ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 5 )

ނާސިމާ އައިސް އަލިދީގެ ކައިރިއަށް ހުއްޓި ވާހަކަ ދައްކާން ފެށުމުން އަލިދީ ވެސް އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ނެވެ.

އާސިމު އައިސް މަދަރުސާކައިރިއަށް ސައިކަލް މަޑުކޮށްލަމުން ބަލާލިއިރު އެތަނުގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ނީމާ އާއި އާސިމަށެވެ. އެތަނުގައި ރަށުކައުންސެލަރ އަސްނާދު ވެސް ހުއްޓެވެ.

އެއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނީމާ އެތަނަށް ފޭބުމުން އާސިމު ހިނގައްޖެ އެވެ.

ނީމާ އާއި އާސިމުގެ ޢަމަލުތަކަށް ބަލަހައްޓައިގެން އަސްނާދު ހުރި ނަމަވެސް އެހެން އެއްވެސް މީހަކަށް އެކަމެއް ފާހަގައެއް ނުކުރެވެ އެވެ. ނީމާގެ ރީތިކަމާއި ފުރިހަމަކަމުގެ ސަބަބުން އޭނާއާމެދު މީހުންގެ ޝައުޤުވެރިކަން އިތުރުވުން ވެސް އެކަށީގެން ވެއެވެ. އެއިން ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ނީމާ ދިޔަގޮތަށް ގޮސް މަދަރުސާއަށް ވަދެއްޖެ އެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައިރު ނީމާ އާއި އާސިމުގެ މެދުގައިވާ ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ތަރައްޤީވަމުން ދިޔައެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ނީމާ އާއި އާސިމު ސައިކަލް ދުއްވަމުން ގޮސް މަޑުކުރީ އަތިރި މަތީގައިވާ ރެސްޓޯރެންޓް ކައިރި އަށެވެ.

ނީމާ އާއި އާސިމު އެތަނަށް ވަދެގެން ދިޔައިރު އެހެން ވެސް އެތައް ބަޔަކު އެތަނުގައި ތިއްބެވެ. ތަފާތު ކެއުންތަކާއި ތަފާތު ބުއިންތަކާއިގެން މަސްޢޫލުވެ އެބައި މީހުން ތިއްބެވެ.

ރެސްޓޯރެންޓްތެރޭގައި ތިބި މީހުންނަށް މާބޮޑު ސަމާލުކަމެއްނުދީ ނީމާ އާއި އާސިމު ދިޔަގޮތަށް ގޮސް މޭޒެއް ކައިރީގައި އިށީނެވެ.

ނީމާ އާއި އާސިމު ކައިރިއަށް ވޭޓަރު އައުމުން ދެކޮފީއަށް އޯޑަރު ދީފައި ނީމާ އާއި އާސިމު ވާހަކަ ދައްކާން ފެށިއެވެ. އޭރު އެމޭޒާއި މާދުރުނޫން ހިސާބެއްގައި ހުރި މޭޒެއްގައި މެދުއުމުރުގެ ދެއަންހެނަކާއި ދެފިރިހެނަކު ވެސް ތިއްބެވެ. އެމީހުންތިބީ އާސިމުމެނާއި ދިމާއަށް ބަލަހައްޓައިގެން ނަމަވެސް އެކަމަކަށް އާސިމު އެހާ ސަމާލުކަމެއް ނުދެއެވެ.

” ހިނގާދާން. ” ކައިރީގައިތިބި މީހުންނަށް ބަލާލަމުން އެތަނުން އެކަކު އެހެން ބުނިއަޑު ނީމާއަށް އިވުނު ނަމަވެސް އާސިމަށް އިވުނުހެނެއް ހިޔެއް ނުވެއެވެ.

އެމީހާ އެހެން ބުނުމާއިއެކު ދެންތިބި ތިންމީހުން އެމީހާއާއެކު ތެދުވެގެން އެތަނުން ނުކުމެގެން ހިނގައްޖެ އެވެ.

” އާސިމު. އަހަރެން ވަރަށް ރަނގަޅަށް މިތަނުގެ މާހަޢުލު ބަލައި ދަސްކޮށްފިން. އަހަރެންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މިރަށު މީހުން ކަލޭޔާމެދު ތަފާތު ނަޒަރަކުން ބަލާކަން. ކަލެޔަކީ މާނުބައި މީހެއްތަ ؟  އެމީހުން ކަލޭދެކެ ބިރުންތަ އެހެން އެއުޅެނީ ؟  ” މަޑުމަޑުން ވާހަކަދައްކަމުން ނީމާ އަހާލިއެވެ.

ނީމާގެ ވާހަކަތައް އަޑުއިވުމުން އާސިމު ހޭންފެށި އެވެ.

ނީމާ އާއި އާސިމު އެދުނުފަދައިން ދެކޮފީތަށި ގެނެސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ވޭޓަރު ހިނގައްޖެ އެވެ.

” ކަލެޔަށް ކިހިނެތް ހީވަނީ ؟ އަހަރެންނަކީ މީހުން އަހަރެން ދެކެ ބިރުގަންނާން ޖެހޭވަރުގެ މީހެއްތަ ؟ ”  ވޭޓަރު ދިއުމުން އާސިމު އަހާލި އެވެ.

” އަހަރެންނަކަށް ހިޔެއްނުވޭ. އެކަމަކު އެމީހުން އެހެން ކަންތައް ކުރުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ އެއްނު. ” ނީމާ ބުންޏެވެ.

” އަސްލު ސަބަބަކީ ކޮބައިކަން ކަލެއަށް އެނގޭނެ. އަދި ވެސް އެބައޮތް އެއްވާހަކަ. ސަބަބަކަށް ވެދާނެ އަހަރެން ކައިރީގައި ކަލޭ އިނުން ވެސް. ” އާސިމު ބުންޏެވެ.

” އެކީއްވެ ؟  ” ހައިރާންކަމާއިއެކު ނީމާއަށް އަހާލެވުނެވެ.

” މިއީ ބޮޑުރަށެއް. އެކަމަކު އާބާދީ ކުޑަރަށެއް. މިރަށުގައި ރީތިކުދިން މަދުވާނެ. އެހެންވެ ކަލޭ ކަހަލަ ރީތި އެހާމެ ފުރިހަމަ އަންހެންކުއްޖަކު ފެނުމުން ބަލާމީހުން ގިނަވާނެ … އެކަން ކަލެޔަށް ވެސް ފާހަގަ ކުރެވެއެއްނު. އިހުސާސް ވެސް ކުރެވެއެއްނު. ” ވާހަކަ ދައްކަމުން ދައްކަމުން ނީމާއަށް ބަލާލާފައި އާސިމު ހިނިތުންވެލުމުން ނީމާ ވެސް ހިނިތުންވެލި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެވެ. އާއަހަރުގެ ކިޔެވުން ފެށުން މަދަރުސާގެ މެނޭޖްމަންޓާއި ބެލެނިވެރިން ގުޅިގެން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރިއެވެ.

އާއަހަރުގެ ކިޔެވުން ފެށުމާއިއެކު ނީމާ ވެސް އޭނާގެ މަސައްކަތާއި ގެން މަސްޢޫލު ވެއްޖެއެވެ. އެކަމުގައި އޭނާ ކުރަންޖެހުނު ކޮންމެކަމެއް ކުރަމުން ވީއެންމެ ރަނގަޅަކަށް އޭނާގެ ވާޖިބު އަދާކުރަމުން ގެންދިޔަ އެވެ.

ހަވީރު ހަތަރެއް ޖަހާކަން ހާއިރެވެ. ނީމާއުޅޭ ގޭގެ މަސައްކަތުމީހާ އަލިދީ އާއި ނީމާ ތިބީ މަދަރުސާގެ ދޮރޯށި ކައިރީގައި ވާހަކަދައްކާ ށެވެ. އެހެން ތިއްބައި ކޮންމެވެސް މީހެއްގެ އަޑުއިވުމުން ނީމާ ދިޔައީ ސިއްސައިގެން ނެވެ.

” އެމީހަކު ހޯދަން ބޭނުންނަމަ ޖެހޭނެ މަޑުކުރަން. ” އާސިމު އެހެން ބުނީ ނީމާގެ ވާހަކައާ ގުޅުވައިގެން ނެވެ.

” އާސިމު. ” ނީމާއަށް ބުނެވުނެވެ.

” އަލިދީ އަކަށް ނުދެވޭނެ ގަޑިޖެހިގެން ނޫނީ. ” އާސިމު ބުންޏެވެ.

” އަހަރެން އަންނަނީ ގަޑިއަށް .. ބައެއް މީހުން އަންނާނީ މުހިންމު ގަޑިތަކަށް އެކަނި. ” އާސިމަށް ބަލާލަމުން އަލިދީ ބުންޏެވެ.

އެތަނުގައި ތިބެގެން ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ނީމާ އާއި އާސިމު ދުރަށް ހިނގައިގަތެވެ.

” އަހަރެން ވަރަށް ގިނައިރު ވެއްޖެ ކަލޭގެ ފަހަތުން ބިސްމަޅި ދުއްވާތާ. ” ނީމާގެ މޫނަށް ބަލާލަމުން މަޑުމަޑުން އާސިމު ބުނެލި އެވެ.

” އެހެންތަ ؟  އަހަރެންނަކަށް ނޭނގެ. ”  އާސިމަށް ބަލާލުމެއް ވެސް ނެތި އަވަސް އަވަހަށް ނީމާ ބުނެލި އެވެ.

” އެނގޭނެ. ބިސްމަޅި ދުއްވުމުގައި ބޭނުމެއް ވެސް އޮންނާނެދޯ ؟ އަދި އެބައޮތް އެއްވާހަކަ. ކަލޭ ކަލޭގެ ތިޔަ މަސައްކަތަށް ވަރަށް ޝައުޤުވެރިވޭ ދޯ ؟  ” ނީމާއާ ކައިރިއަށް ޖެހިލަމުން އާސިމު ސުވާލުކުރި އެވެ.

ނީމާ އާއި އާސިމު ވާހަކަ ދައްކަމުން ދިޔައިރު އެމަންޒަރު ބަލަން ރަށުކައުންސެލަރ އަސްނާދު ހުރި ނަމަވެސް އެދެމީހުންކުރެ މީހަކަށް އެކަމެއް ނޭނގެ އެވެ.

ނީމާ އާއި އާސިމު ގޮސް އާސިމުގެ ސައިކަލަށް އަރައި ދުއްވާލުމުން އަސްނާދު ވެސް އެތަނުން ހިނގައްޖެ އެވެ.

ނީމާ އާއި އާސިމު ކުޑަކުދިންގެ ޕާކަށް ދިޔައިރު އެތަނުގައި ވަރަށް ގިނަ ކުޑަކުދިންނާއި އެކުދިންގެ އެހީތެރިން ހަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ކުޑަކުދިން ކުޅިވަރުތައް ކުޅުމާއިގެން އުޅެމުން ދިޔައިރު އެކުދިންނަށް އެހީވުމާއިގެން ވެސް ބައެއްމީހުން އުޅެމުން ދިޔައެވެ.

” ނީމާ! މިތަނުގައި މަޑުކުރޭ. އަހަރެން އެބައަންނަން. ” ނީމާއަށް ބަލާލަމުން އާސިމު ބުންޏެވެ.

” އާން. އަހަރެން މައްސަލައެއް ނެތް. ” އާސިމަށް ބަލާލަމުން ނީމާ ބުންޏެވެ.

ނީމާ މަޑުމަޑުން ގޮސް ޕާކުގެ އެއްކޮޅަށް މަޑުކޮށްލަމުން ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލިއެވެ.

ކުޑަކަތީބު ނާސިމާ އައިސް ޕާކަށް ވަނުމާއިއެކު އޭނާއަށް ނީމާ ފެނުނެވެ. ނާސިމާ އަވަސް އަވަހަށް ޖީބުން ފޯނުނަގައި ނަންބަރުތަކަށް ފިތާލަމުން ނީމާއަށް ނުފެންނަ ހިސާބަށް ޖެހެލި އެވެ.

ޖީބުގައިއޮތް ފޯނު ރިންގްވާން ފެށުމުން ނީމާ އަވަސް އަވަހަށް ފޯނު ނަގައި ޖަވާބު ދިނެވެ. އެކޮޅުން ވާހަކަދައްކަން ފެށީ އަންހެން ކުއްޖެކެވެ.

” ތިއީ ނީމާ ދޯ ؟  ”  އެއަންހެންކުއްޖާ އަހާލި އެވެ.

” އާން. ” ނީމާ ބުނެލި އެވެ.

” ކަލޭގެ ފުރާނަ ތިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގައި. ” އެއަންހެންކުއްޖާ ބުންޏެވެ.

” ކީކޭ ؟  ” އެއްވެސް އިހްތިޔާރަކާއި ނުލައި ނީމާއަށް އަހާލެވުނެވެ.

” ނީމާ! .. ކަލޭގެ ދިރިއުޅުން ތިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގައި.” އަނެއްކާ ވެސް އެ އަންހެން ކުއްޖާ ބުންޏެވެ.

” ކަލޭތީ ކާކުތަ ؟  ” ހިތްހަމަނުޖެހުމާއިއެކު ނީމާ ސުވާލުކުރި އެވެ.

” މިވަގުތު މިހިސާބަށް ވިސްނާލާ. އަހަރެންނަކީ … ” އެހެން ބުނުމަށްފަހު އަންހެންކުއްޖާ ފޯނު ކަނޑާލި އެވެ.

ނާސިމާ ފޯނުކަނޑާލި ނީމާއާ ދިމާއަށް އާސިމް ދާތަން ފެނުމުން ނެވެ. އާސިމު އައިސް ނީމާގެ ކައިރިއަށް ހުއްޓުނުއިރު ވެސް ނީމާ ހުރީ ކަންފަތުގައި ފޯނު ޖައްސައިގެން ނެވެ. އޭނާގެ ކިބައިން ފެންނަމުންދަނީ ހައިރާންކަމުގެ އަސަރު ތަކެވެ.

” ކާކު ފޯނުކުރީ ؟ ” އާސިމު އަހާލި އެވެ.

” ކާކުކަމެއް ނޭނގެ. ” ހައިރާންވެފައި ހުރި ނީމާ ޖަވާބު ދިނެވެ.

” ކީކޭ ބުނީ ؟ ” އާސިމު އަނެއްކާ ވެސް ސުވާލުކުރި އެވެ.

” އޭނާ ބުނީ އަހަރެންގެ ދިރިއުޅުންވަނީ ނުރައްކަލެއްގެ ތެރޭގައޭ. އެހެންބުނެފަ ބޭއްވީ. ” ނީމާ ބުނެދިނެވެ.

” އެހެންދޯ ؟  ކޮންމެ މީހަކަށް ވެސް އެދުވަސް އަންނާނެ. ” އާސިމު ބުންޏެވެ. އަދި އޭނާ ގެނައި ޖޫގޯތަށި ނީމާގެ އަތަށް ދިނެވެ.

ނީމާ އާއި އާސިމު ޖޫގޯ ބޯން ޕާކުތެރޭގައި މަޑުކުރުމުން އެމަންޒަރު ބަލާން ހުރެފައި ނާސިމާ ހިނގައްޖެއެވެ.

ނީމާ އާއި އާސިމު އެތަނުގައި ތިބެގެން ޖޫގޯބޮމުން ތަފާތުވާހަކަތައް ދައްކާ މަޖާކުރަމުން ދިޔައެވެ. ނާސިމާ އާއި އަސްނާދު އެ ހުރިހާ މަންޒަރެއް ބަލަމުން ދިޔަ ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް ނީމާ އާއި އާސިމުގެ މެދުގައިވާ ގުޅުމަށް މަހެއްހާ ދުވަސްވީރު އެދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ލޯބީގެ ގުޅުމަކަށް ބަދަލު ވެފައެވެ. ދެމީހުން ވެސް ބޭނުންވަނީ އެގުޅުމަކީ ދާއިމީގުޅުމަކަށް ހަދަން ކަމަށްވާތީ ދެމީހުން ވެސް މަސައްކަތް ކުރަމުން ދިޔައީ އެމީހެއްގެ ފަރާތުން އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް އެންމެ ފުރިހަމައަށް ކުރެވޭތޯ އެވެ. ހުސްވަގުތެއް ލިބިއްޖެ ނަމަ ދެމީހުން ހުރިހާ ވަގުތެއް ހޭދަކުރަނީ އެކުގައެވެ. ލޯބީގެ އަހުދުތަކާއި ވަޢުދުތައްވަމުން ދިރިއުޅުމަށްޓަކައި ފޮނި އުންމީދު ތަކެއް ކުރަމުން ރޭވުންތައް ރޭވުމާއިގެން އެތައް ވަގުތެއް ހޭދަކުރަމުން ދިޔަ ވެސް މެއެވެ.

ނީމާ އެރަށަށް އައީއްސުރެ އޭނާގެ ރީތިކަމާއި ފުރިހަމަކަން ފެނި އެކަމަށް ފެންބޮވައިގެން، އޭނާގެ ފަހަތުން މުގޯލި އަޅަމުން ވަގުތަކަށް ބަލަމުން ބިސްމަޅި ދުއްވަމުން އަސްނާދު ދިޔަ ނަމަވެސް އޭނާ ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. އެކަންވަނީ އެހެން އެންމެންގެ ލޯތަކަށް ސިއްރު ވެސް ވެފައެވެ.

ހުކުރުދުވަހުގެ ހެނދުނު ވަގުތެވެ. ނީމާ އާއި އާސިމު ތިބީ ކުރީގެ ހުކުރުމިސްކިތާއި އިންވެގެން ހުރި ޒިޔާރަތް ކައިރީގައި އެތަން ބަލާށެވެ.

” މިއީ ކުރީގެ މީހުން ހާދަ މަސައްކަތުން ހަދާފައިހުރި ތަނެކޭދޯ ؟ ” ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލަމުން ނީމާ ބުނެލި އެވެ.

” މިއީ މިރަށު މުސްކުޅިންގެ ހުނަރުވެރިކަން … އަހަރެން ވެސް ގިނައިން އަންނަނީ މިމިސްކިތަށް.”  އާސިމު ވާހަކަދެއްކީ ޒިޔާރަތާއި ދިމާއަށް ބަލާން ހުރެއެވެ.

” ހާދަ ރަނގަޅޭ … އަހަރެން ވަރަށް ލޯބިވޭ އާސިމުދެކެ …. ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ލޯބިވޭ.” އާސިމުގެ ކޮނޑުގައި އަތްއަޅާލަމުން ޢިޝްޤީ މަސްތީ ރާގަކަށް ނީމާ ބުންޏެވެ.

” އަހަރެން މާބޮޑަށް ލޯބިވޭ. ” ނީމާއާ ގާތަށް ޖެހިލަމުން އާސިމު ބުންޏެވެ.

ނީމާ އާއި އާސިމުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަސްނާދު ހުރި ނަމަވެސް ނީމާ އާއި އާސިމަކަށް އެކަމެއް ނޭނގެއެވެ.

އޮއްސުނު އިރާއިއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވި އެވެ. މަގުތަކުން މީހުން ފެނުން ވެސް މަދުވިއެވެ.

ނީމާ އައިސް ގެއަށްވަދެ ދޮރުލައްޕާލި އެވެ. އަނގައިން ރާގެއްގެ އަޑުލައްވަމުން އައިސް ފެންޑާ ލައިޓް ދިއްލާލިއެވެ. އެވަގުތު ފެންޑާތެރޭގައި ހުރި މީހަކު ފެނިފައި ނީމާ ސިއްސައިގެން ދިޔައެވެ. އަނގަ ބަންދުވި ކަހަލަ އެވެ. އެމީހާ ހުރީ ނީމާއާ ފުރަގަސްވާގޮތަށް ކަމަށްވާތީ އެއީ ކާކުކަމެއް ނީމާއަކަށް ނޭނގުނެވެ.

ނީމާގެ ކުރިމަތީގައި ހުރި މީހާ ނީމާއާ ދިމާއަށް އެނބުރުނު ވަގުތު އެއީ ވާފިރުކަން އެނގުމުން ނީމާ ވަރަށް ހައިރާން ވިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.

” ވާފިރު. ” ހައިރާންކަމާއިއެކު ނީމާއަށް ބުނެވުނެވެ. އޭނާގެ އަޑާއި ހަރަކާތުން ވެސް ފާޅުވީ ހައިރާން ކަމުގެ އަސަރުތަކެވެ. ނީމާގެ އަޑަށް މާބޮޑު ސަމާލުކަމެއް ނުދީ ވާފިރު ހިނގައިގަތީ ނީމާއާ ދުރަށެވެ. އަދި ތަންކޮޅަކަށް ގޮސްފައި މަޑުކޮށްލަމުން ވާހަކަދައްކާން ފެށިއެވެ.

” އަހަރެންނަށް މަދުމަދުން އެބަފެނޭ މިތަނުގެ މަގުތަކުން ކަލޭ.. އެކަމަކު އެއްވާހަކައެއް ހަނދާން ބަހައްޓާތި. މިރަށުގައި ވެސް އުސް މަގުތަކާއި ތިރި މަގުތައް ހުންނާނެ. މިހާރު ތިޔަ ހިނގާ މަގުން ގޮސްފިނަމަ ތިރިއަށް ގޮސް ކައްސާލާނީ ކަންނޭނގެ .. ގާތުން ފެންނަން އޮންނަތަނަކަށް ދާން ނަގާނީ މަދު ވަގުތު ކޮޅެއްނުދޯ ؟ ” ވާފިރު ވާހަކަ ދައްކަމުން ދައްކަމުން ނީމާ އާއި ދިމާއަށް އައެވެ.

” ތިޔަ ބުނުއްވާ އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު. ” ހައިރާން ކަމާއިއެކު ނީމާ ބުނެލި އެވެ.

” އަހަރެން ބުނެފީމެއްނު ވަރަށް މަދު ވަގުތުކޮޅެކޭ ނަގާނީ …. އަހަރެން ކަލެޔަށް ވަގުތު ދެމެއްނު.” ނީމާއާ ދުރަށް ޖެހިލަމުން ވާފިރު ބުނެލި އެވެ.
ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.