ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 6 )

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ސެނާ އާއި މާހު އެދެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވާ އެ ފަޅުގޭގައި ތިއްބެވެ. ދެމީހުން ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދިޔައިރު އަޑާއި ހަރަކާތުން ފާޅުވަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރު ތަކެވެ.

” މާހު! ދެން ކިހިނެތް ހަދާނީ ؟ . މިކަން މިހެން ވެއްޖާ މަންމަމެން ވެސް އަހަރެންދެކެ ވަރަށް ރުޅިއަންނާނެ … ނޭނގެ ހަދާނެ ގޮތެއް ވެސް …. އަހަރެން މަދަރުސާއިން ވެސް ކަނޑާލާނެ. މުޅިރަށަށް ފަޟީހަތްވާނެ. ހިނގާ އަވަހަށް ކައިވެނި ކުރަން އޭރުން .. ” ކުޑައިރުކޮޅަކު ވިސްނަން އިނުމަށްފަހު ސެނާ ވާހަކަ ދެއްކިއިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

” ތިހެން ބުނާއިރަށް ކިހިނެތް ކައިވެނި ކުރާނީ ؟ …..  މިހާރު ކައިވެންޏެއް ކުރުމަކީ ވެސް ހާދަ ބޮޑުކަމެކޭ … އެންމެ ފުރަތަމަ ސިޓީއެއް ލައިގެން ސެނާ މަދަރުސާއިން ވަކިވާން ޖެހޭއިރު އެކަމަކީ ވެސް އެހާފަސޭހައިން ކުރެވޭނެ ކަމެއްނޫން … ސެނާގެ ބައްޕަމެން ރުހިގެން ނޫންގޮތަކަށް އެކަންކުރެވޭން ނެތްއިރު ސެނާގެ ބައްޕަމެން އެކަމަކާއި ރުއްސާނީ ކިހިނެތް ؟ ….. އެކަން ނިމުނަސް އަދި ކުރިއެރުމެއް ނެތް. ސެނާގެ ބައްޕަގެ ރުހުން ހޯދަން އެބަޖެހޭ. އަހަރެން ކަހަލަ މީހަކާއި ސެނާ އިންނަން ސެނާގެ ބައްޕަ ވަލީއެއް ނުދޭނެކަން އަހަރެންނަށް ޔަގީން. އަދި އެކަން ކުރެވެން އޮތީ ވެސް ސެނާގެ ބައްޕަ ރާއްޖެ އައި ދުވަހަކުން. އަންނާނެ ދުވަހެއް އެނގެނީއެއް ނޫން. ބައްޕަ އަންނަންދެން ކެތްތެރިވެ ހަމަޖެހިގެން ހުރޭ …. ހެދުން އެޅުމުގައި އެކަމަށް ވިސްނާތި … އަހަރެން ވެސް ތިކަމާއި ވިސްނާނަން …… ދެން ހިނގާ ގެއަށް ދާން. މިހާރު އުޅޭނެ ކަންނޭނގެ ސެނާ ހޯދަން. އަހަރެން ދެއްކި ވާހަކަތަކާއިމެދު ވިސްނާތި. ގެއަށް ދާއިރު އެހެން މީހަކަށް ނުފެންނާތި … ” ސެނާގެ ކޮނޑުގައި ހިފަހައްޓައިގެން ސެނާގެ މޫނަށް ބަލަންހުރެ މާހު ވާހަކަދެއްކި އެވެ. އޭނާގެ އަޑާއިހަރަކާތް ހުރިގޮތުން އޭނާ ހުރީ ވަރަށް ދެރަވެފައިކަން އެނގެއެވެ. ވާނީ ވެސް އެހެންތާއެވެ. އެކަން އެހެން އެދިމާވީ މާހުގެ ވެސް ސަބަބުންކަން މާހަށް ގަބޫލުކުރެވެ އެވެ.

ސެނާއާއި މާހު ބައްދަލުވުން ނިންމާލުމަށްފަހު ސެނާ އޭނާގެ އާދައިގެމަތިން އެހެން މީހުންގެ ލޯތަކަށް ސިއްރުން ގެއަށް ހިނގައްޖެ އެވެ. އޭރު ވެސް އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހާސްވުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.

ސެނާ ގެއަށް ވަދެގެން އައިއިރު ފެންޑާތެރޭގައި ހުރި ޖުމާނާއަށް ސެނާ ފެނުނެވެ. އޭނާއަށް ވެފައިހުރި ގޮތް ފާހަގަކުރެވި އެކަމާއިމެދު ވިސްނާ ލެވުނެވެ. ޖުމާނާއަކީ ފޫޅުމައި ކޯސް ހަދައިގެން ހުރި ފޫޅުމަޔަކަށްވާތީ ފަސޭހަކަމާއިއެކު ސެނާގެ ހާލަތު ދެނެގަތެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ނުވައެއް ޖަހާކަން ހާއިރެވެ. ސައްޔާހް ރަށުގައި ނޫޅޭތީވެ ގޭގައި ތިބީ ސެނާ އާއި ޖުމާނާ އެކަންޏެވެ. ގޭދޮރުލައްޕާ ތަޅުލުމަށްފަހު ޖުމާނާ އައިސް ސެނާގެ ކޮޓަރިއަށް ވަނުމުން ޖުމާނާއާ ދިމާއަށް ސެނާ ބަލާލިއިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ބޮޑުބައްޔެއްގައި އުޅެފައިވާ މީހެއް ހެންނެވެ.

ޖުމާނާ ކޮޓަރިއަށް ވަދެގެން އައިގޮތަށް އައިސް ސެނާގެ މަގަތުން އިށީނެވެ. ސެނާގެ ހާސްކަން އިތުރުވެގެން ދިޔައެވެ. ދެންވާނީ ކިހިނެތްބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ.

” ދަރިފުޅާ! … މަންމައަށް އެނގޭ ދަރިފުޅުގެ ހާލަތު. މަންމަ އެދެނީ ތިކަން ވެފައިވާގޮތް މަންމައަށް ސާފުކޮށް ދިނުމަށް.” ސެނާގެ މޫނަށް ބަލާލަމުން މަޑުމައިތިރިކަމާއިއެކު ޖުމާނާ އެދުނެވެ. ޖުމާނާ ވާހަކަދެއްކި ގޮތުގެ ސަބަބުންނާއި އެރާގުގެ ސަބަބުން ސެނާއަށް  ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ސެނާ ނިންމީ ތެދުބަހުން އެވާހަކަތައް ކިޔައިދޭށެވެ. މަޑުމަޑުން ތެދުވެ ބާލީހުގައި ލެގިލަމުން ޖުމާނާއަށް ބަލާލިއެވެ.

މާހާއި ސެނާ ރައްޓެހިވެގެން އުޅޭ ވާހަކަ އާއި މިކަން ދިމާވީ މާހުގެ ސަބަބުން ކަމަށް ސެނާ ބުނުމުން ޖުމާނާ ވަރަށް ހައިރާން ވިއެވެ. މިކަން މިހެން ދިމާވުމުން މާހު ގާތުގައި އެވާހަކަ ދެއްކިކަމަށް ވެސް ސެނާ ބުންޏެވެ. އެކަމާއި ގުޅުންހުރި ހުރިހާ ވާހަކައެއް ޖުމާނާއަށް ކިޔައިދީ ނިމުނުއިރު ސެނާއަށް އިނީ ރޮވިފައެވެ.

މާހުގެ ވާހަކަ ބުނުމުން ޖުމާނާ އެންމެބޮޑަށް ހަނދާންވީ އޭނާ އާއި ސެނާއާ ދެމެދުގައި ހިނގާފައިވާ ހާމަކަންބޮޑު ހާދިސާއެވެ. އެފަހަރު ސެނާގެ ސަބަބުން މާހު ބަދުނާމު ވިއެވެ. މިފަހަރު މާހުގެ ސަބަބުން ސެނާ ބަދުނާމު ވާނެއެވެ. ސެނާގެ ސަބަބުން މާހު ޖެހުނީ ތަޢުލީމީ ހަޔާތާއި ދުރަށް ދާށެވެ. މިފަހަރު މާހުގެ ސަބަބުން ސެނާއަށް ކުރިމަތިވާ ބަދުނާމުގައި ސެނާ ވެސް ތަޢުލީމީހަޔާތާއި ދުރަށްދާން ޖެހޭނެއެވެ. މުޅިރަށަށް ފަޟީހަތްވެ އެންމެންގެ ކުރިމަތީގައި ސެނާ އާއި މުޅިޢާއިލާގެ އިއްޒަތާއި ގަދަރު ވެއްޔާއި މޮޑެވޭނެ އެވެ.

ކުއްލިއަކަށް ޖުމާނާއަށް ވިސްނުނީ މިކަމަކީ ސެނާގެ ކިބައިން ބަދަލުހިފުމަށް މާހު ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.

” މީގެފަހުން މާހުއާ ބައްދަލު ނުކުރާތި ……. އޭނާ އެއުޅެނީ ދަރިފުޅުގެ ސަބަބުން އޭނާއަށް ލިބުނު މަލާމާތާއި ގެއްލުމުގެ ބަދަލު ހިފަން. އޭނާ އެއުޅެނީ ދަރިފުޅަށް ލަނޑުދީފާއި ފިލަން … އޭނާއެއް ދަރިފުޅަކާއި ކައިވެންޏެއް ނުކުރާނެ …. އެއީ ދަރިފުޅާއި އެކަށީގެންވާ މީހެއް ވެސް ނޫން. ” ސެނާއަށް ކަމެއް ހަނދާންކޮށްދީ ވިސްނައިދޭ ފަދައަކުން ޖުމާނާ ވާހަކަދެއްކި އެވެ.

ޖުމާނާގެ ވާހަކަތަކާއިމެދު ސެނާއަށް ވެސް ފުންކޮށް ވިސްނާލެވުނެވެ. އެވާހަކަތައް ގަބޫލު ކުރެވުނު ވެސްމެއެވެ. ސެނާ ނިންމީ ޖުމާނާ ބުނިފަދައިން މާހުއާ ބައްދަލުކުރުން ހުއްޓާލުމަށެވެ.

ދަރިންނަށް ރަނގަޅު މަގުދައްކައި އެދަރިންނަކީ އިސްލާމުދީނުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ބަލައިގެން އުޅޭ ދަރިންގެ ގޮތުގައި ބޮޑުކުރަނީ މައިންބަފައިން ނެވެ. ދަރިންނަށް ރަނގަޅުމަގު ދެއްކުމަކީ މައިންބަފައިންގެ ވާޖިބެކެވެ. މައިންބަފައިން ދޭނީ ހެޔޮ ނަސޭހަތްކަމާއި އެބައި މީހުން ދައްކާ މަގުން ހިނގާ ދަރިއަކަށް ދުވަހަކު ވެސް ގޯސްމަގަކުން ނުހިނގާނެ ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

އެހެނަސް މިފަހަރު ކަންތައްވީ އެހެނެއް ނޫނެވެ. ސެނާއަށް ރަނގަޅު މަގު ދެއްކުމުގެނަމުގައި ޖުމާނާ ކޮޅަށް ތެދުވިއެވެ. ސެނާގެ ހަށިގަނޑު ބެލުމަށްފަހު ޖުމާނާ ގޮސް ބެންޑޭޖެއް ހިފައިގެން އައިސް ސެނާގެ ބަނޑުގައި އޮޅާލިއެވެ. އޭނާ ގެނައި ބޭސްގުޅަ ސެނާއަށް ކާންދިނެވެ.

އެ ބޭސްގުޅަ ކެއިތާ މާގިނައިރެއް ނުވަނީސް ސެނާއަށް ނިދިއްޖެ އެވެ.

ހޮނިހިރު ދުވަހަކީ މަދަރުސާތަކުގެ ކިޔެވުން އޮންނަ ދުވަހަކަށް ނުވާތީ އިރުއެރުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ކިޔަވާކުދިންތައް ރަށުގެ އަތިރި މައްޗާއި ގޮނޑުދޮށަށް ޖަމާވަމުން ދިޔައެވެ. ކައިރި ފަޅުރަށްތަކާއި ކައިރި ފަޅުތަކަށް ފުރައިގެންދާ ބޮއްކުރާތައް ވެސް މަދެއް ނޫނެވެ.

ސެނާ އަދިވެސް ނުތެދުވެ އެވެ. މިއަދަކީ މަދަރުސާއަށް ދާންޖެހޭ ދުވަހަކަށް ނުވާތީ ޖުމާނާ ވެސް އެކަމާއި އަޅައެއްނުލަ އެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައެވެ. ޖުމާނާ ދެއްކި ވާހަކަތައް ގަބޫލުކުރެވޭތީވެ މާހާއި ބައްދަލުނުކޮށް ސެނާ ހުރި ނަމަވެސް އެކަމަކީ އޭނާއަށް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ.

ހަނދުމަހެއްގެ ފުރަތަމަދުވަހު ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. ޖުމާނާ ކުރިމަސައްކަތުން ވަރަށް ފަސޭހަކަމާއިއެކު ސެނާގެ ބަނޑުގައިވާ ދަރިފުޅު ވައްޓާލި އެވެ. ޖުމާނާއަކީ ތަޖުރިބާކާރު ފޫޅުމަޔަކަށް ވާތީ އެކަމުގެ ހުރިހާ ހުނަރެއް ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އެކުއްޖާ ދެލޯހުޅުވާލަމުން ޖުމާނާއާ ދިމާއަށް ބަލާލުމުން ލިބުނު ހައިރާންކަމާއިއެކު ހާސް ވެސް ވިއެވެ. އެކުއްޖާގެ ހަރަކާތްތަކަށް ބަލާކަށް ޖުމާނާ ބޭނުމެއް ނުވިއެވެ. އެކުއްޖާއާމެދުގައި ޖުމާނާ ބޭނުންވާފަދައިން ޢަމަލުކުރަމުން ގެންދިޔައިރު ސެނާ އޮތީ ޚަބަރު ހުސްވެފައެވެ. އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ.

އެ ތުއްތުކުއްޖާ ބެޑްޝީޓަކަށްލައި އޮޅާލައިގެން ޖުމާނާ ދިޔައީ ގިފިއްޔަށެވެ. ގިފިލިތެރޭގައިއޮތް އުދަލީގެ އެހީގައި ގިފިލީގެ އެއްކަނެއްގައި ވަޅުގަނޑެއް ކޮނެ އެވަޅުގަނޑުގެތެރެއަށް އެކުއްޖާ ވައްޓާލި އެވެ. ކޮންމެ ވެސް ވަރަކަށް ފަސް އަޅާލުމަށްފަހު ބެޑްސީޓް ހިފައިގެން ގޮސް ދޮވެލިއެވެ.

ބެޑްސީޓް ހިއްކަން އަޅާފައި ޖުމާނާ ގިފިލިން ނުކުމެގެން ދިޔަތާ މާގިނައިރެއް ނުވަނީސް ރުއްކާއްޓެއް ހިފައިގެން އައިސް ގިފިއްޔަށް ވަނެވެ. ޝައުގުވެރިކަމާއިއެކު ވަށައިގެން ހޯދާލުމަށްފަހު ޖުމާނާ ގޮސް ވަޅުގަނޑުތެރޭގައި އެކާށި އިންދިއެވެ.

މިހާރު އެތަން ބަލާލާ މީހަކަށް ފެންނާނީ ރުއްކާއްޓެއް އިންދާފައިވާ ތަނެއްގެ ގޮތުގައެވެ. އެތަނުގެއަޑީގައި ފޮރުވި ފައިވާ ސިއްރެއް ވާކަމެއް ޖުމާނާ ފިޔަވާ އެހެން އެއްވެސް މީހަކަށް ނޭނގޭނެ އެވެ.

ސެނާއަށް ހޭވެރިކަންވީ މެންދުރެއް ހާއިރެވެ. ހޭލެވުނުއިރު އޮވެވުނު ގޮތުގެ ސަބަބުން ކޮންމެ ވެސް ކަމެއް ވެއްޖެކަން ސެނާއަށް ޔަގީންވި އެވެ. އިތުރުކަމަކާއިމެދު ޝައްކު އުފެދޭން ފެށިއެވެ. ޝައުގުވެރިކަމާއިއެކު މުޅިހަށިގަނޑަށް ނަޒަރު ހިންގާލި ވަގުތު ސެނާގެ ނަޒަރު ހުއްޓުނީ އޭނާގެ ބަނޑަށެވެ. ބަނޑަށް ބޮޑުބަދަލެއް އައިސްފައިވާކަން ސެނާއަށް ޔަގީންވި އެވެ.

” އަހަރެންގެ ދަރިފުޅު ކޮބާ ؟ ” ހިތާހިތުން ސެނާއަށް އަހާ ލެވުނެވެ. އެހެނަސް އެސުވާލަށް ޖަވާބުދޭނީ ކާކުބާއެވެ. އެ ސުވާލަށް ޖަވާބު ދެވޭނީ ވެސް އެސުވާލު މީހަކަށް އަޑުއިވުނުނަމަ ނޫން ހެއްޔެވެ.

ތަފާތު ޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑި ހާސްވެފައިވާ ހާލުގައި ސެނާ އޮއްވައި އެތަނަށް އައިސް ވަނީ ޖުމާނާ އެވެ.

” މިހާރު ދޭއްޖަހަން ވަނީ. ދޭއްޖެހީމަ ފެންވަރައިގެން ކާން އާދޭ. ބެޑްސީޓާއި އެއްޗިހި ރަނގަޅަށް ދޮންނާތި. ” ސެނާއާ ދިމާއަށް ބަލާލަމުން ޖުމާނާ ބުންޏެވެ.

” މަންމާ! އަހަރެންގެ ދަރި.. ” މަޑުމަޑުން ސެނާއަށް އަހާލެވުނެވެ.

” ލަދެއްނުގަނޭތަ  އެވާހަކަ ދައްކާކަށް؟ ހަނދާން ކުރާތި މީގެފަހުން އެމާހާއި ވާހަކަ ދައްކައިގެން ނުވާނެ. އަދި އެދަރީގެ ވާހަކަ ވެސް ދައްކައިގެން ނުވާނެ. ” ހިތްހަމަނުޖެހުމާއިއެކު ވާހަކަދައްކަމުން ޖުމާނާ ގޮސް އެކޮޓަރިން ނުކުތެވެ.

ޖުމާނާ އެފަދައިން ވާހަކަދެއްކި ނަމަވެސް ސެނާ ދެރައެއް ނުވެއެވެ. ހާހެއް ވެސް ނުވެއެވެ. އެކަން ނިމިގެން އެދިޔައީ ސެނާ ވެސް ބޭނުންވި ގޮތަށެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ދޭއްޖެހުމުން ސެނާ ތެދުވިއެވެ. ޖުމާނާ ބުނިފަދައިން ފެންވަރާއި ގައިން ތާހިރުވުމަށް ގިފިއްޔަށް ދިއުމަށް ސެނާ އެނދުން ފޭބިއެވެ. ތަޅުމުގައި ފައި ޖެހުމާއިއެކު ވެސް އިހުސާސްވެގެން ދިޔައީ ހަށިގަނޑު ވަރަށް ލުއިވެފައިވާ ކަމެވެ. އެކަމުގެ ސަބަބުން ލިބުނު ހިތްހަމަ ޖެހުމުގައި ސެނާއަށް ހިނިތުން ވެލެވުނެވެ.

ފަރުވާތެރިކަމާއިއެކު އެހާމެ ބަލައިގެން މަޑުމަޑުން ސެނާ ގޮސް ގިފިއްޔަށް ވަނެވެ. ވަރަށް ރަނގަޅަށް ފެންވަރައި ގައިން ތާހިރުވެލުމަށްފަހު ހެދުމާއި އެއްޗެތި ދޮވެ އެއިން ލޭ ފިލުވާލި އެވެ.

ފެންވަރައިގެން އައިސް ކޮޓަރީގައި ހުރިއިރު ސެނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

އެކަންތަކުން ސަލާމަތްވެ ހަށިގަނޑު ހަމައަކަށް އެޅޭގޮތްވުމުން ސެނާ އަނެއްކާ ވެސް ގަވާއިދުން މަދަރުސާއަށް ދާންފެށިއެވެ. އެކަމާއި ބެހޭގޮތުން އޭނާއާ ސުވާލުކުރުމުން ބުނަމުން ދަނީ އެބަލިން އޭނާ މިހާރު ރަނގަޅުވެއްޖެ ކަމަށެވެ.

ގިފިލިތެރޭގައި އިންދާފައިވާ ރުއްކާއްޓަށް ޖުމާނާ ގަވާއިދުން ފެންދެމުން ގެންދިޔަ އެވެ. އެރުއްކާށި އެތަނުގައި އިންދިތާ ދެހަފްތާއެއްހާ ދުވަސްވީރު އެކާށިން އިތުރު ރުކެއް ފަޅައިފިއެވެ. އެއީ މަދުން ނަމަވެސް ފެންނަމުންދާ ކަމަކަށްވާތި އާއި އައުކަމަކަށް ނުވާތީ ޖުމާނާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ސުމްނާ އާއި މާހުގެ މެދުގައިވާ ލޯބީގެގުޅުން ވަރުގަދަވަމުން އާރޯވަމުން ދިޔައީ އެލޯބީގެ ގުޅުމަށް ދެފަރާތުގެ ޢާއިލާއިން ލިބިފައިވާ ރުހުމާއި ވެސް އެކުގައެވެ. މިއިން އެއްވެސްކަމެއް ސެނާ އަކަށް ނޭނގެއެވެ.

މާހާއި ދުރުގައި ހުންނަން ޖެހުމުން ކިތަންމެ ދެރަވި ނަމަވެސް އެކަމާއި ހިތާމަކޮށް ކަރުނަ އޮހޮރަމުންދިޔަ ނަމަވެސް ޖުމާނާގެ ވާހަކަތައް ގަބޫލުކޮށް އޭނާގެ ގޮތުގައި ސެނާ ހިފެހެއްޓި އެވެ. މާހުގެ ފަރާތުން ވެސް ސެނާއަކަށް އެއްވެސް އިޝާރާތެއް ނުވެއެވެ. ޖުމާނާގެ ވާހަކަތައް ސެނާއަށް އިތުރަށް ޔަގީންވީ އެހިސާބުންނެވެ.

މަހެއްހައި ދުވަހު އިންޑިޔާގައި އުޅުމަށްފަހު ރާއްޖެ އައިސް ދެވަނައަށްވީ ދުވަހު ސައްޔާހް ރަށަށް އައިސްފިއެވެ. ސައްޔާހް ރަށަށް އައުމުން ސެނާ އާއި ޖުމާނާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ.

މެންދުރުގެ ކެއުމުގެ ވަގުތެވެ. ޖުމާނާ އާއި ސައްޔާހް އަދި ސެނާ މެންދުރުގެ ކެއުމާއިގެން މަސްޢޫލުވެ ތިބިއިރު ތިންމީހުން ކޮންމެ ވެސް ވާހަކަތަކެއް ވެސް ދައްކަމުން ގެންދިޔައެވެ.

ނުނިމޭ

3
3
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އޭނާ ( 6 )“

Leave a Reply

Your email address will not be published.