މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. .[7]

“ޕު…ހް. ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ.

ހެނދުނުގެ ނާސްތާއަށް ހުރިހާ ފިރިހެންވެރިން އެއްސުފުރާއެއްގެ މަތީގައި އިންސާފުކުރަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާފިޒް އާއި ޝިޔާމް ހުރުމުން މުޙައްމަދުބެ އަކީވެސް އަނގަ ގަދަ މީހެންކަން އެނގިއްޖެއެވެ. ދަތުރު ދިއުމުގެ ކަންތަކުގައި މަޝްވަރާ ކުރެވެމުން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުލިބުނެވެ. އަޔާން އާއި ޒާނިޝް އެހާ އަނގަތަޅާ އުޅުނުއިރު އަހަރެންނަކަށް އެމީހުން ދައްކާ ވާހަކައަކަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންގެ ހިތަށް ލިބިފައިވާ ޒަޙަމްތަކުން ލިބެމުންދިޔަ ވޭން ވަނީ މާބޮޑުވެފައެވެ.

ސައިބޮއެ ނިމިގެން އަހަރެން މަންމަ އަށް ގުޅާލީމެވެ. އާދައިގެ މަތިން ކުރެވުނު މަޖާކަންތަކާއި އެއްޗިހި ކިޔައިދީ ހެދީމެވެ. އަހަރެންނަށް ޝާޔާގެ ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. މަންމަގާތު އެވާހަކަތައް ކިޔައިދޭނެ ގޮތެއް ނުވިސްނުނެވެ.

“ދަރިފުޅު ކޮންކަމަކާ ތި ވިސްނަނީ. ” އަހަރެންގެ އަޑެއް ނީވި ގިނައިރު ވުމުން ކަން ނޭނގެއެވެ.މަންމަ އަހައިލިއެވެ. މަންމަ ވަރަށް ފަސޭހައިން އަހަރެންގެ ހުރިހާ އިޙްސާސެއްވެސް ދެނެގަންނާނެއެވެ.

“ނަތިން. ހަމަ. މޮމް. އައިތިންކް އައިމް އިން ލަވް. ” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ.

“ހަމަ އަސްލުވެސްތަ. ކޮންކުއްޖެއްތަ މަންމަގެ ސިއާންގެ ހިތް އަތުލައިގެން އެއުޅެނީ. ވަރަށް ރީތި ކުއްޖެއްތަ؟ ދެން ރީތި ވީމަތާ ދޯ ދަރިފުޅުގެ ހިތް އަތުލެވޭނީ. ހެހެހެ. ޓެލް މީ މޯރ. ” މަންމަ އެކުއްޖާއާއި ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެފައި ހުރި ވަރު ހާމަކުރިއެވެ. އަހަރެން މަންމައަށް އެންމެ ފުރަތަމަ ހުވަފެނުން ފެނުނު ރެއިން ފެށިގެން މިރޭ ފަތިހު ކަންތައްވީ ގޮތާއި ހަމައަށް މަންމަ އަށް ކިޔައިދިނީމެވެ. އެއަށްފަހު ދިޔައީ ހުސްކަމެކެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މަންމަގެ ބަހަކަށެވެ.

“އައި އޯލްރެޑީ ލައިކް ހަރ. ” މަންމަ އެކްސައިޓެޑް ވެފައި ހުރި އިރު ހީވަނީ ފުރާވަރުގެ އަންހެން ކުއްޖެއް ހެނެވެ. ޝާޔާއާއި ބައްދަލުކުރާހިތުން މަންމަ ހުރީ ކެތް މަދުވެފައެވެ. މަންމައާއި ބައްޕައަކަށް އަންހެން ކުއްޖެއް ނުލިބެއެވެ. އަހަރުމެން އާއިލާގއި ތިބެނީ ދޮންބެއާއި އަހަރެންނެވެ. އެހެންކަމުން މަންމަ ހުންނަނީ ދޮންބެވެސް މީހަކާ ނީންނާތީ އަބަދު ޝަކުވާ ކޮށްލަ ކޮށްލައެވެ.

“ޝާޔާ އަށް މަންމަގެ ސަލާމް ބުނެދެއްޗޭ އިނގޭ. މަންމަ ވަރަށް އަވަހަށް ދާނަން ތިރަށަށް އިރާދަކުރެއްވިއްޔާ. ދަރިފުޅުގެ ޝާޔާ ދެކިލަން. ދެން ދަރިފުޅު އެކަމާ މާބޮޑަށް ފިކުރު ނުކުރައްޗޭ. މަންމަ ގޮސް ތިހުރިހާ ކަމެއްވެސް ހަމަޖައްސާލަދޭނަން. ” މަންމަ ފޯން ބޭއްވީ އަހަރެންނަށް އުންމީދު ތަކެއް އާކޮށްދީފައެވެ. ހިތުގައިވި ހުރިހާ އުދާހެއް އެއްފަހަރާ ކަހަލަ ގޮތަކަށް ފިލައިގެން ދިޔައެވެ. ހިތަށް ހަމަޖެހުން ލިބުނެވެ.

ހުކުރު ދުވަސް ކަމަށް ވުމާއިއެކު މަސައްކަތް އަވަސް ކޮށްލާފައި ހާފިޒް އާއި ޝިޔާމް ވެސް ދިޔައީ ގެއަށެވެ. އަހަރެމެން ވެސް އަވަހަށް ފެންވަރާލައިގެން ނިކުތީ ހުކުރަށް ދާން ތައްޔާރުވެގެންނެވެ. އާންމުކޮށް ހުކުރު ދުވަހަކީ އެއްޗިހި ދޮންނަ ދުވަހަކަށް ވީނަމަވެސް މާދަމާ ދަތުރު ރޭވިފައި ވާތީ ދޮވުން ލަސްކޮށްލީ މާދަން ރެއަށެވެ.

“ރޭ ފަތިހު ހޭލާ އުޅުނިންދޯ. ވެއަރ ޑިޑް ޔޫ ގޯ. މަށަށް ހޭލެވިގެން ބަލައިލިއިރު ކޮޓަރިއަކު ނެތް. ” ޒާނިޝް ވާހަކަދެއްކީ މިސްކިތަށް ދާން ނިކުންނަމުން ނެވެ.

“އަހަރުމެން މިހެން ތިއްބަ މިހާރު ދަންވަރު މީޓް ކުރަންވެސް ދާން ފެށީއޭ ދޯ. ޔޫ އަރ ޓޫ މަޗް ޑޫޑް. ” އަޔާން ވެސް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ދިމާކޮށްލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެ ހުވަފެން ކިޔައިދޭން ވީބާއެވެ؟ މީގެ ކުރިންވެސް އެހެން ފެންނަ ހުވަފެންތައް ކިޔައިދީ އުޅެމެވެ. އެކަމަކު މިއީ ތަފާތު ހުވަފެނެކެވެ. އެންމެ ފަހުން އަހަރެން ނިންމީ އެދެމީހުންނަށް ކިޔައިދޭށެވެ. އެ ދެމީހުންގެ ވެސް ޚިޔާލު ހޯދާލާށާ އެކީގައެވެ.

“އައި ސޯ އަ ޑްރީމް. އޭގެ ފަހަކުން ނުނިދުނު. އައިލް ޓެލް ޔޫ ލޭޓަރ. ” މިސްކިތަށް އަރަމުން އަހަރެންގެ ވާހަކަ މެދުކަނޑައިލީމެވެ. ގެއާއި މިސްކިތާއި ކައިރި ވީމައާއިއެކު މިސްކިތަށް ދާން ދެމިނެޓެއްހާއިރު ވެސް ނުނަގައެވެ. ހުކުރު ނިމިގެން މިސްކިތުން ފޭބި ގަޑީގައި ބަކުރުބެ އާއި ދިމާވިއެވެ.

“އެކޮއެ. ބޭބެގެ މަރިޔަން މިއަދު ހެނދުނު އަތުވެއްޖެ. ހުންނާނެ ވަރަށް ރަނގަޅަށް ކާން ވެސް ހަދާފަ. ދާންވީއެއްނު ގޭދޮށަށް ގޮތެއް ހަދާލަން. ” ބަކުރުބެގެ އެދުނު ނަމަވެސް އަހަރެންނަކަށް ދާކަށް ނުކެރުނެވެ. އަހަރެންގެ ފިނޑިކަމެވެ. ޝާޔާއާއި ފޭސްކުރާކަށް އަހަރެންނަކަށް މިހާއަވަހަކަށް ފަސޭހައެއް ނުވާނެއެވެ.

“ގޭގަ އައިޝާ ދައްތަ ވަރަށް ރަނގަޅަށް ކާން ހަދާފަ ހުރީ. ދެން އެހެން ފަހަރަކުން ދޯ. ” އަހަރެން އުޒުރު ދައްކާލީމެވެ.

“އެހެންވީރު ކޮންމެހެންވެސް ވާނެ ހަވީރު ސައިފޮދެއް ބޯލަން އަންނަން. ” ބަކުރުބެ ކުރު ނުކުރުމުން އަޔާންމެން ގޮވައިގެން ދާން އެއްބަސް ވީމެވެ.

މެންދުރަށް ވަރަށް ރަނގަޅަށް ކާން ހަދާލާފައި ހުއްޓެވެ. ހަނާކުރި ކުކުޅާއި، ކުކުޅު ރިހަ، ހިކިކޮށް ހަދާފައި ހުރި ސޮސެޖް، ފްރައިޑް ރައިސް، ރޮއްޓާއި، ސެލެޑް، އަދި ދެތިން ވައްތަރެއްގެ މޭވާ ވެސް ހުއްޓެވެ. މިއަދަކީ އެ ޢާއިލާގެ އެންމެ މެންބަރެއް ނޫނީ އެހެން ހުރިހާ އެންމެން ވެސް ހަމަވި ދުވަހެކެވެ. އެއީ އައިޝާދައްތަގެ ދޮށީ ފިރިހެން ކުއްޖާއެވެ.

“ހަމަ އެކަނި ރިޔާޟް ދޯ މަދީ. އެސޮރު މީން ދުވަހަކު ގުޅާލިތަ. ” މުޙައްމަދުބެ އައިޝާދައްތަ ކައިރީ އަހައިލިއެވެ. އެއާއިއެކު އައިޝާދައްތަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލުނެވެ.

“ކިހިނެއް ގުޅާލާނީ. އެހެރީ ވަރެއްގެ އަންހެނެކާ ޖެހިފަ. އެޝައުޝަން އަހަރެމެންނާ ގުޅިއަކަ ދޭނެތަ. އަހަރެމެންނަށް އެއްޗެއް ފޮނުވިޔަސް އެހާ މައްސަލަ ޖައްސާ. ” އައިޝާދައްތަ ފޫހި ރާގަކަށް އެހެން ބުނެފައި ތަށިތައްޓަށް ފަނި އަޅަމުން ދިޔައެވެ.

“ރިސޯޓުން ޗުއްޓީ އެއް ނަގާވާހަކަ ބުނި އަންނަ މޭމަހު ތެރޭގަ. ނަގައިގެން އަނަނާނެމޭ ބުނި އެންމެ ފަހުން ގުޅި ދުވަހު. ” މުޙައްމަދުބެ އިތުރުކޮށްލިއެވެ. ކުއްލިއަކަށް އަޔާންގެ ފޯން ރިންގުވާން ފަށައިފިއެވެ. ގުޅަނީ އަޔާންގެ މަންމަ އާލިޔާ ދައްތައެވެ. އެއީވެސް އަޔާން ކަހަލަ ސަކަމިޒާޖެއްގެ ހިތްހެޔޮ ދައްތައެކެވެ.

“މަންމާ. އަޅުގަނޑު ކަނީ އޭ. ނިންމާލާފަ ގުޅާލާނަން. ” އެހެން ބުނެފައި ފޯނު ބާއްވައިފިއެވެ. “މަންމަ އެގުޅީ. މަންމަ އައިޝާ ދައްތައާއި ވާހަކަދައްކާލާ ހިތުން އައީއްސުރެ ކިޔާ. އެކަމަކު ރަނގަޅު ވަގުތަކާ ދިމާ ނުވާތީ އަދިވެސް ލަސްވެފަ އޮތީ. ” އަޔާން ހަނާކުރި ކުކުޅު ފައެއް ތައްޓަށް ލަމުން ވާހަކަ ދެއްކިއެވެ.

“މީ ރަނގަޅު ވަގުތެއްނު. އެހެންވީމަ ކައި ނިމިގެން ވާނެ ގުޅާލަދޭން. ދައްތަވެސް ޖެހޭނެއެންނު ތި ދެކުދިންގެ މައިން ބަފައިންނާވެސް ގުޅުން ބަދަހިކުރަން. ” އައިޝާދައްތަ ފަނިފޮދެއް ބޮއެލަމުން ބުނެލިއެވެ. އައިޝާދައްތައަކީ ވަރަށް މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. މުޙައްމަދުބެ ހުރުމާއިއެކު އަޔާން އާއި ޒާނިޝް ތިބީ ވަރަށް މަޑުމައިތިރި ވެފައެވެ. ރަނާ އާއި ރިޔާ ވެސް އިރު އިރުކޮޅާ ވައްކަޅިން ބަލާލުން ނޫން ކަމެއް ނުކުރެއެވެ. ކައި ނިމިގެން އަހަރުމެން ސިޓިންރޫމް ގައި ޖައްސައިލީ ކުޑަކޮށް ބަނޑުދަމާލާށެވެ.

“މިއުޅެނީ މައިޓު ސެޓުކުރަން އިނގޭ. މިހާރު މިހިރީ ދޭތިން އެކައްޗަށް ޖައްސާފަ. ” އަޔާން ފޯން ނަގާ އާލިޔާ ދައްތައަށް ޑައިލްކޮށްލަމުން ބުނެލިއެވެ.

“ޔޫ ކާންޓް ބީ ސީރިއަސް. މިހާއަވަހަށް މަންމަކައިރީ ވެސް ބުނީތަ. ” ޒާނިޝް ޝަކުވާކޮށްލި އިރު ހީވަނީ ޒާނިޝްއަށްވުރެ ކުރިން ބުނެގެން ދެރަވެގެން އުޅޭހެނެވެ.

“ވައި ނޮޓް. ދެން އަބަދު ކިހިނެއް ބޭބެ ކޮއްކޮ ވެފަ ހުންނާނީ. ބަޓް އަދި މޮމް ކައިރިއަކު ނުބުނަން ރަނާގެ ވާހަކައެއް. ޔޫ ނޯ. ސްޓެޕް ބައި ސްޓެޕް ތާ ދޯ ޖައްސަން ޖެހޭނީ. ” އަޔާން ވަރަށް ފަޚުރުވެރިކަމާއިއެކު ބުނެލިއެވެ.

“މޮމް މަޑުކުރައްޗޭ. އައިޝާ ދައްތަ ވެސް ވާހަކަ ދައްކާލަން ބޭނުންވެފަ ހުރީމަ ކައިގެން މި ގުޅީ. ” އަޔާން ގޮސް ފޯނު އައިޝާ ދައްތަ އަތަށް ދިނެވެ.

“އައްސަލާމް ޢަލައިކުމް. ” އައިޝާ ދައްތަ ސަލާމް ގޮވައިލިއެވެ.

“ވަޢަލައިކުމުއް ސަލާމް. އައިޝާ ކިހިނެއް ހާލު. މީ އަޔާންގެ މަންމަ އާލިޔާ. ”

“ހާލު ވަރަށް ރަނގަޅު. އަޔާން ބުނި ވަރަށް ވާހަކަ ދައްކާލާ ހިތުން އުޅުނު ވާހަކަ. ”

“އާނ. އަޔާން ވަރަށް ދައްކާނެ އައިޝާގެ ހެޔޮވާހަކައާއި، ތިކޮޅު މަޖާ ވާހަކަ. އަހަރެން ވެސް މިހުންނަނީ އެސޮރު ކިޔާވަރުން ދާ ހިތްވެފަ. ”

“އެހެންވީރު މާ ރަނގަޅަކަށެއްނު މިދިމާވީ އާލިޔާއާއިވެސް ދިމާވާނެތާ. އަވަހަށް އުޅޭ މިކޮޅަށް އަންނަން. އަހަރެން މިކޮޅުގަ ތިބެވޭނެ ގޮތް ހަމަޖައްސާލަދޭނަން. ”

އެ ކޯލު ނިމުނީ އާލިޔާ ދައްތަވެސް މިކޮޅަށް އަންނަ ގޮތަށް ނިމިގެނެވެ. އަޔާން ހުރީ ލިބުނު ކާމިޔާބީއަށް ވަރަށް އުފާ ވެފައެވެ. އަޔާންގެ މަންމަ އަންނަ ވާހަކަ އަޑުއިވުމުން އެއްމެ އުފާވި އެކަކީ ރަނާ އެވެ. ރަނާ އާލިޔާ ދައްތަ އާއި ބައްދަލު ކޮށްލާހިތުން ކެތްމަދުވެފައި ހުންނަހެން ހީވެއެވެ. ޒާނިޝް ވެސް މިހާރު ވިސްނަމުން ދަނީ ރިޔާ އާއި އޮތްގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ގޮތަކާއި މެދުގައެވެ.

ހަވީރު ހިޔާއެރުމުން އަހަރެންނާއި ޒާނިޝް އަދި އަޔާން ޒަބަރުޖުދުގެ އަށް ދާން ނިކުތީމެވެ. ދިޔަ މަގުމަތީގައި އަހަރެންނަށް ރޭ ފެނުނު ހުވަފެނުގެ ވާހަކަ ވެސް ކިޔައި ދިނީމެވެ. އަޔާން އާއި ޒާނިޝް ވެސް ހުރީ ފެނުނު ހުވަފެނާމެދުގައި ކަންބޮޑުވެފައެވެ.

“އަހަރެންނަށް ހީވަނީ ޝޯން އަށް ތިފެންނަ ޕްރިކޮގްނިޓިވް ޑްރީމްސް ތަކަކީ ވަރނިން އެއް ހެން. އަދި އެހެނެއް ނުވެއެއްނު. އެހެންވީރު ޔޫކޭން ސްޓޮޕް ދެޓް ފްރޮމް ހެޕެނިންގް. ޔޫ ކޭން ސޭވް ހަރ. ” ޒާނިޝް ގެ ޚިޔާލު ދިނެވެ. އަހަރެންނަށްވެސް އެ ވާހަކަތަކާ އެއްބަސް ވެވުނެވެ.

“ޔާ. އައިކޭން ސޭވް ހަރ. ޔޫ ނޯ ދެޓް. ” އަހަރެންނަކީ އޮސްޓްރޭލިޔާގައި ކިޔަވަން އުޅުނުއިރު ލައިފް ސޭވިންގް ޓްރެއިނިންގް ޕްރޮގްރާމް އިން އެންމެ މަތިން ސްކޯރ ކުރި އެކަކެވެ. އަހަރެންނަށް ޝާޔާ ގެނބެނިކޮށް ފެންނާނެނަމަ އަހަރެންނަށް ޝާޔާ ސަލާމަތް ކުރެވޭނެއެވެ.

“ސޯ. ލެޓްސް ގެޓް ދިސް އޯވަރ ވިތް. ތިބުނީ ޝާޔާ ގެނބެނިކޮށް ފެނުނީ އެއްވެސް މީހަކު ފެންނަން ނެތް ހިސާބެއްގައޭ. އެކަމަކު ޝާޔާ އެކަނި މިރަށު މޫދަކަށް އެރޭކަށް ނުދާނެ. ސޯ މޭބީ. އެއީ ފަޅުރަށެއް. އެން ރިމެމްބަރ ދެޓް ވީ އަރ ގޮއިންގް އަ ޓްރިޕް ޓުމޯރޯ. ” އަޔާން އެ ބުނަން އުޅުނު އެއްޗެއް އަހަރެންނަށް ނަގައިގަނެވުނެވެ. އަހަރެމެން ނިންމީމެވެ. މާދަން ދަތުރު ދާއިރު ޝާޔާ ގޮވައިގެން ދިއުމަށެވެ. އެއީ ހުވަފެނުން އެފެންނަނީ ދާން އޮތް ފަޅުރަށަށް ޝާޔާ ގޮސްގެން އުޅޭ މަންޒަރޭ އަހަރެންނަށް ހީވަނީއެވެ. އެއަށްފަހު ޝާޔާގެ ހުރިހާ ހަރަކާތަކަށް ފާރަލާނީއެވެ. ގެނބިއްޖެ ނަމަ ސަލާމަތް ކޮށްދެވޭ ހިސާބުގައި އަހަރެން ހުންނާނީއެވެ. އެހެން ވީއިރު ހުވަފެން ސީދާވެ، އަހަރެންނަށް ޝާޔާ ސަލާމަތް ކުރެވުނީއެވެ.

“އޯކޭ. ދެން ދެޓްސް ދަ ޕްލޭން. ” އަހަރުމެން އެގޮތަށް ރާވައިލީމެވެ.

ޒަބަރުޖުދުގެ އާއި ހަމައަށް އާދެވުނުއިރު އުނދޯލިގޭގައި ބަކުރުބެ އާއި ހައްވާ ދައްތަ އިނެވެ. ބަދިގެ ފަރާތުގައި ޝާޔާ އުޅޭތަން އަހަރެންނަށް ފެނުމުން އެހެންތަނަކަށް އަހަރެންގެ ނަޒަރު ދުރުކޮށްލުންވީ އުނދަގޫ ކަމަކަށެވެ.

“އަނހާ. މިއޮށް އައީނު. އަވަހަށް އާދޭ އެތެރެއަށް. ދަރިފުޅާ މަރިޔަން. އާދެބަލަ މިކޮޅަށް. ” ބަކުރުބެ އުނދޯލިގެއަށް އައުމަށް އިޝާރާތް ކޮށްލަމުން ގޮވައިލިއެވެ. ހައްވާދައްތަ ތެދުވެ އަހަރުމެންނަށް ތަން ދެއްކިއެވެ. ރީތި ހުދު ކަށިވެލިތަކުގެ މަތިން ހިނގާލާފައި ދާއިރު ހިތަށް ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ގެނުވަމުން ދެއެވެ. އެ ޖާދުވީ އަޑުން ސިކުނޑި ތާޒާކޮށްދެއެވެ. އަހަރުމެން ގޮސް އުނދޯލީގައި އިށީނީމެވެ. އެއާއިއެކު ގޭތެރެއިން ނިކުމެގެން އައި ރީތި އަންހެން ކުއްޖާ އަހަރުމެންގެ ލޮލުގައި އަޅައިގަތެވެ.

ރީތިގޮތަކަށް އިސްތަށިގަނޑު ހައްޔަރުކޮށްލާފައި ވާއިރު އެ ކަޅުކުލަ ގަދަ އިސްތަށިގަނޑުގެ ބޯކަން އެނގެއެވެ. އަޅާފައިވާ އައިލައިނަރ އަދި މަސްކަރާގެ ސަބަބުން އެލޮލުގެ ވިދުން ގަދަކަމށް ދައްކައެވެ. ތުންފަތުގައި ކުލަޖައްސާފައިވާއިރު އެތެތްކަން ގަދަ ތުންފަތުގެ ޖާދޫގައި ނުޖެހޭނެ ހިތެއް މަދުވާނެއެވެ. ހަމުގެ ކުލަ އަލިވެފައި ހޮލީވުޑްގެ ފިލްމީ ތަރިއެއްފަދައެވެ. ލާފައިވާ ރީނދޫ ކުލައިގެ މެކްސީއިން އެ ރީތިކަން ފުރިހަމަކޮށްދީފައި ވެއެވެ.

“ދަރިފުޅާ. މިތިބީ މިރަށަށް މާލެއިން އައިސްއުޅޭ ކުދިންކޮޅެއް. ސިއާން ކައިރީ ދަރިފުޅުގެ ވާހަކަ ދައްކާލީމަ ދަރިފުޅާ ބައްދަލުކޮށްލާ ހިތުން އުޅޭތީ މި ގެނައީ. ” ބަކުރުބެ ބުނިއެއްޗަކުން ޒާނިޝް އާއި އަޔާން އަހަރެންނާއި ދިމާލަށް ލޯބޮޑުކޮށްލާފައި ބަލައިލީ ކީކޭ ހިތަށް އަރާފައި ކަމެއްވެސް ނޭނގެއެވެ. އެއާއިއެކު އެ ރީތި ކުއްޖާގެ ލޮލުގެ ތޫނު ނަޒަރު އަހަރުމެން ތިންމިހުންނާއި ސީދާވެގެން ދިޔައެވެ. އެބެލުމުގައިވެސް ވަނީ ހިތްތައް ލަންބުވާލާފަދަ ޖާދުވީ ބާރެކެވެ.

“ބެލިގޮތަކުން އެޅުނީ ހިތުކޫރު. ” އަޔާން ދަތްދޮޅީ އަތް ވިއްދާލަމުން ބުނެލީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިނދެކަހަލައެވެ.

“އަލި މޫނޭ ސިފަވާ ހޫރު. ” ޒާނިޝްގެ ވެސް ޙާލަކީ އެއެވެ. ހީވަނީ ހޭލާ އިނދެ ހުވަފެން ބަލަނީހެނެވެ.

“ބަލިކޮށްލީ ހިތް ގަދަމަހި ނޫރު ހައިރާންވެއޭ. ” ދެމީހުން އެއްފަހަރާ ކަހަލަގޮތަކަށް ރާގުލައްވާލިއެވެ. އެތާނގައި އެހެން ބަޔަކު ތިބިކަމެއްވެސް ނުދެނެހުރި ތޯއްޗެކެވެ. އަހަރެންނަށް ނިތްކުރިމަތީގައި އަތްތިލައިން ޖަހާލެވުނީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. އޭރު އެއަންހެން ކުއްޖާގެ ރީތި މިއުޒިކީ ހުނުމުގެ އަޑު އިވެމުން ދެއެވެ.

“ހާއި އަހަރެންނަށް ކިޔަނީ ޝައިހާ. ” އެއަންހެންކުއްޖާ ތަޢާރަފްވެލިއެވެ. ބަލާބެލުމަށް ވަރަށް ޒަމާނީ ގޮތްގަނޑު ހެނދުން އެޅުމުގައި އާއި، ވާހަކަދެއްކުމުގައި ހުރި ކުއްޖެކެވެ. އެއީ އެކަހަލަ ފަގީރު އާއިލާއެއްގެ ކުއްޖެކޭވެސް ބަލާފައެއް މީހަކު ނުބުނާނެއެވެ. އަހަރެމެންވެސް ޝައިހާއަށް ތަޢާރަފް ވެލީމެވެ.

“އާދޭ ދަރިފުޅު އެކުދިން ގޮވައިގެން ސައިބޯން. ” ބަކުރުބެ އެހެންބުނެފައި ބަދިގެފަރާތަށް ހިނގައިގަނެއްޖެއެވެ. ޝައިހާވެސް ފަހަތުން ހައި ހީލްގައި ހިނގަމުން ގޮސް އަހަރުމެންނަށްވުރެ ކުރިން ކާގެއަށް ވަދެއްޖެއެވެ. އޭރު ކާގޭ ފެންޑާގައި ޝާޔާ އިސްޖެހިފައި ހުއްޓެވެ. ޝާޔާގެ މިލާ މޯޅިވެފައިވާ މޫނު ފެނިފައި އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ކިތަންމެ ފަހަރަކު ޝާޔާއާއި ވާހަކަ ދައްކާލަން ހިތްއެދުނެވެ. ނަމަވެސް ވަގުތެއް ތަނެއް ނުދިނެވެ.

“ޝާޔާ. !!” ކުއްލިއަކަށް ކާގޭތެރެއިން ޝައިޙާގެ އަޑު ހޮނު ގުގުރިއެއްފަދައިން އިއްވާލިއެވެ. އަހަރެންގެ ބޮލުގައި ހީވީ މީހަކު އެތިފަހަރެއް ވީއްލައިލިހެންނެވެ. އަހަރުމެން ތިންމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެރީތި ދޮންކަމާ އެއްވަރަށް ކުޅިވެސް ފިސާރި ގަދަތާއޭ ހިތަށް އެރިއެވެ. އެއާއިއެކު ޝާޔާ ދުވެފައި ކަހަލަގޮތަކަށް އައިސް ކާގޭތެރެއަށް ހުއްޓުނީ އަޅަކު ސާހިބު މީހާގެ ކުރިމައްޗަށް ހުއްޓުނުހެނެވެ. އަހަރެންނަށް ހުރެވުނީ ގަނޑުވެފައި ހުރިހާމަންޒަރެއް ބަލާށެވެ.

“ދަރިފުޅާ ތަންކޮޅެއް ރުޅިމަޑުކޮށްފަ މަޑުމަޑުން ވާހަކަ ދައްކަބަލަ. ” ބަކުރުބެ ހީވީ ޝައިހާގެ އަސްލު ސިފަ އަހަރުމެން ކުރިމަތީ ހާމަވެދާނެތީ ކަންބޮޑުވެގެން އުޅުނުހެނެވެ.

“ކިހިނެއް ރުޅި މަޑުކުރެވޭނީ. ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. ! މަތިގަނޑެއް ނެތީތަ މިގޭގަ. !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު ޝާޔާގެ މޫނުމަތި ކުލަވަރު ބަދަލު ވި މަންޒަރެވެ. ޝާޔާގެ ބަދުނަސީބު ދިރިއުޅުމަކީ މިއީތާއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލީ ޝާޔާގެ ލޮލުން ވިދާލި ކަރުނައިގެ މުތީފެނި ހިތަށްކުރި އަސަރުންނެވެ.

-ނުނިމޭ-

3
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. .[7]“

Leave a Reply

Your email address will not be published.