އޭނާ ( 5 )

” ގަބޫލު ނުކުރަންވީ ކީއްވެ ؟ …. އަހަރެން މިބުނީނު އަހަރެން އެންމެ ލޯބިވަނީ މާހު ދެކެޔޭ. މާހު ނޫން މީހަކުދެކެ އަހަރެން ލޯތްބެއް ނުވޭ. އޭރު އެހެން ކަންތައް ކުރެވުނީ އެވަރު ނުވިސްނުނީމަ އާއި ސިޔާހްގެ ސަބަބުން …… ސުމްނާ އާއި މާހު ވަރަށް ރައްޓެއްސެއްނު …. ސުމްނާ ނިކަން އަހަރެންނަށް މިކަން ކޮށްދީބަލަ … އޭރުން ސުމްނާ ބުނާ ކޮންމެކަމެއް ކޮށްދޭނަން. އާދޭސްކޮށްފައި ބުނަން. އަހަރެންނަށް މިކަން ކޮށްދީބަލަ.” މާޔޫސްވެ އިސްޖެހިފައިވާ ސެނާ މަޑުމަޑުން ވާހަކަދައްކަމުން ދިޔައިރު ސެނާގެ ވާހަކަތައް ސުމްނާއަށް ގަބޫލުކުރެވެމުން ދިޔައެވެ.

” އާން …….. އަހަރެންނާއި މާހު ވަރަށް ރައްޓެހި. އަހަރެން ތިވާހަކަ ބުނެފާނަން … އެކަމަކު އެވާހަކަތައް ގަބޫލުކުރުމާއި ނުކުރުން އެއީ މާހުގެ ކަމެއް. އަހަރެން ވެސް ބޭނުން ސެނާ އުފަލުގައި ހުންނަތަން ދެކެން …. ހިތްވަރު ކުރޭ. އަހަރެންނަށް ވެވުނު އެންމެ ރަނގަޅަކަށް އެހީވެދޭނަން. ” ސެނާއަށް ހިތްވަރުދެމުން ސުމްނާ ވާހަކަ ދެއްކިއެވެ.

މާހުގެ ލޯބި ހޯދުމަށް ސުމްނާ އެހީތެރި ވެދޭނެކަމަށް ބުނުމުން ސެނާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

ސުމްނާ އާއި މާހު ބައްދަލުވީ މާހުމެން ގެ ކައިރިންނެވެ. ސުމްނާ އާއި މާހަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ދެ އެކުވެރިން ނެވެ. މާހަށް ސުމްނާ ފެނުމާއިއެކު ސުމްނާއަށް ގޮވާލިއެވެ. މާހު ގޮވާލުމުން ސުމްނާ އައިސް މާހާއި ވާހަކަދައްކާން ފެށިއެވެ.

” މާހު ! ވަރަށްބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް ……. އެކަމަކު …. އެވާހަކައިގެ ސަބަބުން އަހަރެން ދެކެ ރުޅި ނާންނާތި. ” މާހާއި ދިމާއަށް ބަލާލަމުން ސުމްނާ ވާހަކަދެއްކި އެވެ.

” ސުމްނާ ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެން ސުމްނާ ދެކެ ރުޅިއެއް ނާއްނާނަން. ހިތްހަމަ ނުޖެހޭ ކަހަލަ ވާހަކައެއް ދައްކަންޏާއި އެވާހަކަ ނުދެއްކުމަށް އެދޭނަން. ” ސުމްނާގެ ވަހަކައާ ގުޅުވައިގެން މާހު ވާހަކަދެއްކި އެވެ.

” މާހު! … މާހުދެކެ ސެނާ ލޯބިވާ ވާހަކަ ބުނެފިނަމަ ގަބޫލު ކުރާނަންތަ ؟ ” ދުރަށް ބަލާލަމުން ސުމްނާ އެހިއެވެ.

” ސުމްނާ ބުންޏަސް އަހަރެން ތިވާހަކަ ގަބޫލެއް ނުކުރާނަން. އެހެން ނޫނަސް އަހަރެންނަށް ރަނގަޅީ ސުމްނާ ތިވާހަކަ ނުދެއްކިއްޔާ. ” ސުމްނާއާ ދިމާއަށް ބަލަންހުރެ މާހު ބުންޏެވެ. މާހުގެ ކިބައިން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައެވެ.

” އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަކީ މާހުގެ ވަރަށްގާތް ރައްޓެއްސެއް .. އަހަރެންނަށް މާހު ފެންނަނީ ވަރަށް އެކަނިވެރިކޮށް އުޅޭތަން. އަހަރެން ބޭނުން މާހަށް އެހީތެރިވާން …… ސެނާއާ މެދުގައި ހިތްހަމަ ނުޖެހެންޏާއި ހިތްހަމަޖެހޭ ކުއްޖެއްގެ ވާހަކަބުނޭ. އަބަދު ތިހެން އެކަނިވެރިކޮށް ނުހުރޭ. ”  މާހަށް އެހީތެރިވާން ބޭނުންކަން ހާމަކުރަމުން ސުމްނާ ވާހަކަ ދެއްކުން ނިންމާލި އެވެ.

” އަހަރެން ސުމްނާގާތު އެދޭނީ ސުމްނާއަށް ވާވަރުގެ ކަމަކު … އެއީ ސުމްނާގެ ފަރާތުން އަހަރެންނަށް ލޯބި ލިބުން. މިހާރު އަހަރެން އެންމެ ލޯބިވަނީ ސުމްނާ ދެކެ. އޭރުން އަހަރެން .. ” މާހު ދައްކަންފެށި ވާހަކަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. މާހާއި ދިމާއަށް ސުމްނާ ބަލާލި ވަގުތު ސުމްނާ އާއި މާހުގެ ހަތަރުކަޅި ހަމަވެ ދެމީހުންނަށް ހުއްޓުން އެރިއެވެ.

” އަހަރެންވެސް މާހު ދެކެ ވަރަށް ލޯބިވޭ… ” މާހުގެ މޫނަށް ބަލަންހުރެ މަޑުމަޑުން ސުމްނާ ބުނެލިއެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ރައްކާކޮށްގެން ހުރި ލޯބި ސުމްނާ ހާމަކުރީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ނެވެ.

ސުމްނާ އާއި މާހުގެ މެދުގައި ލޯބީގެގުޅުން ފެށިގެން ދިޔައީ ދެމީހުން ވެސް ބޭނުންވެގެން ކަމަށްވާތީ އެކަމުގައި އެހެން މީހެއްގެ އެހީ ހޯދާކަށް ނުޖެހުނެވެ. އެކަމަށްޓަކައި ވަގުތުތަކެއް ހޭދަކުރާކަށް ވެސް ނުޖެހުނެވެ. ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް އެދިއެދި ކަން ވަގުތު ޖެހުމާއިއެކު ހާމަވެގެން ދިޔައެވެ. ސުމްނާ އާއި މާހު ލޯބީގެ އަހުދުތަކާއި ވައުދުތައް ވަމުން ދުވަހަކު ވަކިނުވެ އެކުގައިވުމަށް ބުނަމުން ދިޔައީ އެ މަގުމަތީގައި ތިބެގެން ނަމަވެސް އެދެމީހުން ފިޔަވައި އެހެން މީހަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ.

ސުމްނާ އާއި މާހު ވާހަކަ ދައްކަން ވިއްސަކަށް މިނިޓް އެތަނުގައި މަޑުކުރުމަށްފަހު ގެއާއި ދިމާއަށް ހިނގައިގަތީ އުފަލުން ފުރިފައިވާ ހާލުގައެވެ.

މާހުދެކެ ސެނާ ލޯބިވާ ވާހަކަ ބުނުމުން މާހު ދިންޖަވާބު ހޯދުމަށް ސުމްނާމެން ގެއަށް ސެނާ ދިޔައީ އެރޭގެ ނުވައެއް ޖަހާކަން ހާއިރެވެ.

ސެނާގެ ސުވާލަށް ޖަވާބުދެމުން ސުމްނާ ބުނީ ސެނާ ދެއްކި ވާހަކަތައް މާހު ކައިރީ ދެއްކުމުން މާހު އައީ ރުޅި ކަމަށެވެ. އިތުރަށް އެވާހަކަ ނުދެއްކުމަށާއި އެވާހަކަ ދައްކާނަމަ ސުމްނާއާ ވެސް ގުޅުން ބާއްވަން ބޭނުން ނުވާކަމަށް މާހު ބުނިކަމަށް ވެސް ބުންޏެވެ.

ސުމްނާ އާއި މާހުގެ މެދުގައި ލޯބީގެގުޅުން ފެށިގެންދިޔަ ވާހަކަ ސުމްނާ ސިއްރުކުރީ ދެފަރާތުގެ މަސްލަހަތަށް ޓަކައެވެ.

މާހުގެ ލޯބި ލިބޭގޮތް ނުވުމުން ސެނާ ވަރަށް ދެރަވި އެވެ. މާޔޫސްވެ އިނދެ ރޮއިރޮއިފައި އެވާހަކަ ދައްކަމުން ދިޔައެވެ. ސުމްނާއާ ވާހަކަދައްކަން ގަޑިއެއްގެ ހާއިރު މަޑުކުރުމަށްފަހު ސެނާ ދިޔައީ ގެއަށެވެ.

މާހުގެ ލޯބި ލިބޭގޮތް ނުވުމުން ސެނާ ކުރަމުންދާ ހިތާމަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. އެކަނި މާއެކަނި ހޭދަކުރާ ވަގުތުތައް އިތުރުވަމުން އެކަހެރި ހިސާބުތަކުން ފެނުން ގިނަވަމުން ދިޔައެވެ. އެންމެ އާންމުކޮށް އޭނާ ފެންނަމުންދަނީ ރަށުގެ ދެކުނުފަރާތު އަތިރިމަތީގައިވާ ދިއްގާ ގަސްތައް ކައިރިންނެވެ. ބައެއް ދުވަސް ދުވަހު ހަވީރު އެތަނަށް ދާގޮތަށް އިރުއޮއްސެންދެން ވެސް އެތަނުގައި ހުރެއެވެ. ސެނާގެ މޫނުމަތިން މާޔޫސްކަމާއި ހިތްދަތިކަމުގެ އިތުރުން އެކަނިވެރިކަން ނޫން އެހެންކަމެއް ނުފެނެއެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ވެއްޖެއެވެ. އިރުއޮއްސޭ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރެއަށް ފެތުރެމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވަމުން ދިޔައެވެ.

ސެނާ އޭނާގެ އާދައިގެމަތިން މިއަދު ވެސް އިރުއޮއްސޭގަޑިއާ ދިމާކޮށް ދެކުނުފަރާތު އަތިރިމައްޗަށް އައެވެ. ދިއްގާގަސްތަކުގެ ތެރެއިން ގަހެއްގައި ލެގިލައިގެންހުރި ސެނާގެ ހަރަކާތްތަކުންނާއި މޫނުމަތިން ފާޅުވަމުންދާ ސުޢޫރުތައް އަންގައި ދެނީ އޭނާ ކޮންމެ ވެސް މުހިންމު ކަމަކާއި ވިސްނަމުންދާ ކަމެވެ.

ކޮންމެ ވެސް ދުވަހަކުން އެތަނުން މާހު އޭނާއާ ބައްދަލުކުރާނެ ކަމަށް އޭނާގެ ހިތް ބުނަމުންދިޔަ ކަހަލަ އެވެ. އިއްޔެ އާއި އޭގެ ކުރީ ދުވަސް ފަދައިން މިއަދު ވެސް އޭނާ އެތަނުގައި ހުރީ އެއުންމީދާއި އެޙިޔާލުގަ އެވެ. އެއުންމީދާއި އެޙިޔާލު ޙަޤީޤަތަކަށް ވެދާނެކަމަށް ކުރެވޭ އިންތިޒާރުގަ އެވެ. ކުރީދެރޭ އެހެންވީ ނަމަވެސް މިރޭ މާހާއި ބައްދަލުވާނެ ކަމަށް އޭނާ ކުރާ އުންމީދު އިތުރެވެ.

މަޢުރިބުނަމާދު ވަގުތުގެ ބަންގިއާއެކު ގިނަބަޔަކު މިސްކިތާއި ދިމާއަށް މިސްރާބު ޖަހައިފި އެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު މަގުތަކުން މީހުން ފެނުން މަދުވަމުން ދިޔައެވެ.

ސެނާ އެތަނުގައި ހުރިއިރު، ވެރިވަމުންދިޔަ އަނދިރީގެ އެއްވެސް ހިލަމެއް ނުވާ ކަހަލައެވެ. ޙިޔާލީ ކަނޑެއްގައި ފަތަމުން ދިޔަ ސެނާ ސިއްސައިގެން ދިޔައީ އެއްވެސް ހިލަމެއް ނުވެ ފަހަތުން އައި މީހަކު އޭނާގެ މޫނުމަތީގައި އަތްއެޅުމުންނެވެ.

” މީކާކު ؟ ”  ސެނާގެ ކަންފަތާއި ކައިރިވަމުން އެމީހަކު އަހާލި އެވެ. ކަންފަތުގައި އަޑުޖެހުމާއިއެކު ވެސް އެއީ މާހުގެ އަޑުކަން ސެނާއަށް ޔަގީން ވިއެވެ.

ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އަވަސް އަވަހަށް މާހުގެ އަތް ނަގަމުން މާހާއި ދިމާއަށް އެނބުރުނެވެ. ސެނާގެ ކުރިމަތީ ގައި ހުއްޓި ސެނާއާ ދިމާއަށް ބަލަންހުރި މާހު ފެނުމުން އޭނާގެހިތް އުފަލުން ފޮޅުނެވެ. އަވަސް އަވަހަށް މާހުއާ ގާތަށް ޖެހިލެވުނީ ކިހިނެތް ކަމެއް އޭނާއަށް ވެސް ނޭނގުނެވެ.

ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ސެނާ އަވަސް ވިއެވެ. މާހު ދެކެ ލޯބިވާވަރު ހާމަކޮށް އޭނާގެ ލޯބި ގަބޫލު ކުރުމަށް މާހު ގާތު އެދުނެވެ. އޭނާއަށް މާހާއި މެދު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވާ ކަމަށް ބުނެ ތަކުރާރުކޮށް މައާފަށް އެދުނެވެ.

ސެނާއަށް މައާފުކޮށް ސެނާގެ ލޯބި މާހު ގަބޫލުކުރީ އޭނާވެސް ސެނާ ދެކެވާ ލޯތްބެއްގެ ސަބަބުންނެވެ. ސެނާއާ ގުޅިގެން އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެކަމުގެ އުންމީދާއި ޔަގީންކަން ވެސް އޮތުމުން ނެވެ.

ސެނާ އާއި މާހުގެ ނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވެގެން ދިޔައީ އެހެން އެންމެންގެ ލޯތަކަށް ސިއްރުން ނެވެ. އެހެން މީހަކަށް ހިލަމެއް ވެސް ނުވާހާ ސިއްރުން ނެވެ.

ސުމްނާ ދެއްކި ވާހަކަތަކާއި ބެހޭގޮތުން ސެނާ ސުވާލު ކުރުމުން މާހު ބުނީ އޭނާ ސުމްނާއަށް އޮޅުވާލީ ކަމަށާއި އެހެން ހެދީ އޭނާގެ ފަރާތުން އެހެން މީހަކަށް އެނގިދާނެތީ އެހެންވިޔަ ނުދިނުމަށްޓަކައި ކަމަށެވެ. ސުމްނާ ގާތު އިތުރަށް މިވާހަކަ ނުދެއްކުމަށް ވެސް ބުންޏެވެ. މާހުގެ ވާހަކަތައް ގަބޫލުކުރަމުން އޭނަ ބުނާފަދައިން ޢަމަލު ކުރުމަށް ސެނާ އެއްބަސްވަމުން ދިޔައިރު އޭނާގެ މޫނުމަތިންނާއި ހަރަކާތް ތަކުން ފާޅުވަމުން ދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. މާހެކޭ އެއްފަދައިން ސެނާ ވެސް ބޭނުންވީ އެދެމެދުގައިވާ ލޯބީގެގުޅުން އެހެން މީހުންނަށް ސިއްރުކޮށް ވީހާ ވެސް ސިއްރުން ލޯބީގެ ބައްދަލުވުންތައް ބާއްވަމުން ގެންދާށެވެ.

މާހު އާއި ސެނާ އެދެމީހުންގެ ލޯބީގެ ފުރަތަމަ ބައްދަލުވުން ނިންމާލީ އެރޭގެ ހަތެއް ވެސް ޖެހިފަހުންނެވެ. މާދަމާރޭ ވެސް އިރުއޮއްސޭގަޑީ އެތަނުން ބައްދަލުކުރުމަށް އެއްބަސްވަމުން ސެނާ އޭނާގެ ގެއާއި ދިމާއަށް މިސްރާބުޖެހި އެވެ. ސެނާގެ މޫނުމަތިން ފާޅުވަމުންދާ އުފަލާއި ހިތްހަމަޖެހުމަށް ފަނޑުކަމެއް ނާދެއެވެ.

ވަގުތުތައް ފާއިތުވަމުން މެންދަންވުން ކައިރިވަމުން ދިޔައިރު ރަށުތެރެއަށް ހަމަހިމޭންކަމާއި ފަޅުކަން ވެރިވަމުން ދިޔައެވެ. މަގުތަކުން މީހުން ފެނުން މަދުވަމުން ގެތަކުތެރޭން ފެންނަމުންދިޔަ ގަދައަލިތަކާއި އަޑުތައް މަޑުވަމުން ދިޔައެވެ.

ސުމްނާ އާއި މާހުގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުމަކީ ދެޢާއިލާއިން ވެސް ނުހަނު ރުހޭ ލޯތްބަކަށް ވިއެވެ. ސުމްނާއަކީ ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖަކަށްވާތީ ސުމްނާއާ މާހު ބައްދަލު ކުރަނީ މަދަރުސާގެ ކިޔެވުން ނޯންނަ ދުވަސްތަކަށް ބަލައިގެން ސުމްނާމެން ގޭގައެވެ.

ސެނާ އާއި މާހު އެދެމީހުން ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވާ ފަދައިން އެހެން މީހުންގެ ލޯތަކަށް ސިއްރުން ކޮންމެރެއަކު ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ބައްދަލުވުންތައް ބާއްވަމުންދިޔަ އެވެ. މާހުގެ އެދުމުގެމަތިން ސެނާ އަމިއްލައަށް ސުމްނާއާ ގުޅުން ކަނޑާލި އެވެ. އެކަމާއި ބެހޭގޮތުން ސުމްނާ ސުވާލުކުރުމުން ސެނާ ބުނީ މިހާރު ސުމްނާއާ ގުޅުން ބާއްވަން ބޭނުންނުވާ ކަމަށެވެ.

މާހު އެދެމުންދިޔަ ފަދައިން ސެނާއާ މާހުގެ ލޯބީގެ ބައްދަލުވުންތައް ރަށުގެ ހުޅަނގުކޮޅުގައިވާ ފަޅުގެތަކުން ގެއަކަށް ބަދަލުކުރި އެވެ. އެ ސަރަހައްދަކީ މީހުން ދިރިނޫޅޭ ހިސާބަކަށްވެފައި އެއްވެސް ވަރެއްގެ އަލިކަމެއް ވެސް ނުވާ ހިސާބަކަށް ވާތީ އިރު އޮއްސުމަށްފަހު އެހިސާބުން މީހަކު ނުފެނެއެވެ. ސެނާ އާއި މާހަށްޓަކައި އެތަން ވެފައިވަނީ ވަރަށް މިނިވަން އަމާންއޮމާން ލޯބީގެ މަންޒިލަކަށެވެ. އެތަނުގައި އެމީހުން ބޭނުންއިރަކު ބޭނުންވަރަކަށް ބައްދަލުކޮށް  ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ލިބިފައި ވެއެވެ.

ސިޔާހް ގެ ފަރާތުން ސެނާއަށް ނުލިބުނު އެތައް އުފަލަކާއި އަރާމެއް މާހުގެ ފަރާތުން ސެނާއަށް ލިބެމުންދިޔަ އެވެ. ލޯތްބަކީ ކޮބައި ކަމާއި ލޯބީގެ އާރާއި ބާރު ސެނާއަށް އެނގެންފެށީ މިހާރު އެވެ. ސެނާ ހުންނަނީ މާހުއާ އެކުގައި ހޭދަކުރެވޭ ވަގުތު މަދުވެފަ އެވެ. މާހުއާ ބައްދަލު ކުރެވޭވަރު ވެސް މަދުވެފަ އެވެ. މާހުގެ ލޯބީގައި މޮޔަވާވަރުވެފައި ހުރި ސެނާއަށް ލޯބީގެ ލައްޒަތާއި އިޝްގީ މަސްތުގައި އޭނާގެ އިއްފަތްތެރިކަން ވެއްޔާއި މޮޑެވި ދިޔައިރު ވެސް ހޭވެރިކަމެއް ނުވިއެވެ.

މާހުގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ސުމްނާ ހުންނަނީ ވަރަށްއުފާވެ ހިތްހަމަ ޖެހިފައެވެ. މާހު ދެމުންދާ ހިތްވަރުގެ ސަބަބުން ތަޢުލީމީ ހަޔާތާއިގެން ކުރިޔަށް ދިއުމަށް އިތުރުބާރެއް ލިބިގެންދިޔައެވެ.

ސެނާ އާއި މާހުގެ މެދުގައިވާ ލޯބީގެގުޅުމަށް ދެމަހެއްހާ ދުވަސްވީރު ސެނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ބޯއެނބުރުމާއި ހޮޑުލެވުން އާންމުވާން ފެށިއެވެ.

ކުއްލިއަކަށް ހަށިގަނޑަށް މި އަންނަންފެށި ބަދަލާއި ކަންތައްތައް ވާންފެށިގޮތުގެ ސަބަބުން ސެނާ ހާސްވާން ފެށިއެވެ. މިކަން ތައްތައް ބޮޑުވެ ސެނާއަށް މަދަރުސާއަށް ނުދެވޭ ދުވަސްތައް އިތުރުވަމުން ދާންފެށި އެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ސެނާ އާއި މާހު އެދެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވާ އެ ފަޅުގޭގައި ތިއްބެވެ. ދެމީހުން ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދިޔައިރު އަޑާއި ހަރަކާތުން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ތަކެވެ.

ނުނިމޭ

2
0
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.