އެހެނިހެން

ސީއައިޑީ

ފުލުހުންގެ މަސައްކަތްތަކަށް ނުވަތަ ފުލުހުންނަށް ތަޢުރީފުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެބޭކަލުންގެ މަސައްކަތަށް ތާއިދެއް ވެސް ނުކުރަމެވެ. އަދި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެމެން އަތުލައި ގަތުމަށް ރޫބީ ކުރި މަސައްކަތް މޮޅުކަން ގަބޫލުކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފު ކުރެވުނެވެ. ފުލުހުންގެ ބެލުމުގެ ދަށުން ހާއްސަ ތަމްރީނުތަކެއް ލިބިގެން މޮޅު ރޭވުންތަކަކާއިއެކު އައިސް އަހަރެމެންނާއި ކުރިމަތިލީ ރޫބީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އަހަރެން ގަބޫލުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަމަކީ އޭނާގެ ވިސްނުންތެރިކަމާއި ރޭވުންތެރިކަމެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރާލެއް މޮޅުކަމެވެ.

ރޭގަނޑު ބާރަ ޖަހާކަން ހާއިރެވެ. ރަށަށް ދިއުމަށްޓަކައި ފެރީދޯންޏަށް އެރި ސަބީނާއަށް ރޫބީ ފެނުނީ ދޯނިތެރޭގައި ވާނުވާ ނޭނގިގެން އެނބުރި އެނބުރި ހުއްޓައެވެ. މީގެކުރިން ދުވަހަކު ވެސް ދިމާވެފައި ނުވާ އެއަންހެންކުއްޖާއާ ވާހަކަދައްކާލާ އެއީ ކާކުތޯ ޔަގީންކޮށްލަން ސަބީނާ ބޭނުންވިއެވެ. އޭނާ އަކީ މުޅިން އަލަށް އެދޯންޏަށް އެރި މީހެއްކަން އޭނާގެ ޢަމަލުތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.

ރޫބީއާ ވާހަކަދައްކަން ބޭނުންވީ ސަބީނާ ނަމަވެސް، ސަބީނާ ވާހަކަ ދެއްކުމުގެ ކުރިން ރޫބީ އައިސް ސަބީނާއާ ވާހަކަ ދެއްކިއެވެ. ހާލުއަހުވާލު އޮޅުން ފިލުވާލަމުން އަމިއްލައަށް ތައާރަފްވެލައި ސަލާމް ކޮށްލިއެވެ. ރޫބީ އެކޭ އެއްފަދައިން ސަބީނާ ވެސް ރޫބީއާ ސަލާމްކޮށް ތައާރަފްވެލައި ވާހަކަދެއްކިއެވެ.

ސަބީނާގާތު ރޫބީ ބުނިގޮތުގައި ސަބީނާމެން ރަށަށް އޭނާ އެދަނީ އަލަށެވެ. އެރަށުގައި އޭނާގެ ރައްޓެއްސެއް ނުވަތަ ދެކެފަރިތަ މީހެއް ވެސް ނުހުންނާނެއެވެ. ހުންނާނެ ތަނަކާއި ކެއުމުގެ ކަންތައް ފައިސާ ދީގެން ހަމަޖައްސަން ޖެހޭއިރު އެކަން ކުރެވޭނެ މަގެއް ވެސް އޭނާއަކަށް އަދި ނުފެނެއެވެ. ފެރީދޯނި އެރަށަށް ލަފާނީ ފަތިސްވަގުތާއި ދިމާކޮށް ކަމަށްވާތީ އިރުއަރަންދެން އޭނާ ޖެހޭނީ ދޯނީގައި އިންނާށެވެ.

ދުވަހަކު ވެސް އަދި ނުދާ ރަށަކަށް ، ދަންނަމީހަކު ނުވަތަ ރައްޓެއްސެއް ވެސް ނޫޅޭ ރަށަކަށް މިފަދަ ވަގުތެއްގައި ކުއްލިއަކަށް ރޫބީ ފުރައިގެން ދިޔުމުގައި ސިއްރުތަކެއް ވާނެކަން ސަބީނާއަށް ޔަގީންވި ނަމަވެސް އެސުވާލު ކުރާކަށް ނުކެރުނެވެ. އަލަށް ދިމާވި މީހަކާއި އެފަދަ ސުވާލުތަކެއް ކުރުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެކަމުގައި އެނާއަށް ގަބޫލުކުރެވުނެވެ.

ރޫބީގެ ވާހަކަތައް އަޑުއެހުމަށްފަހު ސަބީނާ އަމިއްލައަށް ގޮތެއް ނިންމިއެވެ. މިފަދަ ދިގު ދަތުރެއް މިފަދަގޮތަކަށް އެކަނިމާއެކަނި އަލަށްކުރި ރޫބީއަށް ސަބީނާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބުނީ ސުކުރުއަދާނުކޮށް ނުހުރެވޭހާ ފުރިހަމައަށެވެ.

ރޫބީގެ އަތުން އެއްވެސް ހަރަދެއްނުކޮށް ސަބީނާގެ ގޭގައި ރޫބީއަށް ހުރެވޭނެގޮތް ސަބީނާ ހަމަޖައްސައި ދިނެވެ. ސަބީނާގެ ރައްޓެހިންނަކީ ރޫބީގެ ރައްޓެހިންނަށް ހަދައިދިނެވެ.

އުމުރުން ތޭވީހަކަށް އަހަރުގެ ރޫބީއަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. އަންހެނެއްގެ އަންހެންވަންތަކަން ދައްކައިދޭ ބައްޓަންތަކުގެ ފުރިހަމަކަމާއި ބައްޓަންތަކާއި ހަށިގަނޑުގެ ލާމެހުން އޭނާއަށް އިތުރުފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. ދިގުކޮށްފައިވާ ކަޅުކުލަގަދަ ފަން އިސްތަށިގަނޑާއި ކުލައަލި ހަށިގަނޑެއް ލިބިފައިވާ ރޫބީގެ ރީތިކަން އިތުރަށް ފުރިހަމަވަނީ އޭނާގެ މޫނުމަތީގެ ރީތިކަމާއި އައިބެއް ފާހަގަކުރެވެން ނެތުމުންނެވެ.

ރޫބީ ފެންނަ ކޮންމެމީހެއްގެ ހިތުގައި އޭނާއާމެދު ސައުގުވެރިކަން އުފެދޭހާ ވެސް އޭނާ ފުރިހަމަ ވެފައި އަންހެންވަންތަކަން ބޮޑެވެ. އޭނާގެ އެއަންހެންވަންތަކަމާއި ފުރިހަމަކަމަށް އިތުރުބާރެއް ލިބެނީ އޭނާ ބޭނުންކުރަމުންދާ ޒަމާނީ އަންނައުނާއި ކުރަމުންދާ މޭކަޕްތަކުގެ ސަބަބުންނެވެ.

ރޫބީ އެރަށަށްއައި ދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް ސަބީނާއަށް އެންމެބޮޑަށް ފާހަގަ ކުރެވެމުންދިޔަ ކަމަކީ ރޫބީ އަބަދު ވެސް ކޮންމެވެސް ކަމަކާއި ހާސްވެ ކަންބޮޑުވެފައި ހުންނަ ހުރުމެވެ. އެކަމާއި ބެހޭގޮތުން ސުވާލުކުރަން ބޭނުންވި ނަމަވެސް ސުވާލުނުކޮށް މަޑުކޮށްލީ ރޫބީ އަމިއްލައަށް އެވާހަކަތައް ހިއްސާކޮށްފާނެކަމަށް ބަލާފައެވެ.

ސަބީނާގެ ރައްޓެހިންނާއި ރޫބީ ބަދަހިކުރި ގުޅުމުގެތެރޭން ވެސް އޭނާ އެންމެ ގަޔާވީ އަހަރެންނާއިކަން އަހަރެންގެ އިތުރުން އަހަރެންގެ ރައްޓެހިންނަށް ވެސް ފާހަގަކުރެވުނެވެ. ހަމައެހެންމެ ތަފާތު ގޮތްގޮތަށް ވާހަކަދައްކައި ވަގުތުގެ ބޭނުންހިފުމަށާއި މަލުގެ ފޮނިބޯލުމަށް ބުނަމުން ހިތްވަރުދެމުން ދިޔައެވެ. ސަމުސަލަށް އެޅުމުން ބޯލާންވީކަމަށާއި ނުބޯންވީ ސަބަބެއް ނެތްކަމަށް ވެސް ބުނަމުންދިޔަ އެވެ.

އަހަރެންގެ ރައްޓެހިން ބުނަމުންދިޔަ ފަދައިން ރޫބީ އާއި ހާއްސަ ގުޅުމެއް އުފެއްދޭތޯ އަހަރެން ވެސް މަސައްކަތްކުރަމުން ގެންދިޔައީމެވެ. އަދި އަހަރެމެންގެ އަމަލުތަކަށާއި އާދަތަކަށް އޭނާ ހޭނުވޭތޯ ވެސް މަސައްކަތްކުރަމުން ގެންދިޔައީ މެވެ.

އަހަރެމެންގެ ރޭވުމުގެ ބޮޑުބައެއް ވަރަށް ކާމިޔާބެވެ. އަހަރެމެން ބޭނުން ކޮންމެއިރަކު ރޫބީގެ ޚަރަދުގައި ހޮޓަލަށް ދަމެވެ. އޭނާގެ ޚަރަދުގައި ސިނގިރެޓް ގަންނަމެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް އޭނާ އަޅައެއްނުލައެވެ. ހާހެއް ނުވެއެވެ. ކަންބޮޑެއް ވެސް ނުވެއެވެ. އަބަދު ވެސް ފެންނަމުންދަނީ ރަހުމަތްތެރިކަމާއި ގާތްކަމެވެ. ހިތްހެޔޮކަމާއި ހިނިތުންވުމެވެ.

ރޫބީގެ އަމަލުތައް ހުންނަގޮތުން އޭނައަކީ ވަރަށް ފަސޭހައިން ސެޓްކޮށްލެވިދާނެ ޒުވާނެއްކަމަށް އަހަރެންގެ އިތުރުން އަހަރެންގެ ރައްޓެހިން ވެސް ބުނަމުން ދިޔައެވެ. އަހަރުމެނަށް ގަބޫލުކުރެވުނު ގޮތުގައި ރޫބީއަކީ މިޒަމާނުގެ ބަހުން ބުނާގޮތުންނަމަ ބަޑިއެކެވެ. ބޮޑު ބަޑިއެކެވެ.

އަހަރުމެންގެ ސިއްރުން ފުރިގެންވީ ރަސްމީ ވިޔަފާރީގެ ތެރެއަށް ރޫބީ ވެއްދީ އެކަމަށް ވެސް އޭނާގެ ފަރާތުން ފައިސާ އާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. އެކަން ވެގެން ދިޔައީ ރޫބީ ވެސް ވަރަށް ގަޔާވާ އަދި އެހާމެ ޝައުޤުވެރިވާ ކަމަކަށެވެ. އެކަމާއިގެން ކުރިޔަށްދިއުމަށް އޭނާ ނުހަނު ބޭނުންވާ ކަމަކަށް ވެސް މެއެވެ.

އަހަރުމެންނާއި ރޫބީގެ މެދުގައިވާ ގާތްގުޅުމުގެ ސަބަބުން އޭނާއާ މެދުގައިއޮތް އިތުބާރު ބޮޑުވަމުން ދިޔައެވެ. އަދި އަހަރުމެންގެ އެވިޔަފާރިއާ ބެހޭ ހުރިހާ މަޢުލޫމާތެއްދީ އެކަމާގުޅުންހުރި ފަރާތްތަކާއި ރޫބީ ރަހުމަތްތެރި ކުރުވީމެވެ. އެކަމުގެ ސަބަބުން ރޫބީގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔަކަން އަހަރެމެން އެންމެންނަށް ވެސް އެނގެއެވެ.

އަހަރެމެންގެ ސިއްރު ވިޔަފާރީގެ މައިމުގޫ ކަމުގައިވާ ހަރުސަމްއަށް ރޫބީ ވަރަށް ކަމުދިޔައެވެ. އޭނާއާ ވަރަށް ގަޔާވިއެވެ. ހަރުސަމް އެކޭ އެއްފަދައިން ރޫބީ ވެސް އޭނާއާ ވަރަށް ގަޔާވިއެވެ. ހަރުސަމްއާއެކު އޭނާ ހޭދަކުރާ ވަގުތު ގިނަވަމުން ދިޔުން އެއީ އެކަމުގެ ހެއްކެއްކަމުގައި އަހަރުމެން ނިންމީމެވެ.

ހަރުސަމް ބޭނުންވާ ފަދައިން ހަރުސަމްއާ އެކުގައި ރޫބީ ވަގުތު ހޭދަކުރަމުންދިޔަ ނަމަވެސް، ރޫބީގެ ފަރާތުން ހަރުސަމް އެންމެ ބޭނުންވާ ކަންތައް ނުވާކަމަށް ހަރުސަމް ބުނުމުން އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް ހައިރާންކަން ލިބިގެންދިޔައެވެ. އެވާހަކަތައް ގަބޫލުނުކުރާކަމަށާއި ހަރްސަމް ދޮގުހަދައި އޮޅުވާލަނީ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ރޫބީގެ ފަރާތުން ހަރުސަމް ބޭނުންވާ މަޤްސަދު ހާސިލް ނުވަނީ ދުވަސްވަރުގެ ގޮތުން ކަމަށް ރޫބީ ބުނަމުންދާ ބުނުން ޔަގީން ކުރުމުގެ ގޮތުން އަހަރެމެން ސަބީނާ އާއި ވާހަކަދެއްކުމުން ސަބީނާ އެކަން ޔަގީން ކޮށްދިނެވެ.

ސަބީނާ އެބުނާފަދަ ހާލަތުގައި ރޫބީ ހުރިނަމަ އެކަން ކާމިޔާބު ނުވެދާނެކަމަށް އަހަރެމެން އެއްބެސް ވީމެވެ.

އަހަރުމެންނާއިއެކު އުޅެން ފެށުމާއެކު ރޫބީގެ އުޅުމަށް ވަރަށްބޮޑު ބަދަލެއް އައެވެ. ކުރިން އަބަދުހެން ހާސްވެ ކަންބޮޑުވެފައި ހުރި ހުރުން ނިމުމަކަށް އައިސް އުފަލާއި ހިތްހަމަޖެހުން ފާޅުވާން ފެށިއެވެ. ހިނިތުންވެފައި ހުންނަވަގުތު ގިނަވަމުން ދިޔައެވެ.

ދެހަފްތާއެއްހާ ދުވަހު އަހަރުމެންނާއި އެކުގައި އުޅުމަށްފަހު ރޫބީ މާލެ ދިޔައީ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައެވެ. އަހަރެމެންގެ ސިއްރު ވިޔަފާރިއަށް ބޭނުންވާ ސާމާނު ވެސް ގެންނާނެ ކަމަށް ބުނެފައެވެ.

ރޫބީ މާލޭގައި ހުރި ނަމަވެސް އަހަރުމެންނާއި ގުޅައިގެން ހާލުއަހުވާލު އޮޅުންފިލުވާ ހަދައެވެ.

ދެތިން ދުވަސް މާލޭގައި ހޭދަކުރުމަށްފަހު އަނެއްކާ ވެސް ރޫބީ އައީ އެއްރޭ ފަތިހުއެވެ. އޭނާ ބޭނުންވި ފަދައިން އޭނާ ދަތުރުވަރުބަލި ފިލުވާލާ ނިދާލުމަށް އަހަރެމެން އެދުވަސް އެއްކޮށް އޭނާއަށް ދޫކޮށްލީމެވެ.
އަހަރުމެންނާއި ރޫބީ ބައްދަލުކުރީ އެރޭގެ ދިހައެއްޖަހާކަން ހާއިރު އަހަރެމެންގެ ރަސްމީ މަރުކަޒު ކަމުގައިވާ ހަރުސަމްގެ ގެއިންނެވެ. އޭރު އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ.

ރޫބީ އޭނާގެ އަތްދަބަސް ހުޅުވާލުމަށްފަހު ދަބަހުން ނެގި ކޮތަޅެއް މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އޭގައިވާ ތަކެތިނަގާ މޭޒުމަތީ ބެހެއްޓިއެވެ. މޭޒުމަތީގައި ބެހެއްޓި ތަކެތި ފެނުމާއެކު އެންމެންގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.
ވިޔަފާރީގެ ކަންތައް ކުރިޔަށްގެންދާނެ ގޮތަކާމެދު ވާހަކަ ދައްކާ މަޝްވަރާކުރާން ތިއްބައި އަހަރެމެން އެންމެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކަހަލަގޮތަކަށް ދޮރުފަތަށް ލޮޅުމެއް އެރުމުންނެވެ. އެއާއެކުހެން ދޮރުހުޅުވާލާފައި ކޮޓަރިއަށްވަނީ ފުލުހުންގެ ހަތަރު ބޭކަލުންނެވެ.

އެކިމީހުން އެކިދިމާއަށް ދުއްވައިގަތް ނަމަވެސް ފިލޭނޭ އެއްވެސް ގޮތެއް ނެތެވެ. ފުލުހުންގެ އަތްދަށުން ސަލާމަތްވެގެން ފިލާން އަހަރެމެން އުޅުނުއިރު ރޫބީ އިނީ ރޯލަރޯލާއެވެ. ރަށުގައިހުރި ފުލުހުންގެ މަރުކަޒަށް އަހަރެމެން އެންމެން ގެންދިޔައީ އެކުގައެވެ.

ފުލުހުންގެ ބެލުމުގެދަށަށް އަހަރުމެން ގެނައިއިރު އެކޮޓަރިން ފެނުނު މަސްތުވާތަކެތި ވެސް ގެނައެވެ. އެކަމާބެހޭ ގޮތުން ފުލުހުން ސުވާލުކުރުމުން އަހަރެމެން އެންމެން ވެސް މަސައްކަތްކުރީ ތިމާ ސަލާމަތްވާށެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަހަރެމެން އެންމެންގެ ބުނުން ދިމާވެ ރޫބީ ހައްޔަރުވާގޮތް ވުމެވެ. އެކަމުގެ ސަބަބުން ރޫބީ އަށް ކުރާނެ އަސަރަކަށް އޭނާއަށް ލިބޭނެ ހިތާމައަކަށް ބަލާކަށް އަހަރެމެން ބޭނުމެއް ނުވިއެވެ.
ރޫބީގެ ބޮލުގައި ހުރިހާކަމެއް އެޅުވުމަށް އަހަރެމެން ސަލާމަތްވުމަށް ކުރި މަސައްކަތް ކާމިޔާބު ވާނެކަމުގެ ފޮނި އުންމީދުގައި ތިބި އަހަރެމެން ސިއްސައިގެން ދިޔައީ ފުލުހުން ދައްކާންފެށި ވީޑިއޯ ފެނުމުންނެވެ.
އެ ވީޑިއޯއަކީ އަހަރެމެން މަސްތުވާތަކެތި ބޭނުންކޮށް އެކަމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯ އެކެވެ. އެކަމާއި ގުޅުންހުރި އެފަދަ އެތައް ވީޑިއޯއެއް ދެއްކިއެވެ. އެހެނަސް އެވީޑިއޯތައް ނަގާފައިވާގޮތެއް ނޭނގުމުން ނުހަނު ގިނަ ސުވާލު އުފެދުނެވެ.

އަހަރެމެން އެންމެންގެ އިއްތިފާގުން، މަސްތުވާތަކެތި އެތެރެކުރި މީހަކަށް ލޭބަލް ވެފައިވާ ރޫބީގެ ބޮލުގައި ޖަހާފައިވާ ދަތި ފުލުހުން ނައްޓާލުމާއިއެކު އަހަރެންގެ ވިސްނުން ބަދަލުވިއެވެ. އެއީ އެދަތީގެ ބޭނުންކޮށްގެން ކޮށްފައިވާ ވީޑިއޯތަކެއް ކަމުގައި އަހަރެންނަށް ގަބޫލުކުރެވުނީ ވީޑިއޯކޮށްފައިވާ ދިމާއިންނާއި އެއިން އެއްވެސް ވީޑިއޯއެއްގައި ރޫބީ ނުފެންނާތީއެވެ.

ދެހަފްތާއެއްހާ ދުވަސް ވާންދެން އަހަރެމެންނާ އެކުގައި އަހަރެމެން ބުނިހާ ގޮތަކަށް ރުހިގެން ގުޅުން ބަދަހިކޮށްގެން އުޅުނީ ސިއްރު ފުލުހެއްކަން އަހަރެމެންނަށް އެނގުނީ ވަގުތު ފާއިތުވީ ފަހުންނެވެ. އެކަމުން ސަލާމަތްވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްވަރަށް ބެދުނު ފަހުންނެވެ.

ނިވާކަން ކުޑަ ހާމަކަންބޮޑު ޒަމާނީ ހެދުންތަކާއި ޒަމާނީ ގޮތްތަކަށް ލޯބިކުރާކަން ދައްކަމުންދިޔަ ރޫބީ އެފަދަ ހެދުންތައް އަޅަމުންދިޔައީ، އެކަމަށް ހާއްސަ އަދި ހަށިގަނޑާއި ގުޅުންހުރި ހެދުމެއް ބޭނުން ކުރުމަށްފަހު އޭގެމަތިންކަން އަހަރެމެންނަށް އެނގުނީ ސަބީނާގެ ފަރާތުންނެވެ. އެހެނަސް އެއީ ވެސް އެކަން ނިމުނު ފަހުންނެވެ.

އެ ހެދުން ރޫބީގެ ހަށިގަނޑާއި ގުޅުން ބަދަހިކަމުންނާއި ކުލަ އެއްގޮތްވުމުގެ އިތުރުން އެކަމަށް ހާއްސަ ފޮއްޗަކުން ފަހާފައިވާ ހެދުމަކަށްވާތީ އެހެން މީހުނަށް އެކަން ނޭނގެނީއެވެ. ސައްކު ވެސް ނުވަނީ އެވެ.

ރޫބީއާއި މެދުގައި އަހަރެމެންނަށް ސަމާލު ވެވުނީ އޭނާ އޭނާގެރޭވުން ކާމިޔާބުކޮށް އޭނާގެ މަޤްސަދު ވެސް ހާސިލްކުރި ފަހުންނެވެ.

ނިމުނީ

1
0

2 ކޮމެންޓް - ލިޔުން: ”ސީއައިޑީ“

  1. ވަރަށް ފުރިހަމަ ރީތި ވާހަކައެއް. ނީރުގެ ހުރިހާ ކުރުވާހަކަތަކެއް ވެސް ވަރަށް ރީތި.

    0

    1

Leave a Reply

Your email address will not be published. Required fields are marked *