ލޯބީގެ

ޖާދޫވި މޫނު (3)

ރަޒިއްޔާ ގެއިން ނިކުތްތަން ބަލަން ހުރެފައި ރައްޔާން މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮށީގައި ބާރަށް އަތުން ޖަހާލައިފިއެވެ. ބުރައިގެންދިޔަ ފޮށީގެ ތެރެއިން އެއްޗެއް ޓައިލްސް މަތީގައި ޖެހިފައި ބުރައިގެން ގޮސް ޖެހުނީ އޭނާގެ ފައިގެ ބުޑުގައެވެ. ވިދަ ވިދައި އޮތް އޭތި ނަގަމުން ރައްޔާން އޭގެއަށް ފުންކޮށް ބަލާލައިފިއެވެ. އެއީ 4 ވަރަކަށް ކެރެޓްގެ މޮސަނައިޓްއެކެވެ. ޕިއަރ ކަޓްގައި އެއަގުހުރި ޖަވާހިރު ފެންނަލެއް ވަރަށްވެސް ލޯތްބެވެ. އޭގެ ވަށައިގެން ޖަހާލާފައިވާ ކުދިކުދި ޖަވާޖިރުތަކުން އޭގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިހާ އަގުބޮޑު އަނގޮޓިއެއް ރާއިފް އޭނާއަށް ދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ އަންހެން ކުއްޖެއްވެސް ނޫން ވިއްޔާއެވެ؟ ރައްޔާން އޭތި ވަށައިފެން ބަލައިލީ އޭގެއަށް ގޮތެއްވެފައި އޮތްތޯއެވެ. ނަސޫބަކުން ގޮތެއް ވެފައެއް ނެތެވެ.
“ވާއު ދޮންބޭ.. ހޫޒް ދަ ލަކީ ގަރލް” އީލާފް އައިސް ރައްޔާން އަތުން އަނގޮޓި ޖަހައި ގަންނަމުން ބުނެލިއެވެ.
“ލާފް.. ތީ ރާއީގެ އެއްޗެއް….” ރައްޔާން އޭތި ފަރުވާތެރި ކަމާއެކު އޭނާގެ ވޮލެޓަށް ލަމުން ބުނެލިއެވެ.
“އޯހް… އޭތި ހާދަ އަގުބޮޑު ވާނެއޭ.. މޮސަނައިޓް އަކީ ވަރަށް މަދުން ލިބޭ ޖަވާހިރެއް ދޯ…” ލާފް އެހެން ބުނެފައި ރައްޔާންގެ ފަހަތުން ހިގައިގަނެފިއެވެ.
“ޔެސް..” މީގެ ފޮށި ހޯދަ ދީބަލަ ލާފް..” ރައްޔާން އެހެން ކިޔާފައި ގުދުވެ އެކި ތަންތަން ބަލަން ފެށިއެވެ.
ފޮށި ނުފެނުމުން ރައްޔާން ވަނީ ކޮޓަރިއަށެވެ. އެހެން ފަހަރު ފަހަރާ ތަފާތަށް މިފަހަރު ރަޒިއްޔާ އޭނާއާއި ޒުވާބު ކުރާކަށް ނޫޅުނެވެ. ކޮންމެ ފަހަރަކު ރާއިފް ކައިރިއަށް ދިއުމަށް އެދި ނޫނީ އެއީ ކޮއްކޮ ކަމަށް ބުނެ އެއްޗެހި ކިޔާނެއެވެ. ރާއިފްގެ މަރުގެ ހަބަރު އޭނާއަށް ލިބުނީ ކޮއްކޮ މަރުވިތާ ދެދުވަސް ފަހުންނެވެ. ކޮއްކޮއާއި ރައްޔާގެ އުމުރުގައި 6 އަހަރުގެ ފަރަގު ހުރެއެވެ. ނަމަވެސް އެންމެ ކުޑަ ދުވަހުން ފަށައިގެންވެސް އޭނާ ބަލާ ބޮޑުކުރީ ބައްޕައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ރަޒިއްޔާ ދެކެ ފޫހިވަނީ އެހެންވެއެވެ. ރާއިފްދެކެވެސް އޭރު އާދެވުނީ އެރުޅިއެވެ. ނަމަވެސް ރާއިފް އަބަދުމެ ދޮންބެ ވެގެން އުޅުމުގެ ސަބަބުން ރައްޔާންގެ ހިތް ކޮއްކޮއަށް މަޑުވިއެވެ. ނަމަވެސް އެކަން ރާއިފަކަށް އޭނާ ނުދައްކައެވެ. ރާއިފްގެ މަތިން ހަނދާން ވުމުން ރައްޔާން ބޭއިހްތިޔާރުގައި ހުނިތުން ވެވިއްޖެއެވެ.
ރައްޔާން ފޯނުން މެސެންޖަރ ހުޅުވާލަމުން ރައިފްގެ މެސެޖްތައް ހާވަންފެށީ ކީއްވެކަމެއް ނޭނގުނެވެ. އެތައް ސަތޭކަ މެސެޖް ތަކެއްގެ ތެރެއިން މީގެ ދެއަހަރު ކުރީގެ މެސެޖްތައް ރައްޔާން ބަލާލިއެވެ. ރާއި ޖަހާފައި ރައްޔާން އޭނާގެ ނަން ބަދަލު ކުރުމުން ރާއިފް އުފަލުން އުޅުނުގޮތް މަތިން ހަނދާންވުމުން ރައްޔާން ބޭއިހްތިޔާރުގައި ހިނިތުން ވެވިއްޖެއެވެ.
ރާއި: ދޮންބޭ…
ރާއި: ދޮންބޭ.. މިކޮޅަށް އަންނަނީ ކޮންއިރަކުންތަ؟
ރައްޔާން: ބޭނުމެއް ނޫން ދާކަށް…
ރާއި: ދޮންބެ ދެކިލާ ހިތްވަނީ.. ދޮންބެއަށް އޮތް އެއްޗެއްވެސް އޮންނާނެ.
ރާއި: ދޮންބެ ދެރަވާވަރުގެ ކަމެއް ކުރެވުނިއްޔާ މާފަށް އެދެން.
ރާއި: ވާހަކަ ދައްކަބަލަ ދޮންބޭ…
މެސެޖްތައް ކިޔަމުން ދިޔަ ރައްޔާނަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އެތެރެއަށް ވަދެގެން އައި ސިޔާޒާ ފެނުމުން ރައްޔާން ފޯނު ޖީބަށް ކޮއްޕާލިއެވެ. ސިޔާޒާއައިސް ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި ކުޑަ ފެހި ކުލައިގެ ފޮއްޓެއް ބަހައްޓަމުން ބޭރަށް ހިނގައްޖެއެވެ. ރައްޔާން އަވަހާއި ފޮށި ނަގަމުން އޭތި ހުޅުވާލައިފިއެވެ. ވަކި ހާއްސަކަމެއް ނެތުމުން ރައްޔާން ވޮލެޓުން އަނގޮޓި ނަގަމުން އެފޮއްޓަށް ލައިފިއެވެ.
ރައްޔާން އަނެއްކާވެސް ފޯނުން ރާއިފްގެ މެސެޖްތައް ހުޅުވާލިއެވެ. އެއީ ރާއިފް ގެ އެންމެ ފަހު މެސެޖެތަކެވެ. ރަޒިއްޔާ ބުނި ގޮތުގައި ރާއިފް އެންމެ ފަހުން ވާހަކަ ދެއްކީ އޭނާއާއެވެ. ނަމަވެސް އެ މެސެޖަށް ރައްޔާނަކަށް ޖަވާބެއް ނުދެނުވުނެވެ. ޓެސްޓު ދުވަސްކޮޅު ކަމުން އޭނާ އުޅުނީ އެދުވަސްތަކުގައި މުޅިންހެން ފޮތްތަކާއި ވެގެންނެވެ.
ރާއި: ބްރޯ.. އަމް ލީވިން ސަމްތިން އެންޑް ސަމްވަން ބިހައިންޑް.. މޭބީ ޔު ވިލްބީ އޭބަލް ޓު ކާމް ހަރ..
ރާއި: އައި ކުޑުންޓް ޕްރޮޓެކްޓް ހަރ
އެއީ އެންމެ ފަހު މެސެޖެވެ. ރައްޔާން އަދިވެސް އެއްފަހަރު އަނގޮއްޓިއަށް ބަލާލަމުން ހިނިތުން ވެލިއެވެ. ރާއިފް އެބުނާ އެއްޗަކީ މި އަނގޮއްޓި ހެއްޔެވެ؟ މީހެ ހައްޤު ވެރިޔާ ކޮބައިބާވައެވެ. އޭގެއަށް ބަލަން އޮތް ރައްޔާނަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ހޭލެވުނީ ގުގުރާ އަޑު ކަންފަތުގައި ޖެހުމުންނެވެ. މޫނުމަތީގައި ހުރި ދާތިކިތަކުން ރައްޔާންގެ ރީތިކަން ދެގުނަ އިތުރުވާ ކަހަލައެވެ. އަދިވެސް އެހަނދާންތައް އޭނާ ދޫކޮށް ނުދާފަދައެވެ. ވަޔާއެކު ކޮޓަރި ތެރެއަށް ވަންނަމުން ދިޔަ ފެންތިކިތައް ފައިގަޖެހުމުން ރައްޔާން އަވާހައި ތެދުވެގެން ގޮސް ފޮތިތައް ކަހާލައިފިއެވެ. ބިއްލޫރި ގަނޑުގައި ބޯ ޖައްސާލަމުން ރައްޔާން ވާރޭ ވެހެމުން ދިޔަ މަގަށް ނަޒަރު ހިންގާލިއެވެ.
# # # #
ކުޑައިރުއްސުރެވެސް ރައްޔާނަށް ފެންނަމުން ދިޔައީ މަންމަ އޭނާއާއި މެދު ފަރުވާ ކުޑަ ކުރާ މަންޒަރެވެ. އޭނާގެ ހުރިހާ ކަމެއްހެން ކުރަމުން އައީ ބައްޕައެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް މަންމަ އަތުން ކޭ ހަނދާނެއް ނުވެއެވެ. ގޭގެ ޓައިލްސް ގަނޑުމަތީގައި އިށީނދެގެން އިން ރައްޔާން ދޮރާއި ދިމާލަށް ބަލާލީ މަންމަ ރޮމުން އަންނަތަން ފެނުމުންނެވެ. ވެގެން އުޅޭ ގޮތެއް އެޅަސިކުނޑިއަށް ނޭނގުނު ނަމަވެސް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ. ރާމިޒު އަވާހާއި އައިސް ރައްޔާން އުރުގައި ޖަހާލައިގެން ނިކުތީ ރަޒިއްޔާގެ ފަހަތުންނެވެ. ދެގަޑިއެއްހާއިރު ފަހުން ރައްޔާނަށް ފެނުނީ އޭނާގެ ކާފަ ހުދު ފޮތިން އެއްކޮށް ފޮރުވާލާފައި ވާތަނެވެ. ހަމައެކަނި މޫނު ފެންނަ ގޮތަށް އޮތްއިރު ކާފަގެ މޫނުގައިވަނީ ހިނިތުން ވުމެކެވެ.
ރަޒިއްޔާގެ ބައްޕަ ވަޅުލާފައި އައިސް އެންމެ ފުރަތަމަވެސް ރިޔާޒްގެ ކައިރިން އެދުނީ ވަރިއަށެވެ. މިވީ ހައަހަރު ދުވަހުވެސް އޭނާ ރިޔާޒްއާއެކު އުޅުނީ ބައްޕަގެ ނުފޫޒުންނެވެ. އެންމެ ފަހަރަކުވެސް ކުޑަކުޑަ ފަސް އަހަރަށްދާ ރައްޔާނެއް އޭނަގެ ހިތަކަށް ނޭރިއެވެ. ރިޔާޒް މާގަދަ ދައްކާކަށް ނޫޅުނެވެ. ދެމީހުން އަރާރުން ވުމުގެ ބަދަލުގައި ރިޔާޒް އަމިއްލައަށް ކޯޓަށް ގޮސް ވަރި ކޮއްދިނެވެ. ނަމަވެސް ރިޔާޒް ވަރިކޮށްދިނީ ރަޒިއްޔާ ރައްޔާން ބަލާ މަތިންނެވެ.
ރަޒިއްޔާ އާއިއެކު އާގެއަކަށް ދެވުނު ނަމަވެސް ރައްޔާނަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ކިތަންމެ ކުޑަ ނަމަވެސް މަންމަ އޭނައަށް ބަލާ ފޫހި ނަޒަރު އެކުޑަ ސިކުނޑިއަށް ވިސްނެއެވެ. ނަމަވެސް ރައްޔާން މަންމައާއިއެކު އުޅެހިތުން ރައްޔާން އަބަދުވެސް ހުންނަނީ ހިނިތުން ވެފައެވެ. ރަޒިއްޔާއާއި ހިލާފަށް ރަޒިއްޔާގެ މިހާރުގެ ފިރިމީހާ ރައްޔާނާއި ވަރު ހުރެއެވެ. ކުޑަވެފައި ފުއްކޮށް އިންނަ ގޮތުން ލޯބު ނުވާނީ ކާކު ހެއްޔެވެ؟ ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް ރައްޔާނަށް ފާހަގަވީ މަންމަގެ ބޮޑު ވަމުންދިޔަ ބަނޑެވެ. މަންމަ އެކަމާއި އުފަލުން އުޅޭވަރެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުމް ރިޔާޒް އެގެއަށް އަތުވެއްޖެއެވެ. އޭރު ހާމިދުވެސް ގެއަކު ނޫޅެއެވެ.
“ރިޔާޒް… އަހަންނަށް މިއުޅެނީ ދަރިއަކު ލިބެން..” ބަނޑުގައި ލޯބިން ފިރުމާ ލަމުން ރަޒިއްޔާ ބުނެލިއެވެ.
“އަހަންނަކަށް ރައްޔާނެއް ނުބެލޭނެ.. އަހަރެންގެ މި ދަރިފުޅަށް އެއްވެސް ކަމެއް އުނިވާކަށް ބޭނުމެއް ނޫން..”
“ބަލަ ދެން ރައްޔާނަކީ ކާކުގެ ދަރިއެއްތަ؟ އެކުއްޖާއަށް މިވީ ހައަހަރުގެ އުނިވި ކަންތަކޯ…” ދުރުގައި އެމަންޒަރު ބަލަންހުރި ރައްޔާނަށް އިޝާރާތް ކޮއްލަމުން ރާމިޒު ބުނެލިއެވެ.
“ރައްޔާން ބަލާކަށް އަހަރެން ބޭނުން ނުވާކަން އެންމެ ފިރަތަމަވެސް އެނގޭނެ ރިޔާޒަށް.. އޭނަ ދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއް ނުވޭ…” ކައިރިއަށް ދުވަމުން އައި ރައްޔާނަށް އެއަޑު އިވުމުން މަޑު ޖެހިލައިފިއެވެ. ރައްޔާން އެހައި ބާރަށް ދުވެފައި ދިޔައީ މަންމަ ކައިރީގައި އަހާފައި ވާރެއާއި ތެމެން ދާށެވެ.
“ރަޒިއްޔާހައި ނުބައި މައެއް އަހަރެން ނުދެކެން.. ކައިރިން ނިކަން އެކުޑަ ފުރާނައަށް ބަލާލަބަ.. އޭނާ ހީވަނީ ރަޒިއްޔާހެން.. ކުޑަވެސް ތަފާތެއް ނެތް.. އަހަރެން ބަލާނަން ތިދަރިއަށް ރަޒިއްޔާއަށް ދެވޭ ލޯތްބެއް؟ ރަޒިއްޔާއަށް ވާނެ މޮޅެއް އަހަރެން ބަލާނަން އެހާ ކުޑަ ކުއްޖެއްގެ ހިތުގަ ޖައްސާފަ.. އަހަރެންގެ ލޮލުން ދެކެން މަންމާއޭ ކިޔާފަ ގޮވާލުމުން ރަޒިއްޔާ ރައްޔާން ދުރަށް ކޮއްޕާލާ މަންޒަރު.. ރަޒިއްޔާގެ ބައްޕަ ބުނެގެން އަހަންނާ އިނަސް ރައްޔާނަށް އެހެން ހެދުމުހެ ހައްޤެއް ނޯންނާނެސ” ލޮލުން ތިރިއަށް ވެއްޓުނު ކަރުނަތިކި ފުހެލަމުން ރިޔާޒް ރައްޔާން އަތުގައި ހިފާލަމުން އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ފަހަތުން ރަޒިއްޔާވެސް ނިކުތީ ހާމިދުގެ އަޑު އިވުމުންނެވެ.
“ރަޒީ ކީއްވެ ރައްޔު އެގެންދަނީ..” އައްމާރު އެހެން ބުނަމުން ރައްޔާން ކައިރިއަށް ދާން ހިނގައި ގަނެއްޖެއެވެ. އޭރު ވާރޭ ތެރޭގައި ރާމިޒު ރައްޔާން ގޮވައިގެން ވަކި ހިސާބަކަށް ހިނގައްޖެއެވެ. އައްމާރުރުވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެހިސާބަށް ހުއްޓުނު ތަނާހެން ރައްޔާން އެމީހުންގެ އަތުން ނެއްޓި ގަނެގެން ދުއްވައިގަތީ ރަޒިއްޔާއާއި މިދާލަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިއަސް އަދިވެސް އޭނާ ބޭނުންވީ މަންމައެވެ. ދުރުން ދުވެފައި އައި ރައްޔާން ބައްދާލީ ރަޒިއްޔާގެ ބަނޑުގައެވެ. އޭރު ރަޒިއްޔާވެސް ހުރީ ކުޑައެއް ހިފައިގެން ނިކުމެއެވެ. ރައްޔާން އައިސް ބައްދާލި ވަގުތާއި ރަޒިއްޔާގެ ބަނޑު ތޮޅިލީ އެއްވަގުތެއްގައެވެ. އުފާވި ނަމަވެސް އޭނާ ފޫހިވީ ރައްޔާން އޭނާގެ ގައިގައި ބެއްދުމުންނެވެ. ވަގުތުން އެކުއްޖާގެ ކޮނޑުގައި ހިފާ މަގުމައްޗަށްވާ ގޮތަށް ރަޒިއްޔާ ފޮޅުވާލައިފިއެވެ. އަލި ގަދަގަދަކޮށް ވިދާލުމާއެކު ބަރަށް ދުއްވާފައި އައި ކާރެއްގައި ޖެހި ރައްޔާން ބުރައިގެންވެސް ދިޔައީ އެވަގުތުއެވެ. ހަމައެއާއެކު ބާރު ގުގުރިއެއްވެސް ޖަހާލައިފިއެވެ. ކާރުގައި ހުރި މީހާ ދުވަފައި ކަހަލަ ގޮތަކަށް އައިސް ކުޑަކުޑަ ރައްޔާންގެ ކައިރިއަށް ހުއްޓިއްޖެއެވެ. ހަރަކާތެއް ނުގެނިވިފައި ހުރީ ރަޒިއްޔާއަށެވެ. އައްމާރު ދުވަމުން އައިސް މީހަކަށް ބެލުމެއްނެތި ރައްޔާން ނަގައިގަނެގެން ދުއްވައި ގަނެއްޖެއެވެ. ރިޔާޒުވެސް އޭނާގެ ފަހަތުން އެބާރު މިނުގައި ހަމަ ދުއްވައި ގަނެއްޖެއެވެ.
“ރައް.. ރައް…” ރަޒިއްޔާއަސް ބެލެމުން ދިޔައީ އޭނާގެ ދެއަތަށެވެ.
ރަޒިއްޔާ ހޮސްޕިޓަލަށް ދިޔައީ ރައްޔާންގެ އޮޕްރޭޝަން ނިމި އެކުއްޖާ ހޭއަރާހައި އިރުންނެވެ. އައްމާރު އަދިވެސް ހުރީ ހޮސްޕިޓަލުގައެވެ. ރުއިމުގެ ސަބަބުން ރަޒިއްޔާގެ ބަނޑުގައިވެސް ވަނީ ކުޑަ ތަދެއް ހިފާފައެވެ. ފުރަތަމަ ފަހަރަށް ރަޒިއްޔާގެ ހިތުގައި ރައްޔާނަށް ގޮތެއް ވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. ނަމަވެސް ހާމިދަކީ ރަނގަޅު ޑޮކްޓަރަކަށް ވުމުން ކުޑަކޮށް ނަމަވެސް ހިތްހަމަ ޖެހުނެވެ.
ރަޒިއްޔާއަށް އެހިސާބަށް ދެވުނު އިރުގައި އައްމާރުއާއި ރިޔާޒްހުރީ ޑޮކްޓަރާއި ވާހަކަ ދައްކާށެވެ. ރަޒިއްޔާއަކީވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެއްކަމުން އެމީހުން ދައްކަމުން ދިޔަ ވާޙަކަ އެނގުނެވެ. ރަޒިއްޔާ ކިޔެވީ އެދާއިރާއިން ކަމުން އޭނާވެސް އައިސް ރައްޔާންގެ ވާހަކަ އަހައިލިއެވެ.
“ރިޔާޒް..” ރަޒިއްޔާއަށް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ރިޔާޒް އަތުން މަނާ ކޮއްލައިފިއެވެ.
“މިއަދުން ފެށިގެން އަހަރެންގެ ރައްޔާންގެ ހުންނާނީ ހަމައެކަނި ބައްޕައެއް..” ރިޔާޒްގެ އެންމެފަހު އިއްވުން އިއްވާލިއެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ދޮންމަންމަ އެއްޗެސް ދޮންދަރިއަކާއި މެދު އެފަދައިން ކަންތައް ނުކުރާނެއެވެ.
” ރައްޔު ހޭއަރައިފި..” ރޮވިފައި ހުރި ސިޔާޒާ އެހެން ބުނުމުން އެންމެ ފުރަތަމަ ދޮރުން އެތެރެއަށްވަނީ ރަޒިއްޔާއެވެ. ކުޑަކުޑަ ރައްޔާން އޭރު ދެފައި ވައްކޮށް ލައިގެން އިނީ އަތަށް ބަލާށެވެ. ކަނާތުގެ ކޮނޑާއި ދިމާލުން ބަނދެލެވިފައިވާ ގޯޒް ފޮތިތަކުގައި ހިފަހައްޓައިގެން އިންއިރު އެކުއްޖާގެ ލޮލުގައިވަނީ ކަރުނައެވެ. ރަޒިއްޔާގެ ހިތް ފުރަތަމަ ފަހަރަށް ރޫރޫ އަޅައިގަތެވެ. ކިތަންމެ ކުޑަ ނަމަވެސް އެލޮލުން ފެންނަމުން ދިޔަ ރުޅި ވެރިކަން އޭނާއަށް ފާހަގަވިއެވެ. އަތަށް ބަލަމުން ދިޔަ ގޮތުން ހީވަނީ އެފޮތިތަށް ދެންމެ ދެންމެ ނައްޓާލަ ފާނެ ހެންނެވެ.
“ދަރިފުޅު..”
“އަތް ނުލާ…” ރަޒިއްޔާ ދިއްކޮލި އަތުގައި ނުޖެހެން ވެގެން ރައްޔާން ހަޅޭއްލަވައި ގަނެއްޖެއެވެ. ހީވަނީ ބިރެއް ފެނުނު ހެންނެވެ. ދުރުން ދުވެފައި އައިސް އައްމާރު މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަ ރައްޔާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެއާއެކު ރައްޔާންގެ މޫނަށް އަނދިރިވާން ފަށައިފިއެވެ. ނަމަވެސް އަދިވެސް ކުރިމަތިން އޭނާއަށް ފެންނަމުން ފިޔައީ އޭނާގެ ހިތްހަރު މަންމައެވެ.
# # # #
ގަދައަށް ވިދާލުމާއެކު މުނި ކޮޓަރީގެ ތެރެއަށް އަލި އެޅިގެން ދިޔައެވެ. ބިއްލޫރި ގަނޑުގައި ބޯ ޖައްސާލައިގެން ހުރި ރައްޔާން ބަލަމުން ދިޔައީ އޭނާގެ އަތުގައިވާ ލަކުނަށެވެ. ދުރުން ބަލާލާއިރު ހީވަނީ ވީދައިގެން ގޮސްފައިވާނެހެވެ. އެތަނުގައި ފިރުމާލަމުން ރައްޔާން އުޅުނީ ފޮތިތަށް ކަހާލާށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއަތަށް މަޑު ޖެހުމެއްއައީ ކުރިމަތިން ހުރި ގޭގެ ހަތްހަނަ ބައި މި ދަންވަރުގައި ދިއްލާފައި ހުރުމުންނެވެ. ގޮނޑިއެއް ބަހައްޓައިގެން ބޭރުގައި އިން އަންހެންކުއްޖާ އިންގޮތުން ހީވަނީ މީހަކު ގަލުން ހަދާފައި އިން ބުދެއް ހެންނެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން އިންއިރު އެބުޅި އިސްތަށިގަނޑު ކޮނޑުމަތިން ދެފަރާތަށް ވިހުރިފައި އޮތެވެ. ވެހެމުންދިޔަ ވާރެއަށް އަތްނެރެގެން ހުރިއިރު އެމޫނުގައި އެއްވެސް ދިރުމެއް ނުވެއެވެ. އެހައި ދުރުންވެސް ރައްޔާނަށް އޭނާގެ ކޯތާފަތްމަތިން ތިރިއަށް ވެއްޓުނު ކަރުނަ ތިކި ފެނުނެވެ.
“ހީޒަލް..” ކުރިން ދުވަހަކު އީނާޝް އެނަން ބުނި ހަނދާންވެގެން ރައްޔާނަށް ބުނެވުނެވެ. އެނަމަކީ އޭނާ ދަންނަ ނަމެކޭ ހިތްބުނަނީ ކީއްވެ ހެއްޔެވެ؟
ގަޑިއަށް ބަލާލަމުން ރައްޔާން އަވަހަށް އެނދަށް އަރައި އޮށޯވެއްޖެއެވެ. އެނދުގައި ބުރަކަށި ޖެހުމާއެކު ރައްޔާންގެ ލޯ މެރިއްޖެއެވެ. ހެންދުނު ހޭލެވުނީ ސިޔާޒާ ދޮރުގައި ތަޅާއަޑަށެވެ. ފަޔަށް ލެވޭހައި ބާރެއް ލާފައި ދުއްވައިގައީ ފާހާނާ ދިމާއަށެވެ. ދޮރު ހުޅުވާކަށްވެސް ނޫޅޫނެވެ. އަވަހަށް ޔުނިފޯރމް ގަޔަށް މަހާލަމުން ރައްޔަން އެންކަލްއަށް އަރާލިއެވެ. ތޮފި ކިހިލިފަތްދަށަށް ޖަހާލަމުން ރައްޔާން ތިރިއަށްދާން ހިނގައި ގަނެއްޖެއެވެ. ސިޔާޒާ ގޮވާލުމުންވެސް މަޑު ކުރާކަށް ނޫޅޫނެވެ. އޮފިސަރއަކަށް ވިތާ މިވީ އަދި އެންމެ ދެ ހަފުތާއެވެ. މިހާ އަވަހަށް ގަޑިވެސް ޖެހުނީއެވެ. ހާސްވެފައި ހުރިވަރުން ރައްޔާނަށް ސައިކަލުވެސް ދުއްވުނީ ތަންކޮޅެއްބާރަށެވެ. ބަންޑާރަ ކޮށި ކައިރީގައި ސައިކަލު ޕާކުކޮއްލަމުން ރައްޔާން ފިޔަވަޅުތައް އަވަސް ކޮއްލީ ދެންވެސް އަވަހަށް އެތެރެއަށް ވަދެވޭތޯއެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ ފިނިފިނި އަތަކުން އޭނަގެ މުލައްދަނޑީގައި ހިފެހެއްޓުމުންނެވެ.
“އެކްސްކި….” ފަހަތަށް އެނބުރުނު ރައްޔާންގެ ދުލުގައި ހީވީ ތަޅެއް ލެވުމު ހެންނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ހީޒަލްއެވެ. ކޮންމެ ދުވަހަކުހެން އޭނާ ވަގަށް ބަލާ އަންހެން ކުއްޖާއެވެ. އަނެއްކާ އެކަން އޭނާއަށް އެނގުނީ ބާވައެވެ.
“ތިއައީ ތަ؟؟” ލޮލަށް ފުރައި ކަރުނަ އަޅައިގެން ހުރެ ހީޒަލް އެހެން ބުނުމުން ރައްޔާން ދެބުމަ ކައިރި ކޮއްލިއެވެ. ހީޒަލްގެ އަތް އޭނަގެ އަތުން ނައްޓުވައިލަމުން ރައްޔާން އުކުޅުގައި އަތް ވިދެލިއެވެ.
“ކާކުތީ..؟” ނަން އެނގި ހުރެވެސް ރައްޔާން ކޮއްލީ ސުވަލެކެވެ. ހީޒަލް އަތް ނަގައި ރައްޔާންގެ މޫނުގައި އަތް ހިންގާލިއެވެ. މަގުމަތިން ހިނގަމުން ދިޔަ މީހުންތައް ލޯތައްވެސް ދިޔައީ އެދެމީހުން ހުއްޓެމުންނެވެ. ކުއްލިއަކަށް ރައްޔާން ހީޒަލްގެ އަތް އޭނާގެ މޫނާއި ދުރުކޮއްލިއެވެ. މަޑުމަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔަ އެއަޑު ރައްޔާންގެ އެތެރެހަށި ރޫރޫ އަޅުވާލިއެވެ. ގައިގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ.
“އައި ޑޯންޓް ވޯންޓް ވޭކް އަޕް.. އަދި އެއްފަހަރު ބަލާލަން ބޭނުން…” ހީޒަލް ގޮވަމުން ދިޔަ މޮޔައެއް އެއްވެސް ވަރަކަށް ރެއަކާނުލައި ހުރި ރައްޔާން ވަށައިގެން ބަލާލައިފިއެވެ. ހީޒަލް މަޑުމަޑުން ރައްޔާންގެ މެދުހަށީގައި ބައްދާލަމުން މޭމަތީގައި މޫނު ފޮރުވާލައިފިއެވެ. އެކަމަކީ ހީޒަލަށް އާކަމެއް ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ރައްޔާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ނުވެސް ދަންނަ ކުއްޖަކު އެހެން ގާތް ވުމުން ކޮންމެ މީހަކުވެސް ހުންނާނީ އެފަދަ ހާލެއްގައެވެ.
“އޯ… ކޭ..” ބާރަށް ހިފަހައްޓައިގެންހުރި ހީޒަލްގެ ހަށިގަނޑު ކުރިއަށްވުރެ ބަރުހެން ހީވުމުން ރައްޔާން މަޑުމަޑުން ފަހަތަށް ޖެހިލައިފިއެވެ. އެއާއެކު ރުލެއްވެސް ނެތި ހީޒަލް ދެމުނީ ރައްޔާންގެ އަތުގެ ތެރެއަށެވެ. ސިފައިންގެއަށް ވަނުމުގެ ބަދަލުގައި މީހެއްގެ އެހީގައި ރައްޔާން މަސައްކަތް ކުރީ ހީޒަލް ހޮސްޕިޓަލަށް ގެންދާށެވެ.
ހޮސްޕިޓަލުގައި ހުރި ރައްޔާން މަޑުކޮއްލައިގެން ހުރީ ހީޒަލްގެ މައިންބަފައިން އަންނަ ދެނެވެ. ގޮނޑީގައި އިންއިރު ރައްޔާން ވިސްނެމުން ދިޔައީ ޙީޒަލްގެ ހަރަކާތްތަކާއި މެދުގައެވެ. ހީޒަލްއަށް އެއީ އާކަމެއްހެނެއް ހިއެއް ނުވެއެވެ. އަބަދުމެ ކުރާކަމެއްހެން އެކުއްޖާ ހުރީ އެކަމަށް އާދަވެފައެވެ.
“ރައްޔު..” ކުރިމަތީގައި ހުރިމީހާ އެހެން ގޮވާލުމުން ރައްޔާން އިސްއުފުލާ ބާލާލައިފިއެވެ. ރައްޔާނަށް އެމީހާ ނޭނގުނު ނަމަވެސް އެމީހަކަށް ރައްޔާން އެނގިއްޖެއެވެ.
“ނޭނގުނު..” ރައްޔާން ތެދުވަމުން ހިނިތުން ވެލިއެވެ. އެމީހާގެ އިސްތަށިގަނޑުގައި ނުރަ ޖަހައިފައި ހުރި ނަމަވެސް މޫނުމަތިން އެހާމެ ރީއްޗެވެ. ރައްޔާން ބުމަ ކައިރި ކޮއްލީ ނަން ހަނދާނަށ އަންނަން ފެށުމުންނެވެ. ނަމަވެސް ދުލަކަށް ނައެވެ.
“ހައުޒް މައި ފްލަފީ…” އެއަޑު އިވުމާއެކު ރައްޔާން އެމީހާގެ ގައި ބައްދާލިއެވެ.
“ކުޑަ ބައްޕާ…” އައްމާރު ގައިން ދޫކޮއްނުލާ ހުރެ ރައްޔާން ބުނެލިއެވެ. މަންމަ ކައިރީގައި އުޅުނު އިރުގައި ރައްޔާން އެންމެ ހިތްހަމަ ޖެހުނީ އައްމާރު އެހެން ގޮވަލުމުންނެވެ.
“ކިހިނެއް ކުޑަ ބައްޕައަށް އެނގުނީ؟ ” ހުރިހާ ދަތްތައް އެއްކޮށް ދައްކާލައިގެން ހުރެ ރައްޔާން އަހާލައިފިއެވެ.
“ކިހިނެއް ނޭނގި ހުންނާނީ.. ރާއި ހީވަނީ ހަމަ ރައްޔާންހެން.. އެއްވެސް ތަފާތެއެނެއް..” އެމޫނުގައިވި ހިނިތުންވުން ހިނދުކޮޅަކަށް ނަމަވެސް ގެއްލުނުހެން ހީވިއެވެ.
“ކުޑަ ބައްޕައަށް އެނގޭތަ އެކުއްޖާ؟” ރައްޔާންގެ އެސުވާލަށް ދޭނެ ޖަވާބެއް އައްމާރަކަށް ނޭނގުނެވެ. ހަޤީޤަތަށް ބުނާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ.
“ބައްޕަމީ އޭނާގެ ޑޮކްޓަރ އެހެންވެ އެނގުނީ..” ދެއަހަރު ފަހުން އަނެއްކާވެސް ކުއްޖަކު ބައްޕަ ކިއުމުން އައްމާރު އުފަލުން ފުރުނެވެ. އަލުން އެހަށިގަނޑުގައި ފުރާނަ އެޅުނު ފަދައެވެ.
ހީޒަލް
ދުރުން ސީމާ ވަދެގެން އައި މަންޒަރު ފެނުމުން އައްމާރު އެއީ ހީޒަލްގެ މަންމަ ކަމުގައި ބުނަމުން މަޑުކޮއްލާށޭ ބުނެލިއެވެ. ރައްޔާން ޖީބަށް އަތް ޖަހާލައިގެން އިނދެފައި ހިނގައިގަތީ ޑިއުޓީއަށް ނިކުންނަން ގުޅުމުންނެވެ. ރައްޔާން ހިނގާފައިދިޔަ ތަން ބަލަން އިން ސީމާވެސް ދެލޯ ބޮޑު ކޮއްލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެއީ ރާއިފް ކަމާމެދު ޝައްކުވާން އުޅުނެވެ. ލޯ ހުޅުވާލައިގެން އޮތް ހީޒަލް ފެނުމުން ސީމާ ހިނިތުން ވެލިއެވެ. މަންމަ ފެނުމުން ހީޒަލް އެންމެ ފުރަތަމަ ބޭނުންވީ ރާއިފް ފެނުނު ވާހަކަ ބުނާށެވެ.
“މަންމާ.. ރާއި..”
“އެއީ ރާއި އެއް ނޫން… ރައްޔާން..” ދުރުގައި ހުރެފައި އާދައިގެ ރާގެއްގައި އައްމާރު ބުނެލިއެވެ. ހީޒަލަށް ޔަޤީން ކޮއްދިނިމުގެ ގޮތުން އޭނާ މޫނަށް އެއްވެސް ކުލަވަރެއް ނުގެނެއެވެ.
“ރާއިގެ ދޮންބެ އެއީ… ރައްޔުއަކީ ރާއިފް މަންމަ އެހެން މީހެއްގެ ދަރިއެއް ކުޑަ ދުވަހުން ފެށިގެންވެސް ރާއްޖެއިން ބޭރުގައި އުޅުނީ..” އިތުރު ތަފްސީލެއް ބޭނުން ވާނެހެން ހީވުމުން އައްމާރު ކިޔާލިއެވެ.
“ހޫމް…” ހީޒަލް އެހެން ބުނަމުން އިސްޖަހާލިއެވެ.
“ހީޒަލް..” ހީޒަލް މާ ގިނައިރު ދުރު ބަލަހައްޓައިގެން އިންނަން ފެށުމުން އައްމާރު ގޮވާލިއެވެ. ހީލަމުން ހީޒަލް ބުނީ އޭނާ ވަރުބަލި ޥާހަކައެވެ.
ނުނިމޭ

1
0
މިއީ " ޖާދޫވި މޫނު " އަށް ހުށަހަޅާފައިވާ 5 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.
Aaram
i have enjoyed reading since the age of six

Leave a Reply

Your email address will not be published.