މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [23]

15 ވަރަކަށް މިނެޓްގެ ތެރޭގައި އަހަރެން ހިތްހަމަ ޖެހޭވަރަށް ބޯކޮށައި ތުނިކޮށްލެވިއްޖެއެވެ. މިހާރު ހީވަނީ އުމުރަށްވުރެވެސް ޅަ ހެނެވެ. ގޮނޑިން ފައިބާ ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލުމަށް ފަހު އަހަރެން އެނބުރިލާ ސަޅި ޕޯސްއެއްގައި ހުއްޓިލީމެވެ. ޒާނިޝް މެންނަށް ސަޅިދައްކާލާށެވެ.

“ވާވް.. ތިހެން ތުނިކޮށްލާފައި ހުންނައިރު ސިއާންބެ އާއި މާ ގުޅޭ..” ރިޔާ، ރަނާ އަށް ދޯ އެއް ދިނުމުން ރަނާ ވެސް ހުމް ލައްވާލިއެވެ.

“ބޭބިޝް..” މޫނަށް ގޮތެއް ހަދާލަމުން އަޔާން ބުނެލިއެވެ. އަޔާން އަށް މި ލުކް މާ ކަމުދިޔަހެނެއް ހިޔެއް ނުވެއެވެ. ކުއްލިޔަކަށް ފެނުނީމައި ކަމަށްވެސް ވެދާނެއެވެ. މަޑުމަޑުން އެޖެސްޓް ވާނެތާއެވެ.

“ބަލަން ވީ އަހަރުމެންނަށް ކަމުދޭތޯތަ އަދިވެސް.. ޝާޔާ އަށް ކަމުދިޔައީމަ ނިމުނީނު..” ޒާނިޝްވެސް އެހެން ބުނިއިރު އެ ލުކް އޭނައަށްވެސް މާ ކަމުދިޔަހެނެއް ހިޔެއް ނުވެއެވެ. އެއީ އެދެމީހުންނަށް އަހަރެން ފެނުނީއްސުރެވެސް ފުދޭވަރަކަށް އިސްތަށިގަނޑު ދިގުކޮށް ބަހައްޓާފައި ހުންނާތީއެވެ. އަހަރެން ފޯނުން ސެލްފީއެއް ނަގައިލީމެވެ. އެއަށްފަހު ދޮންބެއަށް ވައިބަރ ކޮށްލީމެވެ.

“ހޭ ލެޓްސް ޓޭކަ ސެލްފީ.. އެންމެން..” އަހަރެން ސެލޫން އިން ނުކުންނަމުން ބުނެލީމެވެ. ޕާރކް ކޮށްފައިވާ ކާރުގެ ތެރެއަށް ރިޔާ އާއި ރަނާ ލާފައި އަހަރެންނާއި އަޔާން އާއި ޒާނިޝް ކާރު ކައިރީގައި ތިރިވެލައިގެން ތިބީމެވެ. އަހަރެންނާއި ޒާނިޝްގެ ދޭތެރެއިން ރިޔާ ފެންނަން ހުރިއިރު އަޔާން އާއި ދޭތެރެއިން ރަނާ ފެންނަހެނެވެ. އެންމެން އެކި ގޮތްގޮތަށް ވައްތަރު ޖައްސަ ޖައްސާފައި ބައިވަރު ސެލްފީ ނެގީމެވެ.

“ގާއިސް.. ދެން ހިނގާ އަވަހަށް ދަމާ.. ޝާޔާ ނެރެންވާއިރަށް ދާން ބޭނުން ކޮންމެހެނެއް ހަދާފަވެސް..” އެތަނާ ކައިރި ފުޑް ކޯނަރ އަކުން ކޮންމެމީހަކުވެސް ޓޭކަވޭއަކަށް ކާނެ އެއްޗަކާއި ބޯލާނެ އެއްޗެއް ނަގައިގެން ދަމުން އަހަރެން ބުނެލީމެވެ. އެއާއިއެކު އެންމެންވެސް ބާރު ހިނގުމެއްގައި ގޮސް ކާރުގައި ދުއްވާލީ ހޮސްޕިޓަލަށް ދާށެވެ.

“ހޭ.. އައި ހެވް އަ ބޭޑް ފީލިންގ އެބައުޓް ދެޓް ރަޝީދު ގާއި..” ބަކުރުބެ ބުނި ވަށަފަރު ރަޝީދުއަށް އިޝާރާތް ކޮށްލަމުން އަހަރެން ބުނީމެވެ. އަޔާން މެންވެސް އެހެން ބުނުމުން ގަޔާވެލާފައި އަހަރެންނާއި އެއްބަސްވެލިއެވެ. “އައި ހެވް އަ ޕްލޭން.. އެއީ ކާކު ކަން.. އެތަނަށް ބޭސްކުރަން ގެނެސްފަ އެހުރީ ކާކުގެ ނަން މަތީގަކަން ބަލަން..”

“ކިހިނެއް..؟ ތިބުނީ އެތަނަށް އަހަރުމެވް ވަދެ އަހާނީއޭތަ؟ އަރ ޔޫ ނަޓްސް؟ އެކަހަލަ ކޮންފިޑެންޝިއަލް އިންފޯ އެއް އެމީހުންނެއް ދުލެއްނުކުރާނެ އެއްނު ހަމަ ކޮންމެ މީހަކު ގޮސް އަހާލާއިރަކަށް..؟” އަޔާން އަށް އަހަރެން ބުނަން އުޅުނު އެއްޗެއް ނޭނގުނެވެ.

“އިޝީ..” އަހަރެން ކޮންފިޑެންސާއި އެކު ބުނެލީމެވެ.

“ވަޓް އެބައުޓް ހަރ..؟” ޒާނިޝް އަހާލިއެވެ.

“ޝީ ހޭޒް މާސްޓަސް އިން އިންފޯ ޓެކް ވިތް އިންޓަރނޭޝަނަލް ހެކިން ލައިސެންސް..” އަހަރެން އެހެން ބުނުމާއިއެކު އަޔާން އާއި ޒާނިޝް އަށް އިންޓްރެސްޓިންގް ވެލިއެވެ. ރިޔާ އާއި ރަނާ އަޑުއަހަން އިނީ އެވެ. “ޔަގީން އިޝީ އަހަރެންނަށް މިކަން ކޮށްދޭނެކަން.. އައިވިލް ޓޯކްޓުހަރ މިރޭ..”

“ޔާ.. ދެޓް ސައުންޑްސް ލައިކަ ޕްލޭން..” އަޔާން އާއި ޒާނިޝް އަތް ޖަހައިލީ އެކްސައިޓެޑް ވެފައި ތިބެއެވެ. ދެން އެދެމީހުން ބެލީ އެވީ އެއްޗެއް ރަނާ އާއި ރިޔާއަށް އެނގޭނެ ގޮތަކަށް ކިޔައިދޭށެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އެދެކުދިންނަށްވެސް އެކީ އެއްޗެއް އެނގިއްޖެއެވެ.

“ބަލަ އަދި އޮސްޓްރޭލިޔާއިން ނުކިޔެވިޔަސް އަހަރުމެންވެސް އެހާ ގަމާރެއް ނުވާނެ ދޯ..” ރިޔާ ޒާނިޝް އާއި ދިމާކޮށްގަތެވެ. އޭރު އަހަރެންގެ ފޯން ވައިބްރޭޓް ވެލުމުން ބަލައިލިއިރު ދޮންބެ ވަރަށް ދިމާކޮށްފައި ވައިބަރ ކޮށްފައި އޮތެވެ. އެންމެފަހުން އޮތީ އަހަރެންނާ ވަރަށް ގުޅޭކަމަށް ލިޔެފައެވެ. އަހަރެން ކުޑައިރު އާންމުކޮށް ބޯކޮށާފައި ހުންނަނީ އެހެންނޭވެސް ބުނެފައި އޮތެވެ. އަހަރެންނަށް ހިނިއަންނަގޮތް ވިއެވެ.

އަހަރުމެން ހޮސްޕިޓަލަށް ގޮސް ކޮޓަރިއަށް ދިޔައިރު ބަކުރުބެއާއި މުޙައްމަދުބެގެ ދެމަފިރިން އޮލަވާހަކައެއްގައި އަނގަތަޅަން ތިއްބެވެ. އަހަރުމެން ވަދެގެން އަންނަތަން ފެނުމުން ބަލާލާފައި އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހިނިތުން ވުމެކެވެ.

“އަދި ކިރިޔާ ތި ދިވެއްސެއް ވައްތަރު ޖަހަނީ..” ބަކުރުބެއަށް އަހަރެން ބޯކޮށާލީމައި ކަމުގޮސްގެން އެވާހަކަ ދެއްކިއެވެ. “އެހެން ބޯ ދިގުކޮށްފަ ހުންނާނީ ފަރަންޖީ އިން..” ބަކުރުބެއަށް އަހަރެން ބޯދިގުކޮށްފައި ހުރިއިރު އެއްގޮތަކަށްވެސް ކަމުނުދާކަން އަންގާލިއެވެ. އަހަރެންނަށް ހިނިއަންނަ ގޮތްވީ ކުރިން އެވާހަކަ ބުނެނުލީ ކީއްވެބާއޭ ހިތަށް އަރާފައެވެ. އޭރު އައިޝާދައްތައާއި މުޙައްމަދުބެވެސް ބަކުރުބެއާއި އެއްބައި ވެލައިގެން އަހަރެންގެ މިބަދަލަށް އެމީހުންގެ ޚިޔާލު ހުށަހަޅަމުން ދިޔައެވެ.

“މަންމަ ދިޔައީތަ؟” މަންމަ ފެންނަށް ނެތުމުން އަހަރެން އަހައިލީމެވެ.

“އާނ.. ބުނި ގެޔަށް އަންނަންވީމަ ބުނެލާށޭ.. އެކޮޅުގައި ކުރަންހުރި ކުދިކުދިކަންތައްތައް ކޮށްލަން ގޮސްލަނީ ޔޯ..” އައިޝާދައްތަ ކިޔައިދިނެވެ. “އަހަރުމެން މަޑުކޮށްލައިގެން މިތިބީ ޝާޔާ ގެނައިމަ ދެކިލާފަ ދާންވެގެން..”

އެވަގުތު ދޮރުހުޅުވާލާފައި ނަރުސްކުއްޖަކާއި އެކު ޑޮކްޓަރު ވަދެގެން އައެވެ. ނަމަވެސް ޝާޔާއެއް ފެންނާކަށް ނެތެވެ. އަހަރެންނަށް ވަގުތުން އަހައިލެވުނީ ޝާޔާ ކޮބައިތޯއެވެ. ޑޮކްޓަރުބުނީ ޝާޔާގެ އޮޕަރޭޝަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި ރަނގަޅަށް ވާހަކަދައްކަން ފެށޭނީ ތަންކޮޅެއްފަހުން ކަމަށެވެ. މިހާރު އޮބްޒަވޭޝަންގައި ބޭއްވިފައިވާ ވާހަކައާއި އަދި ހޭނާރާ ވާހަކައެވެ. އަދި ސްޕީޗް ތެރަޕީއަށް ފޮނުވާނެ ވާހަކައާއި އެކަންތައްތައް ނަރުސް ކުއްޖާ ހަމަޖައްސައި ދޭނެވާހަކަ ބުންޏެވެ.

“ކެން ވީ ސީ ހަރ..” އަހަރެންނަށް ނުހުރެވިގެން އަހައިލީމެވެ.

“ޔެސް.” ޑޮކްޓަރު ނަރުސްކުއްޖާއަށް އިޝާރާތް ކުރަމުން ބުނެލާފައި ނިކުންނަން ދިޔައެވެ. އެދެއްކި ވާހަކަ އަހަރެން ބަކުރުބެމެންނަށް ކިޔައިދިނީމެވެ. އެއާއިއެކު އޮބްޒަރވޭޝަން ރޫމަށް އަހަރުމެން ނަރުސް ކުއްޖާއާއި އެއްކޮށް ދިޔައީމެވެ.

އެނތެރެއަށް ވަންނަން ޖެހެނީ ފަހަރަކު މީހަކަށެވެ. ހެނދުމުގެ މަތިން ގައުންއެއް ލައިގެން މާސްކެއްއަޅައިގެން ނޫނީ އެނތެރެއަކަށް ނުވަދެވެއެވެ. ފުރަތަމަ ވަނީ ހައްވާ ދައްތައެވެ. ދެން ބަކުރުބެ އަށް ދާން އިޝާރާތްކޮށްލުމުން ބަކުރުބެ އެދުނީ އަހަރެން ދިއުމަށެވެ. ފަހަތުގައި ހުރި އަޔާން ހިނިއައިސްފައި ހުރެ ކޮނޑުން ޖައްސާލީ އަވަހަށް ދާށޭ ބުނާކަހަލަގޮތަކަށެވެ.

އަހަރެން ވަދެގެން ގޮސް ޝާޔާ އޮތް އެނދާއި ކައިރިއަށް ހުއްޓުނީމެވެ. ނިދިފައި އޮތް ލޯބި ލޯބި އަހަރެންގެ ހިތުގެ އެތިކޮޅު ފެނުމުން އަހަރެންގެ ލޮލަށް ކަރުނަ ޖަމާވީ އުފަލުންނެވެ. ޝާޔާގެ މައުސޫމު މޫނުކޮޅު ފެނުމާއި އެކުވެސް އަހަރެންގެ ހިތް ފުރިގެން ބަންޑުން ވެއްޖެއެވެ. ޝާޔާގެ އަޑު އިވުމުން ވާނެގޮތެއްވެސް ނޭނގެއެވެ. އެއަޑު އަހާލުމަށް އެދި އެދި ހުންނަތާ ކިހާ ދުވަހެއް ހެއްޔެވެ. އަހަރެން މަޑުމަޑުން ޝާޔާގެ ބޮލުގައި ފިރުމާލީމެވެ. އަހަރެންގެ އިނގިލިތައް ޝާޔާގެ ފަން އިސްތަށި ގަނޑުގެ ތެރެއަށް ވަދެގެން ދިއުމާއިއެކު ޝާޔާގެ އެސްފިޔަތައް ތެޅިލިއެވެ. އަހަރެންކަން އެނގިގެން ކަހަލައެވެ. އެފިރުމާލުން ޝާޔާއަށް އާދިރުމެއް ގެނުވި ކަހަލައެވެ. ވަގުތުން އަހަރެންގެ ތުންފަތާއި ކުޅެލީ ހިނިތުންވުމެކެވެ. އިޙްސާސްވީ ބަޔާންކުރަން ދަތި އުފާވެރި ކަމެކެވެ. މަޑުމަޑުން އަހަރެންގެ އަނެއް އަތްތިލާގައި އެއްޗެއް ޖެހުނުހެން ހީވެގެން ބަލައިލިއިރު އެނދުމަތީގައި ބާއްވާލައިގެން އިން އަހަރެންގެ އަތްތިލާގެ މަތީގައި ޝާޔާގެ އިނގިލިތައް ބީހެމުންދިޔައެވެ. މަޑުމަޑުން އަހަރެންގެ އަތްތިލައިގެމަތީގައި ޝާޔާގެ އަތް ބާއްވައިލިއެވެ. އެއިރަކުވެސް ޝާޔާގެ ލޮލެއް ނުހުޅުވެއެވެ. ޝާޔާއަށް ހޭވެރިކަން ވީކަންއެނގުމުން އަހަރެން ނަރުސް ކުއްޖަކަށް ގޮވައިލީމެވެ. ނަރުސްކުއްޖާ ބަލާލާފައި ބުނީ ހޭއަރާނީ އަދި ގަޑިއެއްހާއިރު ފަހުން ކަމަށެވެ. އެވާނީ ހީވިގޮތެއް ކަމަށެވެ. އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. އަހަރުމެންގެ ލޯބީގެ ބާރު އިޙްސާސް ވުމުންނެވެ. ޝާޔާ އަހަރެންދެކެ ވާލޯބި ޔަގީން ކުރެވުނެވެ. އެލޯތްބަކަށް ހޭވެރިކަމެއް ބޭނުމެއްނޫނެކެވެ. އެއީ އެހަށިގައިވާ އެހެން ފުރާނައެއް ކަހަލައެވެ.

އަހަރެންގެ ވަގުތު ހަމަވުމާއިއެކު ނިކުތީމެވެ. އެއަށްފަހު އެންމެންވެސް އެނބުރި ކޮޓަރިއަށް އައިސް އިންތިޒާރު ކުރަމުން ދިޔައީ ޝާޔާ ގެންނާނެ އިރަކަށެވެ.

“ދެން ދަރިފުޅުމެން ކޮންއިރަކު ކައިވެނި ކުރަން ގަސްތުކުރަނީ..” ސޯފާގައި ބަކުރުބެއާއި އެކު އިށީންނަމުން މުޙައްމަދުބެ ޒާނިޝް އަށް ބަލައިލިއެވެ. “މީހާރު އޮންނާނީ ކޮންމެވެސް ވަރަކަށް އެވާހަކަވެސް ދެކެވިފަތާ..” ރިޔާއަށް ބަލައިލުމުން ރިޔާ ލަދުރަކި ހިނިތުން ވުމަކާއިއެކު ބަލައިލީ ޒާނިޝްއަށެވެ.

“ބައްޕަގެ މައްސަލައެއް ނެތިއްޔާ މިކޮޅުގަ ކައިވެނި ކުރަން މި ވިސްނަނީ..” އިސްދަށަށް ޖަހާލައިގެން އިރުކޮޅަކު އިނދެފައި ޒާނިޝް މުޙައްމަދުބެއާއި ދިމާލަށް ބަލައިލަމުން އެހެން ބުނެލީ ވަރަށް ހިތްވަރު ކޮށްފައި ކަހަލައެވެ. ދެން ބައްޕަކިޔަން އާދަ ކުރަންވެސް ވާނެތާއެވެ.

“މިކޮޅުގަ ކައިވެނިކޮށް އަދި ޕާޓީއެއް ބޭއްވިކަމުގައި ވިޔަސް.. ބައްޕަ ބޭނުންވޭ ރަށުގަވެސް ކޮންމެވެސް ވަރެއްގެ ގޮތެއް ހަދާލަން..” މުޙައްމަދުބެ ހިތުގައި އޮތް އެއްޗެއް ހާމަ ކުރިއެވެ. “ޢާއިލާ ތިމާގެ މީހުން ތިބީ އެތާނގަ.. އެހެންވީމަ އެމީހުންނަށްވެސް ކޮންމެވެސް އެއްޗެއް ދޭންވާނެއެއްނު..”

“އެކޮޅުގަވެސް ޕާޓީއެއް ބާއްވާ ވާހަކަ ދައްކާފަ އޮތީ.. އެކަމަކު އަދި ވަކިގޮތަކަށް ނުނިންމިފަ މިތިބެނީ.. އާންމެން ހަދަންއުޅޭ އެއްޗެއް ނޭނގޭތީ..” ޒާނިޝް އަޔާން އަށް ބަލައިލަމުން އެހެން ބުނެލި އިރު އެހަމަލާ އަންނަން އުޅޭކަން އެއްގޮތަކަށް ވެސް އަންދާޒާ ކުރެވިފައި ނުވާ އަޔާންގެ މޫނުމަތީ ހީވީ މީހަކު އެތިފަހަރެއް ވީއްލާލައިފައި އިން ހެނެވެ. ކުއްލިޔަކަށް ދެލޯ ބޮޑުކޮށްލީ ބުނާނެ އެއްޗެއް ނޭނގިގެނެވެ. ހުރިހާ އެންމެންގެ ލޯތައް އަޔާން އަށް އަމާޒުވެފައި ވީއިރު އަޔާން އެއްފަހަރު ރަނާ އަށް އަނެއްފަހަރު މުޙައްމަދުބެއަށް ބަލަމުން ބުނާނެ ބަހެއް އޭނާގެ ބަސްކޮށާރުގައި އިންތޯ ބަލަމުންދާ ކަހަލައެވެ. އަހަރެން އިނީ ހިނިއައިވަރުން ހިފަހައްޓާލައިގެންނެވެ. ޒާނިޝް ވެސް ލާނެއް ފާޑަކަށް ހެވިފައި އަޔާން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އިނެވެ.

“ރަނާ ބުނީ އަޔާން ބުންޏޭ ކައިވެނި ކުރަނީ ކީއްކުރަންހޭ..؟” ރިޔާ ހިނިއައިސްފައި ބުނެލި ޖުމްލައަކުން ކައިރީހުރި ރަނާ އާއި ހަދާނެ ގޮތެއް ނޭނގިފައި ހުރި އަޔާން އަށް ހީވީ ޖަލު ހުކުމެއް އިއްވިހެންނެވެ. އަނގަ ހުޅުވިގެން ދިޔަވަރުން އަޔާންގެ ދަތްދޮޅި އަނގަދޫކޮށްފައި ވެއްޓުނު ކަހަލައެވެ.

“ދޮގެއް މަށެއް ނުބުނަން އެހެންނެއް..” ރަނާ ތެޅިގަނެފައި ރިޔާ ގައިގާ ބޮނޑިއެއް އަޅާލިއެވެ. އަޔާންގެ މޫނުމައްޗަށް ވެގެން ދިޔަގޮތުން އެންމެންނަށް އެކީ ކަހަލަ ގޮތަކަށް ހިނިގަނޑު ފަޅައިގެން ދިޔައެވެ. ބަކުރުބެވެސް އިނީ ހީނހީނ ގޮސް ބަނޑަށް ތަދުވެފައެވެ. ހައްވާ ދައްތަ ޖަހާލީ އާދަޔާ ޚިލާފު ހިނިގަނޑެކެވެ. އެހިނިގަނޑު އަޑު އިވިފައި އަހަރެންނާއި ޒާނިޝް އަށް އިތުރަށް ހެވޭ ގޮތްވިއެވެ.

“އެވާހަކަ ދައްކާލަން ބޭނުންވެފަ މިހުންނަނީ ބައްޕަމެންނާ އެކަނި ބައްދަލުކޮށްލާފަ..” އަޔާން އެތައް އިރަކުން ހަމަޔަކަށް އެޅުނީމައި ވާހަކަ ދެއްކިއެވެ. އަހަރުމެންނަށް އަންގާނުލާ ވަކިން ބައްދަލުކޮށްފައި އަޔާން އާއި ރަނާ މިއުޅެނީ ކީއްކުރަންބާއޭ ހިތަށް އަރާފައި އަހަރެންނަށް ޒާނިޝްއަށް ބަލައިލެވުނެވެ. އެވަގުތު ޒާނިޝްވެސް އަހަރެންނާއި ދިމާލަށް ބަލައިލީ ހަމަ އެހެން ހިތަށް އަރާފައި ކަހަލައެވެ. ޔަގީނެވެ. މިދެމީހުން މިއުޅެނީ ކޮންމެވެސް މޮޅުކަމެއް ރާވާށެވެ.

“އެންމެ ރަނގަޅު މިރޭ ތިވާހަކަ ދައްކާލަންވާނެ” މުޙައްމަދުބެ ބުނެލިއެވެ.

އެވަގުތު ދޮރު ހުޅުވުނު އަޑު އިވުމުން އެންމެންނަށް ބަލައި ލެވުނެވެ. އޭރު ޝާޔާގޮވައިގެން ޑޮކްޓަރާއި ނަރުސް ކުދިން އައިސް ވަންނަނީއެވެ. ޝާޔާ ސްޓްރެޗަރ އިން އެނދަށް ބަދަލު ކުރުމަށް ފަހު ޑޮކްޓާރ ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

” ޝާޔާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް..” ޝާޔާއަށް ބަލައިލުމަށްފަހު ޑޮކްޓަރ ހިނިތުންވެލިއެވެ. “މިހެން މިބުނީ އާންމުކޮށް މިކަހަލަ އޮޕަރޭޝަނަކަށްފަހު ހޭލެވޭ އިރަށްވުރެ މާ ކުރިން ޝާޔާ ހޭލައިފި. އަނެއްކާ ބަލާ ބެލުމަށް ވަރަށް އަވަހަށް ޝާޔާއަށް ވާހަކަ ދެއްކެން ފެށޭނެހެން ހީވަނީ. ދެން މިހާރު ކާއެއްޗެއް ދީފައި ދޭންޖެހޭ ބޭހެއް އެބައިން. މިރެއާއި ހަމައަށް މޮނީޓރަ ކޮށްފައި ގެއަށް ފޮނުވާ ލާނަން. ދީފަ ހުރި ބޭސްތައް ގަވައިދުން ދެމުން ގެންދަންވާނެ. ވާހަކަދެއްކެން ފެށޭއިރަށް ސްޕީޗް ތެރަޕީއަށް މިކޮޅަށް އަންނަންފަށާ މި ސްލިޕް ހިފައިގެން..” ޑޮކްޓަރު އަތުގައި އޮތް ފައިލް އިން ސްލިޕެއް ނަގާ ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެން އެބުނިއެއްޗެއް ދިވެހިން ބުނެދިނުމުން ބަކުރުބެ މެންނަށް ހިނިތުންވެލާފައި ޑޮކްޓަރު ދިޔައެވެ.

އަހަރެން ގޮސް ޝާޔާއޮތް އެނދުކައިރީގައި ހުއްޓިލީމެވެ. މަޑުމަޑުން ޝާޔާގެ އަތް އަހަރެންގެ އަތުތެރޭގައި ފޮރުވާލަމުންނެވެ. ޝާޔާގެ ހިނިތުންވެފައިވާ މޫނު ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ.

“ދަރިފުޅަށް ދެން ވާހަކަދެއްކެން ފަށާނެ.. ދެން ދަރިފުޅު އެކަމާ ދެރަވާކަށް ނުޖެހޭނެ..” ހައްވާދައްތަ ޝާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޖަވާބުގައި ޝާޔާ ބޯޖަހާލީ ހިނިތުންވެލަމުންނެވެ. “މަންމަމެންގެ ފެންވަރުންނަމަ މިއީ ދަރިފުޅަށް ކޮށްދެވޭނެ ކަމެއް ނޫން.. މިއީ ސިއާން މެންގެ ހެޔޮކަން..” އަހަރެންނަށް ބަލައި ލަމުން ހައްވާ ދައްތަ އެހެން ބުނީ ޝުކުރުވެރި ކަމާއެކުއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.

ޝާޔާގެ ތުންފަތް ހަރަކާތް ކޮށްލީމައި އަހަރެންނަށް ބަލައިލެވުނެވެ. “ތެ..ތެން ކިއު..” އުޑަ އުނދަގުލަކާއި އެކު ޝާޔާގެ ލޯބި އަޑު ފުރަތަމަ ފަހަރަށް ފޮނި މިއުޒިކެއް ފަދައިން އިއްވާލިއެވެ. މާޝާﷲ. އަހަރެންގެ ހިތާހިތާ ކިޔާލެވުނެވެ. ކުރަކި ކަމެއް ހުއްޓަސް އެއީ ޖާދުވީ އަޑެކެވެ. އެންމެންނަށް އެއްފަހަރާ ހިނިތުންވެލެވުނެވެ. އަހަރެންގެ ލޯފުރިގެން ދިޔައީ އުފާވެރި ކަމުގެ ކަރުނައިންނެވެ. މި ހިނދުކޮޅުގެ އިންތިޒާރުގައި އަހަރެން ހުންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟ “ވެލްކަމް..” އަހަރެންވެސް ގުދުވެލާފައި ޝާޔާގެ ނޭފަތުގައި ހިފާލަމުން ބުނެލީމެވެ.

އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރި ކަމާއި ހިތްހަމަޖެހުމެވެ. ޝާޔާއަށް މަރުހަބާ ކިޔައި އެކި ވާހަކަ ދައްކާ ސަމާސާކުރަން އެންމެން އުޅުނެވެ.

“ޝާޔާ އުޅެންވީނު އެއްޗެއް ކާލަން.. ޔަގީން މިހާރު ހުންނާނީ ހައިވެގެން ހަލާކުވެފަ ކަން..” އަހަރެން ސެލޫންއިން އަންނަމުން ޝާޔާއަށް ޕެކްކޮށްގެން ގެނައި ކްލަބް ސޭންޑްވިޗް ދިއްކޮށްލަމުން ބުނެލީމެވެ. ޝާޔާވެސް ބޯޖަހާލިއިރު އޭނާހުރީ ބަނޑުހައިވެގެން ހަލާކުވެފައިކަން އެނގެއެވެ. ޝާޔާގެ މޫނުކޮޅަށް ހަދައިލި ގޮތަކުން އެންމެންނަށް ވެސް ހިނިއާދެވުނެވެ. ބަކުރުބެވެސް ހުރީ ނިކަން ހިނިއައިސްފައެވެ. އެންމެން އުޅޭ އެކުވެރިކަން ފެނިފައެވެ.

“ދެން ބައްޕަމެން ގޮސްލަންވީއެއްނު ގެޔަށް އަހަރެން ޝާޔާ ދޫކޮށްލީމަ ގޮވައިގެން އަންނާނަން..” ބަކުރުބެކައިރިއަށް ޖެހިލަމުން އަހަރެން ބުނީމެވެ. އޭރު ބަކުރުބެވެސް ހުރީ ގެޔަށް ގޮސްލަން ބޭނުންވެފައި ކަން އެނގެއެވެ. “އާން މެންވެސް ދާންވީނު ދެން އައިޝާދައްތަމެން ގޮވާއިގެން އެކޮޅަށް.. ވަރަށް ޓަޔަރޑް ވެފަ އެއްނު މިހާރު ތިބޭނީ..”

“އާނ.. ގެޔަށް ގޮސްލާ ކުޑަކޮށް ފެންވަރާލާ ހަދާލަންވެސް ބޭނުންވެފަ މިހުންނަނީ..” މުޙައްމަދުބެ ބުނެލިއެވެ. އަހަރެން ޑްރައިވަރަށް ގުޅާލީމެވެ. ސްކައިޕިޔާގެ ވޭން އޭރުވެސް އޮތީ ހޮސްޕިޓަލުގައެވެ. އެހެންކަމުން ގެޔަށް ދިއުމަށް އެންމެން ތައްޔާރުވިއެވެ.

“ގެޓް ބެކް ހޯމް ސޭފް..” ޒާނިޝް ޝާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ސޭންޑްވިޗްގައި ދަތް އަޅާލައިގެން ޝާޔާ ބޯ ޖަހައިލި ގޮތުން އަހަރެންނަށް ވަރަށް މަޖާވިއެވެ. ކުޑަކުޑަ ލޯބި ގަނޑެކެވެ. އަހަރެންގެ ހިތް ބުނެލިއެވެ.

“ދަމުން ހަބަރެއްވެލާނަން..” އެމީހުން ދޮރުން ނިކުންނަން ދިއުމާއި އެކު އަހަރެން ބުނެލީމެވެ. ހުމް ލައްވާލާފައި އެންމެން ދިޔައެވެ. ކޮޓަރިތެރެއަށް ހިމޭންކަން ވެރިކުރުވަމުންނެވެ. އަހަރެން ނަރުސް ގެނެސްފައި އިން ޝާޔާގެ ބޭސް ގުޅަތައް ހިފައިގެން އައިސް ޝާޔާ ކައިރީގައި އެނދަށް އަރާ އިށީނދެލީމެވެ. އަހަރެންގެ އަނެއް އަތުން ޝާޔާއަށް ދިއްކޮށްލީ އަހަރެންނަށް އެންމެމީރު ބުއިމެވެ. ޝާޔާ އެފުޅިއަށް ބަލައިލުމަށް ފަހު ހިފިއެވެ. ސެރެސް ސްޕަރކްލިންގް ރެޑް ގްރޭޕްސް ފުޅިއެކެވެ. ފުޅީގެ މަތި ނަގާލުމަށްފަހު ޝާޔާ ފޮދެއް ބޮއެލިއެވެ. މޫނުކޮޅު ކުނިކޮށްލީ ހުތްވެގެންކަން އެނގެއެވެ. ދެވަނަ ސިކުންތުގައި އަހަރެންނަށް ބަލާލުމަށްފަހު ބޯޖަހާލީ ޝާޔާއަށް ކަމުގޮސްގެނެވެ. ބޭސްގުޅަ ދިރުވާލަމުން ސައިޑް ކަބަޑް މަތީހުރި ޓީޝޫ ބޮކްސް އިން ޓިޝޫއަކުން ތުން ފުހެލިއެވެ. އެއަށްފަހު އަހަރެންނާއި ދިމާލަށް އެނބުރެލިއެވެ.

ޝާޔާއަހަރެންގެ މޭމަތީގައި ބާއްވާލައިގެން އޮތީމެވެ. އެފަން އިސްތަށިކޮޅާ ކުޅެލަ ކުޅެލައެވެ. އަހަރެންގެ ހިތުގައި ބައިވަރު ޚިޔާލުތައް އެނބުރެމުން ދިޔައެވެ. ނަޝީގެ ވާހަކަ ޝާޔާ ކައިރީގައި ބުނަންވީ ވަގުތު އަސްޖެހުނީއެވެ. ބައްޕަ އަހަރެންގެ ކައިވެނި އެހެން މީހަކާއިއެކު ކުރަން ނިންމާފައި ވާ ވާހަކަ ޝާޔާކައިރީގައި ބުނާނެ ވަކި ރަނގަޅުގޮތެއް ނުވިސްނުނެވެ.

“ޝޯން..” ޝާޔާގެ ލޯބި އަޑުން އަހަރެންނަށް ގޮވާލަމުން ބޯހިއްލާލާ އަހަރެންނަށް ނަޒަރު ހަމަކޮށްލިއެވެ. އެލޮލުގައި ވަނީ އަޑި ނޭނގޭ ފުންކަމެކެވެ. އެބެލުމުގައި ވަނީ ކޮނަކަހަލަ އިޙްސާސް ތަކެއް ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގެއެވެ. އަހަރެން ހިނިތުންވެލީމެވެ. ހިތުގައި ވި އުދާސްތައް ދިރުވައި ލަމުންނެވެ. “ކޮންކަމަކާ.. މާ ބޮޑަ…” ޝާޔާއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އުނދަގޫވެ ކަރުބެދޭކޮތް ވީއެވެ. އެއީ ޝާޔާގެ އަޑު ހަމަޔަކަށް ނޭޅެނިސް މާ ބޮޑަށް ވާހަކަ ދައްކަން އުޅެވުމުން ވީގޮތެކެވެ.

“ޝްޝްޝް..” އަހަރެން ޝާޔާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިތުރަށް ވާހަކަ ނުދެއްކުމަށް އެންގީމެވެ. “ޝާޔާ.. އަހަރެން ޝާޔާ ކައިރީގައި ބުނަން ބޭނުންވެފަ އޮތް ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އޮޕަރޭޝަނަށް ފަހު އެވާހަކަ ދައްކާލަންވެގެން މަޑުކޮށްގެން މިހުންނަނީ..” އަހަރެން ސުރުހީ އަޅައިލީމެވެ. ޝާޔާ އިނީ އަހަރެން ދައްކަންބޭނުން ވެފައި ވާ ވާހަކަ އަޑުއަހަން ބޭނުންވެފައެވެ. އަހަރެން ކަމެއް ސިއްރުކޮށްގެން ހުންނަކަން ޝާޔާއަށް އެނގޭކަހަލައެވެ.

-ނުނިމޭ-

1
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 23 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

Leave a Reply

Your email address will not be published.