ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 2 )

ނިދިން މަޙްރޫމުވެ ވެދިޔަ އެކަންތަކާއިމެދު ވިސްނާ ފިކުރުކުރަންއޮތް ޝިޔާއަށް ހޭވެރިކަންވީ މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެ އަޑަށެވެ. ބަންގިގޮވުމުން ޝިޔާ އަވަސްވެގަތީ ފަތިސްނަމާދު ކުރާށެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ކުޑައިރުކޮޅަކު ޤުރުއާން ކިޔަވަން މަޑުކޮށްފައި ޝިޔާ އައިސް އެނދަށްއަރައި އޮށޯވެލިތާ މާގިނަ އިރެއް ނުވަނީސް ޝިޔާއަށް ނިދިއްޖެއެވެ.

ހެނދުނު އަށެއްޖަހާކަން ހާއިރެވެ. ޝިޔާއަށް ހޭލުވުނީ އަޒްފާ ގޮވުމުންނެވެ.

ފެންވަރައި ތާޒާވެލައިގެން އައިސް ކާގެއަށް ވަތް ޝިޔާ ސިއްސައިގެން ދިޔައީ ކާމޭޒުކައިރީއިން ޒުވާނާ ފެނިފައެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް އެޒުވާނާއަކީ ރޭގައި އޭނާގެ ކޮޓަރިން އޭނާއަށް ފެނުނު ޒުވާނާކަން ޝިޔާއަށް ޔަގީންވި އެވެ. އޭނާއަކީ އެގެއާ ގުޅުންހުރި ޒުވާނެއްކަން ވެސް ޔަގީން ވިއެވެ.

ޝިޔާ އައިސް ކާގެ ދޮރުކައިރިއަށް ހުއްޓުމުން އަޒްފާ ބަލާލިއެވެ.

” ސިޔާ! މިއީ އަހަރެންގެ ފިރިމީހާ ފަވާޒު. . . . . ފަވާޒު! . . . . މިއީ އަހަރެންގެ ކުލާސްމޭޓް ފަރުސާންގެ ލޯބިވެރިޔާ އަދި ކުރިއަރަމުން އާންމުންގެ މަޤުބޫލުކަން ހޯދަމުންއަންނަ ޒުވާން ވާހަކަ ލިޔުންތެރިޔާ ޝިޔާ. ” ޝިޔާ އާއި ފަވާޒަށް ބަލާލަމުން އަޒްފާ އެދެމީހުން އެކަކު އަނެކަކަށް ތަޢާރަފުކޮށް ދިނެވެ. އެކަކު އަނެކަކާއި ސަލާންކޮށްލަމުން ހާލުއަހުވާލު އޮޅުން ފިލުވާލިއެވެ.

ރޭގައި ކަމެއް ހިނގާދިޔަކަމުގެ އެއްވެސް އިޝާރާތެއް ފަވާޒުގެ ފަރާތުން ނުފެނުމުން ޝިޔާގެ ހައިރާންކަން އިތުރުވިއެވެ. އުފެދުނު ސުވާލުތައް ގިނަވިއެވެ.

ފަވާޒުގެ ފަރާތުން ވެސް ޝިޔާއަށް ފެނުނީ އަޒްފާގެ ފަރާތުން ފެންނަމުންދިޔަ ގާތްކަމާއި އޯގާތެރިކަމެވެ. އޭނާގެ މަސައްކަތަށް ދެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމެވެ.

ޝިޔާމެން ތިންމީހުން ހަވީރު ސަޔަށް ދިޔައީ އަތިރިމަތީގައިވާ ހޮޓާތަކުން ހޮޓަލަކަށެވެ.

ސައިބުއިމާއިގެން މަޝްޣޫލްވެތިބި ނަމަވެސް ތިންމީހުން ވެސް ވާހަކަދައްކަމުން ދިޔައެވެ. އެގޮތުން ވާހަކަދައްކަމުން ދިޔަ ދިއުމުގައި ފަވާޒު މިއަދު މާލެން އައި އިރު ފުލައިޓްތެރޭގައި ދިމާވިކަމެއްގެ ވާހަކަދެއްކުމުން ޝިޔާއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބި އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ފަވާޒު އެހެން ބުނި ނަމަވެސް ރޭދަންވަރު ޝިޔާގެ ކޮޓަރިން އޭނާއަށް ފެނުނީ ފަވާޒުކަން ޝިޔާއަށް  ޔަގީނެވެ.

ޝިޔާއަށް އެހެން ގަބޫލުކުރެވުނު ނަމަވެސް ފަވާޒުގެ ވާހަކަތަކާއި އަޒްފާގެ ވާހަކަތަކުން، ފަވާޒު ރަށަށް އައީ މިއަދުކަން އެނގޭތީ އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ޝިޔާ ބޭނުމެއް ނުވިއެވެ. އެފަދަވާހަކައެއް ދައްކާނަމަ އެކަށީގެންވާފަދަ ހެއްކެއް ދެއްކޭން ޖެހޭނެކަމާއި ޔަގީންނުވާ ކަމަކާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އެހާ ރަނގަޅުކަމަކަށް ނުވާނެކަން ޝިޔާއަށް އެނގެއެވެ. އެކަމަކީ އޭނާއަށް ހީވިގޮތަކަށް ބަލާފައި ޝިޔާ އެކަން ހަނދާންނައްތާލީ އެހެންވެއެވެ.

ސައިގެކަންތައް ނިންމާލުމަށްފަހު ފަވާޒާއި އަޒްފާއާއެކު ޝިޔާ ދިޔައީ ރަށުތެރެ ބަލާލާށެވެ. ރަށުތެރޭގައި ދުއްވަމުން ތަންތަން ބަލަމުން މަޢުލޫމާތު ހޯދަމުންދިޔަ ޝިޔާއަށް ޔަގީންވަމުން ދިޔައީ ކުޅުދުއްފުއްޓަކީ ދިވެހިރައްޔިތުން އެބުނާފަދަ ރީތި ހިތްގައިމު ރަށެއްކަމާއި ތަރައްޤީވެފައިވާ ރަށެއް ކަމެވެ.

ރަށުތެރެބަލާލައި ކާރުދުއްވުމާއިގެން އުޅުމަށްފަހު ޝިޔާމެން ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ.

އިސާނަމާދުން ފައިބައިގެން ރޭގަނޑަށް ކައިގެން ޝިޔާ ތައްޔާރުވަމުން ދިޔައީ މަރިޔަންދީ ކައިރިއަށް އެގެއަށް ދިއުމަށެވެ. އޭނާ ކުރަން އައި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އެއްކުރުމަކީ އޭނަ އެންމެ އިސްކަންދޭ ކަންތަކެވެ. ރެޔަށްވުރެ ގިނަ މަޢުލޫމާތު ހޯދައި ރައްކާކުރުމަކީ ޝިޔާ މިހާރު އެންމެބޭނުންވާ ކަންތަކެވެ. އެކަމަށްޓަކައި ޝިޔާ ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ ނިންމާލުމަށްފަހު އަޒްފާގާތު އެވާހަކަ ބުންޏެވެ.

ފަވާޒުގެ ކާރުގައި ފަވާޒާއި އަޒްފާއާއެކު މަރިޔަންދީމެން ގެއަށް ޝިޔާ ދިޔައެވެ. ގޯތިތެރެއަށް ވަދެގެން ގޮސް ގޭދޮރުކައިރިއަށް ހުއްޓެމުން ޝިޔާ ސަލާން ގޮވާލުމުން ރެއެކޭ އެއްފަދައިން މިރޭ ވެސް މަރިޔަންދީ ނުކުމެ ޝިޔާއާ ބައްދަލުކުރިއެވެ. ޝިޔާ ގޮވައިގެން މަރިޔަންދީ ގޭތެރެއަށް ވަނީ ވާހަކަތަކެއް ދެއްކުމަށްފަހުގަ އެވެ.

މަރިޔަންދީގެ ފަހަތުން ކަހަލަގޮތަކަށް ޝިޔާ ގޮސް ރޭގައި ވެސް ވަތް ކޮޓަރިއަށް ވަންނަމުން އެއްވެސް މީހަކަށް ނޭނގޭނެހެން ސިސްޓަމް އޮންކޮށްލިއެވެ. ކޮޓަރީގެ މެދުގައި ބަހައްޓައިފައި ހުރި ފަތްޖެހިއެނދުގައި ފަންޑިތައިން ފަރުވާ ކުރަމުންދިޔަ ސެނާ އޮތެވެ. އެނދުގެ ދެފަރާތުގައިހުރި ދެގޮނޑީގައި ތިބެގެން މެދުއުމުރުގެ ދެމީހަކު ޤުރުއާން ކިޔަވަމުން ދިޔައިރު ކޮޓަރިން ބޭރަށްހުރި ކުޑަދޮރު ސެޓް ހުޅުވާފައި ހުއްޓެވެ. އެކުޑަދޮރުން ބޭރު ފެންނަމުން ދިޔައިރު އެސަރަހައްދުގައި ހައްދާފައިވާ ދޮންކެޔޮފީންޏެއް ވަރަށްރީތިކޮށް ފެންނަން އޮތެވެ. މާދުރުން އައިސްފައިވާ އައްޔެއްގެ ސަބަބުން ފަނޑު އަލިކަމެއް އެހިސާބަށް ފެތުރިފައިވީ ނަމަވެސް އެސަރަހައްދުގައި ރަސްކަން ކުރަމުންދަނީ އަނދިރި ކަމެވެ. އެދޮރުސެޓުން ވަންނަމުންދިޔަ ތާޒާ ވައިގެ ސަބަބުން ކޮޓަރިތެރެއަށް ފިނިކަން ލިބެމުން ދިޔައެވެ. ރެއާއި ހިލާފަށް މިރޭ ޒުވާން ފުރައިގެ ދެފިރިހެނަކު އެތަނުގައި ތިބިތިބުން ޝިޔާއަށް ފާހަގަ ކުރެވި އެކަމާއިމެދު ކޮންމެ ވެސް ވަރަކަށް ސުވާލު އުފެދުނެވެ. އެހެނަސް އެކަމާއިމެދު ސުވާލުކޮށް މަޝްވަރާކުރާކަށް ޝިޔާއަކަށް ފުރުސަތެއް ނެތެވެ.

ވަރަށް ވިސްނައި ސަމާލުވެގެން މަރިޔަންދީމެންގެ މަސައްކަތްތަކަށް ބަލަހައްޓައިގެން ޝިޔާ އިނެވެ. އެބައިމީހުންގެ ކޮންމެ ހަރަކާތެއް ވަކިވަކިން ސިކުނޑީގައި ރައްކާކުރަމުން ދިޔައެވެ.

ރެއެކޭ އެއްފަދައިން ކިޔަވާމީހުން ކިޔަވަމުން ދިޔައިރު މަރިޔަންދީ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ފާރުބުޑުން ގޮވާލި ބުޅަލުގެ ބާރުއަޑާއިއެކު ވައި ބާރުވާން ފެށިއެވެ. ކެޔޮފީނީގައިހުރި ގަސްތަކުގެ ހަރަކާތް އަވަސްވަމުން މަންޒަރު ބަދަލުވަމުން ދާންފެށިއެވެ. މުޅިސަރަހައްދުން ދުންފިނީގެ އަސަރު ކަހަލަ ފުސްކަމެއް ފާޅުވެ ފިނިގަދަވާން ފެށިއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅިއާއިއެކު ގަސްތަކާއި ރުއްތައް ބިމުން ލުހިގެން ހިނގައިދާނެހެން ވެސް ހީވެއެވެ.

މަރިޔަންދީ ކޮށްލި އިޝާރާތާއިއެކު ދެޒުވާނުން ސެނާ ކައިރިއަށް ޖެހިލިއެވެ. އެމީހުން ގެނެސްފައި އެތިބީ މިފަދަވަގުތަކަށް ވިސްނައިގެން ބާއޭ ޝިޔާގެ ހިތަށް އެރިއެވެ. ޝިޔާ ވެސް އެކަމަށް ސަމާލުވެލިއެވެ.

ހަނގުރާމަވެރިއަކު ރުވާފައި ދޫކޮށްލި ދުންޏެއްހެން އައި ވައިރޯޅި އައިސް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހުމާއިއެކު ބިއްލޫރި ގަނޑު ފުނޑުފުނޑުވެގެން ބިންމައްޗަށް ފޭބިއެވެ. ފެނުނު މަންޒަރުން ގަތްބިރާއިއެކު ސިއްސައިގެން ގޮސް ކޮޅަށް ތެދުވަމުން ޝިޔާއަށް ރޮއި ގަނެވިއްޖެއެވެ. އެހެނަސް މަރިޔަންދީއަށް ބަލާލެވުނު ވަގުތު އޭނާގެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުމުގެ ސަބަބުން ރުއިން ހުއްޓާލާން މަޖުބޫރުވިއެވެ.

ސެނާ މަޑުމަޑުން ލޯ ހުޅުވާލާއި މައްޗަށް ބަލާލަމުން ހިނިތުން ވެލިއެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ސެނާގެ ހަތަރެސްފަޔަށް ހަރަކާތް އައިސް އެނދު މަތިން ތެދުވަން މަސައްކަތް ފެށިއެވެ. ވަގުތަށް ވިސްނައި ސަމާލުވެގެންތިބި ދެޒުވާނުން ވެގެން ސެނާގެ އަތްފައިގައި ހިފަހައްޓައި އޭނަ މައިތިރި ކުރެވޭތޯ މަސައްކަތް ފެށިއެވެ.

ސެނާ ހިފަހައްޓާލުމުގައި އެދެޒުވާނުން ކުރަމުންދިޔަ މަސައްކަތާއި ސެނާއަށް ލިބިފައިވާ ބާރު ފެނިފައި ޝިޔާ ބިރުގަނެ ހާސްވާން ފެށިއެވެ. އަވަހަށް މިކަމުން ސަލާމަތްވެގެން ދުވެފައި ގެއަށް ދާން ވެސް ހިތަށް އެރިއެވެ. އެހެނަސް މިވަގުތު ކެތްތެރިވެ ހަމަޖެހިގެން މިކަންކަން ރަނގަޅަށްބަލައި ދިރާސާކުރުން ނޫން އެހެންގޮތެއް ނެތުމާއި މިކަމުގައި އޭނާ ދެކޭ ފޮނިހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ހިތްވަރު ކޮށްލައިގެން އިނީއެވެ. ސެނާއަށް ލިބިފައި އެވާ ބާރަކީ އޭނާގެ އަމިއްލަބާރު ނޫންކަން ޝިޔާއަށް ވެސް ޔަގީންވިއެވެ.

ސެނާ ވާހަކަދައްކަން ފެށުމާއިއެކު ޝިޔާގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވަމުން ދިޔައެވެ. ވާހަކަ ދައްކަމުން ދިޔައީ ސެނާ ނަމަވެސް އޭނާގެ އަނގައި ބޭރުވަމުން ދިޔައީ ރުޅިއައިސް ރަތްވެފައިވާ ފަދަ ފިރިހެނެއްގެ ރުޅިވެރި ބާރު އަޑެވެ. މެދުކެނޑުމެއް ނެތި ސެނާ ބުނަމުން ދިޔައީ އޭނާގެގައިން ދޫކޮށްލުމަށެވެ. މަރިޔަންދީގެ މަސައްކަތް ހުއްޓައިލުމަށާއި ނުހުއްޓައިފިނަމަ އޭނާ ނުވަތަ އޭނާގެ ޢާއިލާއިން މަރިޔަންދީގެ ކިބައިން ބަދަލުހިފާނެ ކަމަށެވެ. ސެނާގެ ފަރާތުން ފެންނަމުން ދިޔައީ ވެސް ރުޅިވެރިކަމެވެ. މިއީ ނަސޭހަތެއްކަމަށް ނުދެކޭނަމަ އިންޒާރެއްކަމަށް ބަލައިގެން އުޅުމަށް ވެސް ބުނަމުންދިޔަ އެވެ.

ސެނާ ދައްކަމުންދިޔަ ވާހަކަތަކާއި ދެމުންދިޔަ އިންޒާރުތަކަށް އެއްވެސް ސަމާލުކަމެއްނުދީ މަރިޔަންދީ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައިރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ އުންމީދާއި ޔަގީންކަމުގެ އަސަރުތަކެވެ. މަރިޔަންދީއާއެކު އޭނާގެ ބައިވެރިން ވެސް ނުހަނު ސާބިތުކަމާއިއެކު އެމީހުންގެ މަސައްކަތުގައި ދެމިތިއްބެވެ.

ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއިއެކު ސެނާގެ ވަށައިގެން ތިންބުރު ޖެހުމަށްފަހު މަރިޔަންދީ އައިސް ހުއްޓުނީ ސެނާގެ ބޯލާ ކޮޅުގައެވެ. އޭނާގެ ތުންފަތަށް އަންނަމުންދިޔަ ހަރަކާތްތަކަށް ބަލައިލުމުން އޭނާ ސިއްރު ސިއްރުން ކޮންމެ ވެސް ކިޔެވެއްޔެއް ކިޔަވަމުން ދާކަން ޔަގީން ވެއެވެ.

ވަގުތަކަށް ބަލައި ވިސްނާ ސަމާލުވެގެން ހުރި މަރިޔަންދީ ކުއްލިއަކަށް ސެނާގެ ބޮލުގައި ހިފަހައްޓަމުން ބޮލަށް ބާރު ކޮށްލިއެވެ. ސެނާގެ ކަންފަތާއި ދިމާއަށް ގުދުވަމުން ކޮންމެ ވެސް ކިޔެވެއްޔެއް ވަރަށް ބާރަށް ކިޔަވަން ފެށިއެވެ.

މަރިޔަންދީގެ މިޢަމަލާއިއެކު ހީވީ ބާރު ތޫފާނެއް ލައިގެން ހެންނެވެ. ގަދަވަޔާއިއެކު ވިދާ ގުގުރައި ވާރޭ ވެހެން ފެށީ ކުއްލި އަކަށެވެ. އެދެޒުވާނުންގެ އަތްދަށުން ސަލާމަތްވުމަށް ސެނާ ކުރަމުންދިޔަ މަސައްކަތް ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ.

ކިތަންމެ ބިރުގަނެ ހާސްވި ނަމަވެސް މަރިޔަންދީ އޭނާއަށް ދީފައިވާ ޔަގީންކަމަށް އިތުބާރުކޮށް ހިތްވަރުކޮށްލައިގެން އެމަންޒަރު ތަކަށް ބަލަހައްޓައި ސަމާލުވެގެން ޝިޔާ އިނެވެ.

ސެނާގެ އަތްފަޔާއި މުޅިހަށިގަނޑަށް އަރާފައިވާ ބާރު މަޑުމަޑުން ފިލައިދާން ފެށިއިރު ދައްކަމުންދިޔަ ވާހަކަތަކާއި ވާހަކަ ދައްކަމުންދިޔަ ރާގު ވެސް ބަދަލުވަމުން ދިޔައެވެ. އޭނާއަށް ތިހެން ނުހެދުމަށާއި އޭނާ މިކަމުން ސަލާމަތް ކޮށްދިނުމަށް އެދި އާދޭސްކުރަން ފެށިއެވެ. މިކަމުގައި އޭނާއަށް އެހީތެރިވާ އެންމެނަށް އޭނާ އެހީތެރިވާނެކަމަށާއި ކޮންމެގޮތަކުން ނަމަވެސް އޭނާ ސަލާމަތް ކޮށްދިނުމަށް އެދި ރޯން ވެސް ފެށިއެވެ.

ޖަހާލި ބާރުގުގުރީގެ އަޑުގެ ފަހަތުން ކަހަލަގޮތަކަށް ވިދާލި ވިދުވަރާއިއެކު ކެޔޮފީނިތެރޭން މައްޗަށް އަރައިގެންދިޔަ އަލިފާން ގަނޑު ޖައްވުގެތެރެއަށް ގެއްލުމާއިއެކު ސެނާގެ ހަރަކާތްހުއްޓި އަޑުކެނޑި ދެލޯ މެރިއްޖެއެވެ.

މަޑުމަޑުން ފާޅުވަންފެށި ގިސްލުމުގެ އަޑާއިއެކު އަންހެންކުއްޖެއްގެ ރުއިމުގެއަޑު ފާޅުވާން ފެށިއެވެ. މިފަހަރު އެއިވެނީ ސެނާގެ އަޑުކަން ޝިޔާއަށް ޔަގީންވިއެވެ.

މިރެއަށް ހަމަޖެހިފައިވާ މަސައްކަތް ނިމުނީކަމަށް މަރިޔަންދީ ބުނުމުން ޝިޔާ މަޑުމަޑުން ގޮސް އެގެއިން ނުކުތެވެ. މަރިޔަންދީ އާއި އޭނާގެ ޓީމް ސެނާގޮވައިގެން އެތަނުގައި ތިއްބެވެ. ކޮންމެ ވެސް ވަރަކަށް ނުތަނަވަސްވެފައިހުރި ޝިޔާ އަވަސް އަވަހަށް އަޒްފާއަށް ފޯނުކޮށް އެނާ ބަލައި އައުމަށް ބުންޏެވެ. ދޮރޯށި ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު ވެސް ޝިޔާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

ޝިޔާ ބަލާއި މަރިޔަންދީމެން ގެކައިރިއަށް އަޒްފާ އާއި ފަވާޒު އައީ ފަވާޒުގެ ކާރުގައެވެ.

ޝިޔާ ގޮވައިގެން ގެއަށް ދިއުމުގެ ބަދަލުގައި އަޒްފާ އާއި ފަވާޒު ދިޔައީ ދޮންނިކަ ރެސްޓޯރެންޓަށެވެ. ނިދަން ދިއުމުގެ ކުރިން ކޮފީއެއް ބޯލުން މުހިންމުކަމުގައި ތިންމީހުނަށް ވެސް ގަބޫލުކުރެވުނެވެ.

ކޮފީބޮއި ނިންމާލުމަށްފަހު ގެއަށް އައިސް އެއްޗެތި ބަދަލުކޮށްގެން ނިދަން އޮށޯތުމާއިއެކު ޝިޔާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ މިރޭ ހިނގާދިޔަ ހާދިސާއެވެ. އެހާދިސާގެމަތިން ހަނދާންވުމާއިއެކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. ކޮންމެ ވެސް ވަރަކަށް ބިރުގަނެ ޖެހިލުން ވެސް ވާން ފެށިއެވެ.

ހާސްކަމާއި ނުތަނަވަސްކަމާއިއެކު ދެން ކަންތައް ކުރާނެގޮތަކާއިމެދު ވިސްނައި ފިކުރުކުރާން އޮތް ޝިޔާ ސިއްސައިގެން ދިޔައީ މޭޒު މަތީގައި އޮތް އޭނާގެ މޯބައިލްފޯން ރިންގްވާން ފެށުމުންނެވެ.

” ކިލަނބުވި އަތުގެތެރޭ ލިބި އަނިޔާ އުމުރަށް، ގިލަނުގެ ހިތިއަސަރުން ހެރި ވިހަ ތީރު މެޔަށް، ހިލަމެއްނެތި ދިޔައޭ ލެވި ޅަފުރާ އަނދަނަށް، ދިލަކަނިޖެހި ފިހިގެން ހަށިވެ އަނާ އަޅިޔަށް ” ފޯނު ރިންގްވެލުމާއިއެކު އިވިގެން މަޑުމައިތިރި ރީތި ލަވައިގެ ސަބަބުން ޝިޔާގެ ހިތަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ފޯނު ބަލައިލިއިރު ގުޅަނީ ފަރުސާން އެވެ.

މިފަދަ ވަގުތެއްގައި ފަރުސާން ފޯނުކުރުމަކީ ޝިޔާއަށް  ލިބިގެންދިޔަ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށް ވިއެވެ. އެކަން އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވަމުން ދިޔައެވެ.

ޝިޔާ ކުޅުދުއްފުށްޓަށް އައިސް އޭނާގެ މަސައްކަތް ކުރަމުންދާތާ ތިންވަނައަށްވީ ދުވަހުގެ މެންދުރުފަހު ތިނެއްޖަހާކަން ހާއިރެވެ. ޝިޔާ އެދެމުންދިޔަ އެދުމުގެމަތިން ޝިޔާ ގޮވައިގެން ސެނާމެންގެއަށް އަޒްފާ ދިޔައެވެ. ޝިޔާ ބޭނުންވިފަދައިން ސެނާ އާއި ޝިޔާ ބައްދަލުކުރުވާ އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ.

ޝިޔާ އެރަށަށް އައި ބޭނުމުގެ ވާހަކަދައްކައި އެކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުންދީ ސެނާގެ ހަޔާތުގެ ވާހަކަތައް އޭނާއަށް ކިޔައިދިނުމަށް ސެނާގާތު ޝިޔާ އެދުނެވެ. އެކަމާއި ގުޅުންހުރި އެތައް ވާހަކައެއް ދައްކައި އެތައް އާދޭހެއް ކުރިއެވެ.

ޝިޔާގެ ވާހަކަތަކަށް ޖަވާބުދެމުން ސެނާ ބުނީ އެވާހަކަތައް އެއްވެސް މީހަކަށް ކިޔައިދޭން ބޭނުންނުވާކަމަށާއި އެކަމާއި ނޫޅުމަށެވެ. ޝިޔާ ވެސް ގަދަވެ ސަލާމަތުން ހެޔޮހާލުގައި މާލެ ދިޔުމަށާއި މިއީ ބިންމާ އިބްރާހިމް ވަހީދުގެ ހުކުރުވިލޭރޭނޫން ކަމަށެވެ. ހުކުރު ވިލޭރޭ ވާހަކައިގެ ބަތަލާއަށް ދިމާވާފަދަ ކަމެއް ޝިޔާއަށް  ދިމާވާން ނޭދޭ ކަމަށެވެ.

ސެނާގެ ވާހަކަތައް އެހެންހުރި ނަމަވެސް ޝިޔާ އުންމީދު ނަގައެއް ނުލައެވެ. މަސައްކަތް ހުއްޓާލާކަށް ވެސް ގަސްދެއް ނުކުރެ އެވެ. އެހެނިހެން ގޮތްގޮތުން ވާހަކަދައްކައިގެން ވެސް އެކަމުގައި ކާމިޔާބެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ހުއްޓުމެއްނެތި ކަހަލަގޮތަކަށް ޝިޔާ ކުރަމުންދިޔަ އާދޭސްތަކާއި އެދެމުންދިޔަ އެދުމުގެ ސަބަބުން ސެނާގެ ހަޔާތުގެ ވާހަކަތައް ޝިޔާއަށް ކިޔައިދިނުމަށް ސެނާ އެއްބަސްވި އެވެ.

ސެނާގެ ހަޔާތުގެ ވާހަކަތައް ޝިޔާއަށް ކިޔައިދިނުމަށް ސެނާ އެއްބަސްވުމުން ޝިޔާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. އުފަލުން ހިނިތުން ވެލެވުނެވެ. އެކަމަށް އެއްބަސް ވުމުން ސެނާއަށް ޝުކުރު ވެސް އަދާކުރި އެވެ.

ނުނިމޭ

1
0
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އޭނާ ( 2 )“

Leave a Reply

Your email address will not be published.