ހިތާމަ ލޯބީގެ

އިސްކު ( 7 )

ލަންމާއާ ފާތުން ދިޔަގޮތަށް ދިޔައީ ހެދިގޮނޑުދޮށަށެވެ. އޭރު އެހިސާބުގައި އެކިއުމުރުގެ މީހުންތައް ވަރަށް ގިނައެވެ. ކުޅެ މަޖާކޮށް ހިތްއުފާކުރަމުންދާ މީހުންނާއި މޫދަށްއެރި ހިތްހަމަޖައްސާލަން އައިސް އުޅޭ މީހުން ވެސް ވަރަށް ގިނައެވެ. ޢާއިލާތަކުގެ އިތުރުން ދެޖިންސްގެ ޒުވާންގުރޫޕްތަކާއި ލޯބިވެރިންގެ ޖޯޑުތައް ވެސް މަދުމަދުން އެސަރަހައްދުން ފެންނަމުން ދިޔައެވެ.

ލަންމާ އާއި ފާތުން އެތަނަށް އައިސް މާގިނައިރެއް ނުވަނީސް ނާއިޒް އެތަނަށް އައިސްފިއެވެ. ނާއިޒާއި ލަންމާ ބައްދަލުވުމުން އެކަކު އަނެކަކަށް ބަލާލަމުން އުފަލާއެކު ހިނިތުންވެލިއެވެ.

ނާއިޒާއި ލަންމާއަށް ފުރުސަތުދެމުން ފާތުން އެތަނުން ދިޔައީ އޭނަ އަންނާނެ ގަޑި ވެސް ބުނެފައެވެ.

ފާތުން ދިއުމުން ނާއިޒް އެތަނުގަ އިށީންދެ ލަންމާއާ ވާހަކަދައްކަން ފެށިއެވެ. ރޭގައި ކަންތައް ދިމާވިގޮތާއި ބެހޭގޮތުން ނާއިޒް ސުވާލުކުރުމުން ކަންތައްވީ ގޮތް ލަންމާ ކިޔައިދިނެވެ. އަދި އެތައްފަހަރަކު ނާއިޒްގެ ކިބައިން މަޢާފަށް އެދުނެވެ. އޭރު ލަންމާ ދެރަވެފައިވާވަރު ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

ލަންމާ އާއި ނާއިޒް ވާހަކަދައްކަމުން ދާވަރަކަށް ދެމީހުންގެ މޫނުމަތިން ފެންނަމުންދާ އުފަލާއި ހިތްހަމަޖެހުން އިތުރު ވަމުން ދިޔައެވެ. ހިނިތުންވެފައިވާ ވަގުތުތައް ގިނަވަމުން ދިޔައެވެ.

މާއިޒާއި ވާހަކަދައްކަން ގަޑިއެއްގެހާއިރު ހުރުމަށްފަހު ހަސަނު ދިޔައިރު މާއިޒުހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކޮންމެވެސް ވަރަކަށް މާޔޫސްވެފައެވެ.

ޤާނޫނީވަކީލަކަށް ރިސްވަތުގެގޮތުގައި އެތައްބައިވަރު ފައިސާދީގެން ގޭގެ ރަޖިސްޓްރީ ބަދަލުކުރުމަށް މާއިޒު ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. ކޮންމެގޮތަކުން ނަމަވެސް އެހުރިހާ މުދަލެއްގެ ވެރިކަން ހޯދުމަށް ފެންބޮވައިގެންފައިވާ މާއިޒު ބޭނުންވީ ކޮންމެގޮތަކުން ނަމަވެސް އެކަން ކާމިޔާބުކުރަން ކަމަށްވާތީ އެހެންގޮތަކުން އެކަން ކުރުމަށް ރާވާލިއެވެ.

ރޭގަނޑުގެ އެގާރަޖެހުމުން ހިސާބުގެ މަސައްކަތްތައް ނިންމާލާފައި ފައިސާތައްހިފައިގެން މާއިޒު ގޮސް ކޮޓަރިއަށް ވަތްއިރު ނަޖީބާ އޮތީ އެނދުގައެވެ. ހެދުން ބަދަލުކޮށް ނިދަން ތައްޔާރުވެގެން އޮތް ނަމަވެސް ނަޖީބާއޮތީ ނުނިދައެވެ.

ކޮޓަރީގެ ދޮރުލައްޕާ ތަޅުލުމަށްފަހު މާއިޒު ގޮސް ނަޖީބާގެ މަގަތުން އިށީނެވެ.

” މިގޮތަކަށް އަބަދަކު މިކަމެއް ނުވާނެ. ” ހިތްހަމަނުޖެހުމާއެކު މާއިޒު ބުނެލިއެވެ.

” ކިހިނެތްވީ؟ …. ނުވާނެ ވާހަކަ ތިބުނީ ކޮންކަމެއްތަ؟ ” ހައިރާންކަމާއެކު މަޑުމަޑުން ނަޖީބާ އަހާލިއެވެ.

” ގޯއްޗާއި ފިހާރަޔާ ކާރާ ހުރިހާ އެއްޗެއްގެ ރަޖިސްޓަރީ ލަންމާއަށް … އަހަރެންނަށް ހުރިހާ މަސައްކަތެއް …. ހީވަނީ މަމީ މިގޭ މަސައްކަތުމީހާ ހެން. ” މާއިޒު ވާހަކަދައްކަމުން ދިޔައިރު އޭނަ ހިތްހަމަ ނުޖެހިފައި ވާވަރު ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވަމުން ދިޔައެވެ.

” ތިހެން ބުނާއިރު މާއިޒަށް ވެސް އެނގޭނެ …. ތިހުރިހާ އެއްޗިއްސަކީ ލަންމާގެ ބައްޕަ އޭނާއަށް ދީފައިވާ ތަކެތިކަން. އަހަރެން ކިހިނެތް މިކަންކަން ބަދަލުކުރާނީ؟ …. ލަންމާގެ ނަމުގައި ތަކެތި ހުއްޓަސް މިހާރު ވެސް މާއިޒު ބޭނުން ވަރަކަށް އެތަކެތި ބޭނުން ކުރެވެއެއްނު. ދެން ކޮބާ މައްސަލަ އަކީ؟ ” މާއިޒުގެ ވާހަކަތަކާއި ގުޅުވައިގެން ނަޖީބާ ވާހަކަދެއްކިއެވެ. އެ ގޭގައި ކަންތައްތައް ހިނގަމުންދަނީ އެހެންކަން މާއިޒަށް ގަބޫލު ކުރެވުނު ނަމަވެސް އޭނައަށް މުހިންމީ ރަޖިސްޓްރީ އެވެ.

” ކޮންމެހެން ކަލަ ގޮވާނެކަމެއް ނެތް؟ … އަހަރެން ބޭނުންވަނީ އަހަރެން ކުރަމުން މިދާ މަސައްކަތުގެ އަގު ތިޔަ ދެމައިން ގަބޫލު ކުރާނަމަ އަހަރެންގެ ނަމަށް ރަޖިސްޓްރީތައް ބަދަލުކުރުން. ނަޖީބާ ބޭނުންނަމަ ލަންމާއާ ވާހަކަ ދައްކައިގެން ވެސް ބަދަލު ކުރެވިދާނެ. މިއީ އަހަރެންގެ އެންމެފަހުގެ ނިންމުން. ” އެނދުމަތިން ތެދުވަމުން ހަރުކަށިކަމާއިއެކު މާއިޒު ވާހަކަ ދެއްކިއެވެ.

” މާއިޒު ކިތަންމެ ބޭނުން ވިޔަސް ކިތަންމެ ރުޅިއަޔަސް ތިއިން އެއްވެސް އެއްޗެއްގެ ރަޖިސްޓަރީ ބަދަލެއް ނުކުރާނަން. އެއީ އޭނާގެ ބައްޕަގެ ފަރާތުން އޭނާއަށް ލިބިފައިވާ ތަކެތި. ” ނަޖީބާ ވެސް ވާހަކަ ދެއްކީ ހިތްހަމަނުޖެހުމާއި އެކުގައެވެ.

ވަގުތުގެ ހިނގުން މެންދަމާއި ދިމާއަށް މިސްރާބު ޖެހިއިރު ގަދަވަޔާއިއެކު ވިދާގުގުރާ ވާރޭ ވެހެން ފަށައިފި އެވެ. ޖަހާލާ ބާރު ގުގުރީގެ އަޑުން ކަންފަތްތައް ބައްވެގެން ދާވަރު ވާއިރު ވިދާލާ ވިދުވަރުގެ އަލިން މުޅިބިން އަލިވެގެން ދެއެވެ. ޖެހެމުންދާ ބާރު ވަޔާއިއެކު ގަސްތައް މުލުން ލުހިގެން ވެއްޓިދާނެހެން ހީވި އެތައް ފަހަރެއް ވެސް އައިސްފި އެވެ. ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ނުނިދިފައި އެތައް ބަޔަކު ތިބިއިރު މަގެއް މަތިން ދުއްވާ އެއްޗެއް ވެސް ނުފެނެއެވެ.

ކުރަމުންދާ ވިއްސާރައަށް މާބޮޑު ސަމާލުކަމެއް ނުދީ ނަޖީބާ އޮތީ ނިދާލާފަ އެވެ. މޫނު ފިޔަވާ އެހެން އެއްވެސް ތަނެއް ނުފެންނާނެހެން މުޅި ހަށިގަނޑުގައި ވަށާލާފާއިވާ ބެޑްޝީޓުން އަންގައިދެނީ އޭނަ ހީކަރުވަމުންދާ ވަރުކަން ޔަގީނެވެ. ނިދާބޮކީގެ މަޑުނޫއަލި ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައިރު ކޮޓަރީގެ ފަންކާ އާއި އެއާރކޯން ހުރީ ނިވާލާފަ އެވެ.

ފަތިހު ފަސްގަޑިބައި ހައެއް ޖަހާކަން ހާއިރެވެ. ލަންމާއަށް ހޭލެވުނީ ގޭތެރޭގައި އަޑު ގަދަވެގެން ނެވެ. އަވަސް އަވަހަށް ތެދުވެ ތާހިރު ވެލައިގެން ކޮޓަރިން ނުކުތްއިރު ގޭތެރޭގައި އާންމުންގެ ބަޔަކާއި ޕޮލިހުންތަކެއް ހަރަކާތްތެރި ވަމުން ދިޔައެވެ. ކޮންމެ ވެސް މުހިންމުކަމަކާއިގެން އެންމެން އުޅެމުން ދިޔައިރު އެންމެންގެ ހަރަކާތްތަކުން ވެސް ފެންނަމުންދަނީ ހިތާމައާއި ހިތްދަތިކަމުގެ ކުލަ ވަރެވެ. ހައިރާންކަމާއި ސުވާލު އުފެދިފައިވާ ކަމުގެ އަސަރު ތަކެވެ.

ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ހިތް ނުތަނަވަސް ވެފައިވާ ލަންމާ އަވަސްވެގަތީ ވެގެން އުޅޭގޮތެއް އަވަހަށް އޮޅުން ފިލުވާށެވެ. އޭރު ވެސް އޭނަ ކޮންމެ ވެސް ވަރަކަށް ހާސްވެ ކަންބޮޑު ވެއްޖެ އެވެ.

ނަޖީބާގެ މަރުގެ ޚަބަރު ލިބުމާއިއެކު ހިތަށް ކެތްނުވެގެން ލަންމާ އަނބުރައިގެންފި އެވެ.

ނަޖީބާގެ މަރާއި ގުޅިގެން ގޭތެރޭގައި ހަރަކާތްތެރި ވަމުންދިޔަ މީހުން ލަންމާއަށް ފަރުވާ ދިނެވެ. ހޭއެރުމާއިއެކު ލަންމާގެ ހަނދާނަށް އައީ ނަޖީބާ އެވެ.

” މަންމަ ކޮބާ؟ ” ތެދުވަން މަސައްކަތް ކުރަމުން އަވަސް އަވަހަށް ލަންމާ އަހާލިއެވެ.

ލަންމާގެ ސުވާލަށް އެއްވެސް މީހެއްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ފުރަތަމަ ފަހަރު ސުވާލުކުރުމުން ޖަވާބު ނުލިބުމުން ދެވަނަ ފަހަރަށް ވެސް ލަންމާ އެ ސުވާލު ތަކުރާރު ކޮށްލިއެވެ.

ލަންމާގެ ސުވާލަށް ޖަވާބު ދިނީ މާއިޒެވެ. އެއާއެކު ލަންމާއަށް ހިތްވަރާއި ނަސޭހަތްދީ އޭނަ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

ފާތުންމެން ގެއަށް ފޯނުކޮށް ވެގެން އުޅޭގޮތް ލަންމާ ކިޔައިދިނުމުން ފާތުންނާއި ނާއިޒް އެގެއަށް އައެވެ. ލަންމާއަށް ހިތްވަރާއި ނަސޭހަތްދީ އޭނާ ހަމައަކަށް އެޅުވުމުގެ މަސައްކަތާއި ހަވާލުވި އެވެ.

ނަޖީބާގެ ހަށިގަނޑު ޑޮކްޓަރުން ޓެސްޓްކުރި އެވެ. ނަޖީބާގެ މަރާއި ގުޅިގެން ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ލަންމާ އާއި މާއިޒުގެ ފަރާތުން ވެސް މަޢުލޫމާތު ހޯދިއެވެ.

ލަންމާ ބުނީ އެގާރަ ޖަހާކަން ހާއިރު އޭނާ ނިދަން އޮށޯތްއިރު ނަޖީބާ ކޮޓަރީގައި އުޅޭކަމަށާއި މާއިޒު ފިހާރާގައި ހުރި ކަމަށެވެ. ދެންވީ އެއްވެސް ކަމެއް ނޭނގޭ ކަމަށާއި އޭނާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެން ކަމަށެވެ. ކޮޓަރިން ނުކުމެ މަޢުލޫމާތު ހޯދާލިއިރު ނަޖީބާ މަރުވެގެން އުޅެނީ ކަމަށެވެ. މާއިޒުގެ ހެޔޮނަސޭހަތާއި ހިތްވަރުގެ ސަބަބުން ލަންމާ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނު ނަމަވެސް އެވާހަކަތައް ކިޔައިދެމުން ދިޔައީ ރޮމުން ރޮމުން ނެވެ.

މާއިޒު ބުނީ ނަޖީބާ އާއި މާއިޒު ނިދަން އޮށޯތީ އެކުގައި ކަމަށާއި އޭރު ނަޖީބާގެ ފަރާތުން ކުރިއާ ތަފާތު އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ. އަދި ނަޖީބާ ކޮޓަރިން ނުކުތްކަން ނޭނގޭ ކަމަށާއި ހޭލެވުނީ ބަޔަކު ގޮވުމުން ކަމަށެވެ.

ނަޖީބާ ވަޅުލުމުގެ ކަންތައް ނިމުނީ މެންދުރުފަހު އެވެ. މާއިޒާއި ލަންމާއަށް ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ.

ޚިޔާލީކަނޑެއްގައި ފަތަމުން ދިޔަ ނާއިޒަށް ނިދުނު އިރެއް އޭނައަށް ވެސް ނޭނގެ އެވެ.

އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް އަލިކަން ވެރިވެގެން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހެނަސް އަދި މިހާތަނަށް އެއްވެސް ކާމިޔާބެއް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ނިދާ ތެދުވެގެން ނާއިޒް ކާގެއަށް ދިޔައީ ސައިބޯން ނަމަވެސް ކާގެއަށް ވަނުމާއިއެކު އިއްޔެގެ ހާދިސާ މަތިން ހަނދާން ވެގެން ދިޔައެވެ. އެއްވެސް އިޙުތިޔާރަކާއިނުލާ، ލަންމާއާ ގުޅިފައިވާ އޭނާގެ މާޒީއާމެދު ވިސްނާ ލެވުނެވެ. ލަންމާގެ މަންމަ ވެސް މަރުވެ ދިޔައީ މިފަދަ ގޮތަކަށް މީހެއްގެ އަތްދަށު ވެގެންކަން ނާއިޒް މިހާރު ވެސް ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ހިނގާފައިވާ އެ ހާދިސާއާމެދު ނާއިޒަށް ވިސްނާ ލެވުނެވެ.

ނަޖީބާގެ މަރުގެ ސަބަބުން ލަންމާއަށް ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމުގައި ނާއިޒާއި ފާތުން ބައިވެރިވެ އޭނަ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. ނާއިޒާއި ފާތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ލަންމާއަށް ވަރަށްބޮޑު ހިތްވަރެއް ލިބެމުން ދިޔައެވެ.

ނަޖީބާގެ މަރަށްފަހު މާއިޒުގެ ފަރާތުން އާދަޔާޚިލާފު ކަންތައްތަކެއް ލަންމާއަށް ފާހަގަ ކުރެވެން ފެށިއެވެ. އަބަދު ވެސް ކޮންމެ ވެސް ކަމަކާއި ހާސްވެފައި ހުރުމާއި ނަޖީބާ ބޭނުންކޮށްފައިވާ ތަކެތި ފެނުމުން ސިއްސައިގެން ދިއުން ފަދަ ކަންކަން އާންމުވަމުން ދިޔައެވެ. ލަންމާއަށް ފާރަލުމާއި ފާތުންނާއި ނާއިޒް އައުމުން އެމީހުންގެ ހަރަކާތްތަކަށް ސަމާލުވުން އިތުރުވަމުން ދިޔައެވެ.

މާއިޒުގެ ފަރާތުން ފެންނަމުންދާ ކަންކަމުގެ ސަބަބުން ލަންމާގެ ހިތުގައި މާއިޒާމެދު ސައްކު އުފެދެން ފެށިއެވެ. އޭނަ އުޅެމުން ދިޔައީ ވަރަށްބޮޑަށް މާއިޒަށް ބަލައިގެން ނެވެ. އެކަން މާއިޒަށް އެނގޭހެން ވެސް ބައެއް ފަހަރު އޭނަ އުޅޭގޮތުން ލަންމާއަށް ހީވެއެވެ.

އެގާރަ ޖަހާކަން ހާއިރެވެ. މާއިޒުގެ ކަންތައްތައް ހުރިގޮތުން ލަންމާ ބިރުގަންނާތީވެ ފާތުންނާއި ނާއިޒް ވެސް ތިބީ ލަންމާއާއެކު ލަންމާގެ ކޮޓަރީގައެވެ. އެމީހުން ވާހަކަދައްކާ މަޝްވަރާކުރަމުން ދިޔައީ ދެން ކަންތައް ކުރާނެގޮތަކާއި މެދުގައެވެ.

ފާތުންނާއި ނާއިޒް އެގެއިން ނުކުމެގެން ދިޔައީ މާއިޒު ނިދީކަން ޔަގީން ވުމުންނެވެ. ކަމެއް ދިމާވެއްޖެނަމަ ކަންތައް ކުރަންވީ ގޮތް ބުނެފަ އެވެ.

މެންދަމުން އަލިވެ ތިންގަޑިބައި ހަތަރެއް ޖަހާކަން ހާއިރެވެ. ލަންމާއަށް ހޭލެވުނީ ނޭވާ ހާސްވާ ކަހަލަ ގޮތްތަކެއް ވާން ފެށުމުން ނެވެ. އަވަސް އަވަހަށް ލޯހުޅުވާލަމުން ބަލާލިއިރު އޭނާއާ ދިމާއަށް ގުދުވެ އޭނާގެ ނޭފަތާއި އަނގައާއެކު ރުމާލެއް އަޅައި ނޭވާ ހާސް ކޮށްލުމަށް މަސައްކަތް ކުރަމުން ދިޔަ މާއިޒު ފެނުނެވެ. މާއިޒާއި އޭނާގެ ޢަމަލުތައް ހުރިގޮތުން ގަތްބިރާއިއެކު ލަންމާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ.

ވަރަށް ވިސްނައި ސަމާލުވެގެން އޮތުމަށްފަހު ކުއްލިއަކަށް މާއިޒު ކޮށްޕާލަމުން އޭނާގެ އަތްދަށުން ދެމިގަނެގެން ލަންމާ ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ. އެދިޔަ ބާރުމިނުގައި ތިރިއަށް ގޮސް ގެއިން ވެސް ނުކުތެވެ. އޭނާގެ ފަހަތުން ދުވެފަ އައި މާއިޒަށް އެއްވެސް ސަމާލުކަމެއް ނުދީ މަގަށް ނުކުންނަމުން ޖީބުން ފޯނުނަގައި ނާއިޒާއި ފާތުންނަށް އަންގާލިއެވެ.

މަރުން ސަލާމަތްވުމަށް ދުވަމުންދިޔަ ލަންމާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ރަށުތެރެ ބަލަހައްޓަމުން ދިޔަ ޕޮލިސްޖިޕާއި ހަމަވުމުން ނެވެ. އޭރު މާއިޒު ފެންނާކަށް ނެތެވެ. ޕޮލިހުންގެ ބޭކަލުންނަށް ލަންމާ ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީން ވިއެވެ. އޭރު ލަންމާ ހުރީ ބިރުން ދެލޯބޮޑުވެ، ދުވެދުވެ ވަރުބަލިވެ މާނޭވާ ލެވިފައެވެ.

ޕޮލިހުންގެ ބޭކަލުން ލަންމާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފާތުންނާއި ނާއިޒް ވެސް އެތަނަށް އައިސްފި އެވެ.

ވެގެން އުޅޭގޮތް ލަންމާ ކިޔައި ދިނުމުން ޕޮލިހުންގެ ބޭކަލުން ވަރަށް ރުޅިއައެވެ. ކަމާއިބެހޭ އިސް ފަރާތްތަކަށް ރިޕޯޓްކޮށް ލަންމާމެން ގެއާއި ދިމާއަށް މިސްރާބުޖެހި އެވެ.

ލަންމާމެން ދިރިއުޅެމުންދާ ބަޔަށް ޕޮލިހުންގެ ބޭކަލުން ދިޔައީ ލަންމާއާ އެކުގައެވެ. އެމީހުންނާއި އެކުގައި ނާއިޒާއި ފާތުން ވެސް އެބަޔަށް ދިޔައެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 7 )“

Leave a Reply

Your email address will not be published.