އެހެނިހެން

ފާތާނިކެ

ނިމުން

ފާތާނިކެގެ އެކައުންޓުން އެއްފަހަރާ އެހާބައިވަރު ފައިސާ ނެގުމުން އެކަމާ ހައިރާންވެގެން ފާއިދުއާ ނާގިތު ސުވާލުކުރި އެވެ.

ނާގިތުގެ ސުވާލަށް ޖަވާބުދެމުން ފާއިދުބުނީ އޭނާ ވަރަށް އަވަހަށް ލަންކާއަށް ފުރާން އުޅޭތީ އާއި، ބެންކުގައި ފައިސާ ބެހެއްޓުމަކީ ފާތާނިކެ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭކަމަކަށް ނުވާތީ ހުރިހާފައިސާ ނެގީކަމަށެވެ. އަދި މިދިޔަމަހު ފައިސާ ނުނެގުނީ އޭނާ މާބޮޑަށް ބިޒީވެގެން ކަމަށް ވެސް ބުންޏެވެ.

ފާއިދުމެން ލަންކާއަށް ފުރުމުން އެގޭގައި ދިރިއުޅެމުންދަނީ ފާތާނިކެ އެކަނިކަން ނާގިތަށް އެނގެއެވެ. އެދުވަހު ފާއިދު ގެނައި އަގުބޮޑުމޮޅު ރީތި ފޯނާއި ފައިސާތައް ވެސް ހުންނާނީ އެގޭގައިކަން ނާގިތަށް އެނގެއެވެ.

ފާއިދުމެން ލަންކާއަށް ފުރީއްސުރެ ނާގިތު ބަލަމުން ފާރަލަމުން ދިޔައީ ފާތާނިކެ އުޅޭގެއަށް ވަދެވޭނެގޮތަކަށާއި ވަގުތަކަށެވެ. އެހެނަސް އޭނާ ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.

ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. އަރުތަބޯޓް މާލެ ފުރާތީ އެބޯޓަށް ކުރުނބާ އިހަލެއް ލުމަށްޓަކައި ދިޔަ އަލީދީ އާއި ނާގިތު ބައްދަލުވީ ފާތާނިކެމެން ގެއާއި މާދުރުނޫން ހިސާބަކުންނެވެ.

ނާގިތަށް އަލީދީ ފެނުމާއެކު ހާސްވެ ކަންބޮޑުވިއެވެ. އަލީދީއަށް ނުފެނި އެހިސާބުން ދެވޭނެގޮތެއް އޮތްތޯ ވެސް ބަލާލެވުނެވެ. އެހެނަސް އެފަދަ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.

މީގެކުރިން ދުވަހަކު ވެސް އެހިސާބުން ފެނިފައިނުވާ ނާގިތު އެހިސާބުން ފެނުމުން އެކަމާ ކޮންމެވެސް ވަރަކަށް ހައިރާންވެގެން އަލީދީ ސުވާލުކުރިއެވެ. އަލީދީގެ ސުވާލަށް ޖަވާބުދެމުން ނާގިތުބުނީ އަންމަޑޭ އާއެކު އެހިސާބަށް އައިތަނުން، ދިމާވި މީހަކު ވަރަށް އަވަހަށް ގެއަށް ގެންގޮސްދޭން ބުނުމުން އޭނާ ގޮވައިގެން އަންމަޑޭ ސައިކަލްގަ ދިއުމުން އޭނާ އަންނާންދެން މަޑުކޮށްލީ ކަމަށެވެ. އޭރު ނާގިތުހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި ނަމަވެސް އަލީދީއަކަށް އެކަމެއް ނޭނގެއެވެ.

ނާގިތާއި ވާހަކަދައްކާން ދެމިނިޓެއްހާއިރު މަޑުކުރުމަށްފަހު އަލީދީ ހިނގައްޖެއެވެ. އަލިދީ ދިއުމުން ނާގިތަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދި މީހާ ހަމައަކަށް އެޅުނުއިރު އަލީދީއަށް އޭނާގެ ހާލަތު ނަގައި ނުގަނެވުނީތީ އުފާ ވެސް ކުރެވުނެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ދިހައެއް ޖަހަނީއެވެ.

އުމުރުން ދުވަސްވީ މީހުން ގެންގުޅެމުންދާ ހަރަދުކުޑަކުރުމުގެ ހެޔޮ ވިސްނުމުގެތެރެއިން ފާތާނިކެގެ ގޭގެ ގިނަ ތަންތަނުން ވަނީ ކަރަންޓް ކަނޑާލާފައެވެ. ފެންޑާތެރޭން ވެސް ފެންނަމުންދަނީ ފަނޑުއަލިކަމެކެވެ.

ވަގުތަކަށް ވިސްނައި ތައްޔާރުވެގެންހުރި ނާގިތަށް، ފާތާނިކެ ގެއިން ނުކުތްތަން ފެނުމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލީ އެހިސާބުން އެހެންމީހަކު ފެންނަން ހުރިތޯ ޔަގީންކޮށްލުމަށްޓަކައެވެ. އޭރު އެހިސާބުގައި އެދެމީހުން ފިޔަވާ އެހެންމީހަކު ނެތްކަން ޔަގީންވުމުން އެގެއާދިމާއަށް ހިނގައިގަތެވެ.

ފެންއަޅާކަހަލަ ފުޅިއެއް ހިފައިގެން ނުކުމެ ގޭގެ ހުޅަނގުކޮޅާއި ދިމާއަށް ފާތާނިކެ ހިނގައިގަތުމާއިއެކު އޭނާއަށް އެއްވެސް ހިލަމެއް ނުވާނޭހެން ނާގިތު ގޭތެރެއަށް ވަނެވެ.

ނާގިތު ގޭތެރެއަށްވަދެ ވަށައިގެން ހޯދާލުމާއެކު އެންމެފުރަތަމަ ވެސް ނަޒަރުހުއްޓުނީ ހުޅުވާފައިވާ ދޮރަކާއި ދިމާއަށެވެ. އެއީ ފާތާނިކެގެ ކޮޓަރިކަމުގައި ނިންމައި ނާގިތު ގޮސް އެކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ދިއްލާފައިވާ ބޮކީގެ ފަނޑު އަލިކަމާއި ކޮޓަރިތެރޭން އެއްވެސް އަޑެއް އިވޭންނެތުމުން ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަޑުމައިތިރިކަމާއި ފަނޑު އަލިކަމެވެ.

ކަންތައް ކުރާނެގޮތާމެދު ވިސްނާ ފިކުރުކުރާންހުރި ނާގިތު ސިއްސައިގެން ދިޔައީ ގޭގެ ދޮރު ލައްޕާލިއަޑަށެވެ. އެއާއެކު ތެޅިގަންނަމުން ވަށައިގެން ހޯދާލިވަގުތު ނަޒަރުހުއްޓުނީ އެނދުގެ ތަންދޮށަށެވެ. ވަގުތު ބޭކާރުކޮށްލުމެއްނެތި ނާގިތު އަވަސް އަވަހަށް އެނދުގެ ތަންދޮށަށް ދެމިގަތެވެ.

ފެންފުޅިއެއް ހިފައިގެންއައި ފާތާނިކެ ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލިއެވެ. ފެންފުޅި ގެނެސް މޭޒުމަތީގައި ބެހެއްޓުމަށްފަހު ފާތާނިކެ އެނދަށްއަރާ އޮށޯވެ ހަމަޖެހެލީ ނިދާލުމަށްޓަކައެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އެގާރަޖަހަނީއެވެ. ދިހައެއްޖަހާކަން ހާއިރު އެނދަށް އަރައި އޮށޯތް ފާތާނިކެގެ ފަރާތުން އެއްވެސް އަޑެއްބަޑެއް ނީވޭތީ އާއި އޭގެފަހުން ގަޑިއެއްގެހާއިރު ވެގެން ގޮސްފައިވާތީ، ފާތާނިކެ މިހާރު އޮންނާނީ ނިދާފައިކަން ޔަގީންކޮށް ނާގިތު އެނދު ދަށުން ނުކުމެއްޖެއެވެ. އޭރު އޭނާގެ ދެއަތަށްވަނީ ދެއަންގި ލައްވާފައެވެ.

ނުހަނު ހަމަޖެހިލައިގެން އެހާމެ އަރާމުގައި ނިދާލާފައިއޮތް ފާތާނިކެ ފެނުމާއެކު ނާގިތުގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއްލަމުން ގައިން ހިރަފުސް ފޮޅާލާ ވަރަށް ޝައުޤުވެރިކަމާއެކު މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.

ނާގިތު މަޑުމަޑުން ގޮސް މޭޒުކައިރިއަށް ހުއްޓުމާއެކު އޭނާގެ ނަޒަރު އަމާޒުވީ މޭޒުމަތީގައިއޮތް ފޯނަށެވެ. އެފޯނު އެންމެފުރަތަމަ ފެނުނު ދުވަހުން ފެށިގެން، އެފޯނަށް އެދިއެދިހުރި ނާގިތުގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން އިތުރުވެގެން ދިޔައެވެ. އެއާއެކު ހިނިތުންވެސް ވެލެވުނެވެ.

ފޯނުނަގައި ޖީބަށްލަމުން ނާގިތު ބަލާލީ ފާތާނިކެއަށެވެ. އޭރުވެސް ނުހަނު ހަމަޖެހިލައިގެން އެހާމެއަރާމުގައި ފާތާނިކެ ނިދާލާފައި އޮތެވެ. އެހެންކަމުން އެތަނުގައި އޭނާއަށް އެއްވެސް ނާމާންކަމެއް ނެތްކަން ނާގިތަށް ޔަގީންވިއެވެ.

މޭޒުމަތީގައިއޮތް ތަޅުދަނޑިފަތި ހިފައިގެން ގޮސް އަލަމާރި ހުޅުވާލުމާއެކު ދޮރުފަތުން ބާރުއަޑެއް އިވިގެން ދިޔައެވެ. ކުއްލިއަކަށް އިވުނު ބާރުއަޑާއެކު ފާތާނިކެއަށް ހޭލެވި ހަޅޭލަވައިގަތެވެ. ފާތާނިކެ ހަޅޭލަވައިގަތް ބާރުއަޑަށް ނާގިތު ދިޔައީ ސިއްސައިގެންނެވެ.

ނާގިތު އަވަސް އަވަހަށް އެނދާއި ދިމާއަށް ބަލާލިއިރު ފާތާނިކެ ތެދުވަނީއެވެ. އެއާއެކު ނާގިތުގެ ލޮލުގައި އަޅައިގަތީ އެނދުމަތީ އޮތް ބާލީހެވެ.

އޭނާގެގޮތް ފާތާނިކެއަށް އެނގުމުގެކުރިން އޭނާގެ އަތްދަށުން ސަލާމަތްވާން ޖެހޭނެކަމުގައި ނާގިތު ނިންމިއެވެ.

ފާތާނިކެއަށް ނުތެދުވެވިގެން އުޅެނިކޮށް ނާގިތު ގޮސް ބާލީސްނަގައި ފާތާނިކެގެ މޫނުމަތީގައި ބާލީސްއަޅައި އެނދުމަތީ ބޭއްވިއެވެ. އަދި އޭނާއަށް ނުތެދުވެވޭނެހެން ބާރުކޮށްލިއެވެ.

ނާގިތުގެ އަތްދަށުން ސަލާމަތްވުމަށް ފާތާނިކެ މަސައްކަތް ކުރަމުންދިޔައެވެ. އެހެނަސް އެކަމުގައި އޭނާއަށް އެއްވެސް ކާމިޔާބެއް ނުލިބި ފަސްވަރަކަށް މިނިޓްތެރޭގައި ފާތާނިކެގެ ހުރިހާހަރަކާތެއް ހުއްޓި މުޅިމީހާ ހަމަހިމޭންވިއެވެ. ބާލީސް ނަގައި ފާތާނިކެގެ މޫނަށް ބަލާލުމާއެކު އޭނާ އެއޮތީ ހަބަރު ހުސްވެފައިކަން ނާގިތަށް ޔަގީންވިއެވެ.

ބާލިސް ނަގައި ދުރުގައި ބޭއްވުމަށްފަހު ނާގިތުގޮސް އަލަމާރިކައިރިއަށް ހުއްޓުނުއިރު އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައިކަން އޭނާ ފެންނަ ކޮންމެމީހަކަށް ޔަގީންވާނެއެވެ.

އަލަމާރީގައިހުރި އެތައްބައިވަރު ފައިސާއާއި ރަންރިހީގެ ގަހަނާތަކުގެ އިތުރުންވެސް ނާގިތު ބޭނުން އެއްޗެއް އޮތްނަމަ އެއެއްޗެއް ނެގުމަށްފަހު އަލަމާރިދޮރުލައްޕައި ތަޅުލިއެވެ. އަދި ތަޅުދަނޑި ގެން ގޮސް މޭޒުމަތީގައި ބޭއްވުމަށްފަހު ކޮޓަރިން ނުކުންނަމުން ފާތާނިކެއަށް ބަލާލިއެވެ. އޭރު ވެސް ފާތާނިކެ ހަބަރު ހުސްވެފައި އޮތުމުން ނާގިތުގެ ގޮތް އޭނާއަށް ނޭނގޭނެކަން ނާގިތަށް ޔަގީންވިއެވެ.

ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ނާގިތު ގޮސް އެގެއިން ނުކުމެ ގޭ ދޮރުލައްޕާފައި އަވަސް އަވަހަށް އެހިސާބުން ފިލާ ރައްކާވިއެވެ.

ނާގިތު ގޮސް އަލިތަރިހޮޓަލަށް ވަތްއިރު، ލޯންޗް ދުއްވާއުޅޭ ރައްޒާގު އެތަނުގައި ކޮފީބޯން އިނެވެ.

ވަރަށް އަވަހަށް އޭނާ ގޮވައިގެން އޭނާގެ ރަށަށް ގޮސް ދިނުމަށް ނާގިތު އެދުމުން، ރައްޒާގަށް ލިބުނީ ހައިރާންކަމެވެ. ވީކީއްތޯ ވެސް އަހާލެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.

މިހާ ފަސްގަޑިއެއްގައި ކުއްލިއަކަށް ރަށަށްދާން ތިޔައުޅެނީ ކީއްވެގެންތޯ ސުވާލުކުރަމުން، ދަތުރު ކުރެވޭނީ ވަގުތުން ފައިސާ ދޭގޮތަށް ކަމަށް ވެސް ރައްޒާގު ބުންޏެވެ.

ރައްޒާގުގެ ސުވާލަށް ޖަވާބުދެމުން ނާގިތުބުނީ އޭނާގެ ރައްޓެއްސަކާއެކު މަސައްކަތެއްކޮށްލާން ގޮސްލަނީ ކަމަށާއި އެކަމުން ވަރަށް ރަނގަޅަށް ފައިސާލިބޭނެކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. ހަމައެހެންމެ މާދަމާ ހެނދުނު މަސައްކަތް ފަށާގޮތަށް ހަމަޖެހިފައިވާތީ މިރޭ ރަށަށް ގޮސް ރަނގަޅަށް ނިދާލާން ބޭނުންވާތީ މިހާރު ދާން ބޭނުންވަނީ ކަމަށް ވެސް ބުންޏެވެ. އަދި ދަތުރު ނިމޭއިރަށް ފައިސާ ދޭނެކަމަށް ވެސް ބުންޏެވެ.

ނާގިތު ތައްޔާރުވެލައިގެން ބަނދަރަށް އައުމަށާއި އޭނާ ކޮފީބޯލައިގެން ވަރަށް އަވަހަށް އެދިމާއަށް ދާނެކަމަށް ރައްޒާގު ބުންޏެވެ. ރަނގަޅު އާމްދަނީއެއް ލިބޭކަހަލަ މަސައްކަތެއް ކޮށްލާން ދެތިން ދުވަހަކަށް އޭނާގެ ރަށަށް ގޮސްލާން އުޅޭކަމަށް، ނާގިތު އޭނާގެ އަންހެނުން ސާތިރާގާތު ބުންޏެވެ. އަދި މިގޮތަށް މަސައްކަތެއް ނުކޮށް ހުންނަތާ ގިނަދުވަސްތަކެއް ވުމުގެ ސަބަބުން އަތްމަތި ދަތިވެ ތަންތަނުގެ ދަރަނިބޮޑުވެ ސާތިރާގެ އާއިލާމީހުންގެ ފަރާތުން ނުރުހުން ރައްދުވަމުންދާ ދިއުމަށް ވަރަށް އަވަހަށް ހައްލެއް އަންނާނެކަމަށް ވެސް ބުންޏެވެ.

ނާގިތަށް ހެޔޮވިސްނި ރަނގަޅުގޮތް އިހްތިޔާރުކުރީތީ ސާތިރާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ. އަދި އެކަމަށްޓަކައި ނާގިތަށް ހިތްވަރާއި ނަސޭހަތްދީ، ފަރުވާތެރިކަމާއިއެކު ކަމަށް ކަމޭހިތައި ގަޑިއަށް ސަމާލުކަންދީ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް ބުންޏެވެ.

ނާގިތު އެދުނުފަދައިން އޭނާ ގޮވައިގެން ގޮސް އޭނާގެރަށަށް ލުމަށްފަހު ރައްޒާގު ރަށަށް އައިސްފިއެވެ.

ހެނދު އަށްގަޑިބައި ނުވައެއް ޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނާގިތަށް ހޭލެވުނީ އޭނާގެ އަންހެނުން ސާތިރާ ފޯނުކުރުމުންނެވެ.

ކުރާންދިޔަ މަސައްކަތާއި ބެހޭގޮތުން ވާހަކަދައްކަމުން ދައްކަމުން، ފާތާނިކެ މަރުވެއްޖެކަމަށް ސާތިރާ ބުނުމާއެކު ނާގިތަށް ހީވީ ސޮކެއް ޖެހުނުހެންނެވެ. ބުނާނެ އެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި އެތައްއިރަކު ހުރެވުނެވެ. ސާތިރާ ވާހަކަ ދައްކަމުންދަނިކޮށް ނާގިތު ފޯނު ކަނޑާލުމަށްފަހު ފޯނުއޮފް ކޮށްލިއެވެ. ލިބުނު ހަބަރެއްގެ ސަބަބުން އިތުރަށް ވާހަކަދައްކާނެ ހިތްވަރެއް ވާހަކައާއިގެން ކުރިޔަށްދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

ފާތާނިކެ މަރުވެގެން އެދިޔައީ އޭނާގެ ސަބަބުންކަމުގައި ނާގިތަށް އަމިއްލައަށް ގަބޫލު ކުރެވޭން ފެށިއެވެ. އޭނާ މަސައްކަތް ކުރީ ފާތާނިކެ ހޭނައްތާލައިގެން އޭނާގެ މަޤްސަދު ހާސިލުކުރާން ނަމަވެސް މަންޒަރު މިވަނީ ބަދަލުވެގެން ގޮސްފައެވެ. ފާތާނިކެ ހޭނައްތާލުމަށް އޭނާ ކުރި މަސައްކަތަށްފަހު ފާތާނިކެގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެންނަކަން ނާގިތަށް ޔަގީންވެއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސިއްޖެއެވެ. ކޮފީއެއް ބޯލުމަށްޓަކައި ހޮޓަލަށް އައިސް އޭނާގެ އަންހެނުން ސާތިރާއަށް ގުޅައި ރަށުގެ ހާލަތާބެހޭގޮތުން ނާގިތު މަޢުލޫމާތު ހޯދިއެވެ. ހެނދުނުގަޑީ ފޯނުކަނޑާލީ ކީއްވެތޯ ސާތިރާ ސުވާލުކުރުމުން ނާގިތު ބުނީ މަސައްކަތުގައި އުޅެމުންދިޔަ ގަޑިއަކަށްވާތީ މަސައްކަތަށް ބުރޫއަރާފާނެތީ ފޯނުކަނޑާލީ ކަމަށެވެ.

ފާތާނިކެގެ މަރާއިގުޅިގެން ރަށުތެރޭގައި ތަފާތު އެއްވެސްކަމެއް ނުހިނގާކަމުގައި ސާތިރާ ބުނުމުން ނާގިތަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔަ އެވެ. އެކަމާމެދު އިތުރަށް ވިސްނަން ނުޖެހި ހަމަޖެހިލައިގެން އުޅެވޭނެކަން ނާގިތަށް ޔަގީންވިއެވެ.

ނާގިތު އޭނާގެ ރަށަށް ދިޔައީ ރަނގަޅު އާމްދަނީއެއް ލިބޭފަދަ މަސައްކަތެއް ލިބުމުން އޭނާގެ ރައްޓެއްސަކާއި އެކުގައި އެމަސައްކަތް ކުރާންކަމަށް ބުނެފައި ނަމަވެސް އޭނާ އެރަށުގައި އެއްވެސް މަސައްކަތެއް ނުކުރާކަން ރަށުގެ އެންމެނަށް ކަހަލަގޮތަކަށް އެނގެއެވެ. އެއާއެކު އޭނާގެ ފަރާތުން ފެންނަމުންދިޔަ ތަނަވަސްކަން ގިނަބަޔަކަށް ފާހަގަކުރެވެމުން ދިޔައެވެ.

ފާތާނިކެގެ މަރާގުޅިގެން ޕޮލިހުން ފާރަލަމުންދިޔަ މީހުންގެ ތެރެއިން އެކަކީ ނާގިތެވެ. އެރޭގެ ވަގުތެއްގައި ކުއްލިއަކަށް ނާގިތު އެރަށުން ފުރައިގެން އައުމާއި، ވޭތުވެދިޔަ ދެތިންމަހެއްހާ ދުވަހުގެ ތެރޭގައި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށްހުރި ނާގިތުގެ ފަރާތުން ފެންނަމުންދިޔަ ތަނަވަސްކަމަކީ އޭނާއާމެދު ޕޮލިހުންނަށް ސައްކުކުރެވުނު ބައެއް ކަންކަމެވެ.

ފާތާނިކެގެ މަރާއެކު އެގެއިން ގެއްލިފައިވާ ފައިސާ އާއި އަގުބޮޑު ގަހަނާތަކާއި އަދިވެސް ބައެއްތަކެއްޗާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކުރަމުންދިޔަ މަސައްކަތުގެ ދަށުން އަތުލައިގަތް މީހަކު ފާތާނިކެ މަރާލިކަމަށް އެއްބަސްވުން ވެގެންދިޔައީ މުޅިރާއްޖެއަށް ހާއްސަކޮށް ފާތާނިކެގެ ޢާއިލާއާއި އެރަށަށް ލިބުނު ވަރަށްބޮޑު ހައިރާން ކަމަކަށެވެ.

ފާތާނިކެގެ މަރާއިގުޅިގެން ޕޮލިހުންގެ ބެލުމުގެދަށަށް ގެންދެވުނު ނާގިތު، ފާތާނިކެ މަރާލިކަމަށް އެއްބަސްވުން ވެގެން ދިޔައީ އޭނާގެ އަންހެނުން ސާތިރާއަށް ކެތްކުރެވޭވަރުގެ ކަމަކަށްނޫނެވެ. ހަމައެހެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ކަހަލަ މަސައްކަތެއް އޭނާގެ ރަށުންލިބި އެމަސައްކަތް މާދަމާ ހެނދުނު ފަށާންޖެހޭކަމަށް ބުނެ އަވަސް އަރުވާލައިގެން އެރެއިން އެރެއަށް ފުރައިގެން ރަށަށް ދިޔައީ ކީއްވެގެންކަމާއި، އޭނާ އެރަށުގައި އެއްވެސް މަސައްކަތެއްނުކޮށް ދޮގުހަދައިގެން ސާތިރާމެން ގާތަށް ނައިސް މަޑުކުރަމުންދަނީ ކީއްވެގެންކަން ވެސް ސާތިރާއަށް އެނގުނީ މިހާރުއެވެ. ލިބުނު ހަބަރަށް ކެތްނުކުރެވިގެން ސާތިރާ އަނބުރައިގަނެގެން ވެއްޓިއްޖެއެވެ.

ފާތާނިކެގެ މަރާއިގުޅިގެން ޕޮލިހުން އަތުލައިގަތް ނާގިތުގެ ފަރާތުން ހޯދާންޖެހޭ ހުރިހާމަޢުލޫމާތެއް ހޯދައި ޕޮލިހުންގެ ފަރާތުން ކުރާންޖެހޭ އެންމެހައިކަންކަން ފުރިހަމަކޮށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވިއެވެ.

ގުދުރަތީ މަރެއް ކަމަށް ނިންމައިގެންތިބެ ފާތާނިކޭގެ މަރުގެ ފުރަގަހުގައި ފޮރުވިފައިވާ ސިއްރު ހާމަވެގެން ދިޔައިރު ރައްޔިތުންގެ ތެރެއިން ގިނަބަޔަކުތިބީ ބިރުން ސިހިސިހިއެވެ.

ނިމުނީ
ނިމުނީ

0
0
މިއީ " ފާތާނިކެ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ފާތާނިކެ“

Leave a Reply

Your email address will not be published.