ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 4 )

ސެނާ ގޭގައި އުޅެނިކޮށް އެޚަބަރު ލިބުމާއިއެކު އޭނާއަށް ހުއްޓުން އެރިއެވެ. ގަބޫލުކުރަން ދަތިވެ ބުނާނެއެއްޗެއް ނޭނގިފައި އެތައް އިރަކު ހުންނާން ޖެހުނެވެ. ސިޔާހް އޭނާއަށް އެފަދަ ހިތްދަތިކަމެއް ދީފާނެކަމަށް ގަބޫލުކުރަން ސެނާއަށް އުނދަގޫ ވިއެވެ. ސެނާ ގާތު ސިޔާހް ބުނެފައިވާ ގޮތުން ސިޔާހްގެ ހިތުން ސެނާ ފިޔަވައި އެހެން މީހަކަށް ޖާގަ ދެވިފައެއް ނުވެއެވެ. ސެނާ ނޫން އެހެން މީހަކު ދެކެ އޭނާ ލޯތްބެއް ނުވެއެވެ. ނުވެސް ވާނެއެވެ. ސެނާގެ ކިޔެވުން ނިމުމާއިއެކު ސެނާ އާއި ސިޔާހް ކައިވެނި ކުރާނެއެވެ.

ގަބޫލު ކުރަން ދަތި ނަމަވެސް ޙަޤީޤަތެއް ނެތި އެފަދަ ވާހަކައެއް ނުދައްކާނެ ކަމުގައި ސެނާއަށް ގަބޫލު ކުރެވުނެވެ.

ސިޔާހާއި ލަންމާގެ ކައިވެނީގެ ޚަބަރު ލިބުމުން މާހު ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. އެކަމުގެ ސަބަބުން ނަމަވެސް ސެނާގެ ފަރާތުން އޭނާއަށް ކޮންމެ ވެސް ވަރެއްގެ ރުހުމެއް ލިބިދާނެކަމަށް އުންމީދު ކުރެވުނެވެ.

ސެނާ ހާމަކުރި ދޮގު މަޢުލޫމާތުގެ ސަބަބުން އޭނާގެ ތަޢުލީމީހަޔާތުގައި ނިމުމުގެ ސިއްކަޖެހި މުޅިރަށަށް ފަލީހަތްވެގެން ދިއުމުން ވެސް މާހުގެ ހިތުން ސެނާގެ ސޫރަ ފިލައި ނުދަނީ ކީއްވެބާއެވެ.

ސިޔާހާއި ލަންމާގެ ކައިވެނީގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރި އެވެ. ރަށުގެ ގިނަބަޔަކާއި ރަށުން ބޭރުން އައި އެތައްބަޔަކު އެހަފްލާގައި ބައިވެރިވެ އުފާކުރަމުން ދިޔައިރު ސެނާ އެކަނި މާއެކަނި އޭނާގެ ކޮޓަރީގައި ރޯލަރޯލައި އޮތެވެ.

މެދުޓާމުގެ ޗުއްޓީނިމި އަނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ.

ސިޔާހް ގެ އަލަތު ކައިވެންޏާއިއެކު ސެނާގެ ލޯމަތިން އޭނާ ގެއްލިއްޖެއެވެ. ލަންމާގެ ޢާއިލާގާތަށް ސިޔާހް ގެ ދިރިއުޅުން ބަދަލު ކުރުމުން ސެނާއަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. ސިޔާހް  ނުފެންނަނަމަ އެހަނދާންތަކާއި ދުރުވާން އޭނައަށް ފަސޭހަވާނެ ކަމުގައި ސެނާއަށް ގަބޫލުކުރެވެއެވެ.

” މާހު! .. ތިކަމާދެން ނުވިސްނާ … ހިނގާ ގެއަށްދާން. ” މާހުގެ ޚިޔާލީ ޢާލަމުން އޭނާ ހޭލައްވާލީ ނާހިދެވެ.

” އާން … ހިނގާދާން. ” ޖޯލިފަތިން ތެދުވަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލާފައި މާހު ބުންޏެވެ.

މާހާއި ނާހިދު ގެއާދިމާއަށް ހިނގައިގަތެވެ. މާހު ހިތުގައި އަޒުމް ކަނޑައަޅައިގެން ހުރީ، ތަނަވަސްކަމަށް ފެންބޮވައިގެންފައިވާ އެފަދައަންހެން ކުއްޖެއްގެ ފަހަތުން ދުވަހަކު ވެސް ނުދިއުމަށެވެ. އެފަދަ އަންހެންކުއްޖެއް ގާތުން ލޯތްބަށް ނޭދުމަށާއި އެފަދަ ދެވަނަ ބަދުނާމެއް ނުވުމަށެވެ.

ސިޔާހްގެ ކައިވެނީގެ ސަބަބުން ލިބުނު މާޔޫސްކަމާއި ހިތްދަތި ކަމުގައި ސެނާ އެކަނި މާއެކަނި ކޮޓަރީގައި އޮވެގެން ވަގުތުތައް ހޭދަކުރަމުން ގެންދިޔައެވެ. އޭނާގެ ހަޔާތުގައި މިދިމާވި ހިތާމަތަކާއިމެދު ވިސްނުމުގައި ހޭދަކުރާ ވަގުތު ގިނަވަމުން ދިޔައެވެ.

ސިޔާހް އޭނާއާ މެދުގައި ކަންތައްކުރި ގޮތުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ނުކައި ނުބޮއި ވަގުތުތައް ހޭދަކުރަމުންދިޔަ ސެނާ، ލަންމާ ދެކެ ވެސް ރުޅިއައެވެ.

ސިޔާހް ގެ ރޭވުމަށް މާހާއި މެދުގައި އޭނާއަށް ކަންތައް ކުރެވުނު ގޮތާއި މެދުގައި ސެނާއަށް ވިސްނާލެވުނީ މިހާރު އެވެ. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެ އެވެ. އޭނާގެ ސަބަބުން މާހުގެ ތަޢުލީމީ ހަޔާތް ވިއްސި ވިހާލިވީ އެވެ. މާހުގެ އިތުރުން އައިސަ އާއި ކާސިންފުޅުގެ އުންމީދުތައް އޮޔާލީ އެވެ. މާހަށް ކުރެވުނު ކުށައް މާހާއި އައިސަ މަޢާފަށް އެދުނެވެ. މާހުގެ ފަރާތުން އެފަދަކަމެއް ދެވަނަ ފަހަރަށް ނުފެންނާނެކަމަށް ވެސް ބުންޏެވެ. އެއީ މަޢާފް ނުކުރެވޭވަރުގެ ކުށެއް ވެސް ނޫނެވެ. އެހެނަސް ސެނާ އޭރުހުރީ ސިޔާހް ގެ ބާރުގެ ދަށުގައެވެ. ސެނާ ކަންތައްކުރީ ސިޔާހް  ބޭނުންވި ގޮތަށެވެ. އެކަމުގެ ސަބަބުން ސެނާއަށް ލިބުނު އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތްކަން ސެނާއަށް މިހާރު ގަބޫލު ކުރެވިއްޖެ އެވެ.

ވަރަށް ގިނަދުވަހު ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު މާހުގެ ކިބައިން މަޢާފަށް އެދުމަށް ސެނާ ނިންމިއެވެ. އެހެނަސް މިއަދު ސެނާ ނުކުމެ އެދުވަހު މާހު ކުށެއް ނުކުރެޔޭ ބުނުމުން މާހަށް ކުރާނެފައިދާއެއް އޮންނާނެ ބާއެވެ. ނުވަތަ އެވާހަކަތައް ގަބޫލުކުރާނެ މީހަކު ވާނެބާއެވެ.

ސެނާ އެދުވަހު ހެދީ ދޮގުކަމާއި މިއަދު މިބުނަނީ ތެދުކަމަށް ބުނާއިރު އެކަމަށް ދެއްކޭނެ އެއްވެސް ހެއްކެއް އޮންނާނެ ބާއެވެ. އެކަމުގެ ސަބަބުން މީހުންގެ ކުރިމަތީގައި އޭނާގެއަގުވެއްޓުން ނޫންކަމެއް ވާނެބާއެވެ. ޓީޗަރުންނާއި އާންމުން އޭނާ ބަލައިގަންނާނެ ބާއެވެ. އޭނާއަށް އިތުބާރުކުރާނެ މީހަކު ވާނެބާއެވެ.

ތަޢުލީމު ހާޞިލްކުރުމަށް މާހު ކުރަމުން އައި އުންމީދުތައް ވިއްސި ވިހާލިވުމުން އާންމުދަނީ ހޯދުމުގެގޮތުން މާހު ކުރަމުން އަންނަ މަސައްކަތަކީ މަހަށް ދިއުމެވެ. މާހުގެ ތަޢުލީމީ ފެންވަރާއި ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން މާހަށް ފެނުނު އެންމެރަނގަޅު ގޮތަކަށްވީ މަހަށް ދިއުމެވެ. އެއީ އެކަމުން ރަނގަޅު އާންމުދަނީއެއް ލިބުމުގެ އިތުރުން މައިން ބަފައިން ކައިރީ ހުރެވޭތީ އާއި ވެސް އެކުގައެވެ.

މާހާއި ކާސިންފުޅު ކުރަމުންއައި މަސްވެރިކަމުގެ މަސައްކަތުން ރަނގަޅު އާންމުދަނީއެއް ލިބި އެޢާއިލާގެ ދިރިއުޅުމުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ކުރިއަރަމުން އައެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް އެއްދުވަހުގެ އިރު އޮއްސުނު ވަގުތެވެ. މާހު އޭނާގެ އާދައިގެމަތިން މަސް ވިއްކާފައި ރަށަށް އައިސް، ދެތިން މަސް ހިފައިގެން ގެއާއި ދިމާއަށް ހިނގަމުން އައެވެ. ވަގުތުގެ ގޮތުން މަގުތަކުގައި މީހުން ވަރަށް މަދެވެ.

އެއްވެސްހިޔާލެއް ފިކުރެއްނެތި މަސްތައް ހިފައިގެން ގެއާއި ދިމާއަށް ހިނގަމުންއައި މާހު ހުއްޓުނީ ކުއްލިއަކަށް ކަހަލަ ގޮތަކަށް އޭނާގެ ކުރިމައްޗަށް މީހަކު އެރުމުން ނެވެ. ލިބުނު ހައިރާންކަމާއިއެކު އިސްއުފުލާލަމުން މާހު ބަލާލީ އެއީ ކާކުތޯ އެވެ.

މާހުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ސެނާ ފެނުމާއިއެކު މާހުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތްހަމަ ނުޖެހުމާއިއެކު އަނެއް ފަރާތައް އެނބުރެމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

” މާހު! އަހަރެންނަށް މަހެއް ވިއްކަބަލަ ” އޭނާއާ ދުރަށް މާހު ހިނގައިގަތުމުން ސެނާ ބުންޏެވެ. ސެނާ އެހެން އެހީ މާހު އެދަނީ އޭނާދެކެ ރުޅިއައިސްގެންކަން އެނގޭތީ އޭނާ މަޑުކުރުވުމަށެވެ. ސެނާ އެހެން އެހުމުން މާހު މަޑުކުރިއެވެ. ސެނާ ހިނގައިގަތީ މާހާއި ދިމާއަށެވެ.

” އަހަރެންނަށް އެނގޭ މާހު އަހަރެންދެކެ ވަރަށް ރުޅި އަންނާނެ ކަން …. އެކަން އެހެން އެވީ އަހަރެންގެ ސަބަބުން ކަން ވެސް ގަބޫލު ކުރަން. އަހަރެންނަށް އެދުވަހު ކަންތައް ކުރެވުނުގޮތާއި މެދު މިހާރު ދެރަވެ ހިތާމަކުރަން. އަހަރެންނަށް މަޢާފުކުރޭ. މާހު! … އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މަޢާފުކޮށްދީ. ” ރޮވިފައިވާ ފަދައަކުން ސެނާ ވާހަކަ ދެއްކިއެވެ.

” އަހަރެންނާއި އަހަރެން މަންމަ ވެސް .. ކަލެޔާ ކަލޭގެ ޢާއިލާގާތުން މަޢާފަށް އެދުނިން … ރޮއި އާދޭސް ކުރިން. އެކަމު އެދުވަހު ކަލޭ ކަންތައްކުރީ ކިހިނެތް ؟ …  އެފަހަރު އަހަރެން ކުރެވުނު އެކުޑަކުޑަ ކުށުގެ ބަދަލުހިފުމަށް ކަލޭ ކޮޅަށް ތެދުވުމުން މިއަދު އަހަރެން މިހެން މިމަސްތައް ހިފައިގެން ހިނގަން މިޖެހުނީ. އަހަރެންގެ މައިންބަފައިން އަހަރެންނާއިމެދު ދެކެމުން އައި ހުވަފެންތައް ވިއްސި ވިހާލިވީ. ތަޢުލީމަށްޓަކައި އަހަރެން ކުރަމުން އައި އުންމީދުތަކުގައި ކުލަޖެއްސުމުގެ ނަސީބު ނުލިބުމުން އަހަރެންނަށް ކުރާނެ އަސަރާއި އަހަރެން ކުރި ހިތާމަތައް ކަލެއަށް އެނގޭތަ ؟ . ނޭންގޭނެ. ކަލޭމެންގެ ނަޒަރުގައި ހުރިހާ ވެސް އެއްޗަކީ އިއްޒަތާއި ގަދަރާ ތަނަވަސްކަން. ނިކަމެތިންނަކީ ކަލޭމެންގެ ކުރިމަތީގައި އެއްވެސް ބައެއްނޫން … އެހެން ނޫންނަމަ …. ” މާޔޫސްކަމާއިއެކު އިސްޖަހައިގެންހުރެ މާހު ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް ސެނާއަށް ރޮއިގަނެވިއްޖެ އެވެ. މާހުގެ ވާހަކަތަކުގެ ސަބަބުން ސެނާގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އެވާހަކަތައް އަޑުއަހަން ކެތްނުވުމުން ރޮމުން ރޮމުން ކަހަލަގޮތަކަށް ގެއާއި ދިމާއަށް ދުއްވައިގަތެވެ.

ސެނާ ރޮމުން ރޮމުން އެދިޔައީ މާހު ދެއްކި ވާހަކަތަކުގެ ސަބަބުން ދެރަވެގެންކަން މާހަށް އެނގުނެވެ. އެހެނަސް އެދުވަހު އޭނާގެ މަންމަ ގޮސް ސެނާ އާއި އޭނާގެ ޢާއިލާމެންބަރުން ގާތުން މަޢާފަށްއެދި ރޮއި އާދޭސްކުރި އިރު ސެނާ އާއި އޭނާގެ ޢާއިލާއިން ކަންތައްކުރި ގޮތް ވެސް މާހު ހަނދާން އެބަހުއްޓެވެ. އެދުވަހު ސެނާއަށް ނުކުރެވުނު މަޢާފެއް މިއަދު މާހު ކުރުމުގެ ބޭނުމެއް އެބައޮތް ބާއެވެ.

ކަންތައް ވެދިޔަގޮތާއި މެދު ވިސްނަން މަޑުނުކޮށް މާހު ހިނގައިގަތީ ގެއާއި ދިމާއަށެވެ. ސެނާއަށް ކޮންމެގޮތެއް ވިޔަސް އެއީ މާހު ބަލަންޖެހޭ ކަމެއް ނޫނެވެ. ސެނާ ދެކެ މާހު ކިތަންމެ ލޯބިވީ ނަމަވެސް މާހުއާ މެދު ސެނާ ކަންތައްކުރި ގޮތުގެ ސަބަބުން މާހުގެ ހިތުގައި ސެނާއާ މެދުގައި މިހާރުވަނީ ނަފްރަތެވެ. ކޮށްލެވުނު ކުޑަކުޑަކަމެއްގެ ސަބަބުން ސެނާ ވަނީ މުޅިރަށަށް މާހު ފަލީހަތްކޮށް ބަދުނާމު ކޮށްފައެވެ.

ރޭގަނޑު އަށެއްޖަހާކަން ހާއިރެވެ. ސެނާ އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން ވިސްނަމުން ދިޔައީ މާހާއި މެދުގަ އެވެ. މާހު ދެއްކި ވާހަކަތަކާއި މެދުގައެވެ. ޙަޤީޤަތުން ފުރިގެންވީ އެވާހަކަތައް ހަނދާންވުމުން ސެނާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. މާހު އެބުނި ފަދައިން އޭނާއަށް ކުރެވުނު ކުޑަކުޑަ ކުށަކަށް އެވަރުގެ ބޮޑު އަދަބެއް ލިބުނީ ސެނާގެ ސަބަބުން ނެވެ. އެކަމުގެ ސަބަބުން ސެނާއަށް ލިބުނު ދެރައެއް ހިތާމައެއް ނެތެވެ.

އެދުވަހު މާހަށް ސެނާ މަޢާފުކުރިނަމަ މިއަދު ވެސް މާހު ހުންނާނީ ކިޔަވާކުއްޖެއްގެ ގޮތުގަ އެވެ. މާހަށް މަޢާފު ކުރުމަށް އެދި އައިސަ ކުރި އާދޭސް ވެސް ސެނާ ހަނދާން އެބަހުއްޓެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަވާނެޔޭ ބުނާފަދައިން ސެނާގެ ވިސްނުމުގެ ވަގުތު ގިނަވަމުން ދާވަރަކަށް ގިނަކަންތައްތައް ހަނދާނަށް އަންނަމުން ދިޔައެވެ. ސެނާދެކެ މާހުވީ ތެދުވެރި ލޯތްބާއި މާހުގެ ރަނގަޅު އަޚުލާޤު ވެސް ހަނދާންވި އެވެ. ހެއްލުމަކީ ގެއްލުމެކޭ ބުނާފަދައިން ސިޔާހް ގެ ވާހަކަތަކަށް ހެއްލުމުގެ ގެއްލުން މިއަދު މިވަނީ ސެނާއަށް ލިބިފައެވެ.

މާހާއި މެދުގައި ސެނާ ވިސްނަމުންދާ ވަރަކަށް މާހާއި މެދުގައި ސެނާގެ ހިތުގައި ސަޢުޤުވެރިކަން ވެސް އިތުރުވަމުން ދިޔައެވެ. އެ ސަޢުޤުވެރިކަމާއި ވިސްނުމުގެ އަސްލަކީ ކޮބައިކަން ސެނާއަށް ވިސްނުނީ މާފަހުންނެވެ.

ސެނާގެ ހިތުގައި މާހާއި މެދުގައި ސަޢުޤުވެރިކަން އުފެދެމުން ދިޔައެވެ. އެއީ ލޯބި ނޫން ދެން ކޮންއެއްޗެއް ކަމެއް ސެނާއަކަށް ނޭނގެއެވެ. ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނާބުނުން އެއީ ތެދެއްނަމަ މިއަދު މިއޮތީ އެދުވަސް އައިސްފައެވެ. މާހާއި މެދުގައި ސެނާގެ ހިތުގައި މީގެކުރިން ނަފުރަތު ފިޔަވާ އެހެން އެއްޗެއް ނެތެވެ. އެހެނަސް މިއަދު ސެނާގެ ހިތުގައި މާހުއަށް ލޯބިފިޔަވާ އެހެން އެއްޗެއް ނެތެވެ.

މާހުއާ ބައްދަލުކޮށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ސެނާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަމުން ގެންދިޔަ އެވެ. މާހުއާ މެދުގައި ސެނާއަށް ކަންތައް ކުރެވުނީ ރަނގަޅަށްނޫން ކަމަށްވާތީ މާހުގެ ލޯބި ހޯދުމަށް ވަރަށް އުނދަގޫވާނެކަން ސެނާއަށް އެނގެއެވެ. މާހުދެކެ ލޯބިވާ ކަމަށް ސެނާ ބުނި ނަމަވެސް އެވާހަކަތައް ގަބޫލުކުރާނެ މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. މާހުދެކެ ސެނާ ލޯބިވާނަމަ މުޅިރަށަށް މާހު ބަދުނާމުކޮށް ފަލީހަތް ކޮށެއް ނުލާނެއެވެ.

މާހާއި މެދުގައި އެހާ ބޭއިންސާފުން ކަންތައް ކޮށްފައިވާ ސެނާ މާހުދެކެ ލޯބިވުމުގެ ސިއްރަކީ ކޮބައިބާއޭ ހިތަށް އަރާނެ މީހުން ނުހަނު ގިނަވާނެކަން ޔަގީނެވެ.

މާހަށް ލޯބި ހުށަހަޅާނެ ގޮތަކާއިމެދު ވަރަށްގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ސެނާ އެވާހަކަދެއްކީ އޭނާގެ އެކުވެރި ސުމްނާ ގާތުގައެވެ. ސުމްނާ އަކީ ސެނާގެ މަދުރަސީ ދައުރުން ފެށިގެން އޭނާއާ އެކުގައި އުޅެމުންއަންނަ އޭނާގެ އެންމެގާތް އެންމެ އެކުވެރި ރަހުމަތްތެރިޔާ އެވެ.

ސެނާ އެދުނު އެދުމަށް ސެނާމެން ގެއަށް ސުމްނާ ދިޔައީ ހަވީރު އެވެ. ސެނާ އާއި ސުމްނާ ވާހަކަދައްކަން ތިބީ ސެނާގެ ކޮޓަރީގަ އެވެ.

” މާހާއި މެދުގައި ސެނާ ކަންތައްކޮށްފައިވާ ގޮތުން ސެނާގެ ވާހަކަތައް މާހު ގަބޫލުކުރާނެހެނެއް އަހަރެންނަކަށް ހިޔެއްނުވޭ.” ސެނާގެ ވާހަކަތައް އަޑުއެހުމަށްފަހު ސުމްނާ ބުނެލިއެވެ.

” ގަބޫލު ނުކުރަންވީ ކީއްވެ ؟ …. އަހަރެން މިބުނީނު އަހަރެން އެންމެ ލޯބިވަނީ މާހު ދެކެޔޭ. މާހު ނޫން މީހަކުދެކެ އަހަރެން ލޯތްބެއް ނުވޭ. އޭރު އެހެން ކަންތައް ކުރެވުނީ އެވަރު ނުވިސްނުނީމަ އާއި ސިޔާހްގެ ސަބަބުން …… ސުމްނާ އާއި މާހު ވަރަށް ރައްޓެއްސެއްނު …. ސުމްނާ ނިކަން އަހަރެންނަށް މިކަން ކޮށްދީބަލަ … އޭރުން ސުމްނާ ބުނާ ކޮންމެކަމެއް ކޮށްދޭނަން. އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މިކަން ކޮށްދީބަލަ.” މާޔޫސްވެ އިސްޖެހިފައިވާ ސެނާ މަޑުމަޑުން ވާހަކަދައްކަމުން ދިޔައިރު ސެނާގެ ވާހަކަތައް ސުމްނާއަށް ގަބޫލުކުރެވެމުން ދިޔައެވެ.

ނުނިމޭ

0
2
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.