ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 8 )

” އިރުކޮޅަކުން ރަނގަޅުވެދާނެ. ” އާސިމު ޖަވާބު ދިނެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ގަދަވަޔާއިއެކު ވިދާގުގުރައި ވާރޭވެހޭން ފެށިއެވެ. ނީމާގެ ހާސްވުން ކަންބޮޑުވުމަށް ބަދަލުވެގެން ދިޔައެވެ. ހާސްވުމާއި ކަންބޮޑުވުމާއިއެކު އަވަސް އަވަހަށް މޭޒުކައިރިން ތެދުވަން އުޅުނު ވަގުތު މޭޒުގައި ކަކުލުންޖެހި މޭޒަށްއައި ލޮޅުމުގައި ބައެއް ތަށި ވެއްޓި ތަޅައިގެންދިޔަ އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. އެކަމުގެ ސަބަބުން ނީމާގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

” އާސިމު … އާސިމު … އައިސްބަލަ އަދިވެސް ކަރަންޓެއް ނާދޭ. ” ކަންބޮޑުވުމާއި ހާސްކަމާއިއެކު ނީމާ ގޮވަމުންދިޔަ އެވެ.

ނީމާ ވަރަށް ބަލައިގެން އެހާމެ ފަރުވާތެރިކަމާއިއެކު އެތަނުން ނުކުމެގެން ގޮސް ފެންޑާދޮރު ލައްޕައި ތަޅުލިއެވެ.

” އާސިމު!. އައިސްބަލަ. އަދިވެސް ކަރަންޓެއްނާދޭ .. އަހަރެން ބިރުގަނޭ. އުއްބައްތިއެއް ނެތްތަ ؟ ”  އަވަސް އަވަހަށް ނީމާ ގޮވާލިއެވެ.

” ފެންޑާތެރޭ އެހެރެ ކަބަޑު ބަލާލަބަލަ. އެތާ ހުންނާނެ އުއްބައްތިއާ ލައިޓަރު. ” އާސިމު ގޮވާލިއަޑު އިވުނެވެ. އެހެނަސް އާސިމު އަދިވެސް ނާދެއެވެ.

އާސިމު އެބުނާ ކަބަޑު ހުޅުވަންވެގެން އުޅެނިކޮށް ކަބަޑު އަރިއަޅާލައި އޭގެތެރޭން ބައެއްތަކެތި ބޭރަށް ފޭބިއެވެ. ވަށައިގެން ހޯދާލަމުން ނީމާ ކަބަޑު ކައިރީ އިށީންދެ އެތަކެތި ނަގަންފެށި އެވެ. ނީމާގެ ނަޒަރު ހުއްޓުނީ އެތަނުގައިވާ ފޮޓޯތަކަށާއި އެތަނުގައި އޮތް ހަންޖަރެއް ކަހަލަ ވަޅިއަށެވެ. އެފޮޓޯތައް ބެލުމުގެ ޝަޢުޤުވެރިކަން އުފެދުމާއިއެކު ނީމާ އަވަސް އަވަހަށް އެފޮޓޯތައް ނެގިއެވެ.

ފޮޓޯތައް ބަލަންފެށި ނީމާއަށް ހުއްޓުންއެރީ އެފޮޓޯތަކުގައިވާ މީހާ ފެނުމުން ނެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް އެފޮޓޯތަކަކީ ނީމާ ފެންވަރަން ހުއްޓައި ވަގަށް ނަގާފައިވާ ފޮޓޯތަކެކެވެ. އެއްވެސް އިޙްތިޔާރަކާއިނުލައި ތަޅުންގަނޑު މަތީގައި އިށީންދެވުމާއިއެކު ދެލޮލުން ކަރުނަ ހިލިއްޖެ އެވެ.

ނީމާގެ ހާސްކަމާއި ކަންބޮޑުވުން ޝައްކަށް ބަދަލުވާން ފެށިއެވެ.

އަވަސް އަވަހަށް ތެދުވެގެން ގޮސް ގޭދޮރު ހުޅުވައިގެން ބޭރަށް ނުކުމެ އެގެއާ ދުރަށް ދުއްވައި ގަތެވެ. ގަދަވަޔާއިއެކު ވިދާގުގުރާ ވެހެމުންދިޔަ ވާރޭއަކަށް ބަދަލެއް ނާދެއެވެ.

ބިރާއި ސިހުމާއިއެކު ރޮމުން ރޮމުން ކަހަލަގޮތަކަށް ފަހަތަށް ބަލަމުން ދުވަމުންދިޔަ ނީމާއަށް ހުއްޓުން އެރީ ކޮންމެ ވެސް މީހަކު އޭނާގެގައިގައި ހިފެހެއްޓުމުން ނެވެ. ނީމާގެ ހާސްކަމާއި ކަންބޮޑުވުން އަދި ބިރުގަތުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ. އަވަސް އަވަހަށް އިސްއުފުލާލަމުން އެމީހާއާ ދިމާއަށް ބަލާލިއިރު އެއީ ކައުންސެލަރ އަސްނާދު އެވެ. އޭނާ ހުރީ ތެމިފޯވެފައެވެ.

” ކައުންސެލަރ …. ކައުންސެލަރ .. ” ބިރުން ހަލާކުވާވަރު ވެފައިހުރި ނީމާ ރޮމުން ރޮމުން ކަހަލަގޮތަކަށް އަސްނާދުގެ އަތުގައި ހިފެހެއްޓި އެވެ.

” އަސްނާދު … އަސްނާދު.. އަހަރެންގެ ވިސްނުން ގޯސް … އޭނާއަކީ މީހުން މަރާ މީހެއް … އޭނާއަކީ މީހުން މަރާ މީހެއް .. އޭނާ ހައްޔަރުކުރޭ. ” ރޮމުން ރޮމުން ނީމާ ވާހަކަދެއްކިއިރު އޭނާގެލޯ އަމާޒުވެފައި ހުރީ އާސިމުގެ ގެއާއި ދިމާއަށެވެ.

ދިމާވި ކަންތަކުގެ ސަބަބުން ނީމާ އޭނާގެ ދިރިއުޅުން އެހެން ގެއަކަށް ނުވަތަ އެހެން ރަށަކަށް ބަދަލުކުރުމަށް ނިންމިއެވެ. ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތަކުންނާއި ރޭގައި ކަންތައް ދިމާވިގޮތުގެ ސަބަބުން އެބޮޑުގޭގައި އޭނަ އެކަނި މާއެކަނި އުޅުމަކީ ނީމާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ބިރާއި ސިހުމުގެ ސަބަބުން ނީމާއަށް އަސަރުކޮށްފައި ވެއެވެ.

ހެނދުނު އަށެއްޖަހާކަން ހާއިރެވެ. ކުލީކާރެއް ގެނެސް ޑުރައިވަރުގެ އެހީގައި ނީމާ އޭނާގެ ތަކެތި ކާރަށް އެރުވިއެވެ. އަތްދަބަސް ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތް ވަގުތު ނީމާގެ ލޯ އަމާޒުވީ މޭޒުމަތީގައި އޮތް އަނގޮޓިއަށެވެ. އަވަސް އަވަހަށް އަނގޮޓި ނަގަމުން އެއަށް ބަލާލުމާއިއެކު ނީމާގެ ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ އާސިމުގެ އަތުން ނީމާގެ އިނގިލީގައި އެއަނގޮޓި އެޅުވި މަންޒަރެވެ.

ކުޑަކޮށް ވިސްނާލުމަށްފަހު އެއަނގޮޓިނަގައި އަތްދަބަހަށް ލައިގެން ނީމާ ގޮސް ކާރު ކައިރިއަށް ހުއްޓުނުއިރު ޑުރައިވަރު އިނީ ކާރުގަ އެވެ.

ކާރެއް ސްޓާޓްކޮށްލިއަޑު އިވުމުން އާސިމު އަވަސް އަވަހަށް ކުޑަދޮރުން ބޭރު ބަލާލިއިރު ނީމާ ކާރަށް އަރަނީ އެވެ.

” ނީމާ! ….. ” ހައިރާންކަމާއިއެކު އަވަސް އަވަހަށް އާސިމަށް ބުނެވުނެވެ.

ނީމާ ކާރަށް އެރުމާއިއެކު ކާރު ދުއްވާލި އެވެ. ހައިރާންކަމާއިއެކު އެމަންޒަރު ބަލަންހުރުން ފިޔަވާ އެހެންކަމެއް އާސިމަކަށް ނުކުރެވުނެވެ.

ތަފާތު އެތައް މަގަކާއި އެތައް ގޯޅިއެއް ކަޑަތުކުރުމަށްފަހު ކާރު މަޑުކުރީ ހެޑްމާސްޓަރ ވާފިރުގެ ގެކައިރި އަށެވެ. ނީމާ ކާރުން ފޭބުމުން ނީމާގެ ތަކެތި ބަލާފައި ކާރު ހިނގައްޖެ އެވެ. ވާފިރުގެ ގެއިން ނީމާއާ ބައްދަލުކުރީ ވާފިރުގެ އަންހެނުން އާގިސާ އެވެ. އާގިސާއާ އެކުގައި ނީމާ ގޮސް ކޮޓަރިއަކަށް ވަތްއިރު އެތަނުގައި ވާފިރު ހުއްޓެވެ.

” ނީމާ! ކަލެއަށް އަހަރެންގެ ހިތުގެއަޑު އިވޭ ކަހަލަ …. މިގަޑީގައި ކަލޭ އައުމުން އަހަރެން ވަރަށް ހައިރާންވެއްޖެ. ” ނީމާއާ ދިމާއަށް ބަލާލަމުން ވާފިރު ވާހަކަދެއްކީ ހައިރާންކަމާއި އެކުގައެވެ.

” ވާފިރު! އަހަރެން މިއައީ ކަލޭމެންގެ ވަޒީފާ އާއި ކަލޭމެންގެ ރަށް ދޫކޮށްލާފައި ދާން. ” މަޑުމަޑުން ނީމާ ބުންޏެވެ.

ނީމާގެ ވާހަކައިން ވާފިރުގެ ހައިރާންކަން އިތުރުވެގެންދިޔަ އެވެ.

” މިއޮތީ އަހަރެން ވަޒީފާއިން ވަކިކޮށްދިނުން އެދި ހުށަހަޅާ ސިޓީ.” ވާފިރުގެއަތަށް ސިޓީއެއް ދެމުން ނީމާ ބުންޏެވެ.

” އެގްރިމެންޓްގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވާން ތިޔައުޅެނީ. ނީމާ މިރަށް ދޫކޮށްފައި ދާތީ އަހަރެން ސަކުވާއެއް ނުކުރަން. އެކަމަކު އަހަރެމެންގެ ވަޒީފާ ދޫކޮށްފައި ދާތީ ސުވާލު އުފެދޭ .. ފަހަރެއްގައި ކަލެޔަށް ހަނދާންނެތުނީ ކަމަށް ވެދާނެ. ކަލޭ މިރަށަށް އައި ދުވަހު ވެސް އަހަރެން ބުނިން … ކަލެޔާމެދުގައި އަހަރެން ދެކޭނީ ޢާއިލާ މެންބަރެއްގެ ހައިސިއްޔަތުންނޭ .. އެކަމަކު އެކަން ވެސް ހަނދާނެއް ނެތްދޯ ؟ ” ވާފިރު ވާހަކަދެއްކީ ނީމާއަށް ބަލަންހުރެ އެވެ.

” އަހަރެންނަށް މަޢާފުކުރޭ. ކަލޭގެ ވިސްނުން ތިހެން ހުރި ނަމަވެސް އަހަރެންނަކީ ކަލޭ އާއިލާގެ މެންބަރަކަށް ނުވާނެ. އަހަރެންގެ ދިރިއުޅުމުގެ ނިންމުންތައް ނިންމާނީ އަހަރެން …. އަހަރެން ދެން ދަނީ. އަހަރެންނަށް މަޢާފުކުރޭ. ” ނީމާ އޭނާގެ އެންމެފަހުގެ ނިންމުން އިއްވި އެވެ.

” އެކަމަކު .. އަދިވެސް ކަލޭ އަންނާނެ … އަހަރެންނަށް އެކަން ޔަގީންވޭ. ” ޔަގީންކަމާއިއެކު ވާފިރު ބުނެލިއެވެ.

ވާފިރުއާ އެތައް ވާހަކައެއް ދެއްކުމަށްފަހު ނިމާ އެގެއިން ނުކުތެވެ.

މާލެ ދިއުމަށްޓަކައި ނީމާ ބަނދަރަށް ނުކުމެ ހުރިއިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ނުތަނަވަސްކަމުގެ އަސަރު ތަކެވެ.

ޚިޔާލެއްގެ ތެރެއަށް ގެއްލިފައިހުރި ނީމާ ސިއްސައިގެން ދިޔައީ ކައުންސެލަރ އަސްނާދުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ.

ނީމާ އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އޭނާއާ ދާދިގާތުގައި އަސްނާދު ހުއްޓެވެ.

” ފުރަނީތަ ؟  ” ނީމާއާ ދިމާއަށް ބަލާލަމުން އަސްނާދު އަހާލިއެވެ.

” އާން …. ” މަޑުމަޑުން ނީމާ ބުނެލިއެވެ.

” ރަނގަޅަށް ކަންތައް ތިޔަ ކުރަނީ. އިތުރު މީހުންތަކެއް މަރުވިޔަސް ކޮންތަފާތެއް އަންނާނީ. އިތުރު އަންހެން ކުދިންތަކެއް ގެއްލުނަސް … އެފަދަ ކުއްވެރިއަކު ހައްޔަރު ނުކުރެވުނަސް ކޮންކަމެއް ވާނީ .. އެގޮތަށް އަމިއްލަފުރާނަ ނުރައްކަލުގެ ތެރެއަށް ލުމަކީ މޮޔައިން ކުރާކަހަލަ ކަމެއް …. ހުރިހާ އެންމެން ވެސް އެމީހުންގެ ދިރިއުޅުމާއި ފުރާނަދެކެ ލޯބިވާނެ …. ހުރިހާ މީހުން ވެސް މަރުދެކެ ބިރުގަންނާނެ. ”  މާލާމާތް އެކުލެވިފައިވާ ފަދައަކުން ނީމާއަށް ބަލަންހުރެ އަސްނާދު ވާހަކަދެއްކި އެވެ.

” އާން. އަހަރެން ބިރުގަނޭ މަރުދެކެ. ކަލޭ ކިހިނެތްތި ދެކެނީ ؟ ކަލެއަކީ ކައުންސެލަރ .. ކަލެއަށް މިކަހަލަ އެތައްކަމެއް ފެނިފައި ހުންނާނީ .. އެކަމަކު އަހަރެންނަކަށް މިކަހަލަކަމެއް އަދި ދިމައެއްނުވޭ. އަހަރެން ބިރުގަނޭ މަރުވެދާނެތީ …. އަހަރެން މިރަށަށް އައީ ވަރަށްފޮނި އުންމީދުތަކެއް ކުރަމުން ހުވަފެންތަކެއް ދެކެމުން …. އެހުވަފެންތަކުގައި ކުލަޖެއްސުމަށް އަޒުމު ކަނޑައަޅައިގެން .. އެކަމަކު އަހަރެންނަށް ވަރަށް ބޮޑުކުށެއް ކުރެވިއްޖެ …. ހިތުގެއަޑަށް ޢަމަލު ކުރެވިއްޖެ … ލޯބިވެވުނީ .. ހިތްދެވުނީ  …. ޔަގީން ކުރެވުނީ …. އެހެނަސް އަހަރެންނަށް ކިހިނެތް އެނގޭނީ އެފަދަމީހުން އުޅޭކަމެއް. އަހަރެންގެ ވިސްނުން މުޅިން ގޯސް … އަހަރެން އެކަނިއުޅެން ދޫކޮށްލާ. ” ރޮމުން ހުއްޓަމުން ކަހަލަގޮތަކަށް ނީމާ ވާހަކަދެއްކި އެވެ.

” އަހަރެންނަށް މަޢާފުކުރޭ … އަހަރެންގެ ބޭނުމަކީ ކަލޭ ހިތުގައި ޖައްސާ ރޮއްވުމެއް ނޫން. އެކަމަކު އެހެންނެއް ވެސް ނުވާނެ. ކަލޭ މިތަނުގައި ބަހައްޓާކަށް އަހަރެން މަސައްކަތެއް ނުކުރާނަން. އެހެނަސް އަހަރެންގެ އެންމެފަހުގެ އެދުން ހުށަހަޅާނަން … އަހަރެންނާއި އެކުގައި ހިނގާ. ކަލެއަށް އެކަހަލަ ދިރިއުޅުމެއް ދައްކަން އަހަރެން ބޭނުން. އެއީ މަރުވުމަށްވުރެ ވެސް ހިތްދަތި ދިރިއުޅުމެއް. ހުރިހާ ތަނެއް ފެނޭ. ހުރިހާ ކަމެއް އިހުސާސް ކުރެވޭ. އަނގަ ހަރަކާތް ކުރޭ. އެކަމަކު ވާހަކައެއް ނުދެއްކޭ. އެއީވެސް ކޮންމެ ވެސް މީހެއްގެ ދަރިއެއް …. އެކަމަކު އޭނާގެ މަންމަ އެދެނީ އޭނާ މަރުވުމަށް. ” އަސްނާދު ވާހަކަދައްކަމުން ދިޔައިރު ނީމާ ހުރީ ކޮންމެ ވެސް ވަރަކަށް ހައިރާންވެ ހާސްވާގޮތް ވެފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަސްނާދަށެވެ.

” އެމަންމަ އާއި ނީމާ ބައްދަލުކުރުވަން އަހަރެން ބޭނުން …. އަހަރެންނާއި އެކުގައި ހިނގައިދާނަންތަ ؟ …. އޭގެފަހުން ކަލޭ މަޑުކުރުވާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރާނަން. އެންމެފަހަރަކު ނަމަވެސް ހިނގާބަލަ. އަހަރެން ކަލޭ މިތަނަށް ގެނެސްދޭނަން. ” އަސްނާދު އެދެމުންދިޔަ އެވެ. އޭނާގެ ކިބައިން ފެންނަމުންދަނީ މާޔޫސްކަމުގެ އަސަރު ތަކެވެ.

އެތަނުގައި ތިބެގެން ނީމާ އާއި އަސްނާދު ވާހަކަތަކެއް ދެއްކުމަށްފަހު، އަސްނާދު އެދުނުފަދައިން އޭނަ އެބުނާ ގެއަށް ދިއުމަށް ނީމާ އެއްބަސްވި އެވެ. އަސްނާދާއި އެކުގައި އޭނާ އެބުނާ ގެއަށް ދިއުމަށް ރަށުކައުންސިލްގެ ކާރުގައި ދަތުރުފެށި އެވެ.

ނީމާ ފުރަން އުޅޭކަން އެނގުމާއިއެކު އާސިމު ބަނދަރަށް އައެވެ. އަވަސް އަވަހަށް ބަނދަރުމަތީގައި ހިނގަމުން އެތަނުގައިވާ މީހުންގެ މޫނަށް ވަކިވަކިން ބަލަމުންދިޔަ އެވެ. އާސިމު އެތައްއިރަކު ކުރި މަސައްކަތުން ވެސް ނީމާއެއް ނުފެނުނެވެ. އާސިމުގެ ހިތުގައިވާ ސުވާލުތައް އިތުރުވަމުން ދިޔައެވެ.

ނޭނޭމެން ގެއިން އަސްނާދުމެނަށް މަރުޙަބާކީ ނޭނާގެ މަންމަ ޒަހީރާ އެވެ. ޒަހީރާއާ ވާހަކަދައްކަމުން ދައްކަމުން އަސްނާދާއި ނީމާ ގޮސް ކޮޓަރިއަކަށް ވަނެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުރި އެނދެއްގައި އޮށޯވެލައިގެން ސަތާރަ ވަރަކަށް އަހަރުގެ އަންހެންކުއްޖަކު އޮތެވެ. އެއީ އަސްނާދު އެބުނާ ނޭނާ ކަމުގައި ނީމާ އަމިއްލައަށް ނިންމިއެވެ. ނޭނާގެ މެއިން ފެށިގެންތިރި ވަނީ ބެޑްޝީޓަކުން ނިވާކޮށްފަ އެވެ. އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ބަލިކަށިކަމާއި ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. އޭނާގެ މަގަތުން އިށީނދެލައިގެން ނާސިމާ އިނެވެ. ނާސިމާ ވެސް އިނީ ވަރަށް ދެރަވެފަ އެވެ.

ނީމާ އާއި އަސްނާދު ގޮސް އެނދުކައިރިއަށް ހުއްޓުމުން ނާސިމާ ކޮޅަށްތެދުވި އެވެ. އެނދުގައިއޮތް ނޭނާ ބަލާލީ އަސްނާދާއި ދިމާއަށެވެ. އަސްނާދު ބަލާލީ އެހެން ދިމާއަކަށެވެ.

ރޮމުން ރޮމުން ކަހަލަގޮތަކަށް ނާސިމާގާތުގައި ޒަހީރާ ވާހަކަތަކެއް ދައްކަމުން ގެންދިޔައެވެ. ޒަހީރާ ހަމައަކަށް އެޅުވޭތޯ ނާސިމާ މަސައްކަތް ކުރަމުންދިޔަ ވެސް މެއެވެ.

” މިއީ ނޭނާ ….. ރޭގައި ދިމާވި ހާދިސާއަށްފަހު މީނާއަށް ވަނީ ބަދަލުތަކެއް އައިސްފައި. އަޑުއިވޭ … ފެނޭ …. އެކަމަކު ވާހަކައެއް ނުދެއްކޭ. ރޭގެ ހާދިސާ ކިޔައިދިނުމަށް އޭނަ ވަނީ ނުކުޅެދިފައި …. ޑޮކްޓަރުންނަކަށް ވެސް އެއްވެސް ކަމެއް ނުކުރެވުނު …. އެހީތެރިވާނެ އެއްވެސް މީހަކު ނެތް. ” މާޔޫސްކަމާއިއެކު ނީމާއާ ދިމާއަށް ބަލަންހުރެ ނާސިމާ ވާހަކަދެއްކި އެވެ. ނޭނާ ބަލަމުންދިޔައީ އަސްނާދަށެވެ. އެމަންޒަރުތަކަށް ސަމާލުކަން ނުދިނުމުގެގޮތުން އަސްނާދު ހުރީ އިސްޖަހައި ގެންނެވެ. ނޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ސަހަރާ ( 8 )“

Leave a Reply

Your email address will not be published.