ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 6 )

” އަހަރެން ބުނެފީމެއްނު ވަރަށް މަދު ވަގުތުކޮޅެކޭ ނަގާނީ …. އަހަރެން ކަލެޔަށް ވަގުތު ދެމެއްނު.” ނީމާއާ ދުރަށް ޖެހިލަމުން ވާފިރު ބުނެލި އެވެ.

” އަހަރެންނަށް އެނގޭ އަހަރެން މިތަނަށް އައީ ކޮންކަމެއް ކުރަންކަން. މަސައްކަތް ކުރަނީ ވެސް އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް. އަހަރެން އެއްވެސް ވަގުތެއް ބޭކާރެއް ނުކުރަން. ” އަދަބުވެރިކަމާއިއެކު މަޑުމަޑުން ނީމާ ވާހަކަދެއްކި އެވެ.

” އަހަރެން ހިތްހަމަޖެހޭ ކަލޭގެ މަސައްކަތާއިމެދު. ކަލޭ ދިރިއުޅެނީ ވެސް އެކަނި ….. ކޮންމެ ކަމަކާއިމެދު ވެސް ގޮތެއް ނިންމުމުގެ ކުރިން ވިސްނަން ޖެހޭނެ. އަހަރެން ކަންތައް ކުރަނީ އެހެން. ކަލޭ ވެސް މަސައްކަތް ކުރާނީ އެހެން ކަމަށް އަހަރެން ހީކުރަނީ. އެކަމަކު މިއީ ވެސް ބޭކާރު ވަގުތެއް ކަންނޭނގެ.”  ވާފިރު ވާހަކަ ދައްކަމުންދިޔަ އެވެ.

” އަހަރެން މިހެން މިބުނީ މިއީ ރޭގަނޑުގެ ކެއުމުގެ ވަގުތު ކަމަށް ވާތީ. ހިނގާ އަހަރެމެން ގެއަށް ކާން. ” ގެއިން ނުކުންނާން ހިނގައިގަންނަމުން ވާފިރު ދަޢުވަތު ދިނެވެ.

” ވަރަށްބޮޑަށް މަޢާފަށް އެދެން. އަޅުގަނޑު މިއުޅެނީ ބޮލުގައި ރިއްސާތީ. ” މަޑުމަޑުން ނީމާ ބުނެލި އެވެ.

” އަހަރެން ކުރިން ވެސް ބުނިން މާގިނަ ވާހަކަދައްކާ މީހުންނާއި މާގިނަ ސުވާލުކުރާ މީހުން އަހަރެންނަކަށް ކަމަކުނުދެޔޭ … ނޫނެކޭ ބުނާ އަޑު އަހާކަށް އަހަރެން ބޭނުމެއްނޫނޭ. ” ނީމާއަށް އެކަން ހަނދާންކޮށް ދިނުމަށްފަހު ވާފިރު އެގެއިން ނުކުމެގެން ހިނގައްޖެ އެވެ.

ނީމާ ގޮސް އެނދުގައި އޮށޯވެ ހަމަޖެހެލެވޭތޯ މަސައްކަތްކުރި ނަމަވެސް ހިތްހަމަ ޖެހޭގޮތެއް ނުވިއެވެ. ވާފިރު ދެއްކިވާހަކަތައް ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ.

ތަފާތު ޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑިއަށް ބާރުބޮޑުވެފައި އޮތް ނީމާއަށް ނިދުނުއިރެއް އޭނާއަށް ވެސް ނޭނގެ އެވެ.

ރަށުތެރެއަށް ފެތުރިފައިވާ ހަމަހިމޭންކަމާއި އަނދިރިކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ.

މެންދަމު ބާރަގަޑި ތިރީސްކަން ހާއިރެވެ. ސިއްޚީމަރުކަޒުގެޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށް ޓަކައި ހުޒައިފާ ސިއްޚީމަރުކަޒުން ނުކުތެވެ.

ހުޒައިފާއަކީ ހެދިހުރި ރީތި ފުރިހަމަ ހަށިގަނޑަކާއި، ހަށިގަނޑާއި ގުޅޭ ވަނާތަކެއް ލިބިފައިވާ ރީތި ފުރިހަމަ ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ދޮންކުލަ އަކީ ވެސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ.

ތަފާތުގޮތްގޮތަށް ލޯބީގެ ހުށަހެޅުންތަކާއި އެފަދަދަޢުވަތުތައް ލިބެމުން ދިޔަނަމަވެސް،  އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އޭނާ ކުރިމަސައްކަތުން ތަޢުލީމީ ހަޔާތުގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލުކުރިއެވެ. ނަރުސްކޯހުގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ.

އުމުރުން ވިއްސަކަށް އަހަރުގެ ހުޒައިފާ ރަށުވަޒީފާއަށް ނުކުންނާން ފެށިތާ އަދި މިވީ ދެތިން މަސް ދުވަހެވެ. ކުރިއެކޭ އެއްފަދައިން މިހާރު ވެސް ހުޒައިފާއަށް ލޯބީގެ ހުށަހެޅުންތަކާއި އެފަދަ ދަޢުވަތުތައް ލިބެމުންދިޔަ އެވެ. އެފަދަ ބައެއް ޒުވާނުންގެ އުނދަގޫކުރުންތަކާއި ޖެއްސުން ކުރުންތައް ވެސް ކުރިމަތިވަމުން ދިޔައެވެ.

ރަށުތެރޭގައި ދެކެވެމުންދާ ބައެއް ވާހަކަތަކުންނަމަ ހުޒައިފާ މާލެއިން އައީ ބައިވެރިއަކު ހޯދައިގެން ނެވެ.

ހުޒައިފާގެ ލޯތްބަށް އެދި އާދޭސްކުރި މީހުންގެ ތެރޭގައި އާސިމާއި އަސްނާދު ވެސް ހިމެނެ އެވެ. އެހެނަސް އެދެމީހުނަކަށް ވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބުނެވެ. އެހެން ޒުވާނުންފަދައިން އެދެމީހުން ވެސް ޖެހުނީ އިސްޖަހާލާފައި ދުރަށް ދާށެވެ.

އަނދިރިކަމާއި ހަމަހިމޭންކަމުން ފުރިފައިވާ މަގުތަކުގައި އެކަނިމާއެކަނި ހިނގަމުންދިޔަ ހުޒައިފާ ސިއްސައިގެން ގޮސް ހަޅޭލަވައި ގަންނަމުން ހުއްޓުނީ، ކުއްލިއަކަށް ކަހަލަގޮތަކަށް އޭނާގެ ކުރިމައްޗަށް ބުޅަލެއް އެރުމުން ނެވެ.

ހުޒައިފާއާ ދިމާއަށް ބަލަހައްޓައިގެން ބުޅާއޮތްއިރު، އޭގެ ދެލޮލުން ގަދަރަތްކުލަ ވިދަވިދާ ހުއްޓެވެ. ހީވަނީ އަނގުރުއަލިފާން ހެންނެވެ. ކުއްލިއަކަށް ކުރިމަތިވި ކަންތަކުގެ ސަބަބުން ހުޒައިފާ ބިރުގަނެ ޖެހިލުންވާން ފެށިއެވެ. މަޑުމަޑުން ފަހަތަށް ޖެހެވޭން ވެސް ފެށިއެވެ.

ކުއްލިއަކަށް ތަނެއްގައި ލައިގަތުމުން ހުޒައިފާ އަވަސް އަވަހަށް ފަހަތް ބަލާލިއިރު އޭނާގެ ކުރިމަތީގައި ހުރީ ސިފަ ނޭނގޭ ކަޅުކަޅު މީހެކެވެ. އެމީހާގެ ސިފަ ނޭނގުނު ނަމަވެސް ދެލޯފަދައިން ދިލިފައިވާ ދެއަލިކޮޅު ފާހަގަވެއެވެ.

ހުޒައިފާގެ ބިރުގަތުމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ހަޅޭލަވައި ގަންނަން އުޅެނިކޮށް އެމީހާ ހުޒައިފާގެ އަނގަމަތީގައި ނޭފަތާއެކު އަތް އެޅިއެވެ. އެގޮތުގައި މާގިނައިރެއް ނުވަނީސް ހުޒައިފާގެ ޚަބަރުހުސްވެ އެމީހާގެ އަތްދަނޑިމައްޗަށް ދެމިއްޖެ އެވެ.

ވަރަށް ޝައުޤުވެރިކަމާއި ފަރުވާތެރިކަމާއިއެކު ހުޒައިފާއަށް ބަލާލަމުން އެކަޅުމީހާ ހުޒައިފާއާ ދިމާއަށް ތިރިވާން ފެށިއެވެ. ހިތްހަމަޖެހުމާއިއެކު ހީލަމުން ހުޒައިފާގެ ކަރުގައި އެމީހާ އަނގަ ޖެހިއެވެ. ހުޒައިފާގެ އަނގައިން ވޭނުން ފުރިގެންވީ އާހެއްގެ އަޑު ނުކުމެގެން ދިޔައެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އެމީހާ އޭނާގެ އެޢަމަލާއިގެން ކުރިޔަށްދިޔަ އެވެ. ހުޒައިފާގެ އަނގައިން ލެޔާއި ފޮނު ނުކުންނަމުން ދިޔައެވެ.

އެމީހާ އޭނާ ބޭނުންވިފަދައިން ކަންތައްކޮށް ނިންމާލުމަށްފަހު މަޑުމަޑުން ކޮޅަށް ތެދުވި އެވެ. އެމީހާ މައްޗަށް ބަލާލަމުން ދެއަތް އުފުލައި ހަޅޭލަވައި ގަތުމާއިއެކު އެމީހާގެ ސިފަ ބާޒެއް ކަހަލަ ދޫންޏަކަށް ބަދަލުވެގެން ދިޔައެވެ. ބާޒެއްފަދަ އެދޫނި ބާރު އަޑެއް ލައްވާލަމުން އުދުއްސައިގަތެވެ.

ވެރިވެފައިވާ އަނދިރިކަމަށް އެއްވެސް ސަމާލުކަމެއްނުދީ އުދުހެމުން ދިޔަ ބާޒެއްފަދަ އެދޫނި ގޮސް، ސަހަރާ ތެރޭގައިވާ ބޮޑުނިކަގަހުގެ ތެރެއަށް ތިރިކުރި އެވެ. ނިގަގަހުގެ މަތީގައި އަޑުއަޑު ލައްވަމުން އުދުހެމުން ދިޔަ ވާތަކާއި ކާޅުތައް ވެސް ގަހަށް ތިރިކުރާން ފެށިއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފަށައި ފިއެވެ. އާ ދުވަހަކަށް އިރު އެރުމާއިއެކު ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ހުޒައިފާ ގެއްލުނު ވާހަކަ އެވެ. ރޭގެ ޑިއުޓީ ނިންމާލުމަށްފަހު ސިއްޚީ މަރުކަޒުން ނުކުތް ފަހުން އެއްވެސް މީހަކަށް އޭނާ ނުފެންނަ ވާހަކަ އާއި އޭނާގެ ޚަބަރެއްނުވާ ވާހަކަ އެވެ.

ރަށުއޮފީހުގެ ލަފަޔާއި މަޝްވަރާގެމަތިން ރަށުގެ ރައްޔިތުން ނުކުމެ ހުޒައިފާ ހޯދުމުގެ މަސައްކަތް ކުރަން ފެށިއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހައިރާންކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ނުތަނަވަސްކަމާއި މާޔޫސްކަމުގެ ކުލަވަރެވެ. ހިތާމަ އާއި ހިތްދަތިކަމުގެ އަސަރު ވެސް މެއެވެ.

ރަށުގެ ރައްޔިތުންނާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ނުކުމެ އިރުއޮއްސެންދެން ކަހަލަގޮތަކަށް ކުރި މަސައްކަތުން ވެސް ހުޒައިފާގެ އެއްވެސް ޚަބަރެއް ނުވިއެވެ. އޭނައާ ގުޅުންހުރި ނިޝާނެއް ވެސް ނުފެނުނެވެ. ހުޒައިފާގެ ޢާއިލާ މެންބަރުންނާއި އޭނާގެ ގާތްރައްޓެހިން އެކަމާއި ރޮއި ހިތާމަކުރަމުން ދިޔައެވެ.

ހުޒައިފާ ގެއްލުމުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހިތާމައާ ހިތްދަތިކަމުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން އިރުއޮއްސުމުން އިތުރުވެގެން ދިޔައެވެ. މަގުތައް އިތުރަށް ފަޅުވެގެން ދިޔައެވެ.

ރަށުތެރޭން މާގިނަމީހަކު ނުފެނުނު ނަމަވެސް އަތިރިމަތީގައިވާ ރެސްޓޯރެންޓްގައި ކޮންމެވެސް ވަރަކަށް މީހުން ތިއްބެވެ. އެތަނުގައި ތިބި މީހުންގެ ތެރޭގައި ނީމާ އާއި އާސިމު ވެސް ހިމެނެއެވެ.

ނީމާ އާއި އާސިމު ކޮންމެ ވެސް މުހިންމު ވާހަކަތަކެއް ދައްކަމުން ކޮފީބުއިމާއިގެން މަޝްޣޫލްވެ ތިއްބެވެ.

” ކުރީރޭ އަހަރެން ގެއަށް ދިޔައިރު ވާފިރުހުރި ގޭގައި. އޭރު ގޭތެރޭގައި އެއްވެސް އަލިކަމެއް ވެސް ނެތް. އެހެންވެ އަހަރެން ވަރަށް ހާސް ވެސް ވި.” ހާސްވެފައިވާ ފަދައަކުން ނީމާ ވާހަކަދެއްކި އެވެ.

” ދެން … ” އާސިމު އަހާލި އެވެ.

” ވާހަކަތަކެއް ދައްކަ ދައްކާފައި ބުނީ އެގެއަށް ކާންދާން. އަހަރެން ބަލިކަމަށް ބުނެ އެކަމާ ދެކޮޅުހެދީ. އޭނާއަށް ވިސްނުނު އަހަރެން އޭނާއާއެކު ދާން ބޭނުން ނުވާކަން. ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ހުރެގެން އޭނަ ގެއަށް ދިޔައީ. އަހަރެން ކޮންމެ ވެސް ވަރަކަށް ޖެހިލުންވި އެކަމާ. ” ހެމުން ހެމުން ނީމާ ކިޔައިދިނެވެ.

ތަންކޮޅެއް ދުރުގައިތިބި ދެޒުވާނަކު އާސިމަށް ގޮވާލުމުން އެމީހުން ގާތަށް އާސިމު ދިޔައެވެ.

ޖީބުގައިއޮތް ފޯނު ރިންގްވާން ފެށުމުން ނީމާ އަވަސް އަވަހަށް ފޯނު ނަގައި ޖަވާބު ދިނެވެ. އެކޮޅުން ވާހަކަދައްކަން ފެށީ ފިރިހެނެކެވެ.

” ކަލޭގެ ފުރާނަ ތިވަނީ ނުރައްކަލެއްގެ ތެރޭގައި. ” ނީމާ ޖަވާބު ދިނުމާއިއެކު އެމީހާ ބުނެލި އެވެ.

” ވާހަކަ ތިދައްކަނީ ކާކުތަ ؟  ކުރިން ދުވަހަކު އަންހެންކުއްޖަކު ވެސް ފޯނުކޮށްފައި ތިޔަހެން ބުނި. މިފަހަރު ކަލޭ ތިޔަހެން ތިބުނީ. ” ހާސްކަމާއި ނުތަނަވަސްކަމާއިއެކު ސުވާލުކުރަމުން ނީމާ ވާހަކަދެއްކި އެވެ.

” ކަލޭ ކައިރީގައި ތިވަނީ ނުރައްކާތެރި މީހެއް. މިވާހަކަތައް ގަބޫލު ކުރޭ. ” އަޑުގައި އެއްވެސް ރައްޓެހިކަމެއްނެތް އެފިރިހެންމީހާ ވާހަކަދެއްކި އެވެ.

” ކޮންވާހަކައެއް .. ބޭކާރު ވާހަކަ ނުދައްކާ. ކަލޭތީ ކާކުތަ ؟ ” ހިތްހަމަނުޖެހުމާއިއެކު ނީމާ ސުވާލު ކުރިއެވެ.

” އަހަރެންނަކީ މިރަށު ކައުންސެލަރ އަސްނާދު…. ކަލޭ އައިސް އަހަރެންނާއި ބައްދަލުކުރޭ …… އަހަރެން ފޯނު ކުރިކަން އޭނާއަށް އެއްގޮތަކަށް ވެސް  އެނގިގެން ނުވާނެ. ” އަސްނާދު ބުނި ޖުމްލައާއެކު ނީމާގެ އަނގަ ބަންދުވި ކަހަލަ އެވެ.

ނީމާ ފޯނުން ވާހަކަދައްކަން އިންދައި އާސިމު އައިސްފި އެވެ. އާސިމު އައުމާއިއެކު ނީމާ ވާހަކައިގެ މަޢުލޫ ބަދަލުކޮށްލި އެވެ.

” އާން. ބޭބޭ. ” އަވަސް އަވަހަށް ނީމާ ބުނެލި އެވެ.

” ކަލޭ މާދަމާ އާދޭ. އަހަރެން ކަލެޔަށް އިންތިޒާރު ކުރާނަން.” އަސްނާދު ބުނެލި އެވެ.

” އާން … އަހަރެން ފަހުން ގުޅާނަން. ” ނީމާ ޖަވާބު ދިނެވެ. ނީމާ މަސައްކަތްކުރީ އާސިމަށް އޮޅުވާލެވޭތޯ އެވެ. އެހެންވެ ނީމާ ފޯނު ކަނޑާލި އެވެ.

” ހުރިހާ ކަމެއް ވެސް ރަނގަޅުތަ ؟  ” ނީމާއަށް ބަލާލަމުން އާސިމު އަހާލި އެވެ.

” އާން … ބޭބެ އެއީ. ވަރަށް ކަންބޮޑުވާނެ އަހަރެން ރަށުން ބޭރުގައި ހުންނަންޏާއި. ކަންތައްތައް ރަނގަޅުތޯ ބަލާލަން ފޯނުކުރީ. ” ހާސްކަމާއިއެކު މަޑުމަޑުން ނީމާ ވާހަކަދެއްކި އެވެ.

ނީމާގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން އާސިމަށް ކޮންމެ ވެސް އެއްޗެއް ވިސްނުނު ކަހަލަ އެވެ.

” އެހެންދޯ ؟  ހިނގާ ގެއަށް ދާން. ” ކައުންޓަރާއި ދިމާއަށް ހިނގައި ގަންނަމުން އާސިމު ބުންޏެވެ.

ނީމާ އާއި އާސިމު އެތަނުން ނުކުމެގެން އާސިމުގެ ސައިކަލްގައި ގެއާއި ދިމާއަށް ދަތުރު ފެށިއެވެ.

ކައުންސެލަރ އަސްނާދާއި ކުޑަކަތީބު ނާސިމާ ވާހަކަދައްކާން ތިބީ އޮފީސްތެރޭގަ އެވެ. ދެމީހުންގެ ވާހަކަތަކާއި ޢަމަލުތަކަށް ބަލާލުމުން ވެސް އެމީހުން ތިބީ ވަރަށް މުހިންމު ވާހަކަތަކެއް ދައްކަންކަން ޔަގީންވި އެވެ.

” އަހަރެންނަކަށް ހިޔެއް ނުވޭ ނީމާގާތު އާސިމުގެ ވާހަކަ ދެއްކުން އެއީ އެހާ ރަނގަޅު ކަމަކަށް ވާނެ ހެނެއް. ”  އަސްނާދާއި ދިމާއަށް ބަލާލަމުން ނާސިމާ ވާހަކަދެއްކި އެވެ.

” އަހަރެންނަށް ހީވަނީ … އުނހު. ހީވަނީއެއް ނޫން. ޔަގީން ވަނީ. ކަލޭ ދުވަހަކު ވެސް ކަލޭގެ ދިރިއުޅުމުގައި ރާޒުވާއެއް ނުކުޅޭ. ރަށުއޮފީހުގައި ތިފަދަ ވަޒީފާއެއް އަދާކުރަންޏާއި އެފަދައިން ސިކުނޑި މަސައްކަތް ކުރަން ވާނެ. ” ނާސިމާއަށް ބަލާލަމުން އަސްނާދު ވާހަކަދެއްކިއެވެ. އަސްނާދާއި ނާސިމާ ވާހަކަތަކާއިގެން ކުރިޔަށް ދިޔައެވެ.

” ރާޒުވާ ކުޅެންޏާއި ބޭނުންވަނީ ސިކުނޑީގެ ބޭނުން ހިފުމެއްނު. ރަށުއޮފީހު މުއައްޒަފުންގެ ވެސް ހިތެއް ވާނެއެއްނު … ހިތާއި ކުޅޭ ކުޅިވަރެއް ނެތްތަ ؟  ” ނާސިމާ އަހާލީ ހިނިތުންވުމާއިއެކުގަ އެވެ.

” ނާސިމާ! ދިރިއުޅުމުގައި އަބަދުވެސް ބޭނުންހިފޭނެ ނަސޭހަތެއް ދެންތަ ؟ … އޮފީހަށް އަންނައިރު ކަލޭގެ ހިތް ގޭގައި ބާއްވާފައި އަންނަން އާދަކޮށްބަލަ. ނާކާމިޔާބީއަށް އަހަރެން ނަފުރަތު ކުރަން. ” އަސްނާދު އޭނާގެ ގޮތް ހާމަކުރި އެވެ.

ނީމާ ގޮވައިގެން އާސިމު އައިސް ނީމާއުޅޭ ގެކައިރިއަށް ސައިކަލް މަޑުކޮށްލި އެވެ.

” އަހަރެން ދަނީ. ބާއްޖަވެރި ރޭގަނޑަކަށް އެދެން.” ސައިކަލުން ފައިބަމުން އާސިމަށް ބަލާލާފައި ނީމާ ބުންޏެވެ.

” ނީމާ! ބޭބެ ދޯ ފޯނުކުރީ ؟  ”  އާސިމު އަހާލި އެވެ.

” އާން … ބޭބެ .. ފޯނުކުރީ.” ހުއްޓަމުން އަޅައިގަންނަމުން ކަހަލަގޮތަކަށް މަޑުމަޑުން ނީމާ ޖަވާބު ދިނެވެ.

” ތިއީ ދޮގު. ބޭބެއެއް ނޫން ފޯނުކުރީ. ފޯނުކުރީ ރަށުކައުންސެލަރ އަސްނާދު … އަދި ބުނަން އެބައޮތް އެއްވާހަކަ … ލޯބިވާ މީހުން ދޮގެއް ނުހަދާނެ. އޮޅުވައެއް ނުލާނެ … ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” އެހެން ބުނަމުން އާސިމު ސައިކަލް ދުއްވާލިއިރު ނީމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމުގެ އަސަރު ތަކެވެ. ދެރަވެސް ވިއެވެ. އެހެނަސް ކެތްތެރިކަމާއިއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ނީމާއަށް ވެސް ވިސްނުނެވެ.                                   ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ސަހަރާ ( 6 )“

Leave a Reply

Your email address will not be published.