ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 7 )

” ތިއީ ދޮގު. ބޭބެއެއް ނޫން ފޯނުކުރީ. ފޯނުކުރީ ރަށުކައުންސެލަރ އަސްނާދު … އަދި ބުނަން އެބައޮތް އެއްވާހަކަ … ލޯބިވާ މީހުން ދޮގެއް ނުހަދާނެ. އޮޅުވައެއް ނުލާނެ … ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” އެހެން ބުނަމުން އާސިމު ސައިކަލް ދުއްވާލިއިރު ނީމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމުގެ އަސަރު ތަކެވެ. ދެރަވެސް ވިއެވެ. އެހެނަސް ކެތްތެރިކަމާއިއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ނީމާއަށް ވެސް ވިސްނުނެވެ.

ނީމާ އޭނާގެ އެނދުގައި އޮށޯވެލައިގެން މާޔޫސްވެފައި ކަހަލަ ގޮތަކަށް އޮތެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތް ނީމާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުން ނެވެ. މަޑުމަޑުން ތެދުވެގެން ގޮސް ފޯނުނަގައި ޖަވާބުދިނުމާއިއެކު އެކޮޅުން ވާހަކަ ދައްކަން ފެށީ އާސިމެވެ.

” މި ރޭގަނޑު ވެސް އެކަނިދޯ ތިޔަ ހުރީ ؟ .. ބިރެއް ނުގަނޭތަ ؟  ” އާސިމު އަހާލި އެވެ.

” އޫން …. ” ބޭއިޙްތިޔާރުގައި ނީމާއަށް ބުނެވުނެވެ.

” އަނދިރީތެރޭގަ އާއި އަލީތެރޭގައި ކުޅެމުންމިދާ ކުޅިގަނޑު … އަހަރެންނަށް ރޭގަނޑުގެ އަނދިރި ވަރަށް ކަމުދޭ. ފެށުމުގައި ބިރުގަނޭ … އެކަމަކު އެކަމަށް އާދަވެއްޖެނަމަ އެއީ އަހަރެމެންގެ ރަހުމަތްތެރީންނަށް ވެދޭ … ނީމާ! ކަލޭގެ ވިސްނުން ތިހުރީ އެހެން ކަމަކަށް …. ބޭކާރު ވާހަކަތަކާއިމެދު ނުވިސްނާ އަހަރެންނާއި އަހަރެންގެ ވާހަކަތަކާއިމެދު ވިސްނާ. ހަނދުވަރުދޭ ރެއަކު އުސްތަނެއް ދުށިންތަ ؟  ” އާސިމު އޭނާގެ ވާހަކަތައް ނިންމާލީ ސުވާލަކުންނެވެ. އޭރު އޭނާ ހުރީ އެގޭ ގޯތިތެރޭގައެވެ.

” އުނހު. ނުދެކެން. ” ނީމާ ޖަވާބު ދިނެވެ.

” ކުޑަދޮރު ހުޅުވަބަލަ. ” އާސިމު އެދުނެވެ.

” ކުޑަދޮރު ! ؟ ” ހައިރާންކަމާއިއެކު ނީމާއަށް އަހާލެވުނެވެ.

” އާން …. ނީމާ! ކުޑަދޮރު ހުޅުވާލަބަލަ ” އަނެއްކާ ވެސް އާސިމު ބުންޏެވެ.

ފޯނުން ވާހަކަދައްކަމުން ދައްކަމުން އުއްބައްތިއެއް ދިއްލައިގެން ނީމާ ނުކުތީ ބޭރަށް ފެންޑާ އަށެވެ.

” ބޭރަށް އާދޭ. ” އާސިމު އެދުނެވެ.

” އަހަރެން މިހުރީ ބޭރުގައި. ” ނީމާ ބުނެލިއެވެ.

” ކިހާ ރީތި މަންޒަރެއް ފެންނަނީ ؟ ” އާސިމު ސުވާލުކުރުމުން ނީމާ ބަލާލީ ވަށައިގެންވާ މާހަޢުލަށެވެ.

” ދެން ހަނދާއި ދިމާއަށް ބަލާލަބަލަ. ” އާސިމު އެހެން ބުނުމާއިއެކު ހަނދާއި ދިމާއަށް ނީމާއަށް ބަލާލެވުނެވެ.

” މިހާރު އަހަރެންގެ ކުރިމަތީގައި ދެހަނދު އެބަހުރި. އޭގެތެރެއިން ބޮޑަށްރީތީ،  ކޮން ހަނދެއްކަން ބުނަން ވަރަށް އުނދަގޫ. ” ވާހަކަ ދައްކަމުން ދައްކަމުން އައިސް އާސިމު މަޑުކުރީ ނީމާއާ ނުހަނު ގާތުގައެވެ. އެއާއެކު ނީމާ ސިއްސައިގެން ދިޔައެވެ.

” އެކަމަކު އާސިމު! … ” ނީމާ ކޮންމެ ވެސް އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ބުނެވޭގޮތެއް ނުވިއެވެ.

” ނީމާ! .. މިވަގުތު ހަމައެކަނި ހަނދަށް ބަލާ … ހިތުގައިވާގޮތް ހާމަކުރޭ … ކަލާޔާއި އަހަރެންގެ ހިތުން ތެދުވާހަކައެއް ބުނެފިނަމަ .. އެއް އިހުސާސެއް ހާމަވެއްޖެނަމަ. ” އާސިމު ވާހަކަދައްކަމުން ދައްކަމުން ލޯމަރާލިއެވެ. އާސިމު ލޯމަރާލުމުން ނީމާ ވެސް ލޯމަރާލިއެވެ.

” ނީމާ! އަހަރެން ނީމާ ދެކެ ވަރަށް ލޯބިވޭ ….. ހަމަ ޙަޤީޤަތުގައި ވެސް އަހަރެން ވަރަށް ލޯބިވޭ. ނީމާ! ނީމާގެ ހިތް ވެސް ބުނީ އެހެން ނޫންތަ ؟  ” އާސިމު ވާހަކަދެއްކި އެވެ.

” އާން. އަހަރެން ވެސް އާސިމު ދެކެ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ.”  ލޯހުޅުޅުވާލަމުން އާސިމަށް ބަލާލާފައި ނީމާ ބުންޏެވެ. ދެމީހުން ވެސް ތިބީ ވަރަށް އުފަލުން ނެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އަރައިފި އެވެ.

ނުވައެއް ޖަހާކަން ހާއިރެވެ. ރަށުއޮފީހަށް ނީމާ ދިއުމުން އޭނާއާ ބައްދަލުކުރީ ރަށު ކައުންސެލަރ އަސްނާދު އެވެ. ނީމާއާ ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހު އޭނާ ގޮވައިގެން އަސްނާދު ދިޔައީ ރަށުއޮފީހުގައިވާ ޚާއްޞަ ކޮޓަރި އަށެވެ. އޭރު އެތަނުގައި އަތޮޅު ކައުންސިލަރ އަލީޖަލީލާއި ކުޑަކަތީބު ނާސިމާގެ އިތުރުން އެހެން ދެމީހަކު ވެސް ތިއްބެވެ.

ނީމާ ގޮވައިގެން އަސްނާދު ގޮސް އެމީހުންނަށް ނީމާ ތަޢާރަފްކޮށްދީ އެމީހުން ވެސް ނީމާއަށް ތަޢާރަފްކޮށް ދިނެވެ. އަސްނާދު ދެއްކި ގޮނޑީގައި އިށީނދެ ހަމަޖެހިލައި އެތަނުގެ ތެރެއަށް ނީމާ ނަޒަރު ހިންގާލި އެވެ.

” ނީމާ! .. ފަހަރެއްގައި ކަލެއަށް ނޭނގިދާނެ. މިދިޔަ ދެމަހެއްހާ ދުވަސްތެރޭގައި މިރަށު ދެތިން އަންހެން ކުއްޖަކު މަރާލައިފި. ހަމައެކަނި ރީތި އަދި މޮޅު އަންހެންކުދިން .. އޭގެތެރޭން ދެހަށިގަނޑެއް ފެނުނު. ” މޭޒުމަތީގައި ހުރި ފޮޓޯގަނޑުތަކެއް ނަގަމުން އަސްނާދު ވާހަކަދެއްކި އެވެ.

އެފޮޓޯތައް ނީމާއަށް ދައްކަމުން،  އެކުދިންގެ ނަންތައް އަސްނާދު ކިޔައިދެމުން ދިޔައިރު،   އެފޮޓޯތަކަށް ބަލަހައްޓައިގެން އިން ނީމާގެ މޫނުމަތިން ފާޅުވަމުންދަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

” މިކަމުގެ އަސްލު އަދިވެސް ނޭނގޭ …. ” ކުޑަކަތީބު ނާސިމާ ވާހަކަދެއްކި އެވެ.

” ފެނުނު ދެކުދިން ވެސް މަރާލާފައި ވަނީ އެއްގޮތަކަށް. މަރާލާފައިވާ ތަންތަނުން ފެންނަމުން ދަނީ މި ތަކެތި. ”  ކުޑަވަރެއްގެ ކޮތަޅެއް ހުޅުވަމުން އަސްނާދު ވާހަކަދެއްކި އެވެ.

” ބެލެވޭގޮތުގައި ހުރިހާ މީހުން ވެސް މަރާފައިވަނީ ހަމައެކަކު. ” އަސްނާދު ހާމަކުރީ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

” އަހަރެމެންނަށް ސައްކު ކުރެވެނީ …. އާސިމުއާ މެދު. ” ނީމާގެ މޫނަށް ބަލާލަމުން ނާސިމާ ބުންޏެވެ. ނީމާ ދިޔައީ ސިއްސައިގެން ނެވެ. އޭނާއަށް އިވުނު ޖުމްލައާމެދު ސުވާލު އުފެދިފައިވާ ފަދައަކުން ނާސިމާއަށް ބަލާލިއެވެ.

” މިހާރު އެ އާސިމު ވަނީ ކަލެޔާ ވަރަށް ގާތުގައި. ” އަސްނާދު ބުނެލިއެވެ.

” ކަލޭމެން ކީކޭ ކިޔަން ތިޔަ އުޅެނީ ؟  ” ހައިރާންކަމާއި ހާސްކަމާއެކު ނީމާ ސުވާލު ކުރިއެވެ.

” އާން .. ނީމާއަށް ގަބޫލުކުރަން ދަތި … އެކަމަކު މިއީ ޙަޤީޤަތް. އާސިމުއާ ބައްދަލުވާ މީހަކު، އޭނާ ފެނިދެނިވާ މީހަކު އެކަން ގަބޫލެއް ނުކުރާނެ… އޭނަގެ މޮޅުވިސްނުމުގެ ބޭނުންކޮށް އޭނަ ވަރަށް ފަސޭހަކަމާއިއެކު އަންހެންކުދިން ހައްލާލާނެ. ”  ނީމާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ނާސިމާ ވާހަކަދެއްކި އެވެ.

” އެގޮތުން ކަލޭ ވެސް … ކަލޭ ވަރަށް ރީތި ވަރަށް ފުރިހަމަ. ” އަސްނާދު އިތުރުކޮށްލި އެވެ.

” އެއަށްފަހު އޭނަ އެމީހެއްގެ ފަރާތުން ޔަގީންކަން ހޯދާ. އަދި ވަރަށް ލޯބިވާކަން ދައްކާ. ދެން… އެއްދުވަހަކުން … ” ނާސިމާ ކިޔައިދެމުން ދިޔައެވެ.

” މިފަހަރު އޭނާގެ މަޤްސަދަކަށް ވެފައިވަނީ ކަލޭ .. ކަލޭ މިރަށަށް އައީއްސުރެ އަހަރެމެންގެ ލޯތައް އަމާޒުވެފައިވަނީ ކަލެޔަށް …. ކޮންމެ ފަހަރަކު ވެސް އަހަރެމެންނަށް އެނގެނީ ކަންތައް ނިމޭފަހުން. އެކަމަކު … މިފަހަރު އެކަން ނިމުމުގެ ކުރިން އަހަރެމެން ބޭނުން އޭނަ ހައްޔަރުކުރަން … އެހެންވެ ކަލޭ މިތަނަށް ގެނައީ. ކަލެއަށް ވެސް ވިސްނެ އެއްނު. ” އަސްނާދު ވާހަކަދެއްކީ އެމީހުން ބޭނުންވާގޮތް ހާމަކުރަމުން ނެވެ.

” އާން …. އެކަމު އެއްކަމެއް އަހަރެންނަކަށް ނުވިސްނުނު …. އެއީ ތިކަމަށް ކަލޭމެން ތިހާ ސަޢުގުވެރިކަން ހުރިއިރު ތިހާ ޔަގީންކަން އޮތްއިރު … އޭނަ ހައްޔަރު ނުކުރަނީ ކީއްވެ؟  ” ނީމާ ސުވާލު ކުރިއިރު އޭނާގެ އަޑާއި ހަރަކާތުން ފާޅުވަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ.

” އެކަމަށް އެންމެ އެކަށީގެންވާ ހެއްކެއް އަހަރެމެން އަތުގައެއް ނެތް. އެކަމަކު ކުރިން މީހަކު މަރާލައިގެން އަހަރެމެން އޭނާ ހައްޔަރުކުރިން. ” މިފަހަރު ވާހަކަ ދެއްކީ އަތޮޅުވެރިޔާ އަލީ ޖަލީލެވެ.

” ކީކޭ ؟ ! ” ހައިރާންކަމާއިއެކު ނީމާއަށް އަހާލެވުނެވެ.

” އެފަހަރު ވެސް އެކަށީގެންވާ ހެކިނެތުމުން އޭނާ ސަލާމަތްވީ. ” އަލީޖަލީލު ބުނެލިއެވެ.

” އެކަމަކު މިފަހަރު އޭނަ އަކަށް ސަލާމަތެއް ނުވެވޭނެ …. ކަލޭ އަހަރެމެންނަށް އެހީވެއްޖެނަމަ ސީދާ ސީދާކޮށް އަހަރެމެން އޭނާ ހައްޔަރު ކުރާނަން. ” އަސްނާދުމެން ނީމާއާ ބައްދަލުކުރި މަޤްސަދު ހާމަކުރަމުން އަސްނާދު ވާހަކަދެއްކި އެވެ.

” އަހަރެންނަށް މަޢާފްކުރޭ. އަހަރެންނަކަށް ނެތް ކަލޭމެނަށް  އެހީ ވެވޭކަށް. ކޯޓުން އޭނާއަކީ ކުށްވެރިއެއްކަމަށް ނުދެކޭއިރު ކަލޭމެން ކީއްވެ އޭނާއަކީ ކުށްވެރިއެކޭ ތިބުނަނީ ؟  ” ހިތްހަމަ ނުޖެހުމާއިއެކު ނީމާ ވާހަކަދެއްކި އެވެ.

” ބަލާބަލަ ނީމާ …. އަދި ވިސްނަން މަސައްކަތް ކޮށްބަލަ. ” ނާސިމާ ބުންޏެވެ.

” ކޮންއެއްޗެއް ވިސްނާން މަސައްކަތް ކުރަންވީ ؟ .. ކޮންމެ އެއްޗެކޭ ކަލޭމެން ބުންޏަސް. ސައްކުކުރުމުގެ އިޙްތިޔާރު ކަލޭމެނަށް ލިބިގެންވޭ. އެކަމަކު … ޔަގީންކުރުމުގެ އިހްތިޔާރު ލިބިގެނެއްނުވޭ … އަހަރެން ގަބޫލުކުރާގޮތުގައި އާސިމު އަކީ މީހުން މަރާ މީހެއް ނޫން. ” ނުރުހުމާއި އެކުގައި ގޮނޑިން ތެދުވަމުން ނީމާ ވާހަކަދެއްކި އެވެ.

” އޭނަ އަކީ މީހުން މަރާ މީހެއް …. އަހަރެމެން މިދައްކާ ވާހަކަ ގަބޫލުކުރޭ. އެހެންނޫނީ ދެންތިބި އަންހެން ކުދިންނަށް ދައްކަން ޖެހޭނީ މިފަދައިން ކަލޭގެ ވެސް ފޮޓޯ. ” ހިތްހަމަނުޖެހުމާއިއެކު އަސްނާދު ވާހަކަދެއްކި އެވެ.

” އަހަރެމެންގެ ވާހަކަތައް ކަލެއަށް ގަބޫލު ނުކުރެވިގެން ތިއުޅެނީ އޭނަ ދެކެ ލޯބިވާތީ ކަމަށް ވެދާނެ. ” ނާސިމާ ބުނެލިއެވެ.

” އާން ….. އަހަރެން އޭނަ ދެކެ ލޯބިވޭ. ” ނީމާ ބުނެލިއެވެ.

” ތިއީ ލޯތްބެއް ނޫން. ތިއީ ކަލެއަށް ނުވިސްނޭކަން. އަމިއްލައަށް މަރުވާން އުޅުން. ކަލޭ ނިކަން ލޯހުޅުވައިގެން ހުރެ ދުނިޔެއަށް ބަލާލަބަލަ. ” ގޮނޑިން ތެދުވަމުން އަސްނާދު ވާހަކަދެއްކިއިރު އޭނާގެ އަޑާއިހަރަކާތްތަކުން ފާޅުވީ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ.

” އަހަރެންނާމެދު ނުވިސްނާ. އަހަރެން ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އެއީ ކަލޭމެން ކަންބޮޑުވާންޖެހޭ ކަމެއްނޫން. ” ނީމާ ވެސް ވާހަކަދައްކަމުން ދިޔައީ ހިތްހަމަނުޖެހުމާއި އެކުގައެވެ.

” އެކަމަކު …. ނީމާ! ޒިންމާ ނަގަންޖެހޭ މީހެއްގެ ހައިސިއްޔަތުން އެހީވުމަކީ ކަލޭ ވެސް ކުރަންޖެހޭނެ ކަމެއް. ” ނީމާއަށް ވިސްނައިދޭ ފަދައަކުން އަލީ ޖަލީލު ބުންޏެވެ.

” އަހަރެންނަށް އަހަރެންގެ ޒިންމާ އެނގޭ ….. ތިކަމުގައި ވެސް އަހަރެން ކަލޭމެނަށް އެހީވީމުސް އަހަރެންގެ ހިތް އެކަމަށް އެއްބަސްވިނަމަ … އަހަރެންގެ ހިތެއް ނުބުނޭ އާސިމުއަކީ ތިބުނާފަދަ މީހެއް ކަމަކަށް … އަހަރެންގެ ހިތް އަހަރެންނަކަށް ގޯސްމަގެއް ނުދައްކާ. އަހަރެން ދެންދަނީ … ” ނީމާ ހިނގައިގަތީ އެތަނުން ނުކުންނާން ނަމަވެސް،  ދޮރުކައިރީ ހުރި އަސްނާދުއާ ހަމަވުމުން ހުއްޓުނެވެ.

” އަހަރެން ވަރަށް ބޮޑަށް އެދެން ތިކަމުގައި އިތުރަށް އަހަރެންނަށް ނުގުޅުމަށް. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ. ” އަސްނާދުގެ މޫނަށް ބަލާލަމުން އެހެން ބުނުމަށްފަހު ނީމާ ނުކުމެގެން ދިޔައީއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސި ހަތެއްޖަހާކަން ހާއިރެވެ.

ނީމާ އާއި އާސިމު ތިބީ އާސިމުމެން ގޭގައި ސައިބޯށެވެ. ނުހަނު ގާތުގައި ތިބެގެން ސައި ބޮމުން ތަފާތު މަޢުލޫތަކަށް ވާހަކަދައްކަމުން ދިޔައިރު ދެމީހުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

” އަހަރެން ކަންތައް ކުރިގޮތް ރަނގަޅުތަ ؟  ” އާސިމުގެ މޫނަށް ބަލާލަމުން ނީމާ އެހިއެވެ.

” އާން …. އަހަރެން ތިޔަ މަގާމުގައި ހުރިނަމަ ވެސް ކަންތައް ކުރާނީ ތިޔަހެން. އަހަރެންގެ ހިތުގެ އަޑުއަހާފައި ގޮތެއް ނިންމާނީ. ” ނީމާއަށް ބަލާލަމުން އާސިމު ވާހަކަދެއްކި އެވެ.

” އާސިމު! ކަލާޔާ ވަކިން އަހަރެން ކިހިނެތް އުޅޭނީ … ހިތް ވެސް އެކައްޗެއް … ވިންދު ވެސް އެކައްޗެއް … އަދި ހިތުގެ ގޮވުން ވެސް އެކައްޗެއް. ” ވާހަކަ ދައްކަމުން ދައްކަމުން އާސިމްގެ ކޮނޑުގައި ނީމާ ބޯ އަޅާލިއެވެ.

” މިރެއަކީ އަހަރެންނަށް ވަރަށް ޚާއްޞަރެއެއް. މިހާރު އަހަރެންނަށް ކަލާގެ ފުރިހަމަ ލޯތްބާއި އަޅާލުން ލިބިއްޖެ. ފުރިހަމަ ޔަގީންކަން ލިބިއްޖެ. ” ލޯތްބާއިއެކު ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ބުންޏެވެ.

ނީމާއާ ވާހަކަދައްކަން ކުޑައިރުކޮޅަކު އިނުމަށްފަހު އާސިމު އެތަނުން ނުކުމެއްޖެ އެވެ.

އާސިމު އެތަނުން ނުކުމެގެން ދިޔަތާ މާގިނައިރެއް ނުވަނީސް އެތަނުން ކަރަންޓް ކެނޑިއްޖެ އެވެ.

” އާސިމު! …. ކަރަންޓް ކެނޑިއްޖެ. ” ހާސްކަމާއި އެކުގައި އަވަސް އަވަހަށް ނީމާ ގޮވާލިއެވެ.

” އިރުކޮޅަކުން ރަނގަޅުވެދާނެ. ” އާސިމު ޖަވާބު ދިނެވެ.                                   ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 7 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.