ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 2 )

އިނާމުގެ ދިނުމުގެގޮތުން ބޭއްވި ޖަލްސާ ނިމުނީ މުނިފޫހި ފިލުވުމުގެ ހަރަކާތް ތަކަކުންނެވެ.

ޖަލްސާ ނިމުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖަލްސާއަށް ވަޑައިގެންނެވި އިއްޒަތްތެރިން މަދަރުސާއިން ނުކުންނާން ފެށިއެވެ. އަސްނާދުގެ ލޯ އަމާޒުވެފައިހުރީ ވޭތުވެދިޔަ އަހަރު މުޅިމަދަރުސާއިން އެއްވަނަ ހޯދި ދަރިވަރު ލަންމާ އަށެވެ.

ލަންމާއަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ރީތި ފުރިހަމަ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް އޭނާގެ ފަރާތުން އެއްވެސް އުނިކަމެއް ފާހަގަ ނުކުރެވޭހާ  ވެސް ފުރިހަމަވެފައި ރީއްޗެވެ. އެތައް ޒުވާނުންގެ ހިތްތައް ލަންމާއަށް ޓަކައި ހުސްކުރެވިފައި ވީ ނަމަވެސް ލަންމާގެ ހިތުގައި އަދި އެއްވެސް ސޫރައެއް ކުރެހިފައެއް ނުވެއެވެ. އެކަމުގައި ވެސް ސިއްރެއް ވާނެކަން ޔަގީނެވެ. އެކަމުގެ ސިއްރަކަށް މިރޭ އޭނާއަށް ލިބުނު ނަތީޖާ ވެސް ވެދާނެއެވެ.

މުޅިމަދަރުސާއިން ތިންވަނަ ލިބުނު ފާރިހާ އޭނާގެ ގޭގައި އުޅެނިކޮށް އޭނާގެ ރަހުމަތްތެރި އަދުހަމް އައިސްފިއެވެ. އަދުހަމް ގޮސް ފާރިހާގެ ކޮޓަރިއަށް ވަތްއިރު ފާރިހާ އިނީ މޭޒު ކައިރީގައި ފުނާއަޅާށެވެ.

” މަރުޙަބާ ފާރިހާ. ” ކޮޓަރިއަށް ވަންނަމުން އަދުހަމު ބުންޏެވެ.

” ކޮންކަމަކަށް ؟ …. ދަށްވީމަތަ؟ ” ހިތްހަމަނުޖެހުމާއިއެކު ފާރިހާ ބުނެލިއެވެ.

” ދަށްވީމާއެއް ނޫން … ކަލޭ ސަލާމަތްވީމަ ؟  ”  ސަބަބު ހާމަކުރުމުގެ ގޮތުން އަދުހަމު ބުނެލިއެވެ.

” ކީކޭ ތިބުނީ ؟ ” ހައިރާންކަމާއިއެކު ފާރިހާއަށް އަހާލެވުނެވެ.

” ކަލެއަށް އެއްވަނަ ލިބުނުނަމަ … އެއްކަލަ މީހުން މަރާ މީހާ ކަލޭ ވެސް މަރާލާނެ … އެހެންވީމަ ނަސީބެއްނު ކަލެއަށް އެއްވަނަ ނުލިބުނުކަން. ” އަދުހަމް މަސައްކަތްކުރީ ފާރިހާއަށް ވިސްނައި ދޭށެވެ.

ރޭގަނޑު އެގާރަގަޑި ބައިކަން ހާއިރެވެ. ގޭތެރޭގައި ރަސްކަން ކުރަމުންދިޔައީ ގޭތެރޭގައި ދިއްލާފައިވާ ނޫކުލައިގެ ބޮކީގެ ފަނޑުއަލިކަމެވެ. އިނާމު ދިނުމުގެ ޖަލްސާ ނިމުމުން ގެއަށް އައިސް ޔުނީފޯމް ބަދަލުކޮށްގެން ލަންމާ އާއި އޭނާގެ ކޮއްކޮ ސަންނަ ތިބީ ކޮޓަރީގައެވެ.

ކުޑައިރުކޮޅަކު ސަންނަ އާއި ވާހަކަދައްކާން މަޑުކުރުމަށްފަހު ލަންމާ ގޮސްވަނީ ފާހާނާ ބަޔަށެވެ.

ކޮޓަރިތެރޭހުރި މޭޒުކައިރީގައި އިށީނދެލައިގެން ސަންނައިނެވެ. އޭނާގެ އަނގައިން މަޑުމަޑު ރާގެއްގެއަޑު ފާޅުވަމުން ދިޔައެވެ.

ގަދަވަޔާއެކު ވިދާގުގުރާ ބޯކޮށް ވާރޭ ވެހޭންފެށީ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ. ކޮޓަރިތެރޭގައި ހުރި ސަންނަ ދިޔައީ ސިއްސައިގެން ނެވެ.

ގޭދޮރު ހުޅުވުނު ކަހަލަ އަޑެއް އިވުމުން ސަންނަ އަވަސް އަވަހަށް ކޮޓަރީން ނުކުތީ ވީގޮތެއް ބަލާލާށެވެ. ގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ގޭތެރޭގައި ރަސްކަން ކުރަމުންދިޔައީ ކަނުއަނދިރިކަމެވެ.

ކޮޓަރީ މޭޒުމަތީގައި ހުރި އުއްބައްތި ދިއްލައިގެން ސަންނަ ގޮސް ފެންޑާތެރެއަށް ނުކުތެވެ. މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ހާސް ކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ސަންނަގެ ކުރިމައްޗަށް ނުކުތް މީހަކު ސަންނަގެ އަނގައާއި ނޭފަތާއެކު އަތްއެޅި އެވެ. ސަންނަގެ އަތުން އުއްބައްތި ވެއްޓި ނިވުމާއިއެކު މުޅިތަން އަނެއްކާ ވެސް އަނދިރިވެގެން ދިޔައެވެ. ގަތްފައިވާ ބިރާ އެކު ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ސަންނަ ހަޅޭލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ

ފާހާނާބައިގައި ހުރެގެން ފެންވަރަމުންދިޔަ ލަންމާއަކަށް ގޭތެރޭގައި ހިނގާ އެއްވެސްކަމެއް ނޭނގެއެވެ.

ސަންނަ ތެޅިގަތްވަގުތު އެމީހާގެއަތުން ސަންނަ ދޫވިއެވެ. ދުވެފައި ކަހަލަގޮތަކަށް ސަންނަ ގޮސް އޭނާގެ ކޮޓަރިއަށް ވަތްނަމަވެސް ދޮރު ލެއްޕޭވަރެއް ނުވިއެވެ. ސަންނަގެ ފަހަތުން އެމީހާ ވެސް ކޮޓަރިއަށް ވަނެވެ. އަދި ވަރަށްބާރަށް ސަންނަގެ އަތުގައި ހިފެހެއްޓުމަށްފަހު މޭޒާއި ދިމާއަށް ކޮށްޕާލިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ވިއްސައިގެން ދިޔަ ސަންނަ ގޮސް މޭޒުގައި ޖެހުމާއިއެކު މޭޒުމަތީހުރި މާވަށިގަނޑާއިއެކު ސަންނަ ވެއްޓިއްޖެއެވެ. އޭރު ވެސް ސަލާމަތަށްއެދި ހަޅޭލަވަމުން އެމީހާގެ ކިބައިން ސަލާމަތް ވެވޭތޯ ސަންނައަށް ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔަ އެވެ. އެހެނަސް އެ ކަޅުމީހާ  ހުރީ އެއަށްވުރެ މާބޮޑަށް އެކަމަށް ހުޝިޔާރުވެ އެވެ. އަވަސް އަވަހަށް ސަންނަގެ ދެއަތުގައި ހިފާ ހިއްލާލައިގެން ފެންޑާތެރެއަށް ނުކުތެވެ. އެކަޅުމީހާ ފެންޑާއަށް ނުކުމެ ވަށައިގެން ހޯދާލުމަށްފަހު އެތަނުގައި ހުރި ބިއްލޫރި މޭޒުމައްޗަށް ސަންނަ ވައްޓާލި އެވެ. އެކަމުގެ ސަބަބުން ބިއްލޫރިތައް ކުދިކުދިވެ ސަންނަގެ ގަޔަށްހެރި ސަންނައަށް ވަރަށް އަނިޔާ ވެއްޖެއެވެ. އެކަމުގެ ސަބަބުން ސަންނައަށް ދެވަނަ ފަހަރަށް ކޮޅަށް ތެދުވެވޭގޮތެއް ނުވިއެވެ.

ބިއްލޫރިމޭޒު ތަޅައިގެންދިޔަ އަޑަށް ލަންމާ ދިޔައީ ސިއްސައިގެން ނެވެ. ކޮންމެވެސް ކަމެއް ވެއްޖެހެން ހީވެ ސަންނައަށް ގޮވާލިއެވެ.

ވަރަށް ހިތްވަރާއި މަސައްކަތުން ކޮޅަށް ތެދުވެ ހިނގައިގަނެވޭތޯ ސަންނަ މަސައްކަތް ފެށުމާއިއެކު، އެކަޅުމީހާ ސަންނަގެ ގައިގަ ފައިން ޖެހިއެވެ. އެއާއެކު ސަންނަ ވެއްޓިއްޖެއެވެ. ލިބެމުންދިޔަ އަނިޔާތަކާއި ކުރިމަތިވަމުންދިޔަ ހިތްދަތި ކަންތަކުގެ ސަބަބުން ރޮއިރޮއި ވެސް ސަންނަ ވަނީ ވަރުބަލިވާގޮތް ވެފައެވެ.

ގޭތެރޭގައި ނުރައްކަލެއް އުޅޭހެން ހީވެގެން ލަންމާ އަވަސް އަވަހަށް ފާހާނާއިން ނުކުމެގެން އައިސް ކޮޓަރީން ބޭރަށް ބޯ ދިއްކޮށްލި އެވެ. ލަންމާ ބަލާލިއިރު ސަންނަ އޮތީ ތަޅުންގަނޑުމަތީގަ އެވެ. ހަށިގަނޑުގެ ބައެއް ތަންތަން ޒަހަމުވެ ހަށިގަނޑުންނާއި ތަޅުންގަނޑުމަތިން ލޭގެ އަސަރުތައް ފާޅުވަމުންދިޔަ އެވެ. ލަންމާއާ ފުރަގަސްވާގޮތަށް ސަންނަގެ ކުރިމަތީގައި ހުރި ކަޅުމީހާގެ މޫނު ލަންމާއަށް ނުފެންނާތީ، އެއީ ކާކުކަން ވަކިކުރާކަށް ނޭނގެ އެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތަކުގެ ސަބަބުން ހިތަށް ކެތްނުވެގެން ލަންމާގެ ޚަބަރު ހުސްވެ ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެ އެވެ.

ވަރަށް ޝައުޤުވެރިކަމާއި ފަރުވާތެރިކަމާއިއެކު ސަންނައަށް ބަލާލަމުން އެކަޅުމީހާ ސަންނައާ ދިމާއަށް ތިރިވާން ފެށިއެވެ. ހިތްހަމަ ޖެހުމާއިއެކު ހީލަމުން ސަންނަގެ ކަރުގައި އަނގަ ޖެހިއެވެ. ސަންނަގެ އަނގަ އިން ވޭނުން ފުރިގެންވީ އާހެއްގެ އަޑު ނުކުމެގެން ދިޔައެވެ. އެކަމަށް އެއްވެސް ސަމާލު ކަމެއްނުދީ އެމީހާ އޭނާގެ އެޢަމަލުތައް ދެތިން ފަހަރަކު ތަކުރާރުކޮށްލި އެވެ. ސަންނަގެ އަނގައިން ލެޔާއި ފޮނު ނުކުންނަމުން ދިޔައެވެ.

އެމީހާ އޭނާ ބޭނުންވިފަދައިން ކަންތައްކޮށް ނިންމާލުމަށްފަހު މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭނަގެ ދެލޮލުގެކުލަ ވަނީ ގަދަރަތް ކުލައަކަށް ބަދަލުވެފަ އެވެ. އެމީހާ މައްޗަށް ބަލާލަމުން ދެއަތްއުފުލައި ހަޅޭލަވައި ގަތުމާއިއެކު އެމީހާގެ ސިފަ ބާޒެއް ކަހަލަ ދޫންޏަކަށް ބަދަލުވެގެން ދިޔައެވެ. ބާޒެއްފަދަ އެދޫނި އުދުއްސައިގެން ގޮސް ފެންލައިޓްގައި ޖެހި ފެންލައިޓް ހަލާކު ވިއެވެ. ބާޒެއް ފަދަ އެދޫނު އުދުހެމުންދިޔަ ގޮތަށް ގޮސް ގޭތެރޭން ނުކުތެވެ.

ކުރަމުންދިޔަ ވިއްސާރައަށް އެއްވެސް ސަމާލުކަމެއްނުދީ އުދުހެމުން ދިޔަ ބާޒެއް ފަދަ އެދޫނި ގޮސް،  ސަހަރާ ތެރޭގައިވާ ބޮޑު ނިކަގަހުގެ ތެރެއަށް ވަނުމާއިއެކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ. ނިގަގަހުގެ މަތީގައި އަޑުއަޑު ލައްވަމުން އުދުހެމުން ދިޔަ ވާތަކާއި ކާޅުތައް ވެސް ގަހަށް ތިރިކުރާން ފެށިއެވެ.

މެންދަމުންއަލިވެ އެކެއްޖަހަނީ އެވެ. ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ގެއަށް ނާދެވިފައިތިބި، އައިމިނަ އާއި ބާގިރަށް ގެއަށް އާދެވޭވަރުވީ މިހާރު އެވެ. މޫސުމް ރަނގަޅުވެ ވިއްސާރަ އަލިވުމުގެ ކޮޅުމަތި އޭރު ފެންނަން ފަށައިފި އެވެ.

ގޭތެރެއިން މާބޮޑު އަލިކަމެއް ފެންނަން ނެތުމުން އައިމިނަ އާއި ބާގިރު ނިންމީ ލަންމާ އާއި ސަންނަ ނިދީ ކަމަށެވެ.

ގޭތެރެއަށްވަދެ ފެންޑާގެ ހޮޅިބުރި ދިއްލާލުމާއިއެކު އައިމިނަ އާއި ބާގިރުގެ ލޮލުގައި އަޅައިގަތީ ފެންޑާ ތަޅުން މައްޗަށް ވެއްޓިފައި ތިބި ސަންނަ އާއި ލަންމާ އެވެ. އެއާއެކު އެމީހުންނަށް ފާހަގަވެގެން ދިޔައީ ސަންނައަށް ކޮށްފައިވާ ރަހުމުކުޑަ އަނިޔާތަކެވެ.

ފެނިގެންދިޔަ މަންޒަރަށް ބަލާން ކެތްނުކުރެވި އައިމިނަގެ ޚަބަރު ހުސްވެގެން ތަޅުންގަނޑުމައްޗަށް ވެއްޓުނުއިރު ބާގިރަށް ހުރެވުނީ ހަދާނެގޮތް ހުސްވެފަ އެވެ.

ވަގުތާއި ހާލަތަށް ވިސްނައި ކެތްތެރިކަމާއި ހިތްވަރު އިސްކޮށް ރަށުގެ ވެރިންނަށް ބާގިރު އެޚަބަރު ދިނެވެ.

ރަށުގެ ވެރިންނަށް އެޚަބަރު ދިނުމާއިއެކު ރަށުއޮފީސް ކާރުގައި ނާސިމާމެން ސަންނަމެން ގެކައިރިއަށް އައިސްފި އެވެ. ވެހެމުންދިޔަ ހިމަފޮދުވާރޭއަށް މާބޮޑު ސަމާލުކަމެއް ނުދީ ނާސިމާމެން އައިސް އެގެ ކައިރިއަށް ކާރު މަޑުކުރިއިރު،  އާސިމު އެގޭގޯތި ތެރެއިން ނުކުންނަނީ އެވެ. ނާސިމާމެނަށް އާސިމު ފެނުނެވެ.

” އެއްވެސްހަރަކާތެއް ކޮށްގެން ނުވާނެ. ހަމަ މިހާރު މަޑުކުރޭ. ” އާސިމަށް ބަލާލަމުން ހަރުކަށި ރާގަކަށް ނާސިމާ ބުންޏެވެ.

ވަގުތުތައް ބޭކާރުކޮށްލުމެއްނެތި އާސިމު ގޮވައިގެން ނާސިމާ ދިޔައީ ރަށުއޮފީހަށެވެ. އަދި ސިއްޚީ ދާއިރާގެ ބަޔަކު ސަންނަމެން ގެއަށް ފޮނުވި އެވެ.

ހިނގާދިޔަ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ ނުރައްކާތެރި ހާދިސާއާއެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައެވެ.

އާދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ރޭގެވަގުތެއްގައި ސަންނަ މަރާލާފައި އޮއްވައި ފެނުނު ވާހަކަ އާއި އެގެ ކައިރިން އާސިމު އަތުލައިގަތް ވާހަކަ އެވެ. ސަންނަގެ މަރާއި އާސިމު އެގެ ކައިރިން އެގަޑީގައި އަތުލައިގަތް ވަގުތަކީ އެއްވަގުތަކަށް ވުމުން ގިނަބަޔެއްގެ ހިތުގައި އާސިމާއި މެދު ޝައްކު އުފެދުނެވެ. ސައިފާ ގެއްލުނު ހާދިސާ އާއި ސަންނަގެ މަރާއި އާސިމުއާ ކޮންމެވެސް ގުޅުމެއް އޮންނާނެ ކަމަށް ރަށުގެ ގިނަބަޔަކު ބުނަން ފެށިއެވެ. އެކަމުގެ ސަބަބުން ރަށުގެ އެތައްބަޔެއްގެ ހިތުގައި އާސިމުއާ މެދުގައި ނަފްރަތު އުފެދޭން ފެށިއެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއިއެކު ސަންނަ ވަޅުލުމުގެ ހުރިހާކަމެއް ހެނދުނު ނުވައެއް ޖަހާކަން ހާއިރު ނިންމާލި އެވެ.

ސަންނަގެ މަރާއި މެދު ޝައްކު ކުރެވި އަތުލައިގަތް އާސިމުގެ މައްޗަށް ކުރަމުން ދިޔަ ތަހުޤީޤުތައް ކުރިޔަށް ދިޔައެވެ. އެކަމާއި ބެހޭގޮތުން ކުޑަނަމަވެސް މަޢުލޫމާތެއް ލިބޭތޯ ލަންމާ ހާޒިރު ކުރެވުނު ނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެކަމާއިބެހޭ ގޮތުން އޭނާއަކަށް މާބޮޑުއެއްޗެއް ނޭނގުނެވެ.

ސަންނަގެ މަރާއި މެދު ޝައްކުކުރެވި ރަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުރި އާސިމު، އޭނާގެ ދިފާޢުގައި ދައްކަމުން ދިޔަ ވާހަކަތަކާއި ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއްނެތި އާސިމު ސަލާމަތް ވިއެވެ. ފުލުހުންނާއި ރަށުގެ ވެރިންނަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އެތައް ބަޔެއްގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެންދިޔަ ވެސް މެއެވެ.

އާސިމުގެ އެއްވެސް ކުށެއްނެތި އޭނާގެ ބޮލުގައި އެފަދަ ދޮގު އިލްޒާމެއް އެޅުވުމުން އެކަމާއިދެކޮޅަށް އަޑުގަދަކޮށް ހަޅޭލައި ހެދި ބަޔަކު ވެސް ތިއްބެވެ. އެކަމުގެ ޙަޤީޤަތް ނުހޯދުނީތީ އެކަމާއި މަލާމާތްކޮށް ރުޅިވެރިކަން ހާމަކުރި މީހުން ވެސް މަދެއް ނޫނެވެ.

ހުކުރުދުވަހުގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ.

ކާގޭތެރޭގައި ހުރެގެން ޖޫސް ގިރަމުން ދިޔައިރު ސޯނިޔާގެ އަނގައިން ބޭރުވަމުން ދިޔަ މިއުޒިކެއްފަދަ އަޑުގެ ސަބަބުންނާއި އޭނާގެ ހަރަކާތްތަކަށް ބަލާލުމުން އެނގެނީ އޭނާ ހިތްހަމަޖެހިފައިވާ ވަރެވެ.

” ސޯނިޔާ! ” ކުއްލިއަކަށް އިވުނީ ކޮންމެވެސް އަންހެންކުއްޖަކު އޭނާއަށް ގޮވާލިއަޑެވެ. އެއާއެކު އެއަޑާމެދު ވިސްނާ ލެވުނެވެ.

” ނީމާ. ” އެއަންހެންކުއްޖާ ފެނުމާއިއެކު ސޯނިޔާއަށް ބުނެވުނެވެ. އަދި ފެންޑާގައި މަޑުކުރުމަށް ވެސް ބުންޏެވެ.

ދެތަށިޖޫސް ހިފައިގެން ފެންޑާއަށް ސޯނިޔާ ނުކުތްއިރު ފެންޑާތެރޭ ހުރި ގޮނޑިސެޓްގައި އިށީނދެ ލައިގެން ނީމާ އިނެވެ.

ނީމާއަކީ ވަރަށް ފުރިހަމަ އެހާމެރީތި އަންހެން ކުއްޖެކެވެ. ނީމާއަށް ލިބިފައިވާ ސިފަތަކުގެ ތެރެއިން ވަކި ސިފައެއް ނުވަތަ ވަކިގުނަވަނެއް އުންޏޭ ބުނާނެ ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އޭނާއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ބައްޓަންތައް ގުޅުން ބަދަހީކަމީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ލިބިފައިވާ އިތުރު ކުރިއެރުމެކެވެ. ހަމައެހެންމެ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުންކުރާ ބާވަތްތަކަކީ ވެސް އޭނާގެ ރީތިކަމަށް ލިބިފައިވާ އިތުރު ފުރިހަމަ ކަމެކެވެ.

” ނީމާ! ކިހިނެތްވީ ؟ ”  ނީމާގެ އަތަށް ޖޫސްތަށި ދެމުން ސޯނިޔާ ސުވާލު ކުރިއެވެ.

” އަހަރެންނަށް ވަޒީފާ ލިބިއްޖެ … އަހަރެންނަށް ވަޒީފާއެއް ލިބިއްޖެ. ހުރިހާކަމެއް ހަމަޖެހިއްޖެ .. ރާއްޖެތެރޭ ރަށެއްގެ ސުކޫލަކުން ޓީޗަރެއްގެ ވަޒީފާ އަހަރެންނަށް ލިބިއްޖެ. ” އުފަލާއި ހިތްހަމަ ޖެހުމާއިއެކު ސޯނިޔާއަށް ބަލަން އިނދެ ނީމާ ވާހަކަ ދެއްކިއެވެ.

” ހަމަ އަސްލު ވެސް ތަ؟ ހާދަ އުފާވެރި ޚަބަރެކޭ ތީ؟ ” ނީމާއަށް ވަޒީފާ ލިބުމުން ސޯނިޔާ ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.

” އާން. ހުރިހާކަމެއް ވެސް ހަމަޖެހިއްޖެ. މާދަމާ ނޫން އަނެއް ދުވަހު އެރަށަށް ދާން ފުރާންވީ. އަހަރެން ވަރަށް ހިތްހަމަޖެހޭ ވަޒީފާއެއް ލިބުނީ ވެސް. ހިނގާ ދާން ބޭބެމެން ގާތު މިވާހަކަ ދައްކަން. ” ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގައި ނީމާ ބުންޏެވެ.

ނީމާ އާއި ސޯނިޔާ ކުޑައިރުކޮޅަކު އެތަނުގައި ތިބުމަށްފަހު އެތަނުން ނުކުމެގެން ހިނގައްޖެ އެވެ.

ނީމާ އާއި ސޯނިޔާ ވާހަކަދައްކަމުން ދައްކަމުން ދިޔައީ ނީމާގެ ބޮޑު ބޭބެ ސަރަތުމެން އުޅޭ ގެއަށެވެ.  ނީމާމެން ގޮސް އެގެއަށް ވަތްއިރު ސަރަތުގެ ދެމަފިރިން ކޮންމެވެސް ވާހަކައެއް ދައްކާން ފެންޑާތެރޭގައި ތިއްބެވެ.                     ނުނިމޭޭ

2
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ސަހަރާ ( 2 )“

  1. ވަރަަށް ރީތި ނީރުގެ ވާހަކަ ތައް ކިޔާ ފޫހި ނުވާހާ ރީތި ކިޔާ ހިތުން އިނދާ ނިމޭ އަދި ހާއްސަ ކޮށް ބިރުވެރި ވާހަކަ ރީތި

    0

    0

Leave a Reply

Your email address will not be published.