ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 3 )

ސެނާގެ ހަޔާތުގެ ވާހަކަތައް ޝިޔާއަށް ކިޔައިދިނުމަށް ސެނާ އެއްބަސްވުމުން ޝިޔާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. އުފަލުން ހިނިތުން ވެލެވުނެވެ. އެކަމަށް އެއްބަސް ވުމުން ސެނާއަށް ޝުކުރު ވެސް އަދާކުރި އެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ.

ނާހިދާއި މާހު ވާހަކަދައްކަން ތިބީ ރަށުގެ އުތުރުފަރާތު އަތިރިމަތީ ސަރަހައްދުގައިވާ ގަހެއްދަށު ހަދާފައިވާ ޖޯލިފައްޗެއްގަ އެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިބާރު ވަގުތު ނަމަވެސް އެހިސާބުގައިވާ ގަސްތަކުން ޖޯލިފައްޗަށް ހިޔާއެޅިފައިވާތީ އާއި ޖެހެމުންދާ ހިތްގައިމުވައިގެ ސަބަބުން ހޫނުކަމުގެ އެއްވެސް އަސަރެއް ނާހިދާއި މާހަށް ނުކުރާ ކަހަލައެވެ.

” އަހަރެންނަށް ސެނާ ނުލިބުނީ ކީއްވެ ؟ އަހަރެންވެސް ސެނާ ދެކެ ލޯބިވިން. އަހަރެންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވާ މީހަކު ނުހުންނާނެ. ދެން ކީއްވެ އަހަރެންނަށް ނުލިބޭންވީ ؟ ” ހާސްކަމާއި މާޔޫސްކަމުން ހަތަރު އުދަރެސް ފެނު ޖެހިފައިވާ ފަދައަކުން ރޮވިފައި އިނދެ މާހު ވާހަކަދައްކަމުން ދިޔައިރު ނާހިދު އެވާހަކަތައް އަޑުއަހަމުން އެކަމާ ވިސްނަމުން ގެންދިޔައެވެ.

” ސަބަބަކީ މާހުގެ ފަގީރުކަން….. ” އެތައްއިރަކު ވިސްނަން އިނުމަށްފަހު، ބުނަން ކިތަންމެ ބޭނުން ނުވި ނަމަވެސް މަޑުމަޑުން ނާހިދު ބުނެލިއެވެ. ނުވަތަ ބުނެވުނީ އެވެ. އެއީޙަޤީޤަތް ކަމަށްވާތީ ވެސް މެއެވެ. އެކަން މާހަށް ވެސް ގަބޫލު ކުރެވެ އެވެ.

މާހު މަޑުމަޑުންދެލޯ މަރާލަމުން މާޒީއަށް ވިސްނުން ދޫކޮށްލިއެވެ.

މާހާއި ސެނާ ބައްދަލުވީ ރަށުމަދަރުސާ ގުރޭޑް އަށެއްގައި ތަޢުލީމު ޙާޞިލް ކުރަމުންދިޔަ ދުވަސްވަރު އެވެ. ސެނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މާހުގެ ހިތުގައި ސެނާގެ ސޫރަ ކުރެހި އޭނާއާ މެދު ޝަޢުޤުވެރިކަން އުފެދިގެން ދިޔައެވެ.

ހިމަތޮޅި ކުލަދޮން ހަށިގަނޑަކާއި އާދައިގެ އިސްކޮޅެއް ލިބިފައިވާ ސެނާއަކީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފްކުރުން ހައްޤުވާފަދަ ފުރިހަމަ އަންހެން ކުއްޖެކެވެ. އައިބެއް ފާހަގަނުކުރެވޭ ފުރިހަމަ ބައްޓަންތަކާއި ވަނާތަކުގެ އިތުރުން އޭނާއަށް ލިބިފައިވާ ފަން އިސްތަށިގަނޑަކީ ވެސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. ހިތިފަތުބުމަ އާއި ފިނިފެންމަލެއްފަދަ ދެތުންފަތުގެ އިތުރުން މީހުން މަސްތުވާފަދަ އެ މަސްތީލޮލަކީ ވެސް އޭނާއަށް ލިބިފައިވާ އިތުރުފުރިހަމަ ކަމެކެވެ.

ސެނާއަކީ ރަށުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޖުމާނާއާ ރިސާލުގެހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ޢާއިލާގެ ތަނަވަސްކަމާއި މުއްސަނދިކަން އޭނާގެ ކިބައިން ވަރަށްބޮޑަށް ފާހަގަ ކުރެވެއެވެ.

މިހާރު ވެސް ސެނާގެ ލޯތްބަށް އެދި އާދޭސްކުރަމުން އޭނާގެ ފަހަތުން ހިނގަމުންދާ އެތައް ޒުވާނުންނެއް ރަށުގައި އެބަތިއްބެވެ.  އިރުއަރައި އޮއްސޭ ކޮންމެ ފަހަރަކު އެފަދަ އެތައް މެސެޖެއް ސެނާއަށް ލިބެމުންދެއެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް ސެނާ އަޅައެއް ނުލައެވެ.

އެއްކުލާހެއްގައި އުޅެމުން ދިޔައިރު މާހު މަސައްކަތް ކުރަމުން ދިޔައީ ސެނާއާ ކުޑަނަމަވެސް ގުޅުމެއް އުފެއްދޭތޯ އެވެ. އެހެން ގުޅުމެއް ފަށަން ބޭނުންނަމަ އޭގެކުރިން ރަހުމަތްތެރިކަމުގެ ގުޅުން އުފެއްދުން މުހިންމުކަމުގައި މާހު ދެކެއެވެ. ރަހުމަތްތެރިކަމުގެ ގުޅުމުގެތެރެއިން އެގުޅުމެއް އުފައްދަން ފަސޭހަވާނެ ކަމުގައި ވެސް މާހަށް ވިސްނެއެވެ.

ސެނާ އާއި ރަހުމަތްތެރިކަން އުފައްދަން މާހު ކިތަންމެ ބޭނުން ނަމަވެސް،  މާހަކަށް އެފުރުސަތު ދޭކަށް ސެނާ ބޭނުމެއް ނުވެއެވެ. ސެނާގެ ރަހުމަތްތެރިންނަށް ނަޒަރު ހިންގާލިޔަސް ފާހަގަކުރެވެނީ ތަނަވަސްކަމާއި ފޯރުންތެރިކަމުގެ އަހުލުވެރިން ނެވެ.

މާހަކީ ރަށުފެންވަރުން ބަލާއިރު ވަރަށް އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ހަތަރުކުދިންގެ ތެރެއިން ދެވަނައަށް ދޮށިކުއްޖާއެވެ. މާހުގެ ބައްޕަ ކާސިންފުޅަކީ ކެޔޮޅެކެވެ. މާހުގެ އިތުރުން އޭނާގެބޭބެ އާއި ދެކޮއްކޮ ވެސް ކިޔަވަނީއެވެ. ހަމައެކަނި ކާސިންފުޅަށް ލިބޭ ފައިސާއިން ފުއްދާލައިގެން އެޢާއިލާއަށް އުޅެވެނީ ހަމަކިރިޔާއެވެ.

ސެނާއާ ކޮންމެވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެއްދޭތޯ މާހު ކުރަމުން އައި މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނި ދުވަސްތައް މާޒީއާ އެކުވަމުން އައިސް އަހަރެއްހައި ދުވަސް ފާއިތުވެ ދިޔައިރު ވެސް މާހުގެ މަޤްސަދު ހާޞިލުވާގޮތެއް ނުވިއެވެ.

އިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާއެކުވަމުން އައިސް މަދަރުސާތަކުގެ ބޮޑުޗުއްޓީ ދުވަސް ވަރެވެ.

ސެނާއާ ރަހުމަތްތެރިކަން އުފައްދަން މާހު ކުރަމުންއައި މަސައްކަތަށް އަލިމަގެއް ނުފެނި، ސެނާ ހާޞިލު ކުރުމަށްޓަކައި ކުރަމުން އައި މަސައްކަތަށް ވެސް އަލިމަގެއް ނުފެނުމުން، އޭނާގެ ޚިޔާލު އެހެން ކޮންމެވެސް ގޮތަކަށް ބަދަލުކޮށްލުން ރަނގަޅުކަމުގައި މާހު ނިންމި އެވެ.

އިރުއޮއްސުނީއްސުރެ މާހު ތައްޔާރުވަމުން ދިޔައީ ހަތެއް ޖަހާނެ ވަގުތަކަށެވެ. ފެންވަރައި ތާޒާވެލައިގެން މާހު ގެއިން ނުކުތީ ކޮން މަޤުސަދެއްގައިކަން އޭނަ ފިޔަވާ އެހެން މީހަކަށް ނޭނގޭނެ އެވެ.

އާދައިގެ ހިނގުމެއްގައި މަގުތަކާއި ގޯޅިތައް ކަޑަތުކުރަމުން ގޮސް މާހު މަޑުކުރީ، މާދުރުނޫން ހިސާބަކުން ސެނާމެންގޭ ދޮރޯށި ފެންނަ ހިސާބުގައެވެ.

މާހު އެތަނުގައި ހުރެގެން ސެނާ ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންދަނިކޮށް ސެނާ ގެއިން ނުކުމެއްޖެ އެވެ. ކުރިއްސުރެ ރާވާފައިވާގޮތަށް ކަންތައް ކުރުމަށްޓަކައި ވަގުތުތައް ބޭކާރު ކޮށްލުމެއްނެތި އަވަސް އަވަހަށް ސެނާއާ ދިމާއަށް މާހު ހިނގައިގަތެވެ.

އާދައިގެހިނގުމެއްގައި ހިނގަމުންދިޔަ ސެނާއަކަށް އޭނާގެ ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ.

ސެނާ ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު އޭނާގެ އަތުގައި ހިފައި ފަހަތަށް ދަމާލުމުންނެވެ. ސެނާ ހުރީ އެފަދަކަމަކަށް ވިސްނައިގެން ނޫން ކަމަށްވާތީ ބޭއިޚްތިޔާރުގައި ފަހަތަށް ގޮސް އެމީހާގެ ގައިގައި ލެގެވިއްޖެއެވެ.

” ސެނާ! އަހަރެން ސެނާ ދެކެ ވަރަށްލޯބިވޭ.. އާދޭސްކޮށްފައި ބުނަން އަހަރެންނަށް ފުރުސަތެއްދީ ބަލަ. ނޫނީ އަހަރެން ….. ” ސެނާގެ ކަންފަތާއި މާހުގެ އަނގަ ކައިރިކޮށްލަމުން މާހު ދައްކަންފެށި ވާހަކަ ނުނިމެނީސް ސެނާ އޭނާއާ ދުރަށް ޖެހުނެވެ.

” މާހު ތިއީ އަހަރެމެން ފެންވަރެއްނޫން. ކަލެޔާ އެއްފެންވަރުގެ މީހަކަށް ލޯބިހުށަހަޅާ …. ވަރަށް ފޫހިވޭ. ” ހިތްހަމަނުޖެހުމާއި ނަފްރަތު އެކުލެވިގެންވާ ބެލުމަކުން މާހަށް ބަލާލަމުން މިހެން ބުނުމަށްފަހު ސެނާ ހިނގައްޖެއެވެ.

ސެނާގެ އަމަލުތަކާއި ބަސްތަކުން ހިތާއި ސިކުނޑިއަށް ލިބުނު މާޔޫސްކަމުގެ ސަބަބުން ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުއްޓުންއަރާފައި މާހު ހުއްޓެވެ.

ދުވަސްވަރަކީ މަދަރުސާތަކުގެ ބޮޑުޗުއްޓީ ދުވަސްވަރުކަމަށް ވާތީ ރަށުތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ރަށުންބޭރުގައި ތަޢުލީމު ހާސިލްކުރަން ތިބޭ ދަރިވަރުންގެ އިތުރުން އެފަދަ ބައެއްދަރިވަރުންގެ ރައްޓެހިން ވެސް އައިސް އުޅެއެވެ.

ސެނާގެ ލޯތްބަށް އެދި ސިޔާހް ހުށަހެޅުން ވެގެން ދިޔައީ ސެނާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. އޭނާގެ ޢާއިލާފަދަ ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ ލޯބިވެރިއަކަށް އޭނަ އިންތިޒާރުކުރަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެފަދަ މީހަކާއި ނޫނީ އޭނައެއް ނުގުޅޭނެ އެވެ. އެފަދަ މީހަކަށް ނޫނީ އޭނައެއް ނުގެންގުޅެވޭނެ އެވެ.

ސެނާ އާއި ސިޔާހްގެ މެދުގައި އުފެދުނު ލޯބީގެގުޅުން ކުރިޔަށް ދިޔައީ އެހެން މީހުންގެ ލޯތަކަށް ސިއްރުން ނެވެ. ސެނާގެ ކިޔެވުން ނިމެންދެން އެގުޅުން ސިއްރުން ކުރިޔަށް ގެންދިއުމަށް ސިޔާހް ހުށަހެޅި ހުށަހެޅުން ސެނާއަށް ވެސް ވަރަށް ކަމުދިޔަ އެވެ.

މާހު އޭނާއަށް ވީވަރަކުން ސެނާގެ ލޯބި ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

އާއަހަރުގެ ކިޔެވުން ފެށުމާއިއެކު ރަށުތެރެއަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

މާހުގެ ނަސީބު ރަނގަޅުކަމުން މިއަހަރު ވެސް ސެނާއާ މާހަށް އުޅެންޖެހުނީ އެއްކުލާހުގަ އެވެ. އެގޮތައް ކަންތައްވުމުން މާހުގެ އުންމީދުތައް އަނެއްކާވެސް އާވެގެން ދިޔައެވެ.

އިރާކޮޅުގެ ވަގުތެވެ. މަދަރުސާއިން ނުކުމެގެން ގެއަށްދިޔަ މަގުމަތީގައި މާހު،  ސެނާގެ އަތުގައި ހިފަހައްޓައި މަޑުކުރުވިއެވެ. އޭރު އެހިސާބުގައި އެދެމީހުން ފިޔަވައި އެހެން މީހަކު ނެތެވެ.

ސަލާމަތަށް އެދި ނީމާ ރޮއިގަތްއަޑަށް ދަރިވަރުންނާއި ޓީޗަރުންތައް އެތަނަށް ޖަމާވާން ފެށިއެވެ.

ހަދާނެގޮތް ހުސްވެ ބުނާނެ އެއްޗެއް ނޭނގިފައި މާހު ހުރިއިރު ސެނާ މޫނުގައި އަތްއަޅައިގެން ހުރެ ބާރަށް ރޮނީއެވެ.

” ނީމާ! ސެނާ ގެންގޮސް ގެއަށްލާ … މާހު ! މަދަރުސާއިން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރޭ. ” ހިތްހަމަ ނުޖެހުމާއިއެކު މާހަށް ބަލަން ހުރެ ހެޑްމާސްޓަރ ސާއިދު ވާހަކަދެއްކި އެވެ.

ވާނުވާ ނޭނގޭ ޓީޗަރުންނާއި ދަރިވަރުންތައް މަޑުމަޑުން އެކިދިމާއަށް ހިނގައިގަތުމުން މާހު ވެސް މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތެވެ. ކޮށްލެވުނު ކުޑަކުޑަ ހަރަކާތެއްގެ ސަބަބުން މުޅި މަދަރުސާއަށް ފަލީހަތްވީ އެވެ.

މާހު ގެއަށް ގޮސް އެކަމާއި ވަރަށް ވިސްނިއެވެ. ސެނާއާ ބައްދަލުކޮށް އެކަމަށް މަޢާފަށްއެދި އެފަދަކަމެއް ދެން ނުކުރާނެކަމަށް ބުނުމަށް ވެސް ނިންމިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތެވެ. މާހު މަދަރުސާއަށް ނުދިއުމުން، ވީކީއްތޯ އޭނާގެ މަންމަ އައިސަ ސުވާލު ކުރިއެވެ. މާހު ވަރަށް ރަނގަޅަށް އެވާހަކަތައް ކިޔައިދީ، ސެނާއާ އޭނާގެ ޢާއިލާ ކިބައިން މަޢާފަށް އެދެން ބޭނުން ކަމަށް އައިސަގާތު ބުންޏެވެ. އައިސައަކީ އޭނާގެ ދަރިންނަށް އޭނަ ދީފައިވާ ތަރުބިއްޔަތުގެ ސަބަބުން އަބަދުވެސް އޭނާގެ ދަރިންނަށް ފުރިހަމައަށް އިތުބާރު ކުރާ ހަރުދަނާ މަޔެކެވެ.

އައިސަ ގޮސް ސެނާއާ އޭނާގެ ޢާއިލާ މެންބަރުންނާއި ބައްދަލުކޮށް މާހުގެ ފަރާތުން،  ސެނާ އާއި އެޢާއިލާގެ މެންބަރުންގެ ކިބައިން މަޢާފަށް އެދުނެވެ.

އެކަމުގެ ސަބަބުން ސެނާ ވަރަށް ރުޅިއައެވެ. މާހު ދެއްކި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކެއް ކަމާއި މާހު އުޅުނީ ސެނާގެ މުޅި ދިރިއުޅުން އަބަދުގެ އަބަދަށް ހަލާކުކޮށްލަން ކަމުގައި ބުންޏެވެ. އެފަދަ ބޮޑުކުށެއް ކުރި މީހަކަށް ދުވަހަކު ވެސް މަޢާފް ނުކުރާނެކަމަށާއި އެދުވަސް އަބަދު ވެސް ހަނދާން ހުންނާނެކަމަށް ބުންޏެވެ. ސެނާގެ ޢަމާލާއި ބަހުން ވީދެރަ އާއި ގަތްލަދާއި ލިބުނު ހިތްދަތި ކަމުގައި މާޔޫސްވެ ކަރުއެލުވާލާފައި އައިސަ ގެއަށް ދިޔައެވެ.

އައިސަ ގެއަށް ގޮސް މާހާއި ބައްދަލުކޮށް ސެނާ އާއި އޭނާގެ ޢާއިލާ މެންބަރުން ދެއްކިވާހަކަތައް ކިޔައި ދިނެވެ. އެކަމުގެ ސަބަބުން މާހު ވަރަށް ދެރަވެ މާޔޫސްވި އެވެ. ރޮވިފައިވާ ހާލުގައި ދެވަނަ ފަހަރަށް ވެސް ޙަޤީޤަތް ހާމަކުރިއެވެ.

އައިސަ އޭނާގެ ދަރިންކުރި ތަރުބިއްޔަތުގެ ސަބަބުން އެކުދިންނަށް ކުރާ އިތުބާރުގައި މާހުގެ ވާހަކަތަކަށް ފުރިހަމަ އިތުބާރު ކުރިއެވެ.

މަދަރުސާއިން އެންގި އެންގުމަށް މަދަރުސާއަށް ނުގޮސް ހުންނަތާ ތިންވަނައަށްވީ ދުވަހު މާހާއި އައިސަ މަދަރުސާއަށް ހާޟިރުކުރި އެވެ. މަދަރުސާގެ ފަރާތުން ބަލަންޖެހޭވަރަށް މައްސަލަބަލާފައިވާ ކަމަށާއި މިކަމާއިގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި ނިންމާފައިވާކަމަށް މަދަރުސާގެ ފަރާތުން މާހާއި އައިސައަށް މަޢުލޫމާތު ދިނެވެ. މަޢުލޫމާތު ނަގަންޖެހޭ އެންމެހައި ފަރާތްތަކުން ނަގާފައިވާ މަޢުލޫމާތަށް ބަލައި އައިސަ އާއި މާހުގެ ވާހަކަތައް ގަބޫލުކުރެވެން ނެތްކަމަށް ނިންމައި މިއަދުން ފެށިގެން މާހު މަދަރުސާއިން ވަކިކޮށްފައިވާކަން އެންގިއެވެ. މިމައްސަލާގައި ދެން ކުރިޔަށް ގެންދަންޖެހޭ ކަންކަން އެކަންކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކުރިޔަށް ގެންދާނެކަމަށް ވެސް ބުންޏެވެ.

އައިސަ އާއި މާހަށް އިތުބާރުކޮށް ދެވަނަ ފުރުސަތެއް ދިނުމަށް އައިސަ އާއި މާހު ރޮއި އާދޭސް ކުރި ނަމަވެސް އެވާހަކަތައް އަޑުއަހާކަށް މަދަރުސާގެ އިސްވެރިން ބޭނުމެއް ނުވިއެވެ.

ކުރެވުނު ކުޑަކުށަކުން ބޮޑުބަދުނާމެއްވެ މާހުގެ ތަޢުލީމީ ހަޔާތުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ. މުޅިރަށަށް ފަލީހަތްވެ އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ވެސް ކުރިމަތިވީ އެވެ.

ސިޔާހް ގެ ކައިވެންޏަށްޓަކައި އޭނާގެ ލޯބިވެރިޔާ ލަންމާ އާއި އޭނާގެ ޢާއިލާމެންބަރުން އެރަށަށް އައީ މީގެ ދެދުވަހެއް ކުރިންނެވެ. އެޢާއިލާ އުޅެމުންދަނީ ވެސް ސިޔާހް މެން ގޭގައެވެ.

ލަންމާއަކީ ވަރަށްދޮން އެހާމެ ފުރިހަމަ ޒުވާނެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑަކާއި ކަޅުފަށުވިފަދަ ފަން އެހާމެ ދިގު އިސްތަށިގަނޑެއް ލިބިފައި ވެއެވެ. ލަންމާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުންކުރާ ތަކެތީގެ ސަބަބުންނެވެ.

ސެނާ ގޭގައި އުޅެނިކޮށް އެޚަބަރު ލިބުމާއިއެކު އޭނާއަށް ހުއްޓުން އެރިއެވެ. ގަބޫލުކުރަން ދަތިވެ ބުނާނެއެއްޗެއް ނޭނގިފައި އެތައް އިރަކު ހުންނާން ޖެހުނެވެ. ސިޔާހް އޭނާއަށް އެފަދަ ހިތްދަތިކަމެއް ދީފާނެކަމަށް ގަބޫލުކުރަން ސެނާއަށް އުނދަގޫ ވިއެވެ. ސެނާ ގާތު ސިޔާހް ބުނެފައިވާ ގޮތުން ސިޔާހްގެ ހިތުން ސެނާ ފިޔަވައި އެހެން މީހަކަށް ޖާގަ ދެވިފައެއް ނުވެއެވެ. ސެނާ ނޫން އެހެން މީހަކު ދެކެ އޭނާ ލޯތްބެއް ނުވެއެވެ. ނުވެސް ވާނެއެވެ. ސެނާގެ ކިޔެވުން ނިމުމާއިއެކު ސެނާ އާއި ސިޔާހް ކައިވެނި ކުރާނެއެވެ.

ނުނިމޭ

1
1
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އޭނާ ( 3 )“

Leave a Reply

Your email address will not be published.