އެހެނިހެން

ދޯކާ

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ ކޯހުގެ ޢަމަލީ ތަޖުރިބާ ޙާޞިލް ކުރަން ރާއްޖެ ތެރެއަށް ކޮންމެ ހަމަހަކުން ދާންޖެހޭ ދަތުރު ތަކަކުން ދަތުރެކެވެ. މިފަހަރު ދާން ޖެހުނީ ރ.އުނގޫފާރަށެވެ. ކުލާހުގެ ކޮންމެ ތިން ކުއްޖެއް ވަކި ރަށްރަށަށް ފޮނުވިއިރު އަހަރެންނާއި އެއްކޮށް ދެން އައީ ދެ އަންހެން ކުދިންނެވެ. ރަށުގެ ޕޯސްޓް އޮފީސް ހުރި އިމާރާތުގެ މަތީ އެޕާރޓްމަންޓް އަހަރުމެން ތިބެން ހަމަޖެހުނެވެ. ދެ އަންހެން ކުދިންނަށް ވަކި ކޮޓަރިއެކެވެ. އަހަރެންނަށް ވަކި ކޮޓަރިއެކެވެ.

ބޮޑު ކޮޓަރިއެއް އަހަރެންނަށް އެކަނި ލިބުމުން އަހަރެން ރައްޓެހި ވެގެން އުޅޭ ކުއްޖާއަށް ގުޅައިގެން ހިތްހަމަޖެހިގެން އޮވެ ވާހަކަ ދެއްކޭނެތާއޭ ހިތަށް އެރިއެވެ. އަހަރެން އެމަންޖެއާއި ރައްޓެހި ވެގެން އުޅޭތާ އޭރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އުޅެނީ ވަރަށް ލޯބިންނެވެ. ތިބެނީ ދެމީހުންނަށް އެކަކު އަނެކަކާއި ނުލައި ނޫޅެވޭހާވަރު ވެފައެވެ.

އަހަރެން ހުންނަ ކޮޓަރީގެ ކުޑަދޮރުން އެމަގުމަތިން ހިނގާ ބިނގާވެ އުޅޭމީހުން ރީތިކޮށް ފެންނަން ހުރެއެވެ. އަހަރެން އެކަނި ކޮޓަރީގައި ހުންނައިރު އެ ހިތްގައިމު މަންޒަރު ބަލަން ގިނަވަގުތު ހުރެވެއެވެ. ބައެއްފަހަރު އެހެން ހުރަސްކުރާ އަންހެންކުދިންގެ ބައި ގަނޑު ގަނޑު ބަލާލާފައި ހިނިއަސް ފައި ތިބެ ތުން ތަޅުވަމުން ދެއެވެ. އަހަރެންނަށް ވަނީ މަޖާކަމަކަށެވެ.

ސްކޫލަށް ސްޓޫޑެންޓް ޓީޗަރ އަކަށް ދިޔަނަމަވެސް ހުރިހާ ސްޓާފުންވެސް ވަރަށް ހިތްހެޔޮވެފައި ރަހުމަތްތެރިއެވެ. އެހެންކަމުން މާ ގިނަ ދުވަހެއް ނުވެ ވަރަށް ގިނަ ސްޓާފުންނާއި ރަހުމަތްތެރި ވެއްޖެއެވެ. ކޮންމެ ދުވަހަކު ވެސް ސްކޫލަށް ޢަމަލީބައި ފުރިހަމަކުރަން ގޮސް ސެޝަން ނިމިގެން ގެޔަށް އާދެވޭނީ ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.

ސްކޫލުގެ ގޯތިތެރޭގައި ކޮންމެ ހަވީރަކު ވޮލީ ކުޅޭ ވާހަކަ ބުނެފައި ވުމާއިއެކު އެދަވަހު ހަވީރު އަހަރުމެން ތިން ކުދިންވެސް ވޮލީކުޅެން ތައްޔާރު ވެލައިގެން ދިޔައީމެވެ. އަހަރުމެން ތިން މީހުންނާއި އެކު ބަޔަކަށް 6 މީހުން ހަމަވިއެވެ. އެހެންކަމުން ވަރަށް ފޯރިގަދަކޮށް ކުޅެވުނެވެ. އަހަރެންގެ ކުޅުން ރަނގަޅުވުމުން އެޓީމް ތެރޭގައި އަހަރެން ވަރަށް މަޝްހޫރުވެއްޖެއެވެ.

އެގޮތަށް ދެތިން ދުވަހަކު ކުޅެން ދިޔަތަނާ އެތާނގައި ތިބި އެއްފުރާގެ އަންހެން ކުދިން އަހަރެންނާއި ވަރަށް ދޯޅު ވެއްޖެއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވުނީ ރިޒްމާ އެވެ. ބަލާލަން މޫނުމަތިން މާ ދޮންވެފައި ރީތި ނުވިޔަސް އަޅައިގަންނަ ގޮތެއް ވާހަކަ ދައްކާ ދެއްކުމުގައި އާއި އުޅޭ ގޮތުން ހުރެއެވެ. ތަންކޮޅެއް ސްޕޯރޓީކޮށް އުޅޭތީ އަހަރެން ވަރަށް ގަޔާވިއެވެ. އަނެއްކާ ފްލާރޓް ކޮށް އުޅޭއިރު މީހަކަށް ދުލެއް ނުކުރާނެއެވެ.

އަނގައިން ކިތަންމެ ވަރުގަދައަކަސް އަހަރެންނަކީ މީގެ ކުރިން މިގޮތަށް އަންހެން ކުދިން އެހާ ގައިގޯޅިވެ އުޅުނު ނަސީބުވެރިއެއް ނޫނެކެވެ. އެކުދިން އެހެން އެއުޅެނީ އަހަރެން އައިސްހުރީ މާލެއިން ކަމަށް ވާތީ ކަންނޭނގެއެވެ. އަހަރެން ހުރީ ވަރަށް ފަޚުރުވެރި ވެފައެވެ.

ރިޒްމާ އާއި ބެހޭ މާގިނަ މަޢުލޫމާތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނާއި ބެހޭ ގޮތުންވެސް މާގިނަ ވާހަކައެއް ނުވެއް އަހައެވެ. އެހެންކަމުން އަހަރުމެންގެ ވާހަކަދެއްކުމުގައި ބަލަންޖެހޭ މާބައިވަރު ކަންތަކެއް ނެތެވެ.

ރިޒްމާ ގެއަށް ދާނީ އަހަރުމެން އުޅޭ ގެ ހުންނަ މަގުންނެވެ. އެދުވަހު އަހަރެންނާއި އެކު އައިސް އުޅޭ ދެ އަންހެންކުދިންނެއް ކުޅޭކަށް ނުދެއެވެ. އެހެންކަމުން ގެއަށް އައީ އަހަރުމެން ދެމީހުންނެވެ. އައި މަގުމަތީގައި ރިޒް އަހައިލިއެވެ.

“ޝާޑުއަށް މިހާރު ކިތަށް އަހަރު ވެއްޖެ..؟” ރިޒް އަހަރެންގެ އުމުރު އެހުމަކީ ފެހި ސިގްނަލެއްކަން އަހަރެންނަށް އެނގުނެވެ.

“ގެސްކޮށް ބަލަ..” އަހަރެން ސީދާ އުމުރު ނުބުނީ އެންމެ ސަބަބަކާއި ހުރެއެވެ. އެއީ ރިޒްގެ އުމުރު އަހަރެންނަށް އެނގިފައި ނެތީމައެވެ. ފެންނަ ފެނުމަށް އަހަރެންނަށްވުރެ ދޮށީ ވާނެހެން ހީވާތީއެވެ. އަހަރެން ސީދާ އުމުރު ބުނާތަނާ ރިޒް އަށްވުރެ ކުޑަވެއްޖިއްޔާ ފުރުޞަތު ގެއްލުނީއެވެ.

“އަމް.. ހީވަނީ 22 ހެން..” ވަރަށް ރަނގަޅަށް ވިސްނާލާފައި ބުންޏެވެ. އަހަރެންނަށް ކުޑަކޮށް ހިނިއާދެވުނެވެ. އެކަމަކުވެސް ބޭރަށް ނުދައްކާ ހިންދާލީމެވެ.

“ކިހިނެއް އެނގުނީ..؟ ޔަގީން އެކުދިން ކައިރީ އެހީކަން..” އަހަރެން ބޭނުންވީ ރިޒްއަށް ގެސްކުރެވުނީ ރަނގަޅު ޢުމުރުކަން އޭނާއަށް ޔަގީން ކުރުވާށެވެ. އެކަމަކު ކޮންތާކު ހެއްޔެވެ؟ އަހަރެންނަށް އަދި 21 ވެސް ވާނީ އަންނަ އަހަރުއެވެ.

އެހެން އެކި އަނގަ ތެޅުމުގައި ގެއާއި އަރާ ހަމަވިއިރު ރިޒް ފޯނު ނަގައިގެން ކުޅެއުޅޭތީ އަހަރެން ބޯދިއްކޮށްލީމެވެ. އޭރު ރިޒް އިނީ މިގް ތާޓީ ތްރީ އިން ޗެޓް ކޮށްލަ ކޮށްލައެވެ. އަހަރެންގެ އުންމީދު އިތުރަށް އާވިއެވެ. އެއީ އަހަރެންވެސް މިގުން ޗެޓްކުރާތީއެވެ. އޭރު ފްރީ އެސް.އެމް.އެސް ޕެކޭޖު ތަކާއި ވޮއިސް ޕެކޭޖް ތަކެއް ނުހުރެއެވެ. އަނެއްކާ މެސެޖް ކުރުންވެސް ވެފައި އޮންނަނީ އަގު ބޮޑު ކަމަކަށެވެ. އެހެންކަމުން މިގަކީ ވާހަކަ މަޖާކޮށްލަން އެކިއުމުރުގެ މީހުންގެ މެދުގައި އޭރު އެންމެ މަޤުބޫލު އެއް ވަޞީލަތެވެ. އަހަރެން އަވަހަށް ރިޒްގެ އައިޑީ ހޯދީމެވެ. އަދިއެޑް ކޮށްލާފައި ރިޒް ދަންދެން ބޭރުގައި މަޑުކޮށްލީމެވެ.

ފޫއަނބުރަމުން ހިނގާފައި ފަރި ގޮތަކަށް ރިޒް ދިޔަތަން ފެނި ރިޒްގެ ރީތި ވަނާތަކާއި މެދު އަހަރެންގެ ހިތުގައި އިތުރަށް ޝަޢުޤުވެރިކަން އުފެދުނެވެ. އަހަރެން ބަލާހެން ހީވެގެން ފަހަތަށް އެނބުރި ބަލާލާފައި އަހަރެން ބަލަން ހުރުމުން ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލާފައި ދިޔައެވެ. ރިޒްގެ މިކަހަލަ ކޮންމެ ޙަރަކާތެއް އެއީ އަހަރެންނަށް ލިބުނު ދަޢުވަތެއް ކަން އެނގެއެވެ.

އަހަރެން އަދި ކުއްޖަކާއި ރައްޓެހި ވެގެން އުޅުނު ކަމުގައި ވިޔަސް މާ ގައިގޯޅިވެ އުޅެއެއް ނަހަދަމެވެ. ގައިގޯޅިވާން ނުކެރެނީއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ހިތްހަމަ ނުޖެހިއްޖިއްޔާ އަހަރެން މާ ދެރަވާނެއެވެ. އޭރު ލަދުން ދެވަނަފަހަރަކަށް ކުރިމައްޗަށް އަރާކަށްވެސް ނުކެރޭނެ އެއް ނޫންހެއްޔެވެ؟

މިއަދާއި ހަމައަށްވެސް އަހަރެންނަކީ ކުއްޖަކާއި ރައްޓެހިވެގެން ހުރެ އެހެން އަންހެން ކުއްޖަކާއި ގުޅުން ބޭއްވި މީހެއް ނޫނެކެވެ. އަހަރެންގެ ގޮތް އެނގޭ ރަށްޓެހިން އަހަރެންގެ ފިނޑިކަމާއި ނުކެރޭ ކަމަށް މަލާމާތް ކުރެއެވެ. ނަސީބު ރަނގަޅުކަމުން އަހަރެންނާއި ދިމާކުރަން މިފަހަރު އޭގެން އެކުވެސް ނެތެވެ. އަހަރެން ކޮންމެ އެއްޗެއް ހެދިޔަސް އެނގޭނެ މީހަކު ނުހުންނާނެތާއެވެ. އެހެން ކަމުން އަހަރެން މިފަހަރު ދާނީ ބޮޑުވެގެނެވެ. މި ޅަ ގޮތްގަނޑު ކަނޑުވާލާނަމެވެ. އަހަރެންނަކީވެސް ޖެހިލުމެއްނެތި އަންހެން ކުދިންނާއި އެކު ގައިގޯޅިވެ އުޅެން ކެރޭމީހެއްކަން ދައްކަން ބޭނުމެވެ. އަނެއްކާ ފުރައިގެން ދިޔައީމައި ނިމުނީއެއް ނޫންހެއްޔެވެ؟ ދެން ދުވަހަކުވެސް ނުފެންނާނެއެވެ. އެވާހަކަ ނުވެސް ދެކެވޭނެއެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއަކަށްވެސް ނޭނގޭނެއެއް ނޫންހެއްޔެވެ؟ އެހެންވީރު މައްސަލައަކީ ކޮބައިހެއްޔެވެ؟ މިފަހަރު އަހަރެން ފުރުޞަތުގެ ބޭނުން ހިފާނަމެވެ. އަހަރެން ގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ހަށީގައި ރޯވީ މުޅިން އާ ޖޯށެކެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެކެވެ. އަހަރެން ހުރީ ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހަށްޓައިގެން ފޯނުގައެވެ. ހިމަފޮދު ވާރޭ ވެހެމުންދާތީ އެމަންޒަރު ބަލަން ހިތް ދޫކޮށްލައިގެންނެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތައް އަހަރެންގެ ހާމައަށް ހުރި މޭމަތީގައި ވަޔާއެކު ބީހެމުން ދިޔައެވެ. އެކަހަލަ ގަޑިއެއްގައި ލޯބިވެރިޔާއާއި ވާހަކަދެކެވުނީމައި ކުރެވެނީ މުޅިން އެހެންކަހަލަ އުފާވެރި އިޙްސާސެކެވެ.

އެހެންހުއްޓައި ކުޑައެއް ހިފައިގެން އައިސް ޖެހިގެން ހުރި ކަންމަތީގައި ރިޒް މަޑުކޮށްލިތަން ފެނިއްޖެއެވެ. އޭރުވެސް އޭނާ ހުރީ އަތުގައި އޮތް ފޯނާއި ކުޅެލަ ކުޅެލަ އެވެ. އަހަރެން އަވަހަށް އުޒުރެއް ދައްކާލައި ފޯނު ބޭއްވީމެވެ. އަދި ވަގުތުން މިގް ހުޅުވައިލީމެވެ. ނަސީބު ވަރަށްވެސް ރަނގަޅެވެ. ރިޒް އިނީ އޮންލައިންގައެވެ. އަހަރެން ޕްރައިވެޓް ޗެޓަކުން ހާއި ޖަހާލާފައި އަނގަތަޅަން ފެށީމެވެ.

“ހާދަރީއްޗޭ ތިހެން އެއްބައި ތެންމާލައިގެން ކުޑައެއްގެ ދަށުގައި ހުންނަ އިރު..” ވިންކެއް ދެމުން އަހަރެން ފްލާރޓް ކޮށްލީމެވެ. ވަގުތުން ރިޒް ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ. އަހަރެން ބަނޑު އެނތެރެއަށް ހިންދާލައި މަސްތައް ހަރުކޮށްލީމެވެ. އަހަރެންގެ ހަށިގަނޑުގެ ރީތިކަން ދައްކާލާށެވެ. ރިޒް ބަލާލާފައި ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. އެއަށްފަހު އަނެއްކާވެސް ފޯނުގެ ފިއްތަކަށް އޮބައިގަނެއްޖެއެވެ. އަހަރެންނަށް މެސެޖެއް އައެވެ.

“ތިހެން އެއްޗެއް ނުލާ ހުންނަ އިރު ތީނަވެސް ހާދަ ރީއްޗޭ.. ފިންޏެއް ނުވޭތަ..؟” މެސެޖް ކިޔާލުމަށްފަހު އަހަރެންގެ ގާތަށް އައީ އައު ފޯރިއެކެވެ.

“ނޫނޭ.. ވަރަށް ފިނި.. އެކަމަކު ކީއްކުރާނީ، ފިނިވިޔަކަސް ހީފިލުވައިދޭނެ މީހަކު ހުރީކީއެއް ނޫން..” އަހަރެންނަށް ސީދާ ލާނެތް އެއްޗެއް ބުނަން ކުކެރިގެން އެތައް ގޮތަކަށް މެސެޖް ބަދަލުކޮށްލާފައި އެންމެ ފަހުން ފޮނުވައިލީމެވެ.

“ދާން ވީތަ ހީފިލުވައިލަ ދޭން..” މެސެޖެއް އައުމުން ކިޔައިލީމެވެ. އަހަރެންގެ މޫނުމަތި ރަތްވެގެން ދިޔައީ ރިޒްގެ ލާނެތް ކަމުންނެވެ. އަހަރެން ވަރަށް ހަމަޖެހޭ ކަމަށް ވެފައި އަހައިލީމެވެ.

“ކެރޭނެ އަންނަން؟”

“ކީއްވެތަ ނުކެރެންވީ.. ނުދާންވީތަ..” ރިޒް އަނެއްކާވެސް އަހަރެން ތަޅުވައިލިއެވެ. އަހަރެން ތެޅިގަނެފައި ޖަވާބު ފޮނުވައިފީމެވެ.

“ނޫނޭ.. އެކަމަކު މިހާރު ގޭގަ ކުދިން އެބައުޅޭ.. އެކުދިންނަށް ފެނިގެން ވައްދާފިއްޔާ ވަރަށް މައްސަލަ ޖެހޭނެ.. އެހެންވެ..” އަހަރެން ކަންތައް އޮތްގޮތުގެ ވާހަކަ ކިޔައިދިނީމެވެ.

“ދެން އެހެން ފަހަރަކުން ދޯ..؟” ރިޒް ބުނެލިއެވެ. ރިޒް އަހަރެންނާއި ބައްދަލުކުރަން ބޭނުންވެފައި ހުރުމުން އަހަރެންވެސް އެކަހަލަ ފުރުޞަތެއް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

“އަހަރެން ތަނަކަށް ގަޑިކިއްޔާ އަންނަން ކެރޭނެތަ؟” އަހަރެން އަހައިލީމެވެ. އަލަށް އަންހެން ކުއްޖެއް މިހާ ގަބޫލުވެގެން ބައްދަލުކުރަން ދާން އުޅޭތީ އަހަރެން ހުރީ ހިތް އަވަސް ވެފައެވެ.

“ކީއްވެ ނުކެރެންވީ.. ޝާޑުއަށް ބައްދަލުކުރަން ކެރިގެނެއްނު..” އަނެއްކާވެސް އަހަރެން ފިނޑިއެކޭ ބުނާހެން ދިމާކޮށްލިއެވެ. މިފަހަރު އަހަރެންމީ ފިނޑިއެއް ނޫންކަން ކޮންމެހެން ވެސް އަންގާލަދޭނަމެވެ. ފަހުން ބައްދަލު ކުރެވުނީތީ ލަދުގަންނަ ވަރުކޮށްލާނަމޭ އަހަރެންގެ ހިތާ ހިތާ ބުނެލީމެވެ.

އެދުވަހުގެ ފަހުންވެސް އެކިފަހަރު މަތިން ލާނެތް ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ރިޒް އަހަރެންނާއި ދޭތެރޭގައި ޚާއްސަގޮތަކަށް ދޭކޭހެން ހީވެއެވެ. އެކަމަކު އަހަރެންގެ ހިތުގައި މާބައިވަރު އެއްޗެއް ނެތެވެ. ރިޒް އަކީ އަހަރެންނަށް އެކްސްޕެރިމެންޓެކެވެ. ނަމަވެސް ބައްދަލުކުރެވޭނެ ރަނގަޅުގޮތެއް ދިމާނުވާތީ ހުންނަނީއެވެ. ކޮޓަރިއަށް ގެންނަން އުޅެފައިވެސް ފަޅާއަރާފާނެތީ ނުކެރެނީއެވެ. އެހެން ހުއްޓާ ފުރާދުވަސް އައިސް ޖެހިއްޖެއެވެ.

މާދަމާއަކީ ފުރާދުވަހެވެ. މިރޭ ދިމާ ނުވެއްޖިއްޔާ ފުރުޞަތު ގެއްލުނީއެވެ. އަހަރެން ރިޒްކައިރީގައި މިރޭ ދިމާވާން ތައްޔާރުވެގެން ހުންނަށް ބުނީމެވެ. އެހެން އުޅެ އުޅެގެން އަހަރެންނާއި އެކު އައިސް ތިބި ދެކުދިން ކާން ދިޔަ ވަގުތު އަހަރެން ބޭރަށް ނިކުތީމެވެ. އޭގެ ދެރޭ ކުރިން އަހަރެން ރަށެތެރޭގައި ބުރު ޖަހާލައި އެކަހެރި ވެލަން ކަމުދާ ކަހަލަ ތަނެއް ފެނޭތޯ ވަނީ ބަލައިފައެވެ. އެގޮތުން އަހަރުމެން ތިބޭ ގެއާއި ކައިރީގައި ފަޅު ގެއެއް ހުރެއެވެ. އެ ގޭތެރޭ ރޭގައިވެސް މިގަޑީގައި އަހަރެން އެކަނި އިނީމެވެ. މީހަކު އާދޭތޯއާއި މަގުން ބަޔަކު ހުރަސްކުރޭތޯ ބަލާށެވެ. ހުރިހާގޮތަކުން ވެސް އެގެއަކީ ބައްދަލުކޮށްލަން ވަރަށް ކަމުދާ ގެއެކެވެ.

އަހަރެން އެގެއަށް ދަމުން ރިޒްއަށް މެސެޖް ކޮށް އަންނަން ބުނީމެވެ. ރިޒްއަށް އެގެ އެނގޭތީއާއި އެކު އަހަރެން ދިޔަތަނާ މާގިނައިރުތަކެއް ނުވެ އައިސްފިއެވެ. ރިޒްހުރީ ވަރަށް ނަލަ ހެދިލައިގެންނެވެ. ރިޒް އައުމުން އަހަރެން އަތުގައި ހިފާ ގާތް ކޮށްލީމެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. މިހާ ދުވަހު ބޭނުންވެހުރެފައި މިރޭ މިގޮތަށް ދިމާވީމައި ދެކެވިފައި ހުރި ލާނެތް ވާހަކަތައް ހަނދާންވެފައި ކުޑަކޮށް ލަދުވެސް ގަތެވެ.

އަހަރެން ރިޒްކައިރިކޮށްލާ އަހަރެންގެ މެޔާލާ ބޮނޑިކޮށްލީމެވެ. އޭރު އަހަރެން ރައްޓެހި ވެގެން އުޅޭ ކުއްޖާ ގުޅައެވެ. ހީވަނީ އަހަރެން އެތަނަށް ދިޔަކަން އެނގިގެން ގުޅާހެނެވެ. އަހަރެން ވަގުތުން ފޯނު ނިވާލީމެވެ. އަހަރެން ބޭނުންވީ ރިޒްއަށް ދެން ލަދުން އަހަރެންގެ ކުރިމައްޗަށް އަރަން ނުކެރޭވަރު ކޮށްލާށެވެ. ދުވަހަކު ހިތުން ނުފިލާނޭ ހަނދާނެއް ރިޒްއަށް ދީފައި ދާށެވެ. ދެމީހުންމެ އެކަކު އަނެކެއް ގައިގާ ބީހެމުން ދިޔައީމެވެ. ލޯބީގެ ފިރުމުންތަކުން އަރާމު ހޯދަމުން ދިޔައީމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ތެދުވެ ކުރެވުނު ކަންތަކާއިމެދު އަހަރެން ވިސްނައިލީމެވެ. އެވަގުތު ކިތަންމެ ފޮނި އިހްސާސެއް ކުރެވުނު ނަމަވެސް މިހާރު އަހަރެން އެބަ ދެރަވެއެވެ. ނަސީބު ރަނގަޅުކަމުން ފަހުން ދެރަވާންޖެހޭވަރުގެ ކަމެއް ރެއަކު ނުކުރަމެވެ. އަހަރެންނަށް ނުކެރުނީއެވެ. ނަމަވެސް އެ ހަނދާން އަހަރެންގެ ހިތަކުން ނުފޮހެވޭނެއެވެ. ކިތަންމެ ނޫން ކަމަށް ހެދިގެން ހުއްޓަސް އަހަރެންގެ ހިތުގައި ރިޒް އާއި ދޭތެރޭގައި ގާތްކަމެއް ވަނީ އުފެދިފައެވެ. އަހަރެން މިޔަދު ފުރައިގެން ދާން ރާވާފައި އޮތީ ރިޒްއަށް ފެނިވެސް ނުލައެވެ. ނަމަވެސް މިހާރު އަހަރެންގެ ހިތަކަށް ރިޒްއަށް ފެނިނުލާ ދާކަށް ކެތެއް ނުކުރެވެއެވެ. އަދި ކީއްހެއްޔެވެ؟ އެ ހިނގައިދިޔަ ކަންތަކަށް ފަހު ރިޒް ދޫކޮށްފައި ދާންވެސް އަހަރެން ބޭނުމެއް ނޫނެވެ. މިހާރު ރައްޓެހި ވެގެން އުޅޭ ކުއްޖާއާއި ރުޅި ވެފައި ވެސް އަހަރެން ރިޒް އާއި އެކު އުޅެން ބޭނުމެވެ. އަހަރެން ރިޒްއާއި ބައްދަލުކުރަން މިރަށަށް އަދި އަންނާނަމެވެ. ރިޒްއަށް ދޯކާއެއްދީފައި އަހަރެންނެއް ނުފިލާނަމެވެ. އަހަރެންނަކީ އެހާ ނުބައި މީހެއް ނޫނެކެވެ.

މިހުރިހާ ޚިޔާލުތަކެއް ހިތުތެރޭގައި އެނބުރި ގަތުމުން އަހަރެން ތެދުވެ ފެންވަރާލައި ތާޒާ ވެލައިގެން ނިކުތީމެވެ. އޭރު ފުރާގަޑި ކައިރި ވަނީއެވެ. އެހުރިހާ ވާހަކައެއް ރިޒްކައިރީގައި ބުނަން އަހަރެން ބޭނުމެވެ. ރިޒްއާއި ބައްދަލުކޮށޤލާ ހިތުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެއެވެ. ރިޒްގެ ފޯނަށް ގުޅާ ގުޅާ ފޯނަކަށް ޖަވާބު ނުދެއެވެ. ޔަގީނެވެ. އަހަރެންނަކީވެސް ދެދުވަހުގެ މެހެމާނެއްކަމާއި ދެން ދުވަހަކުވެސް ނުފެންނާނެ ކަން އެނގޭތީ ރިޒް މިހާރު ރޯނެއެވެ. ރިޒްގެ ހިތުން އަހަރެންގެ ހަނދާންތައް ދުވަހަކުވެސް ނުފިލާނެއެވެ. އަހަރެން އެކަހަލަ ވޭނެއް ރިޒްއަކަށް ދޭކަށް ބެނުމެއް ނޫނެވެ. އަހަރެން ރިޒްއަށް އުފާވެރި ޚަބަރު ދޭނަމެވެ.

ރައްޓެހި ކުއްޖެއް ކައިރީގައި އަހައިގެން ރިޒްގެ ގެ ހޯދައިގެން އަހަރެން ދުވަފައި، ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައީމެވެ. އޭރު ފުރަން ލާންޗު ދޮށަށް ކުދިން ދަނީއެވެ. އަހަރެން އެގޭ ގޯތިތެރެއަށް ވަންނަމުން ސަލާމް ގޮވައިލީމެވެ. އެނތެރެއިން ސަލާމް ބަލައިގަނެފައި ނިކުތީ ޒުވާން ފިރިހެނެކެވެ. އަތުގައި ދެއަހަރަކަށް ދާ ވަރުގެ ކުޑަކުއްޖެއް އޮތެވެ. އެއީ ރިޒްގެ ބޭބެކަން އެނގުނެވެ. ރިޒް އުޅޭތޯ އަހައިލީމެވެ. ފުރަން ދާންވެގެން ސަލާމްކޮށްލަން އައިސްލީ ކަމުގައި ބުނީމެވެ. އޭނާ ރިޒްއަށް ގޮވިއެވެ. ރިޒްއަށް އަހަރެން ފެނުމުން ކުޑކޮށް ސިހޭ ގޮތް ވިއެވެ. އަހަރެން އަންނާނެ ކަމަކަށް ރިޒްއެއް އުންމީދެއް ނުކުރާނެތާއެވެ. ރިޒްގެ މޫނު ފެނުނީމައި އަހަރެން އުފަލުން އޮޅުނެވެ.

“ފުރަންދާން ދޯ ތިދަނީ.. ހިތްހެޔޮކުރާތި..” ރިޒް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިފައި ހުރެއެވެ. ޔަގީނެވެ. އިތުރަށް ދެރަވެދާނެތީ ހިތްވަރުކުރަނީއެވެ.

“މީ އަހަރެންގެ ފިރިމީހާ.. ޒިހާން، މީ މާލެއިން ކޯސްހަދަން އައިސް އުޅޭ ޓީޗަރެއް، ޝާހިދު.. އެއީ އަހަރެންގެ ދަރިފުޅު. މިރަށަށް އާދެވިއްޖިއްޔާ ވާނެ މިގެއަށް އަންނަން..” ހިނިތުންވެލާފައި ރިޒްމާ އެ ބުނެލި އެއްޗަކުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

-ނިމުނީ-

2
0
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

3 ކޮމެންޓް - ލިޔުން: ”ދޯކާ“

  1. މިހާރުވެސް އެބަދޭ އެކަންތައް ކުރިޔަށް. ވަރަށް އުފާވެއްޖެ ޒީމާ އެހާ ކިޔާހިތުން ހުރީމަ. ތެންކްސް. 🙂

    0

    0

Leave a Reply

Your email address will not be published. Required fields are marked *