ބިރުވެރި ލޯބީގެ

އެރޭފަތިސް

ރެއަކީ ކަނޑުމަޑު ވައިމަޑު މޫސުމް ރީތިރެއެކެވެ. ދުވަސްވަރަކީ ހަނދުމަހުގެ ސާދަފަނަރައިގެ ދުވަސްވަރުކަމަށްވާތީ މުޅި ބިމަށް ފެތުރިފައިވާ ރަންހަނދުވަރެއްގެ އަލިކަމެވެ. ބައެއްހިސާބުތަކުން ފެންނަމުންދާ މަންޒަރުތަކަށް ބަލާލުމުން މިއީ ދުވާލު ނޫންބާއޭ ވެސް ހިތަށްއަރާވަރު ވެއެވެ. އެހާވެސް އަލިވެފައި އެއަލި ސާފެވެ.

ސާނިމާއި އޭނާގެ އެންމެގާތް ދެރައްޓެހިންކަމުގައިވާ އަދްހަމާއި ނާއިފް ކޮފީއެއް ބޯލައިގެން އަތިރިމައްޗަށް ނުކުތީ ވައި ޖައްސާލުމަށްޓަކައެވެ. އެހެނަސް ރެއަކީ ވައިމަޑުރެއަކަށްވާތީ އެމަޤްޞަދު އެންމެރަނގަޅަށް ހާސިލުވާގޮތެއް ނުވިއެވެ.

އަތިރިމަތީ ހޮޅުއަށީގައި އިށީންދެލައިގެން ތިބިއިރު ވެސް ސާނިމްމެން ދައްކަމުން އައި ވާހަކައަކަށް ނިމުމެއް ނާދެއެވެ. ހޮޓަލުން ނުކުތްއިރެކޭ އެއްފަދައިން މިހާރު ވެސް ވާހަކަ ދެކެވެމުންދިޔައީ ދަތުރުދާނެ އުޅަނދެއް ހޯދުމާއި ބެހޭގޮތުންނެވެ.

” އަލިފުޅު. ” ކޮންމެވެސް ކަމަކާ ވިސްނަން ކަހަލަގޮތަކަށް އިނދެފައި ކުއްލިއަކަށް ނާއިފް ބުނެލިއެވެ.

އަހަރުމެން ދަތުރު ދިއުމަށްޓަކައި އަލިފުޅުގެ ޑިންގީ ހަމަޖެއްސީ އަދްހަމްއެވެ.

މެންދަމުން އަލިވެ ތިންގަޑިބައި ހަތަރެއްޖަހާކަން ހާއިރެވެ. ސާނިމަށް ހޭލެވުނީ ފޯން ރިންގްވާއަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ފޯނުބަލާލިއިރު ދެފަހަރަކު ނާއިފް ގުޅާފައިއޮތެވެ. ނާއިފަށް ގުޅަން އުޅެނިކޮށް އަނެއްކާ ވެސް އޭނާ ގުޅިއެވެ.

” ކޮބާ؟ އާދޭ އަވަހަށް . . . އަހަރުމެން މިދަނީ ޑިންގީއާ ދިމާއަށް . . .  އަދުހަމް ވެސް ބުނި މިއަންނަނީއޭ. ” ސާނިމް ފޯނަށް ޖަވާބު ދިނުމާއެކު އަވަސް އަވަހަށް ނާއިފް ވާހަކަދެއްކިއެވެ.

ދަތުރުރޭވީ ނާއިފް ކަމަށްވެފައި ދަތުރުދަނީ އޭނާގެ އަންހެނުން ވެސް ގޮވައިގެން ކަމަށްވާތީ އޭނާ އުޅެނީ ވަރަށްބޮޑަށް އެކަމާ ވެގެންނެވެ.

ދަތުރުދިއުމަށް ތައްޔާރުވެގެން ސާނިމް އަތިރިއަށް ދިޔައިރު ނާއިފް އާއި އޭނާގެ އަންހެނުން ތިބީ ދަތުރު ދިއުމަށް ހަމަޖެއްސި ޑިންގީ ގާތްކޮށް އެއަށް އަރައެވެ. އެހެނަސް އަދުހަމް ފެންނަން ނެތުމުން ބަނދަރު ތޮށިގަނޑުމަތީ ސާނިމް މަޑުކޮށްލީއެވެ.

ދުރުން ހިނގަމުން އައި އަދުހަމް، ފެނުނީ ސާނިމަށެވެ. އެހެނަސް އޭނަ އައިސް ތަންކޮޅެއް ދުރުގައި މަޑުކޮށްލީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނާއިފާއި ޖަމްނާ ޑިންގީގައި ތިބިވާހަކަ ބުނަމުން އަވަހަށް އަންނާށޭ ފުރަން ސާނިމް ގޮވާލުމުން އަދުހަމް އައެވެ.

ވަށައިގެން ހޯދާލަމުން އަދުހަމް އައިސް ސާނިމާއެކު ޑިންގީއަށް އެރިއިރު ނަމަވެސް އޭނާ އަނގައަކުން ނުބުނެއެވެ. ސާނިމް ވާތައް މޮހާލުމުން ނާއިފް ޑިންގީ ދުއްވާލިއެވެ.

ސާނިމްމެން ދަތުރުދިއުމަށް ހަމަޖައްސާފައިވާ ފަޅުރަށަކީ ސާނިމްމެން ރަށާއި އެހާކައިރީގައިވާ ރަށެއް ނޫނެވެ. ކުޑަވަރެއްގެ ދޯންޏެއްގައި ނުވަތަ މިކަހަލަ ޑިންގީއެއްގައި އެރަށަށް ދެވޭނީ ފަންސާހަކަށް މިނިޓުންކަން ސާނިމްމެނަށް އެނގެއެވެ. ރޭވުމާއި އެއްގޮތަށް ކަންތައް ކުރިޔަށްދާތީ އެންމެން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

އިރުއެރުމުގެކުރިން އެފަޅުރަށަށް ދިއުމަށް ސާނިމްމެން ނިންމީ އެރަށަކީ ވެލާއަރާ ރަށަކަށްވެފައި، ވެލާ ފޭބުމުގެކުރިން އެރަށަށް ގޮސް ވެލާ ނަގަން ބޭނުންވާތީއެވެ. ވެލާމަހަކީ ސާނިމްމެން ތިންމީހުނަށް ވެސް ވަރަށް މީރު މަހެކެވެ. ވެލާ ނެގުމަކީ މަނާކަމެއް ނަމަވެސް އެކަން އެގޮތަށް ކުރަމުންދާ މީހުން އަދިވެސް އުޅެމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

އެއްދުވަހަށް ބޭނުންވާ ކާބޯތަކެއްޗާއެކު ސާނިމްމެންފެށި ދަތުރަކީ އުފާވެރި ހަމަޖެހޭ މަޖާދަތުރަކަށް ވާނެކަމަށް ސާނިމްމެން އެންމެން ވެސް އުންމީދު ކުރަމުން ދިޔައެވެ.

ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުންނާއި ނެރުދަނޑިއެއް ކަހަލަ އެއްޗެއް ފާހަގަވާން ނެތުމުން ފަޅަށްވަނުމުގައި ކޮންމެވެސް ވަރެއްގެ އުނދަލުގުލެއް ކުރިމަތިވި ނަމަވެސް، ބައްތިން އަލިކޮށްގެން ކުރެވުނު މަސައްކަތުން މާބޮޑު އުނދަގުލަކާއިނުލާ ފަޅަށް ވަދެވިއްޖެއެވެ.

ޑިންގީ ގޮނޑުދޮށަށް ގާތްކޮށް ދަތުރަށް ގެނައި ތަކެތި ބޭލުމަށްފަހު ޑިންގީއެޅީ ސާނިމެވެ. ޑިންގީއެޅުމަށްފަހު، ސާނިމްމެން އަވަސްވެގަތީ ރަށްވަށާ ބުރެއް ޖަހާލާށެވެ. ސާނިމްމެން ތިންމީހުން ހިނގައިގަތް ނަމަވެސް، އަދުހަމް މަޑުކޮށްގެން ހުރީއެވެ. ސާނިމްމެންކުރާ ކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އަނގައަކުން ވެސް ނުބުނެއެވެ.

” އޭތް! އާދޭ . . .  އަދިވެސް ނިދާފައިދޯ ތިހުރީ. ” އަދުހަމަށް ގޮވާލަމުން ސާނިމް ބުންޏެވެ. ސާނިމް އެހެން ބުނުމާއެކު އަދުހަމް އައިސް ސާނިމްމެނާއި ހަމަކުރިއެވެ.

ހަތަރުމީހުން ވެސް ހިނގަމުން ދިޔައީ ވެލާއަރާފައިވޭތޯ އާއި އެފަދަ ނިޝާނެއް ނަމަވެސް ފެނޭތޯ ބަލަމުންނެވެ.

ސާނިމްމެން ތިންފިރިހެނުންނާއެކު ޖަމްނާ ހިނގަމުން އައި ނަމަވެސް، އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުންނެވެ. އެންމެ ސިކުންތަކަށް ނަމަވެސް، ނާއިފްގެ އަތުން އަތް ދޫކޮށްނުލައެވެ. ނާއިފްގެގައިގާ ޖެހިގެން ނޫން ގޮތަކަށް ނުވެސް ހުރެއެވެ.

” މަންމާ! . . . ” ޖަމްނާ ކުއްލިއަކަށް ހަޅޭލަވައިގަންނަމުން ނާއިފްގެގައިގާ ބައްދައިގަތުމުން އެންމެން ވެސް ދިޔައީ ސިއްސައިގެން ނެވެ.

” ސޮރީ! ބިރުގަނޭތޯ ބަލާލީ. ” ހިނިތުންވުމާއެކު އަދްހަމް ބުނެލިއެވެ. ކަންތައްވީގޮތް އެނގުމުން ސާނިމްމެން ހިނިއައި ނަމަވެސް، ޖަމްނާ ހުރީ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. އޭނާއަކަށް އެކަން މަޖަލެއް ވެސް ނޫނެވެ.

އަދުހަމް އެފަދައިން ކަންތައް ކުރީ ޖަމްނާ ސިއްސާލަން ކަމަށް ބުނި ނަމަވެސް، އެކަމުގައި އެހެން ސިއްރެއް ވާކަމުގައި ޖަމްނާއަށް ގަބޫލުކުރެވުނީ އޭނާ ޢަމަލު ކުރިގޮތުންނެވެ. އޭނާ ހިތްހަމަނުޖެހުނީ ވެސް އެހެންވެއެވެ.

އިރުމަތިފަރާތުން އަލިކުރަމުން އިރުއަރަނީކަން އަންގައިދެމުން ދިޔައެވެ.

ސާޅީހަކަށްމިނިޓުން ސާނިމްމެނަށް އެރަށްވަށައި ބުރެއް ޖެހުނެވެ. ވެލައެއް ނުފެނުނު ނަމަވެސް، ވެލާބިސްވަޅެއް ފެނުމުން އެންމެނަށް ވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

ވެލާބިސްތައް ނަގައި ގޯންޏަކަށް އަޅައިގެން ޑިންގީއާ ދިމާއަށް ސާނިމް ހިނގައިގަތްއިރު ވަރަށްބޮޑަށް ބިންމަތި އަލިވެއްޖެއެވެ. ސާނިމްގެ ފަހަތުން އަދުހަމް ހިނގައިގަތް ނަމަވެސް، ވަކިހިސާބަކަށް އައިސްފައި އޭނާ ގެއްލިއްޖެއެވެ. ވަލަށް ވަނީކަމެއް އަނބުރާލާފައި ދިޔައީ ކަމެއް ސާނިމަކަށް ނޭނގުނެވެ.

ވެލާބިސްގޯނި ޑިންގީލާފައި ސާނިމް އެއްގަމަށް އައިއިރު ނާއިފާއި ޖަމްނާ އެދިމާ އަތިރިމައްޗަށް ނުކުންނަނީއެވެ.

ހެނދުނުގެ ސައި ތައްޔާރުކުރުމާއިގެން ނާއިފާއި ޖަމްނާ އުޅުނުއިރު ސާނިމް އުޅުނީ އަދްހަމް ހޯދާށެވެ. އެހެނަސް ގަޑިއެއް ހާއިރު މަސައްކަތްކޮށް އެކަން ކާމިޔާބުނުވުމުން ސާނިމް އައިސް އެވާހަކަ ބުންޏެވެ.

ކޮންމެވެސް ތަނަކަށް ވަދެ އޭނާ ނިދީކަމަށް ނިންމައި އޭނާ ހޯދަން ސާނިމްމެން އިތުރަކަށް މަސައްކަތެއް ނުކުރެއެވެ. ބަނޑުހައި ވުމުން އޭނާ އަމިއްލައަށް އަންނާނެކަމުގައި ސާނިމްމެން ނިންމިއެވެ.

ވިއްސަކަށް އަހަރަށްފަހު ފަޅުރަށަކަށް އާދެވުމުން ނުހަނު އުފާވެ ހިތްހަމަޖެހިފައިހުރި ޖަމްނާ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން މޫދަށް އެރުމާއި ގޮނޑުދޮށުގައި ވެއްޔާއި ކުޅުންފަދަ އެތައްކަމެއް ކުރަމުން ދިޔައެވެ. ބައެއްފަހަރު ނާއިފް އޭނާއާ ބައިވެރިވެއެވެ.

އަތިމަތީހުރި ބޮޑު ދިއްގާގަސްދަށުގައި އޮށޯވެލައިގެން ވައިޖައްސާލަން ސާނިމާއި ނާއިފް ތިބިއިރު، ޖަމްނާ ހުރީ އެހިސާބާއި މާދުރުނޫން ހިސާބެއްގައި ހެދިފައިވާ ކުދިދިއްގާގަސްތަކުން މާބިންނާށެވެ. ގޮނޑުދޮށުގައި ތެތްވެލިން އިމާރާތެއް ބިނާކޮށް އެއިމާރާތުގައި މައު ޖަހާ ޒީނަތްތެރިކުރުމުގެ މަސައްކަތް އޭނާ ކުރަމުން ދިޔައީ ނުހަނު ޝައުޤުވެރިކަމާއެކުގައެވެ.

މޭކަށިގަނޑާއިހިސާބު އަޑިއަށްދާވަރަށް މޫދަށްއެރިގެން ޖަމްނާ ބޭރަށް ދިޔައީ ގައިން ވެލިފިލުވާލާ ހަށިގަނޑަށް ފިނިކޮށްލުމަށް ޓަކައެވެ. އެންމެ ކުނިކޮޅެއް ގާކޮޅެއް ވެސް ނުވާ އެ ސާފުމޫދުގައި ފިނާލާ ފަތާލާ އުޅެލުމަކީ ޖަމްނާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށް ވިއެވެ.

ކޮންމެވެސް ވަރަކަށް ނިދިޖެހިފައި ކަހަލަގޮތަކަށް އޮތް ސާނިމް ސިއްސައިގެންދިޔައީ ރޮއިގަންނަމުން ޖަމްނާ ހަޅޭލަވައިގަތް އަޑަށެވެ. ފުންމައިގެން ތެދުވަމުން ސާނިމަށް ބަލާލެވުނީ ޖަމްނާ ކުރިން ވެސް އުޅުނު ދިމާއަށެވެ.

އަކުނިވަޔަށް ދަމައިގަނެގެން ކަހަލަގޮތަކަށް އަޑިއަށްދާތީ މައްޗަށް އަރަން މަސައްކަތްކުރަމުން ރޮމުން ހަޅޭލަމުންދިޔަ ޖަމްނާ ފެނުމާއެކު ސާނިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ވަރަށްބާރަށް ނާއިފަށް ގޮވަމުން ދުވެފައި ގޮސް ސާނިމް މޫދަށްއެރި ޖަމްނާ ސަލާމަތްކުރިއެވެ.

ސާނިމްގެ އަޑު އިވިގެން ނާއިފް ދުވެފައި އަތިރިއަށް ނުކުތްއިރު ސާނިމް ޖަމްނާ ގޮވައިގެން އެއްގަމަށް އަންނަނީއެވެ. އޭރު ޖަމްނާ ހުރީ ހާސްވެ ދެލޯ ބޮޑުވެ ބިރުގެންފައެވެ.

ޖަމްނާއަށް އެހީތެރިވެ އޭނާ ހަމައަކަށް އެޅުވޭތޯ ނާއިފް މަސައްކަތް ފެށިއެވެ.

” އެތާ . . . އެތާ . . އަޑީގައޮތް މީހެއް . . . އޭނާ . . . . އޭނާ އަހަރެން ގަންބާ މަރާލަން އުޅުނީ. ” ނާއިފްގެގައިގާ ބައްދާލައިގެން އިނދެ ރޮމުން ރޮމުން ޖަމްނާ ވާހަކަ ދެއްކިއެވެ.

ޖަމްނާ އެހެން ބުނި ނަމަވެސް ސާނިމްމެން ދެމީހުނަކަށް އެތަނަކުން އިތުރު މީހަކު ނުފެނުނެވެ.

” ހިނގާ . . . ހިނގާ އަވަހަށް ރަށަށް ދާން. ” އަދިވެސް ޖަމްނާ އިނީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ.

ޖަމްނާ ވެއްޔާކުޅެން އުޅުނު ހިސާބުގައި އޮތް އޭނާގެ ގަޑި ގެނެސްދިނީ ސާނިމްއެވެ.

އެތައްއިރަކު ނާއިފް ކުރިމަސައްކަތުން ވެސް ޖަމްނާ ހަމައަކަށް އެޅުވޭގޮތް ނުވުމުން، ނާއިފް ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. ސާނިމް އަވަސްވެގަތީ އަދްހަމް ހޯދާށެވެ.

ފުރުމުގެކުރިން ޑިންގީއަށް އެއްޗެތި އެރުވުމަށްޓަކައި ޑިންގީބަލާ މޫދަށް އެރިގެން ދިޔައީ ސާނިމެވެ.

ޑިންގީތެރޭގައި ނިދާލާފައިއޮތް އަދުހަމް ފެނުމުން ސާނިމަށް ވަރަށްބޮޑު ހައިރާންކަމެއް ލިބުނު ނަމަވެސް އަޅައެއް ނުލައެވެ. ނިދާފައިތިބޭ މީހުނަށް އުނދަގޫކުރުމަކީ އެއްވެސްއިރެއްގައި ސާނިމް ކުރާހިތްވާކަމެއް ނޫނެވެ.

ހަވީރު ފަހެއްޖަހާކަން ހާއިރެވެ. ރަށަށް ގެންދަންޖެހޭ ހުރިހާ ތަކެތި ހިފައިގެން ފުރިއިރު ވެސް އަދުހަމް މާގިނަވާހަކައެއް ނުދައްކައެވެ. އެހެން ދުވަސްތަކާއި މާބޮޑަށް ތަފާތުކަން ފާހަގަކުރެވުމުން އޭނާ އެބޭނުންވާ ފުރުސަތުދީގެން ސާނިމްމެން ވެސް ތިބީއެވެ.

މަޣުރިބުނަމާދު ވަގުތުގެ ބަންގި ގޮވަންފެށީ ސާނިމްމެން ދަތުރުކުރަމުންދިޔަ ޑިންގީ ރަށުފަޅާއި ވަރަށް ގާތްވެފައިވަނިކޮށެވެ. ބަންގީގެއަޑު ކަންފަތުގައި ޖެހުމާއެކު އަދުހަމް ކަނޑަށް ފުންމާލިއެވެ. ފުންމާލުމާއެކު އަޑިޔަށް ދިއުމަށް ފަތައިގަތީ ސާނިމްމެނަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށެވެ.

ލިބުނު ހައިރާންކަމާއެކު ބުނާނެއެއްޗެއް ނޭނގިފައި، ދެން ވާގޮތެއް ބަލަން ސާނިމްމެން ތިބީއެވެ.

” އޭނާ . . . އޭނާ އަހަރެން މަރާލަން އުޅުނީ. ” ފުންމައިގެން ތެދުވެ ނާއިފްގެގައިގާ ބައްދާލަމުން ބާރުބާރަށް ޖަމްނާ އެހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.

އަދްހަމަކީ މުޅިއަތޮޅަށް މަސްހޫރު ކުޅަދާނަ ޑައިވިންޓީޗަރަކަށްވެފައި، ޑިންގީއޮތީ ރަށާއި ވަރަށްގާތުގައި ކަމަށްވާތީ އޭނާޖަހާ ސަކަރާތްބަލަން މަޑުނުކޮށް ނާއިފް ޑިންގީދުއްވާލިއެވެ. ޖަމްނާގެ އެވާހައިގެ ސަބަބުން ނާއިފް ހުރީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ.

ޑިންގީއަޅާފައި ތަކެތިހިފައިގެން އެއްގަމަށްއެރި ވަގުތު ސާނިމްގެ ލޮލުގައި އަޅައިގަތީ ސާނިމްމެނާއި ދިމާއަށް ހިނގަމުންއައި އަދްހަމްއެވެ. އޭނާ ހުރީ ފެންވަރާ ރީތިވެލައިގެންނެވެ. އެހާއަވަހަށް އޭނައަށް ފެންވަރާ ތައްޔާރުވެގެން ނާދެވޭނެކަން ސާނިމަށް ޔަގީންވެއެވެ.

ސާނިމްމެނާއި ދިމާއަށް އައި އަދްހަމް ފެނުމާއެކު ޖަމްނާ ހޭނެތިގެން ވެއްޓިއްޖެއެވެ.

އަދްހަމް ބުނިގޮތުގައި އޭނާ އައިއިރު ސާނިމްމެން ފުރައިގެން ހިނގައްޖެއެވެ. ސާނިމްގެ ފޯނަށް އޭނާ ގުޅިނަމަވެސް، ސާނިމް ޖަވާބެއް ނުދެއެވެ. ދަތުރުދެވުނީ ފޯނުބާއްވާފައިކަން ސާނިމަށް އެނގުނީ އެކޮޅަށްދިޔަ ފަހުންނެވެ.

އަދްހަމްގެ އެވާހަކަތައް ސާނިމްމެން ދެމީހުނަށް ކޮންމެވެސް ވަރަކަށް ގަބޫލުކުރެވުނެވެ.

ޖަމްނާގޮވައިގެން ސިއްހީމަރުކަޒަށް ގޮސް ޑޮކްޓަރަށް ދެއްކިތާ ގަޑިއެއްގެހާއިރުތެރޭ އޭނާ ހަމައަކަށް އެޅިއްޖެއެވެ.

ކަންތައްވީގޮތް އެނގުނީ މާފަހުންނެވެ. ސާނިމްމެނާއެކު ދަތުރުދިޔައީ އަދުހަމެއް ނޫނެވެ. މާކުރިއްސުރެ ޖަމްނާއާ އަވަލައިގެން އުޅޭ ޖިންނިއެކެވެ. އެމަހުލޫގަށް އޭނާ ބޭނުންވި ފުރުސަތު ނުލިބުނީއެވެ. ރަށަށްއައި ވަގުތާއި މަޣުރިބުނަމާދު ވަގުތު ދިމާވެ ބަންގީގެއަޑު އިވުމުން އެމަހުލޫގު އަވަހަށް ކަނޑަށް ފުންމާލައިގެން ފިލީއެވެ.

ނިމުނީ

1
0

1 ކޮމެންޓް: ލިޔުން ”އެރޭފަތިސް“

  1. ސުކުރިއްޔާ މިއަށްވުރެ ރީތި ބިރުވެރި ވާހަކަައެއް ލިޔެބަލަ . މިވާހަކަވެސް ގޯހެއް ނޫން

    0

    0

Leave a Reply

Your email address will not be published.