ހިތާމަ ލޯބީގެ

އިސްކު ( 12 )

އަހަރެންގެ އަތަށް ތަދުވަނީ. ” އަވަސް އަވަހަށް އިނާ ބުންޏެވެ. އެއާއިއެކު އިނާގެ ގައިން ނާއިޒް ދޫކޮށްލިއެވެ.

އިނާ އާއި ނާއިޒްގެ ބައްދަލުވުންތައް އިތުރުވަމުން ދާވަރަކަށް އެދެމެދުގައިވާ ގުޅުން ވެސް ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ. އެކަކުގެ ހިތުން އަނެކަކަށް ޖާގަ ދެވޭން ފެށި އެވެ. ބައްދަލު ކުރެވޭވަރު މަދުވެއްޖެނަމަ ހިތްހަމަ ނުޖެހުން އުފެދޭން ފެށިއެވެ.

އިނާ އާއި ނާއިޒްގެ ބައްދަލުވުން ނިމޭގަޑިއަށް އޭނާ ބަލައި އައުމަށް އިނާ ބުނެފައިވާތީ ނާއިޒްމެން ގެއަށް އަތީލް އައީ އޭނާގެ ކާރުގައެވެ. އަތީލް އައިސް ނާއިޒްމެންގޭ ދޮރުގައި ޓަކިޖަހާލުމާއިއެކު އިނާ އައިސް ދޮރު ހުޅުވާލިއެވެ. އަތީލަށް ހިނިތުން ވަމުން އިނާ ނުކުތް ނަމަވެސް ހަމަ އެސިކުންތުގައި ކަހަލަ ގޮތަކަށް އަނެއްކާ ވެސް ގޭތެރެއަށް ދެމިގަތެވެ.

އިނާގެ އަތްދަބަސް ހިފައިގެން އައި ނާއިޒް އިނާގެ އަތަށް އަތްދަބަސް ދެމުން އެކަކު އަނެކަކަށް ބަލާލާ ހިނިތުންވެލި މަންޒަރު ފެނުމާއިއެކު އަތީލަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. އަތީލްގެ މޫނުމަތިން ފާޅުވި މާޔޫސްކަން އެހެން މީހަކަށް ނުފެނުނެވެ.

އިނާ އާއި އަތީލް ކާރުގައި ދަތުރުކުރަމުން ދިޔައިރު އިނާ އިނީ ކޮންމެ ވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.

އިނާގެ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ބެލުމުގައި އަތީލް ކެތްތެރިވެ އިނެވެ.

އިނާއާ ދިމާއަށް އަތީލް ބަލާކަން ފާހަގަކުރެވުމުން އަތީލަށް ބަލާލަމުން އިނާ ހިނިތުންވެލީ އޭނާގެ މޫނުމަތިން ފާޅުވަމުންދާ ނުތަނަވަސްކަން ފޮރުވާށެވެ.

އިނާ އާއި ނާއިޒްގެ މެދުގައި އުފެދުނު ގުޅުން ތަރައްޤީވެ ކުރިއަރައިގެން ދިޔައީ ހީކުރި ވަރަށްވުރެ އަވަހަށެވެ. ދެމީހުން އެކުގައި ރެސްޓޯރެންޓްތަކަށް ދިއުމާއި ރޭގަނޑު ގަޑީ ސައިކަލް ދުއްވާލާން ނުކުތުން އާންމުވާން ފެށިއެވެ.

ނާއިޒްގެ ފަރާތުން އިނާއަށް ލިބެމުންދާ މަޢުލޫމާތުގެ ތެދާއި ދޮގު ޔަގީންކޮށް އަދި އިތުރަށް މަޢުލޫމާތު ހޯދާން ބޭނުން ވާތީ ނާއިޒްގެ އޮންލައިން ނޫހުގެ އިދާރާއަށް ވެސް އިނާ ދިޔައެވެ. އެތަނުން އޭނާއާ ބައްދަލުކުރީ އަދުހަމް އެވެ. އެތަނަކީ ވެސް ނާއިޒްގެ އޮފީސް ފަދައިން ކޮންމެ މުއައްޒަފަކަށް ވަކިމޭޒަކާއި ކޮންޕިއުޓަރެއް ހަމަޖައްސައި ފަސޭހަކަމާއިއެކު މަސައްކަތް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ނުހަނު ހިތްގައިމު އޮފީހެކެވެ. މުހިންމު ލިޔުންތަކާއި އެހެނިހެން ވެސް މުހިންމުތަކެތި ރައްކާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ބޮޑު ކަބަޑުސެޓް އިނާއަށް ވަރަށް މުހިންމު ވިއެވެ.

” ވަޅި ފެނުނީ ނާއިޒްގެ ކަބަޑުންކަން ކަލެއަށް ޔަގީންތަ ؟ ” އަދުހަމަށް ބަލާލަމުން އިނާ އެހިއެވެ.

” ތިޔަ ސުވާލަށްޓަކައި އަހަރެން ކިހާ ވަގުތެއް ދީފިން …. ދެން ކިތަންމެ ވަރަކަށް އެހިޔަސް ބުނެވޭނީ ހަމަ އެހެން. އޭނާ އަކީ އަހަރެންގެ ދުސްމިނެއް ނޫން. ބޮހަކަށްވުރެ ބޮޑަށް އޭނާ އަހަރެންނަށް ކަމުދަނީ ރައްޓެއްސަކަށް. ވާހަކައެއް ހިއްސާ ކޮށްލާން އޭނާއަކީ ވަރަށް ރަނގަޅު މީހެއް. ލަންމާ މަރާލީ އޭނާ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު އެވަޅި ފެނުނީ އޭނަ ބޭނުންކުރާ ކަބަޑުން. ” އިނާއަށް ބަލާންހުރެ ވާހަކަދައްކަމުން ދިޔަ އަދުހަމް ހާމަކުރީ ޙަޤީޤަތެވެ.

މާލޭގައި ދިރިއުޅެމުންދާ އޭނާގެ ރައްޓެއްސަކަށް ހަދިޔާއެއް ފޮނުވުމަށްޓަކައި މާލެދާ ދޯންޏަށް ފޮށިގަނޑެއްލާން އިނާ އާއި އަތީލް ދިޔައީ އިނާމެން ގެއިން ރޭގަނޑަށް ކައިގެންނެވެ. އަތީލްމެން އެތަނަށް ދިޔައިރު މާލެ ގެންދިއުމަށްޓަކައި ކުރުނބާ އާއި ދޮންކެޔޮ އަދި ޑަބިޔާތަކާއި ފޮށިގަނޑު ފަދަތަކެތި ދޯންޏަށް އެރުވުމާއިގެން ބައެއް މީހުން އުޅެމުން ދިޔައެވެ.

ދޯންޏަށް ފޮށިގަނޑު އެރުވުމަށްފަހު އިނާ އާއި އަތީލް އެތަނުގައި މަޑުކޮށްލީ ޖެހެމުންދިޔަ ހިތްގައިމު ވަޔާއި ދީފައިވާ ނަލަހަނދުވަރުގެ ސަބަބުންނެވެ.

” އިނިސްޕެކްޓަރ ރީސާމް ނާއިޒާއި ދެކޮޅަށް ބަޔާން ތައްޔާރުކޮށްފި. ” ބަނދަރު ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ސިމެންތި ގޮނޑިތަކުން ގޮނޑިއެއްގައި އިށީންނަމުން އަތީލް ބުންޏެވެ.

” ބަޔާން ތައްޔާރުކުރީ އޮފީހުން ފެނުނު ވަޅިއާ ބެހޭގޮތުންތަ ؟ ރީސާމް އަކީ ސަރުކާރުގެ ކަރުދާސް ބޭކާރުގޮތުގައި ހޭދަކުރާން ވަރަށް ޝައުޤުވެރިވާ މީހެއް. އެކަމާއި އަޅާނުލާ. އޭނާއާ މެދު ކަންތައް ކުރާނެގޮތް އަހަރެންނަށް އެނގޭ. ” އަތީލް ގާތު އިށީންނަމުން އިނާ ވާހަކަ ދެއްކިއެވެ.

” އިނާ ތިޔަ ވިސްނާހާ ފަސޭހައެއް ނޫން ތިކަމެއް. ރީސާމަށް ވެސް އެނގޭ އެމީހާއަކީ ބޯހަމަޖެހޭ މީހެއް ނޫންކަން. އެހެންވެ އޭނާ މޮޅު ރޭވުމަކުން އެކަން ކުރީ. ” އިނާއަށް ބަލާލަމުން އަތީލް ވާހަކަ ދެއްކިއެވެ.

” އެމީހުން ކީއްކުރަނީ ؟ ” ހައިރާންކަމާއިއެކު އިނާ އަހާލިއެވެ.

” އޭނާގެ ބަޔާނުގައި އަންހެންކުއްޖެއްގެ ވާހަކަ ވެސް ހިމެނޭ. އެއަންހެން ކުއްޖާއަށް ކިޔަނީ ސާލިނީ. އޭނާ ފަހަރެއްގައި އެއަންހެންކުއްޖާ ކޯޓަށް ވެސް ގެނެސްދާނެ. ” އޭނާއަށް ލިބިފައިވާ މަޢުލޫމާތުތައް އަތީލް އިނާއަށް ކިޔައިދެމުން ދިޔައެވެ.

” އަންހެން ކުއްޖެއް ؟ ” އަތީލަށް ބަލާލަމުން އިނާއަށް އަހާލެވުނެވެ.

” އާން. ވާހަކައެއް ފެށިއްޖެނަމަ ކިތަންމެ ދުރަކަށް ވެސް ހިނގައިދާނެ. އެ އަންހެންކުއްޖާ އަކީ އިއްޒަތްތެރި ޤަދަރުވެރި ތަނަވަސް ޢާއިލާއެއްގެ އަންހެންކުއްޖެއް. އޭނާއާ ނާއިޒްގެ މެދުގައި ކޮންމެ ވެސް ގުޅުމެއް ވާކަމަށް ވަނީ. ” އަތީލް އިތުރަށް ކިޔައި ދިނެވެ.

ދިހައެއް ޖަހާކަން ހާއިރެވެ. ފެންޑާތެރޭ ހުރި ނާއިޒް ސިއްސައިގެން ދިޔައީ ދޮރުފަތުގައި ޓަކިޖަހާލި އަޑަށެވެ. ނާއިޒް ގޮސް ދޮރު ހުޅުވާލިއިރު އެތަނުގައި ހުރީ އިނާ އެވެ. އިނާ އާއި ނާއިޒް ވާހަކަ ދައްކަމުން ދައްކަމުން ގޮސް ފެންޑާތެރޭ ގޮނޑިސެޓްގައި އިށީނެވެ.

” ކަލޭ އަމިއްލައަށް ހުރިހާކަމެއް ކޮށްފައި ކީއްކުރަން އަހަރެން ލައްވާ ވަކާލާތުކުރާން ތިޔަ އުޅެނީ ؟ ” ނާއިޒަށް ބަލާލަމުން ހިތްހަމަ ނުޖެހުމާއިއެކު އިނާ ސުވާލުކުރިއެވެ.

” ކިހިނެތްވީ ؟ މައްސަލައަކީ ކޮބާ ؟ ” ހައިރާންކަމާއިއެކު ނާއިޒް އަހާލިއެވެ.

” ނާއިޒް! އަހަރެން ކުރިން ވެސް ބުނިންދޯ ކަލޭ އަހަރެންނަށް އޮޅުވާލައިފިކަން އަހަރެންނަށް އެނގިއްޖެނަމަ އަހަރެން މިކަން ދޫކޮށްލާނަމޭ. ” ނާއިޒަށް ހަނދާން ކޮށްދިނުމުގެ ގޮތުން އިނާ ބުންޏެވެ.

” އަހަރެން ކަލެއަކަށް ދޮގެއް ނުހަދަން. ” އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭ ފަދައަކުން ނާއިޒް ޖަވާބު ދިނެވެ.

” އެކަމަކު. ސިއްރު ކުރަމެއްނު. ސާލިނީ އަކީ ކާކު ؟ ” ނާއިޒްގެ މޫނަށް ބަލާލަމުން އިނާ ކުރި ސުވާލުގެ ސަބަބުން ނާއިޒް ގާތަށް ވަރަށް ހިނިއައެވެ. އެއާއެކު ހޭން ވެސް ފެށުނެވެ.

” އޫނ. ކަލޭ އިނދޭ ހޭން. އެކަމަކު. ސަރީއަތުގެ މަޖިލީހަށް ނީސާމްގެ ފަރާތުން ސާލިނީ ހާޒިރުކުރާނެ. އޭރުވެސް ކަލޭ ހުންނާތި ތިޔަހެން ހޭން. ” ނާއިޒްގެ އެޢަމަލުގެ ސަބަބުން އިނާގެ ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔައެވެ.

” ނީސާމް ސާލިނީ ގެންދިޔަޔަސް އަހަރެންނަކަށް އެއްވެސް ކަމެއް ނުވާނެ. ” ޔަގީންކަމާއިއެކު ނާއިޒް ބުންޏެވެ.

” އެކަމަކު. އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް އަހަރެންނަށް އެނގެން ޖެހޭނެ. ” އަމުރުކުރާ ފަދައަކުން އިނާ ބުނެލިއެވެ.

” ބުނެދޭނަން. އެކަމަކު. ސަރުތެއްގެ މަތިން … އެއީ ކަލޭގެ ހިނިތުންވުން އަނބުރާ ގެނައުމުން. ” އިނާގެ މޫނަށް ބަލާލަމުން ނާއިޒް ވާހަކަ ދެއްކިއެވެ. އަދި ހިނިތުންވެލިއެވެ.

އިނާއާ ވާހަކަދައްކާ ނިންމާލުމަށްފަހު، އިނާ ދިއުމުން ނާއިޒް އައިސް އޮށޯވެލީ ނިދަން ނަމަވެސް އޭނާގެ ލޮލަށް ނިންޖެއް ނައެވެ. އެނދުގައި އޮށޯވެ ހަމަޖެހިލުމާއިއެކު އޭނާގެ ހަނދާނަށް އައީ ސާލިނީ އެވެ.

ސާލިނީ އާއި ނާއިޒް ބައްދަލުވީ މީގެ އަހަރެއްހާ ދުވަސްކުރިން ވައިލެޓްއޮންލައިންގެ ފަރާތުން ކުރިޔަށް ގެންދިޔަ ސާވޭއަކަށްޓަކައި ރާއްޖެތެރެއަށް ފޮނުވާނެ ކުދިންކޮޅެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އޮފީހަށް އައި ކުދިންގެ ތެރެއިންނެވެ.

ހެދިހުރި ފުރިހަމަ ރީތި ހަށިގަނޑަކާއި ފުރިހަމަ ބައްޓަމެއް ލިބިފައިވާ ސާލިނީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ވަނާތަކާއި ބައްޓަންތަކުގެ ގުޅުން ބަދަހިކަމުންނެވެ. ގައިގެކުލަ އަލި، ފަން އިސްތަށިގަނޑެއް ލިބިފައިވާ ސާލިނީގެ އަންހެންވަންތަ ހަށިގަނޑަކީ ގިނަބައެއްގެ ލޯ އޭނާއަށް އަމާޒުވުމުގެ އެއް އަސްލެވެ. ގަދަކަޅުކުލައިގެ ކަޅިއަކާއި ބޮޑު ދެ ލޯ ލިބިފައިވާ ސާލިނީގެ ކުލަދޮން މޫނު އިތުރަށް ފުރިހަމަ ވެފައިވަނީ އޭނާއަށް ލިބިފައިވާ ހިތިފަތުބުމަ އާއި ޖަންބުކުލައިގެ ކޯތާފަތުގެ އިތުރުން ހީލުމުން ފިނިފެންމަލެއް ފޮޅޭފަދައިން ފާޅުވާ ދެތުންފަތެވެ.

ނާއިޒްއާ  ބައްދަލުވި ހިނދު ސާލިނީގެ މޫނުމަތިން ފާޅުވެގެންދިޔަ އުފަލާއި ހިތްހަމަޖެހުން އަދި ހިނިތުންވުން ނާއިޒްގެ ހިތުގެ އެންމެ ހިމަނާރާއި ވެސް ކުޅެލި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ސާލިނީއަށް ބަލަހައްޓައިގެން ނާއިޒަށް ހުރެވުނީ ކިހާއިރެއްވަން ދެން ކަމެއް ވެސް ނޭނގުނެވެ.

ރާއްޖެތެރެއަށް ފޮނުވުމަށް ހަމަޖެއްސި ކުދިންތެރޭގައި ސާލިނީ ހިމެނުނު ނަމަވެސް، އެކުދިންނާއިއެކު ރާއްޖެތެރެއަށް ސާލިނީ ފޮނުވާކަށް ނާއިޒް ބޭނުމެއް ނުވިއެވެ. ސާލިނީ ފެނުނީއްސުރެ ނާއިޒްގެ ހިތުގައި ވިންދުޖަހަމުން ދިޔައީ ސާލިނީގެ ނަމާއި ސޫރަ އެވެ. މިއުޒިކެއްފަދަ ހިތްގައިމު އެއަޑާއި ހިތްހަމަޖެހުން ގެނުވަމުންދާ އެހިނިތުން ވުމެވެ. އެއޯގާތެރިކަމާއި ހިތްހެޔޮކަމެވެ.

ސާރވޭއަށް ބޭނުންވާ ކުދިން ރާއްޖެތެރޭގައި ކުރަމުންދާ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމަށްޓަކައި ސާލިނީ މަޑުކުރަން ޖެހުނީ ހުޅުމާލޭގައި ނާއިޒްގެ އޮފީހުގައެވެ.

ސާލިނީ ފެނުނީއްސުރެ އެސޫރަ ދުށުމަށް ފެންބޮވައިގެންފައިވާ ނާއިޒް ބޭނުންވިގޮތަށް އަބަދު ވެސް އޭނައަށް ފެންނަ ހިސާބުގައި ސާލިނީ މަސައްކަތްކުރަން ފެށިއެވެ. ނާއިޒްގެ ހިތުގައި ފޮރުވިފައިވާ ސިއްރު ނޭނގޭ ސާލިނީއަށް ނާއިޒްގެ ފަރާތުން ފެންނަމުން ދިޔައީ ހިތްހެޔޮކަމާއި އޯގާތެރި ކަމެވެ. ކަންކަން ކުރަންވީގޮތް ބުނެދިނުމާއި އަބަދު ވެސް އިރުޝާދު ދެމުންދާ ދިނުމެވެ.

ނާއިޒަށް ބަދަލުތަކެއް އަންނަމުންދާކަން ލަންމާއަށް ފާހަގަކުރެވެން ފެށިއެވެ. އަބަދުހެން އޮފީހުގައި އުޅުމާއި ގެއަށް އައުން މަދުވަމުން ދިޔަ، މަދުވުން ލަންމާއަށް ފާހަގަވަމުން ދިޔައެވެ.

ކަންތައްތައް ވަމުންދާގޮތާއި ބެހޭގޮތުން ލަންމާ ސުވާލުކުރުމުން ނާއިޒް ބުނަމުން ދިޔައީ އަލަށްފެށި މަސައްކަތް ހަމައަކަށް ނޭޅޭތީ މިދުވަސްކޮޅު މާބޮޑަށް ބިޒީ ކަމަށެވެ. މުޅިންއައު މުއައްޒަފުންތަކެއް ލައްވާ މަސައްކަތް ކުރުވާތީ ބަލަންޖެހިފައިވާ ބެލުން އިތުރުވެފައިވާ ކަމަށެވެ.

ޚިޔާލީކަނޑެއްގައި ފަތަމުންދިޔަ ނާއިޒަށް ނިދުނީ ކިހާއިރަކުކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ.

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އަތީލް އޭނާގެ އާދައިގެމަތިން އިނާމެން ގޭގައި ލިޔުމުއްގެ މަސައްކަތް ކުރަން އިނެވެ.

ބޭރަށްދާން ތައްޔާރުވެގެން ފައިލެއް ހިފައިގެން ކޮޓަރިން ނުކުތް އިނާ އައިގޮތަށް އައިސް ހުއްޓުނީ އަތީލް ގާތަށެވެ.

” އަތީލް! ދޭބަލަ ދިރާގަށް. އެތަނަށް ގޮސް މިއަހަރުތެރޭ މިނަންބަރަށް އައިސްފައިވާ ކޯލްތަކާއި މިނަންބަރުން ކޮށްފައިވާ ކޯލްތަކުގެ ތަފްސީލެއް ހޯދަބަލަ. ” އަތީލްގެ އަތަށް ކަރުދާސްކޮޅެއް ދެމުން އިނާ ވާހަކަ ދެއްކިއެވެ.

” މިއީ ކާކުގެ ނަންބަރެއް. ” ކަރުދާސްކޮޅުގައިވާ ފޯނުނަންބަރު ބަލާލުމަށްފަހު އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.

” ތިއީ ނާއިޒްގެ ނަންބަރު. އަދި ބުނަން. ހަންދާންކޮށް ލިޔުމެއް ގެންނާތި. މިޒަމާނުގައި ލިޔުން ވަރަށް މުހިންމު ވާނެ. ” އަތީލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އިނާ ވާހަކަ ދެއްކިއެވެ.

” ނާއިލްގާތު ސާލިނީގެ ވާހަކަ ދެއްކިންތަ ؟ ” ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް އަތީލް އަހާލިއެވެ.

” މިވާހަކަ މިދެއްކީ ސާލިނީއަށް ވެސް ވިސްނާފަ. އަނެއްހެން އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް. ” ހިނިތުން ވެލަމުން އިނާ ބުންޏެވެ.

” އިނާ! އަހަރެންނަށް ހީވަނީ އިނާ ތިޔަ ހަދަނީ ގޯހެއްހެން. އިނާ ތިޔަ އުޅެނީ ކުށްވެރިއަކު ކުށުން ސަލާމަތް ކުރާން ކަންނޭނގެ. ” އިނާގެ މޫނަށް ބަލާން އިނދެ އަތީލް ވާހަކަ ދެއްކިއެވެ.                      ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.