއި އަންޖާމު އަދި ނައުރާ އާއި މާހު ތިބީ ގޯތިތެރޭހުރި ޖޯލިފަތީގައެވެ. ނައުރާ އާއި މާހުގެ ކިޔެވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އެކަމާއި މަޝްވަރާކުރަމުން ދަނީއެވެ.

އެހެންރޭތައް ފަދައިން މިރޭ ވެސް މަޣުރިބު ނަމާދުން ފައިބައިގެން ނައުރާ އާއި މާހު އުޅުނީ ފިލާވަޅު ދަސްކުރާށެވެ. ނައުރާ އާއި މާހު ފިލާވަޅުގެ މަސައްކަތްތައް ކުރަމުން ދިޔައިރު އެދެކުދިންނަށް އެހީތެރިވުމާއިގެން ޒުބޭދާ އުޅެމުން ދިޔައެވެ. އަންޖާމު އާއި އަބްދުލް ހާދީ ބޭރު ޖޯލިފަތީގައި ތިބިއިރު ރޭގަނޑަށް ކެއުން ތައްޔާރު ކުރުމާއިގެން ބަދިގެތެރޭގައި މަރީނާ އުޅެމުން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށްފަހު އަބްދުލް ހާދީ އާއި މަރީނާއާ އެކުގައި ޒުބޭދާ އާއި އަންޖާމު ނުކުތީ އަބްދުލް ހާދީ އެދުނު ފަދައިން އޭނާގެ ޢާއިލާގެ ބައެއްމީހުން ދިރިއުޅެމުންދާ ގޭގެއަށް ގޮސްލާށެވެ. ވިރާސް އެކޭ އެއްފަދައިން އަންޖާމު ވެސް އޭނާގެ ޢާއިލާ މީހުންނާ ބައްދަލުކޮށް ރަހުމަތްތެރި ކުރުވާން ޖެހޭނެކަމުގައި އަބްދުލް ހާދީ ދެކެއެވެ.

ވިރާސްގެ ރައްޓެހިން އެރަށުގައި ތިބިވަރު ފެނި އެމީހުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނުމުން ޒުބޭދާ އާއި އަންޖާމު ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހިތާހިތުން އެފަރާތްތަކަށް ޝުކުރު އަދާކުރުމުގައެވެ.

” އަހަރުމެންނާއި އެކުގައި ބައްޕަ އައިނަމަ ގޭގައި މަޑުކޮށްލާނެ ވަގުތެއް ނުވާނެދޯ؟ ” އަންޖާމާއި ދިމާއަށް ހިނިތުން ވެލަމުން ޒުބޭދާ ބުންޏެވެ. އެކަމަށް އެއްބަސްވެ އާނއެކޭ ބުނާފަދައަކުން އަންޖާމު ބޯ ޖަހާލިއެވެ.

ރަށުގެ އަތިރިމައްޗާއި ދިމާއަށް ހިނގަމުންދިޔަ ޒުބޭދާ އާއި އަންޖާމަށް ވިސާމް ފެނުނީ ޓޫރިސްޓް ޝޮޕެއްގެ ތެރޭގައި މަސައްކަތެއް ކުރާން ހުއްޓައެވެ. ވިސާމް ގުރައިދޫގައި ހުރި ދުވަސްވަރު އަންޖާމާއި ކޮންމެވެސް ވަރަކަށް ދިމާވެ މަދުމަދުން ނަމަވެސް ވާހަކަ ދެކެވިފައިވާތީ ވިސާމްއާ ވާހަކަ ދައްކާލާން އަންޖާމު ބޭނުން ވިއެވެ. ޝޮޕްގެ ދޮރާއި ގާތްވެލަމުން ވިސާމަށް ގޮވާލި އެހެންވެއެވެ.

” އަނހަ. އަންޖާމު! ޒުބޭދާ! ކޮންއިރަކު މިރަށަށް އައީ؟ ކޮން ގެއަކު ތިބެނީ؟ އަންގާ ވެސް ނުލަމެއްނު. ކަންތައްތައް ރަނގަޅުތަ؟ ” އަންޖާމާއި ޒުބޭދާއަށް ބަލާލަމުން ވިސާމް ވާހަކަ ދެއްކިއިރު އޭނާގެ އަޑާއި ހަރަކާތުން ފާޅުވީ ހައިރާންކަމުގެ އަސަރު ތަކެވެ. އެކަން ޒުބޭދާ އާއި އަންޖާމަށް ވެސް ފާހަގަ ކުރެވުނެވެ.

” އާން … ހުރިހާ ކަމެއް ވެސް ރަނގަޅު. މިކޮޅަށް އައިތާ ދުވަސްކޮޅެއް ވެއްޖެ. މާމުއިހަނދަށް އައިސް މިއުޅެނީ. ހާދީބެމެން ގޭގައި ތިބެނީ. އައިކަމެއް އަންގާލެވޭނީ ވެސް އުޅޭތަނަކަށް ދެވޭނީ ވެސް ގޭގެނަމެއް އުޅޭތަނެއް އެނގޭ ނަމަ ދޯ؟ ” ވިސާމްގެ ސުވާލަށް ޖަވާބު ދެމުން އަންޖާމު ވާހަކަ ދެއްކިއެވެ.

” އާން. ތިކަން ވެސް އޮތީ ތިހެންދޯ؟ ކައިވެންޏަށް މަރުހަބާ އިނގޭ. ހަދިޔާއެއް ވެސް ގެންދާން ވާނެއެއްނު. އާދޭ އެތެރަށް. ރަނގަޅުއެއްޗެއް ހުރިތޯ ބަލާލާން. މިހިރެ ދިވެހިފިހާރަޔާ މިޝޮޕް މިއީ އަހަރެންގެ ދެތަނެއް. ” މާދުރުނޫން ހިސާބެއްގައި ހުރި ފިހާރަ ދައްކާލަމުން ވިސާމް ވާހަކަ ދެއްކިއެވެ.

” ހަދިޔާ ގެންދާނީ ފަހުން. އަދި ދިމާވާނެއެއްނު. މިދަނީ މިދިމާ އަތިރިމައްޗަށް ޖައްސާލާން. ” އަތިރިމައްޗަށް އިސާރާތް ކޮށްލަމުން ޒުބޭދާ ވާހަކަ ދެއްކިއެވެ.

” އަހަރެންނާއި ދިމާވާނެ މިދެތަނުން ކޮންމެ ވެސް އެއްތާކުން. އާންމުކޮށް ދުވާލުއުޅޭނީ ޝޮޕްގައި ރޭގަނޑު ފިހާރާގައި. ކަމަކު ބޭނުން ވެއްޖެއްޔާ އަހަރެންނަށް ވެސް އަންގާލާތި. ” ޒުބޭދާ އާއި އަންޖާމަށް ބަލާން ހުރެ ވިސާމް ބުންޏެވެ. ވިސާމްގެ ހީވާގިކަމާއި މަސައްކަތްތެރިކަމަށް ތަޢުރީފް ކުރަމުން ޒުބޭދާ އާއި އަންޖާމު މިސްރާބުޖެހީ އަތިރިމައްޗާއި ދިމާއަށެވެ.

ޒުބޭދާ އާއި އަންޖާމު ދިއުމުން ވިސާމް އަނެއްކާ ވެސް ޝޮޕް ތެރެއަށް ވަދެ މަސައްކަތް ފެށިއެވެ.

ކޮންމެ ފަސްދޮޅަސް މިނިޓަކުން ގަޑިއެއް ފާއިތުވަމުން އައިސް މެންދުރު ނަމާދު ވަގުތު ޖެހުމުން ނަމާދުކޮށްގެން ވިސާމް ގެއަށް ދިޔައިރު ނީނާ އިނީ ގޯތިތެރޭހުރީ ޖޯލިފަތީގައެވެ. ޖޯލިފަތީގެ ފުރަގަހުގައިހުރި ބޮޑު އަނބުގަހުން މުޅިހިސާބަށް ފޯރާފައިވާ ހިޔަލާއި ފިނިކަމުގެ އަސަރު ޖޯލިފައްޗަށް ވެސް ފޯރާފައިވެއެވެ. ވިސާމް ގޮސް ނީނާގާތު އިށީންނަމުން ވާހަކަދައްކަން ފެށިއެވެ.

” ޒުބޭދާ އާއި އަންޖާމު ކައިވެނި ކޮށްގެން މާމުއިހަނދަށް މިރަށަށް އައިސް އުޅޭކަން އެނގޭތަ؟ ހެނދުނުކޮޅު ޝޮޕުން އަހަރެންނާއި ދިމާވި. ” ނީނާގާތު އިށީންނަމުން ވިސާމް ވާހަކަ ދެއްކިއެވެ.

” ނޭނގެ. އަހަރެން ނުދެކެން. ކީކޭ އެމީހުން ބުނީ؟ ގެއަށް އަންނާކަށް ނުބުނަންތަ؟ ” ހައިރާންކަމާއެކު ވިސާމަށް ބަލާން އިނދެ ނީނާ ވާހަކަ ދެއްކިއެވެ.

” ވާހަކަ ދައްކާން އިރުކޮޅަކު މަޑުކޮށްލާފައި ހިނގައްޖެ. އަހަރެން ބުނިން އަހަރެންނާއި އެންމެ ފަސޭހައިން ބައްދަލު ވާނީ ފިހާރަ އާއި ޝޮޕުންނޭ. ފަހުން އަންނާނަމޭ ކިޔާފަ ދިޔައީ. އެމީހުން ގެއަށް ނުގެންނާނަންތަ؟ ” ވިސާމް ވާހަކަ ދެއްކީ ނީނާ އަށް ބަލާން އިނދެއެވެ.

” ގެއަށް ގެންނާނެކަމެއް ނެތް. ވިސާމް ބޭނުމިއްޔާ އެމީހުން ގޮވައިގެން ރެސްޓޯރެންޓަށް ގޮސް ރަނގަޅު ކެއުމެއްދީ. އަހަރެން މިރަށުގައި އުޅޭކަން އެމީހުނަށް އެނގޭކަށް އަހަރެން ބޭނުމެއްނޫން. އެއަންޖާމުގެ ޢާއިލާމީހުންނަކީ އަހަރެންދެކެ ވަރަށް ރުޅި އަންނަ ބައެއް. އެމީހުން ހިތުން އެވަރުގެ ބަޔަކު ނުތިބޭނެ. ” ނީނާ ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

” ނީނާ ތިހާ ހިތްހަމަ ނުޖެހެންޏާއި އަހަރެން ވެސް އަޅައެއް ނުލާނަން. އޭރުން އެ ނިމުނީނު. އެކަމާ ދެން ނުވިސްނާ ހިނގާދާން ކާން. ” ލޯތްބާއި އޯގާތެރިކަމާއެކު ނީނާގެ ބޮލުގައި ފިރުމާލަމުން ވިސާމް ވާހަކަ ދެއްކީ އޭނާ ހަމައަކަށް އަޅުވާލާށެވެ. ނީނާ ހިތްހަމަ ނުޖެހިފައި އިނުމަކީ ވިސާމް ބޭނުންވާގޮތެއް ނޫނެވެ.

ނީނާ އާއި ވިސާމް ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކާގެއަށް ވަނެވެ.

” މިރަށް ރަނގަޅުތަ؟ ” ކެއުމާއިގެން މަޝްޣޫލްވެއިން ޒުބޭދާއަށް ބަލާލަމުން މަރީނާ އަހާލިއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 8 )“

  1. މިވާހަކަ ވެސް ވަރަށް ރީތި. ނީރުމެން ކަހަލަ މީހުން ނެތްނަމަ އަހަރުން ފޫހިވެގެން ހަލާކުވެދާނެ. ޝުކުރިއްޔާ ތިޔަ ކުރައްވާ މަސައްކަތަށް.

    0

    0

Leave a Reply

Your email address will not be published.