ލޯބީގެ

އޯވަނައިޓް

ބިސާރާއި ސަލްވާ ބައްދަލުވީ ބިސާރުގެ ރައްޓެއްސެއްގެ ފަރާތުން އޭނާއަށް ލިބުނު ނަންބަރަކަށް ގުޅަމުންދިޔަ ގުޅުމުގެ ތެރެއިންނެވެ. ބޭކާރުވެގެންދާ ވަގުތުތައް ފުރާލާ އުފާކޮށް ހިތްހަމަ ޖައްސާލުމަށް ބިސާރު ގުޅާންފެށި ގުޅުން މަޑުމަޑުން އިތުރުވާން ފެށިއެވެ. ސަލްވާއާމެދު ސައުގުވެރިކަން އުފެދި ސަލްވާއަށް ފޯނު ކޮށްނުލާ ނުހުރެވޭން ފެށިއެވެ.

ބިސާރާއި ސަލްވާ ފޯނުން ވާހަކަދައްކާން ފެށުމާއެކު ސަލްވާއަކީ ބިސާރު ހޯދާން ބޭނުންވެގެން އެއުޅޭކަހަލަ އަންހެންކުއްޖެއްކަން ބިސާރަށް ޔަގީންވިއެވެ. އެހެންވެ ބިސާރު ބޭނުންވީ އެގުޅުން އިތުރަށް ތަރައްޤީކޮށް ކުރިއަރުވާށެވެ. ބިސާރު ބޭނުންވިފަދައިން އެކަމަށްޓަކައި ސަލްވާގެ ފާރާތުން ލިބެމުންދިޔަ އެއްބާރުލުމުގެ ސަބަބުން ބިސާރަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ.

ދެމީހުން ދެތަނެއްގައި ތިބި ނަމަވެސް، ކިތަންމެ ދުރުގައި ތިބި ނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކަކު އަނެކަކަށް ފެނިލުމަކީ މިހާރު މާބޮޑުކަމަކަށް ނުވި ނަމަވެސް އެގޮތަށް ބައްދަލުކުރާކަށް ސަލްވާ ބޭނުމެއް ނުވެއެވެ. އެހެން ކަންތައް ކޮށްފައިވާ މީސްމީހުނަށް ، ހާއްސަކޮށް އަންހެންކުދިންނަށް ލިބިފައިވާ ލަނޑާއި ވެފައިވާ ބޭޒާރުގެ ވާހަކަ ސަލްވާ ވެސް އަޑުއަހާފައި ވެއެވެ. އެގޮތަށް ފޮނުވާ ފޮޓޯ އާއި އެފަދަ ވިޑިއޯކޯލްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ މީހުންގެ ވާހަކަ ވެސް ސަލްވާއަށް އަޑުއިވެއެވެ.

ބިސާރާއި ސަލްވާގެ މެދުގައިވާ ގުޅުމަށް ހަފްތާއެއްހާ ދުވަސްވީރު އެކަކުއަނެކަކާއި ބައްދަލުކުރާން ބޭނުންވެ އެކަމާބެހޭގޮތުން ވާހަކަދެކެވޭން ފަށައިފިއެވެ.

ބިސާރެކޭ އެއްފަދައިން ސަލްވާ ވެސް ބިސާރާއި ބައްދަލުކުރަން ބޭނުން ކަމަށާއި، ސަލްވާއާ ބައްދަލުކުރަން ބިސާރު ބޭނުންނަމަ މާލެ އައުމަށާއި، މާލެގައި ބައްދަލުކުރެވޭނެގޮތް ހަމަޖެއްސުމުން ބައްދަލުކުރާނެކަމަށް ސަލްވާ ބުންޏެވެ. ސަލްވާގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމުގެ ސަބަބުން އޭނާއަށް އޭނާގެ ރޭވުން ކާމިޔާބުވާނެކަމުގެ އުންމީދު ބިސާރަށް ބޮޑުވެގެން ދިޔައެވެ.

ބިސާރު މާލެއައިސް ސަލްވާއަށް ފޯނުކޮށް އެހަބަރު ދިނެވެ. އަދި ބައްދަލުކުރުމުގެ ކަންތައް ދެމީހުން ވާހަކަދައްކައި ހަމަޖެއްސިއެވެ.

ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. ރަސްފަންނު ސަރަހައްދަށް އައިސް މަޑުކޮށްލި ކުލީކާރުން ޒުވާންފުރައިގެ އަންހެންކުއްޖަކު ފައިބައިގެން ރަސްފަންނުގެ ކުޑަތަކާއި ދިމާއަށް ހިނގައިގަތެވެ. ގަދަރަތްކުލައިގެ އަތްދިގު ޓީސާޓަކާއި ކަޅުކުލައިގެ ޖިންސެއްލައި ބުރުގާއަޅައިގެން ހުރި ހިމަތޮޅި އެއަންހެންކުއްޖާ ކިބައިން ފެންނަމުންދަނީ ޒަމާނީގޮތްގަނޑެވެ. މޭކަޕްގެ ބާވަތްތަކުން މުޅިމޫނުމަތި ކުލަމަޖާގަނޑެއްހެން ހަދާލާފައި ވާއިރު ކަނާތްފަރާތު ކޮނޑުގައި އަތްދަބަހެއް އަޅުވާލާފައި ވެއެވެ. ހިނގުމުގައި ހުރީ މޮޑެލްކުރާކުދިން ހިނގުމުގައި ގެންގުޅޭފަދަ ތުއިކަމާއި ފަރިކަމެވެ.

ރަސްފަންނު ސަރަހައްދަށް ވަދެގެންއައި އެއަންހެންކުއްޖާއާ ދިމާއަށް ބިސާރު ހިނގައިގަތީ އުފަލާއިއެކު ހިނިތުންވަމުން ނެވެ. ހެދުން އެޅުމުގައި ހުރިގޮތުންނާއި ބޭނުންކޮށްފައިވާ ކުލަތަކުގެ ސަބަބުން އެއަންހެންކުއްޖާއަކީ ސަލްވާކަން ބިސާރަށް ޔަގީންވި އެވެ.

ސަލްވާ ވެގެންދިޔައީ ބިސާރު ހީކުރިފަދަ ރީތި ފުރިހަމަ ޒުވާން އަންހެންކުއްޖަކަށެވެ. ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ސަލްވާގެ ގައިގެކުލަ އަލިވެފައި ބައްޓަންތައް ޗާލެވެ. އެހާމެ ގުޅެއެވެ. އެންމެ މިހާރުގެގޮތަށް ހެދުންއަޅައި މޭކަޕްތަކުން ޖަރީ ވެފައިވާ ސަލްވާގެ ރީތިކަން ފުރިހަމަވެފައިވަނީ އޭނާކޮށްފައިވާ މޭކަޕްތަކާއި ލައިގެންހުރި އެއްޗެތީގެ ސަބަބުންކަން ޔަގީނެވެ.

ބިސާރު އައިގޮތަށް އައިސް ސަލްވާއާ ހަމަކުރަމުން ގޮވާލިއެވެ. ކަންފަތުގައި އަޑުޖެހުމާއެކު އެއީ ބިސާރުކަން ސަލްވާއަށް ޔަގީންވިއެވެ.

ދެމީހުން އެކަކު އަނެކަކާއި ސަލާންކޮށްލަމުން ހާލުއަހުވާލު އޮޅުންފިލުވާލިއިރު ދެމީހުން ވެސް ތިބީ ވަރަށް އުފާވެފައިކަން މަންޒަރު ފެނުނު ކޮންމެމީހަކަށް ޔަގީން ވާނެއެވެ.

ވާހަކަދައްކާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ދެމީހުން އެކުގައި އެސަރަހައްދުން ނުކުންނަން ހިނގައިގަތްއިރު ސަލްވާ ހުރީ ބިސާރުގެ އަތުގައި ހިފައިގެންނެވެ. މަންޒަރު ފެންނަ އެއްވެސް މީހަކަށް އެދެމީހުންނަކީ އަލަށް ދިމާވި ދެމީހުންކަން ގަބޫލުކުރަން ދަތިވާނެއެވެ. އެހާވެސް ގުޅުން ބަދަހިވެފައި ގާތްކަން ބޮޑެވެ.

ބިސާރަކީ ރިސޯޓެއްގައި މަސައްކަތްކުރާ ރާއްޖެތެރޭ މީހަކަށް ވާތީ އޭނާއާއެކު ތަނަކަށް ދާނަމަ ދާންޖެހޭނީ ކުލީކާރެއްގައި ކަމަށް ސަލްވާއަށް ހީކުރެވުނު ނަމަވެސް، ކަންތައްވީ އެހެނެއް ނޫނެވެ. ސައިކަލްތައް މަޑުކޮށްފައިވާ ސަރަހައްދަށް މަޑުކޮށްލަމުން ބިސާރު އިސާރާތްކޮށްލި ޖީއެން ސައިކަލަށް އަރައި ހަމަޖެހެލިއިރު ސަލްވާގެ ފަރާތުން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ.

” މެރިން ސްކައިވިއު. ” ބިސާރުގެގައިގާ ފާޑަކަށް ބައްދާލަމުން ސަލްވާ ބުނެލިއެވެ. މިރޭގެ ކެއުން ސަލްވާ ބޭނުންތަނަކުން ދިނުމަށް ބިސާރު އެއްބަސްވެފައިވާތީ ސަލްވާ އެބުނީ ކެއުމަށް ދާންވީ ތަންކަމުގައި ބިސާރު އަމިއްލައަށް ނިންމިއެވެ.

ސައިކަލް ދުއްވާލުމާއެކު ބިސާރުގެ ފުރަގަހުން ސަލްވާ ބައްދާލީ ދުވަހަކު ވެސް ވަކިވާކަށް ބޭނުންމެއް ނުވެޔޭ ބުނާ ފަދައަކުންނެވެ. ސަލްވާގެ އެއަމަލުގެ ސަބަބުން ކޮންމެވެސް ވަރަކަށް ސިއްސައިގެންދިޔަ ނަމަވެސް، އޭނާ ހީކުރިވަރަށްވުރެ އަވަހަށް އަދި އެހާމެ ފަސޭހައިން ސަލްވާ އޮޅުވާތީ ބިސާރު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތު ނަމަވެސް މަގުތަކުން ފެންނަމުންދިޔަ ދުއްވާތަކެއްޗާއި ހިނގާބިނގާވެ އުޅޭ މީހުން މަދުކަމަކަށް ނުދައްކަ އެވެ. ކޮންމެ މީހަކު ވެސް އުޅެނީ ކޮންމެވެސް މުހިންމު ކަމަކާއިގެން އަވަދިނެތިއެވެ.

މާލޭގެ އިރުއުތުރުފަރާތުގައި ހަދާފައިވާ ރެސްޓޯރެންޓްތަކާއި އެންމެކައިރިއަށް ހުރި ޕާކިންޒޯނުގައި ސައިކަލް ބެހެއްޓުމަށްފަހު ސަލްވާ ގޮވައިގެން ރެސްޓޯރެންޓްތަކާއި ދިމާއަށް ބިސާރު ހިނގައިގަތެވެ.

ސަލްވާ ގޮވައިގެން ބިސާރު ގޮސް މެރިން ސްކައިވިއު ރެސްޓޯރެންޓްގެ އޯޕަންއެއާއަށް އެރިއިރު އެތަނުގައި މީހުން ވަރަށް މަދެވެ. ދީފައިވާ ހަނދުވަރުގެ ނަލައަލިން މުޅިސަރަހައްދު އަލިވެ އުޖާލާވެފައިވާއިރު، ހިތްގައިމުވަރަކަށް ވައި ޖެހެމުންދިޔައެވެ. ކުރިމަތިން ހާމައަށް ފެންނަންއޮތް އެއާރޕޯޓާއި ހުޅުމާލެ، ތަފާތު ކުލަކުލައިގެ އަލިތަކުން ދިއްލާ އުޖާލާކޮށްފައިވާއިރު، މަންޒަރު ބަލާލައިގެން ވެސް ހިތަށް ހަމަޖެހުން ގެނުވާހާ ފުރިހަމަވެފައި ޗާލެވެ. އެއާރޕޯޓުން ފުރާ ޖައްސާ ފުލައިޓްތަކާއި މާކަނޑުގައި ދަތުރުކުރަމުންދާ ގިނައަދަދެއްގެ ދޯނިތަކާއި ލާންޗްތަކުގެ ހަރަކާތްތަކަކީ ވެސް އެމަންޒަރު އިތުރަށް ފުރިހަމަވަމުންދިޔަ ކަންކަމެވެ.

ގޮނޑީގައި އިށީންދެ ހަމަޖެހިލުމާއިއެކު އޯޑަރުނެގުމަށްޓަކައި ވޭޓަރު އައެވެ. ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުމުގެ ފުރުސަތު ސަލްވާއަށް ބިސާރު ދިނެވެ. ބިސާރު ބޭނުންވަނީ ސަލްވާ ބޭނުން އެއްޗެއް އޭނާއަށް ކާންދޭށެވެ. ކާންދޭނަމަ އޮޅުވާލެއް އަވަސްވާނެކަމަށް މުސްކުޅިން ބުނަމުންދާ ބަސް ބިސާރު އަބަދުވެސް ހަނދާން ހުރެއެވެ.

ކެއުމަށް އިންސާފް ކުރަމުންދިޔައިރު ވެސް ބިސާރުމެން ދެމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެމުންދިޔައެވެ. ސަލްވާ އެންމެބޭނުންވާ ކެއުން ކެއުމުގެ ފުރުސަތު ސަލްވާއަށް ދިނީތީ ސަލްވާ އެތައްފަހަރަކު ބިސާރަށް ސުކުރުއަދާކުރިއެވެ.

ސަލްވާގެ އެސުކުރުއަދާކުރުމަށް، އެއީ މާބޮޑުކަމެއް ނޫންކަމުގައި ބުނަމުން ބިސާރު ހިނިތުންވަމުން ދިޔައީ އެކެއުމުގެއަގު ހޯދުމަށް އޭނާ ރާވާފައިވާ ރޭވުން ކާމިޔާބުވާނެކަމުގެ އުންމީދާއި ޔަގީންކަން ބޮޑުކަމުންނެވެ. އެފަދަ ކަމަކަށް މިފަދަ ކެއުމެއް ދިނުމަކީ މާބޮޑު ކަމެއްކަމުގައި ބިސާރު ނުދެކެއެވެ.

މެންދަމާއި ދިމާއަށް ވަގުތު މިސްރާބުޖެހިއިރު މާލޭގެ މަގުތަކަށް ކޮންމެވެސްވަރެއްގެ ހަމަހިމޭންކަމެއް ވެރިވާން ފަށައިފިއެވެ. ކެއުން ނިންމާލުމަށްފަހު، ކޮފީއެއް ބޯލައިގެން ސަލްވާ އާއި ބިސާރު ދިޔައީ މިރެއަށްޓަކައި ބިސާރު ކުއްޔަށް ހިފާފައިވާ ކޮޓަރިއަށެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ އެގޭގެ އެކޮޓަރިއަކީ ކުއްޔަށްދިނުމަށް ބަލާލައިރު ވަރަށްފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ.

ކޮޓަރީގެ ދޮރުލައްޕާ ތަޅުލަމުން ބިސާރު ކޮށްލި ހަރަކާތާއިއެކު ސަލްވާ އައިސް ބިސާރުގެގައިގާ ޖެހުނެވެ. އެއާއެކު ބިސާރު ބޭނުންވި ފަދައިން ސަލްވާގެ މޫނު އޭނާއާ ދިމާއަށް އަނބުރުވާލާ ސަލްވާ ގެނެސް އޭނާގެ ގަޔާލާ ފިއްތާލިއެވެ. ސަލްވާގެ ފުރަގަހުން ވަށާލާފައިވާ ބިސާރުގެ ދެއަތް ސަލްވާ އޭނާއާ ދުރުވިޔަ ނުދިނުމަށް މަސައްކަތްކުރާ ކަހަލައެވެ.

އޭނާއަށްޓަކައި ބިސާރު ކުރަމުންދާ ހޭދައިގެ އަގުދިނުމަށް ސަލްވާ ތައްޔާރަށް ހުރި ކަހަލައެވެ. ބިސާރު ބޭނުންވި ކޮންމެ ހަރަކާތެއް ބޭނުންވި ކޮންމެ އެހީތެރިކަމެއް ސަލްވާގެ ފަރާތުން ލިބެމުންދިޔައެވެ. ތުންފަތާއި ތުންފަތުން ބިސާރު ފެށިހަރަކާތް ސަލްވާގެ ކަރާއި ހަމައަށް ފޯރިއިރު ސަލްވާގެ ބުރުގާއޮތީ ތަޅުންމަތީގައެވެ. ބިސާރުގެ ދެއަތް ހުއްޓުމެއްނެތި ސަލްވާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ.

ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލިކަމާއި ހަމަހިމޭންކަމާއެކު ބިސާރާއި ސަލްވާގެ ގައިގޯޅިކަން އިތުރުވަމުންދިޔައިރު، ސަލްވާގެ ހަށިގަނޑުގެ ނިވާކަން ކުޑަވަމުންދިޔައެވެ.

ބިސާރު ބޭނުންވިފަދައިން ބިސާރު ބޭނުން ކޮންމެގޮތެއް ހަދަން ބިސާރުގެ އަތުތެރޭގައިއޮތް ސަލްވާ އޮތެވެ. ދެމީހުން ތިބީ އެކަކު އަނެކަކުދެކެ ލޯބިވެވި އެލޯބީގައި ދިވާނާވާވަރު ވެފައި ކަންޔަގީނެވެ. ކުއްލިއަކަށް ބިސާރުގެ އަތުގައި ހިފަހައްޓައި ނޫނެކޭ ސަލްވާ ބުނުމުން ބިސާރަށް ލިބިގެންދިޔައީ ހައިރާންކަމެވެ.

ވެގެންއުޅޭގޮތް ސަލްވާ ކިޔައިދިނުމުން ބިސާރު އޯކޭކަމަށް ބުނީ ހާލަތު ގަބޫލުކުރާ ފަދައަކުންނެވެ.

ބިސާރު އެންމެބޭނުންވިގޮތް ނުވިނަމަވެސް ސަލްވާގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ބިސާރަށް ލިބުނެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން އިސްޤީމަސްތީކަނޑެއްގައި ފަތަމުންދިޔަ ބިސާރާއި ސަލްވާއަށް ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ނޭނގެއެވެ.

މާލޭގެ މަގުތަކަށް ބާރުބޮޑުކޮށްލި ވެހިކަލްތަކާއި މީހުންތައް އަންގައިދިނީ އާދުވަހަކަށް އިރުއަރައިފިކަން ނޫން އެހެންކަމެއް ނޫނެވެ. ބާރުބާރަށް މަދަރުސާއާ ދިމާއަށް ހިނގަމުންދިޔަ ދަރިވަރުންނާއި އެހީތެރިންގެ އިތުރުން ޓީޗަރުންނާއި މުއައްޒަފުން ވެސް މަގުތަކުގައި ހަރަކާތްތެރިވުން އިތުރުވަމުން ދިޔައެވެ.

ހޭލެވުމާއިއެކު ބިސާރަށް އެންމެފުރަތަމަ ވެސް ފާހަގަކުރެވުނީ ކޮޓަރީގައި ސަލްވާ ނެތެވެ. ސަލްވާ ގެއަށް ދިޔައީތޯ ޔަގީންކޮށްލުމުގެ ގޮތުން ފާހާނާ ވެސް ބަލާލިއެވެ. ކޮޓަރީގެ އިތުރުން ފާހާނާގައި ވެސް ސަލްވާ ނެތުމުން އޭނާ ގެއަށް ދިޔައީކަން ބިސާރަށް ޔަގީންވިއެވެ.

ފުރަން ހަމަޖެހިފައިވަނީ އެގާރަޖަހާއިރު ކަމަށްވާތީ، އަދިވެސް ކުޑަކޮށް ނިދާލުމަށްޓަކައި އެނދާއި ދިމާއަށް އައި ބިސާރު ފޯނު ބަލާލީ ގަޑިން ވީއިރެއް ޔަގީންކޮށްލުމަށްޓަކައެވެ.

ޑިސްޕްލޭ ދިއްލާލުމާއިއެކު ބިސާރުގެ ސަމާލުކަން ދަމައިގަތީ ފޯނަށް އައިސްފައިވާ މިސްކޯލެވެ. ގުޅާފައިވަނީ ސަލްވާކަން އެނގުމުން ބިސާރު ވަރަށް އުފާވިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމެއްގެ ސަބަބުން އެނަންބަރަށް ގުޅަމުން އެނދުގައި އޮށޯވެލީ ރޭފަދަ ދެވަނަ ފުރުސަތެއް ހޯދުމަށް އުންމީދު ކުރަމުންނެވެ. ފުރުމުގެ ކުރިން އަދި ބައްދަލުކޮށްލަން އަންނަން ބުނުމަށް ނިންމައިގެން ވެސް މެއެވެ. ރޭގައި ސަލްވާގެ ފަރާތުން ލިބުނު ލޯތްބާއި އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ބިސާރުގެ ހިތް އެދި ގޮވަމުންދަނީ ސަލްވާ އަށެވެ. އެފިރުމުންތަކާއި އެގައިގޯޅި ކަމަށެވެ. އެބީހުންތަކާއި އެއަރާމަށެވެ.

” ތިޔަގުޅުއްވި ނަންބަރުގެ ހިދުމަތްވަނީ ވަގުތީގޮތުން މެދުކަނޑާލާފައި. ” ސަލްވާގެ ނަންބަރަށް ގުޅާލުމާއެކު އިވުނީ ދިރާގުގެ މެސެޖެކެވެ.

އެއީ އޭނާއަށް ހީވި ހީވުމެއްކަމަށް ނިންމައި ބިސާރު ދެތިންފަހަރަކު އެނަންބަރަށް ގުޅާލިއެވެ. އެހެނަސް އެމެސެޖްނޫން އެހެން ޖަވާބެއް ނުލިބުނެވެ. ނަންބަރުގެ ވެރިފަރާތް ބަލާލިއިރު އެނަންބަރަކީ ބިދޭސީއެއްގެ ނަމުގައި ނަގާފައިވާ ނަންބަރެކެވެ.

ލިބުނު މާޔޫސްކަމާއެކު ފޯނުބާއްވާން އުޅެނިކޮށް ބިސާރުގެ ލޮލުގައި އަޅައިގަތީ ފޯނަށް އައިސްފައިވާ މެސެޖެވެ.

ހިޔާލެއްގެތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ހުރި ބިސާރަށް ވޮލެޓްމަތިން ހަނދާންވީ އެމެސެޖް ފެނުނުތާ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ޖީންސް ނަގައި ޖީބުތައް ބަލާލެވުނެވެ. ޖީބުން ވޮލެޓްނަގައި ބަލާލުމާއެކު ބިސާރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެލޮލުން ކަރުނަ ފާއްދާލީ ވެސް އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

އިއްޔެ އޭނާ މާލެ އައިއިރު އެކައުންޓަށްލާން ގެނައި އެއްހާސް ޑޮލަރާއި ފަސްހާސް ރުފިޔާގެ ތެރެއިން އެއްވެސް އެއްޗެއް ވޮލެޓްގައިނެތެވެ. އޭނާ މާލެ އައިއިރު އެކައުންޓަށްލާން ގެނައި ޑޮލަރުތަކާއި ފައިސާތައް ހިފައިގެން ސަލްވާ ފިލީކަން ބިސާރަށް ޔަގީންވީ އެހިސާބުންނެވެ.

ރެއާއި ހަމައަށް ޖެހެންދެން ފޯނުން ވާހަކަދެއްކުން ފިޔަވާ އެހެން އެއްވެސްކަމެއް ގުޅުމެއް ހިނގާފައިނުވާ، އަދި ބައްދަލު ވެސް ވެފައިނުވާ ސަލްވާއާބެހޭ އެއްވެސް މަޢުލޫމާތެއް ބިސާރަށް ލިބިފައެއް ނުވެއެވެ.

ސަލްވާގެ ވާހަކަތަކާއި ޢަމަލުތައް ހުންނަގޮތުން ބިސާރު އޭނާއާ ގަޔާވެފައި ހުރިވަރުން އިތުރުމަޢުލޫމާތެއް ހޯދާކަށް ބޭނުމެއް ވެސް ނުވެއެވެ. ސަލްވާގެ ފަރާތުން އޭނާ ހާސިލުކުރާން ބޭނުންވާ ކަންކަން ހާސިލުވާނެކަން ބިސާރަށް ޔަގީންވާތީ އޭނާ އިސްކަންދިނީ އެކަމަށެވެ.

ކަންތައް ވީގޮތާއިމެދު ބިސާރަށް ވިސްނާލެވުނީ މާފަހުންނެވެ. ވަގުތު ފާއިތުވީ ވެސް ފަހުންނެވެ. އެފައިސާތައް ގެންދިޔައީ ސަލްވާކަން ބިސާރަށް ޔަގީންވި ނަމަވެސް އެކަން ސާބިތުކޮށްދެވޭނެގޮތެއް ނެތެވެ. ހަމައެހެންމެ އެކަމާއިގެން އުޅެފިނަމަ އޭނާ އިތުރަށް ބޭޒާރުވެ ފަލީހަތްވެދާނެކަމުގެ ބިރު ވެސް އޭނާއަށް އޮތެވެ.

ނުހަނުފޮނި އުންމީދުތައް ކުރަމުން ހުވަފެންތައް ދެކެމުން އޯވަރނައިޓަށް މާލެއައި ބިސާރަށް ދިމާވި ހިތްދަތިކަމުގެ ވާހަކަތައް ކިޔައި ދިނުމުން އޭނާގެ އެކުވެރި ފާއިދު ވެސް ވަރަށް ދެރަވިއެވެ. ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިނިވެސް އައެވެ. އެހެނަސް އެކަމަށްޓަކައި މިއަދަކު ކުރާނެކަމެއްނެތެވެ. އެގޮތަށް އެކަންދިމާވީ ބިސާރަށް ކަންތައް ކުރެވުނުގޮތުންކަން ބިސާރަށް ވެސް ގަބޫލުކުރެވެއެވެ. ވިސްނާންވީ ވަރަށް ނުވިސްނުމާއި އުޅޭންވީގޮތަށް ނޫޅެވޭނަމަ މިފަދަ އެތައްކަމެއް ހިނގާނެކަން ޔަގީނެވެ. ހަމައެހެންމެ މިފަދަ އެތައް އޯވަރ ނައިޓެއް އަންނާނެކަން ވެސް ޔަގީނެވެ.

=ނިމުނީ=

2
0

2 ކޮމެންޓް - ލިޔުން: ”އޯވަނައިޓް“

Leave a Reply

Your email address will not be published.