މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [29] The End

މަސްދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުއިކޮށެވެ. އަހަރުމެން އެންމެން އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައީ ޖްވެލްސް ގެ ނަމުގައި ހިންގަމުން ދިޔަ ޝައިން އެންޓަރޕްރައިސެސް ގެ އޯނަރޝިޕްގެ މައްސަލައާއި، ޝާޔާގެ މަންމަ އާއި ބައްޕަގެ މަރުގެ މައްސަލައަށް ބޭނުންވާ ހެކިތައް އެއްކުރެވޭތޯއެވެ. އެއީ މީގެ އެތަކެއް އަހަރުތަކެއްގެ ކުރީގެ ޙާދިސާއެއް ކަމުން އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ރެޔާދުވާލުގެ މަސައްކަތުން އިޝީ ހަނީފާއި ޤަފޫރުގެ ބެންކް އެކައުންޓްގެ ތަފްޞީލު ހޯދިއެވެ. ރަޝީދުގެ ވާހަކަތަކަށް ބިނާކޮށް އެކަން ހިނގި ކަމަށް ބެލެވޭ ދުވަސްވަރު ކިހިނެއް ލިބުނު ފައިސާއެއްކަން ނޭނގޭ 2 މިލިއަން ރުފިޔާ ޤަފޫރުގެ އެކައުންޓަށް ޖަމާކުރެވިފައި ވެއެވެ. އަދި ފަސް ލައްކަ ރުފިޔާ ހަނީފްގެ އެކައުންޓަށް ޖަމާކުރެވިފައި ވެއެވެ. މީގެ ވިއްސަކަށް އަހަރު ކުރިޔާއި ބަލާފައި އެއީ ބޮޑު އަދަދެކެވެ. އެހެންކަމުން އެމައްސަލަތައް ވެސް ބެލި މަރުގެ ތުޙުމަތުގައި ޖައުފަރާއި ފާތިނާ ބަންދުކުރެވި ޖުވެލްސްގެ އެކައުންޓްތައް ފްރީޒް ކުރެވުނެވެ.

މިކަންތައްވީ ނަޝީއަށް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަކަށެވެ. ނަޝީގެ ބައްޕަ އާއި މާމަގެ ޙަޤީގަތް އެނގުމުން ނަޝީ މުޅިން ހިތާމައިން ފޯވިއެވެ. ނަޝީގެ މުޅި ދުނިޔެ އަކީ މަކަރާއި ޙީލަތުގެ މަތީގައި ބިނާވެފައި އޮތް އެއްޗެއް ކަމުގެ އިޙްސާސް ކުރެވޭ ކަހަލައެވެ. އަހަރެން ނަޝީއާއި ބައްދަލުކޮށް ވާހަކަދައްކާ، ހިތްވަރު ދިނީމެވެ. މީގެ ނަޝީގެ އެއްވެސް ކުށެއް ނެތެވެ. އަހަރެން ނިންމީ ނަޝީއަށްވެސް އަހަރެންގެ ފަރާތުން ހަދިޔާ އެއް ދޭށެވެ.

ޖުވެލްސްގެ އޯނަރޝިޕްގެ މައްސަލާގައި ކޯޓަށް ވަކާލާތުކުރަން ދިޔައީ ބައްޕަގެ ގާތް ރައްޓެއްސެކެވެ. އޭނާއަކީ އަހަރުމެންގެ ކުންފުނީގެވެސް ލީގަލް ބޯޑުގެ އިސް މެމްބަރު އަޙްމަރެވެ. ކޯޓުގެ އަމުރަށް ޑީއެންއޭ ޓެސްޓް ހެދި ޝާޔާއަކީ ނާޝިދުގެ ދަރިފުޅުކަން ސާބިތު ކުރެވުނެވެ. އަދި މިއާއި ގުޅިގެން ކުރީގެ ޝައިން އެންޓަރޕްރައިސެސް ގެ ނަމުގައި ހިންގާ ޖުވެލްސް އިންޓަރނޭޝަނަލް އަދި އެކުންފުނީގެ ދަށުން ހިންގަމުން އައި އެކިއެކި ކުންފުނިތަކުގެ “އެމްޕަޔާރ” ގެ އޯނަރ އަކަށް ޝާޔާވިއެވެ. ރާއްޖޭގައި ހުރި އެންމެ ޅަ މަލްޓި މިލިއަނަރ އަކަށް ޝާޔާވީއިރު ދުނިޔޭގެ ރިކޯޑުފޮތް ތަކަށްވެސް ޝާޔާގެ ނަން އަރައިގެން ދިޔައެވެ. މިހުރިހާ ކަމެއްގެ ތެރެއަށް ބޯކޮށްޕާލަން ހަގީގަތުގައި ޝާޔާއެއް ބޭނުމެއް ނުވިއެވެ. މި ފައިސާއަކީ ޝާޔާ ބޭނުންވި އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ޝާޔާގެ އުފަން މައިންބަފައިންގެ ތަރިކައަކީ ޝާޔާއަށް ދޫކޮށްލެވޭނެ އެއްޗަކަށްވެސް ނުވިއެވެ.

އުފާވެރިކަމުގެ ކޮޅެއް ނެތެވެ. މިހުރިހާ ކާމިޔާބީއެއް ފާހަގަ ކުރުމުގެ މަހާސިންތާއެއްގެ ގޮތުގައި ރޭވިގެން ދިޔައީ ބޮޑު ކައިވެނި ޙަފްލާއެކެވެ. އަޔާންގެ މައިންބަފައިންނާއި ޢާއިލާ ތިމާގެ މީހުން އައުންވީ އަހަރުމެން އެންމެންނަށް ވެސް ބޮޑު ސަޕްރައިޒް އަކަށެވެ. ޒާނިޝްގެ ޢާއިލާވެސް އަލިޔާ ދައްތަމެންނާއި އެކު އައެވެ. މުޙައްމަދުބެއާއި ވާހަކަ ދައްކައިގެން އަޔާން ރޭވި ރޭވުން މި އެނގުނީތާއެވެ. އަހަރެންނަށް އެންމެ ބޮޑު ސަޕްރައިޒަކަށް ވީ ދޮންބެއާއި ވާންއުޅޭ ދޮންބެ ދައްތަ ވެސް އެ ޙަފުލާގައި ކައިވެނި ކުރުމަށް އައުމުންނެވެ. ދޮންބެ ދައްތަ ފެނުމުން އަހަރެންގެ ހަނދާންތައް އާވެގެން ދިޔައެވެ. އެއީ އަހަރެން ފުރަތަމަ މާލެ އައިސް އޮފީހަށް ދިޔަ ދުވަހު ދޮންބެ އާއިއެކު ކާރުގައި ދިޔަ ކުއްޖާއެވެ. ޝާދާން އެވެ. ވަރަށް ފުރިހަމަ އެވެ. ދޮންބެއާއި ވަރަށް ގުޅެއެވެ. ރީތިކަމުގައި ވެސް މިސާލެކެވެ. ޝާދާން ގެ ޢާއިލާއިންވެސް ގިނަބައެއް ވަނީ މިޙަފްލާއަށް އައިސްފައެވެ.

އައިޝާދައްތަ އާއި މުޙައްމަދުބެއަށް ވެސް ސަޕްރައިޒް އެއް ދިނީމެވެ. އަޔާން އާއި ޒާނިޝް ރަނާމެން ކައިރިން ނަމްބަރު ހޯދައިގެން އެމީހުންނަށް ވެސް ނޭނގި އެކުދިންގެ ދޮންބެ ރިޔާޟް ވެސް މިޙަފްލާއިށް ގެނައެވެ. ދޮންބެ އައުމުން ރިޔާ މެން އުފަލުން ނަށާ އިރު ހީވަނީ އެހެން ފަދަ ކަމެއް ހެނެވެ. އައިޝާ ދައްތަގެ ދެމަފިރިން ވެސް ތިބީ ރިޔާޟް އައީތީ އުފާވެފައެވެ. ރިޔާޟްއަކީ ގިނަ ޢާއިލީ ކަންކަމުގައި ވަގުތު ދެވޭ ކުއްޖަކަށް ނުވުމުން މިކަހަލަ މަންޒަރެއް ފެނިދާނެ ކަމަކަށް އައިޝާ ދައްތަމެންނަށް ހީކުރެވިފައި ނުވާ ކަހަލައެވެ. ޝާޔާއަށް ނޭނގުނު ކަމުގައި ވިޔަސް ޝާޔާއަށް ވެސް ސަޕްރައިޒް އެއް ލިބޭނެއެވެ. ޝައިހާއެވެ. މި ޙަފްލާއަށް ޝައިހާ ގެންނަން ބަކުރުބެމެން މެދުވެރިކޮށް ކުރެވުނު މަސައްކަތުން މިރެއަށް ޝައިހާއަށް އާދެވޭގޮތް ވިއެވެ. އަހަރެން ޝައިހާއަށް ބަލައިލީމެވެ. އައިވަރީ ކުލައިގެ ބްރައިޑްސް މެއިޑް ހެނދުމުގައި ހުންނައިރު ވަރަށް ފުރިހަމައެވެ. ޝައިހާހުރީ މި ޕާޓީއަށް އާދެވޭތީ ވަރަށް އުފަލުންނެވެ. ޝާޔާއާއި ބައްދަލުކޮށްލާ ހިތުން އެވާހަކަ ވަރަށް ދެއްކިއެވެ. ޝައިހާގެ ބަލި ވަރަށް ބޮޑުތަން ރަނގަޅުވެފައި ހުރިކަން ފާހަގަ ކުރެވެއެވެ. އުޅުމުގައި ވެސް ކުރިން ހުންނަ ބޮޑާކަމެއް ނެތެވެ. ޝާޔާއަށް ޝައިހާ ފެނުމުން ވާނެގޮތް ހިތަށް އަރާފައި އަހަރެންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އަހަރެންނާއި އަޔާން، ޒާނިޝް އަދި ދޮންބެ – ޝައުފްގެ ޖޯޑުގެ އިތުރުން މި ޙަފްލާގައި ބައިވެރިވި އަނެއް ޖޯޑަކީ ޑޭނީ އާއި ނަޝީގެ ޖޯޑެވެ. މުޅި ސްކައިޕިޔާ އެދުވަހަށް ތައްޔާރު ކުރެވުނެވެ. ހީވަނީ ބޮޑު ޢީދެއް އައިސްފައި ވާހެނެވެ. ޝާހީ ފަރުމާތަކުން މި ޙަފްލާގެ ހައިބަތު ދައްކުވައިދެއެވެ. އެތަކެއް ވިޔަފާރި ވެރިންނަކާއި ސަރުކާރުގެ ބޮޑުންގެ އިތުރުން މުއްސަނދި ޢާއިލާތަކުގެ މެމްބަރުން ވަނީ މުޅިޙަފްލާ ފަޅު ފިލުވައިދީފައެވެ. މިޙްފަލާ ވެގެން ދިޔައީ އެތައް ގޮތަކަށް އެކި ފާޑު ކިޔުން ތަކާއި އެކި މީހުންގެ ލޯތައް އަމާޒުވި ޙަފްލާ އަކަށެވެ. އަދި އެކި މީޑިޔާ ތަކުގެ ފަލަ ސުރުޚީގައި ލިޔެވުނު ވާހަކަ އަކަށެވެ. ރާއްޖޭގައި ހުރި އެންމެ ޅަ މަލްޓި މިލިއެނަރ ޝާޔާއާއި އަހަރެންގެ ކައިވެނީގެ ވާހަކަ އަކީ ފެއަރީ ޓޭލްއެއްގެ ސިފައިގާ ބައެއް މީޑިއާ ތަކުގައި ސިފަކުރި ވާހަކަ އެކެވެ. “ރިޓަރން އޮފް ލޯންގް ލޮސްޓް ޕްރިންސެސް – އަ ފޭރީ ޓޭލް؟” މި ސުރުޚީގައި އޮސްޓްރޭލިޔާގެ ‘ހެރޯލްޑް ސަން’ ނޫހުގައިވެސް އަހަރެންނާއި ޝާޔާގެ ލޯބީގެ ވާހަކައިގެ މައްޗަށް އަލިއަޅުވާލާ އާރޓިކަލް އެއް ލިޔެފައިވެއެވެ. ސުމަކުސް ސަތޭކައަށް ވާޞިލްވި ޝާޔާގެ ދިރިއުޅުމުގެ ވާހަކަތައް ޝާޔާގެ ބައްޕަގެ ޙަޔާތާއި ގުޅުވާލައިގެން އެކި ގޮތްގޮތަށް މީހުން ދެއްކިއެވެ. ޖައުފަރުގެ ޙަޤީގަތް އެނގި ޝާޔާއަށް އުޅެން ޖެހުނު ޙާލަށް ހަމްދަރުދީވެ އެވާހަކަވެސް ދެކެވުނެވެ. އެންމެ ޅަ، ސީ.އީ.އޯ ގެ މޫނު ދެކިލަން އައިސް ތިބި އެނެމެންގެ ލޯތައް ވަނީ ބޭޤަރާރު ވެފައެވެ. އެވަގުތުގެ އިންތިޒާރުގައި ނޫސް މަޖައްލާތަކުގެ ފޮޓޯ ގްރެފަރުންވެސް ތިބީ ނޭވާ ހިފަހައްޓާ ލައިގެންނެވެ.

ވާންއުޅޭ ކޮންމެ ދެމަފިރިޔަކަށް ގާޒީއެއް ވަނީ ހަމަޖެހިފައެވެ. ގާޒީންގެ ފަސް މީހުންގެ ޓީމް ސްޓޭޖްގެ އެއްފަރާތެއްގައި އަދި ކައިވެނި ކުރަން ހަމަޖެހިފައިވާ ފަސް ފިރިހެނުން އަނެއްފަރާތުގައި ސަފަކަށް ތިބިއިރު ކޮންމެ ޢާއިލާއެއްގެވެސް އިސް މީހުން ސްޓޭޖް މަތީގައި އެއްކޮޅުން އަނެއްކޮޅަށް އެތުރިގެން ތިއްބެވެ. ކައިވެނި ކުރެވޭ ކޮންމެ ޖޯޑަކަށް ވަކިން ކުޑަ މޭޒެއް ކުރިމަތީގައި ބޭންދިފައި ވެއެވެ. އައިވަރީ ކުލައިގެ ފޮތިން ފަޅުފިލުވާލާ ރީތި ގޮތަކަށް ޑެކެރޭޓް ކޮށްފައިވާ މި މޭޒުތަކުގެ ދެފަރާތުގައި ދެގޮނޑީ އަދި މެދުގައި ދެ ގޮނޑި ބޭންދިފައި ވެއެވެ. އެއްވެ ތިބި މީހުންނަށް ފެންނަ ހެނެވެ.

އަހަރުމެން އިންތިޒާރު ކުރަމުން ދިޔައީ އަހަރުމެންނަށް ހަލާލުވާން އުޅޭ އަނބިންގެ ނިޔަނެތި މޫނު ފެންނާނެ އިރެއްގެ އިރަކަށެވެ. މިޔަދު އިރު އެރީއްސުރެ އަހަރުމެންނާއި އެކުދިން ވަނީ ވަކިކޮށްފައެވެ. މޫނު ފެނިނުލާތާ ކުޑަމިނުން ފޯނުންވެސް ވާހަކައެއް ނުދެކެވެއެވެ. އެއްދުވަސް އެއްކޮށް ނުފެނި ދިއުމަށްފަހު އަހަރެންގެ ހިތްވެސް ބޭގަރާރު ވެފައިވަނީ އަހަރެންގެ ‘ޕްރިންސެސް’، ޝާޔާގެ މޫނު ފެނިލާނެ އިރަކަށެވެ. އެއީ އަހަރުމެން ފަސް މީހުންގެ ވެސް ޙާލެވެ.

“ޝޯން.. ޔޫ އަރ ގޮއިންޓު ބީ އަ ފުލް ގްރޯން-އަޕް އިން ފިއު މިނެޓްސް..” ދޮންބެ އަހަރެންނާއި ދިމާ ކޮށްލިއެވެ. “ޔޫޓޫ.. އާފްޓަރ އަ ލޯންގް ޓައިމް” އަހަރެންނަށް އަދި މާ ގިނައެއްޗިހި ކިޔޭނެ އެއް ނޫން ހެއްޔެވެ؟ ދޮންބެ އަހަރެންނަށް ވުރެ އަދި ފަސް އަހަރު ބޮޑު ކަމުގައި ވިޔަސް ވެސް އެ އުސޫލުން ބޮޑު އެވަނީ އަހަރެންނާއި އެކުއެއް ނޫންހެއްޔެވެ؟ އަހަރުމެން ދެމީހުންނަށްވެސް ހިނި އާދެވުނެވެ.

އިންތިޒާރަށް ނިމުން އައިކަން އަންގައިލީ ހޯލުގެ ދޮރާވީފަރާތު ކަނަކަށް ވާގޮތަށް އަތުރާލެވިފައިވާ ލައިވް މިއުޒިކް ބޭންޑް، ވަޔޮލިންއިން ކުޅެންފެށި “ބްރައިޑް އެންޓްރެންސް” މިއުޒިކުންނެވެ. އެއާއިއެކު ފަރިވެ ފޮޅިފައިވާ ހުދު ފިނިފެންމާތަކެއް ކަހަލަ ނިޔަނެތި ބްރައިޑް ތައް ވަދެގެންއާދެއެވެ. ކޮންމެ ކުއްޖަކާއި އެކުގައިވެސް ވަލީވެރިޔާ އާދެއެވެ. ޝާޔާއާއި އެކުގައި އައީ ބަކުރުބެއެވެ. އެއީ ރަސްމީ ލިޔެކިޔުން ތަކުގައި ޝާޔާގެ ބައްޕަގެ މަޤާމުގައި ހުރި މީހާއެވެ. ނަމަވެސް ވަލީދޭނީ ޤާޟީއެވެ. ރަނާ އާއި ރިޔާގެ އަތުގައި ހިފާލައިގެން އަންނަނީ މުޙައްމަދުބެއެވެ. ޝާދާންގެ އަތުގައި ހިފާލައިގެން ޝާދާންގެ ބައްޕަ އައިއިރު ނަޝީގެ އަތުގައި ހިފައިގެން އައީ އައިރެންއެވެ. ނަޝީއަށްވެސް ވަލީދޭނީ ޤާޟީއެވެ. އައިރެން މި ޙަފްލާއަށް އައުންވީ އުފާވެރިކަން އިތުރުވީކަމަކަށެވެ. އައިރެން އަކީ އަހަރެންނާއި އަޔާން އަދި ޒާނިޝްގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެކެވެ.

އެއްބަޔަކަށް ފަހު އަނެއްބައެއް އަތުރާލައިގެން ވަދެގެން އައިއިރު ދެފަރާތުން ހުދުފިނިފެން މަލުގެ ފިޔަތަކުން އެމީހުންނަށް ވެދުންކުރަމުން އެއް ވަރެއްގެ ކުދި އަންހެންކުދިންތަކެއް އައެވެ. ކެމެރާތަކުގެ ނިވިދިއްލުން ތަކުން އެމީހުންގެ ލޯތަކަށްވެސް އުނދަގޫ ވެފައިވެއެވެ.

އަހަރެންނަށް އެސްފިޔަ ޖަހާނުލާ ބެލެމުން ދިޔަަައީ އަހަރެންގެ ހިތުގެ ޝެހެޒާދާއަށެވެ. އެމަންޒަރު އަހަރެންނަށް ފެންނަމުންދިޔައީ ލަސްލަހުންނެވެ. ވައިރޯޅި އިތުރަށް ބާރުވެފައި ވާކަހަލައެވެ. އަލި އިތުރަށް ގަދަވެފައި ވާކަހަލައެވެ. މާބުރާ، ބަޅިނދާ ކޮކާތައް ރާގުރާގަށް އުދުހޭ ކަހަލައެވެ. އެމަންޒަރުން ޝާޔާނޫން އެހެން މީހުން ފަނޑުވެފައި ވެއެވެ. ޝާޔާގެ ކޮންމެ ޙަރަކާތެއް ވަކިވަކިން ލަސްލަހުން ފެންނަމުން ދިޔަ ގޮތުން އަހަރެންގެ ހިތެއް އޮބިއެއް ނޯވެއެވެ. އެތުނި ތުންފަތް ފެނި އާޝޯހުވެފައި ވީމެވެ. އެތޫނު ކަޅިރަވައިން ހިތުގައި ޅިޔައެޅެމުން ދިޔައެވެ. އެ ލަދުރަކި ހިނިތުން ވުމުން ލޯބީގެ އާރުތައް ބަންޑުން ކުރުވަމުން ދެއެވެ. އެ ފުރިހަމަ ވަނާތައް ޙިއްސުތައް މަސްތުކުރުވަމުން ދިޔައެވެ. އެލޯބީގައި ދިވާނާ ވެފައި ވީމެވެ. ގައިމެވެ. މިއީ އަހަރުމެންގެ ހެޕިލީ އެވަރ އާފްޓަރއެވެ. ހިތުގައި ކުޅެވިގެން ދިޔައީ ފޮޮނި މިއުޒިކެކެވެ.

(ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ، ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ..)

(ދީވާނާ ލޯބިން ވެއްޖޭ..)

(ގޮތް ނޭނގޭ އިޙްސާސެއް އެބަވޭ، ޖާދޫވީ މަންޒަރުތައް ސިފަވޭ،)

(ދުލުން ބަޔާން ކުރަން ދަތިވެއްޖޭ..)

(ހުވާކޮށްފާބުނަން ލޯބިވޭ..)

(ކަލާދެކެ އިންތިހާ ލޯބިވޭ..)

(ހުވާކޮށްފާ ބުނަން ހިތް ގަޔާވޭ..)

(މި ޖާނު ދޭނަމޭ ލޯބިން ހުވާ…)

-ނިމުނީ-

1
1
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 29 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

4 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [29] The End“

Leave a Reply

Your email address will not be published.