ބިރުވެރި ލޯބީގެ

ނިދީީތެރޭން ( 13 )

ފަރުމަހަށް ނުކުމެ އުޅުނު ދޯންޏަކުން މަރުވެފައިވާ މީހަކު ހޮވި ވާހަކަ އާއި އެމީހަކީ ނިސާހް ކަމަށް ރަށުތެރެއަށް ފެތުރުނު ޚަބަރުގެ ސަބަބުން އެންމެބޮޑަށް ކަންބޮޑުވެ ހައިރާންވީ ހަމްދީމެންނެވެ. އެމީހުންނާއި އެކުގައި ގޮސް ޒުބޭދާއާ ބައްދަލުކޮށް ޒުބޭދާ ގޮވައިގެން ގަސްތަކުތެރެއަށް ވަތްގޮތަށް އަދި މިހާތަނަށް ޖެހެންދެން އެއްވެސް ޚަބަރެއް ނުވި ނިސާހްގެ މަރުގެ ޚަބަރު ލިބުމުން އެމީހުން ކިތަންމެ ހައިރާންވެ ކަންބޮޑުވި ނަމަވެސް އެކަން ސިއްރުކޮށްގެން ތިބީއެވެ. އެކަމާބެހޭގޮތުން ވާހަކަ ދައްކަން ހަދައިގެން އެމީހުން ބެދިދާނެކަމުގައި ތިންމީހުން ވެސް ނިންމިއެވެ.

ކޮޓަރިތެރޭގައި މުދިންބެ އިށީންދެލައިގެން އިންއިރު އޭނާގެ އަތުގަ އާއި މޭޒުމަތީގައި ދުވެސްވެފައިވާ ބައު ފޮތްތަކެއް ހުއްޓެވެ.

މުދިންބެ މަސައްކަތް ކުރަމުން ދިޔައީ އެފޮތްތައް ބަލައިގެން ކޮންމެވެސް މުހިންމު ލިޔުމެއް ހޯދާށެވެ. އެފޮތްތައް ބަލަމުން މުހިންމު ބައެއް ލިޔުން ގަނޑެއްގައި ނޯޓްކުރަމުން ދިޔައިރު މުދިންބެގެ ހަރަކާތްތައް އަވަހެވެ.

ފޮތްތަކުގައިވާ ލިޔުންތައް ބަލަމުން ނޯޓްކުރަމުންދިޔަ މުދިންބެގެ ހަރަކާތްތަކަށް ހުއްޓުން އައީ އެތަނުން ފޮތަކުން ފެނުނު ލިޔުމެއްގެ ސަބަބުންކަން ޔަގީނެވެ. އެއާއެކު ދެވަނަފަހަރަށް ވެސް މުދިންބެ އެލިޔުމަށް ނަޒަރު ހިންގާލިއެވެ.

” ރަށަށް ނާމާންކަމެއް މެދުވެރިވެ އަންހެނަކު މަރުވެއްޖެނަމަ އެއީ އަންހެނެއްގެ ފަރާތުން ކުރިމަތިވާކަމެއް. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެންމެ ފުރަތަމަ އިސްކަން ދޭނީ ރަށުން ބޭރުން އައިސް ފައިވާ އަންހެނުންނަށް. އެގޮތުން އެފަދަ އަންހެނުން އުޅެމުންދާ ގޮތާއި އެމީހުން ދިރިއުޅެމުންދާ ތަންތަން ބަލާންވާނެ. ދެން ތިރީގައިވާ ތަރުތީބުން ކަންތައް ކުރަމުން ގެންދާނީ ….. ” އެފޮތުގައިވާ ލިޔުން މުދިންބެ ކިޔާލިއެވެ.

ފޮތްތަކުގައިވާ ލިޔުންތަކުގެ ތެރޭން މުދިންބެ ހޯދާން ބޭނުންވާ ލިޔުންތައް ހޯދާބަލައި ޔަގީންކުރަން ބޭނުންވާ ކަންކަން ޔަގީން ކުރުމަށްފަހު ފޮތްތައް ފޮރުވިއެވެ.

ނިސާހްގެ މަރާއި ބެހޭގޮތުން އެންމެން ވެސް ބުނަމުންދަނީ އޭނާ މޫދަށް އެރިއުޅެނިކޮށް މަރުވީ ކަމަށެވެ.

ނިސާހްގެ މަރުގެ ސަބަބުން އޭނާގެ ޢާއިލާއަށް ވަރަށްބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވިއެވެ. އޭނާ އެކަނި މާއެކަނި އެގޮތަށް މޫދަށް ދާންޖެހުނު ސަބަބެއް އޮންނާނެކަމުގައި ބައެއް މީހުން ބުނަމުންދިޔައިރު އޭނާއާއެކު މޫދަށް ދިޔަ މީހަކު އެނގޭތޯ މަސައްކަތް ކުރަމުންދިޔަ މީހުން ވެސް އުޅުނެވެ.

ނިސާހްގެ މަރާއި ބެހޭގޮތުން ރަށުމީހުން ދައްކަމުންދާ ވާހަކަތަކާއި އެމީހުން ދެކެމުންދާގޮތާއި ހަމްދީމެން ދެކެމުންދާގޮތް މުޅިން ތަފާތެވެ. ރަށުމީހުން ކޮންމެގޮތަކަށް ދެކެމުންދިޔަ ނަމަވެސް ނިސާހްގެ މަރާއި ޒުބޭދާއާ ގުޅުމެއްވާކަން ހަމްދީމެނަށް ޔަގީން ވެއެވެ. އެހެނަސް އެކަން ސިއްރުކުރުން ނޫން އެހެން ގޮތެއް އެމީހުންނަކަށް ނެތެވެ.

ވިސާމަކީ ވެސް މުދިންބެ ކޮންމެވެސް ވަރަކަށް ދަންނަ މީހެކެވެ. ވިސާމް އުޅެނީ ރަށުންބޭރު ކުއްޖަކާއި އިނދެގެން ކަމާއި އެއަންހެންކުއްޖާ ދިރިއުޅެމުންދަނީ މިރަށުގައިކަން މުދިންބެއަށް އެނގެއެވެ. އެއަންހެންކުއްޖާއަކީ މިރަށަށް އެންމެފަހުން ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާކަން މުދިންބެ ޔަގީންކުރިއެވެ.

އަސްރުނަމާދު ކޮށްގެން ޤުރުއާން ކިޔަވާން ބައިގަޑިއެއްހާއިރު މިސްކިތުގައި މަޑުކުރުމަށްފަހު މުދިންބެ މިސްކިތުން ފޭބިއިރު މިސްކިތުގައި އެހެން މީހަކު ނެތެވެ.

މިސްކިތުން ފައިބާގެން ގޮސް ގަބުރުސްތާނުގައި ފަނަރަވަރަކަށް މިނިޓް ހޭދަކުރުމަށްފަހު މުދިންބެ އެތަނުން ނުކުތެވެ. އަދި އަވަސް ހަރަކާތްތަކަކާއިއެކު ނެޓްބޯޅަ ކޯޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ވަގުތަކީ ހަވީރު ވަގުތު ކަމަށްވާތީ އެންމެ ބާރުބޮޑުވެފައިވަނީ ކުޅިވަރު މައިދާންތަކަށެވެ. ސިއްރުތަކުން ފުރިގެންވާ އޭނާގެ ކިޔެވެއްޔާއެކު މުދިންބެ ދިޔަގޮތަށް ގޮސް މަޑުކުރީ ކުޅިވަރު އެކުވެނީގެ ބޭރުން ނެޓްބޯޅަކޯޓާއި ދިމާގައެވެ. އޭރު އެތަނުގައި ހަރަކާތްތެރި ވަމުންދާ އަންހެންކުދިންގެ ތެރޭގައި ނީނާ ވެސް ހިމެނެއެވެ. ނެޓްބޯޅަ ކުޅުމާއިގެން މަޝްޣޫލްވެ ހުރި ނީނާ ބޭރަށް ބަލާލި ވަގުތު އޭނާއާ މުދިންބެގެ ހަތަރުކަޅި ހަމަވެ ނީނާއަށް އައި ބަދަލު މުދިންބެއަށް ފާހަގަ ކުރެވުނެވެ.

އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި މުދިންބެގެމޫނު ފެނުމާއިއެކު ނީނާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނީ ލަދުން ކަމަށް ވެސް ވެދާނެއެވެ. ދެވަނަފަހަރަކަށް އޭނާ ނުބަލައެވެ.

ނީނާގެ ޢަމަލުތަކަށް ބަލަހައްޓައިގެން މުދިންބެ ހުރި ނަމަވެސް އެހެންމީހަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. ވަގުތަކަށް ބަލަހައްޓައިގެން ހުރި ނީނާ ކުއްލިއަކަށް ދޭތެރެއަކުން ދެމިގަނެގެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

މުދިންބެ ހުރީ އެވަރު ވިސްނައިގެން ކަމަށްވާތީ އެހެން މީހަކަށް ސައްކު ވެސް ނުވާނޭހެން ނީނާގެ ފަހަތުން އަޅުވާލިއެވެ.

ނީނާގެ ފަހަތުން މުދިންބެ ހިނގަމުންދިޔަ ނަމަވެސް ނީނާ ހިނގަމުންދިޔައީ ވަރަށް ހަލުވިކޮށް ކަމަށްވާތީ މުދިންބެއަށް އޭނާއާ ހަމަކުރެވޭގޮތެއް ނުވެއެވެ.

ނީނާގެ ފަހަތުން ހިނގަމުންދިޔަ މުދިންބެއަށް ނީނާއާ ހަމައަށް ނުދެވެނީސް ނީނާ ގޮސް މުދިންބެގެ ލޯ ކުރިމަތިން ގެއްލިއްޖެ އެވެ. މުދިންބެއަށް ނީނާ ގެއްލުނު ނަމަވެސް ނީނާގެ ފަރާތުން ހޯދަން ބޭނުންވި ގިނަ ކަންތައްތަކެއް ސާފުވުމުން އޭނަ ހުރީ ހިތްހަމަ ޖެހިފައެވެ.

ވިސްނާލުމަށްޓަކައި އިރުކޮޅަކު މަޑުކުރުމަށްފަހު މުދިންބެ ދިޔައީ ގެއަށެވެ.

އޮއްސުނުއިރާއެކު ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔައިރު އަތިރިމަތި ހަމަހިމޭންވެގެން ދިޔައެވެ.

މުދިންބެގެ ދެމަފިރިން އެއްކޮޓަރީގައި ނިދާފައި ތިބިއިރު މުދިންބެގެ ތިންދަރިންގެ ތެރެއިން ދޮށީދަރިފުޅު އަހްމަދު އެގޭގެ އެހެން ކޮޓަރިއެއްގައި ނިދާފައި އޮތެވެ. ދެން ތިބި ދެދަރިން ކަމުގައިވާ އިނާ އާއި ޒޭބީ އެހެން ކޮޓަރިއެއްގައި ނިދާފަ ތިއްބެވެ.

ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަމާއި ހަމަހިމޭންކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެ އެކެއް ޖެހިއިރު މުޅިރަށް އޮތީ ނިދާ ހަމަހިމޭން ވެފައެވެ.

ކޮޓަރީ މޭޒުމަތީ ހުރި ފުޅިބައްތީގެ ހުޅުކޮޅަށް ހަރަކާތް އައީ ކުއްލިއަކަށެވެ. އެހުޅުކޮޅު މަޑުމަޑުން މައްޗަށް އަރަންފެށި ނަމަވެސް އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ހުޅުކޮޅުން ވަކިވެގެން ވަޔާދިޔަ ދުންކޮޅެއް ދިޔާނާގެ ނޭފަތަށް ވަނުމާއިއެކު ހުޅުކޮޅު އަނެއްކާ ވެސް ހަމައަކަށް އެޅި ކުރިން ހުރިގޮތަށް ބަދަލު ވިއެވެ.

މުދިންބެމެން ނިދާފައިތިބި ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވުނު ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މޭޒުމަތީ ހުރި ފުޅިބައްތީގެ ހުޅުކޮޅުތެރޭން ފާޅުވި ދެލޮލަށް އައި ހަރަކާތާއިއެކު ކޮޓަރީގެ ދޮރުލެއްޕި ތަޅު ލެވިއްޖެއެވެ. މުދިންބެގެ ދެމަފިރިން ފިޔަވާ އެހެން މީހަކު އެކޮޓަރިއަކު ނެތެވެ.

ސިއްސައިގެން ގޮސް މުދިންބެއަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. އަވަސް އަވަހަށް މުދިންބެއަށް ވަށައިގެން ހޯދާލީ އޭނާއަށް އެހެން އެހަދަނީ ކާކުތޯ ބަލާލާން ވެގެންނެވެ. ކޮންމެވެސް މީހަކު އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކުރަމުންދާ ކަހަލަ އިހުސާސެއްވަމުން ދިޔަ ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުދިންބެގެ ހާސްވުމާއި ކަންބޮޑުވުން އިތުރު ވެގެން ދިޔައީ އެހެންވެއެވެ. އެހީއަކަށް އެދި ހަޅޭލަވައިގަންނާން މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ހީވަނީ އަޑު ބެދިފައިވާ ހެންނެވެ. ސަލާމަތަށް އެދި މުދިންބެ ތެޅިފޮޅެމުން އެތައް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ދިޔާނާ އަކަށް ތަނެއް ދޮރެއް ނޭނގެއެވެ. އޭރު ވެސް އޭނާ އޮތީ ގަދަ ނިދީގައެވެ.

ސަލާމަތަށް އެދި މަސައްކަތް ކުރަމުންދިޔަ މުދިންބެގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި ބަލިކަން ފެންނާން ފެށިއެވެ. އަނގައާއި ނޭފަތުން ލޭ އައިސް ހަރަކާތް ހުއްޓުނުއިރު ދެލޮލުން ފެން ވެސް އައިސް ފިއެވެ.

ބައްތީގެ ހުޅުކޮޅު މައްޗަށް ދެމިލުމާއެކު ދުންތައް ބުރައިގެން ދިޔައެވެ. އޭގެތެރޭން ބައެއް ދުމުގެ އަސަރު ދިޔާނާގެ ނޭފަތަށް ވެސް ކުރިއެވެ. ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ.

ހަތަރުގަޑި ސާޅީސްކަން ހާއިރެވެ. އެހެން ރޭތައް ފަދައިން މިރޭ ވެސް ހާސިދު މިސްކިތަށް ދިޔައީ ފަތިސްނަމާދު ވަގުތުވުމުގެ ފަސްވަރަކަށް މިނިޓް ކުރިންނެވެ. އެހެން ރޭތަކާއި ހިލާފަށް މިރޭ އޭނާ މިސްކިތަށް ދިޔައިރު މުދިންބެ ނެތުމުން އެކަން ފާހަގަކުރެވުނެވެ. އަބަދު ވެސް ބަރާބަރު ގަޑިއަށް މިސްކިތަށް އަންނަ މުދިންބެ މިރޭ މިސްކިތުގައި ނެތުމުން ހާސިދު ކޮންމެ ވެސް ވަރަކަށް ހައިރާންވިއެވެ.

ފަތިސްނަމާދު ވަގުތު ޖެހުނު އިރުވެސް މުދިންބެ މިސްކިތަށް ނައުމުން ހާސިދު އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ބަންގި ގޮވިއެވެ. މިސްކިތަށް ޖަމާވާ މީހުން ފަހަރަކަށްވުރެ ފަހަރެއް ގިނަވަމުން ދިޔައެވެ. މިސްކިތަށްދިޔަ މީހުންގެ ތެރޭން ގިނަބަޔެއްގެ ހިތުގައި ސުވާލު އުފެދެމުން ދިޔައީ މުދިންބެ މިސްކިތަށް ނައުމުންނެވެ.

އިރުއެރުމާއެކު ފެންނާންފެށީ ރާއްޖެތެރޭގެ އަންހެންވެރިންގެ މުރާލިކަމާއި ހީވާގިކަމެވެ. އެންމެފުރަތަމަ ކަމެއްގެގޮތުން ގޯތިތެރެ އާއި މަގުތައް ކުނިކަހައި ސާފުކޮށްލިއެވެ. މަދަރުސާއަށް ދާން ކުދިންނަށް ގޮވައި ހޭލެއްވުމަށްފަހު އެކުދިން ތައްޔާރުވާން ވާއިރަށް ސައި ތައްޔާރު ކުރުމާއިގެން އުޅެމުންދިޔަ އެވެ.

ދިޔާނާއަށް ހޭލެވުނުއިރު މުދިންބެ އޮތީ ނިދާފައެވެ. މުދިންބެއަކީ ބައެއް ރޭރޭ ފަތިސްނަމާދުން އައިސް ނިދާ މީހަކަށް ވާތީ ދިޔާނާ އެކަމަކަށް އަޅައެއް ނުލައެވެ. ފެންވަރާ ތާޒާވެލައިގެން ބަދިގެއަށް ދިއުމުގެ ކުރިން މަދަރުސާއަށްދާ ދެކުދިންނަށް ގޮވައި ހޭލެއްވި އެވެ.

ހަގަޑި ފަންސާސް ވީއިރު މަދަރުސާ ކައިރި މަގުތައް ފުރި ބާރުވެފައިވަނީ މަދަރުސާ ކުދިންނާއި ބެލެނިވެރިން ގިނަކަމުން ނެވެ. ދަރިވަރުންތައް މަދަރުސާއަށް ވަނުމުން ބެލެނިވެރިންތައް އެބައިމީހުންގެ ގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ބަދިގޭގެ މަސައްކަތްތައް ނިންމާލާ ސައި ތައްޔާރުކޮށްފައި ދިޔާނާ ގޮސް ކޮޓަރިއަށް ވަތްއިރު ވެސް މުދިންބެ އޮތީ ނިދާފަ އެވެ. ދެތިން ފަހަރަކު މުދިންބެއަށް ގޮވާލީ އެހެން ދުވަސްތަކު ހޭލާ އިރަށްވުރެ ލަސްވީމައެވެ. މުދިންބެއަކީ އެހާ ނިދިގަދަ މީހަކަށް ނުވާއިރު ދިޔާނާ އެވަރަށް ގޮވުމުން ވެސް މުދިންބެގެ ޚަބަރެއްނުވުމުން ދިޔާނާ ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އަވަސް އަވަހަށް މުދިންބެ ގާތަށް ދިޔައީ އޭނާގެ ގައިގާ އަތްޖައްސާލާ ކުޑަކޮށް ހަލުވާލާށެވެ.

މުދިންބެއަށް ގޮވުމަށްޓަކައި އޭނާގެގައިގާ އަތްޖައްސާލި ދިޔާނާ ދިޔައީ ސިއްސައިގެންނެވެ. މުދިންބެގެ ހަށިގަނޑެކޭ ހަރު ހިލައެކޭ އެއްގޮތެވެ. ދިޔާނާގެ ހައިރާންކަން އިތުރުވެ ހާސްކަން ވަށާލިއެވެ. ދެލޮލުން ފާއްދާލި ކަރުނައާއެކު އަވަސް އަވަހަށް ބަލާލެވުނީ ނޭވާލާ ތޯއެވެ. އަނގަ އާއި ނޭފަތުން ލޭ އައިސްފައިވާ މުދިންބެ އޮތީ މަރުވެފައިކަން އެނގުމާއިއެކު ދިޔާނާގެ އަޑު ފަޅައިގެން ހިނގައްޖެއެވެ. އެހީއަކަށް އެދި ހަޅޭލަވައި ގަންނަމުން މުދިންބެގެ ގައިމައްޗަށް ވެއްޓި ގިސްލަ ގިސްލާފައި ރޯން ފެށުނީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ. އެހެނަސް އެހީވާނެ އެކަކު ވެސް އެއަޑު އިވޭ ހިސާބުގައި ނެތެވެ.

އިންޓޯލްގަޑި ޖެހުމާއިއެކު ކުދިންތައް މަދަރުސާއިން ނުކުމެ ގެތަކާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެއް ވަގުތެއްގައި އެ ހުރިހާކުދިން މަދަރުސާއިން ނުކުތުމުން މުޅިހިސާބުން ފެންނަމުންދަނީ ހުދުކަމެވެ. ހީވަނީ އިރުވާހުދު ބައިގަނޑެއް ނުވަތަ ކިރުދޫނި ބައިގަނޑެއް ހެންނެވެ. ކިރުދޫނި ބައިގަނޑުތަކުތެރޭން މާރަނގަ ފެންނަހެން ދަރިވަރުން ބަލާ އައިސް ތިބި ބައެއް ބެލެނިވެރިން ތަފާތުކުލައެއްގައި ފާހަގަވަމުން ދިޔައެވެ.

އަހުމަދާއި އިނާ އަދި ޒޭބީ މަދަރުސާއިން ނުކުތްއިރު، އެހެން ދުވަސް ދުވަހު އެކުދިންގެ އިންތިޒާރުގައި މަދަރުސާ ކައިރީ ހުންނަ ދިޔާނާ ނެތުމުން ތިންކުދިން ވެސް ވަރަށް ހައިރާންވިއެވެ. އެހެނަސް އެކަމަކީ މާބޮޑުކަމެއް ކަމުގައި ނުދެކެ އަވަހަށް ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ޒުބޭދާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަންޖާމުގެ ފަރާތުން ޒުބޭދާގެ މަރާއި ގުޅުންހުރިކަމުގެ އެއްވެސް ޢަލާމާތެއް ނުފެނުމުން އޭނާ ދޫކޮށްލިއެވެ. އަބަދުވެސް އަންޖާމު ބުނަމުންދިޔަ ފަދައިން ޒުބޭދާގެ މަރާއި އޭނާއާ އެއްވެސް ގުޅުމެއް ނެތެވެ.

މިނިވަންވުމާއެކު އަންޖާމު ނިންމީ ރަށަށް ދިއުމުގެ ބަދަލުގައި ރާއްޖެތެރޭގެ އެހެންރަށަކަށް ޖައްސާލާ ސިކުނޑި ކޮންމެވެސް ވަރަކަށް ހަމައަކަށް އަޅުވާލާ މީހާ ހަމަޖެހިލާށެވެ. ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަން ފިލުވާލާ މީހާ ހަމައަކަށް އެޅޭށެވެ. އޭނާއާ ބެހޭގޮތުން މީހުން ދައްކަމުންދާ ދޮގުވާހަކަތަކުން ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލާށެވެ.

ތިންކުދިން ގޮސް ގެއަށް ވަތްވަގުތު އިވިގެންދިޔަ ދިޔާނާގެ ރުއިމުގެ އަޑުގެ ސަބަބުން ތިންކުދިންނަށް ވެސް ލިބިގެންދިޔައީ ހައިރާންކަމެވެ. އެއްވެސް އިހްތިޔާރަކާއި ނުލައި އެދިމާއަށް ދުއްވައިގަނެވުނީ ތިންކުދިންނަށް އެކުގައެވެ.                                       ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދީީތެރޭން ( 13 )“

  1. ސަލާމަތަށް އެދި މަސައްކަތް ކުރަމުންދިޔަ މުދިންބެގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބި ބަލިކަން ފެންނާން ފެށިއެވެ. އަނގައާއި ނޭފަތުން ލޭ އައިސް ހަރަކާތް ހުއްޓުނުއިރު ދެލޮލުން ފެން ވެސް އައިސް ފިއެވެ. ………. މުދިންބެ ގެ ދުވަސ ވެސް ދިޔައީ….. ދެން ކާކުބާ ؟ ވަރަށް ސައުގުވެރި ރީތި

    0

    0

Leave a Reply

Your email address will not be published.