މަޒުމޫން

ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައިވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަ ކަމުންނެވެ.

ފެށުން
ދިވެހިރާއްޖޭގައި ފުރަތަމަ ސްކޫލެއް ހުޅުވައި ތައުލީމު ދޭންފެށީ އިސްކަންދަރު ރަސްގެފާނެވެ. އެރަސްގެފާނު އެޅި ބިންގާ ވަރުގަދަވެ، މިހާރު ތައުލީމަކީ ކޮންމެ މީހަކަށްވެސް އެއާ ނުލާ ނޫޅެވޭނެ އެއްޗަކަށް ވަނީ ވެފައެވެ. ނަމަވެސް ޒަމާން ބަދަލުވަމުންދާ ވަރަކަށް ތައުލީމީ ނިޒާމަށް ވެސް މިދަނީ ތަފާތު އަސަރުތައް ކުރަމުންނެވެ. މިހާރުގެ ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައިވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަކަމުންނެވެ. ނަމަވެސް މިކަން ޤަބޫލު ކުރަނީ މަދުބައެކެވެ. އަމިއްލަ މާދަރީ ބަހެއް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައި ވުމަކީވެސް ހަގީގަތުގައި އަހަރެމެން އުފާކޮށް ފަހުރުވެރިވާން ވީކަމެކެވެ. ދުނިޔޭގެ ގިނަ ގައުމު ތަކަކަށް ލިބިފައިނުވާފަދަ ނަސީބެއް އަހަރެމެންގެ މި ކުޑަކުޑަ ގައުމަށް ލިބިފައި ވުމަކީ ދިވެހި ކޮންމެ ދަރިއަކުވެސް ޝުކުރު ކުރުން ހައްގު ކަމެކެވެ.މިކަން މިގޮތަށް ކުރެވޭނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު މިއަށްވުރެ ފުޅާ ކޮށްގެންނެވެ.
އިނގިރޭސި މީޑިއަމް އަށް ކިޔަވައިދިނުން
އަހަރެމެންގެ މާދަރީ ބަހަކީ ދިވެހި ބަސް ކަމަށް ވީނަމަވެސް މިހާރު ސްކޫލް ތަކުގައި ކިޔަވައިދެމުން ގެންދަނީ އިނގިރޭސި މީޑިއަމް އަށެވެ. ތަނުގެ އިޖްތިމާއީ އަދި އިޤްތިސާދީ ސަބަބުތަކަށްޓަކައި ގައުމުގެ ޒުވާނުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭން މިވަނީ މަޖުބޫރުވެފައެވެ.ނަމަވެސް ދިވެހި މީޑިއަމް އަށް ކިޔަވައި ދެމުން ވެސް ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ކިޔަވައި ދެވިދާނެއެވެ. އޭރުން ދިވެހި ބަހަކީ ޒުވާނުންނަށް މުސްކުޅި އަދި އުނދަގޫ ބަހަކަށްވެސް ނުވާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިނގިރޭސިބަހުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން އުޅުއްވާ ބައެއް ބޭފުޅުން މި ދިވެހި ބަހަކީ އިނގިރޭސި ބަސް ފަދައިން ބުނަން ބޭނުންވާ އެއްޗެއް ފަސޭހަ ކަމާއެކު ބުނެލެވޭފަދަ ބަސްކޮށާރެއް އޮތް ބަހެއް ނޫން ކަމަށް ދައުވާ ކުރައްވާކަމަށްއަބްދުލް ފައްތާހު (2011) ހާމަކުރައްވައެވެ. މިކަން މިގޮތަށް ދިމާވަނީ އެބޭފުޅުންގެ ޅަފަތުގެ ދުވަސްތަކުގައި ވެސް މާދަރީ ބަހުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައި ނުވާތީއެވެ. އެންމެ ފުރަތަމަވެސް ދިވެހި މީޑިއަމް އަށް ކިޔަވައި ދެވިފައިވާނަމަ މިއަދު އެމައްސަލަ ތަކާއި ކުރިމަތި ލާކަށް ނުޖެހުނީހެވެ.

މާދަރީ ބަހަކީ ކޮބައިކަން ޅަޒުވާނުންނަށް އުނގަންނައި ދިނުން
މާދަރީ ބަހަކީ އެބައެއް ވާހަކަ ދައްކަމުން ގެންދާ ބަހެވެ. އަހަރެމެންގެ މާދަރީ ބަހަކީ ދިވެހި ބަހެވެ. ޒަމަނުއްސުރެ ދިވެހިން ވާހަކަ ދައްކަމުން ލިޔަމުން އައި ބަހެވެ. ނަމަވެސް މިހާރުގެ ޅަޒުވާނުންނަށް ދިވެހި ބަހަކީ ކޮބައިކަން މިވަނީ ބުނެދޭން ޖެހިފައެވެ. ދިވެހި ބަހުގެ މުހިއްމު ކަމާއި އަދި އެބަހުގެ މުއްސަނދިކަންވެސް މިވަނީ އަންގައިދޭން ޖެހިފައެވެ. ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައި ވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަ ވުމުންނެވެ. އެންމެ ޅަފަތުއްސުރެ މާދަރީ ބަސް ދަސްކޮށް ދެވިފައިވާނަމަ މިއަދުގެ ޒުވާނުންނަކީ އަމިއްލަ ބަހަށް އެހާ ކޮށި ބަޔަކަށް ނުވާނެއެވެ. ޕްރީސްކޫލުން ފެށިގެންވެސް ވަކި ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ދިވެހި ބަސް ކިޔަވައި ދެވިފައި ވާނަމަ މިއަދުގެ ޒުވާނުންނަށް މާދަރީ ބަސް ބޭނުން ކުރާކަށް އުނދަގުލެއް ވެސް ނުވާނެއެވެ. ދިވެހި ބަހަކީ އުސޫލު ތަކާއި ހަމަތަކާއި ޤަވާއިދެއް އޮތް ބަހެއްކަމާއި ޅެން ވެރިކަމާއި ފަށުވިކަމާއި ބަލާޣާތްތެރިކަންވެސް ލިބިފައިވާ ބަހެއްކަމަށް ހަސަން ހަމީދު (2007) ހާމަކުރައްވައެވެ. އެހެން ކަމުން މިދެންނެވި ކަންތައްތައް ތައުލީމީ މަންހަޖުގެ ތެރެއިން ކުދިންނަށް އުނގަންނައި ދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
ޓީޗަރުންގެ ދައުރު
އުނގެނި އުނގަންނައި ދިނުމުގެ ނިޒާމުގައި ނުވަތަ ތައުލީމީ ނިޒާމުގައި ޓީޗަރުންގެ ދައުރު ވަރަށް ވެސް ބޮޑެވެ. ސްކޫލް ތަކުގައި ޓީޗަރުން ކިޔަވައި ދެމުންދާއިރު ދިވެހި ބަހަށް ދޭންޖެހޭ ސަމާލުކަން އިތުރު ކުރަން އެބަޖެހެއެވެ. ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައި ވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަކަމުންނެވެ. އެންމެ ތުއްތު އިރުއްސުރެވެސް ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ޓީޗަރެއްގެ އެހީގައި ކިޔަވަމުން ކަންތައްތައް އުނގެނެމުން އަންނަ ކުދިންނެވެ. ކުޑައިރު ދިވެހި ބަސް ރަނގަޅަށް އެކުދިންނަށް ދަސް ކޮށްދެވިފައިވާނަމަ ސާނަވީ އާއި މަތީ ސާނަވީ އާއި ހަމައަށް އެކުދިން ދާއިރު މާދަރީ ބަހަށް ކޮށިވެ ބަހުގެ ހަމަތަކާއި ޤަވާއިދުތައް ނޭނގިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ދިވެހި ބަހުގެ އިމްތިހާނަކީ އޭގައި ލިޔުންތެރި ކަމާއި ޅެންވެރިކަމާއި އަދަބިއްޔާތާއި ދިވެހި ބަސް ދޭހަވާ މިންވަރުގެ މައްޗަށް ބިނާވެފައިވާ އިމްތިހާނެއްކަމުން މިދެންނެވި ބައިތަކަށް ކުއްޖާ ވައްދަން މަސައްކަތް ކުރަން އެބަޖެހެއެވެ (އަބްދުﷲ ޖަމީލު، 2009). ޓީޗަރުން މިހާރަށް ވުރެވެސް ބޮޑަށް މިކަމަށް މަސައްކަތް ކުރަން އެބަޖެހެއެވެ. ނޭނގޭ އެއްޗެހި އޮޅުން ފިލުވައި ދީގެންވެސް ދިވެހި ބަހަކީ މިއަދުގެ ޅަޒުވާނުންނަށް ފަސޭހަ ފަރިތަ ބަހަކަށް ހެދޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ.

އެހެން ބަސް ބަހަށް ދޭ ސަމާލުކަން އިތުރުވުން
ދިވެހިންގެ ފަހުރުވެރި ދިވެހި ބަހަކީ އެހެން އެއްވެސް ގައުމެއްގެ ބަޔަކު ވާހަކަ ދައްކާ އުޅޭ ބަހެއް ނޫނެވެ. މިބަސް އެއް ދުވަހުން އަނެއް ދުވަހަށް ދިރުވާ އާލާ ކުރުމަކީ ދިވެހިންގެ ވާޖިބެކެވެ. ދިވެހި ބަހަށް ވުރެ އެހެން ބަސްބަހަށް ދޭ ސަމާލުކަން މިއަދު މިވަނީ އިތުރު ވެފައެވެ.ކުދިން މަތީ ތައުލީމު ނިންމާ ވަޒީފާގެ މައިދާނަށް ނިކުތުމުން ވަޒީފާ ދިނުމުގައި ވެސް ދިވެހިބަހުން ރީއްޗަށް ވާހަކަދައްކާ ލިޔެކިޔަން ދަންނަ މިންވަރަށްވުރެ އިނގިރޭސި ދަންނަ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެފަދަ ކުދިންނަށް ވަޒީފާ ދޭތަން ފެންނަނީ ވެސް މަދެއް ކޮށެއް ނޫންކަމަށް ހުސެން ޞަލާހް (2014) ހާމަކުރައްވައެވެ.ސްކޫލުތަކުގައި ވެސް އެންމެ ފުރަތަމަ ކިޔަވައިދޭ ބަހަކަށް އިނގިރޭސި ބަސް ހެދިފައި ވާއިރު ދެވަނަ ބަހަކަށް މިވަނީ ދިވެހި ބަހެވެ. އަޅުގަނޑުމެންގެ ތުއްތު ކުދިން ޕްރީސްކޫލަށް ގެންދިއުމުން އާންޓީމެން އިނގިރޭސި ބަހުން މިކުދިންނާ ވާހަކަ ދެއްކުމުގެ ބަދަލުގައި ދިވެހި ބަހުން ވާހަކަ ދައްކާ ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ކުރިއަށް ގެންދާނަމަ އެކުދިންވެސް ދިވެހި ބަހަށް ދޭ ސަމާލުކަން އިތުރުވާނެއެވެ. ދިވެހި ރާއްޖޭގައި “ދިވެހިބަސް” ކިޔަވައި ދިނުމުގައި އެކަށީގެންވާވަރަށް ބޭނުން ނުކުރާކަމީ ގައުމީ ނަޒަރަކުން ބަލާއިރު ނުހަނު ހިތާމަ ކުރަން ޖެހޭކަމެއް ކަމަށް ހަސަން ހަމީދު (2007) ހާމަކުރައްވައެވެ. ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ފުޅާކޮށް އެހެން ބަސް ބަހަށް ދޭ ސަމާލުކަން ކުޑަކޮށްފިނަމަ ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ފަރިތަ ވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.
ބެލެނިވެރިންގެ ދައުރު
ބެލެނިވެރިންނަކީ ކުއްޖާގެ އެންމެ ފުރަތަމަ މޭސްތިރިންނެވެ.އެންމެ ކުޑައިރު ގޭތެރެއިން ދެވޭ ތައުލީމަކީވެސް ހުޅަނގުގެ ތަހުޒީބަށް ބަރޯސާ ވެގެން ދެވޭ އެއްޗަކަށް މިވަނީ ވެފައެވެ. އެފަދަ މައިންބަފައިންނަށް ވިސްނަފައި އޮންނާނީ ހުޅަނގުގެ ތައުލީމީ އޮނިގަނޑުގެ ދަށުން ނޫނީ މާދަމާ އެކުދިންނަކަށް ފާގަތި މުސްތަޤްބަލެއް ލިބެން ނެތް ކަމެވެ. އެހެންވެ ގިނަ މައިންބަފައިން ގޭތެރޭގައި އެކުދިންނާ ވާހަކަ ދައްކަނީވެސް އިނގިރޭސި ބަހުންނެވެ. މަންމަ ބައްޕަ ކިއުމުގެ ބަދަލުގައި ވެސް ކިޔައިދެނީ ޑެޑީ މޯމް މިހެންނެވެ. އަދި އެންމެ ފުރަތަމަ ދަސް ކޮށްދޭ އަކުރެއް ކަމުގައިވެސް ހަދަނީ އިނގިރޭސި ބަހުގެ އަކުރު ތަކެވެ. ދިވެހި ތާނަ އަކުރެއް ނޫނެވެ. ޓީވީން އެއްޗެއް ދެއްކިޔަސް މި ދައްކަނީ ޓޮމް އެންޑް ޖެރީ އާއި ބެންޓެން ފަދަ ކާޓޫން ތަކެވެ. ކުޑަކުދިންގެ ދިވެހި ފިލްމު ހުރި ކަމުގައި ވިޔަސް އެ އެއްޗެހި ދައްކާ ހަދައެއް ނޫޅެއެވެ. ކުލަޖައްސާ ފޮތްފަދަ ތަކެތި ހޯދައިދޭއިރު ވެސް ކާޓޫނުގެ ފޮޓޯ ހުންނަ ފޮތުގެ ބަދަލުގައި ދިވެހި ވެއްޓާގުޅޭ ކަހަލަ ތަކެތި ހުންނަ ދިވެހި ފޮތް ހީދައި ދިނުން ކީއްތޯއެވެ؟(ހުސެން ޞަލާހް، 2014).މާދަރީ ބަހަށް ކޮށިވުމަކީ ކުއްޖާގެ ވިސްނުން ކޮށިވާނެ ކަމެކެވެ. ދިވެހި ޅަޒުވާނުން މާދަރީ ބަހަށް ކޮށި ވެފައި ވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަވެ އެކަމުގައި ބެލެނި ވެރިންގެ ރޯލު ހަނިކަމުންނެވެ.
ނިންމުން
މި މުޖްތަމައުގެ ޅަޒުވާނުން މާދަރީ ބަހަށް ކޮށިވެފައިވަނީ ތައުލީމީ ނިޒާމުގައި މާދަރީ ބަހުގެ ރޯލު ކުޑަވުމުންނެވެ. މާދަރީ ބަހުގެ ރޯލު ކުޑަވުމަށް ދިމާވާ ބައެއް ސަބަބު ތަކަކީ އިނގިރޭސި މީޑިއަމް އަށް ސުކޫލް ތަކުގެ ކިޔެވުން ބަދަލު ވުމާއި އަދި މާދަރީ ބަހަކީ ކޮބައިކަން ކުދިންނަށް ރަނގަޅަށް އެނގިފައި ނެތުމެވެ. އަދި ޓީޗަރުންގެ ރޯލާއި ބެލެނިވެރިންގެ ރޯލު ފުރިހަމައަށް އަދާ ނުކުރެވުމެވެ. މީގެ އިތުރުން ތަފާތު ބަސް މަސްހުނި ކޮށްގެން ވާހަކަ ދެއްކުމާއި އަދި ދިވެހި ބަހުން ހިންގޭ ހަރަކާތްތައް މަދުވުމާއި އަދި އެހެން ބަސްބަހަށް ދީފައިވާ ސަމާލުކަން އިތުރު ވުމެވެ. އެހެންކަމުން މިދެންނެވި ކަންތައްތަކާއި ދޭތެރޭ ރަނގަޅަށް ވިސްނާ ފިކުރުކޮށް އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އަހަރެމެން އެންމެންގެ ފަރުދީ ޒިންމާ އެއް ކަމުގައި ދެކި އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތައުލީމީނިޒާމުގައި މާދަރީ ބަހުގެ ދައުރު ފުޅާކުރެވިއްޖެނަމަ އަދުގެ ޅަޒުވާނުންނަކީ އަހަރެމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހަށް ކޮށި ބަޔަކަށް ވުމީ ނާދިރު ކަމެކެވެ.

ރިފަރެންސް
ހަސަން ހަމީދު. (2007، މާރޗް). މަދަރުސީ ތައުލީމު.. ހަތަރު އަނގޮޅިއެއްގައި. ޖަމާޢަތުގެ ޚަބަރު، 340، 5-6.
ހުސައިން ޞަލާޙް. (2014، ޖެނުއަރީ). ދަރިވަރުން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވަނީ ކީއްވެ؟. ޖަމާޢަތުގެ ޚަބަރު، 422،
15-16.
އަބްދުﷲ ޖަމީލު. (2009، ޖެނުއަރީ). ދަރިވަރު ބަހަށް ދަށްވުމުގެ ޒިންމާ ނަގާނީ ކާކު؟. ޖަމާޢަތުގެ ޚަބަރު، 362، 13-14.
އަބްދުލް ފައްތާހު. (2011، ފެބްރުއަރީ). ދިވެހި ބަސް ކުރިމަގުގެ ޖީލުތަކަށް ވާސިލްކުރުމަށް ކުރަންވީ ކޮންކަންތައްތަކެއްތޯ؟.
ޖަމާޢަތުގެ ޚަބަރު، 387، 12-13.

2
3

Leave a Reply

Your email address will not be published.