މަޒުމޫން

ރަންނަމާރި ވާހަކައިގެ ހަޤީޤަތަކީ ކޮބައިބާ؟

ހަވިއްތަ ތަކާއި ދާގަބާތައް ދޫކޮށް އެތަކެއްޗަކީ އަޅުކަން ކުރުން ހެޔޮވާވަރުގެ ތަކެތި ނޫންކަމަށް ދިވެހިން ޤަބޫލްކޮށްފައިވަނީ މީލާދީ ސަނަތުން 1153 ގައެވެ. ދިވެހިރާއްޖެ އުފެދި މީހުން ވަޒަންވެރިވެ އުޅެން ފެށި ސީދާ ދުވަސް ތާރީހުން އެނގެން ނެތަސް ދިވެހިރާއްޖޭގައި މީހުން އުޅެފައިވާތާ 3000 އަހަރަށްވުރެ ގިނަވެފައިވާކަމަށް ތާރީޙް ލިޔުއްވާ ބޭފުޅުންގެ ގަލަމުން ލިޔެވިފައިވާތީ އަޅުގަނޑަށްވެސް ފެނެއެވެ. އަދި ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހި ރާއްޖޭގައި އޮތީ ބުޑިޒަމް (ބުދު ދީން) ކަން ތާރީހް ގެ ފަތްފުށް ތަކުން އެނގި ހާމަވެއެވެ. މީ އެންމެ ބޮޑަށް ދިވެހި ރާއްޖޭގައި ފެތުރިފައިވާ ދީނެވެ. ބުދުދީނުގެ އިތުރުންވެސް ރާއްޖޭގައި ދިވެހިން ހިންދުއި ދީނަށްވެސް އުޅެފައިވެއެވެ. އަޅުކަން ކުރުމުގައި މަހުލޫޤުންނާއި ގުނަވަންތަކަށް އަޅުކަން ކޮށްފައިވާކަން މިހާރުވެސް ފެންނަން އެބަހުއްޓެވެ. ރާއްޖެއަށް ދީންތަށް އައިސްފައިވަނީ އޭރު ރާއްޖެއަށް ޒިޔާރަތްކޮށް އުޅެ ވަޒަންވެރިވީ މީހުންގެ ފުށުންނެވެ. ސާންސްކްރިތް ބަހުން އިންޑޯ އާއިރަން ބަހުން ކަފިކަފިވެގެން ދިވެހި ބަސްވެސް ރާއްޖެއަށް އައިސްފައިވަނީ މިކަހަލަ ގޮތަކަށެވެ. ދިވެހި ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިންގެ ހާލަތު ތާރީހުން މާ ބޮޑަށް އެނގެން ނެތް ނަމަވެސް . ދިވެހިރާއްޖޭގެ ތާރީހް އެނގެންފަށާފައިވަނީ ދިވެހިރާއްޖެ އިސްލާމްވީ ހިސާބުންކަމަށް ޢަބްދުލްމުޢީދު ޙަސަން (2011) ލިޔުއްވާފައި ވެއެވެ.
ދިވެހި ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިރާއްޖޭގެ ތަހުތުގައި އިން ސިރީ ތިރިބުވަނަ އާދީއްތަ މަހާރަދުން ރާއްޖޭގައި 35 އަހަރުވަންދެން ރަސްކަންކުރެއްވިއެވެ. އެއީ، މީލާދީ ސަނަތުން 1142 އިން 1176 އަށެވެ. އަދި މީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްވީ ރަދުންނެވެ. އަދި މިރަދުން އިސްލާމް ވުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދު ﷲ އެވެ. މަންމާފުޅަކީ، ހެނެވި މާވާކިލެގެ އެވެ. ހަމަ މިރަދުންނަށް، ދަރުމަވަންތަ ރަސްގެފާނު ނަމުން ވެސް ކިޔައެވެ. ދަރުމަވަންތަ މިސްކިތް ނިސްބަތްވަނީ މި ރަދުންނަށެވެ. މީ ތާޜީޙްގައި އިބްން ޢަބްދުﷲ އާއިބެހޭ ގޮތުން ލިޔެވިފައި ހުރި މައުލޫމާތެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިންވެސް ތަހުތުގައި އިންނެވީ މި ރަދުންނެވެ. އަދި މިރަދުންގެ ކުރިން އެހެން ބޭކަލަކު ދިވެހި ރަސްކަމުގެ ތަޙުތުގައި އިންނެވި ކަންވެސް ތާރީހުން އެނގެއެވެ.
ދިވެހިރާއްޖެ އިސްލާމްވީ ގޮތާއި ބެހޭގޮތުން ތަފާތު ވާހަކަތަށް ދެކެވެއެވެ. އޭގެތެރެއިން ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވީ ގޮތުގެ ދިރާސާ ކުރައްވާ ބޭފުޅުންނާއި އަދި އެހެން ބޭފުޅުންވެސް އެވާހަކައިގެ އަސްލާއި ބެހޭގޮތުން ވަރަށް ހިޔާލު ތަފާތުވުންތައް އުފެދޭ ވާހަކައެކެވެ. އަދި ރަންނަމާރި ވާހަކައަކީ މިހާރުވެސް ދިވެހިން އެކި ގޮތްގޮތަށް ދައްކަމުންދާ ވާހަކަތަކެވެ. ދިވެހިން މިވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ދަނީ އެކަމުގެ އަސްލާއި ދޭތެރޭ އެއްވެސް ވިސްނާލުމެއް ނެތި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށްކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ ކޮންމެވެސް ބަޔަކު މިވާހަގެ އަސްލު ނަގާލުމަށް ކޮށްފައިވާ ކަމަކަށްވެސް ވެދާނެއެވެ. މި ލިޔުމުގައި މިވާހަކަ އަޅުގަނޑުގެ ހަނދާނުގައި ހުންނަންފެށި ހިސާބުން އަޑުއިވެމުން ދިޔަގޮތާއި ތުންތުން މަތިން އަޑުއިވިފައިވާ ގޮތާއި އިބުނު ބަޠޫޠާ މިވާހަކަ ތާރީހްގައި ލިޔެފައިވާ ގޮތާއިއެކު ކުރުކޮށް ބުނެލެވޭތޯ މަސައްކަތް ކޮށްލާނަމެވެ. “އިބުނު ބަޠޫޠާ ދިވެހި ރާއްޖޭގައި” މިމައުލޫއަށް މުހައްމަދު އިބްރާހީމް ލުތުފީ (1991) ގައި ލިޔުއްވާފައިވާ ލިޔުމުގައި ރަންނަމާރީގެ ވާހަކަ ވަރަށް ތަފްސީލްކޮށް ލިޔެފައިވީ ނަމަވެސް މިތަނުގައި އަޅުގަނޑު ބަލާލާނީ މި ވާހަކަ ކުރު ގޮތަކަށް ގެނެސްދެވޭތޯއެވެ.
ދިވެހިރާއްޖޭގައި ބުދުދީން އޮތް ދުވަސްވަރު ރަންނަމާރިއެއް ކޮންމެ މަހަކު އަރައެވެ. ބުދުދީން ރާއްޖޭގައި އޮތްކަމަށް ބެލެވެނީ މީލާދީ ސަނަތުން 3 ވަނަ ޤަރުނާއި ހަމައިން ފެށިގެންކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން ހާމަކޮށްދެއެވެ. އެދުވަސްވަރުގެ އެންމެ ފާހަގަކޮށްލެވޭ އެއްތަންކަމުގައި މިހާރު ފެންނަން ހުރީ ކ.ކާށިދޫ ކުރުހިންނަ ތަރާގަނޑޭ ކިޔުނުތަނުގައިވާ ތަނެވެ. ބުދުދީން ނިމުމަކަށް ގެނުވި ވާހަކައަކީ ރަންނަމާރި ވާހަކައެވެ. މިވާހަކައަށް ނަޒަރު ހިންގާލާއިރު މިރަންނަމާރި އަރާތަނަށް (ބުދުފައްޅިއަށް) އިއްފަތްތެރި އަންހެންކުއްޖަކު ނަލަހައްދައިގެން ގެންދަންޖެހެއެވެ. އަދި ދާނެ ކުއްޖަކު ހޮވަނީ ރަސްގެފާނުގެ ބެލުމުގެ ދަށުން ގުރުއަތުންނެވެ. މިގޮތަށް ގެންދެވޭ ކުއްޖާ ގެންދަންޖެހެނީ ބުދުކޮއިލަށެވެ. އަދި އަންހެންކުއްޖާ ގެންދިއުމަށްފަހު ހެނދުނު މީހުން ދާއިރު އޮންނަނީ އިއްފަތްތެރިކަން ނަގާލާ މަރާލާފައެވެ. މި ގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދި ރާއްޖެ އަށް މަޤުރިބު ކަރައިގެ ބޭކަލެއް ޒިޔާރަތް ކުރިއެވެ. މިބޭކަލުގެ ނަން ދިވެހި ތާރީހްގައި ދެގޮތަކަށް އައިސްފައި ވެއެވެ. އެއްގޮތަކީ މައުލާނާ އައްޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީ އެވެ. މިއީ ޙަސަން ތާޖުއްދީނު ލިއުއްވި ތާރީޚްގައި އޮތް ގޮތެވެ. އިބްނު ބަޠޫޠާގެ ދަތުރުނާމާ އާއި، ޕިރާޑްގެ “ދަވޮޔެޖް” ގައި ބަޔާން ކޮށްފައިވާގޮތުން އެ ބޭކަލަކީ، މައުލާނާ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ އެވެ. ރާއްޖޭގައި އޮތް ބުދުދީން ނިމުމަކަށް އައިސް އިސްލާމްދީނުގެ އަލިކަން މިރާއްޖޭގައި ފެތުރެން ދިމާވި ސަބަބެއް ކަމަށް ވީ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ.
އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ރާއްޖެއައިސް ހުންނެވިގޭގެ އަންހެންކުއްޖާ އެއްފަހަރަކު ބުދުކޮއިލަށް ދާންޖެހުނެވެ. އެކަމާއި އެއަންހެން ކުއްޖާގެ މައިންބަފައިން ހިތާމަކުރާތަން އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީއަށް ފެނުނެވެ. އަދި އެފަހަރު އެ އަންހެން ކުއްޖާގެ ބަދަލުގައި އެ ބުދުކޮއިލަށް ދިޔައީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ އެވެ. އަދި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ އެރޭ ފަތިސްވަންދެން އެތާނގައި ގުރުއާން ކިޔެވިއެވެ. ހެނދުނު މީސްތަކުން އާދައިގެމަތިން މަރުވެފައިވާ ކުއްޖާ އަންދާލުމަށް އައިއިރު ލިބުނީ ކުއްލި ސިހުމެކެވެ. އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ސަލާމަތުން ހުރިތަން ފެނުމުން ދިވެހިންނަށް ހައިރާން ކަމެއް ލިބުނެވެ. އަދި އެމީހުން އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ރަސްގެފާނުގެ އަރިހަށް ގެންދިޔައެވެ. އަދި މިކަން ވެގެންދިޔައީ ރަސްގެފާނު ވަރަށް އަޖައިބު ކުރުވި ކަމަކަށެވެ. އަދި އިސްލާމްދީން އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ އޭރުގެ ރަދުންނަށް ހުށައެޅިއެވެ. ތާރީހުގައި އިބުނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުން ރަސްގެފާނު އިސްލާމްދީން ޤަބޫލްކޮށްފައިވަނީ ޝަރުތަކާއި އެކުގައިކަމަށް ތާރީހުގައި އިބުނު ބަޠޫޠާ ލިޔުއްވާފައިވެއެވެ. އިބުނުބަތޫތާ ލިޔުއްވާފައިވާ ލިޔުމުގައިވަނީ މިހެންނެވެ. ” ރަސްގެފާނު އެކަލޭގެފާނަށް އެންގެވީ ހަނދުބަލާ މަސް އަންނަންދެން އަހަރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި މިފަހަރު ކަންތައް ކުރެއްވި މަގުން ކަންތައް ކުރައްވައި އެފުރޭތައިގެ ކިބައިން ސަލާމަތްވެއްޖެނަމަ އަހަރެން އިސްލާމްވެދާހުށީމެވެ.” އިބުނު ބަޠޫޠާ ލިޔުއްވި ލިޔުން ތަރުޖަމާކޮށް ލިޔެފައިވަނީ މުހައްމަދު އިބުރާހިމް ލުތުފީ(1991). އެވެ. އަދި އެގޮތަށް ކަންތައް ވުމުން އޭރުގެ ރަދުން އިސްލާމްދީން ޤަބޫލްކޮށް އެހެން މީހުންވެސް އިސްލާމްދީން ޤަބޫލް ކުރީއެވެ. ރަސްގެފާނު އިސްލާމްދީން ގަބޫލު ކޮށްފައިވާކަމަށް ތާރީހްގައިވާ ލިޔުންތަކުން އެނގެނީ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ ރަސްގެފާނަށް ހުށައެޅުއްވި ކަންތައް ރަސްގެފާނު ކުރެއްވީ އޭގެ ޖެހިގެން އައިމަހުގެ ނަތީޖާއަށް ބަލާފައިކަމެވެ.
މިހިސާބުން މަޑުމަޑުން ދިވެހިރާއްޖޭގެ ރަށްރަށަށް އިސްލާމްދީން ފެތުރެމުންގޮސް މުޅި ރާއްޖެއަށް އިސްލާމްދީނުގެ އަލިގަދަ ނޫރު ފެތުރިގެން ދިޔައެވެ. އިސްލާމްދީން މުޅި ރާއްޖެއަށް ފެތުރުމުގައި ދުވަސްތައް ހޭދަވިއެވެ. އަދި ބުދުކޮއިލުތައް ދިވެހިން ތަޅާ ނައްތާލާހެދި ކަމަށް ތާރީޙްގައި އެނގެން އެބައޮތެވެ. އިސްލާމްވުމާއި ދެކޮލު ހެއްދެވި ފާދިރީން މަރާފައިވާކަންވެސް ތާރީޙްގައި އެގެން އެބައޮތެވެ.
ރަންނަމާރީއަކީ ފުލޯކް ވާހަކައެއްކަމާއި އެކަމަކީ އޭރުގެ ރަސްގެފާނު ކުރިކަމެކޭ ބުނާދިވެހިން އަދިވެސް އަޅުގަނޑުމެންތެރޭ އެބައުޅެއެވެ. އަންހެން ކުއްޖާގެ އިއްފަތްތެރިކަން ނަގާލަނީ ރަސްގެފާނުކަމަށާއި މީ ބުދުދީނަށް އުޅުން އިރުގައި ރަސްގެފާނުގެ ވިސްނުމަށް އައިސްގެ ރޭވި ރޮކެޓެއް ކަމަށްވެސްގިނަ ދިވެހިން މިހާރުވެސް ކިޔައެވެ.
އަލުގަނޑުގެ ވިސްނުމަށް ރާއްޖެއިސްލާމްވި ގޮތް ގެންނައިރު ދެކެވެމުން މިދާ ވާހަކަތަކުގައި އޮށްޓަރު ނެތްކަން ފާހަގަވެއެވެ. އެއްކަމަކީ ރަސްގެފާނު ބޭނުން ނަމަ ބޭނުން ކުއްޖެއް ރަސްގެފާނުގެ ގަނޑުވަރަށް ގެންދަން މައިން ބަފައިން ހިތުން ރުހުމުން ދޭނެކަން މީ ސައްކެއްވެސް އޮތްކަމެއް ނޫނެވެ. ވީއިރު ބުދުކޮއިލަށް ގެންގޮސް އަންހެންކުއްޖާގެ އިއްފަތްތެރިކަން ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެޒަމާނަކީ ރަސްކަލުންނަށް ހާސް އަނބިން ހުއްދަވާނެކަމަށް މީހުން ޤަބޫލް ކޮށްފައިވާ ޒަމާނެވެ. އަދި އެމީހުންގެ އިއްފަތްތެރި އަންހެންދަރި ރަސްގެފާނަށް ވެދުމަށް ދިނުން އެއީ އެމީހުންދެކޭ ގޮތުގައި އެބައިމީހުންނަށް ލިބޭ ވަރަށްބޮޑު ފަޙްރަކާއި ޝަރަފެކެވެ. ވީއިރު މިކަމުން ރަސްގެފާނު ބަރީއަވާކަން އެބަ ޤަބޫލް ކުރެވެއެވެ. އަނެއް ކަމަކީ ބުދުދީނުގައި ބުދުފައްޅީގައި އުޅޭނީ ފާދިރީންނެވެ. މިމީހުންނަކީ އެމީހުން ބުނާގޮތުން އެއްވެސް އަންހެނަކު އެމީހުނަށް ބޭނުން ނުވާކަމަށް ބުނެ އުޅޭ މީހުންނެވެ. އަދި ފާދިރިން ބުނާ ކޮންމެ ކަމެއް ރަސްގެފާނުވެސް ޤަބޫލް ކުރާނެއެވެ. ސަބަބަކީ ފާދިރީންނަކީ އޭރު ރާއްޖޭގައި އޮތް ބުދުދީނުގެ އެންމެ އިސް މޭސްތިރިންނެވެ. އެމީހުން ބުނާގޮތުން އެމީހުންނަކީ ކަލާންގެވަންތަ ކަލާންގެ ފުށުން އައިސްތިބޭ ސަޙްވާނީ އެދުމާއި ކައިވެނި ހަރާމް ބައެކެވެ. އަދި އެމީހުން މީސްތަކުނަށް އަބަދުވެސް އަނަގަމުންދާނީ ކަލާންގެވަންތަ ކަލާންގެ އަންގަވާ އެންގެވުންތަކެވެ.
މިދެ ކަމަށް އަލި އަޅުވާލާއިރުވެސް މިކަމުގައި ފާދިރީން ގެ ބޮޑު އޮޅުވާލުމެއްވާކަން އެބަ އެނގެއެވެ. އެއްކަމަކީ ރަންނަމާރި ބުދުފައްޅުއަށް އަރަންވީ ކީއްވެ؟ އަނެއްކަމަކީ އިރުއޮއްސުމަށްފަހު ބުދުފައްޅިއަށް އެއްވެސް މީހަކު ނުދިއުމަށް މަނާކުރުން. އެހެންވީމާ މި ރަންނަމާރީގެ ހަޤީޤަތަށް ބުރަވާއިރު މީ ފާދިރިން އެމީހުންގެ ޝަހުވާނީ އެދުން ފުއްދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްކަން ޤަބޫލްކުރެވެއެވެ. ފާދިރިންނަކީ އެދުވަސްވަރު ވަރަށް ބާރާއި ނުފޫޒުން އުޅެމުން އައިބައެއްކަން ތާރީހުން އެނގެއެވެ. ބުދުފައްޅިއަށް ނަލަހައްދައިގެން ގެންދާ އަންހެންކުއްޖާގެ ފޮނިކޮޅުބޯލާ މަރާލުމުގެ އަސްލަކީ ފާދިރީންގެ ޤަދަރު މީސްތކުންގެ ކުރިމަތީ ވެއްޓި ހިނގައިދާނެތީއެވެ. އަދި ކުއްޖާ ދިރިހުރެއްޖެނަމަ ފާދިރިންގެ މި ހިތްހަމަޖެހުން ނިމިގެން ހިނގައިދާނެތީއެވެ.
ދިވެހިރާއްޖެއާއި އަވައްޓެރި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރި މީހުން ބުދުދީނަށް އުޅެފައިވާއިރު ބުދުދީނަށް އުޅުނު އޭރުގެ ބައެއް އެހެން ޤައުމުތަކުގައިވެސް ބުދުދީނުގެ ފާދިރީން މިކަހަލަ ޖަރީމާތައް (އަންހެން ކުދިންގެ އިއްފަތްތެރިކަން ނަގާލުން) ހިންގައިފައިވެއެވެ. ވީއިރު ރާއްޖޭގައި މިކަން ނުހިގާނެ އެއްވެސްގޮތެއް އޮންނާނެހެނެއް ހިޔެއްނުވެއެވެ. ސަބަބަކީ ފާދިރީން ހުރިހާތަނެއްގައިވެސް ކޮނމެވެސް ސިފައެއްގައި އަންހެން ކުދިންގެ އިތްފަތްތެރިކަން ފޭރިގަންނަކަން ތާރިހުން އެގެން އޮތުމެވެ.
ދިވެހި ރާއްޖޭގައި އިސްލާމްދިން އެންމެ ފުރަތަމަ ގަބޫލް ކުރެއްވި ރަދުން އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދު ﷲ ވަނީ އިސްލާމްދިން ގަބޫލް ކުރުމަށް ފާދިރިންނަށްވެސް އަންގާފައެވެ. ނަމަވެސް އެމީހުންވަނީ މިކަމާ މުޅިން ދެކޮޅު ހަދައިފައެވެ. އަދި މި ހާމުދުރުންނަށް މަރުގެ އަދަބު ދީފައިވާކަންވެސް ތާރީހްގެ ލިޔުންތަކުގައި ވެއެވެ. އަދި އެހެން އެއްވެސް ދިވެއްސެއް އިސްލާމް ދީނަށް ވަނުމަށް ދެކޮޅު ހަދާފައިވާކަން އެނގޭކަށް ނެތެވެ. އޭރުގެ ދިވެހިންނަކީ ދަތުރުފަތުރު ކުރުމުގައި އިންޑިއާ ކަނޑުގައި އުޅުނު މުސްލިމުންނާ ގާތް ގުޅުމެއް އުފެދި އިސްލާމްދީންގެ ކަންކަން އެނގޭ ދިވެހިންނެވެ. ނަމަވެސް ރަސްމީކޮން ދިވެހިން އިސްލާމްދިން ޤަބޫލް ކޮށްފައިވަނީ އޭރުގެ ރަސްގެފާނު އިސްލާމްދީނަށް ވަނުމަށް ދިވެހިންނަށް އަމުރު ކުރި ހިސާބުންނެވެ. ރަސްގެފާނު ދިވެހިންނަށް އިސްލާމްދީނަށް ވަނުމަށް އަމުރު ކުރެއވީ ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރް މަހުގެ 2 ވަނަ ދުވަހެވެ.
އިސްލާމްދިން ދިވެހިންނަށް ވާސިލުވެގެން އައި ގޮތުގެ ވާހަކަ ބިނާވެފައިވާ ރަންނަމާރީގެ ވާހަކަ އާއި ބެހޭ ގޮތުން ދިވެހިން ދެކެމުން އައިގޮތް މިއަދު މިވަނީ ބަދަލުކުރަންޖެހިފައެވެ. ސަބަބަކީ އޭރުގެ ރަސްގެފާނު މިކަހަލަ ކަމެއް ކޮށްފާނެކަމާއި މެދު އުފެދޭ ސުވާލަށް ލިބެން ހުރި ޖަވާބަކީ ހަމަ ނޫނެކޭ އެވެ. އެހެނީ ބުއްދިވެރި ސިކުނޑިއެއްގެ އެހީގައި މިކަމަށް ވިސްނާލުމުން މީ ފާދިރީންގެ ރޭވުމެއްނޫނީ ނުވާނެކަން ޔަޤީން ކުރެވެއެވެ. އޭރުގެ ރަސްގެފާނުގެ ބޮލުގައި މި އިލްޒާމް އެޅުވުމުގެ އެއްވެސް ހައިސިއްޔަތެއްނެތެވެ. އަދި ތާރީހުން އެކަންކުރީ އޭރުގެ ރަސްގެފާނުކަން އެނގެން ނެތްއިރު އަޅުގަނޑުމެން އޭރުގެ ރަސްގެފާނުގެ އިސްތަށިފުޅުގައި އަޅުވަމުން އައި ބަދުނާމް މިހާރު އެއްލާން ނުވޭބާއޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އަދި މިކަހަލަ އިލްޒާމެއް އޭރުގެ ރަދުންނަށް ނިސްބަތްކޮށް ވާހަކަދައްކަން ވާނީ މިކަން އެނގި ރޯފިލާ ހުރެގެންނެވެ. މި ވާހަކަ މިގޮތަށް އައިސްފައި މިވަނީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ދިވެހިން ނުވިސްނާ ދައްކަމުންދާ ވާހަކައިންނެވެ.
ރިފަރެންސް:
ޢަބްދުލްމުޢީދު ޙަސަން (2011). ދިވެހިރާއްޖެ އިސްލާމްވުން.
މުހައްމަދު އިބްރާހީމް ލުޠުފީ (1991). ދިވެހިރާއްޖެ އިސްލާމްވުމަށް ދިމާވި ސަބަބާއި ކޮންމެ މަހަކު އެ ރާއްޖެއަށް އުނދަގޫކުރާ ޖިންނި ފުރޭތައިގެ ވާހަކަ. ދިވެހިބަހާއި ތާރީޙަށް ޚިތުމަތްކުރާ ޤައުމީ މަރުކަޒު.

2
1
ismail
no coments

5 ކޮމެންޓް - ލިޔުން: ”ރަންނަމާރި ވާހަކައިގެ ހަޤީޤަތަކީ ކޮބައިބާ؟“

Leave a Reply

Your email address will not be published.