ލޯބީގެ

ހިތާ ފުރާނައިގެ ދިރުމޭ (7)

އެތައްއިރަކު އަނދިރީގައި ހުރުމަށްފަހު ރަޔާލައް އައިސް ލައިޓް ޖައްސާލައިފިއެވެ. އަލިވެގެންދިޔަ ކޮޓަރީގެ ތެރެއިން އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޔާސީން ހިނިތުން ވެލައިގެން ހުރި ފޮޓޮއެކެވެ. އިސްޖަހާލަމުން އޭނާ އައިސް ހުއްޓުނީ ކުރިންވެސް ހުރި ތަނުގައެވެ. ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ބަލާލަމުން ހީލި ނަމަވެސް އެލޮލުގައިވި ކަރުނަތައް ފައިބައި ގަނެއްޖެއެވެ. އިސްޖަހާލަމުން ރަޔާލް ލީގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައާއި ދިމާލުގައި އަތް ހާކާލައިފިއެވެ. ހީވަނީ އަމިއްލަ ނަފްސަށް ހަމްދަރުދީ ވިހެންނެވެ.
“ޔާސީން… ޔޫ ބީ މައި ކްރެސެންޓް..” ކަރުގައި އޮތް ހުދު ރަން ފަށުފުލުގައި ހިފާލަމުން ރަޔާލް އެގަޔާއި ވަކި ކޮއްލައިފިއެވެ. އަދި އޭތި ޑްރެސިން ޓޭބަލް މަތީގައި ބާއްވަމުން ގަނޑު ކޮޅެއްގައި “ބީ މައި ކްރެސެންޓް..” އޭ ޖަހާލާފައި އެގަނޑުކޮޅު މަތީގައި ހަނދުފަޅި ބާއްވާލައިފިއެވެ. އިސްޖަހާލައިގެން އެތައް އިރަކު އިނުމަށްފަހު ރަޔާލް އަނެއްކާވެސް ލޯގަނޑަށް ނަޒަރު ހުއްޓާލައިފިއެވެ. ނަމަވެސް މިފަހަރު އޭނާ ސިއްސައިގެން ދިޔައީ ލޯގަނޑުން ފައިސަލް ފެންނަން ހުރުމުންނެވެ.
“ފައި… ފައި…” ބިރުން ހުރި ވަރުން ރަޔާލަށް ބުނެވުނީ އެހެންނެވެ. މެޔާއި ދިމާލުން އަތް ގެނެސް ބޮޑި ކޮއްލާފައި ވާއިރު އޭނާގެ މޫނަށް ހީވަނީ ހުރިހާ ލެއެއް ޖަމާވެފައި ވާހެންނެވެ.
“އަހަނ ރަޔާ..” ފައިސަލް އެހެން ބުނެލަމުން ބޯ އަރިކޮއްލަމުން ހީލައިފިއެވެ. ރަޔާލްވެސް ގަދަ ކަމުން ހީމަލުން ފައިސަލްއާއި ވީ ފަޅިއަށް އެނބުރިލައިފިއެވެ.ފައިސަލް ބަލަންހުރީ ސިދާ ރަޔާލްގެ މޫނަށެވެ. ހީވަނީ އެމޫނުން އެތައް ހާސް ސުވާލެއްގެ ޖަވާބު އޭނާއަށް ފެނުނު ހެންނެވެ. ރަޔާލްވެސް ހިނިތުން ވެލައިގެން އިނީ ފައިސަކލަށް އެނގި ފާނެތީއެވެ.
“އެބަ އަންނަން… އެބައޮތް ޔާނު ދީފަ އޮތް އެއްޗެއް..” ފައިސަލް އެހެން ބުނެފައި އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ. ޔާސީން އޭނާއަށް އެއްޗެއް ދޭން ފައިސަލްއާއި ހަވާލު ކުރުމުން ރަޔާލް ހުރީ ހައިރާން ވެފައެވެ.
ރަޔާލް ހުރީ ކޮޓަރީގެ ދޮރަށް ފުރަގަސް ޖަހައިގެންނެވެ. މީހާރު ރަޔާލް ގޮސް ހުއްޓިގެންހުރީ ކުރިން އޭނާއަށް ފެނުނު ފޮޓޯ ކައިރީގައެވެ. ރަތް ކުލައިގެ ގަމީހެއް ލައިގެން އިން ޔާސީންހުރީ ބޮޑުކޮށް ހީލައިގެންނެވެ. ރަޔާލްގެ ފަހަތުން ހިނގާފައި އައި ފައިސަލް އަތުގައި އޮތީ ގޭތެރެ ފޮޅަން ގެންގުޅޭ ފިހިގަނޑެވެ. ރަޔާލަށް ފައިސަލް ފަހަތުގައި ހުރިކަމެއް ރެޔަކާވެސް ނުލައެވެ. ފައިސަލް ދެއަތަށް އެ ފިހިގަނޑު ހެޔޮވަރު ކޮއްލީ ރަޔާލް އެބުރުނު ވަގުތުގައެވެ. ގައިގަ ހުރިއްޔާ ހުރި ބާރެއްލާފައި ފައިސަލް އޭގެންޖެހީ ރަޔާލްގެ ބޮލުގައެވެ. ބޮލުން ބުރައިގެން ދިޔަ ލޭތައް ޖެހުނީ ފޮޓޯގަނޑާއި ފާރުގައެވެ. ރުލެއްނެތި ވެއްޓިފައި އޮތްއިރު ކޮންމެވެސް އެއްޗެކޭ ބުނަން ރަޔާލް އުޅުނެވެ. ބޯއަރިކޮއްލައިގެން އެތަން ބަލަން އިން ފައިސަލް ގުދުވަމުން ކަކުލުގައި ހިފަހައްޓާލައިފިއެވެ. އެލޮލުން އެއްވެސް ވަރެއްގެ ކުލުނެއް ހަމްދަރުދީއެއް ފެންނާކަށް ނެތެވެ.
“އަހަރެން ފައި ކިޔަން ބުނީ ރަޔާލް ކައިރީގައެއް ނޫން.. ރޫބީ ކައިރީގަ..” ލޭތައް އެޅެމުން ދިޔަ ރަޔާލްގެ ލޮލަށް މިހާރު ފައިސަލްގެ މޫނު ފެންނަމުން ދިޔައީ ވަރަށް ފުސްކޮންނެވެ. އަނދިރި ވަމުން ގޮސް ރަޔާލް ހޭނެތުނު އިރުގައިވެސް ފައިސަލް އުޅުނީ ކޮޓަރީގެ ތެރެއަށް އެޅިފައި ހުރި ލޭތައް ސާފު ކުރެވޭތޯއެވެ. ނަމަވެސް ފައިސަލަށް ފޮޓޯ ލޯގަނޑުގައި ހޭކިފައި ހުރި ލެއެއް ނުފެނެއެވެ. އެފޮޓޯގައި ޔާސީން ލައިގެންހުރީވެސް ރަތް ކުލައިގެ ގަމީހެއް ވުމުން ފައިސަލަށް އެތަން ނުފެނުނީއެވެ.

*******
ޔާސީންއާއި ޒުހައިރާ ގެއަށް ވަދެގެންއައީ ގެން އައިސް ގޭގެ ލައިޓްތައް ޖައްސާލައިފިއެވެ. ހީކުރި ގޮތާއި ހިލާފަށް ގޭގައި އެއްވެސް މީހަކު ފެންނާނަކަށް ނެތެވެ. މާޔޫސްވި ނަމަވެސް އޭނާ އެކަން ނުދައްކައި ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ކޯވަރެއް ބޮއެލައިފިއެވެ. ފަހަތުން ޒުހައިރާ އައިސް ކޮނޑުގައި ޖަހާލުމުން ޔާސިން ހިނިތުން ވެލަމުން ފަހަތަށް ބަލާލައިފިއެވެ.ދެފުޅި ކޯކު ހިފައިގެން އައިސް ދޮރުގައި ޓަކު ޖަހާލީ ތަޅުލާފައި ހުރުމުންނެވެ. އެތެރެއިން ޔާސީން ހުޅުވާލަމުން ވަގުތުން ބޯދިއްކޮއްލާފައި ރަޔާލް ހުރިތޯ ބަލާލައިފިއެވެ. މައުވާ ޔާސީންގެ މޭގައި އަޅައި ކޮއްޕާލަމުން އެތެރެއަށް ދެމި ގަނެއްޖެއެވެ. ވަށައިގެން އޭނާ ބަލާލީ ރަޔާލް ފެނޭތޯއެވެ. ފެންނަން ނެތުމުން ސުވާލުގެ ނަޒަރަކުން އޭނާ ބަލާލީ ކުރިމަތީގައި ހުރި ޔާސީނަށެވެ.
ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އަނެއްކާވެސް މައުވާ ގޭތެރެއަށް ނަޒަރެއް ދީފިއެވެ. ބުނެދޭން ނޭނގޭ ކަހަލަގެ ބިރުވެރިކަމެއް މައުވާގެ ހިތުގެ ތެރޭގައި އުފެދެން ފެށީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ. ދެތިން ފަހަރު ރަޔާލްގެ ނަންބަރަށް ގުޅާލަމުން އޭނާގެ އަތުގައި ހުރި ކޯކު ފުޅިތައް މޭޒުމަތީގައި ބަހައްޓައިފިއެވެ.
“ކޮބާ ކޮކީ…” ރަޔާލް ފޯނު ނުނެގުމުން އެންމެ ފަހުން މައުވާ ބަލާލީ ޔާސީނާއި ދިމާއަށެވެ.
“ކިހިނެއްވީ؟؟ އަހަރުމެން އައިރުވެސް ރަޔާއެއް ނެތް…” ޔާސީން ވަގުތުން ޒުހައިރާއާއި ދިމާލަށް ބަލާލުމުން އޭނާވެސް ބޯޖަހައިލައިފިއެވެ.
“މިތާ ބަހައްޓާފަ ދިޔައީ…” މައުވާ އަދިވެސް ހުރީ ބިރުންނެވެ. އޭނާގެ ހިތުގެ ވިންދު އަވަސް ވެފައި ހުރީ ފަހެ ކީއްވެ ހެއްޔެވެ.
“ގުޅާ ބަލަ އަދިވެސް… ކޮޓަރީގަ ނެތްތަ…” ޔާސިން އެހެން ބުނެފައި ހިނގައިގަތީ އޭނާގެ ކޮތަރިއައި ދިމާލަށެވެ. ރަޔާލް އާއްމުކޮށް އައިސްފައި އިންނަނީ އޭނާ ކޮޓަރީގައެވެ.
“ރަޔާލް…” ދޮރު ހުޅުވާލި ޔާސީން ބޮކި ޖައްސާލަމުން ގޮވާލައިފިއެވެ. ނަމަވެސް އެއްވެސް މީހަކު ނެތެވެ.
“މައު ނެތޭ… ތިވާނީ އަހަރެން އަންނަތީ ފިލީ ކަމަށް..” ރަޔާލްގެ ކުރިން ދުވަހު ކަންތައް ކުރިގޮތް މަތިން ހަނދާމްވެ ޔާސީން ބުނެލައިފިއެވެ.
“ވެދާނެ… އެކަމް ރަޔާ ހުރީ ޔާނު ކައިރިއަށް އަންނަ ހިތުން…” ޒުހައިރާ ހުރިކަން ހަނދާންނުވެ މައުވާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ކީކޭ.. ރަޔާ… އަހަރެންގެ ޅީދަރިއަކަށް.. ﷲއަށް ޝުކުރު ކުރަން އެހާ ރަނގަޅު ކުއްޖަކު ލިބުނީމަ…” ޒުހައިރާގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން ފެނި ޔާސީން ލަދު ގަންނަ ގޮތް ވެއްޖެއެވެ. މައުވާވެސް ހިނދު ކޮޅަކަށް ނަމަވެސް ރަޔާލް ދިޔައީ ކަމަށް ނިންމައިގެން ޒުހައިރާއާއި ބައިވެރު ވެލައްޖެއެވެ.
“އާނއެކޭ މި ޔާނު ކުޑަ ކުޑަ ކުއްޖެއް ހައްލާލައިގެން…” މައުވާ އެހެން ބުނެފައި ބާރަށް ހީގަނެއްޖެއެވެ. ދުރުގައި ޔާސީން އަދިވެސް ހުރީ ރަކި ވެފައެވެ.
“އޭ ޝީ ލައިކްސް މީ އިނގޭ..” ޔާސީން އެހެން ބުނެވުނު ތަނާހެން ފައިސަލް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. ފައިސަލް ފެނުމާއިއެކު ޔާސީންގެ މޫޑު ސަކަރާތް ވެއްޖެއެވެ. މައުވާއަށް ހީލަމުން ފައިސަލް އެތެރެއަށް ހިނގައި ގަނެއްޖެއެވެ.
“ޔާނު….” ޒުހައިރާ ގޮވާލުމުން ޔާސީން ބޯ ޖަހާލާފައި ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.
މައުވާ ގެއަށް ދިޔުމުން ޔާސީންވެސް ނިދަން ވެގެން ކޮޓަރިއަށް ވަދެއްޖެއެވެ. ޓީޝާޓު ގޮނޑެއްގައި އަޅުވާލަމުން ޔާސީން ހިނގައިގަތީ ފާހާނައާއި ދިމާލަށެވެ. ފެންވަރާލައިގެން ނިކުމެ ޔާސީން ޑްރެސިން ޓޭބަލް ކައިރީގައި ހުއްޓި ފެނުން ތެމިފައިވާ އޭނާގެ މޫނަށް ބަލާލައިފިއެވެ. އަނެއްކާވެސް ރަޔާލް އޭނާއަށް ފެނުމުގެ ކުރިން ފިލީއެވެ. މޫނު ފުހެލަމުން ޔާސީން ފޯނުން ގަޑި ބަލާލައިފިއެވެ. މެންދަމުން އަނބުރާ އެކެއް ޖަހަނީއެވެ. މައުވާއާއި ހެދި އޭނާއަށް ކަމެއް ކުރެވުނިއެއްވެސް ނޫނެވެ. ފޯނު ބާއްވަމުން ޔާސީން ހިނގައިގަތީ ތުވާލި އަޅުވާލާށެވެ. ދެވަނަ ސިކުންތުގައި ޔާސީން ނަޒަރު ހުއްޓުނީ ލޯގަނޑުކައިރީގައި އޮތް ފަށުފުލަށެވެ. ވަގުތުން އޭތި ނަގައި ބަލާލައިފިއެވެ. އޭނާއަށް ދެތިން ދުވަހު ރަޔާލް އަޅައިގެން އުޅުނުތަން ފެނުނެވެ. އަދި ކަމެއް ވާންތަނަށް ރަޔާލް ހިފާލައިގެން އިންނާނީ އެފުލުގައެވެ.
“ބީ މައި ކްރެސެންޓް..” ގަނޑު ކޮޅުގައިވި ޖުމްލަ ކިޔާލުމާއިއެކު ޔާސީނަށް ކަމެއް ގޯސް ވެއްޖެކަން އެނގިއްޖެއެވެ. ވަގުތުން ފޯނު ނަގައި އޭނާ މައުވާއަށް ގުޅާލައިފިއެވެ.
“ކޮބާ ރަޔާ؟” ފޯނު ނެގުމާއިއެކުހެން ޔާސީން އަހާލައިފިއެވެ.
“ޔާނު… ޔާ.. ޔާނު ކޮކީ އެއް ނެތް…” މައުވާގެ ރޮވިފައިވާ އަޑުން އެހެން ބުނެލުމުން ޔާސީން ބަލާލި ހަނދުފަޅިއަށެވެ.
މަޑުމަޑުން ލޯ ހުޅުވާލި ރަޔާލްއަށް އަދިވެސް ތަންތަން ފެންނަނީ ނުސާފުކޮށެވެ. މޫނާއިއެކު އަތަށް އެޅިފައިހުރި ލޭތައް އޭރުހުރީ ހިކިފައެވެ. ގުޑިލަން މަސައްކަތް ކުރި ނަމަވެސް އޭނާއަކަށް ހިރިވެސް ނުލެވުނެވެ. ދެއަތާއިއެކު އެކު އައްސާފައިހުރި ވާގަނޑަށް ވާންވުމާއެކު ރަޔާލަށް ބާރުބާރަށް ރޮއެ ގަނެވިއްޖެއެވެ. ރަޔާލަށް ފާހަގީ އޭނާގެ ބޮލުގައި އެއްޗެއް އައްސާފައިވާކަމެވެ. ކޯއްޗެއް ކަމެއް ނޭނގުނަސް ބޮލަށް ހުރީ އައްސި ވެފައެއެވެ. ސާފުކޮށް ފެންނަން ފެށުމުން ރަޔާލް ވަށައިގެން ބަލާލައިފިއެވެ. އަތަށް ގުޅާފައިވާ އައި.ވީވެސް ހުރީ މެދަކާއި ހަމައަށް ގޮސްފައެވެ. ކަށި ޖަހާފައިވާ ތަނުން ހޮޅީގެ ލޭ ތެރެއަށް ގޮސްފައިވާތަން ފެނުމުން ރަޔާލް ވަށައިގެން ބަލާލީ އޭނާ ހުރި ތަނެކެވެ. އެއީ ވަރަށް ކުރީގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ހަނދަން ފަށާފައި ހުއްޓާލާފައި ހުރި ގެއެކެވެ. ގޭގެ ފާރުގައިވެސް ހުރީ ވާރޭ ވެހުމުގެ ސަބަބުން ފެހަ ޖަހާފައެވެ. ނަމަވެސް އެތަންތަން މިހާރު ހުރީ ކަޅުކުލައިގައެވެ.
ރަޔާލަށް އެތަނަށް ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އެތަނުގައި ބަހައްޓާފައި ހުރީ ދެތިން އެއްބައްތިއެވެ. އިތުރު އެހެން އެއްވެސް އަލިކަމެއް އެތަނުގައެއް ނެތެވެ. ބިރުން ހުރި ރަޔާލް ދެންވެސް މަސައްކަތް ކުރީ އެތަނުން ސަލާމަތް ވެވޭތޯއެވެ. ނަމަވެސް ހިތަވަރު އެލުވާލީ ގައިގަ ރިއްސަން ފެށުމުންނެވެ.
“ރޫބީ…” ރަޔާލަށް ހޭލެވުނީ މީހަކު ގޮވާއަޑަށެވެ. މިހާރު އަލިކަން ވަނީ މުނިހިސާބަށް ފެތުރިފައެވެ. ރޭގައި ނިދުނީ ކޮން އިރަކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ކުރިމަތިން ފައިސަލް ފެނުމުން ފުރަތަމަ ބިރުގަތް ނަމަވެސް އެކަން އޭނާ ސިއްރުކުރީ އަމިއްލަ ރައްކަލަށެވެ.
“ލެޓް މީ ގޯ…” ރަޔާލް ރުޅި އައިސްފައި އެހެން ބުނިއިރު އޭނާގެ ލޮލުން ކަރުނަ ފައިބައި ގަނެއްޖެއެވެ.
“ބަލަ ބަލަ ރޫބީ މީކީ އިނގިރޭސި ފިލްމެއް ނޫނޭ…” ހަމަ ޖެހިލައިގެން އިން ފައިސަލް ކައިރިވެ ރަޔާލް ބޮލުގައި އައްސާފައިހުރި ގޯޒް ފޮތިތައް ނައްޓާލާފައި ސާފުކުރަން ފަށައިފިއެވެ.
“ޕްލީޒް މަންމަމެން ހޯދާނެ…” ބޮލުގައި ތެންމާލި ގޯޒް ފޮތިކޮޅު ޖައްސާލި ތަނުން ދިލަ ނަގައި ގަތުމުން ރަޔާލް ރޯން ފަށައިފިއެވެ.
“ރޫބީގެ މަންމަ އަންނާނެ މިއަދުގަ…” ފައިސަލް އެހެން ބުނި ނަމަވެސް ރަޔާލް ގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކުޑައިރުން ފަށައިގެންވެސް ރާބިޔާއަކީ އޭނާގެ ދުޝްމިނެކެވެ. މަންމައޭ ބުނުމުންވެސް އެބުނީ ރާބިޔާގެ ވާހަކަ ކަން ރަޔާލަށް އެނގިއްޖެއެވެ.
“ރޫބީ އެއް ނޫން.. ރަޔާލް..” އަނެއް ފަރާތަށް މުނު އަނބުރާލަމުން ރަޔާލް އެހެން ބުނިއިރު އެހިތުގައި ބިންވަޅު ނެގިފައިވަނީ ކުޑައިރުގެ ހަނދާންތަކެވެ.
ރިޔާޒްއާއި އާމިރާއާއި ދެމީހުންތިބީ ގޭގެ ދޮރުމަތީގައި ހިނގާލަ ހިނގާލައެވެ. އަމިރާއަށް އަދިވެސް ރޮވެނީއެވެ. ސައިވީން ގަޑިއިރު ހަމަވެފައި ނެތަސް އޭނާ ރަޔާލް ދެކެލާހިތުން ކެތްމަދު ވަނީއެވެ. ޔާސީންވެސް ޕޮލިހުންނާއެކު އޭރު އައިސް ހުއްޓިއްޖެއެވެ. ޕޮލިހުން ބުނި ގޮތުގައި 24 ގަޑިއިރު ނުވަނީސް ހޯދާކަށް ނުފެށޭނެއެވެ. އަދި އަމިއްލަ ރުހުމުގައި ތަނަކަށް ފިލައިގެން ގޮސްފިނަމަ ގަދަކަމުން ނުގެނެވޭނެއެވެ. ނަމަވެސް ޔާސީންގެ ވިސްނުން ހުރީ އެހެން ދިމާލަކަށެވެ. މައުވާ ކައިރީގައި އަންނަނީ ކަމުގައި ބުނެ އޭނަ ދިޔައީ ގެއާއި ދިމާލަށެވެ.
އެންމެ ފަހުން ރަޔާލްއައީ އޭނައާއި ބައްދަލު ކުރަން އެގެއަށެވެ. ނަމަވެސް އެގެއިން ރަޔާލް ނިކުތް ތަނެއް އެއްވެސް މީހަކަން ނުފެނެއެވެ. ގެއަށް ވަންގޮތަށް ހުއްޓުމެއްވެސް ނެތި އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. ހަމަ ގައިމުވެސް ރަޔާލް އޭނާގެ ކޮތަރިއަށް ވަނެވެ. އެއީ ހަޤީޤަތެވެ. އެހެން ނޫންނަމަ އެފަށް އޭނާގެ ޑްރެސިން ޓޭބަލާއި ހަމައަށް ދާނެ ގޮތެއް ނޭނގެއެވެ. ކޮޓަރިތެރެ އެކި ތަންތަން ބަލަމުން ދިޔަ ޔާސީން ހީވަނީ މޮޔަވެގެން އުޅުނު ހެންނެވެ. ބާލީސްތަކާއި އެހެން އެއްޗެހި ނަގަމުންގިސް ޔާސީނަށް ފެނުނީ ފޮޓޯ ލޯގަނޑެވެ. ރަތްކުލައިގެ ލޭ ތިކިތައް މިހާރުވަނީ ތިރިއަށް ފައިބާފައެވެ. އިތުރު އެއްވެސް ހެއްކެއް ޔާސީން ބޭނުމެއް ނުވިއެވެ.
“ބައްޕާ…” ފޮޓޯ ގަނޑު ނަގައި އެއްލާލަމުން ޔާސީން ހަޅޭއްލަވައި ގަނެއްޖެއެވެ. ހީވީ ގެވެސް ވައްޓާލަ ފާނެ ހެންނެވެ.
“ކީއްވެ ތި އަޑުލަނީ..” ފައިސަލް ހަމަ ޖެހިފައި ބުނެލައިފިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ވަރަކަށް ހާސްވެފައި ހުރިކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ.
“ކޮބާ ރަޔާ…” އަތުގައި އޮތް ފޮޓޯ ގަނޑު ދައްކާލަމުން ޔާސީން އަނެއްކާވެސް ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ.
“ބައްޕައަށް ކިހިނެއް އެނގޭނީ..” ފައިސަލް ފޯނުން ގަޑި ބަލާލަމުން އުޅުނީ ބޭރަށް ނިކުންނާށެވެ.
“އައި ނޯ ބައްޕާ.. ވަޓް ޔޫ ޑިޑް… ޕްލީޒް ބައްޕާ…” ފުރަތަމަ ރުޅި އައިސްފައި ހުރި ނަމަވެސް ޔާސީން އާދޭހުގެ ރާގަކަށް ބުނެލުމުން ފައިސަލް އެދިމާއަށް ބަލާލަމުން ހީލައިފިއެވެ.
“ޝީ ވޯންޓްސް ޔޫ.. އެކަމް ބައްޕައަށް ދޯ ފުރަތަމަ ފެނުނީ… އެކަމްވެސް ބައްޕައަކަށް ނޭނގެ އޭނާ ވީ ތަނެއް.. ކޮންމެވެސް މީހަކާއެކު ފިލީ ކަންނޭނގެ.” ފައިސަލް އެހެން ބުނުމުން ޔާސީން ފޯނު ނަގައި ކަންފަތުގައި ޖަހާލައިފިއެވެ.
“ބައްޕާ ދެން މިކޮން ލެއެއް؟ ރަޔާ އެންމެ ފަހުން އައީ މިގެއަށޭ..” ފޮޓޯގަނޑު ދައްކާލާފައި އެހެން ބުނުމުން ފައިސަލް ކައިރިއަށް ގޮސް ގުގުވެލަމުން އެބަލާލައިފިއެވެ. ހީވީ ޤަބޫލު ނުކުރެވިގެން އުޅުނު ހެންނެވެ.
“އައި ކްލީންޑް އިޓް އޯލް…” ފައިސަލްގެ ދުލުން ނިކުތް އެޖުމްލައާއިއެކު ޔާސީންގެ ގައިން ހީބިހި ނަގައި ގަނެއްޖެއެވެ. އަތުން ފޮޓޯގަނޑުވީ ކަމެއްވެސް އޭނާއަށް ނޭނގުނެވެ. އެހެން ބުނެފައި ފައިސަލް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރަޔާލް ދުނިޔޭގައި ހުރުމާމެދުވެސް އޭނާއަށް ޝައްކު އުފެދުނީ އެހާ ހިސާބުންނެވެ. ފައިސަލް ދިޔަތާ އެތަށް އިރެއްފަހުން ޔާސީން ބޯހުރުވާލާފައި ޕޮލިހުންނަށްގުޅައި އޭނާއަށް އެނގިފައި ހުރި ހުރިހާ މައުލޫމާތެއް ދީފިއެވެ. ކުޑައިރުން ފެށިގެން ބޮޑުވުމާއި ހަމައަށް އޭނާއާއި ރަޔާލް ދިމާވި ގޮތުން ފަށައިގެންނެވެ. ޕޮލިހުން ވަގުތުން ހަރަކާތްތެރިވާން ފެށީ ރަޔާލަށް ގެއްލުމެއް ލިބިދާނެތީއެވެ. ޒުހައިރާވެސް ހުރީ ފައިސަލްގެ އަމަލުތަކުން ލަދުގަނެ ދެރަވެފައެވެ. އެއީ އޭނާ އިން ފައިސަލެއް ނޫނެވެ. ޔާސީނާއި ކުރިމަތިލާންވެސް އޭނާ ނުކުޅެދުނެވެ.
ފައިސަލް ގޮސްވަނީ އޭނާ ބައްޕަގެ ހަދަން ފަށާފައި ހުރިގެއަށެވެ. އެއީ މީގެ އެތައް އަހަރެއްކުރިން ފައިސާ ނެތުމުނުން މަސައްކަތް ހުއްޓިފައިހުރި ގެއެކެވެ. ތަންކޮޅެއްބާރަށް ގޮސް ފައިސަލް އެގެއަށްވަނީ ވިއްސާރަކޮށް އޮތުމުންނެވެ. ރަޔާލްހުރި ހިސާބަށް ދެވުނުއިރުގައި ރަޔާލަށް އިނީ ނިދިފައެވެ. މިހާރު އޭނާގެ އަތަށް ގުޅާފައިވާ އައި.ވީވެސް ވަނީ ހިސްވެފައެވެ. ފައިސަލް މަޑުމަޑުން އައިސް ރަޔާލްގެ ބޮލުގައި ފިރުމާލައިފިއެވެ. ލީހުޅުވާލި ރަޔާލް ތެޅިގަތީ އެހާ ކައިރިން ފައިސަލް ފެނުމުންނެވެ.
“ރޫބީ… ހުރިހާ ކަމެއް ހަނދާން އެބަހުރިދޯ؟؟” ފައިސަލް އެހެން ބުނުމުން ރަޔާލް އެނބުރުނީ އަނެއް ފަރާތަށެވެ.
“ނުބުނާހާ ހިނދަކު ޔާނު އޮންނާނީ އެހާލުގަ…” ފައިސަލް ފާޑަކަށް އެހެން ބުނުމުން ރަޔާލް ތެޅި ގަނެފައި އެދިމާލަށް ބަލާލައިފިއެވެ. ދޮގު ހަދައިގެން ނަމަވެސް އޭނާ ބޭނުންވަނީ ރަޔާލް ހަނދާން ހުރިވަރެއް ހޯދާށެވެ.
“ޔާސީނައަށް ކިހިނެއް ހެދީ…” ރަޔާލްގެ އަރު ބެދުނުތަން ފެނުމުން ފައިސަލް ރުޅި އަތުވެއްޖެއެވެ. ރަޔާލް ޔާސީންދެކެ އެހާ ލޯބިވާ ކަމެއް ކުރިއަކުންނެއް އޭނާއަކަށް ނޭނގެއެވެ.
“އަހަރެން ދަރިފުޅުދެކެ ލޯބިވާކަށް ރޫބީ ލަދެއް ނުގަނޭތަ… ބަލަ އަހަންނާއެކު އުޅުނު ގޮތަށް އަހަރެންގެ ދަރިފުޅާއެކު އުޅެންތަ ރޫބީ ބޭނުމީ…” ފައިސަލް ރުޅިއައިސްގެން އައިސް ރަޔާލްގެ އިސްތަށިގަނޑުގައި ހިފާލުމުން ފަޅައިގެން ގޮސްވާތަނުން ލޭއަތުވެ، ފައިބައި ގަނެއްޖެއެވެ.
“އައި ޑިޑް ނަތިން ވިތް ވޫ…” ދަތްކުނޑި ވިކާލަމުން އެހެންބުނި ރަޔާލް އޭނާ ހަނދާންހުރި ހުރިހާ ވާހަކަތަކެއް ކިޔާދީފިއެވެ. ފައިސަލް އުފާވީ މަރުވެފައިވާ މީހާގެ މަތިން އެއްވެސް ވަރަކަށް ހަނދާން ނެތުމުންނެވެ.
“އަހަރެން ފައި ބުނި ކޮންމެ ގޮތަކަށް ކަންތައް ކުރާނަން..” އެންމެފަހުން ރަޔާލް ހަތިޔާރު ބަހައްޓަމުން އިސްޖަހާލައިފިއެވެ. ބާރު ގުގުރިއެއްވެސް ޖަހާލީ އެވަގުތުގައެވެ. ހީވީ އެވޫރާނާވެފައު ހުރި ގެވެސް ވެއްޓިދާނެހެންނެވެ. ވާރޭގެ އަޑު ރަޔާލްގެ ކަންފަތުގައު ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަތީ ބިރުންނަކުން ނޫނެވެ. ޔާސީނަށްޓަކައި ހުރުހާކަމެއް ކުރުމުގެ ހިތްވަރު ހުރީމައެވެ.
ޔާސީނާއި ޒުހައިރާ އައިސްހުރީ އާމިރާ ގާތުގައެވެ. މައުވާގެ ދެލޮލުން ފެންހިކފައި ހުރި ވަގުތެއް އެއްވެސް މީހަކަށް ނުފެނެއެވެ. ރަޔާލް ގެއްލުމުން އޭނާއަށް ކުއްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އިރުއޮއްސެމުން ދިޔަ ވަރަކަށް ޕޮލިހުންގެ ހަރަކާތްތެރި ވަމުން ދިޔަވަރުވެސް ދިޔައީ އިތުރުވަމުންނެވެ. ޒުހައިރާ އެތައް ފަހަރެއްގެ މަތިން މާފަށް އެދުނު ނަމަވެސް ހިތްހަމައެއް ނުޖެހުނެވެ. ޔާސީން ދޭތެރެއަކުން ރަޔާލްގެ ފޯނަށް ގުޅޭތޯބަލާލައެވެ. ވާރޭ ބޯކޮށް އޮއްސައިލީ ރޭގަނޑު ހަތެއް ޖަހަން އުޅެނިކޮށެވެ. ހީވަނީ ދުނިޔެ މައްޗަށް ތޫފާނެއް ވެރިވިހެންނެވެ.
ފައިސަލް ރަޔާލްގެ އަތުގައި ޖަހާފައިހުރި ވާތައް މުހެލަމުން ރަޔާލް ކޮޅަށް ނަގައިފިއެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔަދުވަސް އައިސް ޖެހުމުން އެންމެ ހިނދުކޮޅަކުވެސް ދުރުގައި ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރަޔާލަށްވީ އުނދަގުލެވެ. އޭނާ ބޭނުންވީ އެތަނުން ފިލާށެވެ. ފައިސަލް ހިނިތުން ވޭލާފައި އުޅުނީ އޭނާގައި ކޮތަޅުތަކުން ބޭސް ނަގައި ރަޔާލް ގެ ބޮލުގައި ބޭސްއަޅާށެވެ. ގޯޒް ފޮތިތައް ނައްޓާލާފައި ފައިސަލް އެނބުރުނީ އައި.ވީ ފުޅި ނަގާށެވެ. އެދަނޑިވަޅު ބަލައި ރަޔާލް ކައިރީގައި އިން ގޮނޑިނަގައި ފައިސަލްގެ ބޮލުގައި ޖަހައިފިއެވެ. ފައިސަލް ބޮލަށް އެނބުރުން އަރައި ވެއްޓުނު ވަގުތު ރަޔާލް ފައިސަލްގެ ޖީބުން ފޯނު ނަގައިގެން ދުއްވައި ގަނެއްޖެއެވެ. ދުވަމުން ގޮސް ރަޔާލް އެތަނުގެ ހުރި ފާރު ބުރިއެއް ކައިރީގައި ހުއްޓިއްޖެއެވެ. އަދި އެންމެ ފުރަތަމަ ހިތަށް އެރި ނަންބަރަށް ގުޅާލައިފިއެވެ.
“ހަލޯ…” ޔާސީން ފޯނަށް ބަލާލަމުން ފޯނު ނެގީ ބައްޕައަށް ހެޔޮ ވިސްނުން ދެއްވީ ކަމަށް ހީކޮށެވެ. މޫނަށް ރޫއަރުވާލަމުން ޔާސިން ދެފަހަރަކު އެހެން ބުނެލައިފިއެވެ.
“ޔާ.. ޔާސީން…” އެއަޑު ކަންފަތުގައި ޖެހުމާއެކު ޔާސީނަށް ހީވީ މީހަކު އޭނާގެ ހިތަށް ފިތާލި ހެންނެވެ. އެއީ ރަޔާލް ނޫން ދެވަނަ މީހެއް ނޫނެވެ.
“ރަޔާ…” ޔާސީނަށް އެހެން ބުނެވުނު ވަގުތު އެލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަނެއްޖެއެވެ. ކައިރީގައި ތިބި މީހުންނަށް އެއަޑު އިވުމުން އެންމެންވެސް އެދިމާލަށްއައީ އެއްކޮށެވެ. ޕޮލިހުން ބުނުމުން އޭނާ ފޯނު ސްޕީކަރަށްލީ އަޑި އިއްވާށެވެ.
“ރޫ…ބީ” ފައިސަލް ތެދުވެގެން އެކި ތަންތަނަށް ބަލަމުން ގިވާލި އަޑު ފޯނުންވެސް އިވުނެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮއްގެން އިން ރަޔާލަށް ގިސްލެވެމުންއަޑު އެއްވެސް ހުރަހެއް ނެތި ޔާސީނަށް އިވެމުންދިޔައެވެ.
“ސޭވް މީ… ސޭވް މީ ދިސް ޓައިމް” ގިސްލެވެމުން ރަޔާލަށް ބުނެވުނީ އެހެންނެވެ. ކުރިއަށްވުރެ ބާރަށް ރެގަނެވިއްޖެއެވެ. ބޭރަށް ނިކުންނަށް ހުރި ދޮރާއި ދިމާލުން ވާރޭ ތެރޭގައު ހުރި ކުޑަ ކުއްޖާ ރަޔާލަށް ފެނުނީ އެވަގުތުގައެވެ. އެއީ މީގެ ކުރިންވެސް އޭނާއަށް ވާރޭ ތެރޭގައި ކުޅެން އުޅުނިކޮށް ފެނުނު ކުއްޖާއެވެ. ތަފާތަކީ އެކުއްޖާގެ ވީދިފައިވާ ހެދުމާއި ގައިގެ އެކިތަންތަނަށް ލިބިފައިވާ އަނިޔާތަކެވެ. އެކުއްޖާ މިފަހަރު ހުރީ ސިދާ ރަޔާލްގެ ލޮލަށް ބަލާށެވެ. ރަޔާލާއި ދިމާލަށް އަތް ދިއްކޮށްލަމުން އަންނާށޭ ބުނުމުގެ ގޮތުން އެކުއްޖާ ބޯ ޖަހާލައިފިއެވެ.
ނުނިމޭ

2
0
މިއީ " ހިތާ ފުރާނައިގެ ދިރުމޭ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

4 ކޮމެންޓް - ލިޔުން: ”ހިތާ ފުރާނައިގެ ދިރުމޭ (7)“

Leave a Reply

Your email address will not be published.