ކޯޓުން ނުކުމެގެން އަތިރިމައްޗާއި ދިމާއަށް އިނާ ހިނގައިގަތްއިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދަނީ މާޔޫސްކަމާއި ހިތާމައިގެ ކުލަވަރެވެ. އޭނައަށް ގޮވަމުން އޭނާގެ ފަހަތުން ނާއިޒް އައި ނަމަވެސް އެކަމަކަށް އިނާ ސަމާލުކަމެއް ނުދެއެވެ. އޭނާ ހިނގަމުން ދިޔަގޮތަށް ދިޔައެވެ.
ނާއިޒްގެ ގޮވުމަށް އެއްވެސް ސަމާލުކަމެއް ނުދީ ހިނގަމުންދިޔަ އިނާއަށް، ހުއްޓެން މަޖުބޫރުވީ ނާއިޒް އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުން ނެވެ.
” އިނާ! މަޑުކޮށްބަލަ …. މަޑުކޮށްބަލަ. ” އިނާގެ އަތުގައި ހިފަމުން ނާއިޒް އެދުނެވެ.
ނާއިޒް ވާހަކަދެއްކި ނަމަވެސް ނާއިޒާއި ވާހަކަދައްކާކަށް އިނާ ބޭނުމެއް ނުވިއެވެ.
ނާއިޒްގެ އާދޭސް ކުރުންތަކާއި ހުރަސްއެޅުން ތަކުގެ ސަބަބުން އިތުރަށް ކުރިޔަށް ނުދެވޭނެކަން އެނގުމުން އިނާ މަޑުކުރިއެވެ. އަދި މަގުގެ އެއްފަރާތުގައި ހުރި ދިއްގާގަސް ކައިރިއަށް ޖެހެލިއެވެ.
” އިނާ! އާދޭސްކޮށްފައި ބުނަން …. މަޑުކޮށްބަލަ. ” އިނާއަށް ބަލާލަމުން ނާއިޒް އެދުނެވެ.
” ކުށްވެރިއަކީ އަހަރެން. އަހަރެން ކަލެއަށް އިތުބާރު ކުރީތީ ކަލޭ އަހަރެންގެ ބޭނުން ތިޔަ ހިފަނީ ރަނގަޅަކަށް ނޫން. ކަލޭ އަހަރެން ބޭނުންކުރަނީ ކަލޭގެ ހިމާޔަތަކަށް. ” އިނާ ވާހަކަދެއްކިއިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
” އެގޮތަކަށް ނޫން. އަހަރެން ކަލޭ ކައިރީ ބުނަން ބޭނުންވި. އެކަމަކު …. ” ނާއިޒް މެދުކަނޑާލި އެވެ.
” އެކަމަކު …. ކީއްވީ؟ ” އިނާ އެހިއެވެ.
” އަހަރެން ހިޔެއް ނުކުރަން އެކަން ޕޮލިހުންނާއި ހަމައަށް ދާނެކަމަކަށް. އެހެންވީރު …. ” އިނާ ވާހަކަދައްކަން ފެށުމުން ނާއިޒް ވާހަކަ ދެއްކުން މެދުކަނޑާލި އެވެ.
” އަހަރެން ނުދައްކަން ޕޮލިހުންގެ ވާހަކައެއް. އަހަރެން މިދައްކަނީ އަހަރެންގެ ވާހަކަ. އަހަރެން ކުރިން ވެސް ކަލޭ ކައިރީ ބުނެފައި އޮންނާނެ ދޮގެއް ހަދައިފިނަމަ އަހަރެން މިކަން ދޫކޮށްލާނަމޭ. ” ނާއިޒްގެ ވާހަކަ މެދުކަނޑާލަމުން ނާއިޒަށް އިނާ ހަނދާން ކޮށްދިނެވެ.
” އަހަރެންނަށް ތިކަން އެނގޭ. އަހަރެން އެވާހަކަތައް ނުދެއްކީ އަހަރެންނަށް އިނާ ގެއްލެން ނޭދޭތީ. ” ނާއިޒް ޙަޤީޤަތް ހާމަކުރިއެވެ.
” އެކަމަކު … މިހިސާބުން ފެށިގެން އަހަރެން ވެސް … ކަލޭގެ ވަކީލް ވެސް ގެއްލުނީ. ” އިނާ އެހެން ބުނުމަށްފަހު ގެއާދިމާއަށް ހިނގައިގަތްއިރު އޭނާއަށް ރޮވިއްޖެއެވެ.
އިނާއަށް ބަލަހައްޓައިގެން ނާއިޒް ހުރި ނަމަވެސް އިނާ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ދިޔަގޮތަށް ދިޔައީ އެވެ.
ހިތާމަ އާއި ހިތްދަތިކަމާއިއެކު އިނާ ވަގުތުތައް ހޭދަކުރަމުން ދިޔަ ނަމަވެސް އެހެން މީހަކަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ. އެހެން މީހަކަށް އެކަން އަންގާކަށް އޭނަ ބޭނުމެއް ވެސް ނުވެއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އަބަދު ވެސް އިނާއަށް އެހީތެރިކަމާއި އެއްބާރުލުން ދެމުންދާ އަތީލް އޭނާގެ އާދައިގެމަތިން އިނާމެން ގެއަށް އިނާގެ އޮފީހަށް ދިޔައެވެ. އަތީލް ގޮސް އޮފީހަށް ވަތްއިރު ކޮންމެ ވެސް މަސައްކަތެއް ކުރަން މޭޒުކައިރީގައި އިނާ އިނެވެ.
” އިނާ! މިއޮތީ އަނެއްކާ ވެސް ސިޓީއެއް އައިސްފަ. ” އޮފީހަށް ވަދެ އިނާއާ ދިމާއަށް ހިނގައިގަންނަމުން އަތީލް ވާހަކަ ދެއްކިއެވެ.
އަތީލް އޮފީހަށް ވަދެގެން ދިޔަގޮތަށް ގޮސް އިނާއަށް ސިޓީ ދިއްކޮއްލި ނަމަވެސް، އިނާ އެކަމަކަށް އަޅައެއް ނުލިއެވެ.
” މިއޮތީ އިނާއަށް އައިސްފައިވާ ސިޓީއެއް. ” އިނާއަށް ސިޓީ ދިއްކޮށްގެންހުރެ އަތީލް ބުނެލި އެވެ.
ދެފަހަރަކު އަތީލް އެހެން ބުނުމުން އިނާ އެ ސިޓީގައި ހިފަމުން ބޭރުގައިވާ ލިޔުމަށް ބަލާލިއެވެ. އަދި ފޫހިކަމާއިއެކު ދުރަށް އެއްލާލިއެވެ. މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުކައިރިއަށް ހުއްޓި ބޭރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް އައިސްފައިވާ ބަދަލު އަތީލަށް ފާހަގަކުރެވެން ފެށިއެވެ.
އިނާގެ އެ މާޔޫސްކަމާއި ހިތްދަތިކަން ބަލަން ދުރުގައި ހުރުމަކީ އަތީލަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. މަޑުމަޑުން އަތީލް ގޮސް އިނާ ގާތަށް ހުއްޓުމުން އަތީލާއި ދިމާއަށް އިނާ އެނބުރުނުއިރު ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ. އިނާއާ ދިމާއަށް އަތީލަށް އެއްޗެކޭ ނުބުނެވެނީސް އިނާ ދުވެފައި ގޮސް އޮފީހުން ނުކުމެއްޖެއެވެ.
އިނާގެ އެޢަމަލުތަކުގެ ސަބަބުން އަތީލްގެ ވިސްނުން އެހެން ދިމަދިމާއަށް ދަތުރުކުރަން ފެށިއެވެ.
މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ.
އިނާމެން ގެއަށް އަތީލް ދިޔައިރު ފެންޑާ ގޮނޑިސެޓްގަ އޮށޯވެލައިގެން އިނާ އޮތެވެ. އޭނާގެ ހަރަކާތް ތަކުން ފެންނަމުންދަނީ ފަރުވާކުޑަ ކަމާއި މާޔޫސްކަމެވެ.
އަތީލް ދިޔަގޮތަށް ގޮސް އެތަނުން ގޮނޑިއެއްގައި އިށީނދެ ހަމަޖެހެލި އެވެ.
” އަހަރެން އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފިން. ޖިމާމްއާ ބެހޭ ވަރަށްގިނަ މަޢުލޫމާތު އެއްކޮށްފިން. އަހަރެންނަށް ހީވާގޮތުން ކަލެއަށް މިކަން ކާމިޔާބުވާނެ. ” އޭނާ ގެނައި ފައިލް ހުޅުވާލަމުން އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން އެކަންތައް ދޫކޮށްލަން މިއުޅެނީ. ” އަތީލްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އިނާ ބުނެލި އެވެ.
” ނާއިޒް ކަލެއަށް ދޮގުހެދީމަތަ؟ ” އިނާއަށް ބަލާލަމުން އަތީލް އެހިއެވެ.
” އަހަންނަކަށް ނޭނގެ. ” ފަރުވާކުޑަ ރާގަކަށް އިނާ ބުނެލިއެވެ.
” ނާއިޒްގެ ބަދަލުގައި އެހެން މީހަކު އެގޮތަށް ދޮގުހެދިނަމަ މައްސަލަ ދޫކޮށްލާނަންތަ؟ ” އަތީލް އެހެން އެހުމުން އިނާ އެތަނުން ތެދުވެގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަ ތެވެ.
” މިމައްސަލަ ކާމިޔާބުކުރަން ކަލޭ ކިހާވަރަކަށް އުޅުނިން ….. މިހާރު ކީއްވެ ބޭނުން ނުވީ؟ ” ކޮޅަށް ތެދުވަމުން އަތީލް ވާހަކަ ދެއްކިއެވެ.
” އަހަރެން ބުނެފީމެއްނު އަހަރެންނަކަށް ނޭނގެއޭ. ” ހަޅޭލަވައިގަންނަ ފަދައަކުން އިނާ ބުންޏެވެ.
” ކަލެއަށް އެނގޭނެ. ކަލޭ ތިކަން ތި ދޫކޮށްލަނީ ކަލެއަށް ވެސް އޭނައަކީ ކުށްވެރިއެއް ކަމަށް ސައްކުވާތީ. ނާއިޒްގެ ދިރިއުޅުމުގައި އެހެން އަންހެނަކު ހުރުމުން ކަލޭގެހިތުގައި ވަނީ އަލިފާން ރޯވެފަ. ” ހިތްހަމަ ނުޖެހުމާއިއެކު އަތީލް ވާހަކަ ދެއްކިއެވެ.
” މިއީ އަހަރެންގެ އަމިއްލަ ކަމެއް. ” އެހެން ބުނުމަށްފަހު އިނާ އަވަސް އަވަހަށް ގޮސް އޮފީސްތެރެއަށް ވަނެވެ.
އިނާގެ ފަހަތުން އަތީލް ގޮސް އޮފީސްތެރެއަށް ވަތްއިރު އިނާ އިނީ ރޯށެވެ.
” އިނާ! ތެދު ވާހަކައެއް ބުނަންތަ؟ ކަލޭ ތިޔަ މައްސަލަ ދޫކޮށްލާ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވެއްޖެ. ހަޤީޤަތަކީ އަހަރެންނާއި ކަލެއާ ދޭތެރެއަށް ނާއިޒް އައި ފަހުން …… އޭނާ އަހަރެންނަށް ވަރަށް ގިނަ ދަތި އުނދަގޫ ޖައްސައިފި. މައްސަލަ ދޫކޮށްލާކަށް އަހަރެން ނުބުނާނަން. ކަލެއަށް ލިބޭ ކާމިޔާބަކަށް ކަލެއަށް ލިބޭ އުފަލަކަށް އަހަރެން ހުރަހެއް ނާޅާނަން. އެކަމަކު. ކަލޭ ވިސްނާލުމެއް ވެސް ނެތި ނާއިޒާއި ތިޔަ ގުޅުން ކަނޑާލީ. ތިހެން ކަންތައް ކުރުމުން ޖަޖުންނާއި އާންމުން މިހާރަށްވުރެ ބޮޑަށް ސައްކު ކުރާނެ. އެންމެން ވެސް ގަބޫލުކުރޭ އޭނައަކީ ކުއްވެރިއެއްކަން. ކަލޭ ބޭނުން ނުވިޔަސް ކަލޭގެ ޒަމީރު ކުރަން ބޭނުންވެގެން ކަލޭ ތިކަން ކުރާނެ. ކަލެއަކީ ވަކީލެއް. އޭނާގެ ފުރާނަ ސަލާމަތްކުރަން ކަލޭ މަސައްކަތް ކުރާނެ. ” އިނާއަށް ނަސޭހަތްދޭ ފަދައަކުން މަޑުމައިތިރިކަމާއި ހިތްހެޔޮކަމާއިއެކު އަތީލް ވާހަކަ ދެއްކިއެވެ.
ދެދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދަކީ އަނެއްކާ ވެސް ލަންމާގެ މަރުގެ ޝަރީޢަތް އޮތް ދުވަހެކެވެ. ޝަރީޢަތަށް ޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައްވެ އިސްގާޒީ ކޯޓަށް ވަޑައިގަތްއިރު ވެސް އިނާ ކޯޓަކަށް ނާދެއެވެ. އެތައް ބަޔެއްގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައިރު ހަސީލާއި އޭނާގެ ބައިވެރިންގެ ފަރާތުން ފެންނަމުން ދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ނާއިޒްގެ މޫނުމަތިން އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ހިތްދަތިކަން ފާޅުވާން ހުއްޓެވެ.
” އިސްގާޒީ! އަހަރެންނަށް މަޢާފްކުރޭ. ” ކޯޓްތެރެއަށް ވަންނަމުން އިނާ ވާހަކަ ދެއްކިއަޑު އިވިފައި ނާއިޒްގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އެންމެން އެއްފަހަރާ ކަހަލަގޮތަކަށް އިނާ އަށް ބަލާލި ވެސް މެއެވެ.
ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ސުވާލުކުރަން އިނާ އެދުމުން އިސްގާޒީ އޭނައަށް ފުރުސަތު ދިނެވެ.
” ޖިމާމް! ކުޅިވަރު އެކުވެނީގައި މަސައްކަތްކުރުމުގެ ކުރިން ކަލޭ އުޅުނީ ކޮންތާކު؟ ” ޖިމާމް ގާތަށް ހުއްޓެމުން އިނާ އަހާލިއެވެ.
” ސަރުކާރުގެ ވަޒީފާގައި. ” ޖިމާމް ބުނެލި އެވެ.
” ސަރުކާރު …. ވަޒީފާ ދޫކޮށްލީ ކީއްވެ؟ ” ހައިރާންކަމާއިއެކު އިނާ އަހާލެވުނެވެ. ސަރުކާރު ވަޒީފާއެއް އަމިއްލައަށް ދޫކޮށްލުމަކީ އޭނައަށް ގަބޫލު ކުރުން އެހާ ފަސޭހަކަމަކަށް ނުވިއެވެ.
” ތިބުނި އެއްޗެއްގެ މާނައަކީ ކޮބާ؟ ” އިތުރަށް ސާފުކުރަން ޖިމާމް ބޭނުންވި އެވެ.
” މާނަ ކަލެއަށް އެނގޭނެ. ސަރުކާރުގެ ވަޒީފާއިން ކަލޭ ވަކިކުރީ ދޯ؟ ” އިނާ އެހިއެވެ.
” ބޭކާރު އަނގަ ނުތަޅާ. އަހަރެން އަމިއްލައަށް ވަޒީފާއިން ވަކިވީ. ” ހިތްހަމަނުޖެހުމާއިއެކު ޖިމާމް ބުންޏެވެ.
” ކަލޭގެ ހަނދާން ވަރަށް ބަލި ……. ކަލޭ ހަނދާން ނެތުނީތަ ކަލޭ އެތަނުގެ ވަޒީފާއިން ވަކިކުރީ މީހެއްގެ އަންބަކާއި ގަދަކަމުން ބެހިގެންކަން. ކަލޭގެ އަޚްލާޤީ މައްސަލަތައް ގިނަވެ ނަސޭހަތުން ނުފުދިގެން ނޯޓިސްއެއް ވެސް ދިނެއްނު. ” އިތުރަށް މަޢުލޫމާތު އެނގޭކަން ހާމަވާ ފަދައަކުން އިނާ ވާހަކަދެއްކި އެވެ.
” އަހަރެން ބޭޒާރު ތިކުރަނީ ކީއްވެ؟ ކަލޭ އަތުގައި އޮތީ ކޮން ހެއްކެއް؟ ” ނުރުހުމާއިއެކު ޖިމާމް ވާހަކަދެއްކި އެވެ.
” މިކޯޓްގައި ވެސް ކަލޭ ބުނީމެއްނު ކަލެއާ ލަންމާއާ ގުޅުންތަކެއް އޮތްކަމަށް. ކަލޭ ކޯޓްގައި ބުނެފާނަންތަ ކަލެއާ ލަންމާ ގުޅުން ބޭއްވީ ކޮން ތަންތަނެއްގައި ކަން؟ ” ޖިމާމާއި ދުރަށް ޖެހިލަމުން އިނާ ވާހަކަދެއްކި އެވެ.
” އެއީ އެހާ މުހިންމު ވާހަކައެއް ނޫނެއްނު؟ …. ކޮންމެ ވެސް ތާކު އެކަން ވެސް ކޮށްފައެއްނު ވާނީ …. ބައެއް ފަހަރު އަހަރެން ގޭގައި. އަނެއްބައި ފަހަރު އޭނާގެ ގޭގައި. ” ނުބުނާން ހުރެފައި ކަހަލަގޮތަކަށް ޖިމާމް ކިޔައިދިނެވެ.
” އޭނަ އެންމެފަހުން ވެސް އުޅުނު ގޭގައިތަ؟ މިބުނީ ލަންމާ މަރުވެފައި އޮއްވާ ފެނުނު ގޭގައިހޭ. ” ޖިމާމަށް ބަލާލަމުން އިނާ ސުވާލުކުރި އެވެ.
” އާން … އަހަރެންނަށް ކިހިނެތް އެނގޭނީ އޭނަ މަރުވާނެކަމެއް. ނުވަތަ މަރާލާނެ ކަމެއް. ” ޖިމާމް ވާހަކަ ދެއްކިއިރު ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ.
” ލަންމާއަށް ކަލޭ ކޮށްދިން އެއްވެސް ކަމެއްގެ އަގު އޭނަ އަދާކުރިތަ؟ ” ޖިމާމާއި ސުވާލުކުރި ނަމަވެސް އިނާ ބަލާލީ ހަސީލަށެވެ.
” ކަލޭގަ ސިކުނޑި ގޯސްވީތަ؟ ކަލޭ ތިޔަ ހީކުރަނީ އަހަރެން މީ ކިހާވަރެއްގެ މީހެއް ކަމަށްތަ؟ ” އިނާގެ ވާހަކަ ތަކުން ހިތްހަމަ ނުޖެހިފައި ހުރި ޖިމާމްގެ ހިތްހަމަ ނުޖެހުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ.
” މާފްކުރޭ ޖިމާމް. އަހަރެންގެ މަޤްޞަދަކީ ކަލޭގެ ހިތް ހަލާކުކުރުމެއް ނޫން. ޖިމާމް! ކަލޭ ކޯޓްގައި ބުނެފާނަންތަ އޭނައާއެކު އެނދަށް އަރާފައި އެންމެފުރަތަމަ ކުރާކަމަކީ އޭނާގެ އަތްފައި ބަނުންކަން. އަހަރެންނަށް ވިސްނޭ ގޮތުގައި ސުކާފެއް ކަހަލަ އެއްޗަކުން …. ” އިނާގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.
” ހަލާކު ހުރި. ” ޖިމާމް ހަޅޭލަވައި ގަތެވެ.
” ކީކޭ ތިބުނީ؟ ” ހިނިތުންވެލަމުން އިނާ އަހާލި އެވެ.
” ހަލާކު ހުރި …. ކަލެއަށް ހަލާކު ހުރި. ” ޖިމާމް ހަޅޭލަވައިގަތްއިރު ހީވީ މޮޔަވީ ހެންނެވެ.
އިނާގެ އެވާހަކަތަކުގެ ސަބަބުން ރުޅިއައިސް ރަތްވި ޖިމާމް ފުންމައިގެން ތެދުވެ ހަޅޭލަވާން ފެށުމުން ކޯޓްތެރެ ހަލަބޮލިވެގެން ދިޔައެވެ. އިނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައިރު ހަސީލްމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ މާޔޫސްކަމުގެ އަސަރުތަކެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ. ނުނިމޭ