ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 1 )

މިއީ ހިންދީފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެއް .

އަސްނާދުގެ އޭނާގެ ތަޢުލީމީ ހަޔާތް، ނިންމާލުމަށްފަހު ރަށަށް އައީ ސަރުކާރުގެ ފަރާތުން އޭނާ ހަމަޖެއްސި ރަށު ކައުންސިލަރުގެ ވަޒީފާ އަށެވެ. ލިބުނު މަގާމާއިއެކު އޭނައަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އިތުރުވެފައި ވެއެވެ.

މެންދަމު ދޭއްޖަހާކަން ހާއިރެވެ. ދުވަސްވަރަކީ ކަޅުފޮއި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ރަށުތެރެ ފެންނަނީ ވަރަށް  އަނދިރިކޮށެވެ. އެހާމެ ހަމަހިމޭން ކޮށެވެ. ހީވާގޮތުން ހޭލާއުޅޭ އެކަކު ވެސް ނެތެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ގުރާބުގޭ ދޮރުހުޅުވުނެވެ. ގޭތެރެއަށް ވަނީ ކަޅު ފިރިހެނެކެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން އެއީ ކާކުކަން އެނގޭވަރެއް ނުވެއެވެ.

އުމުރުން އަށާރަވަރަކަށް އަހަރުގެ ސައިފާއަކީ ހެދިހުރި ރީތި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ފުރިހަމަ އަންހެން ކުއްޖެކެވެ. ރަށުގައި އުޅެމުންދާ ޒުވާނުންގެ ތެރެއިން އެތައް ޒުވާނެއްގެ ހިތުގެ މަލަކާ ވެސް މެއެވެ. ހިތުގެ ވިންދެވެ. ލޯބީގެ ހުށަހެޅުންތަކާއި އެފަދަ ދަޢުވަތުތައް އެންމެގިނައިން ލިބެމުންދާ އެއްޒުވާނާ ވެސް މެއެވެ.

ސައިފާގެ ރީތިކަމާއި ފުރިހަމަކަމަށް އަދި އޭނާއަށް ލިބެމުންދާ ލޯބީގެ ހުށަހެޅުންތަކުގެ ސަބަބުން އޭނާ ބޮޑާވެ ކިބުރުވެރި ވާކަމަށް ބައެއް ޒުވާނުން ބުނަމުން ދިޔައެވެ.

ސައިފާ އޭނާގެ އާދައިގެމަތިން މިރޭވެސް ނިދާންއޮތީ ފެންޑާތެރޭގައި ހުރި ފަތްޖެހި އެނދުގަ އެވެ. ފެންޑާތެރޭގައި ހުރި މޭޒުމަތީ ގައި ފުޅިބައްތިއެއް ދިއްލާފައި ހުރި ނަމަވެސް އެބައްތިން މާބޮޑު އަލިކަމެއް ފާޅެއްނުވެއެވެ.

ގޭތެރެއަށް ވަދެ ވަށައިގެން ހޯދާލުމަށްފަހު އެމީހާ މިސްރާބު ޖެހީ ފަތްޖެހިއެނދުގައި އޮތް ސައިފާއާ ދިމާއަށެވެ. އެމީހާ ގޮސް ސައިފާ ގާތަށް ހުއްޓެމުން ވަރަށް ޝައުޤުވެރިކަމާއިއެކު ސައިފާގެ މުޅިހަށިގަނޑަށް ނަޒަރު ހިންގާލި އެވެ.

ސައިފާ ގާތުގައި ހުރި މީހާ ސައިފާއާ ދިމާއަށް ގުދުވަމުން އޭނާގެ އަނގަ އާއި ނޭފަތާއެކު އަތް އަޅައި ސައިފާގެ ނޭވާ ބަންދުކޮށްލި އެވެ. ސިއްސައިގެން ގޮސް ސައިފާއަށް ހޭލެވުނީ ނޭވާ ހާސްވެގެން ނެވެ. ނޭވާ ހާސްވުމުން ސަލާމަތްވެވޭތޯ ސައިފާ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބި އޭނާގެ ޚަބަރު ހުސްވެއްޖެއެވެ.

ސައިފާ ނަގައި ކޮނޑަށް ލައިގެން އެމީހާ ނުކުތީ ބޭރަށެވެ. އަދި މަޑުމަޑުން އެގޭ ދޮރުލައްޕާލިއެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އަނދިރިކަމުގެ ތެރޭގައި ސައިފާ ނަގައި ކޮނޑަށް ލައިގެން އެމީހާ ހިނގަމުން ދިޔައީ ރަށުގެ ސަހަރާއާ ދިމާއަށެވެ.

އެމީހާ ހިނގަމުންދިޔައީ ކިތަންމެ މަޑުމަޑުން ނަމަވެސް އެމީހާގެފައި ބިމުގައި ޖެހޭހެނެއް ހިއެއް ނުވެއެވެ.

ސައިފާ ގޮވައިގެން ދިޔަމީހާ އެދިޔަގޮތަށް ގޮސް ވަނީ ސަހަރާތެރެ އަށެވެ. ނިކަގަހުގައި ތިބި ވާތައް އަޑުއަޑު ލައްވަމުން އުދުއްސައި ގަތެވެ. ހީވީ ބިރުވެރިކަމެއް ލައިގެން ހެންނެވެ. ސަހަރާ ކައިރީމަގު ހުރި މަގުބައްތިން ފަނޑު އަލިކަމެއް ސަހަރާތެރެއަށް ވެރިވެފައި ވެއެވެ.

ވަރަށް ފަރުވާތެރިކަމާއިއެކު ސައިފާ ބިންމަތީގައި ބޭއްވުމަށްފަހު އެމީހާ ކޮޅަށްތެދުވެ ހިންދެމިލަމުން ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލި އެވެ. އަވަސް އަވަހަށް ޖީބަށް އަތްލުމަށްފަހު ކޮންމެވެސް އެއްޗެއް ނެގިއެވެ. ކޮންމެވެސް ކަމަކާއިމެދު ވިސްނަން ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ސައިފާ ކައިރީ އެމީހާ އިށީނެވެ. އޭނާގެ ޖީބުންނެގި ކުޑަވަރެއްގެ ފޮށްޓެއް ހުޅުވާލުމަށްފަހު އެފޮށީގެ ތެރެއިން އެމީހާ ނެގީ ސިރިންޖެކެވެ. ސައިފާގެ ކަރަށް އެސިރިންޖްގެ ކަށި ކޮށްޕާލުމާއިއެކު ސައިފާ ހޭއަރައި ތެޅިގަންނަމުން ސަލާމަތަށް އެދި ހަޅޭލަވައި ގަތެވެ. އެމީހާގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އެއީ ކާކުކަން އެނގޭތޯ ވެސް ބެލިއެވެ. އެހެނަސް އެމީހާގެ މޫނުމަތީގެ ސިފަ އެނގޭވަރެއް ނުވެއެވެ.

އެމީހާގެ ކިބައިން ސަލާމަތްވުމަށް ސައިފާ ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބުނެވެ. އެމީހާ ބޭނުންވިފަދައިން އޭނާ ކަންތައްކޮށް ނިންމާލި އެވެ. ސައިފާގެ ގައިން ވަރުދެރަވެ އަނެއްކާ ވެސް ޚަބަރު ހުސްވެއްޖެ އެވެ.

ވަރަށް ޝައުޤުވެރިކަމާއިއެކު ވަށައިގެން ހޯދާލަމުން ސައިފާއާ ދިމާއަށް ގުދުވަމުން އެމީހާ އަނގަޖެހީ ސައިފާގެ ކަރުގައެވެ. އެމީހާ އޭނާގެ އެޢަމަލު ތިންފަހަރަކު ތަކުރާރު ކޮށްލިއެވެ.

އެމީހާ އޭނާ ބޭނުންވިފަދައިން ކަންތައްކޮށް ނިންމާލުމަށްފަހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ވަށައިގެން ހޯދާލަމުން މަހާނަތަކާއި ދިމާއަށް ހިނގައިގަތެވެ. މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރު ތަކެވެ.

މަހާނަތައް ކައިރިން އޭނާ އުޅުނީ ކޮންމެވެސް އެއްޗެއް ހޯދާށެވެ. އޭނާގެލޮލުން ނުކުތް ފަނޑު އައްޔެއްގެ އެހީގައި އުދަލިތިލައެއް ކަހަލަ އެއްޗެއް ހޯދިއެވެ. އޭނާގެ ހަރަކާތް އަވަސްވަމުން ދިޔައެވެ. އަވަސް އަވަހަށް މަހާނަމަތި ކޮނެ މީހަކު ވަޅުލެވޭނޭހެން ތައްޔާރު ކޮށްލިއެވެ. އުދަލި ބޭއްވުމަށްފަހު އެމީހާ ގޮސް ސައިފާ ނަގައިގަނެގެން ގެނެސް އެވަޅުގަނޑުގެ ތެރެއަށް ލައި ސިރިންޖާއެކު ވަޅުގަނޑު ފޮރުވާލި އެވެ. ފަސްއަޅައި ފޮރުވާލިއިރު އެތަންވަނީ އެހެން މީހަކަށް ތަނެއްދޮރެއް ވެސް ނޭނގޭނެހާ ފުރިހަމަ އަށެވެ. އުދަލިތިލަ އެއްލާލުމަށްފަހު އެމަހާނައިގެ ވަށައިގެން ތިންބުރު ޖަހާފައި މައްޗަށްބަލާލަމުން ދެއަތްހިއްލައި އަޑުގެކޮޅަށް ރޮއިގަތެވެ. އެމީހާގެ ގައިން އަލިފާންކަނި ބުރައިގެންފައި އޭނާގެ ސިފަ، ބާޒެއް ކަހަލަ ދޫންޏަކަށް ބަދަލުވެގެން ދިޔައެވެ. ބާޒެއްފަދަ އެދޫނި އުދުހިފައި ގޮސް ގަސްތަކުގެތެރެއަށް ވަނުމާއިއެކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ. ނިކަގަހުގެ މަތީގައި އުދުހެމުން އަޑުލައްވަމުން ދިޔަ ވާތައް ވެސް އަޑުލެއްވުން ހުއްޓާލަމުން ގަހަށް ތިރިކުރާން ފެށިއެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑުމަޑުވަމުން ހަމަހިމޭންވަމުން އައިސް މުޅިތަން ހަމަހިމޭން ވިއެވެ.

ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑުގެ ކަނު އަނދިރިކަން ފިލައި ދުވާލުގެ އަލިކަން ވެރިވާން ފަށައިފި އެވެ. މަޑުމަޑުން ހަމަހިމޭންކަން ފިލައި ހަލަބޮލިކަން ވެރިވާން ވެސް ފަށައިފިއެވެ.

އާދުވަހަކަށް އިރު އެރުމާއިއެކު ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ރޭގެ ވަގުތެއްގައި ސައިފާ ގެއްލުނު ވާހަކަ އެވެ.

އަށެއް ޖަހަންވީރު ރަށުއޮފީސް ކައިރި ވަނީ އާންމު ރައްޔިތުން އެއްވެ ފުރި ބާރުވެފައިވާ ކަހަލަ ގޮތަކަށެވެ. ސައިފާ ގެއްލުނު ޙާދިސާއާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ގިނަބަޔަކު އައިސްތިބި ނަމަވެސް ސައިފާގެ ޢާއިލާ މެންބަރުންނާއި އެމީހުންނަށް ހެޔޮއެދޭ ގިނަބަޔަކު މަސައްކަތް ކުރަމުން ދިޔައީ ސައިފާ ފެނޭތޯ އެވެ.

ސައިފާގެ ޢާއިލާގެ މެންބަރުންނާއި ރަށުއޮފީހުގެ ފަރާތުން ބައްދަލުކޮށް ވެގެންއުޅޭގޮތް ބެލުމަށްފަހު ރައްޔިތުން ނުކުމެ ސައިފާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ސަރުކާރުގެ ކަމާބެހޭފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ދިނެވެ.

އާންމު ރައްޔިތުންނާއި ރަށުއޮފީސް ގުޅިގެން ހަވީރު ވާންދެން ކުރި މަސައްކަތުން ވެސް ސައިފާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެހެންވެ ސައިފާ ނުފެނުނީކަމަށް ބަލައި އެތައްބަޔަކު މަސައްކަތް ހުއްޓާލިއެވެ. ސިފައިންނާއި ޕޮލިހުން އަދި ސައިފާގެ ރައްޓެހިންނާއި އެޢާއިލާގެ މެންބަރުން ސައިފާގެ ޚަބަރެއް ވޭތޯ އަދިވެސް މަސައްކަތް ކުރަމުންދިޔައެވެ.

ސައިފާ ހޯދުމަށްޓަކައި ރަށުތެރެ އާއި ފަޅުތެރެ އަދި އުރަފަށް ވެސް ބެލިއެވެ.

ސައިފާ ގެއްލުނު ހާދިސާއާމެދު ޝައްކުކުރެވޭ މީހަކު ހުރިތޯ ވެސް ރަށުއޮފީހުގެ ފަރާތުން ބަލަމުން ދިޔައެވެ.

ރޭގަނޑު އަށެއްޖަހާކަން ހާއިރެވެ. ރަށުތެރެ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފާރިސް އޮފީހަށް އައީ ހަތަރު މީހަކު ގޮވައިގެން ނެވެ. އޭރު އޮފީހުގައި ރަށުގެ ކުޑަކަތީބު ނާސިމާ ވެސް ހުއްޓެވެ.

” ފާރިސް! …. ތިއީ ކޮންބައެއްތަ ؟ ” އެމީހުނަށް ބަލާލާފައި ފާރިސަށް ބަލާލަމުން ކުޑަކަތީބު ނާސިމާ ސުވާލުކުރި އެވެ.

” މިއީ ދަންވަރު ގަޑީގައި ހޭލާއުޅޭ ގުރޫޕް.” ފާރިސް ޖަވާބު ދިނެވެ.

” އެކަމާ ބެހޭގޮތުން މިމީހުން ކީކޭ ބުނަނީ ؟ ” ނާސިމާ އަނެއްކާ ވެސް ސުވާލުކުރި އެވެ.

” މިއީ ދަންވަރު ހޭލާއުޅޭ މީހުން …. ދަންވަރުގަޑީ ނުނިދާ ތިބެގެން ފާޑުފާޑުގެ ނުބައި ޢަމަލުތައް ހިންގާމީހުން. ރޭ ސައިފާ ގެއްލުނު ހާދިސާއާ މިމީހުންނާއި ގުޅުމެއް ވާނެ. ރޭގައި ވެސް މިތަނުން މީހަކު ބޮލުގައި މުންޑެއް އަޅައިގެން އުޅެނިކޮށް ފެނުނު މީހުން ވެސް އެބަތިބި … ” ވާހަކަދައްކަމުން ދައްކަމުން ފާރިސް ގޮސް މަޑުކުރީ އެމީހުން ކައިރިއަށެވެ.

އެމީހުން ކައިރީގައި ހުރެގެން ފާރިސް ވާހަކަދައްކަމުން ދިޔައިރު އެވާހަކަތައް އަޑުއިވޭ ހިސާބުގައި ނާސިމާ ހުއްޓެވެ.

ދިމާވި ހާދިސާގެ ސަބަބުން ކުރަން ޖެހުނު ކަންތައްތަކާއިހެދި ނާސިމާ އަށް އޮފީސް ބަންދުކޮށްފައި ގެއަށް ދެވުނީ އެގާރަ ވެސް ޖެހި ފަހުންނެވެ.

ހުކުރުދުވަހެއްގެ ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ.  ރަށުކައުންސެލަރ އަސްނާދު މަޑުކޮށްލައިގެން ހުރީ އުތުރު ފަރާތު ޕާކު ތެރޭގައެވެ. އޭރު ވެސް އެހިސާބުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ސަރަހައްދަކީ ރަށުގެ ރަސްމީ ބަނދަރު ސަރަހައްދު ކަމަށްވާތީ ރަށުން ފުރާމީހުންނާއި ރަށަށް އަންނަ މީހުން ވެސް އެހިސާބުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

ޕާކުތެރޭގައިވާ ގަސްތަކުން ގަހަކުން މަލެއް ބިނދެލައިގެން އެމަލުގެ ފިޔަތަކާއި ކުޅެލަކުޅެލާ އާސިމު ހުއްޓެވެ. ޕާކުކައިރިން ހިނގަމުން އައި އަސްނާދު އައިސް އެހިސާބާއި ހަމަވިވަގުތު އާސިމު އޭނާގެ އަތުގައިވާ މަލުގެފިޔަތައް އުފުރާ ބިންމައްޗަށް އަޅާލިއެވެ.

” ތިހާ ރީތިމަލަކަށް ތިހާ އަނިޔާވެރި ތިޔަވީ ކީއްވެ ؟ ” އާސިމު ގާތަށް އައިސް ހުއްޓެމުން އަސްނާދު އަހާލިއެވެ.

” ލޮލަށް ފެންނަ ހުރިހާ ކަމަކީ ތެދަކަށް ނުވާނެ. ލޮލަށް ފެންނަނީ ކަނޑާއި އުޑު ވެސް އެކުވެފައި ވަނިކޮށް. އެކަމަކު …. އެއީ ވެސް ޙަޤީޤަތެއް ނޫނެއްނު. ” އަސްނާދުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އާސިމު ވާހަކަދެއްކި އެވެ.

” ރީތިވާހަކަތަކެއް ދެއްކި ނަމަވެސް ނުބައިކަންތައްތައް ސިއްރެއް ނުވާނެ. ” އަސްނާދު ބުނެލި އެވެ.

” ފެންނަ ކަންތައްތަކަށްވުރެ ބޮޑަށް ކަލޭ އިތުބާރުކުރަނީ ކަލޭގެ ލޮލަށް. އެކަމާމެދު ވިސްނާލަބަލަ. ކަލޭ ނިކަން މިމަލަށް ބަލާލަބަލަ. މިމަލުގެ އެއްފަޅި މިވަނީ ހަލާކުވެފައި. މިމާ މިތަނުގައި އިނދެއްޖެނަމަ މިމަލުގެ ސަބަބުން އެހެން މާތަކަށް ގެއްލުމެއް ލިބިދާނެ. އެހެން މާތަކުގެ ސަލާމަތަށްޓަކައި އަހަރެން މި މާ މިނައްތާލީ. ” އަސްނާދަށް މަލުގެ ފިޔަތައް ދައްކާލަމުން އާސިމު ވާހަކަދެއްކި އެވެ.

އަސްނާދާއި އާސިމު އެތަނުގައި ތިބެގެން ވާހަކަދައްކަމުން ދަނިކޮށް އެތަނަށް އައީ ރަށުމަދަރުސާގެ ޕުރިންސިޕަލް ވާފިރު އެވެ. އެދެމީހުންގެ ވާހަކަތައް ވާފިރަށް ވެސް އަޑު އިވުނެވެ.

” އޭނާ އެބުނީ ވަރަށްބޮޑުތެދެއް. ރީތިކަން އަބަދުވެސް ހުންނާން ޖެހޭނީ އެގޮތުގައި. އެއްޗެއް ހަލާކު ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އެއެއްޗެއް ނައްތާލާން ޖެހޭނެ. ” ބިންމަތީގައި ހުރި ފިޔަތަކަށް ފައިން އަރައި ޗިސްކޮށްލަމުން ވާފިރު ވާހަކަދެއްކި އެވެ.

” ހުރިހާކަމެއް ވެސް ރަނގަޅެއްނު. ހިނގާދާން. ” އަސްނާދާއި ވާފިރަށް ބަލާލަމުން އާސިމު ބުނެލި އެވެ. އާސިމު އެހެން ބުނަމުން ހިނގައިގަތުމުން އަސްނާދާއި ވާފިރު ވެސް ހިނގައިގަތެވެ.

އިރު އޮއްސުމާއިއެކު ކުދިންތައް ތައްޔާރުވާން ފެށީ މަދަރުސާއަށް ދާށެވެ. ވޭތުވެދިޔަ އަހަރުގެ ނަތީޖާ ފާޅުކުރުމަށްޓަކައި ބާއްވާ ޖަލްސާއަށް މަދަރުސާ ވަނީ ވަރަށްބޮޑަށް ތައްޔާރުކޮށްފަ އެވެ.

ލިބުނު ރަނގަޅު ރިޕޯޓްތަކުގެ ސަބަބުން ހިތަށް ލިބިފައިވާ ހަމަޖެހުމުގެ ސަބަބުން ބައެއްކުދިން އުފާކޮށް ހިނިތުންވަމުން ދިޔައިރު  ލިބުނު ދަށްނަތީޖާތަކުގެ ސަބަބުން ހިތާމަކުރަމުންދާ ކުދިން ވެސް މަދެއް ނޫނެވެ. ރަނގަޅު ނަތީޖާތަކާއިއެކު އިނާމުތައް ހިފައިގެން މަދަރުސާއިން  ނުކުންނާނެކަމަށް ގަބޫލުކުރެވޭ ދަރިވަރުންގެ މައިން ބަފައިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.

އިނާމުދިނުމުގެ ޖަލްސާއަށްޓަކައި މަދަރުސާއަށް،  ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަންނަމުން ދިޔައެވެ. މުޅި ސަރަހައްދުން ފެންނަމުންދަނީ ހުދުކުލަ އެވެ. ދަރިވަރުންގެ ހަރަކާތްތަކުގެ ސަބަބުން އެސަރަހައްދު ހީވަނީ އުދުހިފައިދާ ކިރުދޫނި ބައިގަނޑެއް ހެންނެވެ.

އައްގަޑިތިރީސްވުމާއިއެކު އިނާމުދިނުމުގެ ޖަލްސާ ފެށިއްޖެއެވެ. މަދަރުސާ ދަރިވަރެއްގެ، ޤުރުއާން ކިޔެވުމުން ފެށުނު އެޖަލްސާގައި ޕުރިންސިޕަލް ވާފިރު ވެސް ވާހަކަ ދެއްކިއެވެ.

ވަނަތަކަށް އައި ދަރިވަރުންނަށް އިނާމުތައް ދެއްވީ ރަށުކައުންސެލަރ އަސްނާދާއި ޕުރިންސިޕަލް ވާފިރެވެ. އިނާމުތައް ބައްސަވައި ދެއްވުމަށްފަހު ކައުންސެލަރ އަސްނާދު ވެސް ވާހަކަދެއްކި އެވެ. އިނާމުތައް ހާސިލުކުރި ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރެއްވި އެވެ. އިނާމު ނުލިބުނު ދަރިވަރުންނަށް ހިތްވަރާއި ނަސޭހަތްދެއްވާ ރަނގަޅުނަތީޖާ ހޯދުމަށް މަސައްކަތް ކުރުމަށް އެދުނެވެ.

އިނާމުގެ ދިނުމުގެގޮތުން ބޭއްވި ޖަލްސާ ނިމުނީ މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކަކުންނެވެ.
ނުނިމޭ

2
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ސަހަރާ ( 1 )“

  1. ފެށުން ވަރަށް ރީތި….. އުންމީދު ކުރަނީ ނީރުގެ އެހެން ވާހަކަތައްފަދަ ރިތިވާހަކައަކަށް މިވާހަކަ ވާނެ ކަަމަށް.

    1

    0

Leave a Reply

Your email address will not be published.