” އިނާ! އަހަރެންނަށް ހީވަނީ އިނާ ތިޔަ ހަދަނީ ގޯހެއްހެން. އިނާ ތިޔަ އުޅެނީ ކުށްވެރިއަކު ކުށުން ސަލާމަތް ކުރާން ކަންނޭނގެ. ” އިނާގެ މޫނަށް ބަލާން އިނދެ އަތީލް ވާހަކަ ދެއްކިއެވެ.
” ނޫން. އަހަރެން މިމަސައްކަތް ކުރަނީ ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ކުށެއް އަޅުވައި އޭނާ ހައްޔަރު ކުރާން އުޅޭތީ އެކަމުން ސަލާމަތް ކުރާން. ކުށެއް ނުކުރާ މީހަކަށް އަދަބެއް ލިބިގެން ނުވާނެއެއްނު. ” އޭނާ ގަބޫލުކުރާ ގޮތުގެ މައްޗަށް ބުރަވެ އިނާ ވާހަކަދެއްކި އެވެ.
” އަހަރެން މައްސަލައެއް ނެތް. ތިބުނާ ފޯންކޯލްތަކުގެ ތަފްސީލް އަހަރެން ހޯދާނަން. ހިނގާ ދާން. ” މޭޒުމަތީ ހުރި ކަރުދާސްތައް ރީތިކޮށްލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” ކޮންތާކަށް ؟ ” ހައިރާންކަމާއިއެކު އިނާ އަހާލިއެވެ.
” މިހާއަވަހަށް ހަނދާން ނެތުނީ ؟ …… މިއަދަކީ މިލްނާގެ އުފަންދުވަސް. އަހަރެންނަށް ހީވަނީ އަހަރެމެން އެތަނަށް ދިއުން މިހާރު ލަސްވެއްޖެހެން. ” އަތީލް ވާހަކަ ދެއްކީ ކޮޅަށް ތެދުވަމުންނެވެ.
” އަތީލަށް އަހަރެން ހަނދާން ކޮށްދޭން ޖެހޭތަ އަހަރެމެން މިއުޅެނީ ވަރަށް މުހިންމު މައްސަލައެއްގައިކަން. ” ކޮންމެ ވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރެގެން އިނާ ވާހަކަ ދެއްކިއެވެ.
” އަހަރެން ކޮންއިރަކު ތިކަން ކުރުން މަނާކުރީ ؟ ކަލޭ ތިކަމާއި ހަވާލުވި ފަހުން ތިޔަނޫން ކަމެއް އަހަރެމެން ނުކުރަން. ކަލޭ ބޭނުންވަނީ ކޮންކަމެއް؟ އޭނާ މިކަމުން ސަލާމަތް ނުވާހާ ހިނދަކު އަހަރެމެންގެ ދިރިއުޅުމަކީ މުހިންމުކަމެއް ކަމުގައި ނުދެކޭން ވީތަ ؟ ” އިނާއަށް ވިސްނައިދޭ ފަދައަކުން އަތީލް ވާހަކަ ދެއްކިއެވެ.
” ކުރާން ބޭނުންކަމެއް ކުރަންވީ. ޕާރޓީއަށް ދާން ބޭނުމިއްޔާ އެތަނަށްދޭ. އަހަރެން މިހާރު ބޭނުންވަނީ އިންސާނެއްގެ ފުރާނަ ސަލާމަތް ކުރަން. ” އަތީލްގެ ވާހަކަތަކުގެ ސަބަބުން ކޮންމެ ވެސް އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް މަޑުމަޑުން އިނާ ވާހަކަ ދެއްކިއެވެ.
ލަންމާގެ މަރުގެ މައްސަލާގައި ކޯޓަށް ދާންޖެހޭ ދުވަސް ގާތްވަމުން ދާވަރަކަށް އިނާގެ މަސައްކަތްތައް ވެސް އަވަސްވަމުން ދިޔައެވެ.
އިނާ އާއި ނާއިޒް ތިބީ ނާއިޒްގެ އޮފީހުގައެވެ. ނާއިޒް އާއި ވާހަކަދައްކަމުން ދިޔަ ނަމަވެސް ލެޕްޓޮޕުން އިނާ ކޮންމެ ވެސް އެއްޗެއް ލިޔަމުން ދިޔައެވެ.
” އަހަރެން މިކަމުން ސަލާމަތް ނުވެއްޖާ ދެން ކިހިނެތްވާނީ ؟ ” އިނާއަށް ބަލާލަމުން ނާއިޒް އެހިއެވެ.
” ސަލާމަތް ނުވާންވީ ކީއްވެ ؟ ކަލޭތަ އޭނާ މަރާލީ ؟ ” ކުރަމުންދިޔަ މަސައްކަތަށް ސަމާލުކަންދީގެން އިންގޮތަށް އިނދެ އިނާ އަހާލިއެވެ.
” މީހުން މެރުމަކީ މުހިންމު ކަމެއް ނޫން. އެކަމަކު އެހެން ގޮތަކުން ނަމަވެސް އެމީހުނަށް އަހަރެން ހައްޔަރު ކުރެވެންޏާއި ހައްޔަރު ކުރާނެ. އޭނާގެ ބޭނުމަކަށް ވާނީ އަހަރެން ހައްޔަރުކުރުން. ކޮންމެ ވަކީލަކު ވެސް ބޭނުންވާނީ އޭނާއަށް ކާމިޔާބު ލިބުން. އެމީހުން ކޯޓުގައި ދައްކާނީ ކޮންކަހަލަ ވާހަކަތަކެއް ކަމެއް ވެސް ނޭނގެ އެއްނު. އަހަރެން ހައްޔަރުކުރާން އެމީހުން ކިތަންމެ ބޮޑު ދޮގެއް ވެސް ހަދާފާނެ. އެހެން މިބުނީ …. ” ނާއިޒް ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް އިނާ ވާހަކަދައްކާން ފެށުމުން ނާއިޒް ވާހަކަ ދެއްކުން މެދުކަނޑާލިއެވެ.
” އެމީހުން ދޮގުހަދާނެ ވަރަކަށް ދޮގުހަދާން ފުރުސަތު ދީ. އަހަރެމެންގެ ތެދުވެރިކަމުން އަހަރެމެން ކާމިޔާބު ހޯދާނީ. ” ޔަގީންކަމާއިއެކު އިނާ ބުނެލިއެވެ.
” ތި ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ވެސް … ޖެހިލުންވަނީ. ރީސާމްގެ އެ ދޮގު ބަޔާންތަކަށް ބަލައިގެން އިސްގާޒީ މައްސަލަ ނިންމައިފި ނަމަ ކިހިނެތް ހަދާނީ ؟ ” މާޔޫސްކަމާއިއެކު ނާއިޒް އަހާލި އެވެ.
” ކަލޭ މަރާލާނީ. ” މަޑުމަޑުން އިނާ ބުނެލި އެވެ.
” އޭރުން …. ” ކިރިޔާ އިނާއަށް އަޑުއިވޭވަރަށް ނާއިޒަށް ބުނެލެވުނެވެ.
ނާއިޒަށް ވިސްނައިދީ އޭނާ ހަމައަކަށް އެޅުވޭތޯ އިނާ މަސައްކަތް ކުރަމުން ދިޔައެވެ. ލަންމާގެ މަރުގެ މައްސަލާގައި ދައުލަތުން ކުރަމުންދާ ދައުވާގެ އިތުރުން އޭނާއަކީ ސަރުކާރު ދެކޮޅު މީހަކަށް ވާތީ ކޮންމެފަދަ ގޮތަކުން ނަމަވެސް އޭނާ ހައްޔަރު ކޮށްފާނެ ކަމުގައި ނާއިޒަށް ގަބޫލުކުރެވެމުން އައި ގަބޫލުކުރުން އިނާގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔައެވެ.
ނާއިޒްގެ އޮފީހުން ނުކުމެގެން އިނާ އާއި ނާއިލް، އިނާމެން ގެއަށް ދިޔައީ ނާއިޒްގެ ކާރުގައެވެ.
ކާރު އައިސް އިނާމެން ގެކައިރިއަށް މަޑުކުރުމާއިއެކު އިނާ ކާރުން ފައިބާގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އިނާގެ އެޢަމަލުގެ ސަބަބުން ނާއިޒް ހައިރާންވި ނަމަވެސް އެއްޗެކޭ ނުބުނެ އިނެވެ. ވަރަށް ބާރަށް ހިނގާފައިދިޔަ އިނާ އެދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
އެނދުގައި އޮށޯތް ނަމަވެސް އިނާއަކަށް މާގިނައިރު ނުއޮވެވުނެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. އިނާގެ ލޯ އަމާޒުވީ ނާއިލަށެވެ. މަގުބައްތީގެ އަލީގެ ސަބަބުން ވަރަށް ރީތިކޮށް މަގުމަތި ފެންނާން އޮތެވެ. ކާރުގަ ލެގިލައިގެން އިނާމެން ގެއާއި ދިމާއަށް ބަލަހައްޓައިގެން ނާއިޒް ހުއްޓެވެ.
ގޭގެ ތިރިއަށް ފައިބާގެން އިނާ އައިސް ބޭރަށް ނުކުތްއިރު ނާއިޒް އައިސް ގޯތިތެރެއަށް ވަންނަނީ އެވެ. ނާއިޒް އައިސް އިނާ ގާތަށް ހުއްޓެމުން އިނާއަށް ބަލާލުމާއިއެކު އެދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ނާއިޒާއި ހަތަރުކަޅި ހަމަވުމާއިއެކު އިނާ އަށް ވީގޮތެއް އޭނާއަށް ވެސް ނޭނގުނެވެ. އަނގައިން ބަސް ހުސްވެ ހަރަކާތް ހުއްޓިފައި ނާއިޒަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއް ވާންދެންކަން އޭނައަކަށް ނޭނގެއެވެ.
އިނާއާ ގާތަށް ޖެހިލަމުން އިނާގެ އަތުގައިހިފައި ގާތަށް ދަމާލުމާއިއެކު އިނާ އައިސް ނާއިލްގެމޭގައި ލައްވެލިއެވެ. ނާއިޒްގެ ދެއަތް އިނާގެ ހަށިގަނޑުގައި ވަށާލި އިރު އިނާގެ ދެއަތް ވެސް ނާއިލްގެގައިގައި ވަށާލެވިއްޖެ އެވެ.
އިނާއާ ނާއިޒްގެ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ.
ނާއިޒްގެ ފަރާތުން ލިބެމުންދިޔަ ލޯބިވެތި ފިރުމުންތަކާއި އޯގާތެރި ހިތްހެޔޮ ބަސްތައް ލިބޭވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. އެ އޯގާތެރިކަމާއި ހިތްހެޔޮކަމަށް އެދި އިނާގެހިތް ގޮވަމުން ދިޔައީ ނާއިޒާއި ދުރުގައި ހުންނާން އުނދަގޫ ވާ ވަރަށެވެ.
އިނާ އާއި ނާއިޒްގެ މެދުގައި އުފެދުނު ލޯބީގެގުޅުން ވެގެން ދިޔައީ އެދެމީހުން ފިޔަވާ އެހެން އެންމެންގެ ލޯތަކަށް ސިއްރު ވެގެން ގޮސްފައިވާ ލޯތްބަކަށެވެ. އެކަކު އަނެކަކާއި ވަކިނުވެ އުމުރުދުވަހު އެކުގައި އުޅުމަށް ޢަހުދުތަކާއި ވަޢުދުތައް ވަމުން ލޯބީގެ ގުލްދަސްތާތަކުގައި މާތައް ފޮޅުވަމުން އުފާކުރަމުން ދިޔައީ އެހެން މީހަކަށް ޝައްކު ވެސް ނުވާހާ ސިއްރުން ނެވެ.
ލަންމާގެ މަރުގެ މައްސަލައިގައި އިނާ ކުރަމުން ދިޔަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ވެސް މީހަކު ސިޓީތަކެއް އިނާއަށް ފޮނުވަން ފެށިއެވެ. ސިޓީތައް ފޮނުވަނީ ކާކުކަން ނޭނގުނު ނަމަވެސް އެ ސިޓީތަކަކީ ނާއިޒަކީ ކުއްވެރިއެއް ނޫންކަމާއި އެކަން އެނގޭނެ މީސްމީހުންނާއި އެމީހުންނާއި ބައްދަލުވާނެގޮތް ބުނެދީފައިވާ ސިޓީ ތަކެކެވެ. އެކަމުގެ ސަބަބުން އިނާއަށް ފަސޭހަތަކެއް ވާނެކަން އެނގުނު ނަމަވެސް ހުރިހާ ސިޓީތައް އެއްކޮށް ބަލާލުމުން އިނާއަށް އެހެން ކަމެއް ފާހަގަ ކުރެވުނެވެ.
ހުރިހާ ސިޓީން ވެސް އެއްކަމެއް ފާހަގަކުރެވިގެން ބަލަމުން ދިޔަ އިނާއަށް ސިޓީތަކުގައި ބޭނުންކޮށްފައިވާ ސީނުގެ ފަހަތުބައި ނެތްކަން ފާހަގަ ކުރެވުނެވެ. އެހުރިހާ ސިޓީއަކީ އެއްޓައިޕްރޭޓަރުން ޓައިޕްކޮށްފައިވާ ސިޓީތަކެއްކަން ޔަގީން ވެގެން ދިޔައެވެ. އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ހައިރާންކަމެއް ވެސް ލިބިގެން ދިޔައެވެ.
ނުހަނު ޝައުޤުވެރިކަމާއިއެކު ފަހަރަކު ސިޓީއެއް ބަލަމުން އޭގައިވާ ސީނުތައް ފާހަގަކުރުމާއިގެން މަޝްޣޫލްވެއިން އިނާ ސިއްސައިގެން ދިޔައީ އަތީލް އައިސް ދޮރު ކައިރިއަށް ހުއްޓެމުން ސަލާމް ގޮވާލި އަޑަށެވެ. ދޮރާއި ދިމާއަށް ބަލާލަމުން އިނާ ޖަވާބު ދިނެވެ.
އަތީލް އައިގޮތަށް އައިސް ހުއްޓުނީ އިނާގެ ކުރިމަތީގަ އެވެ. އިނާ އިސް އުފުލާލަމުން އަތީލަށް ބަލާލިއެވެ.
ރީތިކަމާއި ފުރިހަމަ ކަމުގައި ދެވަނައެއް ނުވާ އިނާގެ މޫނު ފެނިފައި އަތީލްގެ ހިއްސުތައް ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް އިނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް އަތީލަކަށް ނޭނގުނެވެ.
” އަތީލް! މިއޮތީ ވެސް ސިޓީއެއް އައިސްފަ. ” އަތީލްގެ އަތަށް ސިޓީއެއް ދިއްކޮށްލަމުން އިނާ ބުންޏެވެ.
” އޭނާ އަކީ ކުށްވެރިއެއް ނޫން. ” ސިޓީ ބަލާލަމުން އަތީލް ބުންޏެވެ.
” ކާކަށް އެކަން އެނގެނީ ؟ ކާކު ސިޓީ ފޮނުވަނީ ؟ ” ކޮޅަށް ތެދުވަމުން އިނާ ވާހަކަ ދެއްކިއެވެ.
” އިނާ ފަދައިން ނާއިޒް ސަލާމަތްކުރަން މަސައްކަތް ކުރަމުންދާ އެހެން މީހަކު ހުރެދާނެއެއްނު. ” އިނާއަށް ބަލަން ހުރެ އަތީލް ވާހަކަ ދެއްކި ނަމަވެސް އިނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
” އެކީއްވެ؟ ” ހައިރާންކަމާއިއެކު އިނާއަށް އަހާލެވުނެވެ.
” ތިޔަ ސިޓީތަކަށް ބަލާލުމުން ވެސް އެކަން އެނގޭ. އެހެން ސިޓީތަކެކޭ އެއްގޮތަށް ތިޔަ ސިޓީގައި ވެސް ސީނުގެ ފަހަތުބައި ނެތެއްނު. ” އަތީލް ވާހަކަ ދެއްކީ އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެއެވެ.
” މިކަން ކުރަނީ ކާކު؟ އެމީހަކު ހޯދަން މަސައްކަތް ކޮށްބަލަ. ” ސިޓީތައް ނަގައި ފައިލަކަށް ލަމުން އިނާ ވާހަކަ ދެއްކީ ކަންބޮޑުވުމާއި އެކުގައެވެ.
” ތިއީ ވަރަށް ފަސޭހަކަމެއް. އަހަރެން ފަހަރަކު ގެއަކަށް ގޮސް އަހާނަން ސީނުގެ ފަހަތުބައި މަދު ޓައިޕްރޭޓަރެއް ގެންގުޅެން ތޯ؟ ” ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުމާއިއެކު އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން އެހެން ބުނީ ތިޔަ ނިޔަތަކު ނޫން. ” ޖީބުން ފޯނު ނަގަމުން މާޔޫސްކަމާއިއެކު އިނާ ބުނެލިއެވެ.
” ރޭގަ ވެސް އިނާ އުޅުނީ ގޭގައެއް ނޫނެއްނު؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” ނޫން. އަހަރެން އުޅުނީ ގޭގަ. ” އަވަސް އަވަހަށް އިނާ ޖަވާބު ދިނެވެ. އަދި ކޮންމެ ވެސް ނަންބަރަކަށް ގުޅާލަމުން ކަންފަތާއި ފޯނު ކައިރިކޮށްލި އެވެ.
” ފޯނު ނުނެގީ ކީއްވެ؟ ” އަނެއްކާ ވެސް އަތީލް ސުވާލު ކުރިއެވެ.
” ފޯނު އޮންނާނީ ޗާޖަށް ޖަހާފައި. ” އިނާ ޖަވާބު ދިނީ ފޯނަށް ބަލާން ހުރެއެވެ.
” ތިއީ ހުސް ދޮގު. ކާކަށް ފޯނު ތި ކުރަނީ؟ މީހުން މަރާ މީހާއަށް ތަ؟ ” ހިތްހަމަ ނުޖެހުމާއިއެކު އަތީލް ވާހަކަދެއްކި އެވެ.
” ކީކޭ ތި ބުނީ؟ ” ހައިރާންކަމާއިއެކު އިނާއަށް އަހާލެވުނެވެ. އަވަސް އަވަހަށް އަތީލަށް ބަލާލިއެވެ.
” ނާއިޒަކީ މީހުން މަރާ މީހެއް. ސިއްރުން މީހުން މަރާ މީހެއް. ” އަތީލް ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ.
” ތިހެން ތިބުނަނީ އަތީލެއް ނޫން. ތިއީ ކަލޭ އޭނަ ދެކެ ރުޅިއަންނާތީ ކަލޭގެ ނަފްސު ބުނާ ބުނުމެއް. އޭނާގެ ސަބަބުން ކަލޭގެ އެތެރެހަށި ތިޔަ އަނދަނީ. ” އަތީލް ހަމައަކައަށް އަޅުވަން އިނާ މަސައްކަތް ކުރިއެވެ.
” އޭނާގެ ސަބަބުން އަހަރެންނަށް ކަމެއް ވެއްޖެތަ؟ އެ ގާތިލްގެ ސަބަބުން އަހަރެންނަށް ގޮތެއް ވެއްޖެތަ؟ ” އަތީލްގެ ރުޅިވެރިކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. ނުނިމޭ