މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [20]

އަހަރެންގެ ލޯބި ޤުރުބާން ކުރަން ޖެހުން މީ އަހަރެންގެ ހިތަށް ފަސޭހަ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި އެޚިޔާލު އާވާ ކޮންމެ ފަހަރަކު އާވަމުންދާ ވޭނަކީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އެޚިޔާލުގައި ހުއްޓާ ސްކައިޕިޔާއެ ރީތި މަލަމަތި ދައްކާލައިފިއެވެ. އަހަރެން ބޮޑުވާއިނގިލިން ލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް ފުހެލީމެވެ.

މާދަމާރެއަށް ތައްޔާރުވަމުންދާ 30 ފަންގިފިލާގެ ބޮޑު މި ހޮޓަލް ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އަހަރުމެން އެންމެންނަށް ތިބެވުނީ އަންތަރީސް ވެފައެވެ. ބޮޑު ކޮމްޕައުންޑެއް ލާފައިވާ ހޮޓެލްގެ ތެރޭގައިއެކިހިސާބުގައި ސްވިމިންގް ޕޫލް ތަކާއި ކުޅިވަރު ކުޅޭނެ އައުޓްޑޯރ ކޯޓް ތައް ލާފައި ވެއެވެ. އޭގެ އިތުރުން ހޮޓެލްގެ ދޮރުމަތީގައި ހައްދާފައިވާ ޓިއުލިޕް އާއި އެކި ކުލަކުލައިގެ ރީތި މާ ބަގީޗާގެ ސަބަބުން ރީތިކަން އިންތިހާއެވެ.

މެންދުރު ކެއުމަށްފަހު އަރާމުކުރުމަށްއަހަރެންނާއި ޒާނިޝް އަދި އަޔާން އަހަރުމެންގެ ކޮޓަރީގައި ތިބީމެވެ.

“ޝޯން.. ކޮބާ ކިހިނެއް ޕްލޭން ތައް އޮތީ. . ހޮޓެލް ބަލާލަން ބުރެއްޖަހާލަން ވާނެއެއްނު..” ޒާނިޝް އަހައިލިއެވެ.

“އާނ މިކޮޅަށް އައި ބޮޑު ބޭނުން ކޮބާ..؟” އަޔާން ވެސް ދިމާކޮށްލިއެވެ.

“ބޮޑު ބޭނުން ދޯ.. ޝާޔާ ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް އޮތީ ހަމަޖެހިފަ.. އެޕޮއިންޓްމެންޓް އޮތީ ތިނެކަށް.. މިތަނާ މާދުރުނޫން ހިސާބެއްގަ ހުރޭ މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލެއް.. އަހަރެންވެސް ދާން ބޭނުންވެފަ މިއޮތީ.. އެކަމަކު ވީހާވެސް ދުރުދުރުން އުޅެވޭތޯ އަހަރެން މިބަލަނީ.. އެކަމަކު ހާދަ އުނދަގުލޭ.. ކަންތައް ވާނެ ގޮތެއް އަދި ނޭނގެ.. މިރޭ ނަޝީއާއި ބައްދަލުކޮށްލަން ދާނަމޭ މި ހިތައް އަރަނީ..” ނިއްކުރި މަތީގައި އަތްބާއްވާލައިގެން އޮތްއިރު އަހަރެންގެ ހިތު ތެރޭ ގިނަވަމުންދާ އުދާސްތައް ބޭރުވަމުންދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

“އަހަރެންނަށްވެސް ފެންނަނީ ނަޝީއާއި އަވަހަށް ބައްދަލުކޮށްލާ ވެގެން އުޅޭގޮތެއް އޮޅުންފިލުވަން ވީހާވެސް އަވަހަކަށް. . ” ފޮރޮޅިލާ، ކަންނެޔޮ ނަގާ ބަނޑުދަށަށްލަމުން ޒާނިޝް ވާހަކަ ދެއްކިއެވެ. އެވަގުތު ބައްޕަގެ ކޯލެއް ވައިބަރ އިން އައެވެ. އަހަރެން ފޯނުނަގާ ކަންފަތުގައި ޖައްސާލީމެވެ.

“ހެލޯ ސަން..! މިރެއަށް އެއްވެސް ކަމެއް ނުރާވައްޗޭ.. ޑޭޑް ބުނީމެއްނު ޝޯންގެ މެރިއޭޖް ފިކްސް ކުރި ވާހަކަ.. އެ ފެމެލީ މިރޭގެ ޑިނަރ ގައި ބައިވެރިވާނެ.. ސޯ ޔޫ މަސްޓް ބީ ދެއަރ.. ޑޯންޓް ފޮގެޓް އިޓް..”

“އޯކޭ..” އަހަރެން ކުރުޖަވާބަކުން ފުއްދާލީމެވެ. ބައްޕަކުރިމަތީގައި ދެކޮޅުހަދަން ނުކެރުނީއެވެ. ނަމަވެސް އަހަރެން އެ ޢާއިލާއަކާ، ނުވަތަ އެކުއްޖަކާ ބައްދަލު ކުރުމުގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ.

“ވަޓް ހެޕެންޑް.. ޔޫ ލުކް ޑަލް އޯލް އޮފް އަ ސަޑަން..” އަޔާން އަށް އަހަރެންގެ މޫނުމަތިން ކަމެއް ވެއްޖެކަން ނަގައި ގަނެވިގެން އެހިއެވެ. އެއާއިއެކު ޒާނިޝްވެސް ބޯ ހިއްލާލާ ބަލައިލިއެވެ.

“ޔާ.. އިޓްސް ޑޭޑް.. މިރޭ އަހަރެންގެ ވާންއުޅޭ ‘ވައިފް’ ގެ ފެމެލީއާއި ބައްދަލު ކުރުން އެބައޮތޯ ތަނަކަށް ނުދައްޗޯ..” އަނަގއަށް ގޮތެއް ހަދާލަމުން އަހަރެން ބުނެލީމެވެ. “ބަޓް އައިހެވް ނޯ އިންޓްރެސްޓް.. އަނެއްކާ މިރޭ ނަޝީއާއި ބައްދަލުކުރަން ބޭނުންވެފަ ހުއްޓަ.. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮ.. އަހަރެން މިރެއަކު މަޑެއް ނުކުރާނަން.. ނަޝީ އާއި މީޓް ކޮށްލަން ދާނީ.. އަޅާފަ އޮތް އޮޅުންގަނޑު ވީހާވެސް އަވަހަކަށް ފިލިއްޔާ ދެން ކަންތައް ކުރަންވީ ގޮތެއް އެނގޭނީވެސް.. ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ބޭނުން ކަންތައްތައް ހައްލު ކުރެވޭތޯ ބަލަން..” ވާހަކަ ދައްކަމުން އަހަރެން ފޯނު ނަގައި ނަޝީގެ ކޮންޓެކްޓް ވައިބަރ އިން ހޯދައިލީމެވެ. އެއަށްފަހު އުނދަގުލާއިއެކު ވެސް ގުޅާލީމެވެ.

“ހަލޯ. . ” އެކޮޅުން ވާހަކަ ދެއްކީ ނަޝީއެވެ. ނަޝީއަށް ގުޅީ އަހަރެންކަން ނޭނގުނީ ބާއެވެ. އަޑުން ތަފާތުކަމެއް އިޙްސާސް ކުރެވުނެވެ. ކުރީގައި ހުންނަ ޖޯޝެއް ނެތެވެ. އެއީ އަހަރެންނަށް ހީވި އެއްޗެއް ކަންނޭނގެއެވެ.

“ނަޝީ.. އިޓްސް މީ ޝޯން..” އަހަރެން ބުނެލީމެވެ. ޔަޤީން ކޯށްލަން ބޭނުންވީއެވެ.

“އައި ނޯ..” ކުރު ޖަވާބަކުން ނަޝީ ފުއްދާލިއެވެ. އެއީ ނަޝީގެ ގޮތެއް ނޫނެކެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ނަޝީއަށް ބަދަލު ތަކެއް އަތުވެއްޖެއެވެ.

“ކެން ވީ މީޓް.. އަހަރެން ބޭނުން ނަޝީއާ ވާހަކައެއް ދައްކާލަން.. މިރޭ ހުސްތަ..” އަހަރެން މަޢުލޫއަށް އައީމެވެ.

“ސޮރީ.. މިރެއަކު ފްރީއެއްނޫން.. އައިމް އައުޓްސައިޑް ސިޑްނީ..” ނަޝީ އެހެން ބުނިއިރު އޭނާވެސް އަހަރެންނާއި ބައްދަލު ކޮށްލަން ބޭނުންވެފައި ހުރިކަން ފާހަގަ ކުރެވުނެވެ.

“އޯކޭ ދެން.. ލެޓް މީ ނޯ ވެން ޔޫއަރ ފްރީ..” އަހަރެންވެސް މާޔޫސް ކަމާއިއެކު ފޯނު ބޭއްވީމެވެ.

“ޝީޒް ނޮޓް ފްރީ.. މިރޭ މިޖެހުނީ އެންމެފަހުން އެމީހުންނާ ބައްދަލުކުރާކަށް ނު..” އަހަރެން ފޫހި ރާގަކަށް ބުނެލަމުން ތެދުވެ ފާހަނާއަށްވަދެ ތާޒާ ވެލައިގެން ނިކުމެ އެއްޗިހި ބަދަލުކޮށްލާ ރީތިވެލީ ޝާޔާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާށެވެ.

އަހަރެން ނިކުމެލާ އެޕާޓްމެންޓްގެ ސިޓިން ރޫމްގައި ހުރި ސޯފާގައި ޖައްސާލީމެވެ. އޭރު އަދި ރީތިވެގެން އެކަކުވެސް ނުނިކުމެއެވެ. މާގިނައިރެއްނުވެ ބަކުރުބެ އާއި ހައްވާ ދައްތަ އަދި ޝާޔާ އާއި ޝައިހާ ވެސް ރީތިވެލައިގެން ނިކުތެވެ. އަހަރެންނަށް ރީތި ކުދި މާތަކެއް ޖަހާފައި ހުރި ކްރީމް ކުލައެއްގެ މެކްސީއަކާއި ލެގިން ގައި ހުރި ޝާޔާ ފެނުމުން، ހިތުގެ ވިންދަށް ގޮތްތަކެއް ވިއެވެ. އަޅާފައިވާ އައި ލައިނަރ އާއިއެކު ޝާޔާގެ ރީތިކަން އިންތިހާއެވެ. އަހަރެންގެ ހިތް އެދޭ ޕަރީގެ ކޮންމެ ފެނިލުމަކާއިއެކު އިތުރަށް ރީތިހެން ހީވެއެވެ. “ހައު ބިއުޓިފުލް ކެން ޔޫ ބީ. . ” އަހަރެންނަށް އަމިއްލަ ނަފްސަށް ބުނެލެވުނެވެ. އެނާޒުކު ތުންފަތުގެ ކޮންމެ ހަރަކާތަކަށް އިތުރަށް ގަޔާ ވެވެމުން ދިޔައެވެ. އާޝޯހުވީވަރުން އަހަރެންނަށް ޝާޔާއާއި ދިމާލަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

“ޝާޔާ އާއި ޝައިހާ އާ ދެމީހުން ދާންޖެހެނީ ދެ ހޮސްޕިޓަލަކަށޯ.. އަނެއްކާ ޝައިހާ ދާން ޖެހޭ ހޮސްޕިޓަލަށް ދެވެނީ ތިން ގަޑިއިރު ދުއްވައިގެން ކަމަށްވަނީ..” ބަކުރުބެގެ އަޑަށް އަހަރެންނަށް ކުޑަކޮށް ސިހިފައި ބަލައިލެވުނެވެ. އަހަރެން ވަގުތުން އޮޅުން ފިލުވައިލަން މަންމައަށް ގުޅައިލީމެވެ.

“އާނ ދަރިފުޅާ.. ޝާޔާ ގޮވައިގެން ދާން ޖެހެނީ މެލްބޯރން މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލަށް.. އަނެއް ކޮޅުން ޝައިހާ އަށް ދާން ޖެހެނީ މަންމަވެސް ދެއްކި ހޮސްޕިޓަލަށް އެއީ ސިޑްނީ އާއި ކައިރިހިސާބެއް.. ދަތުރު ދިގުވެފަ މިރޭ އާދެވޭނީ ގޮސް ވަރަށް ދަންވާ ފަހުން.. ދަރިފުޅު ދަންތަ..” މަންމަ ވީގޮތް އޮޅުން ފިލުވައިދިނެވެ.

“އަޅުގަނޑުވެސް ދާން ކަމަށް މި ނިކުތީ.. ދެން ބަކުރުބެ މެންނާއި ވާހަކަދައްކާލާފަ ގޮތެއް ނިންމާނީ.. އޯކޭ މޮމް.. ދެން ބާއްވަނީއޭ..” އަހަރެން ފޯނުބޭއްވުމަށްފަހު ބަކުރުބެއާއި ވާހަކަދެއްކީމެވެ.

“އެހެންވީމަ ކިހިނެއްތޯ ބަކުރުބެމެން ކަންތައް ކުރަން ތި ނިންމަނީ..”

“ދަތުރު ދިގުވީމައާއި އެކު އަހަރުމެން ޝައިހާ ގޮވައިގެން ގޮސްފަ އަންނަން މި ވިސްނަނީ.. ދަރިފުޅަށް ޝާޔާ ގޮވައިގެން ގޮސްލެވޭނެތަ..؟” ބަކުރުގެ ޖުމަލައާއިއެކު އަހަރެންގެ ހިތަށް އެތަކެއް އިޙްސާސްތަކެއް އަރާ ފައިބައިގެން ދިޔައެވެ. އަހަރެންނަށް ބަލައި ލެވުނީ ޝާޔާ އަށެވެ. އެހާ ގާތްކޮށް ބަކުރުބެ އެހެން ބުނުމުން އަހަރެންނަށް ނޫނެކޭ ބުނާކަށް ނުކެރޭނެތާއެވެ. އަނެއްކޮޅުން އަހަރެންވެސް ބޭނުންވަނީ އެގޮތެވެ.

“އެންމެ ރަނގަޅު.. އަޅުގަނޑު ދާނަން ޝާޔާ ގޮވައިގެން..” އަހަރެން އެހެން ބުނުމާއިއެކު ޝާޔާ އިސްޖަހައިލިއެވެ. ޝާޔާގެ މޫނުމަތީގައި ޖަންބުކުލައެއް ފާއްދާލިއިރުގައި ރަކި ހިނިތުންވުމެއް އެ ނާޒުކު ތުންފަތާއި ކުޅެމުން ދިޔައެވެ.

ލިފްޓުން ތިރިއަށް ދެވުނުއިރުގައި އަހަރެމެންގެ އިންތިޒާރުގައި ސްކައިޕިޔާގެ ދެ ވޭނެއް އޮތެވެ. އަހަރެންނާއި ޝާޔާ އެއްވޭނަށް އެރީމެވެ. އެއާއިއެކު ވޭންގައި ނައްޓާލެވުނެވެ. އޮސްޓްރޭލިޔާގެ މަގުތަކުގައި ދުއްވަމުން ދިޔައިރުގައި އަހަރެންހުރީ ފެންނަމުންދިޔަ ހިތްގައިމު ގުދުރަތީ މަންޒަރަށް ހިތް ދޫކޮށްލައިގެންނެވެ. އެހެން އިންދައި އަހަރެންގެ އަތުގައި މަޑުމަޑު އަތަކުން ބީހިލިހެން ހީވެގެން ބަލައިލީމެވެ. އަހަރެންނާއި ދާދިގާތުގައި އިން ޝާޔާގެ މޫނުމަތިން ފެންނަމުންދިޔަ އިޙްސާސްތައް އަހަރެންނަށް ނަގައިގަނެވުނެވެ. ޝާޔާ އިނީ ވަރަށް ހާސްވެފައެވެ. އަހަރެން މަޑުމަޑުން ޝާޔާގެ އަތުގައި ހިފާލީމެވެ. ޝާޔާ ހިނިތުން ވެލިއެވެ. ހާސްކަން ފޮރުވައިލަމުންނެވެ.

“ޑޯންޓް ވޮރީ ލަވް.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. މިއީ މިކަމާ ޑޮކްޓަރަށް ދައްކާ ފުރަތަމަ ފަހަރުތަ..؟” އަހަރެން ޝާޔާގާތްކޮށްލަމުން އަހަރެންގެ އަތުގެ ޙިމާޔަތުގެ ދަށަށް ޝާޔާ ގެނެސްލީމެވެ. ޝާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “އެއްގޮތަކަށްވެސް ހާސްނުވޭ.. އެއީ އެހާވަރުގެ ކަމެއް ނޫން.. ޝޯން ވެސް ހުންނާނަމެއްނު ޝާޔާ ކައިރީގަ..” އަހަރެން ޝާޔާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކުގައި ބުނެލީމެވެ. ޝާޔާ ބޯޖަހައިލަމުން ދެލޯ މަރާލީ ހިނިތުން ވެލަމުންނެވެ. ޝާޔާގެ ހުރިހާ ކަންބޮޑުވުމެއް ފިލައި ދިޔަ ކަހަލައެވެ.

“ނަތިންގް ޓު ވޮރީ އެބައުޓް..” އެތައް އިރެއްގެ ފިޒިކަލް އެގްޒަމިނޭޝަން އަކަށް ފަހު ޑޮކްޓަރު ވާހަކަ ދެއްކި އެވެ. އަހަރުމެން ތިބީ ހޮސްޕިޓަލުގެ ހަތްވަނަ ފަންގިފިލާގައެވެ. އެއީ އީ.އެން.ޓީ ޑިޕާޓްމެންޓެވެ. “ކުޑަ އޮޕަރޭޝަން އެއް ކޮށްލަން ޖެހޭނީ.. ކުޑައިރު އޮޕަރޭޝަން ކޮށްލެވުނުނަމަ ވަރަށް ރަނގަޅުވީސް.. އެކަމަކު އަދިވެސް ވާހަކަދެއްކޭނެ ކަމުގެ ޔަޤީންކަން އެބައޮތް..” ޑޮކްޓަރު ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ޑޮކްޓަރުގެ ވާހަކަވީ އަހަރެންނަށާއި ޝާޔާއަށް ލިބުނު ވަރަށްވެސް އުފާވެރި ޚަބަރަކަށެވެ. ޝާޔާ އުފަލުން އަހަރެންގެ ގައިގާ ހިފަހައްޓާލިއެވެ. އަހަރެންގެ ލޮލުތެރޭގައިވެސް ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. ޝާޔާގެ އަޑުން އަހަރެންނަށް ގޮވާލާނެ ދުވަހެއްގެ އިންތިޒާރު ކުރެވޭތާ ކިތަންމެ ދުވަހެކެވެ. އިރާދަ ކުރެއްވިއްޔާ އެ އުންމީދު ފުރިހަމަވާން މާގިނަ ދުވަހެއް ނުނަގާނެ ކަމުގެ ފެހި ސިގުނަލް މިވަނީ ލިބިފައެވެ.

“އަލްޙަމްދު ލިﷲ..” އަހަރެންނަށް ހިތާ ހިތުން ބުނެލެވުނެވެ.

“ކޮން އިރަކު އޮޕަރޭޝަން ކުރުން އޮތީ..” އަހަރެން ޑޮކްޓަރާ ސުވާލުކުރީމެވެ. “އަހަރުމެން ބޭނުން ވީހާވެސް އަވަހަށް މި އޮޕަރޭޝަން ކުރަން..” އަހަރެން ޝާޔާގެ އަތުގައި ހިފާލަމުން ޑޮކްޓަރަށް އިނގިރޭސިން ބުނެލީމެވެ.

“ތިކޮޅުން ބޭނުން ކޮންމެ އިރަކަށް އޮޕަރޭޝަން ހަމަޖައްސާލަ ދެވިދާނެ.. މާދަމައަށްވެސް ޝެޑިއުލް ކުރެވިދާނެ..” އަހަރެންނަށް ބަލައިލެވުނީ ޝާޔާއަށެވެ. ޝާޔާ ތައްޔާރު ވީހާ އަވަހަކަށް އެކަން ކުރަން އަހަރެން ބޭނުމެވެ. ޝާޔާ ބޯ ޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުން ނެވެ.

“އެންމެ ރަނގަޅު މާދަމާ އަށް އޮޕަރޭޝަން ހަމަޖައްސާލަދީ..” އަހަރެން ޑޮކްޓަރު ކައިރިން އެދުނީމެވެ.

ހޮސްޕިޓަލުން އަހަރުމެން ނިކުތީ މާދަމާ ހެނދުނު އެޑްމިޓް ވާން އަންނަ ގޮތަށެވެ. ކުރިޔަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި ކެއުން ބަހައްޓަންވީ ގޮތުގެ ތަފްޞީލް ޑޮކްޓަރު ދެއްވިއެވެ. އެއާއިއެކު އަހަރުމެން ބަކުރުބެއަށް ގުޅާލީމެވެ. އޮސްޓްރޭލިޔާ އެއަރޕޯރޓް ތެރެއިން ނިކުތީ ކޮންމެ ޢާއިލާއަކަށް ސިމެއްވެސް ނަގައިގެނެވެ. އެހެންކަމުން ވާހަކަ ދައްކާލާ އުޅެން ވަރަށް ފަސޭހަވެފައި ވެއެވެ. އަހަރުމެން ދިން ޚަބަރާއިއެކު ހައްވާދައްތަ އާއި ބަކުރުބެ ވެސް ވަރަށް އުފާވިއެވެ. ނަމަވެސް ޝައިހާގެ ހިތުގެ ތެރޭގައި ހިނގާނީ ކޮންކަހަލަ އިޙްސާސެއް ކަމެއް ބުނާކަށް ނޭނގެއެވެ.

އޮއްސެމުން ދިޔަ އިރުގެ ރަންއަލީގައި ފަޒާ ޖަރީވެފައިވާލެއް ފުރިހަމަކަމާއެވެ. ދަތުރުކުރަމުން ދިޔަ ވޭނުގެ ބިއްލޫރި ގަނޑުން އެ މަންޒަރު ފެންނަމުންދިޔައިރު ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރި ހިނިތުންވުން އަހަރެންގެ ޙިއްސުތަކާއި ކުޅެމުން ދިޔައެވެ. އަހަރެންނަށް ނަޒަރު ހުއްޓައި ލެވިފައި ވަނީ އެ ޤުދުރަތީ މަންޒަރު ފަނޑުކޮށްލާފައިވާ ޝާޔާގެ ލޯބިވެތި މޫނަށެވެ. އަހަރުމެން ދަތުރުކުރި ވޭނާއި ދާދި އެއްވަރަކަށް ތަންކޮޅެއް ދުރުން އުދުހެމުންދިޔަ ދޫނި ބައިގަނޑެއް ފެނުމާއިއެކު، އިރުގެ ރަން އޮރެންޖުކުލައިން ވިދާގަތް ޝާޔާގެ އަންނާރު އޮށްތަކެއްފަދަ ރީތި ދަތްތައް ފެނިގެން ދިޔައެވެ. އުފާވެރިކަން އެމޫނުމަތިން ބަބުޅަމުން ދިޔައެވެ. އަހަރެންނަށް އެނބުރި ބަލައިލަމުން އަހަރެންގެ އަތުގައި ޝާޔާ ހިފައިލިއެވެ. އަދި އުދުހެމުންދިޔަ ދޫނިތަކަށް އިނގިލި ދިއްކޮށްލީ އަހަރެންނަށް އެ މަންޒަރު ދައްކާލުމަށެވެ. އެ މަޑުމަޑު ލޯލި އިނދިލިތައް އަހަރެންގެ އަތްތިލައިގައި ބީހިލުމާއިއެކު އަހަރެންގެ ހަށީގައި ކަރަންޓްގެ ބާނީ ތަކެއް އުފެދިގެން ދިޔައެވެ. އަހަރެންނަށް ކަޅިޖަހައިނުލާ ބެލުނީ ޝާޔާގެ މައުސޫމު ހަރަކާތް ތަކަށެވެ. އެކަން ފާހަގަ ކުރެވި ޝާޔާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަދި އަހަރެންގެ ތޫނު ނަޒަރުން ސަލާމަތް ވުމަށް އިސް ޖަހައިލިއެވެ. ލަދުން ރަތް ވެގެން ދިޔަ ޝާޔާގެ މޫނު ރަން އޮރެންޖު އަލީގައި ވެސް އަހަރެންނަށް ފާހަގަ ވިއެވެ. އަހަރެންނަށް މަޑުމަޑުން އަތް އުފުލާ ޝާޔާގެ މޫނުގައި ފިރުމާލެވުނެވެ. އަދި މަޑުމަޑުން ޝާޔާއާއި ކައިރިވެވުނެވެ. އެމަސްތީކަމުގައި އަހަރެންނަށް ޝާޔާގެ ދަތްދޮޅީގައި އިނގިލި ޖައްސާލާ އުފުލައިލެވުނެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔައީ ޝާޔާއަށް އަޑުއިވޭހާވެސް ބޮޑަށެވެ. ޝާޔާގެ މަސްތުން ފުރިގެންވާ ދެލޯ އަހަރެންނާއި ސީދާކޮށްލިއެވެ. އެލޮލުގައި ވާ ވިދުވަރާއިއެކު އެލޮލުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވިއެވެ. މަސްތީކަމުގައި ބަރުވަމުން ދިޔަ ޝާޔާގެ ލޯ މަޑު މަޑުން މަރައިލިއެވެ. ދަޢުވަތެއް ފަދައިންނެވެ. އަހަރެންގެ ދެ އަތް ތިލައިން ޝާޔާގެ ނާޒުކު މޫނު ވަށައިލީމެވެ. އަދި މަޑުމަޑުން އަހަރެންގެ ތުންފަތް ޝާޔާގެ ތުންފަތާއި ދިމާލަށް ދަތުރުކުރިއެވެ. އެއާއިއެކު ޝާޔާގެ ހޫނުނޭވާ އަހަރެންގެ ތުންފަތަށް އެޅެންފެށިއެވެ.

ކުއްލިއަކަށް ރިންގުވާންފެށި ފޯނާއިއެކު އަހަރެންނަށް ތެޅިގަނެފައި ދުރައްޖެހިލެވުނެވެ. ޝާޔާގެ ޙާލަކީވެސް އެއީއެވެ. ގުޅީ އަހަރެންގެ ބައްޕައެވެ. އޭރު އިރުވެސް އޮއްސިއްޖެއެވެ. އަހަރެން މަޑުމަޑުން ޝާޔާއަށް ބަލައިލީމެވެ. އެއއިއެކު ލަދުވެތިކަމާއިއެކު ޝާޔާގެ މޫނު އަނެއްފަރާތައް އަނބުރައިލިއެވެ.

“ޔެސް ޑޭޑް..” އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލީމެވެ.

“ވެއަރ އަރ ޔޫ..” ބައްޕަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. “ޑިޑިންޓް އައި ޓެލް ޔޫ.. ތަނަކަށް ނުދައްޗޭ.. މިހާރު އެމީހުން އައިސްފި.. ޑިނަރ ފެށެން ބައިގަޑިއިރެއްހާ އިރަށްވީ..”

“ވީ އަރ ރީޗިން ނައު..” އޭރު އަހަރުމެންނަށް ސަކައިޕިޔާ އާއި ކައިރިވެއްޖެއެވެ. “އައި ވިލް ބީ ދެއަރ.. ޑޯންޓް ވޮރީ..”

“ގުޑް.. ތައްޔާރުވެލައިގެން އާދޭ..” ބައްޕަ ފޯނު ބޭއްވިއެވެ. އެއާއިއެކު އަހަރެންނަށް ވިސްނާލެވުނެވެ. މިރޭ ހިނގަން މިއުޅޭ ކަންތައް ތަކުގެވާހަކަ ޝާޔާއަށް އިވުމާއިއެކު ޝާޔާއަށް ވާނީ ކިހިނެއް ބާއެވެ. އަހަރެންނަށް މިވާހަކަ ތައް އަދިއެއް ޝާޔާއަށް ކިޔައިދެވޭކަށް ނެތެވެ. އެހެން ކަމުން މިކަންތަކުގެ އެއްވެސް ޚަބަރެއް ޝާޔާއަށް ވެގެން ނުވާނެއެވެ. އަހަރެންނަށް ޚިޔާލު ތަކުގެ ތެރޭގައި ހުރެފައި ޝާޔާއަށް ބަލައިލެވުނެވެ. އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރި ޝާޔާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާއިއެކު އަހަރެންގެ ހިތް ހީވީ ތޮރުފައިލިހެންނެވެ. ޝާޔާގެ އިޙްސާސް ތަކާއި އަހަރެން ކުޅެމުން މިދާގޮތް ހިތަށް އަރާފައެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އެއްވެސް ކަމެއް ނުވާކަހަލަ ގޮތަކަށެވެ. “ބައްޕަ އެގުޅީ.. ލަސް ވެގެން..” އަހަރެން ބުނެލީމެވެ.

“މޮމް.. ކެންޔޫ ޑޫ މީއަ ފޭވަރ..” އަހަރެން މަންމަ އެއްފަރާތަކަށް ގެންގޮސްފައި އަހާލީމެވެ. މަންމަ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. “ޕްލީޒް މިރޭގެ މި ކަންތައްގަނޑުގެ ޚަބަރެއް އަޅުގަނޑުމެން ޢާއިލާއިން ބޭރު އެއްވެސް ބަޔަކަށް އެނގޭކަށް ބޭނުމެއް ނޫން.. މި ޑިނަރ ނައިޓަށް އައިޝާ ދައްތަގެ ފެމެލީ ނުގެނެސް ވާނެ ގޮތެއް ހަދައިދީ މޮމް.. ޝާޔާއާއި އައިޝާދައްތަ ފެމެލީ އާއި އެއްކޮށް އުޅޭނީ މިރޭ.. ޝާޔާއަށް މިޚަބަރު ލިބެން އަދި މާ އަވަސް..” އަހަރެން އާދޭހާ އެކު ބުނެލީމެވެ. މަންމަގެ މޫނުމަތިން ވެސް ސީރިއަސް ކަން ފެނިގެން ދިޔައެވެ.

“އެންމެ ރަނގަޅު.. މަންމަ ބައްޕައާއި ވާހަކަ ދައްކާލާނަން..” މަންމަ އެހެން ބުނެފައި އެއްފަރާތަކަށް ޖެހިލިއެވެ. އަދި ބައްޕައާއި ގުޅާގެން ވަރަށް އިރު ވާހަކަ ދެއްކިއެވެ. އެއަށްފަހު ޕްރައިވެޓް ޑައިނިންގް ރޫމެއް އެދެޢާއިލާއަށް ތައްޔާރު ކޮށްދޭގޮތަށް ހަމަޖެހުނު ވާހަކަ ބުންޏެވެ. އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެން އަވަސް ވެގަތީ ކޮޓަރިއަށް ގޮސް ފެންވަރާލާ ރީތިވެލާށެވެ. އަޔާން އާއި ޒާނިޝް ވެސް އޭރު ތައްޔާރުވަނީއެވެ. އަހަރެން ކަންތައް ވީގޮތް ކިޔައި ދިނީމެވެ. އެސިއްރު ހިފެހެއްޓުމަށް އެޅުނު ފިޔަވަޅާ ބެހޭގޮތުންނެވެ.

“ސޯ ވީއަރ ހެވިން އަ ސެޕެރޭޓް ޑިނަރ..” އަޔާން ފާހަގަ ކޮށްލިއެވެ. “ރަނާ މެންނާ އެއްކޮށް ވެއްޖިއްޔާ އައިމް ހެޕީ.. ބަޓް.. ‘ވާން އުޅޭ’ މިރޭ ނުފެންނާނެތީ ދެރައީ..” ހިނިގަނޑެކާއިއެކު އަޔާން ބުނެލިއެވެ. ޒާނިޝްވެސް ހިނިތުންވެލިއެވެ.

“ޑޯންޓް ވޮރީ.. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް.. ލައިކް އައި ސެޑް ބިފޯ.. ޝާޔާ އެންޑް ޔޫ.. ޔޫ ޓޫ އަރ މެންޓް ޓުބީ ޓުގެދަރ.. ކޮންމެ ގޮތަކަށް މިރޭ އަދި ކަންތައް ވިޔަސް ތި ދެމީހުން ކޮންމެވެސް ދުވަހަކުން އަދި ގުޅޭނެ..” ޒާނިޝް ހިތްވަރު ދިނެވެ.

“އިންޝާ ﷲ..” އަހަރެން އިތުރުކޮށްލީމެވެ.

“އަހް.. ޕިޔޯ ޖެންޓްލް މެން..” ސޫޓް ލައި ތައްޔާރު ވެލައިގެން އަހަރެން ސިޓިން ރޫމް އަށް ނިކުތުމާއިއެކު ޒާނިޝް ތަޢުރީފް ކޮށްލިއެވެ.

އަހަރެމެންނަށް ޚާއްސަވެފައިވާ ޑައިނިންގް އޭރިޔާއަށް ދިޔައީމެވެ. އެކި ކަހަލަ ޝާހީ ފަރުމާތަކުން ޒީނަތް ކުރެވިފައިވާލެއް ވަރަށްވެސް ފުރިހަމައެވެ. އަހަރެންނަށް އާދެވުނީ ތަންކޮޅެއް ކުރިންނެވެ. އޭރު މަންމައާއި ބައްޕަ އަދި ކޮމްޕެނީގެ ބައެއް އިސް މީހުން ފިޔަވައި އެހެން ބައެއް ނާދެއެވެ. އަހަރެން ފެނުމާއިއެކު ބައްޕައައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ.

“ތެންކިއު ސަން..” ބައްޕަ އަހަރެންގެ ކަންފަތްދޮށުގައި އެހެން ބުނެފައި އަތުގައި ހިފައިގެން އަހަރެންގެ ގޮނޑިކައިރިއަށް ގެންގޮސް ދިނެވެ. މަންމައާއި ބައްޕައާއި ދެމެދުގައި ހުރި ގޮނޑީގައި އިށީންނަން ތިރިވެލިތަނާ އެ ރޫމް ގެ ދޮރު ހުޅުވުނު އަޑަށް އަހަރެންނަށް އެދިމާ ބަލައިލެވުނެވެ.

ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންހެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ މިފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟

އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން އަރާގޮތްވިއެވެ. ދެލޯ ބޮޑުވީ ހީވެސް ނުކުރާ މީހަކު ކުރިމަތީ ހުއްޓައި ފެނުނުހެނެވެ. އެންމެންނަށް އަހަރުމެން ދެމީހުންނަށް އައި ބަދަލު ފާހަގަ ވެ ހުއްޓުން އެރިއެވެ. އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. “ނަޝީ..؟؟”

-ނުނިމޭ-

0
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 20 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

1 ކޮމެންޓް: ލިޔުން ”ދީވާނާ ލޯބިން ވެއްޖޭ. . [20]“

Leave a Reply

Your email address will not be published.