ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 9 )

” މިއީ ނޭނާ ….. ރޭގައި ދިމާވި ހާދިސާއަށްފަހު މީނާއަށް ވަނީ ބަދަލުތަކެއް އައިސްފައި. އަޑުއިވޭ … ފެނޭ …. އެކަމަކު ވާހަކައެއް ނުދެއްކޭ. ރޭގެ ހާދިސާ ކިޔައިދިނުމަށް އޭނަ ވަނީ ނުކުޅެދިފައި …. ޑޮކްޓަރުންނަކަށް ވެސް އެއްވެސް ކަމެއް ނުކުރެވުނު …. އެހީތެރިވާނެ އެއްވެސް މީހަކު ނެތް. ” މާޔޫސްކަމާއިއެކު ނީމާއާ ދިމާއަށް ބަލަންހުރެ ނާސިމާ ވާހަކަދެއްކި އެވެ. ނޭނާ ބަލަމުންދިޔައީ އަސްނާދަށެވެ. އެމަންޒަރުތަކަށް ސަމާލުކަން ނުދިނުމުގެގޮތުން އަސްނާދު ހުރީ އިސްޖަހައި ގެންނެވެ. ނޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

ނާސިމާގެ ވާހަކަތަކުގެ ސަބަބުން ނީމާ ދެރަވެ މާޔޫސްވީވަރު އޭނާގެ ކިބައިން ފެނުނެވެ.

އަސްނާދު މަޑުމަޑުން ގޮސް ނޭނާގެ މަގަތުން އިށީނދެލި އެވެ. ނޭނާގެ ލޮލުގެ ކައިރިން ކަރުނަތައް ފޮހެލަ ދިނެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ނޭނާގެ ނިތްކުރީގައި ފިރުމާލަ ދިނެވެ.

ނީމާއާ ދިމާއަށް އަސްނާދު ބަލާލިއިރު ނީމާ ހުރީ ނޭނާއާ ދިމާއަށް ބަލާށެވެ. އަސްނާދު ތެދުވެގެން އައިސް ނީމާ ގާތަށް ހުއްޓުނެވެ.

” ނީމާ! ހިނގާދާން .. އަހަރެން ކަލޭ ގެނައި ތަނަށް ގެންދާނަން.” ނީމާއާ ދިމާއަށް އެހެން ބުނުމަށްފަހު އަސްނާދު ހިނގައިގަތީ ކޮޓަރީން ނުކުންނާށެވެ.

” ނޫން …. މީނާ މިހާލުގައި އޮއްވައި އަހަރެން ނުދާނަން. އަހަރެން ބޭނުން މީނައަށް އެހީވާން. ” މަޑުމަޑުން ނީމާ ބުނެލިއެވެ.

” ޝުކުރިއްޔާ ނީމާ … އެކަމަކު އިހަށް ހިނގާދާން … ފަހުން އަންނާނީ. ” އެނބުރި އައިސް ނީމާގާތަށް ހުއްޓެމުން އަސްނާދު ވާހަކަދެއްކި އެވެ.

ނީމާ އާއި އަސްނާދު ކޮޓަރިން ނުކުތުމުން އެމީހުންގެ ފަހަތުން ނާސިމާ ވެސް ނުކުތެވެ.

އެގެއިން ނުކުމެގެން އަސްނާދާއި ނީމާ އަދި ނާސިމާ ދިޔައީ ރަށު އޮފީހަށެވެ. އެތަނުގައި ތިބެގެން ކޮންމެ ވެސް މުހިންމު ކަމަކާއި ބެހޭގޮތުން ވާހަކަ ދައްކާ މަސްވަރާ ކުރަމުން ގެންދިޔައެވެ.

ނީމާގެ ޚަބަރެއް ވޭތޯ އެތައް މަސައްކަތެއްކޮށް އެކަން ކާމިޔާބުވާގޮތް ނުވުމުން އާސިމު ވަރަށް މާޔޫސްވިއެވެ. ނީމާ ނުފެނުމުގެ އިތުރުން އޭނާގެ ފޯނު އަދިވެސް އޮތީ ނިވާލާފައެވެ.

” ނީމާ! ރަނގަޅަށް ހަނދާން ކުރާތި. ކިތަންމެ ކުޑަކަމެއް ދިމާވިޔަސް ހަތަކަށް ފިތާލާ. އޭރުން އަހަރެންނާއި ބައްދަލުވާނެ. ފޯނު މިއޮތީ އެގޮތަށް ސެޓްކޮށްފައި.” ނީމާގެ އަތަށް އޭނާގެ ފޯނު ދެމުން އަސްނާދު ވާހަކަދެއްކި އެވެ.

” އާން … ” ނީމާ ބުނެލިއެވެ.

” ހުރިހާކަމެއް ވެސް ހަމަޖެހުނީނު. ހިނގާދާން. ” އަސްނާދު ބުންޏެވެ.

ވާހަކަދައްކަމުން ދައްކަމުން ގޮސް ތިންމީހުން އެކުގައި އޮފީހުން ނުކުތެވެ.

” ހަތަކަށް ފިތާލާއިރަށް އަހަރެންދާނަން. ” އޮފީހުން ނުކުތުމަށްފަހު ނީމާއަށް ބަލާލަމުން އަސްނާދު ބުންޏެވެ.

” ހަތެއް ހަނދާން ބަހައްޓާތި. އަހަރެމެން އަބަދު ވެސް އުޅޭނީ ނީމާއާ ވަރަށް ގާތުގައި. ” ނާސިމާ ވާހަކަދެއްކި އެވެ.

އަސްނާދާއި ނީމާ އަދި ނާސިމާ ވާހަކަތަކެއް ދެއްކުމަށްފަހު، އޮފީހުން ނުކުމެގެން ނީމާ ހިނގައިގަތެވެ. ނީމާ ގޮސް އެމީހުންގެ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ތިބިއިރު، ނާސިމާ އާއި އަސްނާދުގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރު ތަކެވެ. ނީމާ ގޮސް ލޯކުރިމަތިން ގެއްލުމުން ނާސިމާ އާއި އަސްނާދު އޮފީހަށް ވަނެވެ.

ނާސިމާ އިނީ މޭޒެއްކައިރީގައި އިށީނދެލައިގެން ޚިޔާލެއްގެތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ.

ވަގުތުތައް ފާއިތުވަމުން ދުވާލުގެއަލިކަން ފަނޑުވަމުން އަނދިރިކަމަށް ތަންދެމުން ދިޔައެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭން ކަންވެސް ވެރިވަމުންދިޔަ އެވެ.

ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައިރު ހިމަފޮދު ވާރޭ ވެސް ވެހެމުންދިޔަ އެވެ.

ގޭފެންޑާތެރޭގައި އެލުވާފައިވާ އުނދޯލީގައި އިށީނދެލައިގެން ކޮފީބޯން ނީމާ އިނެވެ. ފައިގެ އެހީގައި އުނދޯލި ހެއްލަމުން ދިޔައިރު އުނދޯލީގެ ވާގަނޑުތަކުން ކޮންމެ ވެސްއަޑެއް އިވެމުންދިޔަ އެވެ. އޭނާގެކިބައިން ފާހަގަވަމުން ދަނީ ހާސްކަމާއި ނުތަނަވަސް ކަމުގެ އަސަރު ތަކެވެ.

އުނދޯލީގެ ހެއްލުމަށް ހުއްޓުން އައީ ކުއްލިއަކަށް ކަހަލަ ގޮތަކަށެވެ.

ހީވީ ފަހަތުން އައި މީހަކު އުނދޯލީގައި ހިފެހެއްޓި ހެންނެވެ. ސިއްސައިގެން ގޮސްފައި ނީމާ ފަހަތަށް ބަލާލިއިރު އެތަނުގައި ހުރީ އާސިމު އެވެ. ލިބުނު ސިހުމާއި ގަތްބިރުގެ ސަބަބުން ތެޅިގަތް ވަގުތު ނީމާގެ އަތުން ޖޯޑުވެއްޓި ތަޅައިގެން ހިނގައްޖެ އެވެ.

އާސިމުއާމެދުގައި ނީމާ ކަންތައްކުރި ގޮތުންނާއި އަސްނާދުމެނާއެކުގައި އުޅުނުކަން އެނގުމުން އާސިމު ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ.

” އަހަރެންނަށް ފިލައިގެން އުޅެން އެހާ ފަސޭހައެއް ނުވާނެ … ” ޖިންސްގެ ޖީބުން ނެގި ފިޔޮއްސެއް ދައްކާލަމުން އާސިމު ބުންޏެވެ.

ފިޔޮހި ފެނުމާއިއެކު ނީމާގެ ހަނދާނަށް އައީ އާސިމުއާ  ބެހޭގޮތުން ނާސިމާ އާއި އަސްނާދު އޭނަގާތު ދައްކާފައިވާ ވާހަކަތަކެވެ. ފުންމައިގެން ކަހަލަގޮތަކަށް ނީމާއަށް ތެދުވެވުނެވެ. ނީމާއާ ދިމާއަށް އާސިމު އަންނަން ފެށުމުން ނީމާ ފަހަތަށް ޖެހެންފެށި އެވެ.

ކުއްލިއަކަށް ފަހަތް ބަލާލުމަށްފަހު،   ގޭތެރެއާ ދިމާއަށް ނީމާ ދުއްވައިގަތީ އަސްނާދަށް ގޮވަމުން ނެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އާސިމު ދުއްވައި ގަތްއިރު ވެސް އޭނާގެ އަތުގައި ފިޔޮހި އޮތެވެ.

ނީމާ ގޮސް ކޮޓަރިއަށް ވަނުމާއިއެކު އާސިމު ގޮސް އޭނާގެގައިގާ ހިފަހައްޓައި އެނދުމައްޗަށް ވައްޓާލި އެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ކޮޓަރީގައި ދިއްލާފައިވާ ގަދަނޫކުލައިގެ ބޮކީގެ ފަނޑުއަލި ކަމެވެ. އާސިމު މަސައްކަތް ކުރަމުން ދިޔައީ ވަޅިން ބިރުދައްކައިގެން ނަމަވެސް ނީމާ މައިތިރި ކުރެވޭތޯ އެވެ. އާސިމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަމުގެ ހުރިހާ މަޢުލޫމާތު ލިބިފައިވާ ނީމާ މަސައްކަތް ކުރަމުން ދިޔައީ އާސިމުގެ އަތްދަށުން ސަލާމަތް ވެވޭތޯ އެވެ.

އެނދުމަތީގައިއޮތް އޭނާގެ މޯބައިލްފޯނު އަތުގައި ޖެހުމާއިއެކު ނީމާ އަވަސް އަވަހަށް ހަތެކަށް ފިތާލި އެވެ. ހަތެއް ސެޓްކޮށްފައި ވަނީ އަސްނާދުގެ ނަންބަރަށް ކަމަށްވާތީ ހަތަކަށް ފިތާލާއިރަށް އަސްނާދަށް ގުޅޭނެކަން ނީމާއަށް އެނގެއެވެ.

ވެހެމުންދިޔަ ވާރޭއަށް އެއްވެސް ސަމާލުކަމެއް ނުދީ ރަށުއޮފީހު ކާރު އައިސް ނީމާ އުޅޭ ގެކައިރިއަށް މަޑުކުރި އެވެ. އަސްނާދާއި ނާސިމާ އަދި ރައްކުރިއަރުވާކޮމެޓީގެ ދެމެންބަރުން ކާރުން ފޭބިއެވެ. އަވަސް ހަރަކާތްތަކަކާއިއެކު އެންމެން ދުއްވައިގަތީ އެގެއަށް ވަންނާށެވެ.

ވަރަށްވިސްނައި ސަމާލުވެގެން އޮތް ނީމާ، އާސިމުގެ މޭގައި އަތްއަޅައި ކޮށްޕާލި އެވެ. އެފަދަ ކަމަކަށް އެއްވެސް ވަރަކަށް ނުވިސްނާ އޮތް އާސިމު ވިއްސައިގެން ގޮސް ޖެހުނީ ފާރުބުޑަށެވެ. ވަގުތަކަށް ވިސްނައިގެން ސަމާލުވެގެން ހުރި ނީމާ ދުއްވައިގަތީ އާސިމުގެ އަތްދަށުން ސަލާމަތް ވާށެވެ.

ނީމާގެގައިގާ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔަ އާސިމަށް އެގެއަށް އެހެން ބަޔަކު ވަތްކަން އެނގުމާއިއެކު ކޮޓަރިން ކަރަންޓު ދުއްވާލި އެވެ. އަދި އަވަސް އަވަހަށް އަލަމާރީގެ އަނެއް ފަރާތަށްވަދެ ފިލައިފި އެވެ. އޭރު ނީމާ އޮތީ މޭޒު ތަންދޮށަށް ވަދެ ފިލައެވެ. ރައްކުރިއަރުވާ ކޮމެޓީގެ ދެމެންބަރުން ގޭތެރެ ބަލަންފެށި އެވެ. ވަރަށް އަލިގަދަ ބައްތިއަކުން އަލިކުރަމުން އަލިކުރަމުން އަސްނާދު އައިސް ނީމާމެން ތިބި ކޮޓަރިއަށް ވަނެވެ. ވިސްނައި ސަމާލުވެގެން ހުރި އާސިމުގެ އަތުގައި އޭރު ވެސް ފިޔޮހި އޮތެވެ.

ކޮޓަރިއަށް  ވަދެގެން އައި އަސްނާދަށް އެންމެ ފުރަތަމަ ވެސް އަލިކޮށްލެވުނީ ނީމާގެ މޫނަށެވެ.  ނީމާއަށް  އެއީ އަސްނާދުކަން ޔަގީންވުމުން އަސްނާދަށް ގޮވާލަމުން ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވިއެވެ.

” އޭނާ އެބައުޅޭ މިތަނުގައި. ” ކޮޓަރީގެ އެއްކަނަކަށް އިނިގިލި ދިއްކޮށްލަމުން ނީމާ ބުންޏެވެ. އޭނާގެ އަޑާއި ހަރަކާތުން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.

ނީމާ އެހެން ބުނުމާއިއެކު ކޮޓަރީ ކުޑަދޮރުގެ ލޫއްވަރތައް ހަލާކު ކޮށްލައިގެން އާސިމު އެތަނުން ނުކުމެގެން ދުއްވައިގަތެވެ. އާސިމުގެ ފަހަތުން ކަހަލަގޮތަކަށް ރައްކުރިއަރުވާކޮމެޓީގެ ދެމެންބަރުންނާއި އަސްނާދު ދުއްވައިގަތެވެ.

އާސިމުގެ ފަހަތުން ދުވަމުންދިޔަ އަސްނާދު އެއްލިބައްތި ޖެހުނީ އާސިމުގެ ފައިގައެވެ. ފަޔަށް ތަދުވެ ދުވެވޭވަރު ނުވުމުން އާސިމް މަޑުކޮށްލި އެވެ. އަސްނާދު ދުވެފައި އައިސް އާސިމުގެގައިގާ ހިފަހައްޓައި މަޑުކުރުވި އެވެ.

އަސްނާދު އައިސް އާސިމުގެގައިގާ ހިފެހެއްޓުމުން އާސިމު މަސައްކަތް ކުރީ އަސްނާދުގެ ގަޔަށް ވަޅި ހަރާލާށެވެ. އެވަރު ވިސްނައިގެން ހުރި ނާސިމާ ވަރަށް ހުސިޔާރުކަމާއިއެކު އާސިމުގެ ބޮލުގައި ބައްތިންޖަހައި ހޭނައްތާލި އެވެ.

” އަހަރެންގެ މަސައްކަތަށް ވަރަށްބޮޑު ކާމިޔާބެއް ލިބިއްޖެ … ވަރަށް ބޮޑަށް ޝުކުރިއްޔާ! … އަހަރެންނަށް އެނގިއްޖެ ނާސިމާ އަހަރެންދެކެ ވަރަށް ލޯބިވާކަން …. އަހަރެން ވެސް ނާސިމާދެކެ ވަރަށް ލޯބިވޭ. ” ނާސިމާގެ އަތުގައިހިފައި އޭނާއާ ގާތްކޮށްލަމުން އަސްނާދު ވާހަކަދެއްކި އެވެ. ފާޅުވީ އުފަލާއި ހިތްހަމަ ޖެހުމެވެ.

” އާން. އަހަރެން ވަރަށް ލޯބިވޭ. ” އަސްނާދު ބޭނުންވި ފަދައިން އަސްނާދުގެމޭގައި ލައްވެލަމުން ނާސިމާ ބުންޏެވެ.

ޚިޔާލެއްގެތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ނާސިމާ އިންދައި ކޮންމެ ވެސް މީހަކު އައިސް އެތަނަށް ވަދެއްޖެ އެވެ. އެއާއެކު ނާސިމާ ސިއްސައިގެން ގޮސް އޭނާގެ ޚިޔާލީޢާލަމުން ހޭލެވިއްޖެ އެވެ.

” ހާދަބޮޑު ކަމަކާއި ވިސްނަމުންދާ ހެން ހީވެޔޭ. ކޮންކަމަކާއި ތިވަރަށް ތިވިސްނަނީ ؟  ” ރަށުއޮފީހުގެ މަސައްކަތުމީހާ އަހުމަދު މުޙައްމަދު އަހާލިއެވެ.

ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. އާސިމު އޭނާގެ އާދައިގެމަތިން ގޭފެންޑާއަށް ނުކުތް ވަގުތު ނީމާ ފެނިއްޖެ އެވެ. ނީމާ ހުރީ އޭނަ އުޅޭގޭ ދޮރޯށި ކައިރީގަ އެވެ.

އާސިމަށް ނީމާ ފެނުމާއިއެކު ގެއިން ނުކުމެގެން ނީމާއާ  ދިމާއަށް ދުއްވައިގަތެވެ. ދުވެފައި ދިޔަ އާސިމަށް އެގެއަށް ނުވަދެވެނީސް ނީމާ ގޮސް ގޭތެރެއަށް ވަދެއްޖެ އެވެ. އާސިމު އަންނަކަމެއް ނީމާއަކަށް ނޭނގެއެވެ.

އާސިމު ގޮސް އެގެއަށް ވަނުމާއިއެކު ނީމާ ފެނިއްޖެ އެވެ.

އާސިމު ދުވެފައި ކަހަލަގޮތަކަށް ގޮސް ނީމާގެގައިގާ ބައްދާލަމުން ހިއްލާލި އެވެ. އާސިމުގެ ޢަމަލުތަކުގެ ސަބަބުން ނީމާ ވަރަށް ހައިރާންވި ނަމަވެސް އާސިމު އެކަމަކަށް އަޅައެއްނުލަ އެވެ.

” ނީމާ! .. ނީމާ … ކަލާ ކޮންތާކުން ތިއައީ ؟ … މަގޭ ޖާނު … މަގޭ ފުރާނަ … އަހަރެން ކަލާ ހޯދަން ވަރަށް މަސައްކަތް ކުރިން … ދެންވެސް އަހަރެން ދޫކޮށްފައި ނުދާތި. އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ.” އާސިމު ވާހަކަދައްކަމުން ދައްކަމުން ބިންމަތީގައި ނީމާ ބެހެއްޓި އެވެ.

” އަހަރެންނަށް އަންގާ ވެސް ނުލައެއްނު ނީމާ ދިޔައީ …. ނީމާ ފުރަން އުޅޭ ވާހަކަ އަޑުއިވިގެން އަހަރެން ގޮސް މުޅިބަނދަރު ބެލިން .. އެކަމަކު ނުފެނުނު. ކޮންތާކުން ތިޔަ އައީ. ؟   ފޯނުވެސް ނިވާލާފައި އޮތީ. ” ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ވާހަކަދެއްކި އެވެ.

” ރޭގައި އަހަރެންއުޅުނީ ކުޑަކޮށް ބަލިވެ. އެހެންވެ އާސިމުގެ ގެއިން ވެސް އައީ …. މިއަދު ހެނދުނު ޕުރިންސިޕަލްއަށް ފޯނުކުރިން. އޭނާ ދެއްކި ވާހަކަތަކުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނު. ” ހުއްޓަމުން ހުއްޓަމުން ކަހަލަގޮތަކަށް ނީމާ ވާހަކަ ދެއްކިއިރު އޭނާގެ އަޑާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

” އެހެންދޯ ؟ ” އާސިމު އަހާލިއެވެ.

” ކަލާ އެންމެ ފަހަރަކު ވެސް އަހަރެންނާއިމެދު ވިސްނައެއް ނުލަންދޯ ؟  … ޕުރިންސިޕަލް އެއްޗެކޭ ބުނީމަ އެކަމުގެ ސަޒާ އަހަރެންނަށް ތިދެނީ ؟  މިއަދު ވެސް މޮޔައެއްހެން މުޅިރަށުގައި ބުރުޖެހިން ކަލާ ހޯދަން …. އެކަމަކު ކަލާއެއް ނުފެނުނު. ބަނދަރަށް ވެސް ދިޔައިން. އޭރު ކަލާ ނުފެނުނު ނަމަވެސް އަހަރެންގެ ހިތް ބުނަމުންދިޔައީ ކަލާ އަދި އަންނާނެކަމަށް ….. ކަލާގެ ދިރިއުޅުމަކީ ހަމައެކަނި ކަލާގެ އެއްޗެއްނޫން. އަހަރެންގެ ވެސް އެއްޗެއް. ” ނީމާގެ އަތުގައި ބޮސްދެމުން އާސިމު ވާހަކަދެއްކި އެވެ.

ގެއަށް  ވަންނަން ހުރި ދޮރާއި ދިމާއަށް ނީމާ ބަލާލިއިރު މޫނުމަތިން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ތަކެވެ. އާސިމުއާ ބެހޭގޮތުން ނާސިމާ އާއި އަސްނާދު ދެއްކި ވާހަކަތައް ނީމާގެ ހަނދާނަށް އަންނަމުން ދިޔައެވެ.

” ކިހިނެތްވީ ؟ …. ކަލާ ރަނގަޅުތަ ؟  ކޮންމެވެސް ކަމަކާއި ކަންބޮޑުވެ ހާސްވެފައި ހުންނަހެން ހީވަނީ. ” ހައިރާންކަމާއިއެކު ނީމާއަށް ބަލަން ހުރެ އާސިމު ވާހަކަދެއްކި އެވެ.

” އާން. އަހަރެން ރަނގަޅު. ” އާސިމުއާ ދުރަށް ޖެހިލަމުން ނީމާ ބުނެލިއެވެ.

” އަހަރެން މިހުރީ ވަރަށް ވަރުބަލިވެފައި .. އަދި އަރާމުކޮށްލަން ބޭނުންވެފައި. ” އުނަގަނޑުގައި ދެއަތް ވިއްދާލަމުން ނީމާ ބުންޏެވެ.

” އެހެންވިއްޔާ ދެން އަވަހަށް އަރާމުކޮށްލާ. އަހަރެން މިދަނީ. ” ނީމާއާ ދުރަށް ހިނގައި ގަންނަމުން އާސިމު ބުންޏެވެ. ތަންކޮޅަކަށް ދިއުމަށްފަހު ފަހަތަށް ބަލާލާފައި އަނެއްކާވެސް ނީމާއާ ދިމާއަށް އައެވެ.

” އަދި އެއްވާހަކަ ބުނަން. ކަލާ ކުރިޔަށްވުރެ މިހާރު މާރީތި … އަހަރެން ވަރަށް ލޯބިވޭ. ” ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ވާހަކަދެއްކި އެވެ.

ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 9 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.