” ހަޅޭ ނުލަވާ …. ” ރީސާމްގެ އަޑު ވެސް ބާރުވެގެން ދިޔައެވެ.
” އަހަރެން އަދި ކަލެއަށް އެއް ފުރުސަތު ދޭނަން. ތެދުބަހުން ވާހަކަ ދައްކާ. ” ރީސާމް އެހެން ބުނީ މަޑުމައިތިރިކަމާއި އެކުގައެވެ.
” ކަލޭ ވެސް ގޮތުގައި ހުރެގެން ވާހަކަ ދައްކާ. ” ނާއިޒް ވެސް މަޑުމަޑުން ބުނެލިއެވެ.
” ކަލޭއާ ވާހަކަ ދައްކަން ވަކިގޮތަކަށް ހުންނާކަށް ނުޖެހޭ. މީގެކުރިން އަހަރެން ކަލެއާ ވާހަކަ ދެއްކީ އިޚުތިރާމާއި ޤަދަރު ކޮށްގެން. އެކަމު ކަލެއަކަށް އެވަރެއް ނުވިސްނުނު. އަހަރުމެންނަށް އެނގޭ ކަލޭގެ އަނގައިން ޖަވާބު ހޯދާން. ” ނުރުހުމާއިއެކު ނާއިޒަށް ބަލަން ހުރެ ރީސާމް ވާހަކަ ދެއްކިއެވެ.
” ކަލޭ ތިޔަ ހީކުރަނީ އަހަރެން އަންހެނުން މަރާލީ އަހަރެން ކަމަށްތަ ؟ ހެކި ދައްކަބަލަ. ” ނާއިޒްގެ މޫނުމަތިންނާއި އަޑުން ވެސް ފާޅުވެގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
” އަހަރުމެން މިއަދު ވެސް ކޯޓަށް ގޮސް ހެކި ދައްކަ ފާނަން. އަހަރުމެން އަތުގައި ކަލެއާ ދެކޮޅަށް ދައްކާނެ ހެކި އެބަހުރި. ” ރީސާމް ވާހަކަ ދެއްކީ ނުރުހުމާއިއެކު ގައެވެ.
ލަންމާގެ މަރުގެ މައްސަލާގައި އެއްދުވަސް ވަންދެން ޕޮލިހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު ނާއިޒް ގޭ ބަންދަށް ދޫކޮށްލިއެވެ.
ނާއިޒާއި އޭނާގެ ޤާނޫނީވަކީލް ސާހިލް ޕޮލިސްޝްޓޭޝަނުން ނުކުތްއިރު އެސަރަހައްދުގައި ނޫސްވެރިންނާއި ކެމެރާމަނުން ވަރަށް ގިނައެވެ. ނާއިޒް ނުކުތުމާއިއެކު ނޫސްވެރިންތައް އޭނާ ވަށާލައި ސުވާލު ކުރާން ފެށިއެވެ.
” ތިޔަ ބޭކަލުންނަށް ވެސް އެނގިލައްވާނެ އަޅުގަނޑު އަޅުގަނޑުގެ އަންހެނުން ނުމަރާނެކަން. އަދި އަޅުގަނޑަކީ އެބޭކަލުން ކުރަމުންގެންދާ ކަންތައްތަކުގެ ފަތިފުށް ހާމަކުރަމުންދާ މީހެއްކަން. އަޅުގަނޑަކީ ސަރުކާރާއި އިދިކޮޅު މީހެއް. ދެން ތިޔަ ބޭކަލުން ވެސް ވިސްނާ ލައްވާ ކަންތައްތައް ހުންނާނެގޮތް. ” ނޫސްވެރިންނާއި މުހާތަބުކޮށް ނާއިޒް ވާހަކަ ދެއްކިއެވެ.
ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކުގެ ތެރެއިން ދެތިން ސުވާލަކަށް ޖަވާބު ދިނުމަށްފަހު ނާއިޒާއި އޭނާގެ ޤާނޫނީ ވަކީލް ދިޔައީ އެވެ.
” ނާއިޒް! މިކަމުގައި ނާއިޒަށް އެހީވުމަށް އަހަރެންގެ ރައްޓެހި ވަކީލަކަށް ގުޅައިފިން. މިކަމުގައި ނާއިޒަށް އެހީވާން އޭނާ ހަމަޖައްސަން އަހަރެން މިވިސްނަނީ. އޭނާއަކީ މިކަހަލަ ކަންތަކުގައި ވަރަށް ކާމިޔާބު މީހެއް. ” ނާއިޒަށް ބަލާލަމުން ސާހިލް ވާހަކަ ދެއްކިއެވެ.
” ކަލެއަށް ވެސް ރަނގަޅަށް އެނގޭނެ އަހަރެން ބޭނުމެއް ނޫންކަން ރަށުން ބޭރު މީހުން ގެންނާކަށް. އަހަރެން ކަލެއަށް އިތުބާރުކުރަން. އަހަރެން ލަންމާއެއް ނުމަރަން. މިއީކީ ކުޅޭ ކުޅޭ ކަމެއް ނޫން. ” ސާހިލްގެ ވާހަކައާ ގުޅުވައިގެން ނާއިޒް ވާހަކަ ދެއްކިއެވެ.
” އެކަމު. އަދި މިހާތަނަށް މިފަދަ އެއްވެސް ކަމެއްގައި އަހަރެން ކޯޓަކަށް ނުދަން. ” ސާހިލް ހާމަކުރީ ޙަޤީޤަތެވެ.
” ތީގެ މާނައަކީ ކަލޭމެން ލޯފާމްގައި މިފަދަ ކަމެއް ކުރާން އެކަށީގެންވާ މީހަކު ނެތޭތަ ؟ ” ހައިރާންކަމާއިއެކު ނާއިޒް އަހާލި އެވެ.
” އާން. އެކަމު ތިކަން ކާމިޔާބު ކުރާނެ މީހަކު އެބަހުރި. އޭނާ އަކީ މިކަމަށް ވަރަށް އެކަށީގެންވާ ޤާބިލު މީހެއް. އެކަމު … އޭނާ ވެސް މިހާރު މިކަހަލަ ކަންތަކަށް އެހާ ޝައުޤުވެރިކަމެއް ނުހުރޭ. ” ނާއިޒްގެ ސުވާލަށް ޖަވާބުދެމުން ސާހިލް ވާހަކަ ދެއްކިއެވެ.
” އެވަރުގެ ޤާބިލު މީހަކު މިކަހަލަ ކަންތަކަށް ޝައުޤުވެރިކަން ނެތީ ކީއްވެ ؟ ” ސާހިލްގެ އެވާހަކައިން ނާއިޒަށް ލިބުނީ ހައިރާން ކަމެވެ.
” އެއީ ވަރަށް އަޖައިބު ކުރުވަނިވި ކަމެއް. މިކަހަލަ ކަންތައް އޭނާ ދޫކޮށްލީ އިނިސްޕެކްޓަރ ނީސާމްގެ ސަބަބުން. އެއީ ނާއިޒް ވެސް ހައްޔަރުކުރި މީހާ. ” އިތުރު ތަފްސީލް ދިނުމުގެ ގޮތުން ސާހިލް ބުނެލިއެވެ.
” އެހެންވިއްޔާ އަހަރެންގެ ފަރާތުން ކޯޓަށް ދާނީ އޭނާ. ” އިރުކޮޅަކު ވިސްނާން އިނުމަށްފަހު ނާއިޒް އޭނާގެ ނިންމުން ހާމަ ކުރިއެވެ.
” އެއީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. ” ސާހިލް ބުނެލިއެވެ.
އިނާ އަކީ ރާއްޖޭން ބޭރުން ތަޢުލީމު ޙާޞިލު ކޮށްގެން އައިސް ހުރި ޒުވާން ވަކީލެކެވެ. ރީތިކަމާއި ފުރިހަމަކަމުގައި އަރާހުރި އިނާގެ އިސާރާތަކަށް ބަލަމުންދިޔަ ޒުވާނުންތައް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރު ވަމުންނެވެ. އިނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބެނީ އޭނާއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިކަމުން ނެވެ. ހަމައެހެންމެ އޭނާ ބޭނުން ކުރަމުންދާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުން ކުރަމުންދާ ޒަމާނީ ތަކެއްޗަކީ ވެސް އޭނާގެ ރީތިކަމަށް އިތުރު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ.
އިނާ އޭނާގެ އާދައިގެމަތިން ކޮންޕިއުޓަރ ކައިރީ އިނދެ ކޮންމެ ވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ކޮންޕިއުޓަރުން އެއްޗެއް ލިޔަމުން ދިޔަ ނަމަވެސް ކޮންޕިއުޓަރުން ޖަހަމުންދިޔަ ލަވަޔަށް އޭނާ ސަމާލުކަން ދެމުން ދިޔަވަރު އޭނާގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
ކޮންޕިއުޓަރުން ޖަހަމުންދިޔަ ލަވައިގެ އަޑު މަޑުކޮށްލަމުން އިނީ ފަހަތް ބަލާލީ ކޮންމެ ވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިގެންނެވެ. އިނާ ބަލާލިއިރު އޮފީސްބޯއީ އަހްމަދު އެދިމާއަށް އަންނަނީ އެވެ.
” އޭތް! އިނާ! މިހާރު ދިހައެއް ޖަހަނީ . މާދަމާ ތަންކޮޅެއް ހެނދުނާ އަންނަން ޖެހޭނެއެއްނު. ކޮންއިރަކުން ނިދާން ދަނީ ؟ ” އިނާއަށް ގޮވާލަމުން އަހްމަދު ވާހަކަ ދެއްކިއެވެ.
” އަހްމަދު ބޭނުމިއްޔާ ގެއަށް ދޭ. ނުނިދާ ނަމަވެސް އަހަރެން އެބަޖެހޭ މިމަސައްކަތް ނިންމަން. އަހަރެން ނިދަން ދާނީ މިމަސައްކަތް ނިންމާލާފައި. ” އަހްމަދަށް ހިނިތުން ވެލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އެހެންތަ؟ އޯކޭ. އޭރުން އަހަރެން ދަނީ. އެހީއެއް ބޭނުން ވެއްޖެއްޔާ އަހަރެންނަށް ފޯނުކޮށްލާތި. ” އެހެން ބުނެފައި އަހްމަދު ގޮސް އޮފީހުން ނުކުމެއްޖެއެވެ.
އަހްމަދު ދިޔުމުން އިނާ އަނެއްކާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. އެއާއެކު ލަވައިގެއަޑު ކުރިޔަށްވުރެ ބާރު ކޮށްލިއެވެ.
ކޮފީ ބޮމުން މަސައްކަތް ކުރަމުންދިޔަ އިނާ އޭނާގެ މަސައްކަތް މެދުކަނޑާލީ ބާރަޖަހާން ކައިރިވެފައި ވަނިކޮށެވެ. ކުރަމުންދިޔަ މަސައްކަތް ނިމުމަކާއި ގާތްވެފައިވާތީ އިނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ކޮފީބޯ ޖޯޑު ހިފައިގެން އޮފީހުގެ ތިރީބަޔަށް އިނާ އައިއިރު އެތަނުގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ. އިނާ ފިޔަވާ އެހެން އެއްވެސް މީހަކު އޮފީހުގައި އުޅޭހެނެއް ހިޔެއް ނުވެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ކުޑަ ނަމަވެސް އަލިކަމެއް ފެތުރިފައިވަނީ އޮފީހުގައި މެހެމާނުންނާއި ބައްދަލުކުރުމަށް ހަދާފައިވާ ފެންޑާތެރޭ ހުރި ބޮޑު މަސްޓޭންކުގެ ބޮކިތައް ދިއްލާފައި ހުރުމުން ނެވެ.
ޖޯޑު ހިފައިގެން ސައިކޮޓަރިއަށް ވަންނާން ދިޔަ އިނާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން ކޮންމެ ވެސް މީހެއްގެ ފިޔަވަޅުގެ އަޑު ކަހަލަ އަޑެއް ކުއްލިއަކަށް އިވުމުންނެވެ.
” ކާކު ؟ ” އަވަސް އަވަހަށް ފަހަތަށް އެނބުރިލަމުން ނުތަނަވަސްކަމާއިއެކު މަޑުމަޑުން އިނާއަށް ގޮވާލެވުނެވެ. އަޑުގައި އެކުލެވިގެންވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.
ނުތަނަވަސްކަމާއި ކަންބޮޑުވުމާއިއެކު އިނާ ވަށައިގެން ހޯދާލި ނަމަވެސް އެތަނަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ އޭނާއަށް ހީވި ގޮތެއްކަމަށް އިނާ ނިންމީ އެހެންވެއެވެ.
ސައިކޮޓަރިއާ ދިމާއަށް ދެވަނަ ފަހަރަށް ހިނގައިގަތް އިނާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ އެއްފަހަރާ އެތައް ބަޔަކު އޭނާގެ ނަމުން ގޮވާލުމުން ނެވެ.
” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” ކުއްލިއަކަށް ފެންޑާގެ ބޮކިތައް ދިއްލާލަމުން އެންމެން އެއްފަހަރާ ގޮވާލި އެވެ. އިނާ ބަލާލިއިރު އޮފީހުގެ މުއައްޒަފުން ހިނިތުންވުމާއިއެކު އޭނާއަށް ބަލަހައްޓައިގެން ތިއްބެވެ. އެމީހުންގެ އެޢަމަލުގެ ސަބަބުން އިނާ ގާތަށް ވެސް ހިނިއައެވެ. ވަރަށް އުފާވެ ހިތްހަމަ ވެސް ޖެހުނެވެ.
” ކާކުގެ ރޭވުމެއް ؟ ” އެންމެންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގާލަމުން އިނާ ސުވާލުކުރިއެވެ.
” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” މީހުންތައް ދުރައް ޖައްސާލުމަށްފަހު ކުރިޔަށް ޖެހިލަމުން އަތީލް ބުނެލިއެވެ.
އަތީލް ފެނުމާއެކު އިނާގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ.
އަތީލް އާއި އޭނާގެ ރައްޓެހިން ރާވައިގެން ފާހަގަކުރި އިނާގެ އުފަންދުވަހުގެ ހަރަކާތްތައް އެރޭގެ އެކެއް ޖަހަންދެން ކުރިޔަށް ދިޔައެވެ. އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގެ ސަބަބުން އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.
އިނާ ގެންގޮސް ގެއަށް ލާފައި އަތީލް ވެސް ދިޔައީ އޭނާގެ ގެއަށެވެ.
ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. އިނާ އޭނާގެ އާދައިގެމަތިން އޮފީހުގައި އޭނާގެ މަސައްކަތްތަކާއިގެން ހަރަކާތްތެރި ވަމުން ދިޔައެވެ.
ނާއިޒްގެ ވަކީލް ސާހިލް ގޮވައިގެން އިނާމެން އޮފީހަށް އައީ ހަސަން އެވެ. އިނާ އާއި ސާހިލް އެކަކު އަނެކަކަށް ތަޢާރަފްކޮށްދީ އެމީހުން އައި ބޭނުމުގެ ވާހަކަ ވެސް ދެއްކީ ހަސަން އެވެ. ހަސަންގެ ވާހަކަތަކުގައި ސާހިލް ވެސް ބައިވެރިވަމުން ދިޔައެވެ.
” އިނާ! އަހަރެމެން މިދައްކާ ވާހަކަތައް އަޑުއަހާ ވިސްނަބަލަ. ” އިނާއަށް ބަލާން އިނދެ ސާހިލް އެދެމުން ދިޔައެވެ.
” އިނާ ބޭނުންނަމަ ނާއިޒް ވެސް މިތަނަށް ގެނެވިދާނެ. ” ހަސަން ބުނެލިއެވެ.
” އެއްވެސް ޝައުޤުވެރިކަމެއް ނެތް. އަހަރެންނަކީ ވެސް ކަލޭމެން ކަހަލަ ވަކީލެއް. ކުދި ކުދި ކަންތައްތަކުގައި ވަކާލާތު ކޮށްދޭ އާދައިގެ މީހެއް. މިކަމުން އަހަރެން ހިތްހަމަޖެހޭ ވަރުވޭ …. ވައްކަން ކުރުން ރޭޕްކުރުން މީހުން މެރުން ފަދަ ކަންކަމުގައި ވަކާލާތުކުރުން އަހަރެން ދޫކޮށްލައިފިން. އެހެން ނޫނަސް މިހާރު ވެސް އަހަރުމެން މިއުޅެނީ ވަރަށް އަވަދިނެތި. ” އިނާ ވާހަކަ ދެއްކީ އޭނާގެ މަސައްކަތްތަކަށް ވެސް އިސާރާތް ކުރަމުންނެވެ.
” އަހަރެމެންނަށް ވެސް އިނގޭ އިނާ ބިޒީކަން. އެކަމަކު މިތަޙުޤީޤު ކަލެއަށް އިންތިޒާރު ކުރާނެ. އަހަރެންނަށް އިނގޭ ކަލެއަކީ ގޮތް ދޫނުކުރާ މީހެއްކަން. ކިތަންމެ ބޮޑުއަގެއް ދިނަސް ކަލޭ ގަބޫލެއް ނުކުރާނެ. އެކަމަކު. އަހަރުމެން ވަރަށް އެދެން ނާއިޒްގެ ފުރާނަ ސަލާމަތްކޮށްދޭން. ކަލެއަށް ވެސް އެނގޭނެ އޭނާއަކީ މިސަރުކާރާއި އިދިކޮޅު މީހަކަށް ވާތީ ކޮންމެފަދަ ގޮތަކަށް ވެސް މިކަން ނިމިގެން ހިނގައިދާނެކަން. ނާއިޒް ކަހަލަ މީހަކު ނެތިދިއުމަކީ ދެރަކަމެއް. ” އާދޭސްކުރާ ފަދައަކުން ސާހިލް ވާހަކަ ދައްކަމުން ދިޔައެވެ.
އެކަމުގައި އެހީތެރިވުމަށް ސާހިލްމެން އެދެމުންދިޔަ ވަރުން، ތިންމީހުން ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން މެންދުރުފަހު ދޭއްޖަހާކަން ހާއިރު ނާއިޒްގެ އޮފީހަށް އިނާ ދިޔައެވެ.
ކޮންމެ މުއައްޒަފަކަށް ވަކިން މަސައްކަތް ކުރެވޭނެހެން ވަކިމޭޒާއި ކޮންޕިއުޓަރ ސިސްޓަމް ބަހައްޓައި ނުހަނު ފުރިހަމައަށް ތައްޔާރު ކޮށްފައިވާ އެއޮފީހަކީ މުއައްޒަފުން މަސައްކަތް ކުރާ ހިތުން މަސައްކަތް ކުރާނެ ފަދަ ހިތްގައިމު އަމާން އޮމާން މާހައުލެއްކަން އެތަން ފެނުމުން އިނާއަށް ޔަގީންވިއެވެ. އެތަނުގެ ރޭވުންތެރިކަމާއި ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. އެއޮފީހުގެ އެއްކޮޅުގައި މައްޗަށް އަރާން ސިޑިއެއް ހަދާފައި ހުއްޓެވެ.
އެއޮފީހުން އިނާއަށް މަރުޙަބާކީ މެދުއުމުރުގެ ފިރިހެނެކެވެ. ގޮނޑިއެއް ދައްކައި އިށީންނާން ބުނެފައި އެމީހާ ދިޔައީ އިނާ އައިސް އެބައިން ވާހަކަ ނާއިލްގާތު ބުނެފައި އަންނާށެވެ. އެމީހާގެ މެހެމާންދާރީއަށް އިނާ ޝުކުރު އަދާކުރިއެވެ.
އޮފީހުގެ ހުޅަނގުކޮޅު ހުރި ސިޑިން ފައިބަމުން އައި ޒުވާން ފިރިހެން މީހާއަށް އިނާ ބަލާލި އެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނަކާއި ކޯޓެއްލައިގެން ހުރި އެމީހަކީ ނާއިލްކަމަށް އިނާ އަމިއްލައަށް ނިންމިއެވެ.
ނުނިމޭ