ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 8 )

ހަގަޑިސާޅިސްފަހެއް ވީއިރު މަދަރުސާކައިރި ވަނީ ފުރި ބާރުވެފައި ކަހަލަ ގޮތަކަށެވެ. މަދަރުސާއަށް އައިސް ތިބި ކުދިންނާއި އެކުދިންގެ ބެލެނިވެރިން އެތަނުގައި ކޮޅުކޮޅަށް ހަރަކާތްތެރި ވަމުން ދިޔައެވެ. ބައެއް ބެލެނިވެރިންގެ އުރުގައި ތިބި ކުޑަކުދިންގެ ރުއިމުގެއަޑުން އެތަނުގެ ހަމަހިމޭންކަން ކެނޑިފައި ވެއެވެ.

ސެނާހުރީ ވަގުތު ހިނގާލެއް ލަސްވެގެން ކެތްމަދުވެފައި ކަހަލަ ގޮތަކަށެވެ.

ސެނާ އިންތިޒާރު ކުރަމުން ދިޔައީ އިރުއޮއްސޭނެ ވަގުތަކަށެވެ. އިރުއޮއްސުމުން ރަށު މީހުންނަށް ނޭނގޭނެހެން އެ ފަޅުގެއަށް ގޮސް މާހާއި ބައްދަލުކުރުމަށް އޭނާ ތައްޔާރުވަމުންދިޔަ ނަމަވެސް އޭނަ ފިޔާވައި އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ.

މަޢުރިބުނަމާދު ބަންގިގޮވުމާއިއެކެ ރަށުތެރެއަށް ހަމަހިމޭންކަން ވެރިވާން ފެށިއިރު މިސްކިތާއި ދިމާއަށް ހިނގަމުންދިޔަ މީހުން ވެސް ގިނަވަމުން ދިޔައެވެ.

ވަގުތަކަށް ބަލަބަލައި ހުރި ސެނާ ވަރަށް ސިއްރު ސިއްރުން ގޮސް އެ ފަޅުގެއަށް ވަނެވެ. އެހެނަސް އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. ސެނާ އެގޭތެރެއަށް ވަތްއިރު އޭނާގެ އިންތިޒާރުގައި މާހު ހުއްޓެވެ.

މާހު ފެނުމާއިއެކު ސެނާއަށް އެންމެފުރަތަމަ ވެސް ފާހަގަކުރެވުނީ އޭނާގެ މޫނުމަތިން ފާޅުވަމުންދާ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ. އެކަމުގެ ސަބަބުން ލިބުނު ހައިރާންކަމާއިއެކު ދެރަ ވެސް ވިއެވެ.

ކޮންމެ ވެސް ވަރަކަށް ޖެހިލުންވެފައި ހުރެގެން ސެނާ ގޮސް މާހު ކައިރިއަށް ހުއްޓެމުން ވީކީއްތޯ ސުވާލުކުރި އެވެ.

ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށްފަހު މާހު ވާހަކަދައްކަން ފެށިއެވެ. ސެނާ ކައިރީ މާހު ބުނީ ސެނާމެންގޭ ގިފިލިތެރޭގައި އިންދާފައިވާ ބޯކަށިކެޔޮ މާގަނޑަކީ އޭނާ އާއި ސެނާ ދުރުކުރުމަށްޓަކައި ތަކުރުބެ ހަދާފައިވާ ފަންޑިތައެއް ކަމަށެވެ. މާހުގާތު އެވާހަކަ ބުނީ އޭނާގެ ރައްޓެއްސެއްކަމަށާއި އެހެން އެއްވެސް މީހަކަށް އެކަން ނޭނގޭނެހެން މާދަމާ ކޮންމެވެސް އިރަކުން އެމާގަނޑު އެއްލައިލުމަށެވެ.

ސެނާދެކެ ނުހަނުލޯބިވާކަމަށް އޭނާ ގަބޫލުކުރަމުންއަންނަ މާހުގެ އެވާހަކަތައް ސެނާއަށް ގަބޫލުކުރެވުނެވެ. މާހު ބުނިފަދައިން ކަންތައްކުރާނެ ކަމަށް ބުންޏެވެ.

ސެނާ އާއި މާހު އެދެމީހުންގެ ބައްދަލުވުން މިރޭ ވެސް ނިންމާލީ އިސާނަމާދު ވަގުތުވާން ކައިރިވުމުން ނެވެ. އެއީ މާހު ބޭނުންވާގޮތް ކަމަށްވާތީ ސެނާ އެކަމަކާއި ޝަކުވާއެއް ނުކުރެއެވެ. އެހެންރޭތައް ފަދައިން މިރޭވެސް ބައްދަލުވުން ނިންމާލުމަށްފަހު މީހުންގެ ލޯތަކަށް ސިއްރު ސިއްރުން އެގެއިން ނުކުމެގެން އޭނާގެގެއަށް ސެނާ ހިނގައްޖެ އެވެ.

ނިދަން އޮތްއިރު ވެސް ސެނާގެ ޚިޔާލުގައި އެނބުރެމުންދަނީ މާހު ދެއްކި ވާހަކަތަކެވެ. އޭނާ އާއި މާހުގެ މެދުގައި ލޯބީގެ ގުޅުމެއް ވާކަން އެދެމީހުން ފިޔަވައި އެހެން މީހަކަށް ނޭނގޭނެކަން ސެނާއަށް ޔަގީންވެ އެވެ. އެކަމާއިބެހޭ ކުޑަނަމަވެސް މަޢުލޫމާތެއް ލިބުނު މީހާ މިހާރުވަނީ މަރުވެފައެވެ.

ކޮންމެވެސް މީހެއްގެ ފަރާތުން ތަކުރުބެއަށް އެކަން އެނގުނު ނަމަވެސް ސެނާ އާއި މާހު ދުރުކުރަން ތަކުރުބެ މަސައްކަތް ކުރަނީ ކީއްވެބާއޭ ސެނާގެހިތަށް އަރަމުން ދިޔައެވެ. އެކަމުގެ ބޭނުމަކީ ކޮބައިބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ސެނާގެ ހިތުގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބު ނުލިބުނު ނަމަވެސް މާހު ބުނިފަދައިން މާދަމާގެ ކޮންމެ ވެސް ވަގުތެއްގައި އެކަންތައް ކުރުމަށް ސެނާ ނިންމިއެވެ.

ޖުމާނާ މަރުވުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ވަގުތުތައް ގުނަމުންދިޔަ ސައްޔާހް ވިޔަފާރި ކުރުމުގެ އިތުރުން މަހަށް ދާން ފެށިއެވެ. އެހެންކަމުން ކޮންމެ ރެއަކު ވެސް ބޮޑުފަތިހައި މަހަށް ފުރައެވެ.

ފަތިސްނަމާދު ވަގުތުގެ ބަންގި އާއި އެކު ހޭލައިއުޅޭ މީހުން ގިނަވަމުން ދިޔައެވެ. ސައްޔާހް އޭނާގެ އާދައިގެމަތިން މަހަށް ދިއުމަށްޓަކައި މިއަދު ވެސް ބޮޑުފަތިހައި ގެއިން ނުކުމެގެން ހިނގައްޖެ އެވެ.

މަދަރުސާ ބަންދު ދުވަހަކަށް ވާތީ މިއަދު ސެނާ ތެދުވީ ހަތެއް ވެސް ޖެހި ފަހުންނެވެ. ފެންވަރައި ތާޒާވެލުމަށްޓަކައި ސެނާ ގޮސް ގިފިއްޔަށް ވަނުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ގިފިލިތެރޭގައި އިންދާފައި ހުރި ބޯކަށިކެޔޮ މާގަނޑެވެ. އެމާގަނޑު ފެނުމާއިއެކު ރޭގައި މާހު ދެއްކިވާހަކަތައް ސެނާއަށް ހަނދާންވެ ރުޅިއައިސްފި އެވެ. އެދިޔަގޮތަށް ގޮސް އެމާގަނޑު އުފުރާލައި ކުނިގޯނި ތެރެއަށް ލިއެވެ.

ފެންވަރައި ތާޒާވެލައިގެން ގޯތިތެރެ ކުނިކަހައި ސާފު ކޮށްލުމަށްފަހު ކުނިގޯނި ހިފައިގެން ސެނާ ދިޔައީ ކުނިގޮނޑަ ށެވެ. އެތަނަށް ކުނިތައް އަޅައި އެންދި އެންދުމުގައި އެމާގަނޑު ވެސް އަންދާލި އެވެ.

ޖުމާނާގެ މަރަށްފަހު ސައްޔާހާއި ސެނާގެ ކެއިންބުއިމުގެ ހުރިހާކަމެއް ހަމަޖައްސަމުންދަނީ ސައްޔާހްގެ މަންމަ ރައިނާމެން ގެއިންނެވެ.

ސައްޔާހް މަހުން ލަފައިގެން އައިސް އެމަސައްކަތް ނިންމާލުމަށްފަހު ފެންވަރަންވެގެން ގިފިއްޔަށް ވަނުމާއިއެކު ސައްޔާހަށް  ފާހަގަކުރެވުނީ ރޭގައި އޭނާ އިންދި ބޯކަށިކެޔޮމާގަނޑު ނެތްކަމެވެ. ސައްޔާހްގެ ހިތުގައި ހައިރާންކަމާއި ނުތަނަވަސްކަން އުފެދުނެވެ.

ސައްޔާހް އަވަސް އަވަހަށް އައިސް ގޭތެރެ ބަލާލިއިރު ގޭތެރޭގައި ސެނާއެއް ނެތެވެ. ދެތިން ފަހަރަކު ގޮވާލުމުން ވެސް ސެނާގެ އަޑު ނީވުމުން ސެނާ ގޭގައި ނެތީކަމަށް ސައްޔާހް ނިންމިއެވެ.

ފެންވަރައިގެން މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން ސައްޔާހް ދިޔައީ އޭނާގެ މަންމަ ރައިނާމެން ގެއަށެވެ. އެގެއަށް ގޮސް ބަލާލިއިރު އެގޭގައި ވެސް ސެނާއެއް ނެތެވެ. ސެނާ ނުފެނުމުން ސައްޔާހް ކުޑަކޮށް ހިތް ނުތަނަވަސްވާގޮތް ވިއެވެ.

ހަވީރު ސައިބޮއިގެން ސެނާގެ އިންތިޒާރުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، މަޢުރިބުނަމާދު ބަންގިގޮވުމުން ސައްޔާހް  ދިޔައީ މިސްކިތަށެވެ. އޭރުވެސް ސެނާއެއް ގެއަކަށް ނާދެއެވެ.

މާހު ކައިރިއަށް ފަޅުގެއަށް ސެނާ ދިޔައިރު މާހު ހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. މާހުގެ މޫނުމަތިން ފާޅުވަމުންދާ އުފަލާއި ހިތްހަމަޖެހުން ފެނުމުން ސެނާ ވެސް ވަރަށްއުފާވެ ހިތްހަމަޖެހުނެވެ.

މާހުގެ އަތުތެރޭގައި ހުރި ސެނާ އާއި މާހުގެ ހަށިނޑު ޖެހި ފިތި ބާރުވަމުން ދިޔައިރު ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ސެނާއަކަށް ވާނުވާ އެނގޭހެނެއް ހިޔެއް ނުވެއެވެ.

މާހާއި ސެނާ އެދެމީހުންގެ އިސްޤީ މަސްތީ ލޯބިން ފުރިގެންވީ ބައްދަލުވުން ނިންމާލުމަށްފަހު ސެނާ ގެއަށް ދިޔައީ އެހެންރޭރޭ ވެސް ބައްދަލުވުން ނިންމާ ގަޑި ޖެހުމުން ނެވެ.

އިޝާނަމާދުން ފައިބައިގެން ސައްޔާހް ގެއަށް ދިޔައިރު ސެނާ އިނީ ފިލާވަޅު ދަސްކުރާށެވެ. މާގަނޑުގެ ވާހަކަދައްކާކަށް ސައްޔާހް ހަނދާނެއް ނުވިއެވެ.

ރޭގަނޑަށް ކައިގެން ނިދަން އައި މަގުމަތީގައި ސެނާ ގާތު މާގަނޑުގެ ވާހަކަ ސައްޔާހް އެހިއެވެ. އެވާހަކަތަކަށް ޖަވާބުދެމުން ސެނާ ބުނީ އެއީ ބައްޕަ އިންދި އެއްޗެއްކަން ނޭނގޭ ކަމަށާއި އެހެން މީހަކު އެމީހުނަށް ގެއްލުމެއްދޭން އިންދާފައިވާ އެއްޗެއްކަމަށް ހީކޮށް ކުނި އެންދިއިރު އެމާގަނޑު ވެސް އަންދާލައިފި ކަމަށެވެ. ބައްޕަގާތު އަހާނުލައި އެގޮތަށް ކަންތައް ކުރެވުނީތީ މަޢާފަށްއެދޭ ކަމަށާއި ބައްޕަގާތު  އަހައި ނުލެވުނީ އެވަގުތު އެގޮތަށް ވިސްނައި ނުލެވުމުން ކަމަށް ވެސް ބުންޏެވެ.

ސެނާ އެ މާގަނޑާއިމެދު އެގޮތަށް ކަންތައްކުރީ ކީއްވެގެންކަން ސައްޔާހަށް  އޮޅުވާލީ މާހުގެ ވާހަކަ ދައްކައިފިނަމަ ސައްޔާހް ރުޅި އަންނާނެކަން ޔަގީންވާތީ އެވެ.

ސެނާއަށް ނުހަނު އިތުބާރުކާރު ސައްޔާހް ސެނާގެ ވާހަކަތައް ގަބޫލުކޮށް އޭނާއަށް މަޢާފުކޮށް އެފަދަކަމެއް ދެން ނުކުރުމަށް ބުންޏެވެ.

ހަނދުމަހެއްގެ އަށާވީސްވިލޭރެ އެވެ. ތަކުރުބޭ ބުނެފައިވާ ފަދައިން ފަންޑިތައިގެ ކަންތައް ނިންމުމަށް ސައްޔާހްމެން ގެއަށް ތަކުރުބޭ އައެވެ.

ތަކުރުބެ އާއި ސައްޔާހް އެތައްވަގުތެއް ހޭދަކޮށްގެން ތައްޔާރުކުރި ފަންޑިތަ މާގަނޑުމަތިން ސައްޔާހް ހަނދާންވީ ތަކުރުބޭ ފެނުމުން ނެވެ.

ތަކުރުބެ އާއި ސައްޔާހް ގޮސް ގިފިއްޔަށް ވަންނަމުން ގިފިލީބޮކި ދިއްލިއެވެ. ގިފިއްޔަށް ވަނުމާއިއެކު ތަކުރުބޭ ބަލާލީ އޭނާ ބުނިފަދައިން ގިފިލީގައި އެ މާގަނޑު އިންދާފައި ހުރިތޯ އެވެ. އެހެނަސް އެތަނަކުން އެމާގަނޑެއް ނުފެނުނެވެ.

” މާގަނޑު ކޮބާ ؟ ”  ހައިރާންކަމާއިއެކު ސައްޔާހަށް ބަލާލަމުން ތަކުރުބޭ އެހިއެވެ.

” ކުރިން އެވާހަކަ ބުނަން އަހަރެން ހަނދާން ނެތުނީ …… ގިފިލިތެރެ ކުނިކެހި ދުވަހަކު ސެނާއަށް ނޭނގިގެން އެމާގަނޑު އެއްލާލައިފި ….. ދެން ކިހިނެތް ހަދާނީ؟ ” ތަކުރުބޭގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ސައްޔާހް ވާހަކަދެއްކިއިރު އަޑާއި ހަރާކާތުން އަދި މޫނުމަތިން ފާޅުވަމުންދަނީ ހާސްކަމާއި މާޔޫސްކަމުގެ އަސަރުތަކެވެ. ކަންބޮޑުވުމުގެ ކުލަވަރެވެ.

” ތިކުރީ ވަރަށްދެރަ ކަމެއް. މިހާރު މިވަނީ ވަގުތު ވެސް ވަރަށް ކުޑަތަންވެފައި. ” ޚިޔާލެއްގެތެރެއަށް ގެއްލިފައި މައްޗަށް ބަލަހައްޓައިގެން ހުރެ ތަކުރުބެ ބުންޏެވެ.

” ދެން ނޯންނާނެތަ އެހެން ގޮތެއް ހެދޭކަށް ؟  ……. ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ބޭނުން މިކަމުގެ ޙަޤީޤަތް ހޯދައި މިކަމުން ސަލާމަތްވާން. ” މަޑުމަޑުން ސައްޔާހް ބުންޏެވެ.

” އެހެންގޮތެއް އޮތްތޯ އަހަރެން ބަލާނަން …. އެކަމަކު ދެން މިކަން ކުރެވޭނީ ހަނދުމަހެއްގެ ފުރަތަމަ ދުވަހުގެ އިރުއޮއްސޭ ވަގުތާއި ދިމާކޮށް … އެދުވަހުގެ އެގަޑީ މިގޭގައި ދިރިއުޅޭ އެކަކު ވެސް ބޭރުގައި އުޅެގެން ނުވާނެ. ދެރޭފަހުން އަހަރެން އަންނާނަން … އަހަރެން ބުނިފަދައިން ތައްޔާރުވެގެން ތިބޭތި. ”  ސައްޔާހާއި ދިމާއަށް ބަލަން ހުރެ ތަކުރުބެ ބުންޏެވެ.

ސެނާ އާއި މާހު އެމީހުންގެ އާދައިގެމަތިން އެދެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވާ ފަޅުގޭތެރޭގައި ލޯބީގެ ވަގުތައް ހޭދަކުރަމުން އަހުދުތަކާއި ވައުދުތައްވަމުން ދިޔައެވެ. ސެނާ އާއި މާހު ދުރުކުރުމަށްޓަކައި ފަންޑިތަ ހެދުމަށް މިރޭ ވެސް ސެނާމެން ގެއަށް ތަކުރުބޭ ދާނެކަމަށް މާހު ބުންޏެވެ. ތަކުރުބޭގެ ޢަމަލުތައް ހުންނަގޮތުން އޭނާ ވަރަށްރުޅިއަރާ ކަމަށާއި ތަކުރުބެ އެކަން ނުހުއްޓާނަމަ ހަނދާން ނުނެތޭވަރުގެ ބޮނޑިއެއް ދޭން ޖެހިދާނެކަމަށް ވެސް ބުންޏެވެ.

މާހުގެ އެވާހަކަތަކުގެ ސަބަބުން ސެނާ ހާސްވާގޮތް ވިއެވެ. ކޮންމެ ވެސް ވަރަކަށް ކަންބޮޑުވާގޮތް ވެސް ވިއެވެ. ތަކުރުބެ ކޮންމެއެއްޗެއް ހެދި ނަމަވެސް އޭނާ ހުންނާނީ މާހުގެ މީހެއްގެ ގޮތުގައިކަމަށް ބުނެ އަތުން ފައިން ގޯހެއް ނުހެދުމަށް މާހަށް ނަސޭހަތްތެރި ވިއެވެ.

ސައްޔާހާއި ވާހަކަދައްކައި ކަންތައްކުރަންވީގޮތް ބުނެދީ އެކަމާއި ގުޅުންހުރި އެހެން ވެސް ބައެއް ވާހަކަދެއްކުމަށްފަހު ތަކުރުބޭ އޭނާގެ ގެއަށް ހިނގައްޖެ އެވެ.

ސެނާ އާއި މާހުގެ ލޯބީގެ ބައްދަލުވުން ނިންމާލުމަށްފަހު ސެނާ ގެއަށް އައީ އިސާނަމާދު ވަގުތުވާން ކައިރިވުމުން ނެވެ.

ސައްޔާހްގެއިން ނުކުންނަނިކޮށް ސެނާ އައިސް ގެއަށް ވަދެއްޖެއެވެ.

” ދަރިފުޅާ ސެނާ! ކޮންތާކުން ތިއައީ ؟ ”  ސެނާއާ ދިމާއަށް ބަލާލަމުން ސައްޔާހް އެހިއެވެ.

” ކުލާސް ކުއްޖެއްގެ ގެއިން. ” މަޑުމަޑުން ސެނާ ބުނެލިއެވެ. ސެނާ އެހެން ބުނީ އޭނާ މާހުއާ ބައްދަލުކުރި ވާހަކަ ބުނެފި ނަމަ ސައްޔާހް ރުޅި އަންނާނެކަން ޔަގީންވާތި އެވެ.

” އެހެންތަ ؟ ….. އެކަމު މީގެފަހުން އިރުއޮއްސި ދެނަމާދު ދޭތެރޭ ގެއިން ބޭރަށް ނުދާތި. ނަމާދުކޮށްގެން ފިލާވަޅުކިޔާފައި މާމަގެއަށް ދޭ. ” ސެނާއަށް ބަލާލަމުން ނަސޭހަތުގެ ރާގަކަށް ސައްޔާހް ބުންޏެވެ.

” އާން …. ” މަޑުމައިތިރިކަމާއިއެކު ސެނާ ބުނެލިއެވެ.

ސައްޔާހް އެހެން ބުނި ނަމަވެސް ނަމާދުކުރާކަށް ސެނާ ނޫޅެއެވެ. ކުޑައިރުކޮޅަކު ފިލާވަޅުކިޔާލުމަށްފަހު ސެނާ ދިޔައީ އޭނާގެ މާމަގެއަށެވެ.

ފަތިސްނަމާދު ކޮށްލައިގެން ސައްޔާހް މަހަށް ފުރައިގެން ދިޔައިރު ވެސް ސެނާ އޮތީ ނިދާފަ އެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ހަގަޑިފަނަރަ ހާއިރު ސެނާ ނިދާތެދުވެގެން ފާހާނާއަށް ވަދެ ފެންވަރައި ތައްޔާރު ވެލައިގެން މަދަރުސާއަށް ހިނގައްޖެ އެވެ. މަދަރުސާއިން ސެނާއާ ސުމްނާ ބައްދަލުވި ނަމަވެސް އެދެމެދުގައި އެއްވެސް ގުޅުމެއްނެތުމުގެ ސަބަބުން އެދެމީހުން ވާހަކައެއް ނުދައްކަ އެވެ. ސެނާ އަމިއްލައަށް ސުމްނާއާ ގުޅުން ކަނޑާލާފައިވާތީ ސުމްނާ ވެސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ތަކުރުބޭ ބުނިދުވަހާއި ވަގުތައް ވިސްނައި ތައްޔާރުވަމުންދިޔަ ސައްޔާހް މިއަދު މަހަކަށް ނުދެއެވެ. އޭނާ އާއި ތަކުރުބޭ ފިޔަވާ އެހެންމީހަކަށް އެކަމުގެ އަޑިގައިވާ ސިއްރެއް ނޭނގެއެވެ.

އިރުއޮއްސޭވަގުތު ގާތްވަމުންދިޔަ އެވެ. ސެނާ ގެއަށް ގެނެސް އޭނާ ގޭގައި މަޑުކޮށް ތަކުރުބޭ އަންނަންވާއިރަށް ސައްޔާހް ތައްޔާރުވި އެވެ. ތަކުރުބޭގެ ފަންޑިތައިގެ ސަބަބުން ނަމަވެސް އެނުރައްކަލުން އެގެ ސަލާމަތް ވެއްޖެނަމަ ސައްޔާހްގެ މަޤްޞަދު ޙާޞިލްވީ އެވެ. މިކަމުން ސަލާމަތްވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެނަމަ މިކަމުގެ ނުރައްކާތެރިކަން އިތުރުވަމުން ދާނެކަން ސައްޔާހަށް ޔަގީންވެ އެވެ.

މާހާއި ބައްދަލުކުރަން ނުދެވުމުން ސެނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ސައްޔާހާއި ދެކޮޅަށް ކަމެއްކުރުމަކީ ސެނާ މިހާތަނަށް ކޮށްފައިވާ ކަމަކަށް ނުވުމުގެ އިތުރުން އޭނާ ކުރަން ބޭނުންވާ ކަމަކަށް ވެސް ނުވެއެވެ.

ނުނިމޭ

7
0
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 8 ވަނަ ޕާޓެވެ.

10 ކޮމެންޓް - ލިޔުން: ”އޭނާ ( 8 )“

  1. ވާހަކަ ވަރަށް ރީތި. އިނާމް ދީފިތަ ؟ ވާހަކަ ކުރިޔަށް ނުދަނީ ކީއްވެ ؟ އާންމުކޮށް މިގޮތަށް ވާހަކަ ހުއްޓެނީ ސައިޓް ހިންގާ ފަރާތުން ފައިސާ ނުދީގެން . މިސައިޓަށް ވެސް އެހެންވީތޯ ؟

    3

    0
  2. ނީރު މިއީ ދެބަދުނާމްގެ ދެވަނަސިލްސިލާތަ ވވވ ރީތި ހާދަލަހޭ ވާހަކައަންނަލެއް ކޮންއިރަކުތަ 9 ބައި ގެނެސްދެނީ

    1

    0
  3. Updating eh naadhey keehkuran mikahala hadimududhaaru analu hingganee meehun kiyaane kanegenvaane liyaameehkahvess miliyanulhunu meehaamaruveetha baliveetha varahdherakameh meee

    0

    0

Leave a Reply

Your email address will not be published.