ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 1 )

ގުލްފާ އަކީ ހިމަތޮޅި ކުލަދޮން ހަށިގަނޑެއް ލިބިފައިވާ އުމުރުން އަށާރަ ވަރަކަށް އަހަރުގެ ޒުވާނެކެވެ. އޭނާގެ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ލިބިފައިވާ އިތުރު ކުރިއެރުމެކެވެ. ގަދަ ކަޅުކުލައިގެ ދިގު ފަން އިސްތަށިގަނޑުގެ ތެރޭން އޭނާގެ ފުރިހަމަ ދޮންމޫނު ފެންނައިރު ކަޅު ވިލާގަނޑެއްގެ ތެރެއިން ސާދަވިލޭރޭގެ ހަނދު ފެންނަ ފަދައެވެ.

ގުލްފާގެ މަދްރަސީ ދައުރުގައި ވެސް އޭނާގެ ލޯތްބަށް އެދި އާދޭސްކުރި އެތައް ފިރިހެން ކުދިންނާއި އޭނާއާ ބައްދަލުވި އެވެ. އެއިން އެއްވެސް ކަމަކަށް ގުލްފާ ސަމާލުކަން ނުދިނީ ތައުލީމަށް އޭނާ ދިން ސަމާލުކަމެއްގެ ސަބަބުންނެވެ.

ގުލްފާ ތަޢުލީމަށްދިން ސަމާލުކަމުގެ ސަބަބުން އޭނަ ވެގެން ދިޔައީ ކޮންމެކުލާހަކުން ރަންވަނައެއް ހޯދަމުން އައިސް މަދުރަސީ ހަޔާތް ނިންމާލި މަދު ދަރުވަރުންގެ ތެރޭގައެވެ. ތަޢުލީމީ ދާއިރާއެކޭ އެއްފަދައިން ގުލްފާ ފާހަގަވަމުން ދިޔައީ މަދަރުސާއިން އިންތިޒާމްކުރާ އެހެން ހަރަކާތްތަކުގައި ވެސް ރަންވަނަތަކެއް ހޯދަމުންދާ ދަރިވަރެއްގެ ގޮތުގައެވެ.

ތަޢުލީމީ ހަޔާތް ނިމުމާއިއެކު ގުލްފާ އަވަސްވެގަތީ ވަޒީފާއެއް ހޯދާށެވެ. އަބަދު މައިންބަފައިންގެ ހަރަދުގައި އުޅުމަކީ ގުލްފާ ބޭނުންވާ ގޮތެއް ނޫނެވެ. ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބުތަކާއި ރަންވަނަތަކުގެ ސަބަބުން ވަޒީފާއެއް ހޯދުމަކީ ގުލްފާއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. ވަޒީފާއެއް ނުލިބިގެން އަތް އުރާލައިގެން ހުންނާކަށް ވެސް ނުޖެހުނެވެ.

ގުލްފާ އާއި ހަމްދާން ބައްދަލުވީ ގުލްފާ ވަޒީފާއަށް ދިޔަ އޮފީހުންނެވެ. ފުރަތަމަ ފެނިލުމާއިއެކު، އޮފީހުގެ އެހެން ފިރިހެން ޒުވާނުން ފަދައިން ހަމްދާންގެ ހިތުގައި ވެސް ގުލްފާ އާއި މެދުގައި ޝަޢުޤުވެރިކަން އުފެދުނެވެ.

ވަޒީފާގެ ކަންތައް ހަމަޖެހިފައިވާ ގޮތުން ގުލްފާ އާއި ހަމްދާން މަސައްކަތް ކުރަން ޖެހުނީ އެއް ސެކުޝަނެއްގައި އެއްމޭޒެއް ކައިރީގައެވެ. ގުލްފާއާ އެންމެގާތުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު މީހަކީ ހަމްދާނަށް ވުމުން އޭނާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ. އޭނާގެ އުންމީދުތައް އާވެގެން ދިޔައެވެ.

ގުލްފާ އާއި ހަމްދާން އެއްމޭޒެއް ކައިރީގައި މަސައްކަތް ކުރަން ފެށުމާއިއެކު އެދެމެދުގައި ރަހުމަތްތެރިކަން އުފެދި އެގުޅުން ތަރައްޤީ ވަމުން ދާންފެށިއެވެ. ގުލްފާ އާއި ހަމްދާންގެ މެދުގައި އުފެދި ތަރައްޤީ ވަމުންދިޔަ ގުޅުމުގެ ސަބަބުން ހަމްދާނަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.

ހަމްދާނަކީ ރާއްޖެތެރޭން އައިސް މާލޭގައި ދިރިއުޅެމުންދާ ޒުވާނެއް ނަމަވެސް ގުލްފާއަކީ މާލެއަށް އުފަން މާލޭގެ ޒުވާނެކެވެ. ގުލްފާމެން ދުނިޔެއަށް ނޭވާލުމުގެ މާކުރީއްސުރެ ފެށިގެން އެޢާއިލާއިން ދިރިއުޅެމުންދަނީ މާލޭގައެވެ. ގުލްފާގެ މައިންބަފައިންގެ ގެދޮރު މާލޭގައި ހުރެއެވެ.

ހަމްދާނާއި އެކުގައި މަސައްކަތް ކުރަންޖެހި ހަމްދާންއާއެކު މަސައްކަތްކުރަން ފެށުމުން ގުލްފާއަށް އެންމެބޮޑަށް ފާހަގަ ވެގެން ދިޔައީ ހަމްދާންގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމާއި އެއްބާރުލުމެވެ. ކަންކަން ބުނެދިނުމުގައި ގެންގުޅޭ ފަސޭހަގޮތްތަކާއި އެކަމެއް ބުނެދޭ މީހާއަށް ދަސްވަންދެން ބުނެދެމުންދާ ބުނެދިނުމެވެ. ނޭނގޭނަމަ އިތުރަށް އެހުމަށް ބުނަމުންދާ ބުނުމެވެ.

ހަމްދާންއާއެކު މަސައްކަތް ކުރަން ފެށުމާއިއެކު ހަމްދާންގެ މިޒާޖު ވެސް ދަސްވަމުން ދިޔައެވެ.

ހަމްދާންގެ ފަރާތުން ފެންނަމުންދިޔަ ގިނަގުނަ ރަނގަޅު ކަންތައްތަކުގެ ސަބަބުން ގުލްފާގެ ހިތުގައި ހަމްދާނާއި މެދުގައި ޝަޢުޤުވެރިކަން އުފެދެމުން ދިޔައެވެ. އެހެނަސް ގުލްފާ ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ. އަންގާކަށް އޭނަ ބޭނުމެއް ވެސް ނުވެއެވެ.

ގުލްފާ އާއި ހަމްދާންގެ މެދުގައިއޮތް ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ އެހެން އެންމެންގެ ލޯތަކަށް ސިއްރުން ނެވެ. އެދެމެދުގައި އުފެދުނު ލޯބީގެ ގުޅުން ވެގެން ދިޔައީ އެ ދެޒުވާނުންނަށް ވެސް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. މޫނުމައްޗަށް ހިނިތުންވުން ގެނެސްދިން ކަމަކަށެވެ. އެގުޅުމަކީ ދެމީހުން ވެސް އެދިއެދި ތިބި ކަމަކަށްވާތީ އާއި ވަޒީފާގެ ކަންތައް ހުރިގޮތުން އެކަމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދާކަށް ނުޖެހުނެވެ. އެ ގުޅުމާއިބެހޭ އެއްވެސް މަޢުލޫމާތު އެދެމީހުން ފިޔަވައި އެހެން މީހަކަށް ނޭނގެ އެވެ. ދެމީހުން ވެސް ބޭނުންވީ އެގުޅުން އޮފީސް މީހުނަށް ސިއްރެއްގެ ގޮތުގައި އަދި ބާއްވާށެވެ.

ގުލްފާ އާއި ހަމްދާންގެ ލޯބީގެ ގުޅުން އޭގެ އެންމެ ތާޒާކަމާއި ފުރިހަމަކަމާއި އެކުގައި ކުރިއަރަމުން ދިޔައެވެ. އޮފީސްތެރޭގައި ވާހަކަދައްކާލައި އުޅޭ އުޅުމުގެ އިތުރުން މާލޭގެ މަޝްހޫރު ރެސްޓޯރެންޓްތަކާއި ކެފޭތަކުން ބައްދަލުކޮށް ލޯބީގެ އަހުދުތަކާއި ވަޢުދުތައް ވަމުން ކުރިމަގަށް ރޭވުންތައް ރާވަމުން ދިޔައެވެ.

ގުލްފާމެން ގެއަށް ހަމްދާން ގެންގޮސް އެގޭ މީހުންނަށް ހަމްދާން ތަޢާރަފްކޮށް ދިނީ ގުލްފާ އެވެ. އެޢާއިލާގެ އެންމެން ވެސް ހަމްދާނަށް މަރުޙަބާކީ އުފަލާއި ހިތްހަމަޖެހުމާއި ހިނިތުންވުމާއި އެކުގައެވެ. އެކަމުގެ ސަބަބުން ހަމްދާނަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާގެ ހޮވުން ޢާއިލާގެ މެންބަރުންނަށް ކަމުދިޔުމުންނާއި ޢާއިލާއިން ހަމްދާނަށް މަރުޙަބާކީލެއް ރަނގަޅުކަމުން ގުލްފާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.

މަދަރުސާތަކުގެ ބޮޑުޗުއްޓީ ފަދަ މުހިންމު ޗުއްޓީތަކާއި ދިމާކޮށް ރާއްޖެތެރެއަށް ގޮސް އުޅުމަކީ މާލޭގައި ދިރިއުޅޭ ޢާއިލާތަކުން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. މި ގޮތުން ދާދިއުމުގައި ފަޅުރަށްތަކަށް ދިއުމަކީ ވެސް ބައެއް ޢާއިލާތަކުން ކޮށްއުޅޭ ކަމެކެވެ.

ގުލްފާގެ ޢާއިލާއަކީ ކޮންމެ އަހަރެއްގެ ވެސް ބޮޑުޗުއްޓީއާ ދިމާކޮށް ރާއްޖެތެރެއަށް ގޮސްއުޅޭ ޢާއިލާ އެކެވެ. އެގޮތުން އެ ޢާއިލާއިން އަބަދު ވެސް ގޮސް އުޅެނީ ފަޅުރަށް ތަކަށެވެ. އެގޮތުން ގޮސްއުޅޭ އުޅުމުގައި ބައެއްފަހަރު އެއްރޭ ނުވަތަ ދެރޭ ވެސް އެރަށެއްގައި މަޑުކުރެއެވެ. އެފަދަ ދަތުރުތަކަކީ ޢާއިލާގެ މެންބަރުންނާއި ޢާއިލާގެ މެންބަރުންނާއި އޮންނަގުޅުން ރަނގަޅުވެ ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ތާޒާވެގެންދާ ކަމެއް ކަމުގައި އެފަދަ ޢާއިލާތަކުން ދެކެއެވެ.

މިއަހަރު ވެސް ބޮޑުޗުއްޓީ ފެށުމާއިއެކު ގުލްފާމެން ޢާއިލާ އާއި އެބައިމީހުންގެ ރައްޓެހިން އެމީހުންގެ އާދައިގެމަތިން ފަޅުރަށަ ކަށް ދަތުރު ދިއުމަށް ތައްޔާރުވާން ފެށިއެވެ. ދަތުރުގެ ރޭވުންތައް ފެށުމާއިއެކު އެޢާއިލާއާ އެކުގައި އެދަތުރުގައި ބައިވެރިވުމަށް ހަމްދާންގާތު ގުލްފާ އެދުނެވެ. ދަތުރާއި ގުޅުންހުރި ބައެއް މަޢުލޫމާތު ވެސް ޙިއްޞާކުރި އެވެ.

ގުލްފާ އެދުނުފަދައިން އެޢާއިލާއާއެކުގައި އެދަތުރުގައި ހަމްދާން ބައިވެރިވާނެ ވާހަކަ ބުނުމުން ގުލްފާ ވަރަށް އުފާވިއެވެ. ހަމްދާނަށް ޝުކުރުއަދާކުރި އެވެ.

މާޒީއާއި އެކުވަމުންދިޔަ ދުވަސްތަކާއިއެކު ގުލްފާ އާއި ހަމްދާންގެ ލޯބީގެގުޅުން ވެސް ތަރައްޤީވެ ބަދަހިވަމުން ދިޔައެވެ. އޮފީހު ތެރޭން އުފެދި ކުރިއަރަމުން ދިޔަ އެލޯބީގެ ގުޅުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް އޮފީހުގެ އެހެން މުއްޒަފުންނަކަށް ނޭނގެއެވެ.

ގުލްފާގެ ޢާއިލާއިން ރޭވި ދަތުރުގައި ބައިވެރިވުމަށްޓަކައި ގުލްފާ އާއި ހަމްދާން އޮފީހުން ދެދުވަހުގެ ޗުއްޓީއެއް ނެގިއެވެ.

އަރައިގެން އައި އިރާއިއެކު މާލެތެރެއަށް ހަލަބޮލިކަން ވެރިވެގެންދިޔައީ އޭގެ އިންތިހާއަށެވެ. މަސައްކަތްތެރިންތައް މަސައްކަތް ތަކާއިގެން އުޅެގަތްއިރު އެންމެ ބާރުބޮޑުވެފައިވަނީ ބަނދަރުތައް ހިމެނޭ ސަރަހައްދުތަކަށެވެ. މާލެ އަންނަ އޮޑިދޯނި ފަހަރާއި މާލެއިން ފުރާ އޮޑިދޯނި ފަހަރުގެ އިންޖީނުގެ އަޑުން މުޅިތަން އެއްއަޑަކަށް ވެފައިވާއިރު މީހުން ވެސް އެހާމެ ގިނައެވެ. އެންމެން ވެސް އުޅެނީ އެކިކަހަލަ މަސައްކަތްތަކާއިގެން ނެވެ. މާލެއިން ރަށަށްގެންދާ މުދާތައް ދޯނިތަކަށް އެރުވުމާއި ރަށުން އައިއިރު ވިއްކާލަން ގެނައި އެތިކޮޅު މާލެއަށް ބާލާށެވެ. އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ މީހުންގެ އަދަދު ގިނަވުމާއިއެކު އަޑު ވެސް ގަދައެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަދައްކަމުންދާތީ ކިޔާ ނުކިޔާ އެއްޗެއް ސާފުވާވަރުނުވި އެތައް ފަހަރެއް ވެސް އައެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަމުންދިޔައީ އެބައިމީހުނަށް ކުރިއެރުން ހޯދާށެވެ. އަވަހަށް މުދާތައް އަރުވައިގެން ފުރާށެވެ. އަވަހަށް މުދާތައް ބާލައިގެން ގެންދާށެވެ.

ފުރުމަށް ހަމަޖެހިފައިވަނީ އަށެއް ޖަހާއިރު، އާހާބަރުން ނެވެ. ދަތުރުގެ ބައިވެރިން ސައިކަލްތަކާއި ޓެކްސީތަކުގައި ހާބަރަށް ޖަމާވާން ފެށިއެވެ. ރޭވުމާއި އެއްގޮތަށް ކަންތައް ދާތީ އެންމެން ވެސް ތިބީ ވަރަށް އުފަލުން ނެވެ. ކޮންމެމީހަކު ދަބަހެއް ހިފައިގެން އައިއިރު ދަތުރަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ވެސް މުހިންމު ތަކެތި ގެނައީ ބޮޑު ޕިކަޕެއްގައެވެ.

ދަތުރު ދިއުމަށް ހަމަޖައްސާފައިވަނީ އެންމެ މިހާރުގެގޮތަށް ހަދާފައިވާ ބޮޑު ދޯންޏެއްގައެވެ. މީހުންނާއި ކުދިންތައް ދޯންޏަށް އަރަމުން ދިޔައިރު ހަމްދާން ހުރީ ކޮންމެ ވެސް ވަރަކަށް ހައިރާން ވެފައެވެ. މީހުން ގިނަވެފައި އެކެއް އަނެކަކާއި ނުހަނު ގުޅެއެވެ. ފެންނަމުން ދަނީ އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ.

ދޯނީގައި ތިބި ބައެއް މީހުން އިނގިލި ދިއްކޮށްފައި މީހުންތައް ގުނަން ފެށުމުން ހަމްދާން ވެސް އަވަސް ގޮތަކުން މީހުން ގުނާލިއެވެ. ދަތުރުގައި ތިރީހަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ. ގިނައީ ދެޖިންސްގެ ޒުވާނުން ނަމަވެސް މެދުއުމުރުގެ މީހުންނާއި ދެތިން ކުޑަކުދިން ވެސް ހިމެނެއެވެ.

މީހުން އަރައި ހަމަވުމުން ދޯނި ނައްޓާލިއެވެ. ގުރޫޕްގެ ލީޑަރަކަށް ހުރީ ގުލްފާގެ ބައްޕަ އަބްދުލް ހާދީ އެވެ.

ހަމްދާން އެދަތުރުގައި ބައިވެރިވީ ގުލްފާ ބުނެގެންކަން ހިނދުކޮޅަކަށް ވެސް ގުލްފާ ހަނދާނެއް ނުނެތެއެވެ. ހަމްދާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދިހަވަރަކަށް މިނިޓް ހުރުމަށްފަހު ގުލްފާ އައިސް ހަމްދާން ގާތުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

ގުލްފާއާއި ހަމްދާން ވާހަކަދައްކަން ފެށުމުން ޒުވާނުންތައް އެތަނަށް އަންނަން ފެށިއެވެ. އެތަނަށް އައި މީހުންނަށް ހަމްދާން ތައާރަފްކޮށްދީ ވާހަކަ ދެއްކުވީ ގުލްފާ އެވެ. ދަތުރު ކުރިޔަށްދާ ވަރަކަށް ހަމްދާނާއި އެހެން ބައިވެރިންގެ މެދުގައި ރަހުމަތްތެރިކަން އުފެދި ގުޅުން ބަދަހިވަމުން ދިޔައެވެ.

ބޮޑުބެރު ޖެހުމަށް ނުހަނު ޝަޢުޤުވެރިވާ އަސީލް އޭނާގެ އާދައިގެމަތިން ބެރު ހިފައިގެން އައިސް ބެރުޖަހަން ފެށިއެވެ. ޒުވާން ފިރިހެން ކުދިންތައް އައިސް އަސީލްއާ ބައިވެރިވެ ލަވަކިޔަން ފެށިއެވެ. ބައެއް އަންހެންކުދިން ވެސް އެގުރޫޕާއި ގުޅި ލަވަކިޔަމުން ދިޔައެވެ. މިފަދަ ދަތުރުތަކަކީ މިކަހަލަ އެތައް މަޖާކުރުންތަކެއް އެކުލެވިގެންވާ ދަތުރުތަކަކަށް ވާތީ އެންމެނަށް ވެސް އެކަން ވަރަށް ކަމުދިޔައެވެ. ބައެއް ޒުވާނުން ލަވަޔާއި ބެރަށް ފައި ހަމަކޮށް ނަށަމުން ދިޔައެވެ.

ނުވަގަޑިއަށް ގެނައި ލުއިކާނާ އާއި ޖޫސް ބުއިމުގައި އެންމެން ވެސް ބައިވެރިވިއެވެ.

ދެތިންގަޑިއިރުގެ ދިގު ދަތުރަކަށްފަހު ދޯނި ގޮސް ބޮޑުކާށިހުރާއާ ގާތްކޮށްފި އެވެ. ގުލްފާމެނަށް އެރަށަށް އާދެވުނު ވަގުތަކީ އެދުވަހުގެ ދިޔަވަރު އެންމެބޮޑު ވަގުތަށް ވުމުން ރަށާއި ދޯނި ގާތްކުރަން ވަރަށް ފަސޭހަވި އެވެ.

ގުލްފާމެނާއި އެމީހުން ގެނައިތަކެތި އެއްގަމަށް ބޭލުމަށްފަހު ދޯނިފުރައިގެން ހިނގައްޖެ އެވެ. ޒުވާނުންތައް އަވަސް އަވަހަށް ތަކެތި ގެންދަން ފެށިއެވެ. ރަށަށް އަރައި ހަމަޖެހިލެވުމުން އަންހެން ވެރިން އުޅުނީ މެންދުރަށް ކައްކާށެވެ. ފިރިހެނުންތައް އުޅުނީ ރޭގަނޑު ނިދުމަށްޓަކައި ވަގުތީ ގެއެއް އަޅާށެވެ. އެއިން ކަމެއްގައި ބައިވެރިނުވެ ތިބި ޒުވާނުންނާއި ކުޑަކުދިންތައް ރަށުގެ އެތަން މިތަނުގައި ކުޅެ މަޖާކުރަނީ އެވެ.

މެންދުރުގެ ކެއުމުގެ ވަގުތު ވެސް ދިޔައީ ނުހަނު އެކުވެރިކަމާއި އެއްބައި ވަންތަކަމާއިއެކު އެހާމެ މަޖަލުގަ އެވެ.

މެންދުރަށް ތައްޔާރުކުރި ކެއުމަކީ އެންމެނަށް ވެސް ވަރަށް ކަމުދިޔަ ރަނގަޅު ކެއުމަކަށް ވިއެވެ.

މެންދުރުގެ ކެއުމަށްފަހު ގިނަބަޔަކު ބޭނުންވީ އަރާމްކޮށްލަން ކަމަށްވާތީ އެކި މީހުން އެކި ތަންތަނުގައި އޮށޯތެވެ. ހަމްދާން ވެސް ގޮސް އުނިގަހެއް ކައިރީގައި އެގަހުގެ ހިޔަލުގައި އޮށޯވެ ލޯމަރާލި އެވެ.

ކުޑަކޮށް ނިދިފައި އޮތް ހަމްދާނަށް ސިއްސައިގެން ގޮސް ހޭލެވުނީ ކޮންމެ ވެސް އަންހެންކުއްޖަކު އޭނާއަށް ގޮވާލި އަޑަށެވެ.  މީގެކުރިން ދުވަހަކު ވެސް އިވިފައިނުވާ އެއަޑު ވެގެން ދިޔައީ ހަމްދާންގެ ހިތަށް ހަމަޖެހުން ގެނުވި މިއުޒިކެއް ފަދަ އަޑަކަށެވެ. އަވަސް އަވަހަށް ތެދުވެ ވަށައިގެން ހޯދާލި ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އެއީ އޭނާއަށް ހީވި ގޮތެއްކަމަށް ބަލާފައި ހަމްދާން އަނެއްކާ ވެސް އޮށޯތެވެ.

މިފަހަރު ވެސް ހަމްދާނަށް ނިދިޖެހެލި ތަނާހެން އަންހެންކުއްޖަކު ގޮވާލިއަޑު އިވުނެވެ. އެއީ ކުރިން ވެސް އޭނާއަށް އިވުނު ހިތްގައިމު މިއުޒިކެއްފަދަ އަޑުކަން ހަމްދާނަށް ޔަގީނެވެ. މިފަހަރު ހަމްދާން ބޭނުންވީ އެއީ ކާކުކަން ޔަގީން ކުރާށެވެ. އަވަސް އަވަހަށް ތެދުވެ ވަށައިގެން ހޯދާލުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުން ވިނަގަނޑުތެރެއަށް ވަނެވެ.

ގަދަރަތް ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހަމްދާނަށް ފުރަގަސްވާގޮތަށް ވިނަގަނޑުތެރޭގައި ހުރި އަންހެން ކުއްޖާއަށް، ހަމްދާން ވިނަގަނޑުތެރެއަށް ވަތްކަން އެނގޭއިރަށް ހަމްދާނާއި ދުރައް ދުއްވައިގަތެވެ. އޭނާގެ ފަހަތުން ދުވެފައި ގޮސް އޭނާގެ ގޮތް ހޯދަން ހިތަށްއެރި ނަމަވެސް ހަމްދާން ކުޑަކޮށް ވިސްނާލުމަށްފަހު މަޑުކުރިއެވެ. މިފަދަ ވަގުތެއްގައި އެފަދަގޮތަކަށް ހަމްދާން ޢަމަލެއްކޮށް އެކަން ދަތުރުގެ ބައިވެރިންނަށް އެނގި ނުބައި ގޮތަކަށް މާނަ ނަގައި ގުލްފާ އާއި އޭނާގެ ޢާއިލާގެ މެންބަރުންގެ ކުރިމަތީގައި ފަލީހަތް ވެދާނެކަމާއިމެދު ވެސް ހަމްދާން ވިސްނިއެވެ. އެފަދަކަމެއް ވާކަށް އޭނަ ބޭނުމެއް ނުވެއެވެ.

ކުޑަކޮށް ވިސްނާލުމަށްފަހު ހަމްދާން އަނެއްކާ ވެސް އޮށޯތީ ދަތުރުގެ ބައިވެރިން ބައްދަލުވާ ވަގުތަކުން އެކުއްޖާ ފާހަގަ ކުރުމަށް ނިންމައިގެން ނެވެ. އެއަންހެންކުއްޖާ ކޮންމެތާކުން ފެނުނަސް ވަކިކުރަން އެނގޭނެކަން ހަމްދާނަށް ޔަގީންވެ އެވެ.

ނުނިމޭ

0
0
މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.